15 ޑިސެންބަރު 2025
ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި، ފޮޓޯ: ހެލްތު މިނިސްޓްރީ

ނަފްސާނީ ބަލިތައް އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން މަސައްކަތުގެ އާބާދީއަށް އިތުރުވަމުންދޭ: މިނިސްޓަރު

ނަފްސާނީ ބަލިތައް އިތުރުވުމުގެ ސަބަބުން އެކަމުގެ ކަންބޮޑުވުން މަސައްކަތުގެ އާބާދީއަށް އިތުރުވަމުންދާ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ފާހަގަކުރެއްވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޔުނިވަރސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ޔޫއެޗްސީއަކީ ހަމައެކަނި ސިޔާސަތެއް ނޫން ކަމަށާއި، އެއީ ވަކި މީހަކަށް ބެލުމެއްނެތި އެކަކުވެސް ބާކީ ނުކޮށް ފެންވަރު ރަގަޅު ސިއްހީ ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށެވެ. ރާއްޖެ އުފެދިފައިވާ ގޮތުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، މައިމީހާއާއި ކުޑަކުދިންގެ ސިއްޙަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަން އަދި ގައިންގަޔަށް އަރާ ބައެއް ބަލިތައް ނައްތާލެވިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ފަހަކަށް އައިސް ގައިންގަޔަށް ނާރާ ބަލިތައް (އެންސީޑީ) އިތުރުވެ، އެ ބަލިތަކުގައި މަރުވާ މީހުންގެ އިންސައްތަ 84 އަށް އަރާ ކަމަށާއި، އަދިވެސް މިފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވާން ޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކާބޯތަކެތީގެ ނިޒާމަށާއި ނަފްސާނީ ދުޅަހެޔޮކަމުގެ އިތުރަށް ސިއްޙީ ނިޒާމަށް ނޭދެވޭ އަސަރުކުރާކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން ސަރުކާރުން އިސްކަންދީފައިވަނީ ޔޫއެޗްސީގެ ބިންގާގެ ގޮތުގައި ޕްރައިމަރީ ހެލްތު ކެއާ (ޕީއެޗްސީ) ހަރުދަނާކުރުމަށެވެ. މިގޮތުން، ސިއްހީ ހިދުމަތްތައް ފުޅާކުރުމާއި، އެއާ އެމްބިއުލާންސްގެ ޚިދުމަތް ތައާރަފްކުރުމަށް އިސްކަން ދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޕީއެޗްސީގެ ދަށުން ގައިންގަޔަށް ނާރާ ބަލިތަކަށް ސްކްރީންކުރުން (މިސާލަކަށް ކެންސަރު ސްކްރީނިން) އަދި ގައުމީ ނަފްސާނީ ސިއްހަތުގެ ހެލްޕްލައިނެއް ތަޢާރަފްކޮށް އެހީތެރިކަން ފޯރުކޮށްދެމުންދާކަން ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، ޕްރައިމަރީ ކެއަރގެ ތެރެއިން އުމުރުން ދުވަސްވީ މީހުންނަށް ދޭފަރުވާ ހަރުދަނާކުރުމާއި، އަރބަން ޕްރައިމަރީ ހެލްތް ކެއަރ ސެންޓަރުތައް ތަރައްޤީކުރުން ހިމެނެއެވެ. ފަރުވާ ދިނުމުގެ ކަންކަން ފުޅާކުރުމަށް ޓާޝަރީ ހޮސްޕިޓަލްތައް ތަރައްޤީކުރުމަށް ވެސް މަސައްކަތް ކުރާނެއެވެ.

ޔޫއެޗްސީއަކީ 2030 ގެ ނިޔަލަށް ޙާޞިލުކުރުމަށް ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑި (އެސް.ޑީ.ޖީ) ގެ ތެރޭގައި ހިމެނޭ މުހިންމު ލަނޑުދަނޑިއެކެވެ. މި ފޯރަމްގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ޔޫއެޗްސީ ޙާޞިލު ކުރުމަށް 2026 އިން 2030އަށް މަގު ޗާޓެއް އެކުލަވާލައި، ބައިނަލް އަޤްވާމީ އިދާރާތަކުން ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވަނީ ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު