ބޮޑު ކަންނެލީގެ މަސްވެރިންނާ ގުޅިގެން މަސައްކަތްކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދީ، ނަތީޖާ ނެރެދެއްވާނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބޮޑު ކަންނެލީގެ މަސްވެރިންގެ ކަންބޮޑުވުންތައް އަޑު އެއްސެވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ، މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގައި އެ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ސަރުކާރަށް ލިބޭ ކަމަށެވެ. އަދި މި އެއްބާރުލުން ލިބޭތީ، މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ފަސޭހަވެގެންދާ ކަމަށާއި، މިކަމުގެ އެންމެ ބޮޑު ނަފާއެއް ލިބޭނީ މަސްވެރިންނަށް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ހުރިހާ ބޭފުޅުން އެއްކޮށް މަސައްކަތް ކޮށްގެން ކަންކަން ޙާސިލުވާނީ،" ވަޒީރު ވިދާޅުވިއެވެ.
ބޮޑު ކަންނެލީގެ މަސްވެރިން މިވަގުތު އެދެމުންދަނީ، ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ކޮށްދިނުމަށް ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަޢުދުވެ ވަޑައިގެންނެވި ގޮތަށް އެކަންކަން މިސަރުކާރުން ކޮށްދޭނެ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދިވެހި ސަރުކާރުން މަސްވެރިންނަށް އަޅާލާނެ ކަމަށާއި، މަސްވެރިންގެ މަޞްލަހަތު ހިމާޔަތް ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ޕްރައިވެޓް ކުންފުނިތަކުން މަސް ގަތުމަށްފަހު، ފައިސާ ދިނުން ލަސްވުމާއި، ހެޔޮ އަގުގައި ތެޔޮ ނުލިބުން ހިމެނެއެވެ. މިކަންކަން ހައްލުކުރުމަށް ސަރުކާރުން މަސް ގަތުމަށްޓަކައި މަސް ޕްރޮސެސިން ފެސިލިޓީތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އަދި އަންނަ މާރިޗު މަހުގެ ނިޔަލަށް ކޮންމެ އަތޮޅެއްގެ ރަށެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.



