ރިސޯޓެއްގެ ގޮތުގައި މީގެ 17 އަހަރު ކުރިން ތަރައްގީ ކުރަން ދޫކުރި ހދ. ނާގޯށީގައި ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން އިއުލާނުކޮށްފިއެވެ. އެމްޓީޑީސީން ވަނީ އެ ރަށުގެ ސައިޓުގައި ކުރަން ހުރި އެކި މަސައްކަތްތައް ކުރުމަށް 13 މަގާމަކަށް ޖުމްލަ 20 ދިވެހި މުވައްޒަފުން ހޯދުމަށް ހުޅުވާލާފައެވެ.
އެމްޓީޑީސީން ބުނި ގޮތުގައި، މި މަޝްރޫއުގެ ޓީމް މޮބިލައިޒްކޮށް އަންނަ މަހުގައި މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ގެޑޯ ކޮންސަލްޓިން ޕްރައިވެޓް ލިމިޓެޑް ވަނީ ހަމަޖައްސާފައެވެ. ނާގޯށީގެ ކޮންސްޓްރަކްޝަން މަސައްކަތް ފެށުމަށްޓަކައި އެ ރަށް ސާފު ކުރުމުގެ %95 މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އެމްޓީޑީސީގެ އަމާޒަކީ އަންނަ އަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން، އެ ތަން ތަރައްގީކޮށް ނިންމައި އޮޕަރޭޝަނަށް ގެނައުމެވެ.
މުވައްޒަފުން ހޯދަމުންދާ މަގާމުތައް
އެމްޓީޑީސީން މިހާރު ހޯދަމުންދާ 20 މުވައްޒަފުންގެ ތެރޭގައި ހިމެނޭ މުހިންމު މަގާމުތަކަކީ:
- ޕްރޮޖެކްޓް މެނޭޖަރު – 1 މީހަކު
- ކޮންސްޓްރަކްޝަން މެނޭޖަރު – 1 މީހަކު
- ޕްލޭނިން އިންޖީނިއަރާ – 1 މީހަކު
- ކުއެންޓިޓީ ސާވޭޔާ – 1 މީހަކު
- ސައިޓް އިންޖީނިއާ – 4 މީހުން
- އެޗްއެސްސީ އިންޖީނިއަރާ – 1 މީހަކު
- ޕްރޮކިއުމެންޓް އޮފިސަރު – 1 މީހަކު
- ޕްރޮކިއުމެންޓް އެސިސްޓެންޓް – 1 މީހަކު
- ޑޮކިއުމެންޓް ކޮންޓްރޯލާ – 1 މީހަކު
- ސައިޓް ސުޕަވައިޒަރު – 4 މީހުން
- އެމްއީޕީ ކޯޑިނޭޓަރުން – 1 މީހަކު
- ޑްރާފްޓް ޕާސަން – 2 މީހުން
މި މަގާމުތަކަށް ޝައުގުވެރިވާ މީހުން މި މަހުގެ 27 ވަނަ ދުވަހުގެ މެންދުރު ފަހު 3:00 ގެ ކުރިން އެމްޓީޑީސީއަށް ސީވީ އާއި ސެޓްފިކެޓްތަކުގެ ކޮޕީ އީމެއިލް ކުރުމަށް ވަނީ އަންގާފައެވެ.
މަޝްރޫއުގެ ކުރިއެރުން
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން 2006 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކުރިތާ މިހާރު 17 އަހަރު ވެއްޖެއެވެ. މި މުއްދަތުގެ ތެރޭގައި ރަޝިއާގެ ކުންފުންޏަކާއި ދުބާއީގެ ކުންފުންޏަކާވެސް ރަށް ހަވާލުކުރެވުނު ނަމަވެސް، އެ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. އެންމެ ފަހުން 2021 ވަނަ އަހަރު އެމްޓީޑީސީއަށް އަލުން ރަށް ލިބުމުން ދުބާއީގެ ގަލަދާރީ ހޯލްޑިންގްސްއަށް ދިނުމަށްފަހު، އެއްވެސް މަސައްކަތެއް ނުކުރެވުމުގެ ސަބަބުން އެ އެއްބަސްވުން ވަނީ އުވާލާފައެވެ.
މި މަޝްރޫއު އަލުން ފެށުމަށް މަސައްކަތް ކުރައްވާފައިވަނީ ރައީސް މުއިއްޒު ހދ. އަތޮޅަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން ނާގޯއްޓަށް ވަޑައިގެންނެވުމަށްފަހުގައެވެ. މިހާރު މި މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެމްޓީޑީސީގެ އަމިއްލަ ހިންގުމުގެ ދަށުންނެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިޔާޒު ކުރިން ވިދާޅުވެފައިވާ ގޮތުގައި، ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި 183 ކޮޓަރިއެއްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ޑިސެމްބަރު މަހު ރިސޯޓުގެ އޮޕަރޭޝަންތައް ފެށޭނެއެވެ. ބީޗް ވިލާ، ޖަކޫޒީ ބީޗް ވިލާ އަދި ވޯޓާ ވިލާތައް ހިމެނޭ ގޮތަށް ތަރައްގީ ކުރާ މި ރިސޯޓުން އެކަނި 600 ވަޒީފާގެ ފުރުސަތު އުފެދޭނެ ކަމަށް ނިޔާޒު ވިދާޅުވިއެވެ.



