ރާއްޖޭގައި ކައްކާ ގޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ވަރަށް އަވަހަށް ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދީފިއެވެ. އެސްޓީއޯއިން މިހެން ބުނެފައިވަނީ އެ ކުންފުނީގެ ސަބްސިޑަރީ ކުންފުނި ކަމަށްވާ މޯލްޑިވްސް ގޭހުން ވިއްކާ ގޭސް ލިބުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ އާންމުންގެ މެދުގައި އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ.
ގޭސް ލިބުމުގައި ދަތިތަކެއް ކުރިމަތިވީ ދުނިޔޭގެ ބާޒާރާއި ސަރަހައްދީ ބާޒާރުގައި ގޭސް ސަޕްލައި ކުރުމަށް އައި ލޮޅުންތަކަކާ ގުޅިގެން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ. މި މައްސަލައާ ގުޅިގެން މިހާރު 10 ކިލޯގެ ގޭސް ފުޅީގެ ބަދަލުގައި ޑިސްކައުންޓް ރޭޓެއްގައި ވިއްކަމުންދަނީ 7 ކިލޯގެ ގޭސް ފުޅިއެވެ. ނަމަވެސް، އަންނަ ހަފްތާގެ ތެރޭގައި މި މައްސަލަ ހައްލުވެ، ކުރިއެކޭ އެއްފަދައިން 10 ކިލޯގެ ގޭސް ފުޅި ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯއިން ވަނީ ރާއްޖެއިން ގޭސް ހުސްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފައެވެ. އަދި ކުރިއަށް އޮތް ރަމަޟާން މަހަކީ ގޭހުގެ ޑިމާންޑް ބޮޑުވާ މަހަކަށް ވާތީ، ބާޒާރުގައި މެދުނުކެނޑި ގޭސް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކޮންމެ އަހަރަކުވެސް މި ދުވަސްވަރު ހާއްސަ މަސައްކަތްތަކެއް ކުރާ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ.



