12 ފެބުރުވަރީ 2026
ރައީސުލްޖުމްހޫރިއްޔާ، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް އަށް ޒިޔާރަތްކުރައްވައި، ތަޤްރީރްކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދު: ރައީސް

ހިންދު ކަނޑަކީ، 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދަށް ވެފައިވާ ކަމަށާއި، މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކުރުމުގައި ކުދި ދައުލަތްތަކުން އަދާކުރާ ދައުރު ބޮޑުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ދަޢުވަތަކަށް އެ ޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ޖަރމަން ކައުންސިލް އޮން ފޮރިން ރިލޭޝަންސް (ޑީ.ޖީ.އޭ.ޕީ) އަށް ޒިޔާރަތްކުރައްވައި ދެއްވި ތަޤުރީރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑީ.ޖީ.އޭ.ޕީ އަށް ކުރެއްވި މި ޒިޔާރަތުގައި އެ ކައުންސިލްގެ އިސްވެރިން އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ. މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑުތައް ބެލެހެއްޓުމާ ބެހޭގޮތުން ދިވެހިރާއްޖެއިން ގެންގުޅޭ ވިސްނުން ބަޔާންކޮށްދެއްވައި، ޚާރިޖީ ސިޔާސަތުގައި ކަނޑުތައް އަދާކުރާ މުހިންމު ދައުރާ ބެހޭގޮތުން ތަޤުރީރެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރުގައި، މޫސުމީ ތަންޒީމާއި ހަޔަވީ ސިންދަފާތާއި ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ޤާއިމުކުރުމުގައި ކަނޑުތަކުން އަދާކުރާ ދައުރު ކިތަންމެ މުހިންމުކަމުގައިވީނަމަވެސް، އިސްތިރާޖީ އަދި ޚާރިޖީ ފިކުރުގައި އެކަށީގެންވާ މިންވަރަކަށް ކަނޑުތައް ތަމްސީލުކުރެވިފައިނުވާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ތާރީޚީ، އިޤްތިޞާދީ އަދި ދިފާޢީ ގޮތުން ކަނޑާ ލާމެހިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރާނެ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

ހިންދު ކަނޑަކީ 21 ވަނަ ޤަރުނުގެ އެންމެ މުހިންމު އެއް ސަރަހައްދުކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެ އޮތީ ދުނިޔޭގެ ވިޔަފާރީގެ މައި މަގުތައް ބައްދަލުވާ އިސްތިރާޖީ ސަރަހައްދެއްގައި ކަމަށެވެ. މީގެ އިތުރުން، ދުނިޔޭގެ މަޢުލޫމާތު ދައުރުކުރާ ކަނޑުގެ އަޑީގެ ޑިޖިޓަލް ބިނާރު ބެލެހެއްޓުމުގައި ބައިނަލްއަޤުވާމީ އެއްބާރުލުން ބޭނުންވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"މޫސުމީ ހަރަކާތްތެރިކަމުގައި ވަރުގަދަ އަޒުމު ދައްކައި، ކަނޑުތަކުގެ ރައްކާތެރިކަން އިތުރުކޮށް، ޝާމިލު ގޮތެއްގައި ގިނަ ޤައުމަތުން އެކުގައި މަސައްކަތްކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތައް ބައްޓަންކުރާ ފަރާތްތަކުގެ ގޮތުގައި ކުދި ދައުލަތްތައް ފެންނަމުންދާ މިންވަރު އިތުރުވަމުންދޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރު ނިންމަވާލެއްވީ، ކަނޑުތަކުގެ މައްޗަށް ބިނާކުރެވޭ ޚާރިޖީ ސިޔާސަތަކީ ރާއްޖެއަށް ވުޖޫދީ ކަމެއް ކަމަށާއި، ބައިނަލްއަޤުވާމީ މުޖުތަމަޢަށް މިއީ އަސާސީ ކަމެއް ކަމުގައި ވިދާޅުވަމުންނެވެ. އަދި މި ދާއިރާއިން ޖަރުމަނުވިލާތާއި އެހެނިހެން ބައިވެރިންނާއެކު މަސައްކަތްކުރަން ރާއްޖެ އޮތީ ތައްޔާރަށްކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު