12 ފެބުރުވަރީ 2026

އެމެރިކާއިން އީރާނަށް ހަމަލާއެއް ދީފިނަމަ ޗައިނާއިން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނީ ކިހާ މިންވަރަކަށް؟

އެމެރިކާއާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައި، އީރާނާއި އެމެރިކާއާ ދެމެދު އަސްކަރީ ކުރިމަތިލުމެއް ހިނގައިފިނަމަ ޗައިނާއިން އަމަލުކުރާނެ ގޮތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން 2025 ވަނަ އަހަރު ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ގުޅުން ވަނީ އަލުން ކަށަވަރުކޮށްދެއްވާފައެވެ.

އީރާނުގެ ދާޚިލީ މަސްރަހު ނުތަނަވަސްވެ، އިގްތިސާދީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި ޗައިނާ ވެފައިވަނީ އީރާނުގެ މުހިންމު ބައިވެރިއަކަށެވެ. ޖެނުއަރީ މަހުގެ ކުރީކޮޅު އީރާނުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން މުވާސަލާތީ ޚިދުމަތްތައް މެދުކަނޑާލުމުގައި ޗައިނާއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް އިތުރު ސިފައިން ފޮނުއްވައި، އީރާނުގެ ނިއުކްލިއާ އަދި މިސައިލް ޕްރޮގްރާމް ހުއްޓާލުމަށް އިންޒާރު ދެއްވުމާ ގުޅިގެން މަސްރަހު ވަނީ އިތުރަށް ގޯސްވެފައެވެ. ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ ވަނީ އެމެރިކާގެ މި އަމަލުތަކަކީ "ޖަންގަލީގެ ގާނޫނަށް" އެނބުރި ދިއުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވައި ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ ޗައިނާއިން މަސައްކަތް ކުރާނީ އީރާނުގެ ސަރުކާރާއި ރައްޔިތުން އެކަތިގަނޑަކަށްވުމަށް "ބިނާކުރުވަނިވި ދައުރެއް" އަދާކުރުމަށް ކަމަށެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އަންނަ ފެބްރުއަރީ މަހުގެ މެދުތެރޭގައި އިންޑިއާ ކަނޑުގެ އުތުރު ސަރަހައްދުގައި ޗައިނާ، ރަޝިޔާ އަދި އީރާނު ގުޅިގެން ކަނޑުގެ އަސްކަރީ ތަމްރީނުތަކެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މިއީ އެމެރިކާއަށް ދެވޭ ވަރުގަދަ މެސެޖެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ޗައިނާއިން އީރާނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކަށަވަރުނުވާ ޚަބަރުތަކެއް ފެތުރެމުންދާއިރު، ހަގީގީ ހަނގުރާމައެއް ފެށިއްޖެނަމަ ޗައިނާއިން އަމަލީ ގޮތުން ބައިވެރިވާނެ މިންވަރަކާ މެދު އަދިވެސް ވަނީ ސުވާލު އުފެދިފައެވެ. ޗައިނާ އިން އަބަދުވެސް މަސައްކަތް ކުރަނީ އެމެރިކާއާ ސީދާ އަސްކަރީ ކުރިމަތިލުމަކަށް ނުގޮސް، އީރާނަށް ސިޔާސީ އަދި އިގްތިސާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު