12 ފެބުރުވަރީ 2026
ފޮޓޯ: ރޯޔާ ނިއުސް

ގްރީންލޭންޑް ނުވިއްކުމުން ވިލާތުގެ އަށް ގައުމަކުން އިމްޕޯޓްކުރާ މުދަލުން ބޮޑު ޓެކްސްއެއް ނަގަން ޓްރަމްޕް ނިންމަވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ވިލާތުގެ އަށް ގައުމަކުން އެމެރިކާއަށް އެތެރެކުރާ މުދަލުން ބޮޑު ޓެކްސްއެއް ނުވަތަ ޓެރިފް ނެގުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފިއެވެ. މި ނިންމެވުމަކީ ޑެންމާކުގެ މިލްކުވެރިކަމުގެ ދަށުގައި އޮންނަ ގްރީންލޭންޑް އެމެރިކާއަށް ވިއްކާލުމަށް ޑެންމާކުން އިންކާރު ކުރުމާ ގުޅިގެން އެޅުއްވި ފިޔަވަޅެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

މި ނިންމެވުމުގެ ދަށުން، 1 ފެބްރުއަރީ 2026 އިން ފެށިގެން ޑެންމާކް، ނޯވޭ، ސްވިޑަން، ފްރާންސް، ޖަރުމަނު، އިނގިރޭސިވިލާތް، ނެދަލޭންޑްސް އަދި ފިންލޭންޑުން އެމެރިކާއަށް އެތެރެކުރާ ހުރިހާ މުދަލަކުން 10 އިންސައްތައިގެ ޓެރިފެއް ނަގަން ފަށާނެއެވެ. އަދި 1 ޖޫން އިން ފެށިގެން މި އަދަދު 25 އިންސައްތައަށް ބޮޑުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވި ގޮތުގައި މި ޓެރިފްތައް ދެމިއޮންނާނީ "ގްރީންލޭންޑް އެއްކޮށް އަދި ފުރިހަމައަށް ގަތުމުގެ އެއްބަސްވުމަކަށް އާދެވެންދެން" ކަމަށެވެ. މި ފިޔަވަޅަކީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް ކަމަށްވެސް އޭނާ ވަނީ ސިފަކުރައްވާފައެވެ.

މި ނިންމެވުމަށް ބާރުދެއްވަމުން ޓްރަމްޕް ވަނީ ޗައިނާ އާއި ރަޝިޔާގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކަށް އިޝާރާތް ކުރައްވާފައެވެ. ގްރީންލޭންޑަކީ ސްޓްރެޓީޖިކް ގޮތުން މުހިންމު ސަރަހައްދަކަށް ވާއިރު، އެ ސަރަހައްދު އެމެރިކާގެ ބާރުގެ ދަށަށް ގެނައުމަކީ ގައުމީ ސަލާމަތަށް މުހިންމު ކަމެއްގެ ގޮތުގައި ޓްރަމްޕް ދެކެވަޑައިގަންނަވައެވެ.

މި މައްސަލައިގައި ވިލާތުގެ ގައުމުތަކުންނާއި ޑެންމާކުން އަދި ވަކި އެއްޗެއް ބުނެފައި ނުވި ނަމަވެސް، މިއީ ބައިނަލްއަގުވާމީ ވިޔަފާރިއަށާއި ޚާރިޖީ ގުޅުންތަކަށް ބޮޑެތި ލޮޅުންތަކެއް އަރާނެ ނިންމުމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު