ސަރަހައްދީ ގޮތުން އުފެދިފައިވާ އެއްވެސް ހަމަނުޖެހުމެއްގައި ނުވަތަ އީރާނާ ދެކޮޅަށް ހިންގާ އެއްވެސް އަސްކަރީ ހަރަކާތެއްގައި އުރުދުންގެ ބިން ބޭނުންކުރުމުގެ ފުރުސަތު ނުދޭނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފިއެވެ. އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން ސަފާދީ މިކަން ހާމަކުރެއްވީ އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ސަފާދީ ވިދާޅުވި ގޮތުގައި އުރުދުންއަކީ ސަރަހައްދީ ހަނގުރާމައިގެ މައިދާނަކަށް ނުވަތަ އީރާނާ ދެކޮޅަށް ހަމަލާދޭ މަރުކަޒަކަށް ވުމަށް އެ ގައުމުން އެއްބަހެއް ނުވާނެއެވެ. އަދި އެއްވެސް ފަރާތަކުން އުރުދުންގެ ވައިގެ ސަރަހައްދަށް ވަދެ، އެ ގައުމުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާ ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ވައިގެ ސަރަހައްދަށް ވަނުމަށް ކުރާ ކޮންމެ މަސައްކަތަކާ އަޅުގަނޑުމެންގެ ހުރިހާ ގާބިލުކަމެއް ބޭނުންކޮށްގެން ކުރިމަތިލާނަން،" ސަފާދީ ވިދާޅުވިއެވެ. މިއީ ގައުމުގެ އިސްތިގުލާލު ހިމާޔަތްކުރުމަށް އުރުދުންއިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ހާމަކޮށްދޭ ބަހެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި އުރުދުންގެ ޚާރިޖީ ވަޒީރު ވަނީ މެދުއިރުމަތީގައި ނުތަނަވަސްކަން އިތުރުވަމުންދާ މި ދަނޑިވަޅުގައި، ސަރަހައްދީ މައްސަލަތަކުގައި ވަކި ފަރާތަކަށް ނުޖެހި އޮތުމަށާއި، ގައުމުގެ އެތެރޭގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށް އުރުދުންއިން އިސްކަންދޭކަން ހާމަކުރައްވާފައެވެ.
އުރުދުންގެ މި ނިންމުމަކީ ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށާއި، ބޮޑު ހަނގުރާމައެއްގެ ތެރެއަށް ގައުމު ވަދެގެން ދިޔަ ނުދިނުމަށް އެޅި މުހިންމު ފިޔަވަޅެއްގެ ގޮތުގައި މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރެއެވެ.



