ޖަރުމަނުވިލާތުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި އިންވެސްޓްމަންޓްތައް ފުޅާކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއާއި ޖަރުމަނުގެ މަޝްހޫރު ޓުއަރ އޮޕަރޭޓަރެއް ކަމަށްވާ ޑާޓުއަރއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ބޭއްވި ބިޒްނަސް ރައުންޑްޓޭބަލް ބައްދަލުވުމުގައެވެ.
މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ޖަރުމަނުވިލާތުން ރާއްޖެއަށް އަހަރަކު މަދުވެގެން 100,000 ފަތުރުވެރިން ގެނައުމާއި، ކުރިއަށް އޮތް އަހަރު އެ އަދަދު 200,000 އަށްވުރެ މައްޗަށް ޖެއްސުމެވެ. މިއީ ވިލާތުގެ ބާޒާރުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރުކޮށް، ޖަރުމަނަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިންމު ބާޒާރެއްގެ ގޮތުގައި ދެމެހެއްޓުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ފަރާތް ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތްތަކާއި، ޕްރޮމޯޝަނަލް ކެމްޕޭންތަކުގެ އިތުރުން ޓްރޭޑް އެންގޭޖްމަންޓް ޕްރޮގްރާމްތައް ހިންގުމަށް ވަނީ ރާވާފައެވެ. އަދި ޑާޓުއަރގެ ފަރާތުން ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންވާ ފަންނީ ލަފަޔާއި، މާކެޓް އެކްސްޕަޓީޒް އަދި ފަތުރުވެރިކަމާ ގުޅޭ މުހިންމު ތަފާސްހިސާބުތައް ވިޒިޓް މޯލްޑިވްސްއާ ހިއްސާކުރާނެއެވެ.
ޑާޓުއަރއަކީ ރާއްޖޭގައި ރިސޯޓް އިންވެސްޓްމަންޓްތައްވެސް ގެންގުޅޭ، އަދި ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ގިނަ ޚިދުމަތްތަކެއް ދޭ ރީވީ ގްރޫޕުގެ ބައެކެވެ. މި ފަހުމުނާމާގެ ސަބަބުން ޖަރުމަނުގެ ޓްރެވަލް ޓްރޭޑް ދާއިރާއާ އޮންނަ ގުޅުން ބަދަހިވެ، ދިގު މުއްދަތަކަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.



