12 ފެބުރުވަރީ 2026
އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން، ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

އެސްއެމްއީ ޑިޖިޓަލްގެ ފައިނޭންސިންގ ލިމިޓް އިތުރުކޮށް ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިންގ ތައާރަފްކޮށްފި

އެސްއެމްއީ ޑިޖިޓަލްއިން ރާއްޖޭގެ ރަށު ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށާއި، އަލަށް މި ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް، އިސްލާމީ ޝަރިއާގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން 'ގެސްޓްހައުސް ފައިނޭންސިންގ އަދި 'ގެސްޓްރޫމް ފައިނޭންސިންގ' ގެ ނަމުގައި ދެ ޕްރޮޑަކްޓެއް މިއަދު ތައާރަފުކޮށްފިއެވެ.

އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވި ގޮތުގައި، މި ފައިނޭންސިންގެ މަގުސަދަކީ ރަށު ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް އަދި ފުޅާކުރުމަށްޓަކައި، އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހުރި މާލީ ހުރަސްތައް ނައްތާލައި ލުއި ގޮތަކަށް މާލީ ހައްލެއް ހޯދައިދިނުމެވެ. މިއީ ފަތުރުވެރިކަމާއި ގުޅުންހުރި ވިޔަފާރިތައް އަލަށް ފެށުމަށާއި، ތަރައްގީކުރުމަށާއި އަދި ޒަމާނީ ކުރުމަށް ފަރުމާކޮށްފައިވާ ފެސިލިޓީތަކެކެވެ.

ގެސްޓް ހައުސް ފައިނޭންސިންގ

ގެސްޓްހައުސް ފައިނޭންސިންގ އަކީ މަދުވެގެން 6 ކޮޓަރީގެ ގެސްޓްހައުސް އަލަށް އިމާރާތްކުރުމަށާއި، މިހާރުވެސް ހިނގަމުންދާ ގެސްޓްހައުސް ތަރައްގީކުރުމަށާއި، ކޮޓަރި އިތުރުކުރުމަށާއި، އިތުރު ސަޕޯޓް ސާވިސްތައް ގާއިމުކުރުމަށް އަދި ޒަމާނީ ޓެކްނޮލޮޖީ ތައާރަފްކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފެސިލިޓީއެކެވެ.

މި ފެސިލިޓީގެ ދަށުން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ފުރަތަމަ ފަހަރަށް ކަސްޓަމަރުންނަށް މިހާތަނަށް ދޫކުރަމުން ގެންދިޔަ ފައިނޭންސިންގ ލިމިޓް 10،000،000 ރުފިޔާއަށް އިތުރުކޮށް ފައިނޭންސިންގ ފޯރުކޮށްދިނުމަށްވަނީ ހަމަޖެހިފައިއެވެ. މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަމަޖައްސަންޖެހޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 18 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއްވެސް ހިމެނެއެވެ.

ގެސްޓް ރޫމް ފައިނޭންސިންގ

ގެސްޓް ރޫމް ފައިނޭންސިންގ އަކީ ގިނަވެގެން 5 ކޮޓަރިއަށް ވުރެ އިތުރުނުވާ ގޮތަށް، ޓުއަރިސްޓުންނަށް އަމާޒުކޮށްގެން ހިންގާ ހޯމްސްޓޭ ވިޔަފާރިތަކަށާއި، ދިވެހިންނަށް އަމާޒުކޮށްގެން މިހާރުވެސް ހިންގާ ލޯކަލް ގެސްޓްހައުސް ހިދުމަތް ދޭ ފަރާތްތަކުން އެ ވިޔަފާރިތައް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރާ ފެސިލިޓީއެކެވެ. މި ފެސިލިޓީގެ ދަށުން ވިޔަފާރިތަކަށް އަދި އަމިއްލަ ފަރުދުންނަށް 1،500،000  ރުފިޔާއާ ހަމައަށް ފައިނޭންސިންގ ދޫކުރެވޭނެއެވެ.

މި ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޖުމްލަ ހަރަދުގެ ތެރެއިން މަދުވެގެން %20 އަމިއްލަ އަތުން ހަރަދުކުރަންޖެހޭނެއެވެ. ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މީގެ ތެރޭގައި 12 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމެނެއެވެ.

މި ފެސިލިޓީ ދޫކުރުމުގައި ރިއާޔަތްކުރާނީ، އެދިފައިވާ ފަރާތަށް ލިބޭ މުސާރަ، ކުލި ނުވަތަ ވިޔަފާރީގެ އާމްދަނީއަށް ބަލައި، ފައިސާ އަނބުރާ ދެއްކުމުގެ މާލީ ތަނަވަސްކަން ހުރި މިންވަރެއްގެ މައްޗަށް ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ވިދާޅުވެއެވެ.

"ގެސްޓްހައުސް އަދި ގެސްޓްރޫމް ފައިނޭންސިންގ މެދުވެރިކޮށް، އަޅުގަނޑުމެން މި މަގުފަހިކޮށްދެނީ އަތޮޅުތެރޭގައި ރަށު ފަތުރުވެރިކަން ތަރައްގީކޮށް އަތޮޅުތެރޭގެ އިގްތިސާދު ކުރިއެރުވުމަށް. މި ފައިނޭންސިންގެ ސަބަބުން ރާއްޖޭގެ ކުރިއަރަމުން އަންނަ ރަށު ފަތުރުވެރިކަމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްގީ ކުރުމަށާއި މިދާއިރާގައި ގިނަ ބަޔަކަށް ބައިވެރިވުމަށް މަގުފަހިވެގެންދާނެ. އަދި، ފަތުރުވެރިކަން ރަށްރަށުގައި ތަރައްގީކުރުމަށް ކައުންސިލްތަކުން ދޫކުރާ ބިންތަކުގައި ގެސްޓްހައުސް އިމާރާތްކޮށް ވިޔަފާރި ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން މި ފައިނޭންސިންގ މެދުވެރިކޮށް އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ. މިކަމުގެ ސަބަބުން ރަށުގެ އާމްދަނީ އިތުރުވެ ރަށްތަކުގެ އިގްތިސާދީ ހާލަތުގެ ރަނގަޅުވެގެންދާނެ." އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވެފައިވެއެވެ.

ގެސްޓްހައުސް ފައިނޭންސިންގ އަދި ގެސްޓް ރޫމް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓް www.smedigital.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު