12 ފެބުރުވަރީ 2026

ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގެންފި

އެމެރިކާގެ މަޝްހޫރު ޓައިމް މެގަޒިންއިން ހޮވި ސިއްހީ ދާއިރާގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހިމެނިވަޑައިގެންފިއެވެ. މި ލިސްޓުގައި އެމަނިކުފާނު ހިމެނިވަޑައިގަތީ ރާއްޖޭގެ އާންމު ސިއްހަތު ކުރިއެރުވުމަށް ކުރައްވަމުންދާ މުހިންމު މަސައްކަތްޕުޅުތަކާއި، ހާއްސަކޮށް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ޓައިމް މެގަޒިންއިން ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖެއަކީ ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށް "ޖެނަރޭޝަން ބޭން" އެއް ތައާރަފްކުރި ފުރަތަމަ ގައުމެވެ. މި ސިޔާސަތުގެ ދަށުން 2007 ވަނަ އަހަރުގެ ޖެނުއަރީގެ ފަހުން އުފަންވި މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުމާއި ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މީގެ އިތުރުން، ރާއްޖެއަށް ވޭޕާއި އީ-ސިނގިރޭޓް އެތެރެކުރުމާއި ވިއްކުން މަނާކުރުމަށް ނިންމި ނިންމުމަކީވެސް ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެއްވާ އިސްކަން ހާމަވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ޞިއްޙީ ދާއިރާގެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ރައީސް ޑރ. މުއިއްޒު ހިމެނިވަޑައިގަތުން، ފޮޓޯ: ޓައިމް

ސަރުކާރުން ސިއްހީ ދާއިރާއަށް ގެންނަވަމުންދާ ބަދަލުތަކުގެ ތެރޭގައި، ކޮންމެ ރަށެއްގައި ދުންފަތް ހުއްޓާލުމަށް އެހީތެރިވާ ކްލިނިކްތައް ގާއިމްކުރުމާއި، 24 ގަޑިއިރު ހިދުމަތްދޭ ނަފްސާނީ އެހީގެ ހެލްޕްލައިނެއް އުފެއްދުން ހިމެނެއެވެ. އަދި މާބަނޑު އަންހެނުންގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން އެއްފަހަރާ ނައްތާލި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާކަންވެސް މެގަޒިންގައި ފާހަގަކޮށްފައިވެއެވެ.

ދުންފަތާ ދެކޮޅަށް ރައީސް މުޢިއްޒު ކުރައްވާ މި މަސައްކަތްޕުޅުތަކަށް ބައިނަލްއަގުވާމީ ދުނިޔޭގެ ތައުރީފު ލިބިފައިވާއިރު، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (WHO) އިން ވަނީ އެމަނިކުފާނަށް ހާއްސަ އެވޯޑެއްވެސް އަރުވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު