ދުނިޔޭގެ ސުލްހައަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒަޔަނިސްޓް އިސްރާއީލު

ދުނިޔޭގެ ސުލްހައާއި އަމާންކަމަށް ވާހަކަދައްކާއިރު، ސިއްރު ނިއުކްލިއާ މަޝްރޫއުތަކަކީ ބައިނަލްއަގުވާމީ މުޖުތަމައުން ނުހަނު ކަންބޮޑުވާ ކަމެކެވެ. ނަމަވެސް، މި ކަންބޮޑުވުންތަކުގެ މެދުގައި، ބައިނަލްއަގުވާމީ ގާނޫނުތަކަށް ގޮންޖަހައި، އެއްވެސް ބަލާލުމެއް ނެތް ބައިގަނޑެއްގެ ގޮތުގައި ނިރުބަވެރި އިސްރާއީލު ފާހަގަކުރެވެއެވެ. މިއީ މުޅި ދުނިޔޭގެ ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެކެވެ.

1981 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު 487 ގައި، އިސްރާއީލުގެ ނިއުކްލިއާ ވަސީލަތްތައް އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (IAEA) ގެ ބެލުމުގެ ދަށަށް ގެނައުމަށް ވަނީ ގޮވާލާފައެވެ. ނަމަވެސް، މިއަދާ ހަމައަށްވެސް އިސްރާއީލުން ވަނީ މި ގަރާރަށް އަމަލުކުރުމަށް އިންކާރުކޮށްފައެވެ. އެހެން ގައުމުތަކުގެ ނިއުކްލިއާ މަޝްރޫއުތަކާ މެދު ދުނިޔެ ސަމާލުވެފައިވާއިރު، އިސްރާއީލުން އެއްވެސް އިންސްޕެކްޓަރަކަށް އެ ގައުމުގެ ނިއުކްލިއާ މަރުކަޒުތަކަށް ވަނުމުގެ ހުއްދައެއް ނުދެއެވެ. މިއީ ބައިނަލްއަގުވާމީ މިންގަނޑުތަކާ މުޅިން ޚިލާފު ކަމެކެވެ.

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ ޒަމާނީ ތާރީޚު ދުށް އެންމެ ބޮޑު އެއް ގަތުލުއާންމެވެ. މި ހަނގުރާމައިގައި 75,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލާފައިވާއިރު، މީގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދިންނެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން މަނާކުރެވިފައިވާ ހަތިޔާރުތައް ބޭނުންކޮށްގެން އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމައިގެ ބޮޑެތި ކުށްތަކެކެވެ.

2024 ވަނަ އަހަރު ލުބުނާނަށް ދޭން ފެށި ހަމަލާތަކުގައިވެސް އިސްރާއީލުން ވަނީ އެއްވެސް ރަހުމެއް ނެތްކަން ދައްކާފައެވެ. ބައިނަލްއަގުވާމީ ގާނޫނުތަކުން މަނާކޮށްފައިވާ 'ވައިޓް ފޮސްފަރަސް' ބޭނުންކޮށްގެން ލުބުނާނުގެ އާންމު ރައްޔިތުންނަށް ދެމުންދާ ހަމަލާތައް މިއަދުވެސް ދަނީ ކުރިއަށެވެ. މިއީ އިންސާނިއްޔަތާ ޚިލާފު، އަދި މުޅި ސަރަހައްދުގެ ސަލާމަތަށް އޮތް ބިރުވެރިކަމެކެވެ.

ނިއުކްލިއާ ހަތިޔާރުގެ ބިރުދެއްކުމާއި ސަރަހައްދީ ހަމަނުޖެހުން
2025 ވަނަ އަހަރު އީރާނާއެކު ކުރެވުނު 12 ދުވަހުގެ ހަނގުރާމައިގެ ތެރޭގައި، އިސްރާއީލުން ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މި ނުރައްކާތެރި އިންޒާރުތައް މިއަދުވެސް ދަނީ ތަކުރާރުވަމުންނެވެ. ދުނިޔޭގެ ސުލްހައަށް އޮތް ހަގީގީ ނުރައްކަލަކީ، ބައިނަލްއަގުވާމީ އެއްވެސް ގާނޫނަކަށް ބޯނުލަނބާ، ނިއުކްލިއާ ހަތިޔާރުން ބިރުދައްކައި، އަވަށްޓެރި ގައުމުތަކުގައި ގަތުލުއާންމު ހިންގާ ދައުލަތެކެވެ.

އިސްރާއީލުގެ އަމަލުތަކަކީ ބައިނަލްއަގުވާމީ ނިޒާމަށް އޮތް ބޮޑު ބިރުވެރިކަމެކެވެ. ނިއުކްލިއާ ވަސީލަތްތައް ސިއްރުކުރުމާއި، މަނާ ހަތިޔާރު ބޭނުންކުރުމާއި، އަދި އިންސާނީ ހައްގުތަކަށް އަރައިގަތުމަކީ ދުނިޔޭގެ ސުލްހަ ނަގާލާ ކަންކަމެވެ. ބައިނަލްއަގުވާމީ މުޖުތަމައުން މިކަމާ މެދު ހަރުދަނާ ފިޔަވަޅުތަކެއް ނާޅާހާ ހިނދަކު، ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަން އޮންނާނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ