ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުން ހޯދުމާއި އޭގެ ސަބަބުން ކުރާނެ އެމެރިކާއަށް އަސަރުތައް

އީރާނުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ހޯދުމާ ގުޅިގެން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަސަރު މިހާރު ވަނީ އީރާނަށްވުރެ ބޮޑަށް ހުޅަނގުގެ ގައުމުތަކަށް ކުރަން ފަށާފައެވެ. އީރާނުން މިދިޔަ ދިހަވަރަކަށް އަހަރު ތެރޭގައި އުފައްދާފައިވާ "ޝެޑޯ ފްލީޓް" ނުވަތަ ސިއްރު މުދާ އުފުލާ ބޯޓުފަހަރުތަކަކީ ހުޅަނގުގެ މާލީ ނިޒާމާއި އިންޝުއަރެންސަށް ބަރޯސާނުވާ ބޯޓުފަހަރުތަކަކަށް ވުމުން، މި ކަނޑުއޮޅިން ދަތުރުކުރުމުގައި އެ ބޯޓުތަކަށް އެއްވެސް ހުރަހެއް ނެތެވެ.

މި ހަނގުރާމައިގެ ތެރޭގައި އީރާނުން ވަނީ ގަލްފް ސަރަހައްދުން ދަތުރުކުރި މަދުވެގެން 17 އުޅަނދަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ހަމަލާދީފައެވެ. މީގެ ސަބަބުން ހުޅަނގުގެ ކުންފުނިތަކުން އޮޕަރޭޓްކުރާ ބޯޓުފަހަރުތަކުގެ އިންޝުއަރެންސް އަގުތައް އިންތިހާއަށް އުފުލި، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުގެ އަދަދު ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ. ނަމަވެސް، އީރާނުގެ ސިއްރު ބޯޓުފަހަރުތަކުން ދަނީ އެއްވެސް ބިރެއް ނެތި ތެޔޮ އެކްސްޕޯޓް ކުރަމުންނެވެ.

އިގްތިސާދީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، އީރާނަށް ވަނީ ހުޅަނގުގެ ނިޒާމުތަކާ ނުލައި ދިރިއުޅެން ދަސްވެފައެވެ. މިގޮތުން އީރާނުން އެކްސްޕޯޓްކުރާ ތެލުގެ ބޮޑުބައެއް ޗައިނާއަށް ވިއްކަނީ ޑޮލަރުގެ ބަދަލުގައި އެހެން ވަސީލަތްތައް ބޭނުންކޮށްގެންނެވެ. މީގެ ތެރޭގައި ތެލުގެ ބަދަލުގައި އިންފްރާސްޓްރަކްޗާ ބިނާކުރުމާއި ހަތިޔާރު ހޯދުން ފަދަ ކަންކަން ހިމެނެއެވެ.

މި ހާލަތުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއާއި މާލީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ފުރުސަތު އެބައޮތެވެ. އެމެރިކާއަށް ހޮރްމުޒް ކަނޑުއޮޅީގެ ރައްކާތެރިކަން ކަށަވަރުކޮށްނުދެވޭނަމަ، ބައިނަލްއަގުވާމީ ކަނޑުގެ ދަތުރުފަތުރުގެ މަގުތައް ބެލެހެއްޓުމަށް އާ އިއްތިހާދުތަކެއް އުފެދިގެންދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ. އަދި އެމެރިކާ ޑޮލަރާއި ހުޅަނގުގެ މާލީ މުއައްސަސާތަކުގެ ބާރު ކުޑަވެ، އާ ވިޔަފާރީގެ ނިޒާމުތަކެއް އުފެދެމުންދާކަން މި ހާދިސާތަކުން ހާމަވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ