Screenshot

ޒަކާތު ފަންޑުގެ އެހީގައި ބޯންމެރޯ ހެދުމަށް 6 ކުއްޖަކު އިންޑިއާއަށް ފުރަނީ

ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް މާލީގޮތުން ޤާބިލުކަން ނެތް ތެލެސީމިއާ 6 ކުއްޖަކު، ޒަކާތު ފަންޑުގެ މާލީ އެހީތެރިކަމާއެކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިންޑިއާއަށް ފުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މި އަހަރުގެ ތެރޭގައި ރާއްޖޭން ބޭރުން މި ފަރުވާ ހޯދުމަށް ފުރާ ތެލަސީމިއާ ކުދިންގެ ފުރަތަމަ ގްރޫޕެވެ.

މި ކުދިން ފުރުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރު ގީލާ ޢަލީއާއި، މޯލްޑިވްސް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްތިޠާއު ޢައްބާހާއި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ސީއީއޯ އިބްރާހީމް ޢަބަދުއްރައްޒާޤު ޙަލީމްގެ އިތުރުން ތެލަސީމިއާ ސެންޓަރުގެ އިސްވެރިންނާއި ކުދިންގެ އާއިލާތަކުން ބައިވެރިވިއެވެ.

މޯލްޑިވްސް ޒަކާތު ހައުސްއިން ހާމަކުރި ގޮތުގައި، ޝަރުތު ހަމަވާ ތެލެސީމިއާ ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓުގެ ޚަރަދު ހަމަޖެއްސުމަށް ޒަކާތު ފަންޑުން 2.5 މިލިއަން ރުފިޔާ މިދިޔަ މަހު ވަނީ އެންއެސްޕީއޭއަށް ޖަމާކޮށްފައެވެ. މިއީ 2024 ފެބްރުއަރީ 21 ގައި އިސްލާމިކް މިނިސްޓްރީއާއި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރި ފަހުމުނާމާގެ ދަށުން ދެވުނު އެހީއެކެވެ. މީގެ އިތުރުން، އިދާރީ ކަންކަން ނިމުމުން މި ބުރުގައި ހިމެނޭ އިތުރު 4 ކުއްޖަކު ވެސް އާސަންދައިގެ ދަށުން އެމްޕަނެލްވެފައިވާ އިންޑިއާގެ ހޮސްޕިޓަލުތަކަށް ފޮނުވުމުގެ އެންމެ ފަހުގެ އިންތިޒާމުތައް ދަނީ ކުރަމުންނެވެ.

ވާރުތަވާ ލޭގެ ބައްޔެއް ކަމަށްވާ ތެލެސީމިއާއަށް މިވަގުތު އޮތް ހަމައެކަނި ދާއިމީ ފަރުވާއަކީ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމެވެ. ބަލި މީހާގެ ހަށިގަނޑަށް ދުޅަހެޔޮ ސްޓެމް ސެލްސް ލައްވައިގެން ދޭ މި ފަރުވާ ކާމިޔާބުވުމުން ޤަވާއިދުން ލޭ އެޅުން ހުއްޓާލެވި، ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެންދެއެވެ.

2024 ވަނަ އަހަރުން ފެށިގެން، ރާއްޖޭން ބޭރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހަދަން ޝަރުތު ހަމަވާ ކުދިންނަށް އެހީވުމަށް ޒަކާތު ފަންޑުން ސީދާ ގޮތުން 23 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާތަނަށް ވަނީ ޚަރަދު ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ