މާ ބޮޑަށް ކަންކަމާ ވިސްނާ ހާސްވާނަމަ ހަށިގަނޑަށް އަންނަ ބަދަލުތައް

ސްޓްރެސްއަކީ ގިނަ ފަހަރަށް ހަމައެކަނި ނަފްސާނީ މައްސަލައެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، ސައިންސްވެރިން ބުނާ ގޮތުގައި އޭގެ އަސަރުތައް ސިކުނޑިއަށްވުރެ މާ ދުރަށް ފޯރައެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ގިނަ ދުވަސްތަކަކަށް ދެމިގެންދާ ސްޓްރެސްގެ ސަބަބުން ހަށިގަނޑުގެ ގާތްގަނޑަކަށް ހުރިހާ ނިޒާމަކަށް ބުރޫއަރައި، ބަލިވުމުގެ ފުރުސަތު އިތުރުވެ، ދިފާއީ ނިޒާމާއި، ހަޖަމުކުރުމާއި، ހިތުގެ ދުޅަހެޔޮކަމާއި ނިދުމާ ހަމައަށް ހުރިހާ ކަމަކަށް އަސަރުކުރެއެވެ.

ސްޓްރެސްވާ ފަދަ ހާލަތަކާ ކުރިމަތިވުމުން، ހަށިގަނޑުގެ "ފައިޓް-އޯ-ފްލައިޓް" (ކުރިމަތިލުން ނުވަތަ ރެކިގަތުމަށް) އިޖާބަ ހަރަކާތްތެރިވެއެވެ. މި މަރުހަލާގައި، ކުރިމަތިވާ ނުރައްކަލުން ސަލާމަތްވުމަށް ހަށިގަނޑަށް އެހީތެރިވުމަށްޓަކައި ކޯޓިޒޯލް، އެޑްރެނަލިން އަދި ނޯއެޑްރެނަލިން ފަދަ ސްޓްރެސް ހޯރމޯންތައް ދޫކުރެއެވެ. ކުއްލި ހާލަތްތަކުގައި މިއީ ކޮންމެހެން ބޭނުންތެރި އިޖާބައެއް ނަމަވެސް، ސްޓްރެސްއަކީ ދާއިމީ ކަމަކަށްވެ، މި ހޯރމޯންތައް ގިނަ ދުވަސްތަކެއް ވަންދެން މަތީ މިންވަރެއްގައި ހުރުމުން މައްސަލަތައް ކުރިމަތިވެއެވެ.

'ހެލްތު ފިޒިއޮލޮޖީ ރިވިއު' ގައި ޝާއިއުކޮށްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި، ދާއިމީ ސްޓްރެސްއަކީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ދަށްވުމާ ގުޅިފައިވާ ކަމެކެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޯޓިޒޯލް މަތީ މިންވަރެއްގައި ހުރުމުގެ ސަބަބުން މެޓަބޮލިޒަމް، ހަށިގަނޑު ދުޅަވުން އަދި ދިފާއީ ނިޒާމުގެ މަސައްކަތްތަކަށް ހުރަސްއެޅި، ބަލިތަކަށް ހަށިގަނޑު ހުށަހެޅޭ މިންވަރު އިތުރުވެއެވެ.

ސްޓްރެސްގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިވެދާނެ!

'ޖާނަލް އޮފް ކްލިނިކަލް މެޑިސިން' ގައި ޝާއިއުކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި، ކުރު މުއްދަތުގެ ސްޓްރެސްގެ ސަބަބުން ދިފާއީ ނިޒާމު ވަގުތީ ގޮތުން ވަރުގަދަވި ނަމަވެސް، ދާއިމީ ސްޓްރެސްގެ ސަބަބުން ކުރަނީ މީގެ އިދިކޮޅު އަސަރެވެ. މެދުނުކެނޑި ކޯޓިޒޯލް މަތީ މިންވަރެއްގައި ހުރުމުން ދިފާއީ ސެލްތަކުގެ ބާރު ދަށްވެ، ބެކްޓީރިއާ، ވައިރަސް އަދި ފަންގަސްގެ ސަބަބުން ޖެހޭ އިންފެކްޝަންތަކާ ހަނގުރާމަކުރުމަށް ހަށިގަނޑަށް އުނދަގޫވެއެވެ.

ދާއިމީ ސްޓްރެސް ތަހައްމަލުކުރާ މީހުން ބަލިތަކުންނާއި އަނިޔާތަކުން ފަސޭހަވާ މިންވަރު ލަސްވެދާނެއެވެ. އަދި ކޯޓިޒޯލް އިތުރުވުމާ ގުޅިގެން އުފެދޭ އިންފްލެމޭޝަންގެ ސަބަބުން ދިގު މުއްދަތުގެ އެކި ބަލިތަކަށް މަގުފަހިވެދާނެއެވެ.

ތިބާގެ ހިތަށްވެސް މީގެ ނޭދެވޭ އަސަރުކޮށްފާނެ!

ސްޓްރެސްގެ އަސަރުކުރަނީ ހަމައެކަނި އިހުސާސްތަކަކަށް ނޫނެވެ. މިއީ ހިތާއި ލޭހިނގާ ނިޒާމަށް އިތުރު ބުރައެއް ޖައްސާ ކަމެކެވެ. 'ނޭޗަރ ރިވިއުސް ކާޑިއޮލޮޖީ' ގެ ދިރާސާތަކުން ދައްކާ ގޮތުގައި ސްޓްރެސް ހޯރމޯންތަކުގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ، ލޭގެ ޕްރެޝަރު މަތިވެ، ހިތުން ލޭ ފޮނުވައިދޭ މިންވަރު އިތުރުވެއެވެ.

ލޭގެ ޕްރެޝަރު ގިނަ ދުވަސްތަކެއް ވަންދެން މަތީގައި ހުރެއްޖެނަމަ، ހިތުން ކުރަންޖެހޭ މަސައްކަތް ބުރަވެ، ހިތުގެ ބަލިތައް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ. އަދި ދިގު މުއްދަތުގެ ސްޓްރެސްއާ ގުޅިފައިވާ އިންފްލެމޭޝަންގެ ސަބަބުން ލޭހިނގާ ހޮޅިތަކަށާއި ހިތުގެ މަސައްކަތަށް އިތުރު ގެއްލުންތައް ލިބިދާނެއެވެ.

ބަނޑާއި ސިކުނޑީގެ ގުޅުން

ހަޖަމުކުރުމުގެ ނިޒާމަށްވެސް ސްޓްރެސްގެ ސަބަބުން ބޮޑެތި އަސަރުތަކެއް ކުރެއެވެ. ސިކުނޑިއާއި ހަޖަމުކުރުމުގެ ނިޒާމަކީ "ގަޓް-ބްރެއިން އެކްސިސް" މެދުވެރިކޮށް މެދުނުކެނޑި މުއާމަލާތްކުރާ ދެ ނިޒާމެވެ. ސްޓްރެސްގެ ސަބަބުން މި ގުޅުމަށް ބުރޫއެރުމުން، ހަޖަމުކުރުމުގެ މައްސަލަތައް ކުރިމަތިވެއެވެ.

'ޖާނަލް އޮފް ނިއުރޯގާސްޓްރޯއެންޓްރޮލޮޖީ އެންޑް މޮޓިލިޓީ' ގެ ދިރާސާތަކުން ދާއިމީ ސްޓްރެސްއާއި ބަނޑު ފުއްޕުމާއި، ބަނޑަށް އުނދަގޫވުމާއި، އެސިޑް ރިފްލަކްސް، އައި.ބީ.އެސް) އަދި ކާހިތްވުމަށް އަންނަ ބަދަލުތަކާ ގުޅުވައިދެއެވެ. މާހިރުން ގަބޫލުކުރާ ގޮތުގައި ސްޓްރެސްގެ ސަބަބުން ބަނޑުގެ ހަރަކާތްތަކަށާއި، ހަޖަމުކުރާ އެންޒައިމްތަކަށާއި، ބަނޑުގައި ހުންނަ ފައިދާހުރި ބެކްޓީރިއާގެ ބެލެންސަށް ބަދަލު އާދެއެވެ.

ސްޓްރެސްގެ ސަބަބުން ނިދިނުލިބެނީ ކީއްވެ؟

ސްޓްރެސްއާއި ނިދިނުލިބުމަކީ ގިނަ ފަހަރަށް އެކި ގޮތްގޮތުން ގުޅިފައިވާ ދައުރެކެވެ. ކޯޓިޒޯލް މަތިވުމުގެ ސަބަބުން ސިކުނޑިން ފޮނުވާ އާންމު ނިދީގެ ސިގްނަލްތަކަށް ހުރަސްއެޅި، ނިދަން އުނދަގޫވުން ނުވަތަ ގަދަ ނިދި ނުލިބުމުގެ މައްސަލަ ކުރިމަތިވެއެވެ. 'ހެލްތު ސައިކޮލޮޖީ' މަޖައްލާގައި ޝާއިޢުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި، ދިގުލައިދާ ނަފްސާނީ ފިއްތުންތަކުގެ ސަބަބުން ނިދީގެ ފެންވަރާއި ނިދާ ވަގުތު މަދުވެގެންދެއެވެ. ނިދި މަދުވުމުގެ ސަބަބުން ހަށިގަނޑުގައި އިންފްލެމޭޝަން އިތުރުވެ، މީހާގެ މިޒާޖު ގޯސްވެ، ޖެހިގެން އަންނަ ދުވަހު ކުރިމަތިވާ ފިއްތުންތަކަށް ކެތްކުރުމަށް އިތުރަށް ދަތިވެއެވެ.

އަޅާނުލާ ދޫކޮށްނުލަންވީ ނުރައްކަލުގެ ނިޝާންތައް

މާހިރުން ވިދާޅުވާގޮތުގައި ދިގުލައިދާ ނަފްސާނީ ފިއްތުންތައް ޖިސްމާނީ އަދި ނަފްސާނީ އަލާމާތްތަކުން ފާހަގަވެދާނެއެވެ. އޭގެ ކުރީކޮޅުގެ ނިޝާންތަކުގެ ތެރޭގައި ގިނައިން ބޮލުގައި ރިއްސުން، މަސްތަކަށް ވާންވުން، ވަރުބަލިވުން، ހަޖަމުކުރުމުގެ މައްސަލަތައް އަދި ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުން ހިމެނެއެވެ.

މިކަމަށް އެކަށީގެންވާ ފަރުވާއެއް ނުހޯދައިފިނަމަ، މީގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވުމާއި، ގިނައިން ބަލިވުމާއި، ބަރުދަނަށް ބަދަލު އައުމާއި، ނިދި މަދުވުމާއި އަދި ނަފްސާނީ ގޮތުން މުޅިން ވަރުބަލިވުން ފަދަ ކަންކަން މެދުވެރިވެދާނެއެވެ.

އެންމެ ބޮޑު ނުރައްކަލެއް އޮތީ ކޮން ބަޔަކަށް؟

ވަކި ޚާއްޞަ ގްރޫޕްތަކަކަށް މިފަދަ ފިއްތުންތަކުގެ އަސަރު ކުރާލެއް ބޮޑެވެ. އޭގެ ތެރޭގައި ބުރަ މަސައްކަތް ކުރާ މީހުންނާއި، އެހެން މީހުން ބަލަހައްޓާ މީހުން، ޝިފްޓް ޑިއުޓީ އަދާކުރާ މީހުން، ދިގު މުއްދަތަކަށް ބަލިތަކަށް ފަރުވާކުރާ މީހުން އަދި އެކަށީގެންވާ ފަރުވާ ނުހޯދާ ހާސްކަމާއި ނުވަތަ މާޔޫސްކަން ތަހައްމަލުކުރާ މީހުން ހިމެނެއެވެ.

ފިއްތުންތައް މެނޭޖްކުރުމުގެ މުހިންމުކަން

ސިއްހީ މާހިރުން ލަފާދެއްވަނީ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ބައެއް އުކުޅުތައް ބޭނުންކޮށްގެން ފިއްތުންތައް ކުޑަކުރުމަށެވެ. އޭގެ ތެރޭގައި ގަވާއިދުން ކަސްރަތުކުރުމާއި، މައިންޑްފުލްނެސް އަދި މެޑިޓޭޝަން، ނިދުމުގެ ރަނގަޅު އާދަތައް، ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި އަދި އިޖުތިމާޢީ ގުޅުންތައް ވަރުގަދަކުރުން ހިމެނެއެވެ.

އެހެންނަމަވެސް، ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމުންވެސް ދެމިގެންދާ ހާސްކަމާއި، މާބޮޑަށް ވަރުބަލިވުމާއި، ނިދުމުގެ ބޮޑެތި މައްސަލަތައް ނުވަތަ ޖިސްމާނީ އަލާމާތްތައް ފެންނަނަމަ ސިއްހީ މާހިރެއްގެ އެހީތެރިކަން ހޯދަންވާނެއެވެ. ނަފްސާނީ ފިއްތުންތަކަކީ ދިރިއުޅުމުގެ އާދައިގެ ބައެއް ނަމަވެސް، އޭގެ ސަބަބުން ޖިސްމާނީ ދުޅަހެޔޮކަމަށް އަސަރުކުރަން ފަށާ ހިސާބު ދެނެގަތުމަކީ، ދިގު މުއްދަތުގައި ކުރިމަތިވެދާނެ ސީރިއަސް ބަލިތަކުން ރައްކާތެރިވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ