ޝައިނާ ފަރުވާކުޑަ ގޮތަކަށް ކޮނޑު އަރުވައިލިއެވެ. އެއާއެކު ރާހިލް ހިނިއައިސްފައިހުރެ އެއްޗެއް ވިސްނާ ފަދައަކުން ބޯ ޖަހައިލިއެވެ. އޭނާއަށް އެކަންވީ މަޖާކަމަކަށެވެ.
"ހާދަ ޗައިލްޑިޝްއޭ ދޯ؟ އެކަމު ބަލަމާ ކާކަށްތޯ މި ފެށުނު ގޭމް ކާމިޔާބު ކުރެވެނީ." ރާހިލް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާ އާ ހަތަރުކަޅި ހަމަކޮށްލިއެވެ. ބަދަލުގައި ރާހިލްއާ ދިމާލަށް ދޫނެރެލަމުން ޝައިނާ އެތަނުން ދާން ހިނގައިގަތެވެ. ރާހިލް ދެފަރާތަށް ބޯ ހޫރައިލުމަށްފަހު ހޭން ފެށިއެވެ. ޝައިނާގެ ފަރާތުން އޭނާއަށް މި ފެންނަނި މުޅިންވެސް އަޖައިބުވާފަދަ ކަންތައްތަކެވެ. ޝައިނާ އެފެށި ގޭމް އޭނާ ކޮންމެހެންވެސް ކާމިޔާބު ކުރަން ރާހިލް ހިތުލިއެވެ.
***********
ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ހޮޓެލްގެ މަސައްކަތްތަކުގައި ޝައިނާ އަވަދިނެތި އުޅެމުން ދިޔައެވެ. މިއާ ހިލާފަށް ރާހިލް އޭނާގެ ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ރަށްފުށުގެ މަޖަލާއި ސަކަރާތުގައެވެ. އޭނާގެ އެކުވެރި މިޒާޖުގެ ސަބަބުން ރަހްމަތްތެރިން ހޯދުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށް ނުވެއެވެ. ނަތީޖާއަކަށްވީ ރާހިލްގެ ގިނަ ވަގުތުތައް އެމީހުނާއެކު ހޭދަކުރުމެވެ. އެމީހުން ކުރާ މޮޅެތި ކަންކަމުގެ ތެރެއަށް ވަދެގަނެ ދަތުރުގެ ފޮނި ހަނދާންތައް އޭނާގެ ފޯނުގައި ރައްކާކުރަމުންދިޔައެވެ. އެއްރޭ މަސްދަތުރެއް ދިޔައިއްޔާ އަނެއްދުވަހު ކޮންމެވެސް ފަޅުރަށަކަށް ދަތުރެއް ދާނެއެވެ. އެއްރޭ ކައިރި ރިސޯޓަކަށް ދިޔައިއްޔާ އަނެއްދުވަހު ކޮންމެވެސް މޫދު ކުޅިވަރެއް ކުޅެންދާނެއެވެ. ހޮޓެލްގެ މަސައްކަތެއްގައި ބައިވެރިނުވާއިރު އެތަނަށް ވަދެލަންވެސް އޭނާއަށް ވަގުތުވަނީ މަދު ފަހަރެއްގައެވެ. އެއިން މަދު ފަހަރަކުވެސް ޝައިނާ ރުޅިއަންނަފަދަ ގޮތަށް ހޮޓެލްގެ ކަމަކަށް ފާޑު ކިޔާލުމަކީ އަދި އޭނާ ވަކިން ހިތްހަމަޖެހޭ ކަމެއް ކަހަލައެވެ. މީގެ އިތުރަށް އެދެމީހުންގެ ކޯޅުންގަނޑު ބޮޑުވެފައިވަނީ އެޕާޓްމެންޓުން ދިމާވާ މަދު ވަގުތުކޮޅުގައި އެކަކު އަނެކަކަށް ކޮށްލާ ޖެއްސުމުންނެވެ. އެއްދުވަހު ރާހިލް ހޮޓެލްގެ މަސައްކަތައް ޝައިނާ ނުކުންނަ ގަޑިއާ ދިމާކޮށް ސައިކަލުގެ ފުރޮޅުން ވައި ދުއްވައިލިއެވެ. ބަދަލުގައި އަނެއްދުވަހު ޝައިނާ ރާހިލް އިސްތިރިކުރަން އުޅުނު ވަގުތު ބަލައި އިސްތިރީގައި ލިޕްސްޓިކް އުނގުޅައިލިއެވެ. މީގެއިތުރުން ކަމަކާއިނުލައިވެސް އެކަކު އަނެކަކު ރުޅި އަރުވައިލުމުގެ ނިޔަތުގައި ޓީ.ވީ ރިމޯޓަށްޓަކައި ދެބުޅާ ކޯޅޭ އުސޫލުން ދެމީހުން ކުރާ ހަނގުރާމައަކީ ބޮޑު ދެ ލަޝްކަރަށް ދޫ ނުކުރާވަރުގެ ވަރުގަދަ ހަނގުރާމައެކެވެ.
ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ޝައިނާ އޭނާއަށް ދިން ލަނޑަށް އެދެވޭ ރައްދެއް ދިނުމަކީ ރާހިލްއަށް ހީކުރެވުނުހާ ފަސޭހަކަމަކަށް ނުވިއެވެ. އެންމެކުޑަމިނުން ޝައިނާ ބިރުގަންނަ ދިރޭ ސޫތްޕެއްވެސް ނުވަތަ ނުބައި ކާއެއްޗެއްވެސް އޭނާއަކަށް އެނގެނީކީނޫނެވެ. ނަމަވެސް އޭނާގެ ބަދަލުހިފުމުގެ ރޫހަކަށް ބަދަލެއްނާދެއެވެ.
އާދައިގެ މަތިން މިކަހަލަ ދުވަހެކެވެ. ހުރިހާ މުވައްޒަފުންވެސް ހޮޓެލްގެ މަސައްކަތުގައި ހޭބޯނާރައި އުޅުނެވެ. ޝައިނާވެސް އެމީހުނާއެކު އުޅުމަށްފަހު އޮފީސްބައިގައި ހުންނަ ކުޑަ ޕޭންޓްރީއަށް ވަދެލީ ސިކުނޑި ތާޒާ ކޮށްލުމަށްޓަކައި ބޯނެ ކޮފީތައްޓެއް ހަދައިލުމަށެވެ. އޭރު ރާހިލް ފާޑެއްގެ މޮޅު ލުނބޯފެން ފުޅިއެއް ތައްޔާރު ކުރުމުގައި އުޅުނެވެ. ޝައިނާ ރާހިލް ތައްޔާރުކުރަމުންދިޔަ ފެންފުޅިއަށް ބަލައިލައި މޫނަށް ވައްތަރެއް ޖައްސައިލިއެވެ. އަދި އޭނާ ކުރަން އައި ކަންތަކުގައި މަސްއޫލުވެގަތެެެވެ. ޖޯޑު ދޮވެލައި މޭޒުމަތީގައި ބެހެއްޓުމަށްފަހު ފެންކައްކަން ފެށިތަނާހެން މަސައްކަތުގައި އުޅުނު ކުއްޖަކު އޭނާގެ ހިޔާލު ހޯދަން އަތުވެއްޖެއެވެ. ޝައިނާ އެކުއްޖާއާއެކު ދިޔައީ މިނެޓެއްހާއިރުގެ މަދު ވަގުތުކޮޅަކަށް ނަަމަވެސް އެފަދަ ފުރުސަތަކަށް ބަލަބަލައިހުރި ރާހިލް ލުނބޯފެންފުޅި ހެދުމަށްޓަކައި ގެންގުޅުނު ލޮނު ޕެކެޓުން ފުދޭ ވަރަކަށް ޝައިނާ ދޮވެފައިހުރި ޖޯޑުގެ ތެރެއަށް ވިއްސައިލިއެވެ. އޭނާގެ އަރުގައި ލައްވައިލި ކުޅިރަހައާއި އެއްވަރުގެ ލޮނުކަމެއް ޝައިނާގެ އަރުގައި ލައްވައިލުުމުގެ ނިޔަތުގައެވެ.
ކަންވީވެސް އޭނާ އުއްމީދުކުރި ގޮތަށެވެ. ޖޯޑުގެ ހުދުކަމުގެ ތެރެއަށް ގެއްލިފައިވި ލޮނުފުއްތަކަށް ޝައިނާގެ ސަމާލުކަމެއް ނުލިބުނެވެ. ކޮފީތަށި ގިރައި ނިންމައިލުމަށްފަހު އެ ހިފައިގެން އޭނާ ނުކުތްއިރު ރާހިލް އެއީ އެތަނުގައި އިން މީހެއްކަންވެސް ނޭނގޭ ކަހަލައެވެ.
ރާހިލް ޝައިނާގެ ފަސްފަހަތުން ނުކުތެވެ. ޝައިނާ މަޑުކޮށްލީ ހޮަޓެލަށް ވަންނަ ދޮރުމައްޗާވީ ދިމާލުގައި ބަހައްޓަމުންދިޔަ ގަސްމުށިތައް ފެންނާނެހެނެވެ. ރާހިލް ދުރުގައި މަޑުކޮށްލީ ޝައިނާ ފެންނާނެހެނެވެ. ކޮފީތަށި ތުނބުގައި ޖަހައިލާވަގުތު ޝައިނާގެ މޫނަށް އަރާނެ ކުލަވަރު ބަލައިލުމަށް އޭނާ ކެތްމަދުވަމުންދިޔައެވެ. އެކަމަށްޓަަކައި އޭނާ މާބޮޑު އިންތިޒާރެއްކުރާކަށް ނުޖެހުނެވެ. ކޮފީ ތަށީގެ ހޫނުކަން ކަނޑުވައިލުމަށް މަޑުމަޑުން ފުމެލުމަށްފަހު އެ ކޮފީތަށި ޝައިނާގެ ތުނބުގައިޖެހީ ރާހިލް ބަލަބަލައި ހުއްޓައެވެ. ނަމަވެސް އޭނާ ހީކުރިގޮތާއި ހިލާފަށް ޝައިނާގެ ފަރާތުން އެއްވެސް ވަރަކަށް ކޮފީގެ ރަހަ ތަފާތުވިކަން ދައްކުވައިދޭ ހަރަކާތެއް ނުފެނުނެވެ. ނުވިތާކަށް އޭނާ ބަލަންހުއްޓާ ޝައިނާ އެތަށި ހުސްވެސް ކޮށްލައިފިއެވެ. ފޫހިކަމާއެކު އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލަމުން އޭނާ އެތަނުން ދިޔައީ މިފަހަރުވެސް އޭނާގެ މަސައްކަތް ނާކާމިޔާބުވެއްޖެ ކަމުގައި ނިންމަމުންނެވެ.
ރާހިލް އެތަނުން ދިޔުމާއެކު ޝައިނާ ހަލުވި ފިޔަވަޅުތަކެެއްގައި ޕޭންޓްރީއާ ދިމާލަށް ހިނގައިގަތެވެ. ރާހިލް އެތަނުގައި ހުއްޓައި ކޮފީތަށިގިރަން ހިޔާލުކުރެވުނީތީ އޭނާއަށް މޮޔަހީވަމުންދިޔައެވެ. ހަގީގަތަކީ ކޮފީތަށި ތުނބުގައި ޖަހައިލި ވަގުތު ލީރަހައިން އޭނާގެ މޭނުބައި ކުރިކަމެވެ. ހިނދުކޮޅަކަށް ނަމަވެސް ކޮފީފޮދު ދިރުވައިލަން ފަސްޖެހުނު ކަމެވެ. ނަމަވެސް ވަގުތުން އޭނާއަށްއެއީ ރާހިލްގެ ކަމެއްކަން އެނގުމާއެކު ރާހިލް އޭނާގެ ހަރަކާތްތަކަށް ފާރަވެރިވަމުން ދާނެކަން އޭނާގެ ހަވަނަ ހިއްސު ބުނެދިނެވެ. ލޮލުގެ ހިމަކޮޅުން ދުރަށް ނަަޒަރު ހިންގައިލިއިރު އޭނާއަށް ބަލަންހުރި ރާހިލް ފެނި އެ ލޮނު ކޮފީގެ އަސަރު އޭނާއަށް ނުކުރާކަން ދައްކަން އޭނާއަށް މަޖުބޫރުވީއެވެ. ރާހިލްއަށް އޭނާ މޮޔަހެއްދިއްޖެކަން ގަބޫލުކުރާނެ ފުުރުސަތު ދޭން އޭނާ ބޭނުން ނުވީއެވެ.
ޕޭންޓްރީއަށް ވަދެވުމާއެކު ޝައިނާ އަނގައިގައި އޭރު ހުރި ކޮފީފޮދު ސިންކަށް އަޅައިލުމަށްފަހު އައިސްއަލަމާރިންނެގި ފެންފުޅިން ފެންކޯވަރެއް އަނގަޔަށް އަޅައިލިއެވެ. އަދި އަނގައިން ލޮނުރަހަ ކަނޑުވާލެވޭތޯ އުޅުނެވެ.
***********
ދުވަސްތައް ފާއިތުވަމުންގޮސް މަސައްކަތުގެ ބުރަކަން އިތުރުވާ ވަރަކަށް ރާހިލް ކުރާ ކޫސަނި ކަންކަމުގެ ބަދަލުހިފުން ދުވަހެއް ދުވަހަކަށް ޝައިނާގެ ފަރާތުން ދަނީ މަދުވަމުންނެވެ. ސެމިސްޓަރ ނިމެން ކައިރިވެފައިވާތީ އޭނާ ދިޔައީ ކިޔެވުމަށްވެސް ހާއްސަ ސަމާލުކަމެއް ދެމުންނެވެ. ފަހަކަށްއައިސް ރާހިލްގެ ފަރާތުން ޖެއްސުމެއް ކުރިމަތިވިޔަސް އޭނާގެ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އެކަން ވެގެންދިޔައީ ރާހިލްއަށް އިތުރަށް ޝައިނާގެ މިޒާޖު ދަސްވާން ފެށިކަމަކަށެވެ. ބައެއްފަހަރު ރާހިލް ބާއްވަން ބޭނުންވާފަދަ ރަހްމަތްތެރިކަމުގެ ބަދަލުގައި ޝައިނާގެ ފަރާތުން ލިބޭ ރުޅިވެރިކަމުގެ ސަބަބުން ހިތްހަމަނުޖެހުނު ނަމަވެސް ޝައިނާގެ ކިބައިގައި ހުންނަ ސީރިއަސް މިޒާޖާއި ސިނގުރުޅީގެ ސަބަބުން އެދެމެދުގައި ދެވޭ ހަމަލާތައް ރާހިލްއަށް ވަނީ އިތުރަށް މަޖާ ކަމަކަށްވެފައެވެ. އެހެނަސް ޝައިނާގެ މަސައްކަތާއި ކިޔެވުމަށް ކުރިމަތި ވެދާނެ ދަތިތަކަކާއިމެދު ވިސްނައި އޭނާވެސް ޝައިނާއަށް ކުރަމުންދާ އުނދަގޫތައް މަދުކުރުމަށް ނިންމިއެވެ.
މެންދަމުގެ ވަގުތެވެ. ފޯނުން ބަލަމުންދިޔަ ސީރީސްގެ އެޕިސޯޑެއް ނިމުމުން ރާހިލް ގަޑި ބަލައިލިއެވެ. ގަޑިން ދަންވަރު 2 ޖަހަނީއެވެ. ނިދި އަންނަން ފެށި ނަމަވެސް ސީރީޒްގެ ބާކީބައި ކޮންމެހެންވެސް ބަލާ ނިންމަން ބޭނުންވާތީ އޭނާ ކޮޓަރިން ބޭރަށް ނުކުތީ ނިދި ފިލުވައިލައި ކޮފީއެއް ބޮއެލުމަށެވެ. ވަކިހިސާބަކަށް ދެވުނުއިރު ކާމޭޒު ދޮށުގައި އިން ޝައިނާ ފެނި އޭނާއަށް ހައިރާންކަމެއް ލިބުނެވެ.
"އަދިވެސް ނުނިދަނީތަ؟" ޝައިނާ ކުރަންއިން މަސައްކަތް މަތިމަތިން ބަލާލަމުން ރާހިލް އަހައިލިއެވެ.
"ޔެސް. މި ސުވާލާ ހިސާބުން އެއްގޮތަކަށްވެސް ކުރިއަކަށް ނުދިޔަ. އައި ހޭޓް މެތްސް. ކީއްވެތަ މި މޮޑިއުލް ކޮންމެހެން މަޖުބޫރީ އަޅެ؟" ޝައިނާ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމެއްނެތި ކުދިކިޔައިލިއެވެ. އާންމުކޮށް ޝައިނާގެ ފަރާތުން ފެންނަ ހަމަޖެހޭ ގޮތްގަނޑާއި ހިލާފަށް އެމޫނުމަތިން ފެންނަމުންދިޔަ ހާސްކަން ރާހިލްއަށް މަޖާވިއެވެ. މައުސޫމުކަމާއެކު ތުންކޮޅު އޫކޮށްލައިގެން އިންއިރު ރާހިލްއަށް އެމަންޒަރުވީ އާޝޯހުކުރުވަނިވި މަންޒަރަކަށެވެ.
"އަހަރެން ޓްރައި ކޮށްލަންތަ؟" ރާހިލް އަހައިލިއެވެ.
"މީ ރާހިލްދުވަހަކު ކިޔެވި އެއްޗެއްވެސް ނޫނެއްނު. ރާހިލްއަަށް އެނގޭނެތަ؟" ޝައިނާ އަހައިލިއެވެ.
"ތިއެއްވެސް އެނގޭނީ ޓްރައި ކޮށްލީމަތާ. ފޯރމިއުލާ އެއް އެބަ އިނެއްނު. ގިވްމީ 10 މިނަޓްސް. މެކްސް." ރާހިލް ޝައިނާއާގާތަށް ގޮނޑިއެއް ދަމާލަމުން އިށީނެވެ.
"ބަދަލުގަ ރާހިލް ބޭނުމީ ކޮންކަމެއް؟" ޝައިނާ އަހައިލިއެވެ.
"އަހަރެން ހާދަ ދަށް ތިކޮށްލީ. އަހަރެންނަކީ ކިހާ އަމިއްލައެދުންބޮޑު މީހެއްކަމަށްތަ ޝައިނާ ހީކުރަނީ؟ ހެޔޮނިޔަތެއްގަ އަހަރެންނަށްވެސް ހަމަ ކަމެއް ކޮށްދެވިދާނެ އެއްނު." ރާހިލް ބުންޏެވެ.
"އެދުމެއްނެތި ވެދުމެއް ނުކުރާނެ.. ތި ބުނާހާ ހެޔޮމީހުންނެއް ދުނިޔެއަކު ނޫޅޭ." ޝައިނާ ބުނެލިއެވެ. ރާހިލްއަށް ފުންނަޒަރަކުން ޝައިނާއާ ދިމާލަށް ބަލައިލެވުނެވެ. ޝައިނާ އެފަދަ ޒުވާން އުމުރެއްގައިވެސް އެހާ ޒިންމާދާރު ހިތްހަރު އަންހެންކުއްޖަކަށް ވުމުގެ ފަހަތުގައި ފޮރުވިފައިވާ ވާހަކަތަކަކީ ކޮބައިބާއޭ ބައެއްފަހަރު އޭނާގެ ހިތަށް އަރައެވެ. އޭނާފަދަ މީހުން ހެއްވާލަން ކުޅަދާނަ މީހަކަށްވެސް ޝައިނާގެ އެރީތި ތުންފަތަށް ހިނިތުންވުމެއް ގެނުވުން އެހާ އުނދަގޫ ކަމަކަށްވަނީ ކީއްވެބާއޭ އޭނާގެ ހިތަށް އެރައެވެ.
"އޯކޭ އޯކޭ. މައްސަލައެއްނެތް. އަހަންނަށް ކަމެއް ކޮށްދެންޏާ ކޮފީއެއް ގިރާލަދީ.. އެހެންބުނީމަ ދެން މިރުސް އަޅާފައެއްނޫން ކޮފީ ގިރާނީ" ރާހިލް ކުޑަކޮށް ވިސްނައިލަމުން ބުންޏެވެ. އޭނާ ކަމަކު ނުކިޔައިފިނަމަ ޝައިނާ އޭނާގެ އެހީތެރިކަން ބަލައިގަންނާނެ ގޮތެއްް އެއީ ނެތް ގޮތެކެވެ.
ޝައިނާ ނިކަން އަވަހަށް އެއްބަސް ވެލިއެވެ. ރާހިލްހުރީ ހައިރާންވެފައެވެ. މިއީ ޒުވާބަކާނުލައި އޭނާ އެދުނު ކަމެއްގައި ޝައިނާ އެއްބަސްވި ފުރަތަމަ ފަހަރެވެ. އެކަމުންވެސް ޝައިނާއަށް އެ ފިލާވަޅު ދޭހަކުރުމުގައި ރާހިލްގެ އެހީ ބޭނުންވެފައިވި މިންވަރު ދަލީލުކޮށްދިނެވެ.
ރާހިލް އެދުނު ފަދައިން ކޮފީ ގިރުމުގައި ޝައިނާ ހަރަކާތްތެރިވަމުން ދިޔަ ވަގުތު ރާހިލް ޝައިނާގެ ފިލާވަޅުގައި މަސައްކަތްކުރަމުންދިޔައެވެ. ފަސްމިނެޓެއްހާއިރުތެރޭ ޝައިނާ ކޮފީތަށި ހިފައިގެން އައިސް ރާހިލްގާތު ބެހެއްޓުމަށްފަހު ކައިރީގައި އިށީނެވެ. އަދި ރާހިލްކުރަމުން އައި މަސައްކަތް ޝައުގުވެރި ކަމާއެކު ބަލަމުންދިޔައެވެ.
ޝައިނާގެ ނަޒަރު އިރުއިރުކޮޅާ ރާހިލްގެ މޫނަށް އަމާޒުވެގެންދަނީ އޭނާގެ އިހްތިޔާރުން ބޭރުގައެވެ. ހިޔާލެއް ފިކުރެއްނެތި އުޅޭ ރާހިލްގެ މޫނުމަތިން ފެންނަމުންދިޔަ ސީރިއަސްކަމާއި ޝައުގުވެރިކަމުގެ ސަބަބުން އޭނާއަށް އެވަގުތު ފެންނަމުންދިޔައީ މުޅިން އާ މީހެއްފަދައެވެ. ޝައިނާއަށް މި ފެންނަ ރާހިލްމާބޮޑަށްވެސް ކަމުދިޔައެވެ.
"ޔެސްް. ކޮބާ. ނިމުނީ!!" ރާހިލް ޝައިނާއާ ދިމާލަށް ގަނޑުތަށް ޖައްސައިލަމުން ކޮފީތަށި ތުނބުގައި ޖަހައިލިއެވެ. ޝައިނާ ރާހިލް ކުރި މަސައްކަތް ރަނގަޅަށް ބަލައިލިއެވެ. ލެޕްޓޮޕުން ފެންނަމުންދިޔަ ޖަވާބު ޝީޓުގައި އޮތް ޖަވާބު ރާހިލް ހޯދައިފައިވަނީ އެކަމަށް ކަޑައްތުކުރި ހުރިހާ ފިޔަވަޅެއްވެސް ފެންނަ ގޮތަށެވެ.
"ވާއު ރާހިލް، ދިސް އިޒް ސޯ އިމްޕްރެސިވް.. އައި މީން.. ރާހިލް ނުވެސް ކިޔަވާ އެއްޗެއް. ސޯ ޔޫ އަރ ދަ ބްރެއިންސް އޮފް ދަ ފެމިލީ. ޒީ ބުނިހެން ބޮޑު ނާރޑްގަނޑު" ޝައިނާ ދިމާކުރާ ރާގެއްގައި ބުނެލި ނަމަވެސް އެ މޫނުމަތިން ހައިރާންކަން ފާޅުވާން ހުއްޓެވެ.
"މިއީ ދޯ އަހަރެން ކޮށްދިން ކަންތަކަށް ލިބޭ އިނާމަކީ. ބުލީއިންގް… އޯކޭ އޯކޭ.. އަހަރެން ހިތަށްއަރާ ޒީ ޝައިނާގާތު އަހަރެންގެ ރަނގަޅު އެންމެ ވާހަކައެއްވެސް ދެއްކިބާއޭ.. ޕްލޭބޯއީ.. ނާޑް.. ދެން ކީކޭ؟" ރާހިލް މަޖާވެލައިފައި ބުންޏެވެ.
"އަދި ޒީ ހެދި ދޮގެއް ނުފެނެއެއްނު." ޝައިނާ ދެކޮނޑު އަރުވައިލިއެވެ.
"އޯކޭ އޯކޭ. ޒީގެ ވާހަކަދެއްކީމަ މި ހަނދާންވީ.. އަދި ޝައިނާ އަހަރެންގެ ފެމިލީއާ ދިމާވި ގޮތެއްވެސް ނުކިޔާދެމެއްނު. ގައިމު މީގެ 8 އަހަރުކުރިން އަހަރެން ފުރައިގެން ދިޔައިރު ޒީގެ ނުހުންނަ ރައްޓެއްސެއް ތީ. އައި އިރު އެކަމަކު މަންމަވެސް އިޝީވެސް ތިއަށްވުރެ ލޯބިވާ މީހެއްނެތް."
"ތި އުޅެނީ ވާހަކަ ހޯދަންތަ؟ މައްސަލައެއްނެތް. މިރޭމީ ރާހިލްގެ ނަސީބުގެރޭ ކަމަށް ބަލާ. އަސްލު އަހަރެންނާ ޒީ ދިމާވީ އޭލެވެލްގަ. އެދުވަސްކޮޅު ޒީއަށް ސްކޫލްގަ ދިމާވި ކަންތައްތަކުގެ ތެރެއިން.. މީހުން ހިތަށް އަރާނެ ދޯ މުއްސަނދިންގެ ދަރިންނޭ އެންމެ ކިބުރުވެރިވަނީ. އެމީހުނޭ އާންމުކޮށް މީހުނަށް ބުލީކުރަނީވެސް… ކޮންމެސް ވަރެއްގެ ހަގީގަތެއް އޭގަ އޮތަސް އެއީ މުޅިއަކުން ތެދެއްނޫން. ބައެއްފަހަރު އެކުދިންވެސް ހަނގާގެ ޝިކާރައަކަށްވޭ. ޒީއަށްވެސް ވީ އެކަހަލަ ގޮތެއް. ބަޔަކަށް ޒީގެ ބައްޕައަކީ ސިޔާސީ ގޮތުން ކިހާ ނުފޫޒު ގަދަ މީހެއްކަން އެނގުނީ. އެހިސާބުން ހަނގާކުރުން ފެށުނީ. އެންމެންވެސް ބޭނުންވަނީ ޒީއާ ވަކިން އުޅެން. ބާކީ ކޮށްލަން.. އަހަރެންގެ ލައިފްގަ ހިނގި ކަންތައްތަކުގެ ސަބަބުން ކަންނޭނގެ މީހަކާމެދު ނާއިންސާފުން ކަމެއް ވަންޏާ އެ ކަންކަމުގެ ތެރެއަށް ވަދެވެނީ. ޒީގެ ކަންތަކުގެ ތެރެއަށްވެސް ވަދެވުނީ އެހެންވެ. ޒީ އަކީ އަހަރެންނާ ދިމާ އިދިކޮޅު މިޒާޖެއްގެ ކުއްޖެއް. އެހާ ސޯޝަލައިޒްވެ އެއް ނޫޅޭނެ. ސޯ އޭރު ނޭނގޭ ސަބަބަކާހުރެ ކުދިންގެ ތެރޭގަ އަހަރެންނަށް ލިބިފައޮތް މަގުބޫލުކަމެއްގެ ސަބަބުން… ޒީ އަހަރެންގެ އެކުވެރިއަކަށް ވި ހިސާބުން ބުލީއިނގް ހުއްޓުނީ. އެހިސާބުން އަސްލު އަހަރުމެންގެ ގާތްކަން އުފެދުނީ. ދެން ދައްތައާ އިޝީގެ ވާހަކައަށް ބުނާނީ ކީކޭ. ޔޫ އަރ ނޮޓް ދަ އޮންލީ ވަން ވިތް ޗާމްސް. އަހަރެންގެ ޗާމްސް އެދެމީހުނަށް ވޯކް ކުރީއޭ ބުނެވޭނީ" ޝައިނާ ބުނެލިއެވެ.
"އެހެންވީމަ އަހަރެން ޗާމިންގް ކަމަށް އެއްބަސްވީ ދޯ ތީ؟" ރާހިލް ލާނެތްގޮތަކަށް އަހައިލިއެވެ. ވީ ފޫހިން ޝައިނާއަށް ކަޅި އަނބުރަައިލެވުނެވެ. "އެހެހެ. ނުބުންޏަސް އަހަންނަށް އެނގޭ އަހަރެން ޗާމިންގްކަން. އެހެންނޫނަސް ތިހާ ރީތި ތިހާ ތޫނުފިލި ކުއްޖަކު ތިހެން ބުނީމަ އަހަރެެންވެސް ގަބޫލުކުރަން" ރާހިލް ބުނެލިއެވެ.
"ތީ ތައުރީފެއްތަ؟ ނޫނީ ހުޝާމަތެއްތަ؟" ޝައިނާ އެެއްބުމަ ހިއްލައިލަމުން އަހައިލިއެވެ. ވާނީވެސް އެހެންތާއެވެ. އޭނާއަށް ދެންމެ ނޭނގިގެން އުޅުނު ސުވާލެއް ދިހަ މިނެޓުތެރޭ ހަދައި ނިންމައިލުމަށްފަހު އަދިވެސް އެބުނީ އޭނާގެ ތޫނުފިލި ވާހަކައެވެ. އެކަަން ގަބޫލުކުރެވޭނީ ކިހިނެއްހެއްޔެވެ.
"ބޭނުން ގޮތަކަށް ވިސްނާ. އެކަމަކު ޝައިނާއަށް ނޭނގުނަސް ސްކޫލަ އިރުގަވެސް އެހާ މަގުބޫލުކަމެއް ލިބުނީ ތި ރީތިކަމާއި ތޫނުފިލި ކަމުގެ ސަބަބުންކަން އަހަރެންނަށް ޔަގީން.. ކޮންމެއަކަސް ޝައިނާ ޒީއަށް ތި ކޮށްދިން ކަންތަކަށް އަހަރެން ޝުކުރުވެރިވަން. ޒީ ކަހަލަ ފަސްޖެހޭ ކުއްޖަކަށް ޝައިނާ ކަހަލަ ހިތްވަރުގަދަ ރަހްމަތްތެރިއެއް ލިބުންކަން އެއީ ޒީގެ ނަސީބު" ރާހިލް ހާމަކުރީ ހަގީގަތެވެ. ޝައިނާއަށް އެ ތައުރީފު ހައްގުކަމުގައި އޭނާ ދެކުނެވެ. ކުރިން އޭނާއަށް ފެނިފައިވަނީ ހަމައެކަނި ޝައިނާގެ ބޭރުފުށުގެ ރީތިކަމެވެ. އެ ނަލަ ސޫރައާއި ހެދުންއެޅުމުގައި ހުންނަ ހިތްގައިމު ވައްޓަފާޅިއެވެ. އެހެނަސް މިރޭ އޭނާގެ ހިތް ތައުރީފުން ފުރެމުންދިޔައީ އެ ކަންތައް ތަކަކަށް ނޫނެވެ. ޝައިނާގެ ހިތުގެ ސާފުކަމަށެވެ. އެ ހުލްގުގައިހުރި ހެޔޮކަމާއި އެ ނަފްސުގައިހުރި ހިތްވަރަށެވެ.
ރާހިލް ކުރިއަށްޖެހިލައި ޝަައިނާގެ އަތުގައި ހިފައިލީ އޭނާގެ ވާހަކައިގެ ތެދުކަން އަނގައިދިނުމުގެ އިޝާރާތެއްގެ ގޮތުންނެވެ. ބަދަލުގައި ޝައިނާ ހިނިތުންވެލި މަންޒަރު ފެނުމާއެކު ރާހިލްގެ ހިތުގެ ތެޅުންވެސް މަޑު ޖެހިލި ކަހަލައެވެ. އެއީ އޭނާ ކިހާ އިންތިޒާރެއްކުރި ހިނިތުންވުމެއް ހެއްޔެވެ؟ ހަމަހިމޭންކަމުން ފުރިފައިވާ އެ ހިނިތުންވުން އޭނާގެ ހިތުގެ ވަންހަނާވެފައިވާ ހިސާބެއްގައި ކޮށްޓައިލިއެވެ. އެ ހިނިތުންވުމާއެކު ތުންފަތުގެ ދެފަރާތުން ފެނިލި ފުން ރޫތަކުގެ ފުރިހަމަކަމަށް އޭނާގެ ހިތް ދަމައިގަތް ކަހަލައެވެ. އެއީ އޭނާއަށް މިހާތަނަށް ފެނުނު އެންމެ ރީތި ހިނިތުންވުމެވެ. އެފަދަ އިތުރު ރީތިކަމެއް ދުނިޔޭގައި ލައްވާފައިވާނެބާއޭ އޭނާއަށް ހިތާހިތުން ސުވާލު ކުރެވުނެވެ. އާގަމަވެފައިއިނދެ ޝައިނާއަށް ބެލެމުންދިޔައެވެ.
"ދެން ދަނީ. މާދަން އޮފީސްވެސް އެބަ އޮތެއްނު." ރާހިލްގެ އަތުގެ ތެރޭގައިއޮތް އޭނާގެެ އަތް ދަމައިގަންނަމުން ޝައިނާ މޭޒުމަތީގައިހުރި ގަނޑުތައް ނަގަންފެށިއެވެ. އޭރުވެސް ރާހިލްގެ ދުލުގައި ތަޅެއް އެޅުވިފައިވާ ކަހަލައެވެ. ދުލުން ބަހެއްް ބޭރު ކުރެވޭ ވަރަށްވުރެ ބޮޑަށް އޭނާގެ ސިކުނޑިވަނީ ޝައިނާގެ ހިނިތުންވުމުގެ ޖާދޫގައި ޖެހިފައެވެ. ޝައިނާ ގޮސް އޮބާލަންދެން ރާހިލްއަށް ހަރަކާތެއްވެސް ނުގެނެވި އެތަނުގައި ބަލަން އިނދެވުނެވެ.
***********
ދަންވަރުގެ ޑިއުޓީ ނިންމާލުމަށްފަހު ފަތިހުގެ ވަގުތު ޒީވާ ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގޭގެ ކާރު އޭނާގެ ހިދުމަތުގައި އޮންނާނެކަން އެނގިހުރެވެސް ޒީވާ ބޭނުންވަނީ މިގަޑިއަށް ޑިއުޓީ ނިމޭ ދުވަސްތަކުގައި ހިނގާލައިފައި ގެއަށްދާށެވެ. އެފަދަ ވަގުތެއްގައި ޑްރައިވަރުގެ ނިދި ހަލާކުކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާފަދަ ވީހާވެސް މީހުންނާ ދުރުން އުޅެން ބޭނުންވާ ކުއްޖަކަށް ހެނދުނުގެ މީހުން މަދު ވަގުތު މާލޭގެ މަގުތަކުގައި ހިނގައިލަން ލިބުމަކީ ލިބޭ ހިތްހަމަޖެހުމެެކެވެ. އަރައިގެން އަންނަ އިރުގެ ދަޅަތައް އުޑަށް ފެތުރިލާ ވަގުތު އެމަންޒަރު ބަލައިލަން ލިބުމަކީ އޭނާއަށް ލިބޭ ނަސީބެކެވެ. ނަމަވެސް ގެއާހަމައަށް އާދެވުނުއިރު ޒީވާއަށް އެހެން ދުވަސްދުވަހާއި ހިލާފު އުނދަގުލެއް ވަމުންދިޔައެވެ. މީހަކު އޭނާއަށް ފާރަލާ ކަމުގެ އިހުސާސްކުރެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ވަދެވުނުއިރު ވަރުބަލިކަން އިހުސާސްވެ މާނޭވާލެވެމުނެދިޔައެވެ. ހާސްކަން ވެރިވެފައިވި މޫނުގައި ދާތިކިތަކުގެ އަސަރު ހަރުލާފައި ހުއްޓެވެ. ޒީވާއަށް ހަމަ ޖެހުމުގެ ނޭވާއެއްވެސް ލެވުނީ ގެއަށް ވަނުމާއެކު ބޭރު ދޮރާށީގައިވާ އޮޓޮމެޓިކް ތަޅު އެޅުވުން އަޑު އިވުމުންނެވެ.
***********
އާދައިގެމަތިން ދުވަހުގެ މަސައްކަތް ނިންމައިލުމަށްފަހު ޝައިނާއަށް އެޕަރޓްމެންޓަށް އާދެވުނީ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށެވެ. ތަނަށް ވެރިވެފައިވި މަރުފަދަ ހިމޭންކަމާއި ރޭގަނޑެއްފަދަ އަނދިރިކަމަށް ސަމާލުކަމެއްނުދީ އޭނާ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ. އޭނާގެ ފިޔަވަޅުތަކަށް ހުރަސް އެޅިގެން ދިޔައީ ރާހިލްގެ ކޮޓަރިން އިވުނު އަންހެން ކުއްޖެއްގެ ހުނުމުގެ އަޑުންނެވެ. އެއީ ވަހުމެއްތޯ ޔަގީން ކުރުމުގެ ގޮތުން ޝައިނާ ދެހިޔާލެއްގައިހުރެ ރާހިލްގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް ކުއްލިއަކަށް އެކޮޓަރީގެ ތަޅުހުޅުވުން އަޑަށް ޝައިނާ ސިއްސައިގެން ދިޔައެވެ. ވައްކަމެއް ކުރަންއުޅެނިކޮށް ފަޅާއަރާފާނެތީ ފިލަންދުވާ ވަގެއްގެ އުސޫލުން އަޑެއްވެސް ލައްވައިނުލައި ފައިގެ އިނގިލިކުރިތަކުން ދުވެލާފައި ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެހެނަސް ހިތުގައި އުފެދުނު ޝައުގެއްގެ ބޮޑުކަމާއެކު ބޭރުގައި ހިނގާކަންކަން ކިރިޔާ ފެންނަހާ ހަނިކޮށް ދޮރު ހުޅުވައިލައި އެދޭތެރޭގައި ލޯ ޖައްސައިލިއެވެ.
ފެނުނު މަންޒަރުން ޝައިނާގެ ދެ ލޯ ނިއްކުރިއަށް އެރިކަހަލައެވެ. އޭނާއަށް ފުރަތަމަ ރާހިލް ފެނުނުދުވަހެކޭ އެއްގޮތަށް އުނަގަނޑުގައި ހަމައެކަނި ތުވާއްޔެއް އޮޅައިލައިގެންހުރެ ކޮންމެވެސް އަންހެންކުއްޖަކާއެކު ގޮސް އެޕާރޓްމެންޓްގެ ބޭރު ދޮރު ކައިރީ ހުއްޓިލީ ރާހިލްނޫން އިތުރު މީހެއް ނޫނެވެ. ދެން ފެނުނު މަންޒަރުން ޝައިނާއަށް ބޭއިޚްތިޔާރުގައި ލޮލުގައި އަތްއަޅައިލަމުން ދޮރާއި ދުރަށް ޖެހިލެވުނެވެ. ހީވީ ހޮލީވުޑްގެ ފިލްމުތަކުން ލޯބިވެރިޔާއަށް އަލްވަދާއު ކިޔާއިރު ފެންނަފަދަ މަންޒަރެއް ލޯކުރިމަތިން ފެނުނުހެނެވެ. އިތުރަށް ބޭރުގައި ހިނގާ ކަންތައް ބެލުމުގެ ބަދަލުގައި ޝައިނާ ހުރި ފިޔަވަޅުމަތީ މަޑުކޮށްލިއެވެ.
ރާހިލް އެކުއްޖާ ފޮނުވައިލި އަޑު އިވުމުން އިރުކޮޅަކު މަޑުކޮށްލުމަށްފަހު ޝައިނާ ކޮޓަރިން ނުކުތެވެ. ރާހިލްވެސް ކޮޓަރިއަށް ވަންނާނެހާ އިރު ވަންދެން މަޑުކުރުމަށްފަހުގައެވެ. ނަމަވެސް ކުއްލިއަކަށް ފަހަތުން އައި މީހަކު އޭނާގެ އަނގަމަތީގައި އަތް އަޅައިލުމާއެކު ޝައިނާ އަވަސް އަވަހަށް ފަޔަށް ލެވުނު ބާރަކާއެކު އެމީހެއްގެ ކަކުލުގައި ޖެހިއެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރި ރާހިލްއަށް ވެއްޓެން ދިޔައެވެ. ނަމަވެސް ފަހަތަށް ދެތިން ފިޔަވަޅުއަޅާލައި މީހާގެ ބަރު ކޮންޓްރޯލް ކޮށްލަމުން ހަށިގަނޑު ސީދާ ކޮށްލިއެވެ.
"ވަޓް ދަ ހެލް ބްރޯ!" ރާހިލް އުނދަގޫ ގޮތަކަށް ކުރިއަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާއާ ކުރިމަތިލިއެވެ.
"ވަޓް ދަ ހެލް މީ؟ ރާހިލް ވަޓް ދަ ހެލް ވޯޒް ދެޓް؟ ބިރުވެރި ފިލްމެއް ކުޅެނީތަ؟ ސިއްސައިގެނޭދިޔައީ." ޝައިނާ މޭގައި އަތް އަޅައިލައިގެން ހުރެ ބުންޏެވެ.
"އަހަންނަށް ހީވަނީ އާދައިގެ އިންސާނުންނަށް އެކަހަލަ ގަޑިއެއްގަ އަންނާނެ ނޯމަލް ރިއެކްޝަނަކީ ހަޅޭއްލަވައިގަތުން ކަންނޭގެ. މީހެއްގެ ކަކޫ ދުއްވާލުމެއްނޫން. އަޅެފަހެ ތީ ވެމްޕަޔަރެއްތަ؟" ރާހިލް ކަކުލުގައި ފިރުމައިލަމުން ބުންޏެވެ.
"ވެމްޕަޔަރެއްނަމަ ދަތެއްނު އަޅާނީ" ޝައިނާ ރައްދުދިނެވެ.
"ނޫނޭ. އޭރަށް އަހަރެންވެސް ބަދަލުވާނީ ވެމްޕަޔަރަކަށްނު. އޭރަށް އިމޯޓަލްވީ. ޝައިނާ ބޭނުމެއް ނުވާނެއެއްނު އަހަރެން ދުނިޔޭގެ އުމުރަށް ޝައިނާއަށް އުނދަގޫކުރަން ދިރި ހުންނާކަށް" ރާހިލް ސަމާސާ ރާގެއްގައި ބުނެލިއެވެ.
"އަދިވެސް އަހަރެން ދޯ މި ގޯސް ވީ. އެހެން ވިސްނާނުލާ ހުއްޓާ އައިސް މީސްމީހުންގެ އަނގަމަތީ އަތް އަޅާތަ؟" ޝައިނާ ބުންޏެވެ
"ތީ ކޮންމެ ކޮންމެ މީހެއް ނޫނެއްނު. އެހެންނޫނަސް އަހަންނަށް ފެނުނޭ ދޮރު ދޭތެރެއިން ޝައިނާ ބަލަން ހުރިތަން." ރާހިލް ލާނެތް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
"މީ އަހަރެންވެސް އުޅޭ ތަނޭ. މީހަކު މިތާ ގޮތަކަށް އުޅެންޏާ އަހަންނަށްވެސް ފެންނާނެއްނު." ޝައިނާ ފޫހި ގޮތަކަށް ތުން އަނބުރައިލަމުން ބުންޏެވެ.
"ހޭ ސަންތީ. ޖޭ ވީތަ؟" ރާހިލް ޝައިނާގެ ކޮނޑަށް އަތް ވައްޓާލަމުން ސަމާސާ ރާގެއްގައި އަހައިލިއެވެ.
"އިޔު. ރާހީލް ތިހެން ނުކިޔާށޭ. އަދި ކޮން ޖޭއެއްތަ؟ ބަލާބަ އަމިއްލަ މީހާ ހުރި ސިފަ." ޝައިނާ ރާހިލްގެ އަތް ފޮޅައިލިއެވެ.
"އަހަރެން އަޅެ ހުތުރުތަ؟" ރާހިލް ބުނެލިއެވެ.
"ހާދަ ލަދު ހަޔާތެއްވެސް ނެތޭދޯ. އަދި އެކުއްޖާ ނުކުތްތާ ފަސްމިނަޓުވެސް ނުވާނެ މިހާ އަވަހަށް ރާހިލް އަހަންނާ ތި ފްލާރޓް ކުރަނީ." ޝައިނާ ރައްދުދިނެވެ.
"ރުޅި އަައީތަ؟" ރާހިލް އަނެއްކާވެސް އަހައިލިއެވެ. އޭނާ ހީވަނީ ޝައިނާ ރުޅިނައިސްގެން އުޅޭ މީހެއް ހެންނެވެ. ޝައިނާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ރާހިލްގެ ސުވާލަށް ޖަވާބުދިނެވެ.
"ރުޅި އަންނަ ވަރު ކަމެއް ވެއްޖެތަ؟ ރާހިލް ކޮންމެ ގޮތަކަށް އުޅުނަސް އެއީ އަހަންނާ ބެހޭ ކަމެއް ނޫނެއްނު." މިފަހަރު ޝައިނާގެ އަޑުގައި ވަނީ ހިތްހަމަ ނުޖެހުނެވެ.
"އަހަރެން ހަމައެކަނި ހަމްދަރުދީ ވަނީ. އެއީ އެކުއްޖާއަށް.. ބީރައްޓެހި ރަށެއްގަ ރާހިލް މިހާރު ތި ކުޅިވަރެއް ކުޅެން ފެށިއިރު ކުޑަމިނުން އެއީ ކޮން ކުއްޖެއްކަން ރާހިލްއަށް އެނގޭތަ؟ ހިތަށް އެރީމަ އެކުދިން ހައްލާލައިގެން… ދެވެންނެތް މުސްތަގްބަލެއްގެ ހުވަފެން ދައްކައިގެން ގެނެސް ރާހިލް ބޭނުންގޮތަކަށް ތި އުޅެނީ. މީ ރާހިލް އެކަނި އުޅޭ ތަނެއް ނޫނޭ ދުވާލަކު އަންހެނެއް ގެނެސްގެން މިތާ ތި ގަނޑެއް ތި ގަންނަނީ. އަހަރެން އުޅޭ ތާކު ރާހިލް ތި ފާހިޝް އަމަލުތައް ހިންގާކަށް ޖާގައެއް ނުދެވޭނެ. ބިރެއްވެސް ނެތީތަ؟ ނުވިތާކަށް އެއީ އެއްވެސް މާނައެއް ނެތް ކަމެއް ކަމަށް ހަދާފަ އައިސް އަހަންނާވެސް ފްލާރޓް ކޮށްފަ އަދިވެސް ތި އަހަނީ އަންހެނެއްގެ ހައިސިއްޔަތުން އަހަރެން މި ކަންކަމާ ރުޅި ނާދޭ ހެއްޔޭތަ؟ އަހަރެން މި ހުރިހާ ވާހަކައެއް ރިއާންއަށް އަންގާނަން!!" ޝައިނާގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. ހަގީގަތުގައި އޭނާ ރުޅި އަންނަނީ މިފަދަ އަމަލުތަށް ފެންނަ ކޮންމެ ފަހަރަކު އޭނާގެ މާޒީ ހަނދާންވާތީއެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އޭނާފަދަ ކިތަށް ކުދިންގެ މުސްތަގްބަލު ގެއްލޭނެ ބާއޭ އޭނާގެ ހިތަށް އަަރައެވެ.
ރާހިލްގެ ފަރާތުން ވަކި ރައްދެއް ނުލިބުނެވެ. އެކަންވީ ޝައިނާގެ އެތެރެ ހަށީގައި އަނދަމުންދިޔަ ރުޅިވެރިކަމުގެ އަލިފާނަށް ތެޔޮއެޅުން ކަހަލަ ކަމަކަށެވެ. "ޖަވާބުދީބަލަ. ކީއްވެތަ އެއްޗެކޭ ނުބުނީ.؟" ޝައިނާ ރުޅިއައިސްފައި ރާހިލްގެ މޭގައި އަތްއަޅައި ކޮށްޕައިލިއެވެ.
"އެއީ އަހަރެންގެ ގަރލްފްރެންޑޭ. އެކަމަކު ސަންތި އަހަރެން ބޭނުމިއްޔާ އެހާ ސީރިއަސްއެއް ނޫން އެނގޭ" ރާހިލް އެއްލޯ މަރައިލަމުން ބުންޏެވެ. ޝައިނާ އެ ދެއްކި އެއްވެސް ވާހަކައިން އެންމެ ލަފްޒެއްވެސް ރާހިލްއަށް ނީވޭ ކަހަލައެވެ. އެކަމާމެދު ހަރުދަނާ ވިސްނުމަކުން ވިސްނާލުމުގެ ހިޔާލެއްވެސްް ނެތް ކަހަލައެވެ.
"ވަޓް؟؟؟ ރާހިލްއަށް ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ތިހެން ދަތުރުވަރުގަ އައިސް ބޭނުންހާ ގޮތަކަށް ކުދިން ގެންގުޅެފަ ދާ ފިރިހެނުންނާ ހެދި ގެއްލެނީ ކިތަށް އާއިލާ." ޝައިނާގެ ރުޅިގަނޑު ފަޅައިގެންދިޔަ ކަހަލައެވެ. އޭނާގެ އަޑު ބާރުވިއެވެ.
"ކަމޯން ހަމަޖެހިބަލަ. ޝައިނާ ހީކުރީ އަހަރެން ހަމަ އެއްވެސް ރައްކަލެއްނެތި އެގޮތަށް އުޅޭހާ ގަމާރުކަމަށްތަ؟ ތި ހަޅޭއްނުލަވަބަލަ." ރާހިލްގެ މޫނުމަތިން ފެންނަނީ ހަމަޖެހިލައިފައި ހުރިކަމުގެ އަސަރުތަކެވެ. ނަމަވެސް ޝައިނާގެ މާނައެއްނެތް ކުދި ކިޔުންތަކާހުރެ އޭނާހުރީ ފާޑަކަށް ހިތްހަމަ ނުޖެހިފައެވެ.
"ހަޅޭ ލަވާނަން! ކީއްވެ ނުލަވަންވީ؟ ތިކަހަލަ މީހުންނަކީ ފިރިހެނުންނަށްވެސް ހުރި ހުތުރެއް! ހުދު ތިމާ މީހާގެ ވެސް ދެ އަންހެން ކޮއްކޮ ހުންނަ އިރު އެއީވެސް ހަމަ ރާހިލްތި ގެންގުޅޭ ކަހަލަ އަންހެން ކުދިންކަމެއް ނޭނގޭތަ؟ އަންހެނުންނަށް އެއްވެސް ގަދަރެއް ނުކޮށް އެމީހުންގެ ބޭނުން ހިފާލާ ފަޟީހަތް ކުރާއިރު ލަދު ކޮ-"
"ޝަޓް އަޕް ޝައިނާ! ޑޯންޓް ބްރިންގް މައި ސިސްޓަރޒް އިންޓު ދިސް!" ރާހިލްގެ އަޑު މުޅި އެޕަރޓްމަންޓްގައި ގުގުމާލުމާއެކު ޝައިނާގެ ވާހަކަ މެދު ކެނޑުނެވެ.
ރާހިލް އަވަސް ފިޔަވަޅު ތަކެއްގައިގޮސް ޝައިނާގެ ކުރިމަތީގައި ހުއްޓުނެވެ. ޒީވާއާއި އިޝްވާގެ ނަން އެކަންތަކުގެ ތެރެއަށް ގެނައުމަކީ ޝައިނާއަށް ހެދުނު ވަރަށް ބޮޑު ގޯހެއްކަން ބުނެދޭން އުޅޭ ކަހަލައެވެ. އޭރުވެސް ޝައިނާގެ ކަންފަތުގައި ރާހިލް ބާރު އަޑު ހަރުލައިފައި ހުއްޓެވެ. ކުރިން ރާހިލް ދުވަހަކުވެސް އެހާ ބާރަށް ވާހަކަ ދެއްކިއަޑު އިވިފައި ނުވާތީި އެކަމުން ލިބުނު ސިހުމުގައި އޭނާއަށް ހުރެވުނީ ހުރި ފިޔަވަޅު މަތީ ހުއްޓުން އަރައިފައެވެ. ރާހިލްގެ ލޮލުން އިރުކޮޅެއްކުރިން ފެންނަންހުރި ލާނެތް ކަމުގެ ބަދަލުގައި ފެންނަންހުރި ސާބިތުކަމުން ޝައިނާއަށް ހިންދިރުވައިލެވުނެވެ. އޭނާއަށް އެވަގުތު ފެންނަމުންދިޔައީ ރާހިލްއެއް ނޫނެވެ. ޒީވާއާ އިޝްވާދެކެ ނުހަނު ލޯބިވާ ބޭބެއެކެވެ.
"މީގެ ކުރިންވެސް އަހަރެން ބުނިން އަހަރެން ރެސްޕެކްޓް ކުރަނީ ކާކަށްތޯ އެއީ ޝައިނާ ބަލަންޖެހޭ ކަމެއް ނޫނޭ. ނުރުހޭގޮތަށް އެއްވެސް އަންހެނެއް ގައިގަ އަހަރެން އަތްލާފައެއް ނޯންނާނެ. އެމީހުނަށް ބޭކާރު އުއްމީދެއް ދީފަ އެއްވެސް ނޯންނާނެ. ދެންމެ މިތަނުން ދިޔަ ކުއްޖާގެ ވާހަކަ ދައްކާއިރު ހަނދާންވޭތަ ކުރީދުވަހު އަހަރެން ދިޔަ ބާބެކިޔު. އަހަރެން ދުރުގަ އިންދާ އައިސް ގަޔަށްބޮލަށް އެރީ އޭނަ. އަންހެނުންހާ ހެޔޮ މައުސޫމް ބައެއް ނެތް ކަމަށް ހަދާފަ ކިޔާއިރު ނިކަން ފިރިހެނަކު ގޮސް އެހެން ގަޔަށް ބޮލަށް އެރިނަމަ އެމީހެއް އޮންނާނީ ކޮންމެވެސް ނޫހެއްގެ ފަލަ ސުރުހީއެއްގަ.. ނޫނީ ޖަލުގަ.. ޝައިނާ ހީކުރީތަ އަހަރެންނަކީ އެވަރުގެ ރިސްކެއް ނަގައިގެން މީހުން ތަންތާ ތިއްބާ އެޕްރޯޗްކޮށް ހެރެސްކޮށް ނޫނި ސެޑިއުސްކުރާނެހާ މޮޔައެއްކަމަށް؟ ލެޓް މީ ބްރޭކް އިޓް ޓު ޔޫ ޑާލިންގް.. އިޓްސް ދަ އަދާ ވޭ އެރައުންޑް. އައި މައިޓް ފްލަރޓް ވިތް ސަމްވަން އެކަމް ދުވަހަކުވެސް އިސްނަގައިގެން އަންހެނެއް ގައިގަ ފުރަތަމަ އަތްލާފައެއް ނޯންނާނެ. އެގޮތް ބޭނުމިއްޔާ އަހަރެން އޮންނާނީ އެމީހަކާ އެއްކޮށް ރިލޭޝަންޝިޕަކަށް ގޮސްފަ. ސޯ މިތާގަ އެއްވެސް މީހަކަށް ހެރެސްވެފަ އޮތިއްޔާ އެއި އަހަރެން. އައި އޭމް ދަ ވިކްޓިމް. މިބުނި ކަހަލަ އަންހެނުންނަކަށް އަހަރެން ރެސްޕެކްޓެއް ނުކުރަން!! އެމީހުންނާ އަހަރެންގެ ކޮއްކޮމެނާ އެއްގޮތްވާނެ އެއްވެސް ގޮތެއް ނޯންނާނެ. އައި އޭމް ނޮޓް އަ ފަ**ގް ރޭޕިސްޓް ސޯ ސްޓޮޕް މޭކިންގް މީ ދަ ވޯސްޓް މޭން އޮން އަރތް" ޝައިނާއާ ހަތަރުކަޅި ހަމަކޮށްލައިގެންހުރެ ރާހިލް އޭނަގެ ވާހަކަ ނިންމައިލިއެވެ. ޝައިނާއަށް އޭނާ ހިފަހައްޓައިގެންހުރި ނޭވާ ދޫކޮށްލެވުނެވެ. އަދި ރާހިލްގެ ވާހަކަތަކަށް މަލާމާތުގެ ހިނިގަނޑެއް ޖަހައިލިއެވެ.
"ހަހަހަހ. ވަރަށް މަޖާ. ރާހިލް ބުނީތީ އަހަރެން ދެން މިވީ ތި ކީ ހުރިހާ އެއްޗެއް ގަބޫލުކުރަންތަ؟ އަހަރެންނަށް ކިހިނެއް އެނގެނީ ރާހިލް ތިބުނީ ތެދެއްކަމެއް ރާހިލް ނޫންކަމެއް ގޮސް މީހުންގެ ގަޔަށް ބޮލަށް އަރަނީ؟ ތި ބުނާހާ ވިސްނުންތޫނުކަމަކާއި ޒިންމާދާރުކަމެއް އަހަންނަކަށް ރާހިލްގެ ފަރާތަކުން ނުފެނޭ" ޝައިނާ މަލާމާތުގެ ރާގެއްގައި ބުންޏެވެ.
"ޝައިނާ ކޮންމެ އެއްޗެއް ކިޔަސް އަހަންނަށް އެނގޭ މި ދެއްކި ވާހަކަ ޝައިނާ ގަބޫލުކުރާކަން. އެހެންނޫނީ މިވަގުތު ޝައިނާ މިތާކު ނުހުންނާނެ. ޝައިނާ އަހަރެންދެކެ ބިރު ގަަންނާނެ" ރާހިލް ހަމަޖެހިލަމުން އިތުރަށް ވާހަކަދެއްކިއެވެ.
"އަހަރެން ބޭނުންނަމަ ޝައިނާއަށް ތިބުނި ހުރިހާ ކަމެއް ކުރާނެހާ ވަގުތާއި ފުރުސަތު އަހަންނަށް ލިބުނު. ތިވެސް އަންހެނެއް. އެކަމަކު އަދިއަދަށް ދާންދެންވެސް ޝައިނާގެ ގައިގަ އެފަދަ ގޮތަކަށް ނިޔަފަތީގެ ކުރިވެސް ޖައްސާލިންތަ؟ އެއީ ޝައިނާ ތަފާތުވީމަ. އެމީހުން އުޅޭހެން އަހަރެންގެ ގަޔަށްބޮލަށް އަރައެއް ނޫޅޭ. އަހަރެންގެ ބައުންޑަރީޒްއަށް ރެސްޕެކްޓް ކުރަން އެނގޭ. އެހެންވެ އަހަރެންވެސް ޝައިނާއަށް ރެސްޕެކްޓް ކުރަނީ. އެކަން ބަދަލުކުރަން ޝައިނާ މަސައްކަތް ނުކުރޭ.. އަހަރެން ޝައިނާއަށް ކުރާ އިހްތިރާމް ގެއްލުވާލަން ނޫޅޭ" ޝައިނާއަށް ރާހިލްގެ ވާހަކައާމެދު ވިސްނައިލެވުނެވެ.
"ނޫނީ އަހަރެން ޒީގެ ބެސްޓްފްރެންޑަށް ވީމަ ރާހިލްއަށް ބޭނުންގޮތެއް ނެހެދެނީ ކަމަށްވެސް ވެދާނެއްނު؟" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ޝައިނާ ބުންޏެވެ. ރާހިލް ފާޑަކަށް ހިނިތުންވެލަމުން ޝައިނާގެ ކޮނޑުމަތިން ވާގޮތަށް އައިސް އަލަމާރީގެ ދޮރުފަތުގައި އަތްވިއްދައިލިއެވެ. އަދި ޝައިނާގެ ކަންފަތާ ދިމާލަށް ގުދުވެލިއެވެ. ރާހިލްގެ ހޫނުނޭވާ އޭނާގެ ކޯތާފަތަށް އިހްސާސްވާން ފެށުމާއެކު ޝައިނާއަށް ހިންދިރުވައިލެވުނެވެ.
" ޝައިނާއަށް ހީވޭތަ ޒީގެ ބެސްޓްފްރެންޑްގެ މަގާމުގަ ހުރީތީ ޝައިނާއަށް އަހަރެން ކުރަން ބޭނުންވާ ކަމަކަށް ހުރަސް އެޅޭނޭ؟ އަހަރެން ބޭނުންނަމަ އައި ވިލް ޑޫ އެނީތިންގް ޓު ޓޭކް ޔޫ ޓު މައި ބެޑް. އެންޑް އައި ވިލް ބީ ހެޕީ އަބައުޓް އިޓް ބެކޮޒް ޔޫ އާރ އަ ބިއުޓީ ޝައިނާ. ބަޓް ގާރލްސް ލައިކް ޔޫ އަރ ނޮޓް މޭޑް ފޯ ލަސްޓް. ޔޫ އަރ މޭޑް ފޯ ލަވް."
ރާހިލްގެ ބަސްތައް އަޑުއިވުމާއެކު ޝައިނާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ގިނަ ދުވަސްތަކެއް އިނގިރޭސިވިލާތުގައި ހޭދަ ކޮށްފައިވާތީ ރާހިލް އިނގިރޭސިން ވާހަކަދެއްކުމުގައި ބަސްކިޔާއިރު ހުންނަ ލަސްކަމާއި އިނގިރޭސިީންގެ ފާޑުގަނޑުގެ ސަބަބުން އެބަސްތަކަށް އިތުރަށް ފުރިހަމަކަން ގެނުވާހެންވެސް ހީވިއެވެ. އިޚްތިޔާރަކާނުލައި އޭނާގެ ކޯތާފަތް ހޫނުވެ ޖަންބުކުލަ ވެރިވެގެން ދިޔުމާއެކު އަވަހަށް އިސްޖަހައިލިއެވެ. އޭނާގެ ރީތިކަމަށް ގިނަބަޔަކު ތައުރީފު ކުރިނަމަވެސް ރާހިލްގެ ފަރާތުން އެހާ ފާޅުކަން ބޮޑު ގޮތެއްގައި އެފަދަ ލަފަޒުތަކެެއް އިވިދާނެކަމަށް އޭނާ އުއްމީދެއް ނުކުރެއެވެ.
"އައި..އައިމް ޓޫ ޓަޔަޑް ރާހިލްގެ މޮޅު ބަސްތައް އަޑު އަހާވަރަށްވުރެ. އަހަރެން ދަނީ" ޝައިނާއަކަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްއުފުލައި ރާހިލްއާ ދިމާލަށް ބެލުމެއްވެސް ނެތި ކޮޓަރިއާ ދިމާލަށް ދިޔައެވެ.
ރާހިލްއަށް ބުނެވުނު އެއްޗަކާމެދު ވިސްނާލެވުނު އިރު މާ ލަސްވެއްޖެއެވެ. ހިތުގައި އުފެދުނު ހިޔާލުތައް އެފަދަ ގޮތަކަށް ޝައިނާާގެ ކުރިމަތީގައި ފާޅުކުރެވުނީތީ އަމިއްލަ ނަފްސަށް އަޑުލައިގަނެވުނެވެ. އަދި ޝައިނާއާ ދެން ކުރިމަތިލާނެ ގޮތަކާ ދޭތެރޭ ވިސްނަމުން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިލިއެވެ.
ނިދަން ތައްޔާރުވެ އެނދުގައި އޮށޯވެލި އިރުވެސް ޝައިނާގެ ހިޔާލުގައި ރަސްކަންކުރަމުން ދިޔައީ އެރޭ އޭނާއާ ރާހިލްގެ ދެމެދުގައި ހިނގައިދިޔަ ކަންތަކެވެ.
"ގާރލްސް ލައިކް ޔޫ އަރ ނޮޓް މޭޑް ފޯ ލަސްޓް. ޔޫ އަރ މޭޑް ފޯ ލަވް"
ކޮޓަރީގެ ކޮންމެ ދިމާލަކުން ޝައިނާއަށް ރާހިލްގެ ބަސްތައް އިވެމުން ދާކަހަލައެވެ. ނިދަން ކުރި ހުރިހާ މަސައްކަތެއް ބޭކާރު ވުމާއެކު އާދޭވުނު ރުޅީގައި ކައިރީގައި އޮތް ބާލީސް އަތުގެ ކޮޅަށް ހޫރައިލެވުނެވެ.
"އާގްހް. ދެން މީ ކިހާދެރަކަމެއްތަ؟ އެއީ އަބަދުވެސް އޭނަގެ ވާހަކަ ހުންނަގޮތް.. އަންހެނަކު ހައްލާލަން ކޮންމެ އެއްޗެކޭވެސް ކިޔާފާނެ.. އެހެންނޫނަސް އޭގެ ފަސްމިނެޓު ކުރިން އޭނަ އެހެންމީހަކާ ތުންގުޅުވައިގެން އުޅުނުތަން ނުފެންނަނީތަ؟ ކިހިނެއް އެނގެނީ އެކުއްޖާއަށް ކޮންކަހަލަ ފޮނި ތައުރީފެއް ކަމެއްކުރީ؟ އެއި ފިރިހެނުންގެ ގޮތް! އެމީހުނަށް ނުހެއްލޭތި! މަންމައަށާ ދައްތައަށް ވީގޮތް ހަނދާންނެތުނީތަ؟؟" ޝައިނާ އަމިއްލަ ނަފްސަށް ވިސްނައިދޭ ފަދައަކުން ބުންޏެވެ. އޭނާގެ މާޒީ ތަކުރާރުވާފަދަ ކަމެއް ހަމަހޭގައިހުރެ ކުރާނެ ގޮތެއް އެއީ ނެތް ގޮތެކެވެ. ފިރިހެނެއްގެ އަވައިގައި ޖެހި އެމީހެއްގެ ބަހަށް އިތުބާރުކުރުން އެއީ އޭނާ ދުނިމަތީގަ ކުރާނޭ އެންމެ ފަހު ކަންތަކެވެ.
***********
އާދުވަހަކަށް އިރު އަރައިގެން އައި އިރު ޝައިނާއާ ރާހިލްގެ ދެމެދަށް ވެރިވެފައިވާ ހިމޭންކަމުގެ ސަބަބުން ދެޒުވާނުންނަށްވެސް ދިޔައީ އުނދަގޫވަމުންނެވެ. ހިނގައިދިޔަ ކަންތަކާއި ބުނެވިދިޔަ ވާހަކަތަކުގެ ސަބަބުން ދެމީހުންގެ މެދުގައި ނުތަނަވަސްކަމުގެ ފާރެއް ލެވިފައިވާ ކަހަލައެވެ. ދެމީހުން ދެމީހުންނަށް ކުރަމުންއައި ޖެއްސުމާއި މަލާމާތުގެ ބަސްތައްވެސް ހުއްޓުމަކަށް އަައިސްފައިވާ ކަހަލައެވެ. ދެމީހުންވެސް ބެލީ އެކަކު އަނެކެއްގެ ކުރިމަށްޗަށް ނާރައި ވޭތޯއެވެ. އެކަކު އަނެެކަކަށް ދޫނުދޭން ތިބި ހިމޭންކަމަށް ނިމުމެެއް ގެނައުމަށް ނިންމި މީހަކީ ޝައިނާއެވެ. އޭނާ އިސްނަގައިގެން ރާހިލްއާ ވާހަކަދެއްކުމަށް ނިންމިއެވެ. އެހެންކަމުން ރާހިލްއާ އެންމެ ގާތްކޮށް އުޅޭކަމަށް އޭނާއަށް ފެންނަ ނިހާމްމެން އުޅޭ ދިމާލަށް މިސްރާބު ޖެހިއެވެ.
" ކޮބާ ނިހާމް.. މަސައްކަތް ކިހިނެއް ދަނީ؟" ޝައިނާ ނިހާމްމެން މަސައްކަތްކުރަމުން ދިޔަ ދިމާލުގައި ހުއްޓުނެވެ،
"އޯކޭ ކަންނޭނގެ އަނެއްހެން.. ބޮޑުބައި ނިމިއްޖެ. ކާރޓެއިންސްތައް ދެން ފާރނިޝިންގް ނިންމާފަ ކަންނޭގެ އަސްލު ފަށަންވީ." ނިހާމްގެ ވާހަކައަށް ޝައިނާ ބޯޖަހައިލިއެވެ.
"ކޮބާ ރާހިލް؟" ޝައިނާ ސުވާލު ކުރިއެވެ.
"ނޭނގެ ހެނދުނު މިތާ އުޅުނު ދޯ. ކޮންމެސް ޑައިވިންގް އަކަށް ކަންނޭނގެ ދާ ވާހަަކައެއްދެއްކި އެގަޑީ. އެ ދިޔައީ ކަންނޭނގެ. މިރޭ އޯ އަންނަނީ" ނިހާމް ބުންޏެވެ. ވީފޫހިން ޝައިނާއަށް ތުންއަނބުރައިލެވުނެވެ. މަސައްކަތުގެ ބަހަނާގައި މިތަނަށް އައިސް ރާހިލްގެކަމަކީ އަބަދުވެސް ކޮންމެސް މޮޅުކަމެއްގެ އަޖުމަބެލުމޭ އޭނާގެ ހިތަށްއެރިއެވެ. ނިހާމްގާތު އެންމެ ރަނގަޅޭ ބުނުމަށްފަހު އެތަނުން ދިޔައެވެ.
އެހެން ރޭރެއެކޭވެސް އެއްފަދައިން ޝައިނާ އެޕަރޓްމެންޓްގެ ތަޅުންގަނޑުގައި އިށީނދެ އިނީ އޭނާގެ ކޯހަށް ބޭނުންވާ ކުރެހުންތައް ނިންމުމުގައެވެ. އޭނާ ގެންގުޅުނު ގަނޑުތަކާއި ތަފާތު ސައިޒުތަކުގެ ފަތިގަނޑުތަށް ސޯފާގެ ކުރިމައްޗަށް ވާގޮތަށް ހުރި ތިރި މޭޒުގައި އަތުރާލެވިފައި ހުއްޓެވެ. ދޮރުހުޅުވައިލުމަށްފަހު ވަދެގެންއައި ރާހިލްއަށް އަވަސް ނަޒަރެއް ދިނުމަށްފަހު އޭނާ އަނެއްކާވެސް ކުރަންއިން މަސައްކަތަށް ސަމާލުވިއެވެ. ރާހިލް އައިސްއަލަމާރިން ފެންފުޅިއެއް ހިފައިގެން އައިސް ސޯފާގައި އިށީނުމަށްފަހު ޝައިނާ ކުރަމުންދިޔަ މަސައްކަތަށް ބަލައިލިއެވެ. އާދައިގެ މަތިން އޭނާއަށް މިފަހަރުވެސް އަނގަމަޑުން ލައިގެނެއް ނީނދެވުނެވެ.
"ހާދަ އަންރިއަލި—" ރާހިލްގެ އަނގައިގައި ބުނަން އުޅުނު ވާހަކައިގެ އެއްބައި އޮއްވާ ޝައިނާ ލޯ އަޅައިލިއެވެ.
"އޯކޭ ޕީސް"
"ސީރިއަސްލީ އަހަރެން ހިތަށް އަރާ އަހަރެން ކުރާ ކަންކަމަށް ފާޑު ކިޔުމަށްވުރެ މުހިއްމުކަމެއް ރާހިލްގެ ލައިފްގަ ނެތީބާއޭ" ޝައިނާ ބުނެލިއެވެ.
"ޝައިނާ ހާދަ ބޯރިންގް އޭ. އަހަރެން ޕްރޭންކެއް ކޮށްލިޔަސް ނަގަނީ އެހާ ސީރިއަސްކޮށް. މިހާރުދެން ކަމަކަށް ފާޑުވެސް ނުކިޔާށޭ ދޯ ތިބުނީ" ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން ބުންޏެވެ.
"ކޮބާތަ ޔޯރ ގަރލްފްރެންޑް" ޝައިނާ އާދައިގެ ރާގެއްގައި އަހައިލިއެވެ.
"ދެން މޫޑު ފަނިކޮށްލަން އޭނަގެ ވާހަކަ ނުގެނަޔަކަސް އަހަރެން މިތަނުން ހިނގައިދާނަމޭ. ހެނދުނު ދުވަންވެސް ދާން ޖެހޭ. ގުޑް ނައިޓް އެންޑް ގުޑްލަކް ވިތް ވަޓެވަރ ދެޓް އިޒް" ރާހިލް ސޯފާއިން ތެދުވަމުން ބުންޏެވެ. ޝައިނާ ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މުޅިދުވަހު މޫދުގައި އުޅެފައި އައިސްވެސް އަރާމު ނިންޖެއް ހޯދުމުގެ ބަދަލުގައި ރާހިލް އެ ދެއްކީ ދުވަންދާ ވާހަކަ ވިއްޔާއެވެ. އެއީ އިންސާނެއްބާއޭ ނުވަތަ ޕްރޮގްރާމް ކުރެވިފައިވާ މެޝިނެއްބާއޭ ޝައިނާގެ ހިތައްއެރިއެވެ. އެންމެ ދުވަހަކު ފަތިހު ދުވަން ނުދިޔަސް ގައިމު ތަފާތެއް ނުފެންނާނެ ނޫން ހެއްޔެވެ؟ މިފަދަ ހިޔާލުތަކެއްގައި ވަނިކޮށް ޝައިނާގެ ސިކުނޑިއަށް މޮޅު ވިސްނުމެއް އަތުވެއްޖެއެވެ. އެއްދުވަހު ދުވަން ނުދެވިގެން ރާހިލްއަށް އަންނަ ބަދަލެއް ނިކަން އެނގިދާނެ ނޫންހެއްޔެވެ. އިސާހިތަކު އޭނާގެ ރޭވުމަށް ބޭނުންވާ އެއްޗެހި ހޯދުމަށްޓަަކައި އޭނާ ފޯނުން ނަންބަރަކަށް ގުޅައިލިއެވެ.
***********
އަނދިރި ކޮށްލައިފައިވާ އެޕަރޓްމެންޓްގެ ތެރެއަށް ވާފިޔާއާއި ނާޝިދު ވަދެގެން އައި އިރު އެމީހުންގެ ފަހަތުން އިޝްވާ ވަނީ ފުރޮޅުލީ ގޮނޑިއެއްގައި އިން ޒީވާ ކޮށްޕަމުންނެވެ. ޒީވާގެ ކަޅި ވަނީ އެއްދިމާލަކަށް ހުއްޓިފައެވެ. އެސްފިޔަ ޖަހައިލުން ފިޔަވައި އިތުރު ހަރަކާތެއް ނުފެންނައިރު މުޅި މީހާ ގަބު އަރައިފައިވާ ކަހަލައެވެ. ވާފިޔާ ޒީވާގެ ބޫޓު ބައިލައި ދިނުމަށްފަހު ގޮނޑީގެ ކައިރީގައި އިށީނދެލިއިރު އޭނާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އިޝްވާ އިތުރު ގޮނޑިއެއް ހިފައިގެން އައިސް ޒީވާގެ ގައިގައި ބައްދަައިލިއިރު އޭނާގެ ލޮލުންވެސް ހިފެހެއްޓުމެެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.
"އާނ. އަހަރެން ބޭނުމެއްނޫން މިރޭގެ އެއްވެސް ކަމެއް ކެމެރާތަކުން އެނގޭކަށް. ފަރުވާ ދިންތަން ފެންނަންހުރި ފޫޓެޖް ވެސް ޑިލީޓް ކުރެވެން ޖެހޭނެ. ހަނދާން ކުރާތި. މި ހިނގި ކަންތައް އެވަގުތު އެތާ ތިބި މީހުން ފިޔަވައި ހޮސްޕިޓަލުގެ އިތުރު ބަޔަކަށްވެސް އެނގިގެން ނުވާނެ. ހެޔޮ ކޮންމެ ވަރެއް ދީގެންވިޔަސް. އެއިން މީހެއްގެ އަނގަ ހުޅުވިގެން ނުވާނެ" ނާޝިދު ފޯނުން ކޮންމެވެސް ބަޔަކާ ވާހަކަދައްކަމުން ދިޔައެވެ. ފޯނު ކޯލު ނީންމާލުމަށްފަހު އޭނާ އެގޭ ތިންމައިންނާ ދިމާލަށް އެނބުރުނެވެ.
"އެއްވެސް މީހަކު މިރޭ މި ހިނގި ކަންތައް އިތުރު މީހެއްގާތު ބުނެގެނެއްނުވާނެ… މި ހިނގި ކަންތައް އޮންނަންވާނީ މިގޭ ހަތަރުފާރުގެ ތެރޭގަ. އިތުރު މީހަކަށް. މިބުނީ ރައްޓެއްސަކަށްވެސް މި ވާހަކަ އެނގޭކަށް އަހަރެން ބޭނުމެެއްނޫން. އަޑު އިވިއްޖެތަ؟ އަހަރެންނަށް ރަނގަޅީ ރާހިލްއަށްވެސް މިކަންތައް ނޭނގުނިއްޔާ. ނަސީބެއްކަންނޭގެ ރާހިލް ނެތް އިރަކު މިކަންތައް ހިނގިކަމީވެސް" ނާޝިދު ތުނބުޅީގައި އަތް ހިނގައިލަމުން އެ ތިންމައިންނަށް އިޝާރާތްކޮށް ވާހަކަ ދެއްކިއެވެ.
"ނާޝިދުއަށް ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ރާހިލް ނެތްއިރު މިކަން ވީކަން ނަސީބެކޭ ބުނިއިރު މީ އަހަރުމެންނަށް ކުރިމަތިވި ކިހާބޮޑު ބަދުނަސީބެއްކަން ހަމަ ނޭނގެނީތަ؟ އަންގަންޖެހޭ ބަޔަކަށް އަންގައިގެންވިޔަސް އަހަރުމެންގެ ޒީވާއަށް މިހެން ހެދި މީހެއް ހޯދާކަށް ނޫންތަ އަހަރުމެން އިސްކަން ދޭންޖެހޭނީ؟" ވާފިޔާ ހިތްހަމަ ނުޖެހިފައިހުރެ ނާޝިދުއާ ދިމާލަށް ހަޅޭއްލަވައިގަތެވެ.
"ވާފިޔާ ހަމަޖެހިބަލަ… އިސްކަންދޭންޖެހޭ ކަންތައްތައް އަހަރެންނަށްވެސް އެނގެޔޭ… ވާފިޔާ ހީކުރީ މަގޭ ދަރިއަކަށް އެހެންވީމަ މަ ވަކި ދެރަ ނުވާނެ ކަމަށްތަ؟ މިވަގުތު މީ ކެމްޕެއިންގެ އެންމެ މުހިއްމު ދުވަސްކޮޅު. މިފަދަ ވާހަކައެއް އިދިކޮޅު މީޑިއާ އަކަށް އެނގުނިއްޔާ އަހަރެން މިކަމާ އަޅާނުލާ ކެމްޕެއިންގަ އުޅެނީއޭކިޔާ ކޮންމެފަދަ ހަބަރެއްވެސް ފަތުރަފާނެ. އަހަރެންނަށް ދެދުވަހެއްގެ ތެރޭ އެކަމުން އަރައިގަނެވުނަސް ޒީވާއަށް އެކަމުން ކުރިމަތިވެދާނެ ކަމަކަށް ވިސްނާލަބަ. ވާފިޔާއަކަށް އެފަކީރުގެ ހާލެެއް ނުފެނޭތަ؟ މިވަގުތު އަހަރުމެންނަށް މުހިއްމީ ޒީވާ މިކަމުން އަރައިގަނެވޭނެ ވަގުތު ހޯދުން.. އެފަދަ ހާލެއްގަ އިނދެ ތަހުގީގެއް ފަށައިގެން ޒީވާގެ އެއްބާރުލުން އަހަރުމެންނަށް ލިބޭނެތަ؟" ނާޝިދުގެ ވާހަކަ އިވުމާއެކު ވާފިޔާއަށް އަނެެއްކާވެސް ރޮވެންފެށިއެވެ. ނާޝިދު އޯގާތެރިކަމާއެކު ވާފިޔާގެ ގައިގައި ބައްދައިލިއެވެ.
"އަޅެ އަހަރުމެންގެ ޒީވާ އަށް އެހެން ވާންވީ ކާކަށް ކީއް ކޮށްގެންތަ؟ އެއީ އެންމެނަށްވެސް ކިހާ ހެޔޮކުއްޖެއް؟" ވާފިޔާ ރޮމުން ރޮމުން ނާޝިދުގާތު ޝަކުވާ ކުރިއެވެ.
"ވާފިޔާ ހިތްވަރުކުރޭ. މިވަގުތު ޒީވާއަށް އެންމެ ބޭނުންވާނީ ވާފިޔާގެ ހިތްވަރު. މާދަން އުތުރަށް އޮތް ކެމްޕޭން ދަތުރަށް އަހަރެން ފުރަން ޖެހޭނެ. އެ ދަތުރު ނިންމާފަ އައިސް އަހަރެމެންގެ ޒީވާއަށް އެހެން ހެދި ބަޔަކު ހޯދާނަން. މީ އެކަކުގެ ކަމެެއްހެނެއް ހިއެއްނުވޭ. ކަރަންޓުދިޔަ ގަޑިއާ އެގަޑިއާ ދިމާވުންވެސް މިއީ އިއްތިފާގެއް ނޫން" ނާޝިދު ވާފިޔާގެ ބޮލުގައި ފިރުމައިލިއެވެ. ވާފިޔާ ނާޝިދުގެ ވާހަކައަށް ބޯ ޖަހައިލިއެވެ.
"ދަރިފުޅާ. ހިނގާ ފެންވަރާލަން ދޯ. އަޅެ ހިތްވަރު ކޮށްފަ ތެދުވަން މަސައްކަތްކޮށްބަލަ" ވާފިޔާ ކަރުނަތައް ފުހެލަމުން ޒީވާ ގާތަށްގޮސް ވާހަކަ ދެއްކިއެވެ.
"ދޮންތީ. ފެންވަރާލައިގެން ކުޑަކޮށް ނިދާލަން ހިނގާބަ" އިޝްވާވެސް ޒީވާއަށްހިތަވަރު ލައިދިނެވެ.
ވާފިޔާގެ އިތުރުން އިޝްވާގެ އެހީތެރިކަމާއެކު ޒީވާ ގޮނޑިން ތެދުވެ ސިޑިއާ ދިމާލަށްމިސްރާބު ޖެހިއެވެ. ކޮޓަރިއަށްވަނުމަށްފަހު އިޝްވާ މަޑުކުރަން އުޅުނު ނަމަވެސް ޒީވާ އެކަނިވެލަން ބޭނުން ކަމުގައި ބުންޏެވެ.
އިޝްވާ ދިޔުމާއެކު ޒީވާގޮސް ކޮޓަރީގައި ހުރި ދިގު ލޯގަނޑުގެ ކުރިމަތީގައި ހުއްޓުނެވެ. އަދި ގައިގައި އޮޅާލައިފައިވާ ބޮޑު ފޮތިގަނޑު ނައްޓައިލަމުން ލޯގަނޑުން ފެންނަމުންދިޔަ ވީދިފައިވާ ޔުނީފޯމަށް ނަޒަރު ހުއްޓައިލިއެވެ. ހިނގައިދިޔަ ކަންތައްތަކުގެ ހިޔާލުން ސިކުނޑި ފުރި މޭނުބައިކުރަން ފެށުމާއެކު ޒީވާ އަވަސް އަވަހަށް ފާހަނައާ ދިމާލަށް ދުއްވައިގަތެވެ.
4 ގަޑިއިރު ކުރި
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އަޅެ ވަރަށް ދެރަވެއްޖެ. ޒީއަށް އެހާބޮޑު ދެރައެއް އެދިނީ ކާކުބާ. ކޮބާތަ ރިއާން. ރިއާންއަށް ޒީގެ ހާލު އެނގިއްޖިއްޔާ މަޑުން ހުރެވޭނެބާ… ރާހިލް އުޅޭގޮތުން ހީވަނީ ބޮނޑިއެއް ނުލިބެނީސް މައިތިރި ނުވާނެހެން. ވަރަށް ރީތި މިބައިވެސް. ދެންއޮތް ބައިގެ އިންތިޒާރުގައި…
ޝުކުރިއްޔާ ނޫރް. އަޅެ ކުރިއަށްހުރި ބައިތަކުގަ ވާގޮތް ބަލާލަމާދޯ❤️
ވާހަކަ ވަރަށް ސަޅި! ޓީމް ރިއާން�️
ކޮބާ ފަސްވަނަބައިގ ހައްވަނަބައި
ނޫހުގެ ސާޗްބައިގަ ވާހަކައިގެ ނަން ޖަހާލީމަ ހުރިހާ ބައެއް ފެނިގެންދާނެ