ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބިޔަ މަޝްރޫޢުތަކަކަށް ޗައިނާގެ ކުންފުނިތަކުގެ އެހީ ހޯދަން މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ވަނީ ހުޅުވާލާފައެެވެ.
ރައީސް މުއިއްޒު އިއްޔެ އިފްތިތާޙް ކޮށްދެއްވި ފޯރަމްގައި ހުޅުވައިލި މަޝްރޫޢުތަކުގެ ތެރޭގައި:
- ޕޯޓް ތިލަފުއްޓަށް ބަދަލު ކުރުން
- ރަސްމާލެ ތަރައްގީ ކުރުން
- އިހަވަންދިއްޕޮޅު އިންޓެގްރޭޓެޑް ޕްރޮޖެކްޓް
- ތިނަދޫ-ކާޑެއްދޫ ލިންކް
- އައްޑޫ ހިތަދު އާއި ހުޅުމީދޫ ލިންކް ރޯޑް
- އިޔާދަ ކުރަނިވި ހަކަތަ ޕްރޮޖެކްޓް
- ކުނި މެނޭޖް ކުރުމުގެ ޕްރޮޖެކްޓް
- ވީއައިއޭ ތަރައްގީ ކުރުން
- 15 އެއާޕޯޓެއް ތަރައްގީ ކުރުން
- އެސްއީޒެޑް ފުޅާކުރުމުގެ ޕްރޮޖެކްޓްތައް
- މަގު ހެދުމުގެ މަޝްރޫއުތައް
މި ފޯރަމްގައި ވަނީ ކޮންމެ މަޝްްރޫޢެއްގެ ޕްރެޒެންޓޭޝަނެއް ދެއްވައި، ކަމާ ގުޅުން ހުރި ހަތަރު ވަޒީރަކު މަޢުލޫމާތު ޙިއްސާކުރައްވާފައެވެ. ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތޮލިބު ވިދާޅުވީ މައިގަނޑު އެ ޕްރޮކްޓްތަކުގެ އިތުރުން މަގުތައް ހެދުން ފަދަ ޕްރޮޖެކްޓްތަކަށް ވެސް ހުށަހެޅޭނެ ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދަން ހުށަހަޅާ ބިޒްނަސް މޮޑެލްތަކަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.
ފޯރަމް ފައްޓަވައިދެއްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ކުރީގެ މެރިޓައިމް ސިލްކް ރޯޑް ޒަމާނުން ފެށިގެން ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ދަމަހައްޓަމުން އަންނަ ގާތްގުޅުމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި ޗައިނާއަކީ ރާއްޖެއާ އެންމެ ގާތް ރަހުމަތްތެރި ގުޅުމެއް އޮންނަ އެއް ޤައުމުގެ އިތުރުން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޗައިނާގެ ރައީސް ޝީ ޖިންޕިން ގެ އިސްނެންގެވުމުގެ މަތިން ކުރިޔަށްގެންދަވާ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގައި ރާއްޖެއިން 2014 ވަނަ އަހަރު ބައިވެރިވެ، އޭގެ ނަތީޖާއެއްގެ ގޮތުން ޢުމްރާނީ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކެއް ރާއްޖެއަށް ފަހިވެގެން ދިޔަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖޭގެ މައި އެއަރޕޯޓާއި ވިޔަފާރި ބަނދަރު ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަސައްވުރެ ހާމަކުރައްވަމުން، އެ މަޝްރޫޢުތައް ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްއާ ގުޅިގެން ކުރިޔަށްގެންދެވޭނެ ގޮތްތައް ހޯއްދެވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވިއެވެ. ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޓް އެގްރިމެންޓުގެ މައްޗައް އަލިއަޅުވާލައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެޤައުމުގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުވެގެންދާނެކަމަށާއި، އަދި ޚާއްޞަކޮށް ރާއްޖެއިން މަހުގެ ބާވަތްތައް ޗައިނާއަށް އެކްސްޕޯޓްކުރާ މިންވަރު އިތުރުވެގެންދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން އެންމެ އިސްކަމެއް ދީގެން ހާޞިލްކުރަން ބޭނުންފުޅުވާކަމަކީވެސް މަހުގެ ބާވަތްތައް ރާއްޖެއިން އެކްސްޕޯޓް ކުރާ މިންވަރު އިތުރުކުރެވޭނެ ގޮތްތައް ހޯދުންކަމަށެވެ. ކުރިއެކޭ އެއްގޮތަށް ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓަށް ހެދުމަށް މަސައްކަތް ކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި، ހުޅުމާލޭގެ އާބަން އައިލްގައި ތަރައްޤީކުރާ "ކޮމާޝަލް ސްޕައިން" މަޝްރޫޢު ޗައިނާގެ ހުނާން ކުންފުންޏާ ވަނީ ހަވާލުކޮށްފައެވެ. "ކޮމާޝަލް ސްޕައިން" މަޝްރޫޢުގައި ހިމެނެނީ ގުޅިފައިވާ ހަތް އިމާރާތެވެ. އެއީ 6 ކޮމާޝަލް އިމާރާތާއި ސަޕޯޓިން އިމާރާތެކެވެ. އެތަންތަނުގައި ރީޓެއިލް ފިހާރަތަކާއި ވެލްނެސް ޚިދުމަތްތަކާއި އެންޓަޓެއިންމެންޓް ޚިދުމަތްތަކާއި ބޭންކިން ޚިދުމަތްތައް ތަރައްޤީކުރެވޭނެއެވެ. މިމަޝްރޫއަށް 50 މިލިއަން ޑޮލަރު ނުވަތަ 771 މިލިޔަން ރުފިޔާ ޚަރަދުވެއެވެ. ހުނާން ކުންފުންޏާ މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 2 އަހަރުދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. ކޮމާޝަލް ސްޕައިން މަޝްރޫޢު ތަރައްޤީކުރަނީ 290،000 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މިމަޝްރޫޢުގެ ދަށުން އިމާރާތްތައް ހަދަނީ 3-4 ފަންގިފިލާއަށެވެ. ގުޅުވާލައިގެން ހަދާ މި 7 އިމާރާތް ވާނީ ރާއްޖޭގައި އާކިޓެކްޗަރއިން އެންމެ ފާހަގަކޮށްލެވޭ އިމާރާތަށެވެ. މިމަޝްރޫއަށް "ސްޕައިން"ގެ ނަން ދީފައިވަނީ އެއިމާރާތްތައް ގުޅާލާފައިވާތީއެވެ. އެޗްޑީސީން ވިދާޅުވީ، މިމަޝްރޫޢު ނިމުމުން މިސަރަހައްދު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު ކޮމާޝަލް ޒޯނަށްކަމަށެވެ. އަދި މަޝްރޫޢުގެ ތަރައްޤީވެގެން އަންނައިރު ހުޅުމާލޭގައި ގެސްޓްހައުސް ޓޫރިޒަމް ފުޅާވާނެ ކަމަށްވެސް އެޗްޑީސީން ބުނެއެވެ. އަދި އިމާރާތްތައް ނިމުމުން ވިޔަފާރިތަކަށް އެ އިމާރާތްތައް ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެޗްޑީސީން ވިދާޅުވާ ގޮތުގައި، "އާބަން އައިލް" ތަރައްޤީކުރަނީ އިންޓަރގްރޭޓެޑް ޓޫރިޒަމް ޒޯނެއްގެ ގޮތުގައެވެ. އެގޮތުން ޓޫރިޒަމް ބުޓީކްތަކާއި ހޮޓާތަކަށް ބޭނުންވާ ޚިދުމަތްތައް މިތަނުގައި ތަރައްޤީކުރެވޭނެއެވެ. މިއާއެކު ވަޒީފާގެ ގިނަ ފުރުޞަތުތައް އުފެދިގެން އަންނާނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.
އިންވެސްޓްމަންޓް ފޯރަމަށް ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި، މަޝްރޫއުތައް ޙަޤީޤަތަކަށް ހެދުމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ, އޭނާ ވެސް އަދި ރައީސަކީ ވެސް ޗައިނާއާ ގާތް ގުޅުން ބޮޑު ބޭފުޅުންތަކަކަށް ވާތީއާ އެކު, ޗައިނާގެ ސަރުކާރާއި އެ ގައުމުގެ ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ރައީސް ޑރ. މުއިއްޒާއި ދިވެހި ސަރުކާރަށް ވަރަށް ބޮޑު ކަމަށެވެ. ޗައިނާގެ ޓޫރިސްޓުން ރާއްޖެ އަށް އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަން ފުޖިއާން ޕްރޮވިންސްގެ ގަވަރުނަރު ވިދާޅުވިކަމަށް ސައީދު ފާހަގަކުރެއްވިއެވެ.
”ޗައިނާ އިން މި ދައްކަނީ ދުނިޔެ އަށް ނަމޫނާއެއް. އެހެން ފައިދާއެއް ނުނަގައި ކުދި ގައުމުތަކާ އެކު ވެސް ބޮޑެތި, ބިޔަ މަޝްރޫއުތަކަށް ކޯ އެކްޒިސްޓް ވެވިދާނެކަން.“ މިނިސްޓަރ ވިދާޅުވިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންވެސްޓްމަންޓް ފޯރަމް ބާއްވަން ރައީސް ޑރ. މުއިއްޒު ކޮންމެހެން ވެސް ބޭނުންފުޅުވީ ކަމަށާއި، ރައީސް ޑރ. މުއިއްޒުގެ ވެރިކަމުގެ މިހާ ކުރު މުއްދަތުގެ ތެރޭގައި އެހާ ކާމިޔާބު އިންސްޓްމަންޓެއް ފޯރަމެއް ބޭއްވުނީ ސައީދު ވިދާޅުވި ގޮތުގައި ޗައިނާގެ ސަރުކާރާއި ފުޖިއާން ޕްރޮވިންސްގެ އިސްވެރިންނާއި ބޮޑެތި އިންވެސްޓަރުންގެ އިތުބާރު ބޮޑުކަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރައްވާ ދަތުފުޅުގައި އެ ޤައުމުގެ ރައީސް ޝީ ޖިންޕިންއާ މިއަދު ބައްދަލުކުރައްވައި ދެ ޤައުމުގެ ރަސްމީ ވާހަކަތައް ބާއްވަވާނެއެވެ. އަދި ބައެއް އެއްބަސްވުންތަކުގައި ސޮއިކުރާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ.
މިއީ އުއްމީދީ ދަތުރުފުޅެކެވެ. އަދި މިކަމުގައި ރައީސް ޑރ. މުޢިއްޒުގެ ތަަސައްވުރު ވަނީ ހާމަކުރައްވާާފައެވެ.
"ސްޓޭޓް ލެވަލްގައި އަޅުގަނޑު ކުރާ ފުރަތަމަ ދަތުރު ޗައިނާއަށް ކުރުމަކީ ޝީ ޖިންޕިންގ އާއި ޗައިނާގެ ރައްޔިތުންނަށް ރާއްޖެއިން އޮތް ކޮމިޓްމަންޓް ދައްކުވައިދޭ ހެއްކެއް. އެއްވެސް ޝައްކެއް ނެތް ޗައިނާ ވާނީ އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ގާތް ޕާޓްނަރަށް." މި ފޯރަމްގައި ރައީސް ވިދާޅުވިއެވެ.
މި ދަތުރުފުޅު ކާމިޔާބުވުމަށް އެމަނިކުފާނު ކުރައްވަނީ ވަރަށް ބޮޑު އުއްމީދެކެވެ. މިހެން މިކަން އޮއްވައި، ރާއްޖޭގެ ރައީސުން ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީ އިންޑިޔާއަށެވެ. ނަމަވެސް، އެކަން ބަދަލު ކުރައްވައި، ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ފުރަތަމަ ވަޑައިގަތުމަކީ ތަރައްޤީގެ ބިޔަ މަޝްރޫޢުތަކަށް ހުޅުވާލެވިގެންދާނެ ދޮރެއް ކަމުގައި ދެކެމެވެ. އެހެނީ، ޗައިނާ އާއި ރާއްޖޭގެ ވިޔަފާރި ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމަށް، ފްރީ ޓްރޭޑް އެގްރީމަންޓަށް އަމަލު ކުރަން ފަށާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާއިރު، އެފްޓީއޭއަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާ އާއެކު އުފެދިގެން ދިޔަ ވަރުގަދަ ގުޅުމުގެ ތެރެއިން ސޮއިކޮށް އަދި މަޖިލީހުން ވެސް ފާސް ކޮށްފައިވާ އެއްބަސްވުމެކެވެ. އެކަމުގެ ސަބަބުން ރާއްޖޭގައި އެތަކެއް ބިޔަ ބޮޑު މަޝްރޫޢުތަކެއް ކުރިއަށް ގެންދެވުނެވެ. އެހެންނަމަވެސް، ރައީސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާ ހަވާލުވި ގޮތަށް އެ އެއްބަސްވުން ރިވިއު ކުރުމުގެ މަސައްކަތްފަށައި، އެކަމަށް މާ ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާފައެއް ނުވެއެވެ. އަދި ރައީސް ޞާލިޙް މުޅިންހެން ބަރޯސާވީ އިންޑިޔާއަށެވެ. ނަމަވެސް މާޒީއަށް ބަލާއިރު ޗައިނާއިން ރާއްޖޭގައި ހިންގާފައިވާ ކާމިޔާބު މަޝްރޫޢުތަކާމެދު ރައްޔިތުންގެ އިތުބާރު ވަނީ ލިބިފައެވެ. ސިނަމާލެ ބުރިޖުފަދަ ހައުސިން މަޝްރޫޢުތައްފަދަ އެތައް މަޝްރޫއެއް ޗައިނާއިން ހިންގާފައިވަނީ ފުރިހަމަކަމާއި ކާމިޔާބުކަމާ އެކުގައެވެ.
ވަކި ޤައުމެއްގެ އަތްދަށުގައި އޮތުމުގެ ބަދަލުގައި، ޒަމާނީ ތަރައްޤީ ގެނެސްދެވޭނެ ބައިވެރިންނާއެކު ކުރިއަށް ދިއުމަށް ރައީސް ޑރ. މުޢިއްޒު ބޭނުންފުޅުވެއެވެ. ހަމައެހެންމެ، އާރާއިބާރު ދައްކައި އިންޑިޔާ ކަނޑުގައި ބާރު ހިނގަނީ ތިމަންމެން ކަމަށް ދައްކަން އިންޑިޔާއިން ކުރަމުންދާ މަސައްކަތް ކާމިޔާބު ނުވާނެކަން މިދަނީ ފެންނަމުންނެވެ.
ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތަކީ ޕްރޯ މޯލްޑިވްސް ސިޔާސަތެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫ ނާރާނެ ގޮަތަށް ކޮންމެ ޤައުމަކާވެސް ގުޅުން ބަދަހިކުރާނެ ސިޔާސަތެވެ. އަދި މި ހުދޫދުގެ ތެރެއިން ރާއްޖެއަށް ތަރައްޤީ ގެނައުމަށް އިސްކަންދޭނެ ސިޔާސަތެވެ. އިތުބާރުގެ މައްޗަށް ބިނާ ކުރެވޭނެ ސިޔާސަތެވެ.


