ރާއްޖޭގައި އިންޑިއާގެ ސިފައިން އޮޕަރޭޓު ކުރަމުން ދިޔަ، ހެލިކޮޕްޓަރުގެ ތެރެއިން އައްޑޫގެ ޑޯނިއާ ބެލެހެއްޓި ސިފައިން ރާއްޖެ ދޫކޮށް ފުރައިފިއެވެ.
އައްޑޫގައި ހަރަކާތްތެރި ވަމުން ދިޔަ އޮފިސަރުން ރާއްޖެ ދޫކޮށް، އިންޑިއާއަށް ފުރާފައިވާކަން ގައުމީ ދިފާއީ ބާރުން ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
އެހެންކަމުން، ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުން ދެން އެ މަސައްކަތާއި ހަވާލުވުމަށް ރާއްޖެ އަންނާނީ، އެ ގައުމުގެ ސިވިލިއަނުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައެވެ.
އިންޑިޔާ ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސް މުއިއްޒުގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ. އެންމެ ފަހުން ސަރުކާރުން ދިން މައުލޫމާތުތަކުގައި ބުނީ، ސިފައިންގެ އަދަދަކީ 88 ކަމަށާއި އެ އަދަދަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށެވެ.
ހައިލެވެލްގެ މަޝްވަރާތަކަށްފަހު، އިންޑިއާ އާއި ރާއްޖެ އެއްބަސްވެފައި ވަނީ އިއްޔެގެ ނިޔަލަށް އައްޑޫގައި ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ފޭބުމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި 10 ގެ ނިޔަލަށް ފައިބަން ވަނީ އެއްބަސްވެފައެވެ. އިންޑިއާ ސިފައިން ދެން ތިބީ ހދ. ހަނިމާދޫ އާއި ލ. ކައްދޫގައެވެ. މިއީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ދުއްވުމަށާއި އެ އުޅަނދުތަކުގެ ޓެކްނިކަލް މަސައްކަތް ކުރުމަށް ތިބި ސިފައިންނެވެ. އިންޑިއާގެ ސިފައިން ފޮނުވާލާނެކަމަށް ސަރުކާރުން ބުނި ނަމަވެސް، އެ މީހުންގެ ބަދަލުގައި ދެން އަންނަނީ ސިވިލިއަނުން ނުވަތަ މަދަނީ ބައެކެވެ.


