ފުރަން ނިކުންނަ ކޮންމެ ފަހަރަކު މަންމަ އައިސް ސަލާންކޮށްލާފައި "ދަރިފުޅާ، ހިތްހެޔޮކުރާތި!" މިހެން ބުނެއެވެ. ހަމަ މިބީދައިން ބައްޕަވެސް ބުނެއެވެ. ޢާއިލާ މީހުންވެސް މެއެވެ. މިއީ ޒަމާނުންސުރެ، ދިވެހީންގެ މެދުގައި އަށަގެންފައިވާ ރީތި އާދައެކެވެ. ހިތް ހެޔޮ ކުރާށޭ އެ ބުނަނީ ކީއްވެތޯއެވެ؟ އަރަނީ ދަތުރަށެވެ. ދެން ފެންނާނެ ކަމެއް ނޭނގެއެވެ. އެތައް ދުވަހެއް ފަހުންވެސް ފެނިދާނެއެވެ. ނޫނީ ނުފެނި ހުއްޓައި އަބަދުގެ އަބަދަށްވެސް ދާންޖެހިދާނެއެވެ. އެއަށްވުރެ ބޮޑު ކަމަކީ، ހިތްހެޔޮ ކަމާއި މާފުކުރުމުގެ ރިވެތި ސިފަ މިކަމުން ރަމްޒުކޮށްދޭތީއެވެ. ދިވެހިންނަކީ ހިތްހެޔޮ ބައެކެވެ. ހަމައެހެންމެ، ޚާލިޞް ހިތަކާއެކު މާފުކުރުމަށް ލޯބި ކުރާ ބައެކެވެ.
މިއާދައަކީ ދިވެހީންގެ ސަޤާފީ އާދައެއް ނަމަވެސް، އަދި ކިއެއްތަ އަޚްވަންތަ ޢާއިލީ ގުޅުމުގެ ތެރެއިން ވާސިލުވި ކަމެއް ނަމަވެސް، މިކަމަކީ ދަމަހައްޓަންޖެހޭ ރަނގަޅު ކަމެއް ކަމަށް ދެކެމެވެ. މިހާރަކަށް އައިސް މިޖީލުގެ މެދުން މިފަދަ ކަންކަން ނެތި ދާތީ ހިތާމަކުރާންޖެހެއެވެ.
މި ހިނދުން، ހިތްހެޔޮ ކަމުގެ ފުންކަނޑަށް ފީނާލާނަމެވެ.
އިސްލާމީ ދަންމަރުގެ އަލި ދޯދިތަކުން އަލިކޮށްދޭ މަގަކީ ހިތާއި ނިޔަތުގެ މައްޗަށް ބިނާވެގެންވާ މަގެވެ. އެހެނީ، އެމަގުން ހިނގައިފިނަމަ، ހިތް ހެޔޮކޮށްފިމީހާގެ ހިތަށް ރަޙްމަތާއި މަޣުފިރަތު ލިބޭނެއެވެ. ފަހެ، ސަލާމަތްވެގެންވާ ހިތަކީ ﷲ ޚަބަރު ދެއްވާފައިވާ ކަންކަމާ ތަޢާރުޟުވާ އެންމެހާ ޝުބުހަތަކުން ސަލާމަތްވެގެންވާ ހިތެވެ. އަދި ﷲ އާ ދުރުކުރުވާ އެންމެހާ ޝަހުވަތްތަކުން ވެސް ސަލާމަތްވެގެންވާ ހިތެވެ. ސަލާމަތްވެގެންވާ ހިތްތަކަކީ ތަޤުވާވެރިކަމާއި އީމާންތެރިކަމުން ފުރިފައިވާ ހިތްތަކެކެވެ. އަދި އެހިތްތައް ފުރިގެންވަނީ ހެޔޮކަމާއި އިޙްސާންތެރިކަމުންނެވެ. އަދި އެފަދަ ހިތްތަކެއްގެ ވެރިންވަނީ އެންމެހާ ރިވެތި އަޚްލާޤުން ޒީނަތްތެރިވެގެންނެވެ. އަދި އެބައިމީހުންގެ ދިރިއުޅުމުގައިވާނީ ޠާހިރުކަމާއި އެހެން މީހުންނަށް ހެޔޮއެދުމެވެ.
އާދޭހެވެ. މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތައް ލިބިގެންވަނީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންނެވެ. އެބޭކަލުންނީ އެބޭކަލުންގެ ޤައުމުގެ މީހުންނާއި އުންމަތުގެ މީސްތަކުންނަށް ހެޔޮކަން ލިބުމަށް އެންމެ ބޮޑަށް ލޯބިކުރެއްވި ބޭކަލުންނެވެ. އެބައިމީހުންނަށް ނަސޭހަތްތެރިވެލެއްވުމާއި އިރުޝާދުދެއްވުމާއި އުނގަންނައިދެއްވުމާއި ހެޔޮމަގު ދެއްކެވުމުގައި އެބޭކަލުންގެ ނަފްސުތައް ޤުރުބާންކުރެއްވިއެވެ.
ނިކަން ވިސްނާލަމާ ހިނގާށެވެ. ޔޫސުފުގެފާނާމެދު އެކަލޭގެފާނުގެ އަޚުން އެކުރެއްވި ކަންތަކަށް ފަހުގައިވެސް، އެއޯގާތެރި ކަލޭގެފާނު އެކަލޭގެފާނުގެ އަޚުންނަށް ވިދާޅުވި ބަސްފުޅުގެ ވާހަކަ މާތް ﷲ ވަނީ ޤުރުއާނުގައި އަޅުގަނޑުމެންނަށް ކިޔައިދެއްވާފައެވެ. ޔޫސުފް ސޫރަތުގެ 92 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "މިއަދު ތިޔަބައިމީހުންގެ މައްޗަކަށް މަލާމާތެއް ދެރަބަހެއް ނެތެވެ. ތިޔަބައިމީހުންނަށް ﷲ ފާފަފުއްސަވާށިއެވެ! އަދި އެއިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ."
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުންވެސް ފާޅުވެ ފެންނާންހުރި މިފަދަ ހެޔޮ މިސާލުތަކެވެ. މާތް ﷲ ވަނީ އެކަލޭގެފާނުގެ މޭފުޅު ތަނަވަސް ކޮށްދެއްވައި، އެކަލޭގެފާނުގެ ހިތްޕުޅު ސަލާމަތްތެރިކޮށްދެއްވައި، އަދި އެކަލޭގެފާނުގެ ނަފްސު ޠާހިރު ކޮށްދެއްވާފައެވެ. އުނދަގޫކުރެވޭނެ އެންމެ ބޮޑަށް އެކަލޭގެފާނަށް ވަނީ ދަޢުވަތުގެ މަގުގައި މީސްތަކުން އުނދަގޫކޮށްފައެވެ. ދުއްތުރާތައް ކުރިމަތިކޮށްފައެވެ. ހަށިކޮޅަށް ގެއްލުން ދީފައެވެ. އެއާއެކުވެސް އެކަލޭގެފާނު ވެވަޑައިގެންނެވީ މީސްތަކުންގެ ތެރެއިން ސަލާމަތްވެގެންވާ ހިތުގެ ވެރިޔާއަށެވެ. އަދި އެބައިމީހުންގެ ތެރެއިން އެންމެ ޢަފޫކުރައްވާ ފަރާތަށެވެ. އަދި ނަބީބޭކަލުންނަށްފަހު، މީސްތަކުންގެ ތެރެއިން އެންމެ ޠާހިރު ހިތްތަކުގެ ވެރިންނަކީ ޞަޙާބީންނެވެ.
ޚާލިސް ހިތަކާއެކު ހިތް ހެޔޮކަމާއެކު މާފުކުރުމަކީ ރިވެތިވެގެންވާ ހެޔޮ މިސާލެވެ. ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. "ޢަފޫ ކުރުމަކީ އެންމެ މޮޅު ގޮތެވެ. ތިބާގެ ސަބަބުން ތިބާގެ މުސްލިމު އަޚާއަށް ޢަޛާބު ދެއްވުމުން، އެކަމުން ތިބާއަށް ފައިދާއެއް ނުކުރާނެއެވެ! ނަމަވެސް އޭނާއަށް މާފުކޮށް ޢަފޫކޮށްފިނަމަ، ﷲ ވަޢުދުވެވޮޑިގެންފައިވާ ފަދައިން ތިބާއަށް ފާފަ ފުއްސަވައިދެއްވާނެއެވެ."
އެއީ މިއާޔަތުގައިވާ ފަދައިންނެވެ. މާނައީ: "އަދި އެބައިމީހުން ޢަފޫކޮށް މާފުކުރާހުށިކަމެވެ! ﷲ ތިޔަބައިމީހުންނަށް ފާފަފުއްސެވުމަކަށް ތިޔަބައިމީހުން ނޭދެމުހެއްޔެވެ؟ ﷲ އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ." (ނޫރު ސޫރަތުގެ 22 ވަނަ އާޔަތް)
ހިތުގައި ފޮރުވާފައި ހުންނަ ނުރުހުންތެރިކަމާއި ރުޅިވެރިކަމާ އަދި ޙަސަދައަކީ އަބާއްޖަވެރިވުމުގެ ސަބަބެއްކަމުގައި ވުމުން، މާތް ﷲ ވަނީ ސުވަރުގެ ވަންތަވެރިން ސުވަރުގެއަށް ވަންނައިރު އެސިފަ އެބައިމީހުންގެ ކިބައިން އެއްކިބާ ކުރައްވާފައެވެ. ސަލާމަތް ހިތުގެ ވެރިއަކަށް މިދުނިޔޭގައި ވުމީ އާޚިރަތުގެ ނިޢުމަތް ލިބުމުގެ ކުރިން މިދުނިޔޭގެ ނިޢުމަތް ލިބޭނެކަމެކެވެ.
މުސްލިމުންނަށް ދިމާވާ ކަންކަމުގައި ހިތާމަކޮށް އެމީހުންނަށް ދިމާވާ ތަދު އިޙްސާސްކޮށް، އެބައިމީހުންނަށްޓަކައި ދުޢާކޮށްދީ ހެދުމަކީ ތިބާގެ ހިތް ޠާހިރުވެގެންދާނެކަމެކެވެ. އަދި ﷲއާ މެދު ރުހިގެންވާމީހަކަށް އޭގެ ސަބަބުން ތިބާ ވެގެންދާނެއެވެ. ހިތް ޠާހިރުނުކޮށް ޤިޔާމަތްދުވަހު ސަލާމަތްކަމެއް ނެތެވެ.
ހިތް ސާފުކޮށް ބޭއްވުމަކީ ހެޔޮކަމުގެ މަތިވެރި ސިފައެކެވެ. އަޅުގަނޑުމެން އެކަމަށް ސަމާލުކަން ދިނުމީ ވަރަށް މުހިންމުކަމެކެވެ. އިޚްލާޞްތެރިކަމާއި ވެރިންނަށް ކިޔަމަންވެރިވުމީ ހިތް ރަނގަޅުވާކަމެކެވެ. ހިތް ރަނގަޅުވުމުގެ އެންމެ ބޮޑު އެއްސަބަބަކީ ﷲ ތަޢާލާގެ ފޮތް ކިޔަވާ، އެދަސްކޮށް، އޭގެ ޢިލްމު އުނގެނި އަދި އެއާމެދު ވިސްނާ ފިކުރުކުރުމެވެ. ﷲގެ ފޮތާ އޭނާ ގާތްވި ވަރަކަށް އޭނަގެ ހިތް ރަނގަޅުވެ ސަލާމަތްވެއެވެ.
ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގެ މާނައިގައިވެއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރައްބުގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި، ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި، މުއުމިނުންނަށް ތެދުމަގަކާއި، ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."
ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ޢިބްރަތް ލިބިގަނެ، އެކަލޭގެފާނުގެ ސަޙާބީންގެ އުޅުއްވުންތަކުން ޢިބްރަތް ޙާސިލުކޮށްފި މީހެއްގެ ހިތުގައި ބިންވަޅު ނެގިގެންދާނީ، ހިތްހެޔޮކަމުގެ މަތިވެރި ސިފައެވެ. ހިތްހެޔޮ ކުރުމުގެ ރިވެތި ގޮތްތަކެވެ. މިކަމުން އަލިކޮށްދޭނީ، ސަލާމަތްވެގެންވާ ހިތުގެ ވެރިޔަކަށް ވުމަށް ގިރާކުރަންޖެހޭ ރާސްތާ މަގެވެ.



