"އެންމެފަހުން އަހަރެން ދޯ މި ގޯސްވީ މިކަމުގަވެސް." ރާހިލް ބޯ ހޫރައިލިއެވެ. އެދުވަހުގެ ބާކީބައި ރިއާން މަސައްކަތުން ސަލާމަތް ނުވާނެކަން އެނގުމާއެކު އޭނާ އެތަނުގައި މަޑުނުކޮށް ގެއަށް ދިޔައީ ލިބުނު ހަބަރާމެދު ހައިރާންވެފައިވާ ހާލުގައެވެ.
****************
ޔާނާއާއީ ރާއީ ގޮވައިގެން މާލޭގެ މަގުތަކުގައި ހިނގަމުންދިޔަ ޝައިނާއާއި އިޝްވާ ކޮންމެ ފިހާރައަކުން ނުކުންނައިރު އަތުގައިހުރި ކޮތަޅުތަކަށް ކޮތަޅެއް އިތުރުވެލައެވެ. މިގޮތުގައި ދުވަހުގެ ބޮޑުބައި ހޭދަކުރެވުނުއިރު ޔާނާއާއި ރާއީގެ ސްކޫލާގުޅޭ ހުރިހާ އެއްޗެއް ހޯދައި ނިންމައިލެވިއްޖެއެވެ. އެހެންކަމުން އެމީހުން ދެން ހެދުން ވިއްކާ ފިހާރައަކަށްވަނީ ޝައިނާ ވައުދުވި ފަދައިން އިޝްވާއަށް އޭނާގެ ފަރާތުން ހަދިޔާއެއް ދިނުމަށެވެ.
"މިތަނުން އިޝްކޮ ބޭނުން ހެދުމެއް ނަގާ. އޯކޭތަ؟ އިޝްކޮ ބޭނުމިއްޔާ އެހެން ފިހާރައަކަށްވެސް ދެވިދާނެ" ޝައިނާ ބުންޏެވެ.
"އެހެން ފިހާރައަކަށް ދަނީ ކީއްކުރަން؟ އިޝީ ލީމަ އެކައްޗެއްވެސް ރީއްޗެއް ނުވާނެ" އިޝްވާ ހުރީ އަދިވެސް ގެއިން ނުކުތްއިރު ހުރި ފުސް މޫނައިގެނެވެ.
"އެއްކަލަ އިޝްކޮ. ދެން ރީތިތޯ ހަޑިތޯ ނިންމާނީ އަހަރެން. ދޭބަލަ މިތަނުން ދެތިން ހެދުން ލާފަ ބަލައިލަން. މަޑުކުރޭ އަހަރެންވެސް ދައްކާނަން ބައެއް ހެދުން" ޝައިނާ އިޝްވާ ގޮވައިގެންގޮސް އެތަނުން ދެ ހެދުމެއްވަރު ނަގައިފައި ދިނުމުން އިޝްވާވެސް އަމިއްލައަށް ގަޔާވި ދެތިން ހެދުން ހިފައިގެން ގޮސް ފިޓިންގްރޫމަށް ވަނެވެ. އޭނާ ފަހަރަކު ހެދުމެއް ލައިފައި ޝައިނާމެންނަށް ދައްކައިލުމާއެކު ޝައިނާގެ ފާޑުކިޔުމާއި ތައުރީފުގެ ބަސްތައް އިވެއެވެ. ޔާނާމެންވެސް އިޝްވާގެ ހެދުންތަކަށް ފާޑުކިޔަމުން ދިޔައެވެ.
"ނޫން. ތި ކުލަ އިޝީ އަކާ އެހާ ނުގުޅޭ ނެކްސްޓް" ޝައިނާ އެހެން ބުނުމުން އިޝްވާ އަނބުރައިލައިފައިގޮސް ފިޓިންގްގެ ތެރެއަށްވަނީ އޭނާ ގެނައި ފަސް ހެދުމުގެ ތެރެއިން އެންމެ ފަހު ހެދުން ހެޔޮވަރު ކޮށްލުމަށެވެ. އޭނާ އެ ހެދުމާއެކު ބޭރަށް ނުކުތުމުން މިފަހަރު އިވުނީ ތައުރީފުގެ ބަސްތަކެވެ.
"ވާއު. ވަރަށް ވަރަށް ވަރަށް ރީތި. އިޝްކޮއާ ވަރަށް ގުޅޭ. ދޯ ދަރިފުޅޫ" ޝައިނާ ކައިރީގައިހުރި ޔާނާއަށް ދޯ ދިނެވެ.
"ޔެސް އިޝީ އާންޓީ. ސޯ ޕްރިތީ" ޔާނާ އެއްބަސްވިއެވެ. އެއާއެކު އިޝްވާގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ތި ހެދުމާ ދެވަނައަށް ޓްރައި ކުރި ހެދުމާ އެންމެ ގުޅެނީ. އެ ދޭތި ނަގަންވީނު؟ އިޝީ ކީކޭ ބުނަނީ؟" ޝައިނާ އަހައިލިއެވެ.
"ސިސްއަށް ފެންނަ ގޮތެއް. ސިސްއަށްވުރެން ރަނގަޅަށް އަހަރެންނަކަށް ހެދުމާގުޅޭ ކަންކަމެއް ނޭނގޭނެ" އިޝްވާ ބުންޏެވެ. ޝައިނާ އަދިވެސް އެއްފަހަރު އެ ދެހެދުން އިޝްވާއާ "ވަރަށް ގުޅޭ" ކަމުގައިބުނެ އެ ދެހެދުމަށް ފައިސާ ދެއްކުމަށްފަހު ފިހާރައިން ނުކުތެވެ. ދެން އެމީހުންގެ މަންޒިލަކަށް ވާނީ ގެ ކަމުގައި އިޝްވާއަށް ހީކުރެވުނު ނަމަވެސް އެއީ މުޅިން ގޯސް ހީއެއްކަން އޭނާއަށް ޔަގީންވީ ރާއީގެ އަތުގައި ހިފައިގެން ހުރެ ޝައިނާ ގެ ހުންނަ ދިމާލާ އިދިކޮޅަށް ހިނގައިގަތުމުންނެވެ. އިޝްވާވެސް ޔާނާގެ އަތުގައި ހިފައިގެން ޝައިނާގެ ފަހަތުން ހިނގަމުންދިޔައެވެ. ޝައިނާ ގޮސް ވަނީ އެމަގަށް ވާގޮތަށް ދެތިން ގޯޅި ދޫކުރުމަށްފަހު ދެން ޖެހުނު ގޯޅިއެއްގެ ކަންމަތީގައިހުރި ފިރިހެނުންގެ އަންނައުނު ވިއްކާ ފިހާރައަކަށެވެ.
"ސިސް ކީއްކުރަން މިތަނަށް ތި ވަނީ؟" އިޝްވާ ހައިރާންވެފައި އަހައިލިއެވެ.
"މިއީ.. މިއީ މިހެން ދަނިކޮށް މި ފިހާރަ ފެނުނީމަ ވަދެލީނު. ހަމަ ބަލާލަނީ މިއީ. އަހަރެން ކުރީ ދުވަހަކު ރިއާން ބުނެގެން ޒީވާއާއެކު މިތަނަށް އައީމޭ ރިއާންގެ ކޮންމެވެސް ސޫޓަކަށް ކަފްލިންކްސް ގަންނަންވެގެން" ޝައިނާ ބުންޏެވެ.
"އޯހް. ދޮންތި ބުނެގެން ރިއާންބެއަށް އެއްޗެއް ގަންނަންތަ ތި އައީ. ރިއާންބެ ދެއްކި ތަނެއްދޯ މިއީ. އެހެންވިއްޔާ ގޯހެއް ނުވާނެ. އެކަމަކު ސިސް ވިސްނައިގެން ނަގާ އެއްޗެއް ނަގައްޗޭ. ފިސާރި ފޮނި މީހެއް އެއީ" އިޝްވާ ބުންޏެވެ.
"އިޝްކޮވެސް ބަލާލަބަލަ. އޭރުންނެއްނު މީހަކަށް ގިފްޓެއް ދޭން ޖެހުނަސް އެނގޭނީ." ޝައިނާ އެތަނުގައި ހުރި ތަކެއްޗަށް ބަލައިލަމުން ބުންޏެވެ.
"އަހަރެން ކާކަށްތަ މިކަހަލަ ގިފްޓް ދޭނީ؟" އިޝްވާ ފާޑަކަށް އެ ފިހާރައިގެ އެތަން މިތަނަށް ކަޅި އުކައިލިއެވެ.
"ސާބަސް. ދެން ތި މޫޑީކަން ފިލުވާލަބަ އިޝީ. ބަލާބަލަ ރީތިތަ މި ގަމީސް؟" ޝައިނާ އެތަނުގަހުރި ކޮނޑަކުން ނެގި ގަމީހެއް އިޝްވާއަށް ދައްކައިލިއެވެ.
"ބްލެކް އެއްނު. ރީތި ވާނެއެއްނު" އިޝްވާ ފަރުވާކުޑަ ގޮތަކަށް ބުންޏެވެ. އެއާއެކު ޝައިނާ އެ ގަމީސް ނަގަނީ ކަމުގައިބުނެ އޭނާގެ ކައިރީގައިހުރި ސޭލްސްމޭން އަތަށް އެ ގަމީސް ދިއްކޮށްލިއެވެ. އެމީހާ އަދަބު ވެރިކަމާއެކު އެ ގަމީސް ހިފަހައްޓައިލައިގެންހުރެ ޝައިނާގެ ފަހަތުން ހިނގައިގަތީ ބޫޓުތައް ހުރި ހަރުގަނޑާ ދިމާލަށެވެ. ޝައިނާ އެ ގަމީހާ ގުޅޭނެހެން ކަޅު ބޫޓަކާއި ފަޓުލޫނަކާއެކު އިތުރުން ފިހާރައިގެ މަތީ ފަންގިފިލާގައިހުރި މީރުވަސްދުވާ އަގުބޮޑު ސެންޓުފުޅިތަކުން ސެންޓު ފުޅިއެއްވެސް ހަމަކޮށްލިއެވެ. އިޝްވާއަށް ވަމުންދާގޮތް ރޭކައިލީ އެއީ ކާކު ޖަހާ ސެންޓެއްކަން އޭނާއަށް އެނގޭތީއެވެ. އޭނާ ވަގުތުން ޝައިނާއާ ދިމާކޮށްލަން ބޭނުންވި ކަމުގައި ވިޔަސް އެ ފުރުސަތު ނުލިބުނީ ޝައިނާގެ ފުލުން ނުނެއްޓި އުޅުނު ސޭލްސްމެންގެ ސަބަބުންނެވެ. ޝައިނާ މި ފިހާރައަށް ވަނީއްސުރެން އެމީހާ ޝައިނާގާތުން ދުރަށް ޖެހިނުލައި ހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ޝައިނާގެ ހިނިތުންވުމާއި ހިނގުމާއި ހެދުން އެޅުމުގެ ފާޑުވެރިކަން ފެންނަ ކޮންމެ މީހަކަށްވެސް ޝައިނާ ސިފަވާނީ މަހުޖަނެއްގެ އަނތްބަކު ފަދައިންނެވެ. އެފަދަ ޝާހީކަމެއް ޝައިނާގެ ފުރަތަމަ ފެނިލުމުންވެސް މީހުނަށް އިހުސާސްވާއިރު ޝައިނާ ވިޔަފާރި ކުރަމުންދިޔަ ގޮތުންވެސް ހީވަނީ އޭނާއަކީ ބޭންކް އެކައުންޓުގައި ލައްކައެއް ބަހައްޓައިގެން އުޅޭ މީހަކުހެނެވެ. މިއަދު ޝައިނާ އެ ފިހާރައިން ނުކުންނާނީ މުސާރައިގެ ބާކީބައި އެއްކޮށް ހުސްކޮށްލައިގެންކަން އިޝްވާއަށް އެނގުމާއެކު ދެފަރާތަށް ބޯ ހޫރައިލެވުނެވެ.
"އަން މި ޓައިވެސް ތި ހުރިހާ އެއްޗަކާ ވަރަށް ގުޅޭ. ނަގަންވީނު؟" ފައިސާދައްކަން ކައުންޓަރާ އަރައި ހަމަވި ވަގުތު އިޝްވާ އެތަނުގައި ހުރި ހަރުގަނޑަކުން ނެގި ފަތް ޖަހައިލައިފައި އޮތް ޓައި އެއް ޝައިނާއަށް ދިއްކޮށްލިއެވެ.
"ނޫން ނޫން ނޫން. ޓައި ނަގާނެ ކަމެއް ނެތް. ރާހިލް ވަރަށް ފޫހިވާނެ ޓައި އަޅަ–" ޝައިނާއަށް މި ބުނެވުނީ ކީކޭކަން ރޭކައިލީ ޖުމްލައިގެ އެއްބައި އޭނާގެ ދުލުން ބުނެވިދިޔަ ފަހުންނެވެ. އިޝްވާ ފާޑަކަށް ހިނި އައިސްފައިހުރެ އެ ޓައި ގެންގޮސް އެ ހަރުގައި ބާއްވައިލިއެވެ.
"ދިސް ގަރލް!" ޝައިނާ ދެފަރާތަށް ބޯ ހޫރައިލުމަށްފަހު އިޝްވާއަށް ލޯ އަޅައިލިއެވެ. އަދި އަވަސް އަވަހަށް އޭނާ ގަތް ތަކެއްޗަށް ފައިސާ ދެއްކުމަށްފަހު ފިހާރައިން ނުކުތެވެ.
"ކިހާވަރެއް އެރީ؟" އިޝްވާ ފިހާރައިން ނުކުތުމަށްފަހު އަހައިލިއެވެ.
"އިޝްކޮ ކީއްކުރަން ބަލަނީ؟" ޝައިނާ ހިތްހަމަނުޖެހިފައިހުރީ އިޝްވާއަށް އޭނާގެ "ސިއްރު" ބޭޒާރުވީތީއެވެ.
"ހަހަހަ. ސިސް އެހެން ނުބުންޏަސް އިޝީއަށް މާ ކުރިން އެނގިއްޖެ ދޮންބެއަށްކަން ހުރިހާ އެއްޗެއް ގަތީ. އަސްލު ސެންޓުފުޅި ގަތް ހިސާބުން ބަސްޓުވެއްޖެ. ދެން ކޮބާތަ މައްސަލައަކީ؟ ދައްކަބަލަ ތި ބަލާލަން" އިޝްވާ ހިނިގަނޑެއް ޖަހައިލަމުން ޝައިނާގެ އަތުގައި އޮތް ކޮތަޅު ޖަހައިގަތެވެ. އޭގައި އޮތް ބިލްކޮޅަށް ބަލައިލުމާއެކު އޭނާގެ ދެލޯ ނިއްކުރިއަށް ނޭރީ ކިރިޔާއެވެ.
"އޯކޭ. ކުރިން ބުނި އެތި ކެންސަލް. މިއީ ވަރަށް ބޮޑު މައްސަލައެއް. ސިސް މޮޔަވީތަ؟ ވައި ވުޑް ޔޫ ސްޕެންޑް ހާފް އޮފް ޔޯރ ސެެލެރީ އޮން ހިމް؟" އިޝްވާ އަހައިލިއެވެ.
"ދެން ސާބަސް އިޝްކޯ. ރާހިލްއަކަށް ނޫނޭ މިއީ. އިޝްކޮއަށޭ" ޝައިނާ ބުންޏެވެ.
"އަހަރެން މި ލާންވީ؟" އިޝްވާ ރާގެއްލައިފައި އަހައިލިއެވެ.
"ތި ލާށެކޭ ނުބުނަމެއްނު. މިއަދު މިއީ ރާހިލްގެ ބާރތްޑޭ. އިޝީ އަދި ގިފްޓެއްވެސް ނުދެމެއްނު. އިޝީގެ ފަރާތުން ތި އެއްޗެހި ދޭނީ" ޝައިނާ ބުންޏެވެ.
"އެކަމަކު އަހަރެ-"
"އަބަދު އޮފީހަށްދާއިރުވެސް ލަނީ ލާ އެކައްޗެއް. އަހަރެން ކުރީ ޓެރަހަށް ނުކުމެލާފަ އައިސް އެ އަލަމާރި ހުޅުވައިލިއިރު އޭގަ ދިހަ ގަމީސްވެސް ހަމަ ނުވޭ. ޖިމަށްދާ އެއްޗެހި ނުލާ އޮތީ އެންމެ ދެ ޓީޝާޓު." އިޝްވާގެ ފަރާތުން ރާހިލްއަށް ހަދިޔާއެއް ދީފިންކަމުގައި ނުބުނެވެންދެން ޝައިނާ އަނެއްކާވެސް ވާހަކަ ފަށައިފިއެވެ.
"އިޝީ ބުނެބަލަ! އެއީ ރާހިލް ކޮން އިރަކު އުޅެން ފެށި ގޮތެއްތަ؟ ކުރިން ރާހިލްއާ އެއްވަރަށް ރީތިވާން ފޯރި ހުންނަ މީހެއް ނުހުންނާނެ" ޝައިނާ ބުންޏެވެ.
"އަހަހަހަ. އެއީ ދެން ދޮންބެ ޕްލޭބޯއީއެއްހެން އުޅުނު ޒަމާނެއްނު. އޭރު ދެ އިރު ދެ ދަޅައަށް ދެ ކުލައިން ގަމީހާ ޓީޝާޓާ ލައިގެން އުޅުނަސް ދެން މިހާރު އެހެނެއް ނޫޅޭނެއެއްނު. ސިސްއަށް މިހާރު ދޮންބެ ރީއްޗެއް ނޫނޭ ދޯ ތިބުނީ. އޯކޭ އޯކޭ. އަހަރެން ތި މެސެޖު ރައްދުކޮށްދޭނަން" އިޝްވާ ހިނިއައިސްފައިހުރެ ބުންޏެވެ.
"ދެން އިޝީ އެހެނެއްނޫނޭ. ދެން އެނގެއެއްނު މި ބުނާ އެއްޗެއް. އިޝީ ތި ދޭނަން ދޯ؟" ޝައިނާ އަހައިލިއެވެ.
"ހޫން ދޭނަމޭ. އަސްލު ދޮންބެއަށްވެސް އިޝީއަށްވެސް ވަގުތު ނުވަނީ ޝޮޕިންގްއަށް ނުކުންނަން. އެހެން ދޭތެރެއަކުން ދޮންތި އަމިއްލައަށް ފެނިގެން ގަނެދޭނެ ކޮންމެވެސް އެއްޗެއް. އެއީ ވާ ގޮތަކީ. އެކަމަކު ދެން މި ހުރިހާ އެއްޗެއް ގަތް އިރު ސިސްއަށް ކޯއްޗެއް ގަތީ؟" އިޝްވާ ދެރަވިއެވެ.
"އަހަރެންނަށް އެއްޗެހި ގަންނަން ނުކުންނާނީ އެހެން ދުވަހަކުން. މިހާރު މި ހުރިހާ ކޮތަޅެއް އެއްއަތުން ހިފައިގެން ހުރެ ހުރެ އެބަ ބަރުވޭ. ހިނގާ ދެން ކުދިން ގޮވައިގެން އިރުއޮއްސެން ވާއިރަށް ގެއަށް ދެވޭތޯ ބަލަން" ޝައިނާ ބުންޏެވެ.
"ފައިނަލީ!!!" އިޝްވާވެސް ޝައިނާގެ ވާހަކައާ އެއްބަސްވިއެވެ. އެއާއެކު ދެމީހުންނަށްވެސް އެއްފަހަރާ ހޭން ފެށުނެވެ.
——————
ގެއަށް އާދެވުމާއެކު ޝައިނާ އެދުނު ފަދައިން އިޝްވާ އަވަސްވެގަތީ ރާހިލް ހޯދަން ދިޔުމަށެވެ. އޭނާ ގޮސް ރާހިލްގެ ކޮޓަރީގައި ދެފަހަރަކު ޓަކި ޖަހައިލުމާއެކު ރާހިލް އަތުގައި އޮތް ފޯނަށް ގެއްލިފައިހުރެ ދޮރު ހުޅުވައިލިއެވެ. ދެން ފެނުނީ އިޝްވާ އިންޒާރަކާނުލައި ކޮޓަރީގެ ތެރެއަށް ވަދެ އެނދުގެ ހުރަހަށް ވާގޮތަށްހުރި ސޯފާސެޓުގެ ބޮޑު ގޮނޑީގައި ކޮތަޅުތައް ބަހައްޓައިލިތަނެވެ.
"ވަރަށް ވަރުބަލިވެއްޖެ. މުޅި މާލޭގަ ހިނގާފަ މިއައީ. ދެން މި ދަނީ ރެސްޓް ކުރަން" އިޝްވާ މާ ނޭވާއި ލެވިފައިހުރެ ބުންޏެވެ. އަދި އަވަސް އަވަހަށް އެ ކޮޓަރިން ނުކުތުމަށް ހިނގައިގަތީ ރާހިލްއަށާ އިތުރު ސުވާލެއް ކުރާނެ ޖާގަ ނުދިނުމަށެވެ.
"މަޑުކޮށްބަ މަޑުކޮށްބަ. ކޯއްޗެއް މިއީ؟" ރާހިލް ބުމަ ގޮށްޖަހައިލަމުން އެއްސެވެ.
"ބަލާބަލަ" އިޝްވާ ބުންޏެވެ. ރާހިލް ދެކޮނޑު އަރުވައިލުމަށްފަހު ލަސްފިޔަވަޅުތަކެއްގައި ސޯފާއާ ދިމާލަށް ހިނގައިގަތެވެ. އަދި އެއް އަތުގައި އޮތް ފޯނު ޖީބަށް ލުމަށްފަހު އަނެއް އަތުގައި އޮތް އާފަލުފަޅި ދެދަތްޕިލައިގެ ތެރޭގައި ހިފަހައްޓައިލަމުން ކޮތަޅުތައް ކުޑަކޮށް ހާވައިލިއެވެ."
ޒީ އައީތަ؟" ރާހިލް ކޮތަޅުތަކުން އަތް ދޫކޮށްލުމަށްފަހު އާފަލުފަޅީގައި ދަތް އަޅައި އަނގަޔާ ވަކިކޮށްލަމުން އަހައިލިއެވެ."
ނޫން" އިޝްވާ ދެފަރާތަށް ބޯ ހޫރައިލިއެވެ.
’ދެން މިއީ ކޮންކަމެއް؟" ރާހިލް އަހައިލިއެވެ.
"އަޅެ ގެސް ކޮށްބަ؟"
އިޝްވާގެ ސުވާލާމެދު ރާހިލް އިތުރު ވިސްނުމަކަށް ދާކަށް ނުޖެހުނެވެ. އޭނާ ގަބޫލު ނުކުރެވިފައިހުރެ އިޝްވާއަށް ބުމަ އަރުވައިލުމާއެކު އިޝްވާ ބޯ ޖަހައިލީ އޭނާގެ ހީވުމަކީ ތެދެއްކަމުގައި ޔަގީން ކޮށްދެމުންނެވެ. އެެއާއެކު ރާހިލްއަށް ބުމަ ގޮށްޖަހައިލެވުނީ ކަމެއް ވިސްނައިގަންނަން އުޅޭ ފަދައަކުންނެވެ. އެގޮތުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރާހިލް ކުއްލިއަކަށް އެކޮތަޅުތައް ނަގައިގެންގޮސް އިޝްވާގެ އަތަށްދިނެވެ.
"ގެންދޭ. ގޮސް ތި ގެނައި މީހަކަށް ދީ. އަހަރެން ތި ބޭނުމެއްނޫން" ރާހިލް ބުންޏެވެ.
"އެއީ ކީއްވެ؟" އިޝްވާއަކަށް ވާނުވާއެއް ނޭނގުނެވެ.
"ސަބަބު މުހިއްމެއް ނޫން. ބޭނުންނެތީމަ ބޭނުން ނެތޭ މިބުނީ. ތި ގެންދޭ މިތަނުން" ރާހިލް ބުންޏެވެ.
"ނޫން. އިޝީއަކަށް ނުކެރޭނެ. ދޮންބެ ބޭނުން ނެތިއްޔާ އަމިއްލައަށް މި ގެންގޮސް ސިސް އަތަށް ދީ. އިޝީ ދާނީ މި ބަހައްޓާފަ" އިޝްވާ ހަރުކޮށް ހިނގައިލައިފައިގޮސް އަނެއްކާވެސް އެ ކޮތަޅުތައް ކުރިންހުރި ތަނުގައި ބެހެއްޓިއެވެ.
"އިޝްވާއެއްނު ތި ގެނައި. ގެނައި މީހަކު ތި ގެންދޭ" ރާހިލްގެ އަޑަށް ވެރިވި ހަރުކަށިކަމާއެކު އިޝްވާގެ ގާތަށްވެސް ރުޅިއައެވެ.
"މިބުނީނު ނުގެންދާނަމޭ! ކިހިނެއްވީ؟ އަމިއްލައަށް ގޮސް މި އެއްޗެހި ސިސްގެ މޫނާލައި ޖަހަން ނުކެރޭނެތީ ދޯ އަހަރެންގާތު ތިބުނީ؟ ތި ދެމީހުންގެ ދޭތެރޭގަ ޖެހޭ މައްސަލަތަކުގެ ތެރޭގަ އަބަދުވެސް އަހަރެންނަށް ހުރިހާ ވަރެއް ބާލަނީ ކީއްވެތަ؟ ދެން މި ނިމުނީ އަހަރެން ތި ދެމީހުންގެ ދޭތެރޭގަ މެދުވެރިއަކަށް ވެގެން އުޅުން. އަހަރެންގެވެސް އަމިއްލަ ލައިފެއް އޮވެޔޭ. އަބަދު މި ކޮޅިގަނޑުގެ ތެރޭގަ ބެދިގެން އަހަރެންނަކަށް ނޫޅެވޭނެ" އިޝްވާ އައި ރުޅީގައި ކިޔުނު ނުކިޔުނު އެއްޗަކަށްވެސް ވިސްނައިލުމެއްނެތި ބަންކިޔާފައި ދޮރުޖެހުމަށްފަހު އަވަސް އަވަހަށް ރާހިލްގެ ކޮޓަރިން ނުކުމެގެން ދިޔައެވެ.
ރާހިލް އަދިވެސް އެއްފަހަރު އެކޮތަޅުތަކަށް ބަލައިލިއިރު އޭގައި އަތްވެސް ޖައްސައިލުމުގެ ހިޔާލެއް އޭނާގެ ނެތެވެ. ޔާނާމެންނާ ބައްދަލުކޮށްލަން ދާން ބޭނުންވި ނަމަވެސް އެކަންވެސް އޭނާ މަޑުޖައްސައިލީ އެވަގުތު ޝައިނާއާ ކުރިމަތިލާން ބޭނުން ނުވީތީއެވެ. އަދި ނަމާދުކޮށްލައިގެން ނިދަން އޮށޯތީ ކުޑަ އިރުކޮޅަކުން ހޭލާނަމޭ ހިތުލައިގެނެވެ. އެހެނަސް އޭނާއަށް ދެން ހޭލެވުނުއިރު އެރޭގެ ބާރަ ޖަހައި ފާއިތުވެއްޖެއެވެ. އާންމުކޮށް ނިދައި އުޅޭ މިންވަރަށްވުރެން ގިނައިން ނިދުނީތީ އޭނާއަށް ދެން އެރޭ އިތުރަށް ނިދޭގޮތެއް ނުވިއެވެ. މޫނުދޮވެ ތާޒާވެލައިގެން ގޮސް ސްޓަޑީއަށްވަނީ ރޭގެ ބާކީބައި މަސައްކަތުގައި ހޭދަކޮށްލުމަށެވެ. ނަމަވެސް ނޭނގޭ ސަބަބަކާހުރެ އެރޭ އެތަނުގެ ހަތަރުފާރު ތެރެއިން އޭނާއަށް ލިބެމުންދިޔައީ ހާސްކަމެވެ. އެންމެފަހުން އޭނާ ލެޕްޓޮޕް ހިފައިގެންގޮސް ތިރިއަށް ފޭބީ އެ ގަޑީގައި އިތުރުމީހަކު ހޭލައި ނޫޅޭނެ ކަމަށް ޔަގީންކުރަމުންނެވެ.
ކަންވީވެސް އޭނާ އުއްމީދުކުރި ގޮތަކަށެވެ. ކާމޭޒު ދޮށުގައި އިނދެ ހިމޭންކަމާއެކު މަދުވެގެން ގަޑިއެއްހާއިރު އޭނާއަށް މަސައްކަތް ކުރެވުނެވެ. އެހެނަސް އެ ގަޑިއެއްހާއިރު ފާއިތުވި ފަހުން ކައިރިން އިތުރު މީހެެއްގެ ހިޔަންޏެއްވިހެން ހީވެ ރާހިލްއަށް އިސް އުފުލައިލެވުނެވެ.
މަޑު ފިޔާތޮށި ކުލައިގެ ގަޔަށްދޫ ޓީޝާޓަކާއި ހަމަ އެ ކުލައިގެ ދޫ ހަރުވާޅެއްގައި ހުރީ ޝައިނާ ފިޔަވައި އިތުރު މީހެއްނޫނެވެ. މެދުން މަގު ފަޅައިލެވިފައިވާ ޝައިނާގެ އެ ރީތި އިސްތަށިގަނޑު ދެފަރާތުން ކުރިއަށް ގެނެސް ކޮނޑުމަތިން ވައްޓައިލައިފައިވާއިރު އެ އިސްތަށިގަނޑުގައިވާ ތެތްކަމުގެ އަސަރުން އެ މޫނުމައްޗަށް ތާޒާކަން ވެރިކުރުވައިފައިވެއެވެ. ތަނަށް ވެރިވެފައިވާ ފަނޑު އަލީގެ ތެރޭގައި ޝައިނާގެ އެ މައުސޫމު ރީތިކަން ފެނުމާއެކު ރާހިލްގެ ހިތް ހިނދުކޮޅަކަށް އަވަސްވެލި ނަމަވެސް އޭނާ އެކަން ފޮރުވައިލަމުން ޝައިނާއަށް ފަނޑު ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ބަދަލުގައި ޝައިނާވެސް އޭނާއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެ ހިނިތުންވުމުގައި ކިތަންމެ ބީރައްޓެހި ގޮތެއް ހުއްޓެއްކަމަކު ރާހިލްގެ ހިތް ހީވީ އުދުއްސައިގެންފާނެހެނެވެ. ދެންމެ ދެންމެ ޝައިނާގެ ގާތަށްގޮސް އެ މޫނުގައި ބޮސްދޭން ހިތް އެދެން ފެށުމާއެކު އެފަދަ ކަމަކުން ނަފްސު ހިފެހެއްޓުމަށްޓަކައި ގައިގެ ހުރިހާ ހިތްވަރަކާއެކު އިސްޖަހައިލަމުން އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.
ޝައިނާ ރާހިލްގެ ކައިރިން ލައިފައި ގޮސް ރާހިލް އިށީނދެ އިން ގޮނޑީގެ ފަހަތަށް ވާގޮތަށްހުރި ބަދިގޭގެ ކެބިނެޓްގެ ކައިރިއަށް ހުއްޓިލިއެވެ. އެވަގުތު ޝައިނާގެ ގައިން ދުވަމުންދިޔަ ޗޮކްލެޓްގެ މީރުވަސް ރާހިލްގެ ނޭފަތުގައި ޖެހުމާއެކު އޭނާ އެތެރެއަށް ދަމައިލި ފުންނޭވާއަކާއެކު ދެލޯ މަރައިލިއެވެ. އޭނާއަށް ދެލޯ ހުޅުވައިލެވުނީ ކުއްލިއަކަށް ފަހަތުން ޝައިނާގެ އަޑު އިވުމުންނެވެ.
"ކީ.. ކީކޭ؟" ރާހިލްއަކަށް ޝައިނާ ބުނީ ކީކޭކަމެއް ސާފެއް ނުވިއެވެ.
"އަދި ކޮފީ ބޭނުންހޭ. ޖޯޑު ހުސްކޮށް ހުރީމަ." ލެޕްޓޮޕާއި ޖެހިގެން ބަހައްޓައިފައިހުރި ކޮފީ ޖޯޑަށް އިޝާރާތްކުރަމުން ޝައިނާ އަހައިލިއެވެ. ރާހިލް އަވަސް އަވަހަށް ބޯ ޖަހައިލުމަށްފަހު އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ. ޝައިނާ އައިސް އޭނާގެ ކައިރީގައިހުރި ކޮފީޖޯޑު ހިފައިގެން އަނެއްކާވެސް ފަހަތަށްގޮސް ގެއްލިއްޖެއެވެ.
"އަދިވެސް ނުނިދާތަ ތިއުޅެނީ؟ އެހާ ގިނައިން ކޮފީ ބޮންޏާ ނިދޭނީވެސް ކިހިނެއް؟" ދެންވެސް އެ ދެމެދުގައި އޮތް ހިމޭންކަމަށް ނިމުމެއް ގެނައީ ޝައިނާއެވެ.
"ދެންމެ މި ހޭލީ.. ޝައިނާ އަދިވެސް ނުނިދަންތަ؟ އެހެންޏާވެސް މިގަޑީގަ ނިކުމެ އުޅެންތަ؟" ރާހިލް އެ އިންގޮތަށް ލެޕްޓޮޕުން ނަޒަރު ވަކިކޮށްލުމަކާނުލައި ބުންޏެވެ. ޝައިނާ ދެކިލަން އެނާގެ ދެލޯ ކިތަންމެ އެދެމުންދިޔަ ނަމަވެސް އޭނާ ފަސްއެނބުރޭކަށް ހިޔާލެއް ނުކުރިއެވެ.
"ނޫން. މިރޭ އެއްޗެއް ފަހާލަން އިނީ. ދެން ނިދަންވީމަ ފެންވަރާލައިގެން ކުޑަކޮށް ހީ ފީލުވައިލަން ސައިތައްޓެއް ބޯލަން މި ނުކުތީ" ޝައިނާ ޖަވާބުދިނެވެ. ދެން އަނެއްކާވެސް އެދެމެދަށް ވެރިވި ހިމޭންކަމުގެ ތެރޭގައި ހަމައެކަނި އިވެމުންދިޔައީ ފެންކައްކާ ޖަގުގައި ހުރި ފެންތައް ކެކެމުންދިޔަ އަޑެވެ. ރާހިލްވެސް އޭނާގެ މަސައްކަތަށް ސަމާލުކަން އަނބުރައިލެވޭތޯ މަސައްކަތްކުރިއެވެ. އެހެނަސް…
"ޓްސްސް. އާހް.." ޖަގު ހުއްޓުނު އަޑާއެކު މިނަޓެއްވެސް ފާއިތު ނުވަންދެން އިވުނު ޝައިނާގެ އަޑަށް މިފަހަރުވެސް ރާހިލްގެ ސަމާލުކަންދެވުނެވެ. ސަމާލުކަން އެކަންޏެއް ނޫނެވެ. ޝައިނާއަށް އަނިޔާއެއްވެއްޖެކަން އެ އަޑުން އެނގުމާއެކު ކަށްޓެއް ޖެހިފަދައިން އިންގޮނޑިން ތެދުވެގެންގޮސް އޭނާ ޝައިނާގެ ގާތަށް ހުއްޓިލިއެވެ. އޭރު ޝައިނާ މޫނު ކުނިކޮށްގެންހުރެ އެއްއަތުން އަނެއްއަތުގައި ހިފަހައްޓައިލައިގެން ހުރިގޮތް ފެނުމާއެކު ރާހިލްއަށް މި ވެގެންއުޅޭ ގޮތް ރޭކައިލިއެވެ. ޖަގުގައި ހުރި ފެންތައް ޖޯޑަށް އޮއްސައިލި ވަގުތު އަތް ކަސިޔާރުވެ ޖޯޑުގައި ހިފަހައްޓައިލައިގެންހުރި ޝައިނާގެ އަތަށް ހޫނުފެން އެޅުނީއެވެ.
"ޕިސްޕިސް. އަދިވެސް ހުންނަނީތަ؟" ރާހިލް ފާޑަކަށް ހިތްހަމަ ނުޖެހިފައިހުރެ ޝައިނާގެ އަތުގައި ހިފައި ދަމައިފައި ކަހަލަ ގޮތަކަށް ސިންކާ ދިމާލަށް ގެންދިޔައެވެ. އަދި ފެން އިސްކުރު ދޫކޮށްލުމަށްފަހު ފައިބައިގަތް ފެންތަކުގެ ތެރޭގައި ޝައިނާގެ ފިހިފައި އޮތް އަތް ހިފަހައްޓައިލިއެވެ. އެސްފިޔަ ޖަހައިލާހާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހިނގައިދިޔަ އެ ކަންތަކާމެދު ޝައިނާއަށް ވިސްނައިވެސް ލެވުނީ ދެނެވެ. އަތުން ނަގައިގަތް ދިލައިގެ ސަބަބުން އޭނާއަށް ކުރިން އެކަހަލަ ކަމެއް ކުރުމަށް ވިސްނައިވެސް ނުލެވުނީއެވެ.
"މަންމައަކަށް ވީމަވެސް ކުޑަކުއްޖެކޭ އެއްގޮތެއްނު. ހަމަ އަމިއްލަ ކަންކަމުގަ މިހާ ފަރުވާ ކުޑައީތަ؟ ނޫނިއްޔާ ނުފެންނަނީތަ؟ އައިނު އަޅަންވީނު؟ އަހަރެންވެސް ރީތި ކަމަކުން ނޫނޭ މި އައިނުގަނޑު އަޅައިގެން މި އުޅެެނީ؟" ޝައިނާގެ ދެލޯ ފެންކަޅިވީ އަތުގައި ނަގަމުންދިޔަ ދިލައިންކަމެއް ރާހިލްގެ އަޑުގައިވި ހަރުކަށިކަމުގެ ސަބަބުންކަމެއް ނޭނގުނެވެ. އޭނާއަށް ރާހިލް އަޅައިގެންހުރި ނަންބަރު އައިނަށް ބަލައިލެވުނެވެ. އެ އައިނު ރާހިލްއާ ނުލާހިކު ގުޅެއެވެ. ރާހިލްގެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭހެންވެސް ހީވިއެވެ. އެހެނޭ ކިޔާފަ އޭނާ އައިނު އަޅައިގެން ޖެހޭނީ ވަކި ކޮންތާކު ހެއްޔެވެ؟ އެހެންނޫނަސް އިރާދަކުރެއްވީތީ އޭނާގެ ފެނުމުގައި އަދި އެއްވެސް މައްސަލައެއްނެތެވެ.
"އަހަރެންގެ ދެލޯ ބަރާބަރޭ" ރާހިލްއަށް ރައްދު ދިނުމުގެ ގޮތުން ޝައިނާ އެކަން އަންގައިލިއެވެ.
"ބަރާބަރުކަން ފެނެއެއްނު އެބަ" ރާހިލް ހުރީ އަދިވެސް ހިތްހަމަ ނުޖެހިފައެވެ.
"ރާހިލް މަސައްކަތްކުރަން އިންނަން ޖެހެނީ ކަނު އަނދިރީގަތަ؟ ބޮކި ޖައްސައިގެން އިންނަމަ މިހެނެއް ނުވާނެއެއްނު" ޝައިނާގެ ގާތަށްވެސް ރުޅި އަންނަން ފަށައިފިއެވެ.
"ކާކުތަ ޝައިނާގާތު ބުނީ ބޮކި ނުޖައްސާށޭ؟" ރާހިލް އަޖައިބުވިއެވެ.
"ރާހިލްއަށް އުނދަގޫ ވެދާނެތީ އަހަރެން ބޮކި ނުޖެއްސީ. އެވަރުންވެސް އަހަރެންނެއްނު މި ގޯސްވީ" ޝައިނާ ފާޑަކަށް ތުން އަނބުރައިލިއެވެ. ރާހިލް ވަކި ޖަވާބެއްނުދީ ޝައިނާގެ މޮޔަކަމާމެދު ވިސްނާހާލު ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަދި ކިހާއިރަކުތަ މިހެން ހުންނަންވީ. އެއްތަނެއްގަ ހުރެހުރެ ދެފައިގަ ރިއްސަން ފަށައިފިޔޭ" ދެތިން މިނަޓު ފާއިތުވެ ދިޔައިރުވެސް ރާހިލް އެ ހުރިތަނުން ގުޑައި ނުލިތާނގައި ޝައިނާގެ އަތުންވެސް ދޫނުކުރުމުން އޭނާ ނުރުހުންވެފައި ބުންޏެވެ.
"ތިއީ ކޮންމެހެން މިތާ ހުރެގެން ރިއްސާ ރިއްސުމެއް ނޫން. ލެއްވިހާ އުސް ފައިވާނަށް އަރައިގެން މުޅި މާލޭގަ ޝޮޕިންގްއަށް ހިނގިއިރު ނޭނގޭދޯ ރިއްސާނެކަމެއް" ރާހިލް ފެން އިސްކުރު ބާރުކޮށްލުމަށްފަހު ޝައިނާގެ އަތުން ދޫކޮށްލުމެއްނެތި ގޮސް ކާމޭޒު ދޮށުން ގޮނޑިއެއް ދަމައިލުމަށްފަހު ޝައިނާ އެ ގޮނޑީގައި ބޭންދިއެވެ. "މިތާ އިންނާތި!" އޭނާ އަމުރުކުރިއެވެ. އަދި އެތަނުގައިހުރި ކެބިނެޓްތަކުން ފަހަރަކު ކެބިނެޓެއް ހުޅުވަން ފެށީ އެއްޗެއް ގެއްލިގެން އުޅޭ މީހަކު ފަދައިންނެވެ.
"އިޝީ އަނެއްކާވެސް ގެންދިޔައީ ދޯ ފަސްޓް އެއިޑް ފޮށި" ރާހިލް ޝައިނާއަށް ބަލައިލަމުން ބުންޏެވެ. އެވަގުތު ޝައިނާ ތަޅުވައިލައި ތަޅުވައިލައި އިން އަތް އަވަހަށް ތިރިކޮށްލިތަން އޭނާއަށް ފެނުނެވެ.
"އަދިވެސް ވަރަށް ދިލަ ނަގާތަ؟" ރާހިލް އަހައިލިއެވެ. ޝައިނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލި ނަމަވެސް ރާހިލް އެވާހަކަ ގަބޫލު ކުރުމެއްނެތި އައިސްއަލަމާރި ހުޅުވައިލިއެވެ. އޭގެން ނެގި ގަނޑުފެން ތަބަކުގައިހުރި ގަނޑުފެންތައް ނައްޓައިލައި ތަށިހަރުގަނޑުން ނެގި ބޯތައްޓަކަށް އަޅައިލިއެވެ. އަދި އެ ތަށީގެ ވަކި ހިސާބަކަށް ފެން އެޅުމަށްފަހު އެ ހިފައިގެން އައިސް މޭޒުމަތީގައި ބެހެއްްޓުމަށްފަހު ޝައިނާގެ އަތް އެ ތަށީގެ ތެރެއަށް ކޮއްޕައިލިއެވެ.
"އާހް. ހާދަ ފިންޏޭ" ޝައިނާ ކުޑަކޮން ހަޅޭއްލަވައިގަތެވެ.
"މުޅި އަތުގަ ފޮޅުލުމަށްވުރެ މިގޮތްވެސް ރަނގަޅެއްނު" ރާހިލް ބުންޏެވެ.
"އާހް. އަހަރެންނަކަށް ނީނދެވޭނެ މީއްޗަށް އަތް ލައިގެނެއް!" ރާހިލްއާ ދިމާލަށް ލޯ އަޅައިލަމުން ޝައިނާ ބުންޏެވެ
."ބަސްއަހައިގެން ރީތިކޮށް އިނދޭ. ފާޑުފާޑަށް ލޯ އަޅާނެ ކަމެއްނެތް އަހަރެންނަށްވެސް ލޯ އަޅަން އެނގެޔޭ" ރާހިލް ހަމަޖެހިލައިފައިގޮސް އޭނާ ކުރިން އިން ގޮނޑީގައި އިށީނދެ ލެޕްޓޮޕަށް ނަޒަރު ހުއްޓައިލިއެވެ.
ޝައިނާ ލޯ އަޅަ އަޅައިފައިވެސް ރާހިލް ބުނި ބަސް އަހައިގެން އެތަނުގައި އިނީ އޭނާ މަސައްކަތްކުރިޔަސް ރާހިލްގާތުން ސަލަމާތް ނުވެވޭނެކަން އެނގޭތީއެވެ. ރާހިލް އެއަށްވުރެން މާ ބޮޑަށްވެސް ހުށިޔާރުވާނެއެވެ. ހަމަ އެހެންމެ އޭނާ އަތްލައިގެން ހުރި ތަށިން ގަނޑުފެނުގެ އަސަރު ކެނޑެމުންދާވަރަކަށް ފިނި މަޑުވަމުންދާތީ އެގޮތުގައި މަޑުކޮށްލައިގެން އިނުމަކީ އޭނާއަށް މާ އުނދަގޫ ކަމަކަށް ނުވިއެވެ.
"މިހާރު ހުރިހާ ގަނޑުފެންތަކެއް ވިރިއްޖެ" އޭނާ ދޫކޮށްލާށޭ ބުނާ ފަދައަކުން ޝައިނާ ރާހިލްގާތު ބުންޏެވެ. އެހެނަސް ރާހިލްއަށް އެ އަޑު އިވުނުހެނެއް ހިއެއްނުވެއެވެ. އޭނާ އިނީ މަސައްކަތަށްގޮސް ހުސްވެފައެވެ.
"ރާހިލް" ޝައިނާ ގޮވައިލުމާއެކު މިފަހަރު ރާހިލް މަޑު "ހޫން" އެއް ލައްވައިލިއެވެ.
"މި އަތް މިހާރު ރަނގަޅޭ. އަހަރެންނަށް ހީވަނީ ރާހިލް ހަމަ އަހަރެން މިތާ ބައިންދަންވެގެން އަހަރެންނަށް ޖައްސާފަ އިން ކަމެއްހެން މިއީ" ޝައިނާ ބުންޏެވެ.
"އަހަރެން ކީއްކުރަންތަ ޝައިނާ މިތާ ބައިންދަންވީ؟ އޭޒް ޔޫ ކޭން ސީ އައި އޭމް ވޯރކިންގް" ރާހިލް ބުންޏެވެ.
"ޔޫ ލައިކް ދަ ވޯރކް ވިއު.. އޮބްވިއަސްލީ" ޝައިނާ ފޮނިވެލިއެވެ.
"އޯ ޕްލީޒް އައި ހޭވް އަ ޕްރިޓީ ޑީސަންޓް ވިއު ފްރޮމް މައި އޮފީސް" ރާހިލް މަލާމާތުގެ ހިނިތުންވުމަކާއެކު ޝައިނާއަށް ބަލައިލިއެވެ.
"ބަޓް ޔޫ ލައިކް ދިސް ވަން ބެޓަރ.." ޝައިނާ ހުސްކޮށް އޮތް އަތުން އިސްތަށިގަނޑުނަގައި ރާހިލް އިން ފަރާތް ނޫން އަނެއްފަރާތުގެ ކޮނޑުމަތިން ގެނެސް ވައްޓައިލީ އޭނާގެ އޮމާން ކަނދުރާ ހާމަ ކޮށްލުމަށްޓަކައެވެ.
"ޔޫ ރިއަލީ ތިންކް ދިސް ވަން އިޒް ބެޓަރ؟" ރާހިލް ބުމަ އަރުވައިލިއެވެ.
"އިޒް އިޓް ނޮޓް؟" ޝައިނާ ރާހިލްއާ ހަތަރުކަޅި ހަމަކޮށްލީ އެކަމާ ޖަދަލުކުރާ ފަދައިންނެވެ. އެއާއެކު ރާހިލް ދެކޮނޑު އަރުވައިލީ އެކަމާ އެއްބަސްވަމުންނެވެ.
"ޔޫ އަރ ރައިޓް. އިޓް އިޒް" ރާހިލް ލޮލުގައި އަޅައިފައި އޮތް ނަންބަރު އައިނު ލޮލާ ވަކިކޮށްލުމަށްފަހު ލެޕްޓޮޕް ލައްޕައިލަމުން ބުންޏެވެ. "ބަޓް އިޓްސް ޕްރިޓީ ޑިސްޓްރެކްޓިންގް ސޯ އައި ވިލް ޖަސްޓް އެންޖޯއީ ދަ ވިއު" ރާހިލް ޝައިނާއަށް ހިނިތުންވެލިއެވެ. މިހާރު އޭނާގެ ހުރިހާ ސަމާލުކަމެއް ދެވިފައިހުރީ ޝައިނާއަށެވެ.
ޝައިނާއަށް ލިބެންފެށި ނުތަނަވަސް ކަމުގައި އިސް ޖަހައިލެވުނެވެ. ކަންތައްތައް ވެގެން މި ދިޔައީ އޭނާ ހީކުރިގޮތާ މުޅިން އިދިކޮޅަށެވެ. އޭނާ ހީކުރީ އެފަދަ ގޮތަކަށް ރާހިލްއާ ޖަދަލުކުރުމުން ރާހިލް އަމިއްލައަށް ގަދަ ވެލުމަށްޓަކައި ކަމަށްވިޔަސް އޭނާ ފަސޭހައިން ދޫކޮށްލާނެ ކަމަށެވެ. އެކަމަކު ރާހިލް އެކަމާ އެއްބަސްވެ އެފަދަ ގޮތަކަށް އޭނާއަށް ތައުރީފު ކުރީތީ ޝައިނާގެ ހިތަށް އާދަޔާހިލާފު އުފާވެރިކަމެއްވެސް ލިބުނެވެ. ރާހިލްގެ ތޫނު ނަޒަރު އޭނާއާ އަމާޒުވެފައިވާކަން އިހުސާސްވުމާއެކު އޭނާގެ މޫނާއި ދެކޮލަށް ހޫނެއް އިހުސާސްކުރެވެސް ފަށައިފިއެވެ. އެ ހޫނުކަމުގައި މޫނާއި ދެކޯތާފަތް ރަތްވާންފަށައިފިއެވެ. އެކަން ރާހިލްއަށް ފާހަގަވުމުގެ ކުރިން އޭނާ އަވަސްއަވަހަށް ކަރުކެހިލުމަށްފަހު ރާހިލްއާ ވާހަކައެއް ފެށިއެވެ.
"މި..މިއަދު.. މި ބުނީ އިއްޔެ ކީއްތަ ކުރީ؟ ބާރތްޑޭ ފާހަގަކުރަން.." ޝައިނާ އިސްޖަހައިލަމުން އަހައިލިއެވެ.
"މާބޮޑު ކަމެއް ނޫން. ފާހަގަ ނުކުރިޔަސް ދެން ކޮންމެވެސް ވަރަކަށް ހަދިޔާ ލިބުނު ދޯ" ރާހިލް ދިނީ އާދައިގެ ޖަވާބެކެވެ.
"ދެން.. ދެން އަހަރެން ކޯއްޗެއް ދޭންވީ؟ ރާހިލް އެންމެ ބޭނުމީ ކޯއްޗެއް؟" ޝައިނާ ހިތްވަރުކޮށްލައިފައި ރާހިލްއާ ކުރިމަތިލިއެވެ.
ރާހިލް ވަކި ޖަވާބެއްނުދީ ބަލަހައްޓައިގެން އިނީއެވެ. ޝައިނާގެ އަމަލުތައް ދޭހަކުރަން މަސައްކަތްކުރާ ވަރަކަށް އޭނާގެ ސިކުނޑި ސުމަކަށްދިޔުން ނޫންކަމެއް ނުވެއެވެ. ހިތަށް އެރީމައި އޭނާއާ ގުޅުން ބަދަހިކޮށްފައި ހިތަށް އެރީމައި ދުރުކޮށްލާއިރު އޭނާގެ އިހުސާސްތަކާމެދު އެއްވެސް ވަރަކަށް ނުވިސްނަނީ ހެއްޔެވެ. އޭނާ ދޭނެ ޖަވާބު އެނގިހުރެ ޝައިނާގެ ވިސްނުމުގައި އޭނާއާއެކު ދިރިއުޅުމެއް އުޅުމުގެ ހިޔާލު ނެތްނަމަ މިފަދަ ސުވާލެއް އޭނާއާ ކުރަންވީ ކީއްވެ ހެއްޔެވެ؟
ރާހިލް އެ ހުރިހާ ސުވާލެއް ހިތުތެރޭގައި ފޮރުވައިލުމަށްފަހު ޝައިނާ އިށީނދެ އިން ގޮނޑި އޭނާއާ ގާތަށް ދަމައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި އިން ޝައިނާއަށް ސިހިފައި އޭނާގެ ދެއަތް ރާހިލްގެ ކޮނޑުގައި ބާއްވައިލެވުނެވެ. ހަމަ އެހާމެ އަވަހަށް ރާހިލްގެ ގައިން އަތް ދޫކޮށްލިއިރު އޭނާގެ ގޮނޑި ހުރީ ރާހިލް އިށީނދެ އިން ގޮނޑިއާ ނުހަނު ގާތަށް ދަމައިލެވިފައެވެ. އޭނާގެ ފައި ރާހިލްގެ ދެ ކަކުލުގައި ޖެހިފައި ހުރިއިރު ރާހިލް އިތުރަށް ކުރިއަށް ޖެހިލައި އިންގޮތުން ދެމީހުންގެ މޫނުވަނީ ނުރައްކާތެރި ދަރަޖައަކަށް ކައިރިވެފައެވެ.
"ޓޭކް މީ ބެކް ޓު އަވަރ ފަސްޓް ނައިޓް؟" ރާހިލްގެ ސުވާލާއެކު ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.
"ތި..ތިބުނީ؟" ޝައިނާ އަޅަަ އަޅައިގަންނަމުން އެއްސެވެ.
"ޝައިނާ އެހީ އަހަރެން އެންމެ ބޭނުމީ ކޯއްޗެއްހޭ. އަހަރެން ބޭނުންވާ ކަންތައް މިބުނީ. ޓޭކް މީ ބެކް ޓު ދެޓް ނައިޓް" ރާހިލް ބުންޏެވެ.
"ރާހިލް އައި.. އައި ކާންޓް.. ތިނޫން ކަމެއް ބުނިނަބަ. ތިކަހަލަ ކަމެއް.. ފިޒިކަލް ނޫން–"
"ކުރިންވެސް ބުނީމެއްނު އަހަރެން މިއުޅެނީ ޝައިނާގެ ފަރާތުން އެއްވެސް ފިޒިކަލް ކަމެއް ބޭނުންވެގެނެއް ނޫނޭ. އައި މީން އައި ޑޫ ވޯންޓް ދެޓް ޓޫ.. ނީޑް ދެޓް.. ޑެސްޕެރޭޓްލީ… އެކަމަކު އެއަށްވުރެން ބޮޑަށް.. އައި މިސް ޔޫ… އައި މިސް ޔޯރ ލަވް ފޯރ މީ… ކޮން ދުވަހަކުންތަ ޝައިނާގެ ދެލޮލުން ނަފްރަތު ނޫން އެހެން އެއްޗެއް ދެން އަހަރެންނަށް ފެންނާނީ؟ އެރޭ އަހަރެންނާ ދިމާލަށް ބެލިގޮތަށް.. އެހާ ލޯބިން ހަމަ އެންމެފަހަރަކު ބަލާ ނުލެވޭނެތަ؟" ރާހިލްގެ އަޑަށް އާދަޔާހިލާފު މަޑުމައިތިރިކަމެއް ވެރިވިއެވެ. ހިތާމައާއި އާދޭހާއި އުއްމީދު އެކުލެވިފައިވާ އެ އަޑުގައިވާ އަސަރުތައް ދެނެގަންނާކަށް ޝައިނާއަށް ފަސޭހައެއްނުވިއެވެ. އޭނާއަށް ވާހަކަވެސް ދައްކަން އުނދަގޫވިއެވެ. ހީވީ މީހަކު އޭނާގެ ކަރުގައި ހިފަހައްޓައިފައި ހުރިހެނެވެ. ދުލުން ބަހެއް ބުނަން ނުކުޅެދިފައި ހުއްޓައި ރާހިލް އޭނާގެ އަތް ގެންގޮސް ރާހިލްގެ ކޮލުގައި ޖައްސައިލުމަށްފަހު ލޯތްބާއެކު އެ އަތްތިލައިގައި ބޮސްދިނެވެ.
ޝައިނާއަށް ހީވީ ހިނދުކޮޅަކަށް އޭނާގެ ހިތުގެ ހިނގުން ހުއްޓުނުހެނެވެ. ރާހިލްއަށްޓަކައި އޭނާގެ ހިތުގައި ފޮރުވިފައިވާ ލޯތްބަށް އެ ހަރަކާތުގެ ސަބަބުން އެނގުން ވެލައިފިކަން ގައިމެވެ. އެހެނަަސް އެ ލޯބީގެ ސަބަބުން އެ ހިތަށް ލިބުނު އަނިޔާތަށް އޭގެ އާރޯކަންމަތީގައި ވަނިކޮށް އޭނާ އެ ލޯތްބަށް ފުރުސަތުދޭނީ ކިހިނެއްހެއްޔެވެ؟ ޝައިނާ އަވަސް އަވަހަށް ރާހިލްގެ އަތުން އަތް ދަމައިގަންނަމުން އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓައިލިއެވެ.
"ތި ދައްކަނީ އަހަރެން އެކަނި ކޮށްލާފަ ރާހިލް އެލީޝާގާތަށް ދިޔަ ރޭގެ ވާހަކައެއްނު" ޝައިނާ ބުންޏެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގައި ލެގިލިއެވެ. އަދި ގޮތް ހުސްވެފައިވާ މީހަކު ފަދައިން އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލިއެވެ.
"އޯހް ގޯޑް.. އަހަރެން އެރޭ ދާންޖެހުނީ ކީއްވެކަން ޝައިނާއަށް އެނގެއެއް ނޫންތަ؟ އަޅެ އަހަރެންނަށް ދުވަހަކުވެސް މަޢާފު ނުކުރާނީތަ؟ ކިހާ ވަރަކަށްތަ މަޢާފަށް އެދެންވީ؟" ރާހިލް އަހައިލިއެވެ.
"ރާހިލްއަށް ދުލުން ބުނެލަން ވަރަށް ފަސޭހަ ދޯ މަޢާފު ކުރާށޭ؟ ރާހިލްއަށް އެނގޭތަ އަހަރެން ހިތުގަ ޖެއްސުނުވަރު؟ ކަމަކަށްފަހު ކަމެއް.. ކަމަކަށްފަހު ކަމެއްގަ އެލީޝާ އިޚްތިޔާރު ކުރަމުންގޮސް އެލީޝާ އިސްކުރަމުންގޮސް އަހަރެންނަށް ރާހިލް އެއްކޮށް ގެއްލުނު.. އަހަރެން އެކަނިވެރި ކޮށްލިއިރު ރާހިލް ތިއީ އަހަރެންގެ ހުރި ހަމައެކަނި މީހާކަން ނޭނގުނުދޯ؟ އެންމެ ފަހުރޭ އަހަރެން ހޮސްޕިޓަލުގަ ބާއްވައިގެން ގުޅީމަ ފޯނުވެސް.. ރިއާން ގުޅީމަވެސް.. ނުނެގުނެއްނު؟" ޝައިނާއަށް އެވާހަކަތައް ދައްކަން ފަސޭހަ ނުވިނަމަވެސް ރާހިލްއަށް އެ ބުނަން އުޅޭ އެއްޗެއް އެނގުނެވެ. ޝައިނާ އެތަނުން ދާން ތެދުވިއިރުވެސް އޭނާ އިސްޖަހައިލައިގެން އިނީއެވެ.
"އަހަރެން ބޭނުމެއްނޫން މަރުވެފައޮތް މީހަކާ މަތިކޮށް މިހެން ޝަކުވާ ކުރާކަށްވެސް. އެކަމަކު އެލީޝާ ދުނިޔޭގަ ހުރިނަމަ.. ރާހިލް އަދިވެސް ހުންނާނީ އެލީޝާ ގާތުގަ. އަހަރެން ދިޔަ ދިޔުމުން ރާހިލްއަށް އެއްވެސް ފަޅުކަމެއް އިހުސާސެއް ނުވާނެ. އެލީޝާއާ އެކީގަ ލޯބިން–"
"ޝައިނާ.. ޝައިނާ.. ޕްލީޒް!" ރާހިލް ގޮނޑިން ތެދުވެ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން ޝައިނާގެ ދެއަތުގައި ހިފަހައްޓައިލިއެވެ. "އަހަރެން އެލީޝާދެކެ ލޯތްބެއް ނުވެޔޭ. ދުވަހަކުވެސް ޝައިނާ ނޫން މީހެއްދެކެ އަހަރެން ލޯތްބެއްނުވޭ. ނުވެސް ވެވޭނެ. އަހަރެންނާ އެލީޝާއާ ދޭތެރޭ އެއްވެސް ގުޅުމެއް ހިނގާފައެއް ނޯންނާނެ"
"އަހަރެން ކިހިނެއްތަ ތިވާހަކަ ގަބޫލު ކުރާނީ؟ ރާހިލް އެކްސްޕެކްޓް ކުރަނީ އަހަރެން ގާތު "ވީ ޖަސްޓް ކިސްޑް އަ ކަޕްލް އޮފް ޓައިމްސް" އޭ ބުނީމަ އަހަރެން އެހިސާބުން ނިމުނީކަމަށް ދެކިގެން ހުންނަންތަ؟ ތިބުނާ ގޮތަށް އެއަށްވުރެން ދުރަށް ކަންކަން ނުހިނގާ ކަމަށްވިޔަސް އެއީ އަހަރެންނަށް އަޑުއަހަން ފަސޭހަ ޖުމްލައެއް ކަމަށް ހީކުރީތަ؟ އެވެސް އަހަރެން ރާހިލްގެ ކުއްޖަކަށް.. ދެކުދިންނަށް ބަލިވެ އިންދާ؟ ރާހިލް ބުނެބަލަ. އަހަރެން އައިސްފަ ރާހިލް ގާތު "އައި ކިސްޑް އަނަދަރ މޭން އަ ކަޕްލް އޮފް ޓައިމްސް" އޭ ބުނިއްޔާ ރާހިލްއަށް އެކަން ނެގޭނީ ކިހާ ޕޮޒިޓިވްކޮށް؟"
ޝައިނާގެ ސުވާލާއެކު ރާހިލްގެ ބޮލުގެ އެއްފަޅީގައި ގަދަޔަށް ރިއްސައިލިއެވެ. ޝައިނާއަށް ނިސްބަތްކޮށް ލީވާން ސަމާސާއެއް ކޮށްލުމުންވެސް އޭނާއަށް އެކަން ހަޖަމު ނުކުރެވުނުއިރު ޝައިނާ އެބުނާ ފަދަކަމެއް އެހެން މީހަކާއެކު ހިނގައިފިނަމަ އޭނާގެ ހަމަބުއްދިވެސް ފިލައިދާނެކަން ރާހިލްއަށް އެނގުނެވެ. ވީއިރު ޝައިނާގެ އެ ރުޅިއާ ދޭތެރޭ އޭނާއަށް ބުނެވޭނީވެސް ވަކި ކީކޭހެއްޔެވެ؟
"ޕްލީޒް ލަވް.. އައިމް ސޮރީ.. އަހަރެން އެއްވެސް ފަހަރަކު އެއިން ކަމެއްގަ އިސްނަގާފައެއް ނޯންނާނެ" ރާހިލް އޭނާގެ ނަފްސު ދިފާއު ކުރެވޭތޯ މަސައްކަތްކުރިއެވެ.
"އެކަމަކު ބައިވެރިވީމެއްނު؟" ޝައިނާ އެއްސެވެ.
"ޖަސްޓް ވަންސް" ރާހިލް އިސްޖަހައިލަމުން ބުންޏެވެ.
"ކޮންއިރަކު އެއީ؟" ޝައިނާ އަހައިލިއެވެ.
"ރަޝިޔާގަ ހުރިއިރު. އެފަހަރު ޖޯޝްގެ ކަންތަކާ އެލީ ވަރަށް ދެރަވެފަ ހުރީމަ އަހަރެންނަށް ކުރީ ފަހަރުހެން ދުރުކޮށްލަން ނުކެރުނީ" ރާހިލް ތެދުތެދަށް ޖަވާބުދިނެވެ.
"ހަމްދަރުދީގެ ނަމުގަ ކޮންމެ ކަމެއްވެސް ކޮށްފާނަމޭ ދޯ ތިބުނީ؟އެހެންމީހަކަށް ރާހިލް ކޮންމެ ގޮތަކަށްވެސް ޔޫސް ކުރެވިދާނެއޭ ދޯ؟ ތިވަރު މީހަކާ އެއްކޮށް އަހަރެން ކިހިނެއްތަ އުޅޭނީ؟ ރަޝިޔާގަ ލައްކަ ގަނޑު ގަތީމައެއްނު އެ އައިއިރު އަހަރެން ގުރުބާންކޮށްފަ އެލީޝާގެ ދަރިފުޅު އެކްސެޕްޓް ކުރާވަރަށް ރާހިލްގެ ހިޔާލު ބަދަލުވެފަ ހުރީ. ހޮޓެލް ރޫމްގަ ބަރތްޑޭ ސެލެބްރޭޓް ކުރެވުނުލެ ސްޕެޝަލް ކަމުންދޯ އޭގެ ފަހުން ބަރތްޑޭ ވެސް ސެލެބްރޭޓް ނުކުރެވިގެން ތިއުޅެނީ"
ޝައިނާގެ ވާހަކަތަކުގައި އެއްވެސް ހައްދެއް ހަމައެއްނެތެވެ. ރާހިލްއާ ދިމާލަށް ހިތުހުރި އެއްޗެއް ގޮވަމުންދިޔައިރު ރާހިލް އެ ފުރުސަތު ދީގެންހުރީ އެކަމުންވެސް ޝައިނާގެ ހިތަށް ތަސައްލީއެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. އެހެންނޫނަސް މިވަގުތު އޭނާއަށް ބުނެވޭ ކޮންމެ އެއްޗެއް، އެއީ އަމިއްލަ ދިފާއުގައި ބުނެވޭ އެއްޗެއް ކަމަށްވިޔަސް ޝައިނާ އެ އެއްޗެއް އޭނާއާ ދެކޮޅަށް އަނބުރައިލާނެކަން ރާހިލްއަށް ޔަގީންވެއެވެ.
"ނުބުނެވުނު ދޯ އެއްޗެއް؟ އޭރުވެސް އެނގޭ ރާހިލް ދިފާއުގަ ބުނާނެ އެއްޗެއް ނޯންނާނެކަން. އެވާހަކަތައް ދެއްކުމަކީ މުޅިން ބޭކާރު ކަމެއްކަން. ގުޑްނައިޓް" ޝައިނާގެ އަޑު ކުރަކިވާން ފެށުމާއެކު އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ހިނގައިގަތީ ހިތުގައި އަޅަމުންދިޔަ ވޭން ރާހިލްއަށް ސިއްރު ކުރުމަށެވެ. ގާތްގަނޑަކަށް ދިހަވަރަކަށް ފޫޓު ދުރަށް ދެވިފައިހުއްޓައި ރާހިލް އޭނާގެ ނަމުން ދެފަހަރަކު ގޮވައިލުމާއެކު ޝައިނާ ފަސްއެނބުރި ލޮލުގެ އިޝާރާތުން ކިހިނެއްވީހޭ އަހައިލިއެވެ.
"އެލީއާއެކު ބަރތްޑޭ ސެލްބްރޭޓް ކުރި ކުރުން އެއީ ހަމައެކަނި ކޭކެއް. ސްޓެޕަނޯވޯއިން މޮސްކޯއަށް ގޮސްފަ އެލީމެންގެ ގެއަށް ދިޔުމުގެ ކުރިން ހޮޓެލްގަ މަޑުކޮށްގެން ހުއްޓާ އަހަަރެންގެ އުފަންދުވަސް އައީ. ޝައިނާއާއެކު އެދުވަސް ފާހަގަ ކުރަން އަހަރެން ވަރަށް ބޭނުންވި. އެކަމަކު ކަންތައްތައް ދިޔައީ ހީކުރި ގޮތަކަށްނޫން. ދެން ތި ކީ ހުރިހާކަމެއް އެއީ އަހަރެން ޝައިނާގާތު ކިޔައިދިން ވާހަކަތައް. އަހަރެން ބޭނުންވިނަމަ ޝައިނާއަށް އޮޅުވައިލާފަައިވެސް ބޭއްވުނީސް. އެކަމަކު އަހަރެން އެގޮތް ބޭނުން ނުވާތީ ޝައިނާއަށް ތި ވާހަކަތައް ކިޔައިދިނީ. އިތުރަށް ކަމެއް ހިނގިނަމަވެސް އަހަރެން ކިޔައިދޭނެ. އަހަރެން ބޭނުމެއްނޫން ޝައިނާއަށް ދޮގުހަދާކަށް. ގަބޫލު ކުރުމާ ނުކުރުން އޮތީ ޝައިނާގެ އިޚްތިޔާރުގަ. ތިކަމުގަ އަހަރެންނަށް ގޯހެއް ހެދިފަ އޮތިއްޔާ އަހަރެން އެ ގޯހެއް ގަބޫލުކޮށް ވަރަށް ބޮޑަށް މަޢާފަށް އެދެން. ގުޑްނައިޓް ލަވް" ރާހިލް ޝައިނާއާ ހަތަރު ކަޅި ހަމަކުރުމެއްނެތި ބުންޏެވެ. އަދި މޭޒުމަތީގައި ބަހައްޓައިފައިހުރި އޭނާގެ އެއްޗެހި ހިފައިގެން ސިޑިއާ ދިމާލަށް ހިނގައިގަތީ ޝައިނާއަށް ބަލައިވެސްލުމެއްނެތިއެވެ. ނުވަތަ އެ ހިތްވަރު އޭނާއަށް ނުލިބުނީއެވެ.
ރާހިލް ދިޔުމާއެކު ޝައިނާވެސް ކޮޓަރިއަށްވަދެ އޭނާ ކީ އެއްޗެއްސަށް ރާހިލް ދިން ރައްދާމެދު ވިސްނަންފެށިއެވެ. ރާހިލް ބުނި ފަދައިން އެ ހުރިހާ ވާހަކައެއް އޭނާއަށް ސިއްރުކުރުނުގެ އިޚްތިޔާރު ރާހިލްއަށް އޮތެވެ. ވީއިރު ރާހިލްއަކީ ދޮގުވެރިޔެއްކަމަށް ހުދު އޭނާއަށްވެސް ގަބޫލެއް ނުކުރެވެއެވެ. ރާހިލްގެ ބަހާއި އަމަލުން މިހާރުވެސް އޭނާއަށް އިހުސާސް ކުރެވެނީ ކުރިއެކޭ އެއްފަދަ ސާފު ތެދުވެރި ލޯތްބެކެވެ. އެހެންނަމަވެސް އެ ވާހަކަތައް ހަނދާންވާ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ނޭނގޭ ރިހުމެއް އުފެދެނީއެވެ. ރާހިލްއަށް މަޢާފުކުރަން ދަތިވަނީއެވެ. ޝައިނާއަށް އެރޭ ނިދުނީވެސް އެފަދަ ހިޔާލު ތަކެއްގައި އޮއްވައެވެ.
*****************
ހަފްތާގެ މަސައްކަތު ދުވަސްތައް ފެށުމަށްފަހު ރާހިލްއާއި ޝައިނާ ބައްދަލުވެ ވާހަކަ ދައްކާނެ މާގިނަ ފެރުސަތު ތަކެއް ނުލިބުނެވެ. ޔާނާއާއި ރާއީއާއެކު ހޭދަކުރެވޭ ވަގުތެއްގައި ކުދިންނާ ދެކެވޭ ވާހަކައިގައި އެކަކު އަނެކަކާ މުއާމަލާތް ކުރެވެނީ އިތުރުގޮތެއް ނެތުމުންނެވެ. ކުރީރޭ ދެކެވުނު ވާހަކަތަކަށްފަހު ދެމީހުންގެ ދެމެދަށްވެސް ވެރިވެފައިވަނީ ބީރައްޓެހިކަމެވެ. ޝައިނާ ހިތުގައި ޖެހި ރުޅި އައިސްފައިހުރި އަސްލު ސަބަބު އެނގުމުން ރާހިލްއަކަަށްވެސް ކުރިއެކޭ އެއްފަދައިން ސަމާސާކޮށް އުޅޭކަށް ނުކެރުނެވެ. މިގޮތުގައި ހަފްތާ ނިމެން ކައިރިވެފައި ވަނިކޮށް ރާހިލްއަށް އެކަމާ ދޭތެރޭ އިތުރަށް ވިސްނައިލައި ފިޔަވަޅެއް އަޅަން މަޖުބޫރުވީ އެއްދުވަހަކު އޭނާއަަށް އައި މެސެޖު ފެނުމުންނެވެ.
އާދައިގެ މަތިން މީޓިންގްއެއް ނިންމައިލުމަށްފަހު ރާހިލް އައިސް ކެބިންއަށް ވަންނަމުން ޖީބުގައި އޮތް ފޯނު ނަގައި ބަލައިލިއެވެ. އެވަގުތު މިސްޑް ކޯލަކާއެކު ފޯނަށް އައިސްފައިވާ މެސެޖު ފެނުމާއެކު ރާހިލްގެ ހަރަކާތްތަކަށް ލަސްކަމެއްއައެެވެ. އެއީ ވަރީގެ މަރުހަލާގެ އެންމެ ފަހު އަޑުއެހުމަށް އައުމަށް ކޯޓުން އަންގައިފައިވާ އަމުރެކެވެ. އެ އަޑު އެހުމަށްފަހު އޭނާއާއި ޝައިނާ ކޯޓުން ނުކުންނާނީ ދެ ބީރައްޓެހިންގެ ގޮތުގައެވެ. އެކަމަށް އޭނާ ތައްޔާރުބާއެވެ؟
ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެތިން ފަހަރު އެ މެސެޖު ކިޔައިލުމަށްފަހު މޭޒުމަތީގައި ފޯނު ބާއްވައިލިއެވެ. އަދި މަޑުމަޑުން މޭޒުކައިރީގައިހުރި ގޮނޑި ދަމައިލުމަށްފަހު އޭގައި އިށީނދެ ދެލޯ މަރައިލިއެވެ. އެއަށްފަހު އަތުގެ ދެ އިނގިލިން ނިއްކުރީގައި ހިފަހައްޓައިލިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
Mi part vx v Reethimasha allah
Curiously waiting for next part
Saina and raahil gulhuvachey
They are made for each other
Keep it up
You’re my fav author
V interesting story eh
V kiyaa hithun kiyaalani
Ishwaa and simaan dhuru nukurachey
Lysm
Next part koniraku
Thankyou and ly2 <3
ކޮންއިރަކުން ދެން އޮތް ބައި
މި ހަފްތާބަންދުގަ ގެނެސްދޭނަން
ފާޑަކަށް މޭ ކަރާފަ ހިތަށް ފިނިވެފަ ދެން އޮތްބައި ކިޔާހިތްވަނީ. އާހް. ހާދަ ބޮޑަކަށޭ ކިޔާހިތް މިވަނީ.
ޑޮކެއް ކަމަށް ބަލާފަ އަންޔާ ދައްކައިފިއްޔާ ޕްރެސްކްރިޕްޝަނެއް ލިޔެދީފާނަންތަ؟
އަހަހަ. ތިކަމާ އުޅެމާ ދޯ؟
ވާހަކަ މިދާ މިސްރާބުން ނުދައްކާ ވަރެއް ނޫނެއްނު ދޯ.
ސަލާމް. ކޮބައިތޯ ދެން އިން ޕަޓް. ހަމަ ބެލެނީ އަޕް ވީތޯ