Sunday, 06 October 2024

ހިތް އެދޭހާ ކަމެއް.. (80 ވަނަބައި)

ރާހިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ދެތިން ފަހަރު އެ މެސެޖު ކިޔައިލުމަށްފަހު މޭޒުމަތީގައި ފޯނު ބާއްވައިލިއެވެ. އަދި މަޑުމަޑުން މޭޒުކައިރީގައިހުރި ގޮނޑި ދަމައިލުމަށްފަހު އޭގައި އިށީނދެ ދެލޯ މަރައިލިއެވެ.

***************

"ދެން ނުވާނެ މިކަމެއް" ދެއަތުން އުފުލައިލައިގެންހުރި 160 ކިލޯގެ ބަރު ބިންމައްޗަށް ވައްޓައިލަމުން ރާހިލް އުނަގަނޑުގައި އަޅައިފައި އޮތް ބެލްޓް ނައްޓައިލިއެވެ.

"އަހަރެން ހާދަ މަސައްކަތްކޮށްފީމޭ ޝައިނާއަށް ވިސްނައިދޭން.. މަސައްކަތްކުރި ވަރަކަށް ޝައިނާ އަހަރެންނާ ދުރުވާހެން ހީވަނީ. އަހަރެންނަށް މިހާރު ގޮތްހުސްވެއްޖެ. ޝައިނާގެ ހިޔާލު ދެން ބަދަލެއްނުވާނެ. މިއަދު މެންދުރު ކޮންމެ ގޮތަކަށް ކަންތައް ނިމުނަސް އަހަރެން ޖެހޭނީ އެކަން ގަބޫލުކުރަން" ރާހިލް ވާހަކަދެއްކީ އޭނާއަށް ފެންފުޅިއެއް ދިއްކޮށްލި ލީވާނާއެވެ. އޭނާއަކީ އާންމުކޮށް އިރުއޮއްސޭ ވަގުތާ ދިމާކޮށް ޖިމަށް އަންނަ މީހެކެވެ. ނަމަވެސް އެދުވަހު މެންދުރު އޮތް އަޑުއެހުމާ ގުޅިގެން ސިކުނޑީގައި ގިނަވަމުންދިޔަ ހިޔާލުތައް ލީވާނާ ހިއްސާކޮށްލުމަށް ލީވާން އަންނަ ވަގުތާ ދިމާކޮށް ފަތިހު ޖިމަށް އައީއެވެ.

"ދެން އަހަރެން ތިކަމާ ކީކޭ ބުނާނީ؟ މިހާރު ތި އުޅެނީ އެއްވެސް ތާކުންތާކުން ނުޖެހޭ ދިރިއުޅުމެއްގަ. އޭނަ ވަރިވާން ބޭނުމިއްޔާ ވަރިކޮށްފަ އެހެން މީހަކާއެކު ރާހިލްވެސް ދިރިއުޅުމެއް ފަށަންވީ." ލީވާންއަށް ފެންނަ އެންމެ ރަނގަޅު ހިޔާލު ދިނެވެ.

"ތި ބުނާހާ ފަސޭހައެއް ނޫނޭ މިކަންކަމެއް" ރާހިލް ކުޑަކޮށް ކަސްރަތު ކޮށްލުމަށްފަހު ޖިމުން ނުކުތުމަށް ހިނގައިގަތެވެ. އޭނާގެ ފަހަތުން ކަހަލަ ގޮތަކަށް ލީވާންވެސް އައެވެ.

"ފަސޭހައެއް ނޫނޭ ތި ބުނަނީ ކީއްވެތަ؟ އޭނަ ރީތިވީމަ ދޫކޮށްނުލެވިގެން ދޯ ތިއުޅެނީ. އަހަރެންވެސް ގަބޫލުކުރަން ރާހިލްގެ ވައިފް ރީތިކަން. އެކަމަކު އޭނަހާ ރީތި ނޫނަސް ހަމަ ރީތި ކުދިން ރާހިލްއަށްވެސް ވާނެ. އަހަރުމެންގެ ލައިވެސް އެހެރީނު؟" ލީވާންއަކަށް ނުވިސްނުނެވެ.

"ލީވާނަށްވެސް މީހަކުދެކެ ލޯބިވެވުނީމަ އެނގޭނީ" ލީވާންގެ ވާހަކައާމެދު އަންތަރީސްވެފައިހުރެ ރާހިލްއަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. ލީވާންގެ ގާތަށް ހިޔާލު ހޯދަން އައުމަކީ އޭނާއަށް ކުރެވުނު ބޭކާރު ކަމެއްކަން ވިސްނުނެވެ.

"އަހަރެންނަށް ތި މައުޟޫއަށް ކޮމެންޓް ކުރަން ނޭނގިދާނެ. އެކަމަކު އެވަރުގެ ގޮތްދޫނުކުރާ މީހަކާއެކު ރާހިލް އުޅޭނީ ކިހިނެއްތަ؟" ސިޑިން ފައިބައިގެން އައިސް ރާހިލްއާއެކު އިމާރާތުގެ ތިރީގައިހުރި ކެފޭއަށް ވަންނަމުން ލީވާން ބުންޏެވެ. އަދި ދޮރު ކައިރިން ހުސްކޮށްހުރި މޭޒެއްގައި އިށީނދެ ދެ ކޮފީއަށް އޯޑަރުދިނެވެ. ރާހިލްވެސް ލީވާންގެ ކުރިމައްޗަށް ވާގޮތަށް މޭޒުގެ އަނެއްފަރާތުގައިހުރި ގޮނޑި ދަމައިލުމަށްފަހު އޭގައި އިށީނެވެ.

"މިހާރުވެސް ތި ދެމީހުންގެ ކަމަކީ ކޫސަނި ކަންކަމާ އަބަދު ދެކޮޅުވެ ޒުވާބުކުރުން. ގައިމުވެސް އަހަރެންނަކަށް ތިހެނެއް ނޫޅެވޭނެ" ވެއިޓަރު ދިޔުމާއެކު ލީވާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"ކޫސަނި ކަންކަމާ ކިތަންމެ ދެބަސްވިޔަސް މުހިއްމު ކަންކަމުގަ.. އަހަރެންނާ ޝައިނާގެ ހިޔާލު އަދި ގަބޫލުކުރާ ގަބޫލު ކުރުންތައް ވަރަށް އެއްގޮތްވާނެ. ޝައިނާއަކީ ތި ބުނާހާ ގޮތްދޫނުކުރާ މީހެއްނޫނޭ. މީގެ ކުރިން ޝައިނާ އަހަރެން ބުނާ ބަސް ގަބޫލުކުރާނެ. އަހަރެންނަށް އިތުބާރު ކުރާނެ. އެހެންނޫންނަމަ އަހަރެންނަށް އެލީޝާއާ ކައިވެނި ކުރެވުނީސްތަ؟ ޝައިނާ އެ ހުރިހާ ކަމަކަށްވެސް ކެތްތެރިވި. އެ އިތުބާރު ގެއްލުވާލެވުނީ އަހަރެންނަށް. މިއީ ހުސް އަހަރެންގެ މައްސަލަ. މިހާރު އަހަރެން ބުނާ އެއްވެސް އެެއްޗެއް ޝައިނާ ގަބޫލެއް ނުކުރޭ. ހުރިހާކަމެއް ބަދަލުވީ ހަމަ އަހަރެންގެ ސަބަބުން" ރާހިލް ބުންޏެވެ.

"އެހެންވީމަ ރާހިލްގެ ކުށް އެބަ ގަބޫލު ކުރެވެއެއްނު. ތިއީ ރޫޅިފަ އޮތް ދިރިއުޅުމެއްކަން އަމިއްލަ ދުލުން ތި އެއްބަސްވަނީ. ދެން ކޮންހާ އިތުރު ވާހަކައެއް. ކޯޓުން ތިކަންތައް ނިންމާލާ" ލީވާންގެ ވާހަކަ ހުރިގޮތުން ރާހިލް ހިތްހަމަނުޖެހުނެވެ.

"އަހަރެން މިއުޅެނީ ޝައިނާ ވަރި ކުރާހިތަކުން ނޫނޭ. އަހަރެން ބޭނުންވަނީ ހައްލެއް. ޝައިނާ އަލުން ހާސިލް ކުރެވޭނެ ގޮތެއް. ހާދަ ގޮތް ގޮތެއް ޓްރައި ކޮށްފީމޭ. އަހަރެންނަށް ހިޔާލެއް ދީބަަލަ" ރާހިލް އެންމެފަހުން ބުންޏެވެ.

"ބަލަ ތިހެން ބުނީމަ ދޯ އެނގޭނީ. އައިއްސުރެން ތި ކިޔަނީ ތިމަންނައަކަށް ދެން މިކަމެއް ނުވާނޭ. ޝައިނާގެ ހިޔާލު ދެން ބަދަލެއް ނުވާނޭ. އެހެން ކިޔަންޏާ އަހަރެންވެސް ވަރިވާށޭ ދޯ ބުނާނީ. ކިޔާބަލަ. ކޮން ގޮތެއްތަ ޓްރައި ކުރީ؟" ލީވާން އިށީނދެ އިން ގޮނޑީގެ ކުރިއަށް ޖެހިލައި މޭޒުގައި ދެއަތް އަޅުވައިލަމުން އަހައިލިއެވެ.

"ވާހަކަދައްކައިގެން ވިސްނައި ނުދެވުނީމަ އާދޭސްކޮށްގެންވެސް ޝައިނާގެ ހިޔާލު ބަދަލުވޭތޯ މަސައްކަތްކޮށްފިން. ކުދިން އަތުލާނަމޭ ކިޔާފަ ކޯޓަށް މައްސަލަ ލައިގެން ބްލެކްމެއިލްވެސް ކޮށްފިން." ރާހިލް ބުންޏެވެ.

"ވަޓް؟" ލީވާންއަށް ލިބުނީ އޭނާއަށް ކުރިން ލިބިފައިނުވާ މައުލޫމާތެކެވެ. "ޝައިނާ ހާސިލް ކުރާށޭ ކިޔާފަ ރާހިލް ތިއުޅުނީ އޭނަ އިތުރަށާ ރުޅިއަރުވާކަށްނު؟" ލީވާން ބުންޏެވެ. ރާހިލްގެ ފަރާތުން ލިބުނީ ހިމޭންކަމެވެ. ހުދު އޭނާއަށްވެސް އެ ކުރެވުނީ ކިހާ ދެކޮޅުނުޖެހޭ ކަމެއްކަން ގަބޫލުކުރެވެންފެށިއެވެ.

"ސެޑިއުސްކުރަންވެސް ޓްރައި ކޮށްފީމޭ.." ކޮޓަރީގެ ދޮރުކައިރީގައިތިބެ އެއްދުވަހަކު ޝައިނާއާ ދެކެވުނު ވާހަކަ ހަނދާންވުމާއެކު ރާހިލް ބުންޏެވެ.

"އެކަންވެސް ނުވި ތިގޮލާއަށް؟" ލީވާންގެ ގާތަށް އައީ ލާނެތް ހިންޏެކެވެ.

"މަޖަލެއް ނޫނޭ. އަހަރެން މިކަމާ ވިސްނާ ވިސްނާ ބޯ ގޮވައިފިއްޔާ ލީވާންގެ ވިޔަފާރިއަށްވެސް ގެއްލުންވާނެ" ރާހިލް އާދައިގެ މަތިން ލީވާންއަށް އިންޒާރެއްދިނެވެ.

"އޯކޭ އޯކޭ. ވަރަށް ހެއްވާ ވާހަކައެއް ބުނެފާނަން. މިބުނީ ހިޔާލެއް ދީފާނަމޭ" ލީވާން އިރުކޮޅެއް ވަންދެން ވިސްނައިލުމަށްފަހު ބުންޏެވެ.

"ކިޔާބަލަ" ރާހިލް ބުންޏެވެ.

"ޝައިނާގެ މަޢާފު ހޯދުން ފަސްކޮށްލާ.. އަދި ކޮންމެހެން ގަދަކަމުން ޝައިނާ ރާހިލްގެ ދިރިއުޅުމުގަ ބަހައްޓަަން ނޫޅެ… އެކަމަށް މަޖުބޫރުނުކޮށް… ޝައިނާގެ ލޯބި އަލުން ހޯދަން ރާހިލްއަށް މަސައްކަތް ކުރެވިދާނެ" ލީވާންގެ ޖުމްލަ އިވުމާއެކު ރާހިލް ލީވާނާ ދިމާލަށް ބަލަހައްޓައިގެންހުރީ ލީވާނަކީ މޮޔައަކު ފަދައިންނެވެ.

"ނޭނގުނު ދޯ މި ބުނި އެއްޗެއް" ލީވާން އަހައިލިއެވެ.

"ނޫނޭ. ދިން ހިޔާލުގެ މޮޅުކަމުން އާޝޯހުވެފަ މީނީ. ބަލަ މިހިރަ މޮޔަޔާ ޝައިނާ އަހަރެންނަށް ނަފްރަތު ކުރާއިރު ޝައިނާގެ މަޢާފު ނުހޯދާ އަހަރެން ކިހިނެއްތަ ޝައިނާގެ ލޯބި ހޯދާނީ؟" ރާހިލް ބުންޏެވެ.

"ރާހިލް ބުނީމެއްނޫންތަ ޝައިނާއާ ފުރަތަމަ ދިމާވިއިރުވެސް އޭނަ ރާހިލްދެކެ ވަރަށް ރުޅި އާދެޔޭ. އޭރު އެކަން ބަދަލުވީ ކިހިނެއް؟ އޭރު ރާހިލްއަށް ހެދިފަހުރި ކޮންމެ މިސްޓޭކަކަށް މަޢާފު ހޯދާފަތަ ޝައިނާގެ ލޯބި ހޯދަން ޓްރައިކުރީ؟ އަނެއްކާވެސް ރާހިލް ތިހިރީ އަލުން އަނބުރާ ތިކަން ފެށުނު ހިސާބަށް އައިސްފަ. ބެކް ޓު ދި ސްކޮޔެއަރ ވަން. މިފަހަރުވެސް ރާހިލް ޖެހޭނީ ކުރިއެކޭ އެއްގޮތަށް ޝައިނާގެ އެ ރުޅިގަނޑު ފިނިކޮށްލަން" ލީވާން ބުންޏެވެ.

"ތިބުނީ؟" ލީވާންގެ ވާހަކަ ހުރިގޮތުން ރާހިލްއަށް ޝައުގުވެރި ވެވުނެވެ.

"މިބުނީ… އޭރު ޝައިނާއަށްވެސް ކަމުދިޔަ ރާހިލްގެ ކޮންމެވެސް މިޒާޖެއް ސިފައެއް ނޫނީ ސިފަތަކެއް ހުންނާނެ ނޫންހޭ. ޔޫ ޖަސްޓް ނީޑް ޓު ޝޯ ހަރ އޯލް ދަ ރީޒަންސް ވައި ޝީ ފެލް އިން ލަވް ވިތް ޔޫ. މިހާރު ތި ހުރިގޮތްވެސް ކުޑަކޮށް ކުރީގެ ގޮތަށް ބަދަލުކޮށްލާ. ދެން އެނގެއެއްނު މި ބުނަން އުޅޭ އެއްޗެއް. މިހާރު ރާހިލް ތި ހުންނަނީ މުޅިން އެހެން މީހެއް ހެނެއްނު" ވެއިޓަރު ގެނައި ކޮފީތަށީގައި ތުންޖަހައިލަމުން ލީވާން ބުންޏެވެ.

"އޭރުން ޝައިނާ އަހަރެންނަށް މަޢާފު ކުރާނެތަ؟ ޝައިނާގެ މަޢާފު އަހަރެން ވަރަށް ބޭނުން" ރާހިލް އިސްޖަހައިލިއެވެ.

"އަހަރެން ދެން މިކަމުގެ މާހިރަކަށް ނުވިޔަސް އަހަރެންނަށް ހީވަނީ ދެން ލޯބިވީމަ އަނެކާގެ ކުށްތަކަށް މަޢާފުވެސް ކުރެވޭނެހެން" ލީވާން ބުންޏެވެ. ރާހިލްވެސް ލީވާންގެ ވާހަކައަށް ބޯ ޖަހައިލިއެވެ. ލީވާން އެ ދިން ހިޔާލާ އެއްގޮތަށް ކަންތައްތައްކުރަން ފަށަންވީ ހިސާބަކާމެދު ވިސްނަން ފެށިއެވެ.

**************

ކޯޓަށްދާން ޖެހޭ ވަގުތު ކައިރިވަމުންދިޔަ ވަރަކަށް ޝައިނާއަށް ލިބެމުންދިޔަ ނުތަނަވަސްކަން ދިޔައީ އިތުރުވަމުންނެވެ. ރާހިލްއަށްޓަކައިވާ ލޯތްބާއި ނަފްރަތުގެ އިހުސާސްތަކުގައި އޭނާގެ ހިތާއި ސިކުނޑި ދެފަރާތަށް ކިރެމުންދިޔައެވެ. މީގެ ކުރިންވެސް އޭނާ ރާހިލްއާނުލައި ދިރިއުޅުނު ފަދައިން ދެންވެސް އުޅެވިދާނެ ކަމަށް ސިކުނޑިން ބުނާ ބުނުމާ އޭނާގެ ހިތް ދިޔައީ ދެކޮޅުވަމުންނެވެ. ހަމައެހެންމެ އޭނާއަށް ދިޔައީ އޭނާގެ ދެކުދިންނާ ދެމެދުގައިވެސް ވިސްނެމުންނެވެ. ވަކިން ހާއްސަކޮށް ޔާނާއާއި މެދުގައެވެ. ރާހިލްއާއެކު ހޭދަކުރެވޭ ވަގުތު ތަކުގައި ޔާނާގެ މޫނުމަތިން ފެންނަ ހިނިތުންވުން އެއަށްވުރެން އުޖާލާކަން މަތީ ފެންނަ އިތުރު ކަމެއް އޭނާއަކަށް ފެނިފައެއްނުވެއެވެ.

ޝައިނާ ހާސްވެފައި އޭނާގެ ނިތްކުރީގައި ހިފަހައްޓައިލަމުން ސްޓޭޝަންގައިހުރި މޭޒުގައި ދެ އުޅަނބޮށި އަޅުވައިލިއެވެ. އެގޮތުގައި އިރުކޮޅަކު މަޑުކޮށްލުމަށްފަހު ކުއްލިއަކަށް ކަމެއް ހަނދާންވާ ފަދައިން ކައިރީގައިހުރި ދަބަސް ހާވައިލައި އޭގެ ތެރެއިން ނޯޓެއް ލިޔެފައި އޮތް ހުދުކުލައިގެ ކާޑެއް ނެގިއެވެ.

"އައިމް ނޮޓް ގުޑް ވިތް ވޯޑްސް. ބަޓް އައި ހޯޕް ޔޫ ނޯ ވަޓް ދިސް މީންސް"

"އައިމް ނޮޓް ގުޑް ވިތް ވޯޑްސް އޯ. ބިގް ލަޔަރ" ޔާނާ މެދުވެރިކޮށް ފޮރުވި ފުރަތަމަ މާބޮނޑިއާއެކު ރާހިލް އޭނާއަށް ފޮނުވި ނޯޓަށް ޝައިނާ ބަލައިލިއެވެ. އޭނާއަށް އެ ދުވަހު އެ ނޯޓުކޮޅު އަވަސްއަރުވައިލައިފައި ދަބަހަށް ކޮށްޕައިލެވުނު ގޮތަށް އެއާމެދު ހަނދާން ނައްތައިލެވުނީއެވެ. އޭގައި އެވަނީ ހަމަ ރާހިލްގެ އަތުލިޔުމެވެ. އެކަމާމެދު އޭނާއަށް ކުރިން ވިސްނައިނުލެވުނީ ކީއްވެހެއްޔެވެ؟ އެ އަތުލިޔުމުން އެނާއަށް މީގެ ކުރިން އެތައް ނޯޓެއް ލިބިފައިވިއިރުވެސް އޭނާއަށް އެކަން ފާހަގަ ނުކުރެވުނީ ކީއްވެބާއެވެ؟ ޝައިނާގެ ހިޔާލުތައް ދަތުރުކުރީ މީގެ ހަ އަހަރުކުރިން ރާހިލްގެ ފަރާތުން އޭނާއަށް ލިބުނު އެފަދަ ނޯޓުތަކަށެވެ. އެއިން ކޮންމެ ނޯޓެއްގައިވާ ލޯބީގެ ބަސްތަކާއި ސަމާސާތައް އަދިވެސް އޭނާގެ ސިކުނޑީގައި ހަރުލައިހުއްޓެވެ. އެ ދުވަސްތަށް ހަނދާންވުމާއެކު ބޭއިޚްތިޔާރުގައި ޝައިނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެ ހިނިތުންވުން މޫނުމަތިން ފިލުވައިލުމަށްފަހު އަވަސް އަވަހަށް އަތުގައި އޮތް ނޯޓު ދަބަހަށްލިއެވެ.

"އޯހް ގޯޑް ޝައިނާ! ދެން ތި ކޮންމެވެސް އެއްގޮތެއް ނިންމަންވެއްޖެއެއްނު" ޝައިނާގެ ޟަމީރު އޭނާއަށް އަޑުލައިގަތް ކަހަލައެވެ. އެ އަޑަށް ހިމޭންކަން ގެނައުމަށްޓަކައި އޭނާ މަސައްކަތުގެ ތެރެއަށް ވަނެވެ. އެގޮތުގައި މާ ގިނަައިރެއް ނުވަނީސް އޭނާގެ ފޯނަށް ރަސްމީ ނަންބަރަކުން ކޯލެއް އަންނަން ފަށައިފިއެވެ. އަޑު އެހުން ފެށުމަށް ބުނެފައިވާ ގަޑީގެ ފަހަށް މިހާރު ދިހަ މިނަޓު ހިނގާފައިވާތީ ފޯނަށް އެ ގުޅަނީ ކޮންތާކުންކަން ޝައިނާއަށް އެނގުނެވެ. އެހެނަސް އެ ކޯލަށް ޖަވާބުދޭނެ ހިތްވަރެއް އޭނާގެ ނެތެވެ. އެ ކޯލު ކެނޑެންދެން ބަލަހައްޓައިގެން އިނުމަށްފަހު ދެވަނަ ފަހަރަށް ހަމަ އެ ނަންބަރުން ކޯލު އަންނަން ފެށުމުން އޭނާ ފޯނު ސައިލަންޓަށް ލުމަށްފަހު ކޮށްޕައިލީ މޭޒުގެ ތިރީގައިހުރި ވަތްގަނޑުގެ ތެރެއަށެވެ. އަދި އެ ވަތްގަނޑު ތަޅުލުމަށްފަހު ތަޅުދަނޑި ހިފައިގެން ތެދުވިއެވެ. އަދި ޕްރިންޓަރު ކައިރީގައިހުރި އޮފީހަށް އަލަށް ވަދެގެންއުޅޭ އިންޓަރން ފެނުމާއެކު އެދިމާލަށް ދުއްވައިގަތެވެ.

"އަލީ. އަން މި ހިފާބަލަ" ޝައިނާ ދިން ތަޅުދަނޑިފައްޗަށް އަލީ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ.

"ބައިގަޑިއިރު ފަހުން އަހަރެންނާ މި ހަވާލުކޮށްދޭތި އެނގޭ" ޝައިނާ އިތުރު ތަފްސީލަކާނުލައި އަލީއާ އެ ތަޅުދަނޑިފަތި ހަވާލުކުރުމަށްފަހު އައިކޮޅަށް ދުއްވައިގަތްއިރު އަލީއަށް ހުރެވުނީ ބޮޑު ސުވާލުމާކެއްގެ ތެރޭގައެވެ.

****************

"ދެން ތި ނަގާބަލަ. ނުދާ ސަބަބެއްވެސް ބުނަން ޖެހޭނެއެއްނު" އާއިލީ ކޯޓާ މާ ދުރުނޫން ހިސާބެއްގައި ޕާކުކޮށްފައި އޮތް ކާރުގެ ތެރޭގައި އިން ރާހިލްގެ ފޯނު ދެވަނަ ފަހަރަށް ރިންގުވާން ފެށުމުން ކުރީ ސީޓުގައި އިން ރިއާން ބުނެލިއެވެ. އެދެމީހުނާއެކު ކާރުގެ ފަހަތުގައި ހުޒާމް އިން އިރު އޭނާގެ މޫނުމަތިން ނުރުހުން ފާޅުވާން ހުއްޓެވެ.

"އެނގޭދޯ ތިހެން އަބަދަކު ކޯޓަށް ފިލައިގެނެއް ނޫޅެވޭނެކަން. މިހާރު އަހަރެންގެ ވަގުތުވެސް މި ވަނީ ބޭކާރު" ހުޒާމް ބުންޏެވެ. ރާހިލް އެކަމަކާ ފަރުވާލެއް ނުބަހައްޓައެވެ.

ތިންމީހުންގެ ފަރާތުންވެސް އިތުރު ވާހަކަތަކެއް ނުދެކެވުނު ކާރުގެ ތެރޭގައި އޮތީ ހިމޭންކަމެވެ. ރިއާން ދިޔައީ މެސެޖުގެ ޒަރީޔާއިން ޒީވާއަށް ކަންތައްތައްވަމުންދާ ގޮތް ކިޔައިދެމުންނެވެ. އޭރު ރާހިލްގެ ފޯނަށް އަންނަމުންދިޔަ ކޯލުތަކަށްވެސް ނިމުމެއް އައިސްފިއެވެ. ދެން އިވުނީ މެސެޖެއްގެ ނޮޓިފިކޭޝަނެއްގެ އަޑެވެ. ރާހިލް ތެޅިތެޅި އޮތް ހިތަކާއެކު މެސެޖު ހުޅުވައިލުމާއެކު އޭނާއަށް ލިބުނީ ހައިރާންކަމެވެ. އޭގައިވަނީ އެެއްވެސް ފަރާތަކުން ކޯޓަށް ހާޒިރުނުވާތީ އަޑު އަހުން ފަސްކުރެވިފައިވާ ވާހަކައެވެ.

"ވަޓް ދަ ހެލް" ރާހިލްއަށް މެސެޖު ކިޔައިލުމަށްފަހު ބުނެވުނެވެ.

"ކިހިނެއްވީ؟" ރިއާންއާއި ހުޒާމަށް އެއްފަހަރާ ސުވާލުކޮށްލެވުނެވެ.

"ޝީ ޑިިޑްންޓް ގޯ ދެއަރ" ރާހިލްގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ. "ޝައިނާގެ ހިޔާލު ބަދަލުވީ ކަންނޭނގެ" ރާހިލްކާރު ދުއްވައިލަމުން ބުންޏެވެ.

ރިއާންއާއި ހުޒާމް އެކަމާ އެއްބަހެއް ނުވިއެވެ. ޝައިނާ ކޯޓަށް ނުދިޔަ ސަބަބާމެދު މަޝްވަރާތައް ކުރަންފެށިއެވެ.

"ވެދާނެ ދޯ ހަނދާން ނެތުނީ ކަމަށް. ފޯނުވެސް ނިވިފަ އޮތީ ކަމަށް" ހުޒާމްގެ ބުންޏެވެ.

"ނޫން. ޒީވް ބުނީ ޝައިނާގެ ފޯނަށް ގުޅެޔޯ. ޖަވާބެއް ނުދެޔޯ ބުނީ" ރިއާން ބުންޏެވެ.

"މިހާ އަވަހަށް ޒީއަށް އަޕްޑޭޓް ދިނީދޯ. އެމް.ވީ. ކްރައިސިސް އަށްވުރެން އަވަހެއްނު. އަހަރެންނަށް ފެންނަނީ ތި ކޮންގްލޮމަރޭޓް ވިޔަފާރި ހުއްޓާލާފަ ޓީވީ ޗެނަލެއް ފަށަން. އަޅެ ހުޒާމް ބުނެބަލަ. މީހުން މިކިޔާ ކަންމަތީ އާންޓީންނަށް މީނަ ދޫކުރޭތަ؟  ރިއާން ކޮންއިރަކުތަ އެކަހަލަ ދައިތަ އަކަށްވީ؟" ލިބުނު ހަބަރާއެކު ރާހިލްގެ މޫޑު ރަނގަޅުވެ އޭނާ އިނީ ހިތްހަމަޖެހިފައެވެ.

"އެ ވާނީ އޮފީހުގަ ބިޒީ ވީ ކަމަށް. އަހަރެންނަށް އެނގޭ ޝައިނާއަކީ މަސައްކަތައް ވަރަށް ފަރުވާތެރި މުވައްޒަފެއް" ރިއާން ބުންޏެވެ. ރާހިލް ހިނިތުންވެފައި އިނދެ ރީތި ރާގަކަށް ތުނބުން ފުމެމުންގޮސް އޮފީސް ހުންނަ އިމާރާތުގެ ދޮރުމަތީގައި ބާއްވައިލިއިރު ރިއާންއާއި ހުޒާމްތިބީ ރާހިލްގެ އުޅުން ހުރިގޮތާމެދު ހިނިގަނޑު ހިފަހައްޓައިގެނެވެ.

"އޭ އޯކޭ. ދެން އަހަރެން ދިޔައީ އެނގޭ" ހުޒާމް ކާރުން ފައިބަމުން  ބުންޏެވެ. އޭނާ އެތަނަށް މަޑުކުރީ އެއީ ހުޒާމްގެ ސައިކަލު ބަހައްޓައިފައިހުރި ތަން ކަމަށްވާތީއެވެ.

"އޯކޭ. އަހަރެންވެސް މިދަނީ ދެން ރިއާން އޮފީހަށް ލާފަ ގެއަށް" ރާހިލް ޖަވާބުދިނެވެ.

"ހޫން ދެން ގެއަކަށްނު ދާނީ. އެނގެޔޭ ތިކަން" ރާހިލް ކާރު ދުއްވައިލަނިކޮށް ހުޒާމް ދިމާކުރުމުގެ ރާގެއްގައި ބުންޏެވެ. އަދި ދެފަރާތަށް ބޯ ހޫރައިލުމަށްފަހު އެތަނުގައިހުރި އާންމުންގެ ޕާކިންގް ސަރަހައްދާ ދިމާލަށް ހިނގައިގަތެވެ. އެހެންނަމަވެސް އޭގެ ކުރިން ފަޅި ސުކުންތަކަށް އޭނާގެ ނަޒަރު ރާހިލްމެންގެ އޮފީސް ހުންނަ އިމާރާތަށް ހުއްޓިލިއެވެ.

ހުޒާމް އަތުގައި އޮތް ބްރީފްކޭސް ސައިކަލުގެ މުއްގަނޑުގައި އަޅުވައިލުމަށްފަހު އަތުގެ މުލައްދަނޑީގައި އަޅުވައިފައިއޮތް ކަޅުކުލައިގެ ރަސްމީ ކޯޓު ގަޔަށް މަހައިލިއެވެ. އަދި ސައިކަލަށް އަރައި އެ ހުރިތަނުން ނެރުމުގެ ކުރިން ދެފަރާތަށް ބަލައިލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ އޭނާގެ ސައިކަލާއި ޖެހިގެން ވައަތްފަރާތަށްހުރި ސައިކަލު ދޫކުރުމަށްފަހު ދެންހުރި ސައިކަލަށް އަރައި ހަމަޖެހިލި އަންހެންކުއްޖާއެވެ. އޭނާއަކަށް ފެނުނު މަންޒަރު ގަބޫލެއްވެސް ނުކުރެވުނެވެ. މީގެ ހިނދުކޮޅެއްކުރިން އޭނާގެ ދެލޯ ދުށުން އެދެމުންދިޔަ ފަރާތް އެއިނީ އޭނާގެ ކުރިމަތީގައެވެ. ހުޒާމްގެ ހިތް ހީވީ ދެފަހަރަކު ފަހަތަށް ބުރެއްއަޅާފައި ހަމަޖެހިލިހެނެވެ. އޭރު ލައިޝާވެސް އިނީ އޭނާއަށް ބަލަހައްޓައިގެން ހަރަކާތްކުރަން ނޭނގިފައެވެ.

"ހުޒާމް؟" ލައިޝާ އިސްނަގައި ގޮވައިލިއެވެ.

"ލައި" ހުޒާމް ބޯ ޖަހައިލުމަށްފަހު އަވަސް އަވަހަށް އެތަނުން ސައިކަލު ނެރުނީ ލައިޝާއަށް ފިލަން އުޅޭ މީހަކު ފަދައިންނެވެ.

"ހުޒާމް މަޑުކޮށްބަލަ. ހުޒާމް" ލައިޝާ ސައިކަލު ބެހެއްޓުމަށްފަހު ދުވެފައި އައިސް ހުޒާމްގެ ގާތަށް މަޑުކޮށްލިއެވެ.

"މިހާ ދުވަސްކޮށްފަ ދިމާވީމަވެސް ދަނީތަ؟ އަހަރެން.. އަހަރެން ހުޒާމްއާ ވާހަކަ ދައްކާލަން ބޭނުން. ފޯނުން ބްލޮކް ކުރީމަ ކިހިނެެއްތަ ގުޅާނީވެސް؟ ކޮފީއަކަށް ނުދެވޭނެތަ؟" ލައިޝާ އަހައިލިއެވެ.

"ކޮފީ ދޯ؟" ހުޒާމް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ.

"ކިހިނެއްވީ؟ ލަސްވަނީ ދޯ ތާކަށް–"

"ނޫނޭ. ކޮފީއަކަށް ދެވިދާނެއެއްނު. ކޮންތާކަށް ދާނީ؟" ހުޒާމް ހިނިތުންވެލިއެވެ. ލައިޝާގެ އެދުމަކަށް ދެކޮޅުހެދުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ.

"ހުޒާމް ބޭނުން ތާކަށް. މަޑުކުރައްޗޭ އެބަ އަންނަން ދަބަސް ހިފައިގެން" ލައިޝާ ދުވެފައިގޮސް ސައިކަލުގައި އަޅުވައިލި ދަބަސް ހިފައިގެން އައިސް ހުޒާމްގެ ސައިކަލު ފަހަތައް އެރިއެވެ. ސައިކަލު ދުއްވައިލިއިރު އެ ދެމީހުންގެ މޫނުމަތީގައިވެސް ވަނީ ހިނިތުންވުމެވެ.

****************

ޔާނާއާއި ރާއީ ސްކޫލުން ނިމޭގަޑިއަށް ވާތީއާއެކު ޝައިނާ އޮފީސް ނިންމައިފައި ހަވީރު ގެއަށްދިޔައީ އެދެކުދިން ގޮވައިގެނެވެ. ސްކޫލުގައި ފެންކުލަ ކުޅުނު ދުވަހަކަށްވާތީ ދެކުދިންގެ ޔުނީފޯމު ހުރީ ވަރަށްބޮޑަށް ހަޑި ކޮށްލައިފައެވެ. އެދެކުދިން ކޮޓަރިއަށް ގެންގޮސް ފެންވަރުވައި ރީތިކުރުމަށްފަހު އޭނާ ދެން ނުކުތީ އެދެކުދިންނަށް ކާންހެދުމަށްޓަކައެވެ. އޭރު ކޮންމެވެސް މީހަކު އައިސް އަލަމާރި ހުޅުވާލައިގެން ހުއްޓެވެ. ހުޅުވައިލެވިފައިވާ ދޮރުފަތާ ނިވާވެފައިވި މޫނު ނުފެނުނު ކަމުގައި ވިޔަސް އެއީ ރާހިލްކަން ޝައިނާއަށް ޔަގީންވީ އެ ދޮރުފަތުގައި ހިފަހައްޓައިލައިގެންހުރި އަތުގެ ސަބަބުންނެވެ. އިސާހިތަކު ކޯޓުގެ އަޑުއެހުމަށް ޝައިނާ ނުދިޔައީ ކީއްވެތޯ ރާހިލް ކޮށްފާނެ ސުވާލަކަށް ދައްކާނެ ބަހަނާއަކާމެދު ވިސްނައިގަތުމަށް އޭނާގެ ސިކުނޑި އަވަސްވެގަތެވެ. އެހެނަސް އައިސް އަލަމާރީގެ ދޮރު ލެއްޕުނު ވަގުތު ރާހިލް ފެނުމާއެކު ޝައިނާގެ ސިކުނޑި ހިނދުކޮޅަކަށް މަސައްކަތްކުރުން ހުއްޓައިލިއެވެ. ހީވީ މީގެ ހަތްއަހަރު ކުރިއަށް ޒަމާން ފަހަތައް ޖެހިލިހެނެވެ. ބަދަލުވެފައިވާ ރާހިލްގެ ސޫރަ ފެނުމާއެކު އޭނާއަށް ގަބޫލު ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެނެވެ. މިއަދުގެ ހެނދުނާ ހިސާބަށާ ބޯކޮށް ބަހައްޓައިފައިހުރި ރާހިލްގެ ތުނބުޅި ބޮޑުތަނުން ތުނިކޮށްލެވިފައިވާއިރު ކުރިން ކޮނޑާ ހަމައަށް އޮތް އިސްތަށިގަނޑު އޮތީ ކުރުކޮށް ކޮށައި ނިއްކުރިމައްޗަށް ވައްޓައިލެވިފައެވެ.

ޝައިނާ ފެނުމާއެކު ރާހިލް ޝައިނާއާ ދިމާލަށް އެ އިސްތަށިގަނޑުގައި ހަރުލައިފައިވާ ފެންތައް ފޮޅައިލަމުން އެ އިސްތަށިތަކުގެ ތަރުތީބު ގެއްލުވައިލިއެވެ. އެއީ މީގެކުރިން ޝައިނާ ރުޅިއަރުވަން ރާހިލް ބޭނުންކޮށް އުޅުނު އުކުޅެކެވެ. ވަކިން ހާއްސަކޮށް އެމީހުން އެއްކޮށް ކުރި އޮފީސް ދަތުރުގެ ދުވަސްތަކުގައި ރާހިލްއާއެކު ހޭދަކުރެވުނު ދުވަސްތަަކުގައެވެ. ނަމަވެސް މިއަދު ރާހިލްގެ އެ ހަރަކާތުން ޝައިނާގެ ހިތް އަވަސްކުރުވައިފިއެވެ.

"ރާހިލް؟" ޝައިނާ ހީވީ ފެންނަމުންދިޔަ މަންޒަރާމެދު ސުވާލު އުފެދިފައި ހުރިހެނެވެ. މިއީ އަނެއްކާ އޭނާއަށް ފެންނަ ބިލާހަކީބާއެވެ؟ ނޫނިއްޔާ މިއީ ރާހިލްގެ ސިފަ ޖެހިގެން އައިސްހުރި އެހެން މަހުލޫގަކީ ހެއްޔެވެ؟ ޝައިނާއަށް އޭނާގެ ހަމަބުއްދިއާމެދު ސުވާލުކުރެވެން ފެށިއެވެ.

"ކިހިނެއްވީ؟ ނުގުޅެނީތަ؟" ރާހިލްގެ އަޑު އިވުމާއެކު ޝައިނާއަށް އެއީ ބިލާހެއް ނޫންކަން ކަށަވަރުވިއެވެ.

"ނު.. ނޫން އަސްލުވެސް ކޮށާލީތަ؟ ތުނބުޅިވެސް؟" ޝައިނާގެ އަޑުގައި ހައިރާންކަމާއި އެއްވަރުގެ މާޔޫސްކަމެއް ހުރިހެން ރާހިލްއަށް ހީވިއެވެ.

"އަހަހަހަ. މި ދެން.. އަނެއްކާވެސް ދުވަސްކޮޅަކުން ދިގުވާނެއެއްނު؟" ތުނިކޮށްލެވިފައިވާ ތުނބުޅީގައި އަތް އުނގުޅައިލަމުން ރާހިލް ލުއި ހީނލުމަކާއެކު ބުންޏެވެ.

ޝައިނާއަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓައި ފަހަތުން އިވުނީ ޔާނާގެ އަޑެވެ. އެކުއްޖާ ބާރުބާރަށް "ބައްޕީ"އޭ ކިޔައި ރޮއެގަތުމާއެކު ޝައިނާއާއި ރާހިލްއަށް އެއްފަހަރައި އެދިމާލަށް ދުއްވައިގަނެވުނެވެ. އެހެނަސް ރާހިލް ގޮސް ޔާނާ އުރައިލަން އުޅުމާއެކު ޔާނާ ރާހިލްގެ އަތް ދުރަށް ކޮށްޕައިލުމަށްފަހު ޝައިނާގެ ގައިގައި ބައްދައިލިއެވެ. އޭރު ޔާނާ ދިޔައީ ހަމަ ރަނގަޅަށްވެސް ގިސްލަގިސްލާފައި ރޮމުންނެވެ.

"ދަރިފުޅޫ.. ދަރިފުޅޫ އަޅޭ.. ކިހިނެއްވީތަ؟ ތަނަކަށް ވެއްޓުނީތަ؟ ދޮންބެއާ ދެކުދިން ތޮޅުނީތަ؟ ބުނެބަލަ؟" ޝައިނާގެ ހުރިހާ ސުވާލަކަށް ޔާނާ ބޯ ހޫރަމުން ދިޔަ ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ނޫޅުނެވެ. ރާހިލްވެސް ހުރީ ޔާނާއަށް ވީގޮތެއް ނޭނގި ރޮމުންދާތީ ކަންބޮޑުވެފައެވެ.

"ނޫން ބައްޕި.." ޔާނާ ބުނީ ހަމައެކަނި އެހެނެވެ.

"ރާހިލް މީނައަށް ކީއްކުރީ؟" ޔާނާގެ ބޮލުގައި ފިރުމައިލަމުން ޝައިނާ ރާހިލްއާ ދިމާލަށް ލޯ އަޅައިލުމާއެކު ރާހިލް އޭނާގެ ކުށެއް ނެތޭ ބުނާ ފަދައިން ދެއަތް އުފުލައިލަމުން ބޯ ހޫރައިލިއެވެ.

"ދަރިފުޅު ބުނެބަލަ. ބައްޕި ކީއްކުރީ؟" ޝައިނާ މިފަހަރު ސުވާލު ކުރީ ޔާނާއަށެވެ.

"ބައްޕިގެ.. ހެއަރ.. ކަޓްކޮށްލީ. ޔާނާގެ.. ފޭވްރިޓް.. ހެއަރ… ބައްޕި.. ކަޓް.. ކޮށްލީ.." ޔާނާ ކޮންމެ ދެބަސް ދޭތެރެއަކުން ގިސްލަމުން ބުނި ވާހަކައާއެކު ޝައިނާއާ ރާހިލްއަށް ވާނުވާ ރޭކައިލިއެވެ. ޝައިނާ ހަދާނެ ގޮތެއް ނޭނގިފައިހުރެ ރާހިލްއަށް ބަލައިލުމާއެކު ރާހިލް ޔާނާ އުރައިލުމަށްޓަކައި ދެއަތް ދިއްކޮށްލިއެވެ.

"ޕްރިންސަސް.. ކަމް ހިއަރ" ރާހިލް ބުންޏެވެ.

"ނޫން ބައްޕިއާ ރުޅި. ބައްޕި ހެއަރ.. ކޮށާލީ.. ޔާނާ.. ހެއަރ ސެލޯން.. ނުކުޅެވޭނެ.. ބައްޕި.." ޔާނާ ދެންވެސް ރާހިލްގެ ގާތަށް ދާކަށް ނޫޅުނެވެ.

"ދަރިފުޅޫ.. ދެން އޯކޭ ވާނޭ ބައްޕިއަށް އޮޅިގެން ހެއަރ ކަޓް ވީ.. މިއޮތީނު މަންމިގެ ހެއަރ ދަރިފުޅު ހެއަރ ސެލޯން ކުޅެން" ޝައިނާ ދެލޯ މަރައިލަމުން އެހެން ބުނިއިރު އޭނާގެ އެ ލޯބިވާ އިސްތަށިގަނޑަށް ޔާނާ ކޮށްލާނެ ވަރު އޭނާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. އެ ހުރިހާ ކުލަތަކާއި ވިދާ ކުނޑިތައް އަޅައިގެން އެ އިސްތަށިގަނޑުގެ ދުވަސް ދުއްވާލާނެކަމާމެދު ޝައްކެއްނެތެވެ.

"ނޯ.. ޔާނާ ލައިކް.. ވަނީ.. ބައްޕި ހެއަރ.. މަންމި ހެއަރ.. ޓޫ ލޯންގް.. ޔާނާގެ ގްލިޓަރ ފުޅި.. ހުސް.. ވާނެ" ޔާނާގެ ވާހަކަ ހުރިގޮތުން އެދެމީހުންގެ ގާތަށް ހިނިއައި ނަމަވެސް ޔާނާ ހުއްޓައިނުލައި ރޮމުންދާތީ ދެމީހުންގެ މޫނުމަތިންވެސް ފެންނަނީ ކަންބޮޑުވުމެވެ. އެންމެފަހުން ޔާނާ ރޮމުން ރޮމުންގޮސް ކެއްސަން ފަށައިފިއެވެ.

"ރާހިލް ދެން ޖެހޭތަ ޔާނާ އެވަރުވާއިރު އިސްތަށިގަނޑު ކޮށަން؟" ލިބުނު ނުތަނަވަސްކަމުގައި ޝައިނާއަށް އެ އައި ރުޅިގަނޑު ބޭލުނީ ކައިރީގައިހުރި ރާހިލްއަށެވެ.

"އަޅެ އަހަރެންނަށް އެނގޭތަ އެވަރު ވާނެކަމެއް" ރާހިލް ބުންޏެވެ. މި ޖެހުނީ ދެން ކިހާ ދެރަ ކަމަކާހެއްޔެވެ؟ ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދެވަނަ ފަހަރަށް ޔާނާ އުރައިލަން އަތްދިއްކޮށްލަމުން ކުރިއަށް ޖެހިލިއެވެ.

"ސޮރީ އޭ ބައްޕިގެ ޕްރިންސަސް. ބައްޕި އަނެއްކާ ހެއަރ ދިގު ކުރާނީ. ޕްރޮމިސް. ބަލަ ކެއްސަނީއެއްނު. ކަރަށް ތަދުވެދާނެ. އަވަހަށް އާދެ ފެންބޯން ދާން" ރާހިލް އާދޭހުގެ ރާގެއްގައި ބުނުމުން މިފަހަރު ޔާނާ މާ ވަރަކަށް ގަދަ ހަދާކަށް ނޫޅުނެވެ. ރާހިލްއާއެކު ފެންބޯން ދިޔައިރު ރާހިލްގެ އިސްތަށިގަނޑު ދިގު ކުރަންވި ވަރާއި ޖައްސަންވި ކުލައަށް ދާންދެން ކިޔައިދެމުން ދިޔައެވެ. ރާހިލް އެ ހުރިހާ ވާހަކައަކަށް ބޯ ޖަހައި އެއްބަސްވަމުން ޔާނާއަށް ފެންދީ ނިންމައިލި ތަނާހެން އިޝްވާ ކޮޓަރިން ނުކުމެ ޔާނާ ހޯދަންއައެވެ.

"ކީއްވެ ޔާނާ ރޮނީ؟" އިޝްވާ އަހައިލިއެވެ.

"ރާހިލް އިސްތަށިގަނޑު ކޮށާލީމަ ހެއަރ ސެލޯން ނުކުޅެވޭނެތީ" ރާހިލްމެން ތިބި ދިމާލަށް ލޮލުން އިޝާރާތްކުރަމުން ޝައިނާ ޖަވާބުދިނެވެ.

"އޯ. އެމް. ޖީ! ދޮންބޭ. ބޯ ކޮށާލީތަ؟" އިޝްވާ އެދިމާލަށް ހިނގައިގަތެވެ.

"ބައްޕި ބުނީ އަދި ހެއަރ ދިގުވާނެޔޯ އިޝީ އާންޓީ. މިވަރަށް" ޔާނާ ރާހިލްގެ ކޮނޑާ ހިސާބުގައި އަތް ޖައްސައިލަމުން ބުންޏެވެ.

"އާން ޕަރޕަލް ކުލައިގެ ގްލިޓަރ ފުޅިއެއް ލިބިގެން ބައްޕި ހޯދަންށޭ ކިޔާފަ ނުކުތީވެސް. ކިހާދެރަ" އިޝްވާ ބުންޏެވެ.

"ދެން ޔާނާ އޯކޭވެފަ ހުއްޓާ އިތުރަށް ތިވާހަކަ ނުދައްކާ" ރާހިލް ސިއްރު ސިއްރުން ބުންޏެވެ. ރާހިލްގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު އިޝްވާ އެތަނުން ދިޔައީ ރާހިލްގެ އިޝާރާތަށް ޔާނާ އެތަނުން ގޮވައިގެނެވެ.

"ޕިސް ޕިސް. ވަރެއްގެ ކުއްޖެއް އެހެރީ. ޔާނާއާ ހެދި އަހަރެންގެ އިސްތަށިގަނޑުވެސް ކުރިން އޮތްވަރަށް ކޮށާނުލެވިގެން މި އުޅެނީ" ޝައިނާ ބޯ ހޫރައިލުމަށްފަހު އައިސްއަލަމާރިން ޖޫސްޕެކެޓެއް ނަގައިގެންގޮސް ބަދިގޭގެ ކަބަޑުސެޓުކައިރިއަށް މަޑުކޮށްލިއެވެ.

"ތިއީ ކުރިން އޮތް ވަރެއްނު؟" ރާހިލް ބުންޏެވެ. އެއާއެކު ޝައިނާގެ ހަރަކާތްތަށް ހިނދުކޮޅަކަށް މަޑުޖެހިލިއެވެ.

"ފަހުން ކޮށާލީމޭ. ނޭނގޭތަ؟" ޝައިނާ ބުންޏެވެ.

"އޯހް. އޭރުގެ ވާހަކަ ދޯ؟ ނޫން.. ފޮޓޯ ދެކުނިން" ރާހިލްއަށް އެދުވަސް ހަނދާންވުމާއެކު ހިތަށް އުނދަގޫވެ ހިންދިރުވައިލެވުނެވެ. އަދި މޭޒު މަތީގައި ބަހައްޓާފަހުރި އޮރެންޖާއި ލުނބޯ އަޅައިގެން ތައްޔާރު ކުރެވިފައިވާ "ޑިޓޮކްސް" ފެންޖަގު ހިފައިގެންގޮސް ކަބަޑުސެޓު މަތީގައި ބަހައްޓައިލަމުން ޝައިނާއާ ޖެހޭ ނުޖެހޭ ހިސާބު ގާތަށް ހުއްޓުނެވެ. އެދެމެދަށް ވެރިވި އާދަޔާ ހިލާފު ހިމޭންކަން ކަނޑުވައިލި މީހަކަށް ވީ ޝައިނާއެވެ.

"މިއީ.. މިއަދު.. މިއަދު އޮފީހުގަ ވަރަށް ބިޒީވީމަ ކޯޓަށްދާންޖެހޭކަން ހަނދާން ނެތުނީ. ބިޒީކަމުން ފޯނުވެސް އޮތީ ސައިލެންޓަށް ލެވިފަ" ޝައިނާ އަޅައަޅައިގަންނަމުން ބުންޏެވެ. ދޮގެއް ހަދަންޖެހުމުން ޝައިނާއަށް އެއީ ފަސޭހަކަމަކަށް ނުވިއެވެ.

"އަހަރެންވެސް ވަރަށް މަސައްކަތްކުރިން ދެވޭތޯ. އެކަމަކު ވަރަށް ވަރަށް މުހިއްމު މީޓިންގްއެއްގަ އިނީމަ.. މީޓިންގް ކުރުކޮށްލެވޭތޯވެސް ބެލިން އެކަމަކު.." ރާހިލްވެސް ދޮގުހެދިއެވެ.

ރާހިލްގެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ހިތް ގަބޫލުކުރަމުންދިޔައީ ހަމަ ހަގީގަތުގައިވެސް ޝައިނާގެ ހިޔާލު ބަދަލުވީ ކަމުގައެވެ. އެކަމުގެ ވަރުގަދަ އިހުސާސެއް އޭނާއަށް ކުރެވެމުންދިޔަ ނަމަވެސް އެ އިހުސާސަށް ގުޑުމެއް އަންނާކަށް މަދު ސިކުންތުކޮޅެއްވެސް ނުނެގިއެވެ. މަތީ ކެބިނެޓުގައި ބަހައްޓައިފައިވާ ބިއްލޫރި ތަށިތަކުން ތަށްޓެއް ނެގުމަށްޓަކައި ޝައިނާއާއި ރާހިލްގެ އަތް ހަރަކާތްކުރީ އެކުއެކީގައެވެ. ނަސީބު ކަންދިމާކުރިގޮތުން ޝައިނާއާއި ރާހިލްއަށްވެސް އަތް ގެންދެވުނީ އެއް ތަށްޓަކާ ދިމާލަށެވެ. ރާހިލްއަށްވުރެން ކުރިން ޝައިނާގެ އަތް އެތަށީގައި ޖެހުމުން ރާހިލްގެ އަތް ޖެހުނީ ޝައިނާގެ އަތްތިލައިގެ ނުފުށުގައެވެ. އިއްތިފާގަކުން ދެމީހުންނަށްވެސް ހިއްލައިލެވުނީ ވައަތެވެ. ކައިވެނި ކުރި ދުވަހުގެ ހަދިޔާއެއްގެ ގޮތުން ރާހިލްގެ ކަށި އިނގިލީގައި ޝައިނާ އަޅުވައިދިން ރިހި އަނގޮޓި އަދިވެސް ފެންނަންހުއްޓެވެ. ނަމަވެސް ޝަައިނާއަށް ކައިވެނި ހުށަހެޅި ރޭ ޝައިނާގެ ކަށިއިނގިލީގައި ރާހިލް އަޅުވައިދިން ހުދުރަނުގެ އަނގޮޓި ފެންނާކަށް ނެތެވެ.
އެ ފަޅުކަން ރާހިލްއަށް ފާހަގަވެއްޖެކަން އެނގުނީ ރާހިލްގެ އަތުގެ ބޮޑުވައި އިނގިލި ލަސްލަހުން ދެފަހަރަކު ޝައިނާގެ ކަށިއިނގިލީގައި ބީއްސައިލި ގޮތުންނެވެ. އެއީ އަނގޮޓި ކުރިން އަޅައިފައި އޮތް ޖާގައިގައެވެ.

ޝައިނާ އަވަސް އަވަހަށް ހިފަހައްޓައިގެންހުރި ތައްޓާއެކު އޭނާގެ އަތް ރާހިލްގެ އަތުތެރެއިން ދަމައިގަތެވެ. ރާހިލް އެއާ ޖެހިގެންހުރި ތަށީގައި އަތްލި ނަމަވެސް ހިޔާލު ބަދަލުވި ފަދައިން އެ ތަށިން އަތް ދޫކޮށްލުމަށްފަހު އޭނާ ގެންގުޅުނު "ޑިޓޮކްސް" ފެންޖަގު އަލުން އައިސްއަލަމާރިއަށް ލުމަށްފަހު ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ރާހިލް ސިޑިން އެރުމާއެކު ޝައިނާވެސް ދުއްވައިގަތީ ކޮޓަރިއަށެވެ.

ރާހިލްގޮސް މަތީ ފަންގިފިލާގައިހުރި ސްޓަޑީއަށްވަދެ އެތަނުގައިހުރި މޭޒުގެ ވަތްގަނޑެއް ހުޅުވައިލިއިރު ޝައިނާވެސް ކޮޓަރީގައިހުރި ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވައިލަނީއެވެ.

ޝައިނާގެ ހިޔާލު ބަދަލެެއް ނުވާނެހެއްޔެވެ؟ ޝައިނާ އޭނާއާއެކު އުޅެން ނެތްހާ ހިނދަކު އޭނާއަށް އެކަން މަޖުބޫރެއް ނުކުރެވޭނެއެވެ. އޭނާ ދައްކާ އެއްވެސް ވާހަކައެއް ޝައިނާ ގަބޫލެއް ނުކުރެއެވެ. ޝައިނާގެ އިތުބާރު އޭނާގެ މައްޗަށް ގެއްލިފައިވާއިރު އެ ބަސްނުވިކޭ ކައިވެނީގައި އޭނާ ހުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ ޝައިނާގެ މަޢާފެއް ދުވަހަކުވެސް އޭނާއަކަށް ނުލިބޭނީ ހެއްޔެވެ؟ ޝައިނާ ބޭނުންވާ ފަދައިން މި ގުޅުމަށް ނިމުމެއް ގެންނަން އޭނާ ތައްޔާރުބާއެވެ؟ ޔަގީނެއްނޫނެވެ. އެހެނަސް މަސައްކަތް ކުރެވިދާނެއެވެ. މިއީ އެކަމަށްޓަކައި އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. ހިނދުކޮޅެއްގެ ފަސްޖެހިލުމަށްފަހު ރާހިލްގެ އަތުގައި އޮތް ރިހި އަނގޮޓި ނަގައި ވަތްގަނޑުގެ ތެރެއަށް ވައްޓައިލިއެވެ.

އޭނާގެ ހިޔާލު ބަދަލުވަނީބާއެވެ؟ ރާހިލްއާ ވަކިވުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން މިއަދު އޭނާއަށް ޔަގީންވެއްޖެއެވެ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެކަން އެނގެއެވެ. ރާހިލްއަށް ހެދުނު ގޯސްތައް ހަނދާން ނައްތައިލުމަށްފަހު ރާހިލްގެ ވާހަކަ އަޑު އެހުމުން އަމިއްލަ ހިތުގައިވި ޒަހަމްތަކަށް ފަރުވާ ލިބިދާނެހެއްޔެވެ؟ ރާހިލްއަށް މަޢާފު ކުރެވިދާނެބާއެވެ؟ ރާހިލް ބޭނުންވާ ފަދައިން އެ ގުޅުމަށް އިތުރު ފުރުސަތެއް ދޭން އޭނާ ތައްޔާރުބާއެވެ؟ ޔަގީނެއްނޫނެވެ. އެހެނަސް މަސައްކަތް ކުރެވިދާނެއެވެ. މިއީ އެކަމަށްޓަކައި އެޅޭނެ ފުރަތަމަ ފިޔަވަޅެވެ. ވަތްގަނޑުން ނެގި ހުދުރަނުގެ އަނގޮޓި ވައަތުގެ ކަށި އިނގިިއްޔަށް ހެޔޮވަރުކޮށްލަމުން ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. އޯހް!
    ކިތަންމެ ފަހަރަކު ހިންދިރުވާލެވުނަސް ….
    ހިތްފިތޭ ހިސާބަކުން ނިންމާލީމަ ލަގޮނޑިއަށޭ ބާރުކުރަނީ އަންޔާ.
    ދެންއޮތް އެޕިސޯޑް އަޅެ އެހާ ލަސްނުކުރައްޗޭ. ޕްލީޒް.
    އެކަމަކުވެސް ވާހަކައިގެ ރީތިކަމަށްޓަކައި އަންޔާ އައްސަރިބަހާއި ސާބަސް ނުދީވެސް ކެތެއްނުވޭވިޔަ.

    16
  2. Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    Mi part kiyaafa rovijje
    Raahil and Saina gulhuvachey
    They are made for
    Next part koniraku
    Love you

  3. Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    Mi part kiyaafa rovijje
    Raahil and Saina gulhuvachey
    They are made for
    Next part koniraku
    Love you
    Ishwaa and simaan dhuru nukurachey

  4. މިބައިވެސް ވަރަށް ރީތި. އެކަމަކު މިދެމީހުން މިއުޅޭ ގޮތަކުން ވަރަށް ދެރަވޭ. ޝައިނާވެސް ރާހިލް އެވަރަށް ނުތަޅުވާ ކުދިންނަށްޓަކައި އަދި އެއްފުރުސަތު ރާހިލްއަށް ދޭންޖެހޭ.

  5. މި ބައި ވެސް ވވވވވވވވވވވވވވވވވވވވވވަރރރރރރރަށށށށށށށށށށށށށްް ރީތި މާޝާﷲ ️️️…….
    ކާންޓް ވެއިޓް ފޯރދި ނެކްސްޓް……
    މައި ފޭވް ގާރލްްލްލްްްލްލްލްްލް

  6. އަދިވެސް ރާހިލް ކުޑަކޮށް ތަޅުވާލާފަ ޝައިނާ މަޑުންހުންނަންވާނީ އިނގޭ! ހީ ޑިޒާވްސް ވަޓް ހީ ގެޓްސް

    1
    0

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު