ވަތްގަނޑުން ނެގި ހުދުރަނުގެ އަނގޮޓި ވައަތުގެ ކަށި އިނގިިއްޔަށް ހެޔޮވަރުކޮށްލަމުން ޝައިނާ ފުންނޭވާއެއް ދޫކޮށްލިއެވެ.
*****************
ކޮނޑުގައި އޮތް ދަބަހުގެ އަތްގަނޑުގައި ހިފައި އިތުރަށް ބާރުކޮށްލަމުން ޝިމާން އަދިވެސް އެއްފަހަރު މަގުގެ އަނެއްފަރާތުގައިހުރި އިމާރާތަށް ބަލައިލިއެވެ. އެވަގުތު އިމާރާތުގެ ދޮރުމަތީގައިހުރި ޝައިނާ ހަނާ އަޅައިލިތަން ފެނުމާއެކު އޭނާ ފައިކައިރީގައި ބަހައްޓާފައިހުރި ފޮށި ހިފައިގެން މަގުގެ އަނެއްފަރާތަށް ހިނގައިގަތެވެ.
"އެހާ ކުއްލިއަކަށް ގުޅީމަ ރާހިލްއަކާ ވާހަކައެއް ނުދެއްކުނު. އެކަމަކު މެސެޖު ކޮށްލީމަ އޯކޭ ދީފި" ޝައިނާ ބުންޏެވެ.
"ތަނެއް ހަމަޖެހުނުހާ އަވަހަކަށް ދާނަން" ޝިމާން ލިފްޓަށް އަރަމުން ބުންޏެވެ.
"އަސްލު ކިހިނެއްތަވީ؟" ޝިމާން އެހާ ކުއްލި ގޮތަކަށް ގުޅައި އެގެއަށް އަންނަން އެދުނު ސަބަބާމެދު ޝައިނާ ސުވާލު ކުރިއެވެ.
"އަހަރެންނާއެކީ އެތަން ހިފައިގެން އުޅުނު ފްރެންޑް މެރީ ކުރާތީ އެހެން ތަނެއް ބަލަމުން ދިޔައީވެސް. މި ހަފްތާ ފަހުކޮޅުގަ ވެޑިންގް އޮތީ އެކަމަކު މިއަދު ކުއްލިއަކަށް އަންހެންކުއްޖާގެ ފެމިލީ މީހުން މާލެ އައިމަ ދެން އަހަރެން އެގެއިން ނުކުތީ. ސިސްއަށް އެނގެއެއްނު އަހަރެން ބީރައްޓެހިންނާ އެކީ އުޅެން އުނދަގޫކަން" ޝިމާން ބުންޏެވެ.
"ހްމްމް އޯކޭ. ދެން ދުވަސްކޮޅަކުން އިތުރުގޮތެއް ފެނިދާނެތާ ދޯ؟" ޝައިނާ ލިފްޓުން ފައިބައިގެން އައިސް ޕެންތްހައުސްގެ ދޮރު ހުޅުވައިލުމާއެކު ޝިމާން އެތެރެއަށް ފިޔަވަޅު އަޅައިލީ އާޝޯހު ވެފައިހުރެއެވެ. އޭނާ އެތަނުގެ ވަށައިގެން ނަޒަރު ހިންގައިލުމަށްފަހު ދެފަހަރަކު ތުނބުން ފުމެލިއެވެ.
"ނައިސް ޕްލޭސް. ބޭބެގެ ޓޭސްޓު އަދިވެސް ހަމަ އެއްވަނަ" ޝައިނާގެ ފަހަތުން ކޮޓަރިތަކާ ދިމާލަށް ހިނގައިގަންނަމުން ޝިމާން ބުންޏެވެ.
"ހެލޯ؟ ކްރެޑިޓްސް ޓު ދަ ޑިޒައިނަރ ޑާހް؟" ޝައިނާ ބުންޏެވެ. އަދި ޝިމާން ގޮވައިގެންގޮސް ހޯލްވޭގެ ތިންވަނައަށްހުރި ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ޔާނާއާއި ރާއީގެ ބައެއް އެއްޗެހި ހުރެދާނެ މިކޮޓަރީގަ. އެ އެއްކައިރި ކޮށްލާފަ ބަހައްޓާ އަހަރެން ފަހުން ބަލާ އަންނާނަން. ދެން މިއީ އަހަރެންގެ ކޮޓަރި. އެންމެ ދުރުގަ އެހެރީ އިޝްކޮގެ ރޫމް. ޝިމާން. އިޝްކޮއަށް އުނދަގޫ ނުކުރައްޗޭ އެނގޭ" ޝައިނާ ނަސޭހަތްތެރިވިއެވެ.
"އަހަރެން ކޮން އިރަކުތަ އިޝީއަށް އުނދަގޫ ކުރީ؟" އިޝްވާގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލަންހުރެ ޝިމާން އަހައިލިއެވެ.
"އެބަ އެނގެއެއްނު މި ބުނާ އެއްޗެއް. އެނގޭ އެއީ ޝިމާންގެ އަލަތު ލޯބިކަން އެކަމަކު ޝިމާންވެސް ރިލޭޝަންޝިޕެއްގަ އުޅޭއިރު އެންމެ ރަނގަޅުވާނީ އިޝީއާ ދުރުން އުޅުނީމަ" ޝައިނާ ބުންޏެވެ.
"އޯކޭ އޯކޭ. އެހެންނޫނަސް އަހަރެން މިއީ މާ ގިނައިން ގޭގަ އުޅޭ މީހެއްވެސް ނޫނެއްނު" ޝިމާން ބުންޏެވެ. ޝައިނާ އެންމެ ރަނގަޅޭ ބުނެ ޝިމާންއަށް އޭނާގެ ކޮޓަރި ދެއްކުމަށްފަހު ދިޔައީ މަތީ ފަންގިފިލާއަށެވެ. އެތަނުގައިހުރި ސްޓަޑީއަށް ވަދެ ދޮރުލެއްޕުމަށްފަހު އިސްކޮޅާ އެއްވަރުގެ ބުދެއްގައި އަޅުވާފައި ހުރި ކަނޑުނޫކުލައިގެ ހެދުން ހިފައިގެން އައިސް ފަހާފޮށި ކައިރީގައި އިށީނެވެ. އެއީ އިޝްވާގެ ދަސްވެނިވުމުގެ ހަފްލާއަށް އޭނާ ތައްޔާރުކުރާ ހެދުމެކެވެ. އެ ހެދުމުގެ މަސައްކަތުގައި ރޭގެ ބޮޑުބައި ހޭދަކުރުމަށްފަހު ތިރިއަށް ފޭބި ވަގުތު ބަދިގެއާ ދިމާލުން ދެމީހާކު ވާހަކަދައްކަމުންދިޔަ އަޑު އިވި ސިޑި ކައިރީގައި ހުރި ތަނބެއްގެ ފަހަތަށް ނިވައިވެލިއެވެ. އެއީ އިޝްވާއާއި ޝިމާންގެ އަޑުކަން ޔަގީންވުމާއެކު އެނާއަށް ދެވަނަ ސުކުންތުގައި ދެލޯ މަރައިލަމުން ބޯ ހޫރައިލެވުނެވެ. ޝިމާންގާތު އެވަރަށް އިޝްވާއާ ދުރުން އުޅުމަށް ބުނީމަވެސް ހަމަ އެ ބުނި އެއްޗެއް އަޑު ނޭހީތާއެވެ. އަދި މިއުޅެނީ އެހެން ބުނިތާ އެއްދުވަސް ވެސް ފާއިތު ނުވެގެނެވެ.
—————–
ދުވާލުގެ ހަތަރުދަން އެއްޗެއް ނުކައި ހުރުމުންނާއެކު މެންދަމާ ގާތްވަމުންދިޔަ ވަރަކަށް އިޝްވާއަށް ބަނޑުހައި ހޫނުކަން އިހުސާސް ކުރެވެންފެށީ ކެތްނުވާ ވަރަށެވެ. އެންމެފަހުން އޭނާ ކާއެއްޗެއް ހޯދުމުގެ ނިޔަތުގައި ބަދިގެއަށްގޮސް އެތަން މިތަން ހާވަން ފެށިއެވެ. ކައްކާފައިހުރި ކަމުގައި ވިޔަސް ފޮނިއެއްޗެއް ނޫނީ ކާހިތް ނެތުމުން އޭނާއަށް ކަމުދާ ހަމައެކަނި އެއްޗަކަށް ފެނުނީ އައިސްއަލަމާރީގައި އޮތް ބޮޑު ޗޮކްލެޓެކެވެ.
އިޝްވާ ނިކަން ހެވިފައިހުރެ އެ ޗޮކްލެޓްގެ އުރަ ނިއުޅައިލަމުން ފަހަތައް އެނބުރުނެވެ. އެވަގުތު އޭނާއާ ހައެއްކަ ފިޔަވަޅު ދުރުގައިހުރި ޝިމާންފެނި ފޮހެވިގެންދިޔަ ހިނިތުންވުމާއެކު މީހާ ހުއްޓުންއެރިއެވެ. ޝިމާން އެގެއަށް ބަދަލުވެދާނެ ކަމަށް ޝައިނާ ބުނެފައި އޮތް ނަމަވެސް އެހާ އަވަހަށް އެކަން ވާނެކަމަކަށް އިޝްވާއަށް ހީކުރެވިފައެއް ނެތެވެ. ލިބިފައި ހުރި ސިހުމުން އަރައިގަނެ އޭނާއަށް ނޭވާވެސް ލާން އެނގުނީ ޝިމާން ކުރިއަށް ޖެހިލައި ސިންކުގެ އިސްކުރު ދޫކޮށްލުމުންނެވެ.
"ކޮންގްރެޓްސް" އަތުގައިހުރި ފެންއަޅާ ކުޑަ ތަރުމޯޒު ދޮންނަމުން ޝިމާން ބުންޏެވެ.
"ހްމްމް؟" އިޝްވާއަކަށް ޝިމާންގެ ވާހަކަ ނަގައެއް ނުގަނެވުނެވެ.
"އިޝީ އެގްޒާމްސްއިން ޕާސްވިކަމަށް އަޑު އެހިން. ކޮންގްރެޓްސް" ޝިމާން ބުންޏެވެ.
"އޯހް. ތެންކްޔޫ" އިޝްވާ ހުރީ އަދިވެސް އެ ހުރިތަނުގައެވެ. ހިނގައިގަންނަން ނޭނގިފައެވެ. ޝިމާން ލަސް ފިޔަވަޅުތަކެއްގައި އައިސް އިޝްވާގެ ކުރިމައްޗަށް ހުއްޓިލުމާއެކު އިޝްވާއަށް ލިބުނު ހާސްކަމުގައި ފިޔަވަޅު އަޅައިލެވުނީ ފަހަތަށެވެ.
"ފްރިޖް" ޝިމާން ބުންޏެވެ. އޭނާ އެ ބުނީ އިޝްވާގެ ފަހަތުގައި ހުރި އައިސްއަލަމާރި ހުޅުވުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް ކުރިއެކޭ އެއްފަދައިން މިފަހަރުވެސް އިޝްވާއަކަށް ޝިމާންގެ ވާހަކަ ދޭހައެއް ނުކުރެވުނެވެ. ޝިމާންގެ ވާހަކައަށް "ހޫން" ލައްވައިލެވުނު އިރު އޭނާގެ ސަމާލުކަން ހުރީ މުޅިން އެހެން ކަމަކަށެވެ. ޝިމާން ލައިގެންހުރި ހުދުކުލައިގެ ލިނެން ގަމީހުގެ ހުރިހާ ގޮށެއް ނައްޓައިލާފައި ހުރުމުން ހާމަވެފައިވާ ޝިމާންގެ ހަށިގަނޑަށް އިޝްވާއަށް ސިއްރުން ބެލެމުން ދިޔައެވެ.
އިޝްވާގެ ކޮނޑުމަތިން ވާގޮތަށް ޝިމާން އެއްއަތް ދަމައިލީ ފްރިޖުގެ އަތްގަނޑުގައި ހިފުމަށެވެ. ނަމަވެސް އިޝްވާއަށް ލިބިފައިހުރި ހާސްކަން އެކަމުގެ ސަބަބުން އިތުރުވެ ހިންދިރުވައިލެވުނެވެ. އެވަގުތު ހިނދުކޮޅަކަށް ޝިމާންގެ ސަމާލުކަންވެސް ކުރަން އުޅުނު ކަންތަކުން ކެހިގެންގޮސް އިޝްވާގެ ދެލޮލުގައިވާ ވިދުމާއި އެމޫނުގައިވާ މައުސޫމުކަމަށް ހުއްޓުނެވެ. އޭނާގެ ދެލޯ ބޭއިޙްތިޔާރުގައި އިޝްވާގެ ބޮލުން ފެށިގެން ތިރިއަށް ދަތުރުކޮށްލިއެވެ. އިޝްވާގެ ހަށިގަނޑު އިހުނަށްވުރެން ފުރިހަމައަށް މަސްޖަހައި ހެދިލައިފައި ހުރިގޮތުން އެ ހަށިގަނޑުގެ ބައްޓަން އިތުރަށް ފުރިހަމަ ވެފައިވާގޮތްފެނި ޝިމާންއަށް ހުރެވުނީ ހަމަ ރަނގަޅަށްވެސް ނޭވާ ހިފަހައްޓައިލައިގެނެވެ. އޭނާ ހިފަހައްޓައިގެންހުރި އައިސް އަލަމާރީގެ އަތްގަނޑަށްވެސް އިތުރު ބާރެއްލެވުނެވެ.
"އިޝީ.." ހިމޭންކަމުގެ ތެރެއިން ޝިމާން އިޝްވާއަށް ގޮވައިލިއެވެ.
"ޔެ.. ޔެސް.." އިޝްވާގެ ޖެހިލުންވެފައިވާ އަޑު ކަންފަތުގައި ޖެހުމާއެކު ޝިމާންއަށް ހީވީ ހަމަބިމަށް އާދެވުނުހެނެވެ. އައިސްއަލަމާރީގެ އަތްގަނޑުން އަތްދޫކޮށްލުމަށްފަހު ފަހަތަށް ޖެހިލިއެވެ.
"އިޝީ ފްރިޖް" ޝިމާން އަވަސް ހަރަކާތަކާއެކު އިސްޖަހައިލަމުން ބުންޏެވެ. އޭނާއަށް އިޝްވާއާ ހަތަރުކަޅި ހަމަކުރަން ނުކެރިގެން އުޅެނީއޭ ހީވާ ކަހަލައެވެ.
"އޯހް ސޮރީ" އިޝްވާއަށް ޝިމާން ބުނިއެއްޗެއް އެނގުމާއެކު އަވަސް އަވަހަށް އައިސްއަލަމާރީގެ ދޮރުމަތިން ދުރަށް ޖެހުނެވެ. ޝިމާން ދެން އިސްއުފުލައިލިއިރު އިޝްވާ ފެންނާކަށްނެތެވެ. އެހާ އަވަހަށް އެތަނުން ދިޔައީއެވެ.
ޝިމާން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އައިސްއަލަމާރިން ނެގި ފިނި ފެންފުޅިން ފެންތައްޓެއް އަޅައިލައި އެއްނޭވާއިން އެ ބޮއެލައިފިއެވެ. ހީވީ އިޝްވާ ފެނުނީއްސުރެން އިހުސާސް ކުރެވެމުންދިޔަ ކަރުހިއްކުމަށް ވަގުތީ ފަރުވާއެއް ހޯދައިލިހެނެވެ. އާނއެކެވެ. ހައަހަރުގެ ދިގު މުއްދަތަކަށްފަހު އޭނާއަށް އިޝްވާ ފެނުނު ފުރަތަމަ ދުވަހުއްސުރެން މިއަދާ ހަމައަށް އިޝްވާގެ ތަސްވީރު އޭނާގެ ސިކުނޑިން އެންމެ ސުކުންތަކަށްވެސް ފޮހެވިގެން ގޮސްފައެއް ނުވެއެވެ. ޝިމާންއަށް ހަމަ ޖެހިލެވުނީ ފުލުފުލުގައި ދެ ފެންތައްޓެއްވަރު ބޮއެލެވުމުންނެވެ. އޭނާ އެ ފެންފުޅީގެ ބާކީބައި އަތުގައި އޮތް އޭނާގެ ހުސް ފެންފުޅިއަށް އޮއްސައިލުމަށްފަހު އެ ހިފައިގެން އެތަނުން ދާން އެނބުރިލިއެވެ. ނަމަވެސް ކުއްލިއަކަށް ޝައިނާފެނި ލިބުނު ސިހުމުގައި އަތުން ފެންފުޅިވެސް ދޫނުވީ ހަމަކިރިޔާއެވެ.
"ފަ*! ވަޓް ދަ ހެލް ސިސް؟ ކިރިޔާއޭ ހާރޓް އެޓޭކެއް ނުޖެހުނީ" ޝިމާންގެ އެއްއަތް އެތަނުގައިހުރި ކާމޭޒުގައި އަޅުވައިލެވުނުއިރު އަނެއް އަތުގައި އޮތް ފެންފުޅިއާއެކު އެ އަތް ގެނެސް މޭގައި ޖައްސައިލެވުނެވެ. އިޝްވާ ފެނުނީއްސުރެން ހިތް އަވަސްވެފައި ހުއްޓައި ލިބުނު ސިހުމާއެކު ހިތް އިތުރަށް ތެޅިގަތުމުން ޝިމާންއަށް ހީވީ ހަގީގަތުގައިވެސް އޭނާގެ ހިތް ހުއްޓުނުހެނެވެ.
"ޝިމާން" ޝައިނާ ހަރުކަށިކަމާއެކު އެހެންނަމަވެސް ސިއްރުން ޝިމާންއަށް ގޮވައިލިއެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ޝިމާންގެ ގާތަށް ހުއްޓުނެވެ.
"ޝިމާން މޮޔަވީތަ؟ އަހަރެން އަޅެ މިރޭއެއް ނޫންތަ ބުނީ އިޝީއާ ދުރުން އުޅޭށޭ. ބަލާބަލަ ދެންމެވެސް. ޝިމާން އުޅެނީ ނީމްއާ ރައްޓެހިވެގެން ނޫންތަ؟ ރާހިލްއަށް ފެނިއްޖެއްޔާ ކިހާ ހިތްހަމަ ނުޖެހޭނެ؟ އެހެންނޫނަސް އިޝީ ދެރަވާނެކަންވެސް ނުވިސްނުންތަ؟ އަދި އެ ހުރިހާ ކަމެއް ބާއްވާފަ.. ނީމްއަށް ތިހެން ހަދަން ހެޔޮވާނެތަ؟" ޝައިނާގެ އަޑުން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
"ބޭބެ ހިތްހަމަ ނުޖެހޭ ވަރުކަމެއް.. ނޫނީ އިޝީ ދެރަވާނެ ވަރު ކަމެއް.. އަދި ނީމްއަށް އޮޅުވާލެވޭވަރު ކަމެއް އަހަރެން ނުކުރަމެއްނު؟ ސިސް ކީއްވެތަ މިކަމާ އަބަދު ހާސްވެފަ ތި ހުންނަނީ؟ އަހަރެން މިއީ މިހާރު ޓީނޭޖަރއެއް ނޫނޭ. އަހަރެންނަށްވެސް ވިސްނެޔޭ" ޝިމާން ގެ ގާތަށްވެސް ފާޑަކަށް ރުޅި އަތުވެއްޖެއެވެ.
"އަހަރެންނާ ރާހިލްއާ މެރީ ކުރިއިރު އަހަރެންވެސް ހުރީ ހަމަ ތި އުމުރުގައޭ. ރާހިލް އަދި ތިއަށްވުރެންވެސް ދޮށިވާނެ. އެކަމަކު އަހަރުމެންނަށް ހެދުނު މިސްޓޭކްސްތަށް.. ހެދުނު ގޯސްތައް މަދުތަ؟ ޝިމާންއަކަށް ނޭނގޭނެ. ހިތަކީ ފާޑެއްގެ އެއްޗެއް. އަހަރެންނަށް ފެނުނޭ ދެންމެވެސް ތި ދެމީހުން ތިބިގޮތް. ރާހިލްއަށް ފެނުނުނަމަ–"
"ސިސްއަށް ކޯއްޗެއްތަ ފެނިގެން ތިއުޅެނީ؟ ތި ފެނުނީ ނުބައިކޮށް. އިޝީއާ އެކީ ދެންމެ އެއްވެސް ކަމެއް ނުހިނގާ" ޝައިނާގެ ވާހަކަ މެދުކަނޑައިލަމުން ޝިމާން ބުންޏެވެ.
"ތިހެން ވިއްޔާ ކިތަންމެހާވެސް ރަނގަޅު. އަހަރެން މިހެން މި ބުނަނީ ޝިމާންއަށްވެސް އިޝީއަށްވެސް އަދި ނީމްއަށްވެސް ވިސްނާފަ. އަހަރެންނަށް ޝިމާން ވަރަށް ރަނގަޅަށް އެނގޭ. އެ ދެމީހުންކުރެ އެކެއްގެ ހިތަށްވެސް ޝިމާންގެ ސަބަބުން އަނިޔާއެއް ލިބިއްޖެއްޔާ ޝިމާންއަކަށް އެ ގިލްޓާ އެކީގަ ނޫޅެވޭނެކަން އެނގޭ. ދެން ހުރީ އިޝްކޮ. އިޝްކޮއަށް ދެވަނަ ފަހަރަށް ދެރައެއް ލިބުނިއްޔާ އަހަރެން ދެން ޝިމާންއަކަށް މާފެއްނުކުރާނަން" ޝައިނާ ހީވީ ފަހުބަސް އިއްވައިލިހެނެވެ.
"ކިހާ ދެރަކަމެއްތަ އޭން؟ ސިސް ތިހާ ކަންތައް ބޮޑު ކުރަންޏާ އަހަރެން މިރެއިން މިރެއަށްވެސް މިގެއިން ނުކުމެގެން ގޮސްދާނަމޭ" ޝިމާންގެ އަޑު އައިރުޅީގައި ކުޑަކޮށް ބާރުވިވަގުތު ދެން އެތަނުން އިވުނީ ރާހިލްގެ އަޑެވެ. އެއާއެކު ޝިމާންއާއި ޝައިނާއަށް އެކުއެކީގައި ރާހިލްހުރި ދިމާލަށް ބަލައިލެވުނެވެ. ޒުވާބަށްގޮސް ގެއްލިފައި ތިބެވުނު ވަރުން ރާހިލް ގެއަށް އައިކަންވެސް އެމީހުންނަށް ރޭކައިނުލިއެވެ.
"ކޮންތާކަށްތަ ދަނީ؟ އެތެދެއް؟ ޝައިނާ ކޮންކަމަކާތަ ކަންތައް ބޮޑު ކުރަނީ؟" ރާހިލްގެ ސުވާލު ތަކުރާރުކޮށްލިއެވެ. އޭނާ އެ ސުވާލު އަމާޒުކޮށްލީ އެތަނުގައިހުރި ޝިމާންއަށް ކަމުގައިވިޔަސް ޖަވާބުދިނީ ޝައިނާއެވެ.
"މިއީ.. މިއީ ޝިމާން ކުއްލިއަކަށް އައިމަ ރާހިލްއަށް–"
"އަހަރެންނަށް؟ އަހަރެންނަށް ކިހިނެއްވީ؟ އަހަރެންނަކަށް އެއްވެސް އުނދަގުލެއް ނުވާނެ. ޝައިނާ ހުންނަހާ ދުވަހަކު ޝިމާންއަށްވެސް މިގޭގަ ހުރެވޭނެ" ރާހިލް ޝައިނާއަށް ޖަވާބު ދިނުމަށްފަހު އަނެއްކާވެސް ޝިމާންއާ ދިމާލަށް މޫނު އަނބުރައިލިއެވެ.
"ގުޑް ޓު ހޭވް ޔޫ. ޓެރަސް ބަލާލިންތަ؟ އައި ތިންކް ޔޫ ވިލް ލައިކް އިޓް" ރާހިލް ޝިމާންއަށް ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގައި އެއްވެސް ދިރުމެއްނެތެވެ. މޫނުމަތިން ފެންނަމުންދިޔައީ ވަރުބަލިކަމެވެ.
"ނޫން އަދި މިރޭ އާދެވުނީ. ވަރުބަލިވެފަ ހުރީމަ ޖައްސާލަން އުޅެފަ ފެން އަޅަން ނުކުތީ" ޝިމާން އަތުގައި އޮތް ފެންފުޅި ދައްކައިލަމުން ބުންޏެވެ. އެއަށްފަހު އެތަނުގައިތިބި ދެމީހުންނަށް ރޭގަނޑުގެ ސަލާމްކޮށްލައިފައި އެތަނުން ދިޔައެވެ. ޝައިނާއާ ރާހިލް އެތަނުގައި އެކަނިވީއެވެ.
"ސީރިއަސްލީ ރާހިލް. އެއީ މިހާރު ކުޑަކުއްޖެއް ނޫނޭ ރާހިލް އޭނާ ލައިކްވާނެހާ އެއްޗެއް ދައްކައިގެން ކުރިންހެން އިމްޕްރެސްކުރަން ތިއުޅެނީ" ޝައިނާއަށް މަޖާވިއެވެ. ރާހިލް އަބަދުވެސް ޝިމާންއާ ދޭތެރޭ ކަންކުރަނީ ކުޑަ ކޮއްކޮއަކާ ދޭތެރޭ ކަންތައް ކުރާ ގޮތަށެވެ. އުޅޭނީ ޝިމާން ގަޔާވާ ކަހަލަ ކޮންމެވެސް މޮޅު އެއްޗެއް ހޯދައިދީގެން ޝިމާންގެ ބޯ ކާލާށެވެ. ޝައިނާ ބައެއްފަހަރު އެކަމާ ކުދި ކީ ނަމަވެސް ރާހިލް އެކަމަކާ ފަރުވާލެއް ނުބަހައްޓައެވެ.
"ޝައިނާ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ގޮވައިލިއެވެ. "ޝިމާންއާ ގުޅުވާފަ ކޯޓުގަ ދެއްކި އެއްވެސް ވާހަކައަކީ އަހަރެން ހިތުގަ ޝިމާންއާ ދޭތެރޭ ގޯސްއެއްޗެއް އޮވެގެން ދެއްކި ވާހަކައެއްނޫން. އަހަރެންވެސް ކޭސް ވިން ކުރަން ބޭނުންވެފަ ހުރީމަ… ހުޒާމްގެ އިރުޝާދާ އެއްގޮތަށް.. ދެއްކި ވާހަކަތަކެއް. އުއްމީދުކުރަން އަންޑަރސްޓޭންޑް ވާނެކަމަށް" ރާހިލް ބުންޏެވެ. ހަގީގަތުގައި ޝިމާންއާ ގުޅުވައިގެން ދެއްކުނު ވާހަކަތަކާމެދު އޭނާ ހުރީ ވަރަށް ދެރަވެ ލަދުގެންފައެވެ. ޝައިނާއާ ލޯބީގެ ގޮތުން ގުޅުމުގެ ކުރީއްސުރެން ވަކިން ހާއްސަކޮށް ޝިމާންގެ މައިންބަފައިން ނިޔާވި ދުވަހުން ފެށިގެން ރާހިލް ޝިމާންގެ ކަންކަމަށް ސަމާލުކަންދެއެވެ. ޝިމާންއާ ދޭތެރޭ އޭނާ ދެކެމުން އައީ އަމިއްލަ ކޮއްކޮއެއް ފަދައިންނެވެ.
"އެނގޭ ރާހިލް އެއްޗެކޭ ހީކޮށްފަ ދެއްކި ވާހަކަތަކެއް ނޫންކަން. އެކަމަކު އަހަރެން ވަރަށް ލަދުގަތް" ޝައިނާ ތެދުތެދަށް ބުންޏެވެ.
"ސޮރީ. އެކަމަކު އަހަރެންނަށްވެސް އިތުރު ގޮތެއް ނެތުނީ" ސިޓިންގްރޫމްގެ މެދުގައިހުރި ބޮޑު ސޯފާތަކާ ދިމާލަށް ހިނގައިގަންނަމުން ރާހިލް ބުންޏެވެ. އޭނާ ވަރުބަލިކަމާއެކު ސޯފާއަށް ހަށިގަނޑު ދޫކޮށްލުމަށްފަހު ލައިގެންހުރި ގަމީހުގެ މޭމަތިން ދެގޮށް ނައްޓައިލިއެވެ.
"ރާހިލް" ޝައިނާ ލަސްލަހުންގޮސް ރާހިލް އިށީނދެލި ސޯފާގެ ފުރަގަހުގައި ހުއްޓިލިއެވެ.
"ހްމްމް؟" ރާހިލްގެ އަޑުގައި އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. އެހެންވެ ޝައިނާވެސް ރާހިލްއާ ވާހަކަދައްކަން ފަސްޖެހުނެވެ.
"ޔޫ ލުކް ޓަޔަރޑް. ރާހިލް އޯކޭތަ؟" ޝައިނާ އަހަން ނާހަން ހުރެފައި ކަހަލަ ގޮތަކަށް އަހައިލިއެވެ.
"ސްޓޮޕް އިޓް. އައި މައިޓް އެކްޗުއަލީ ފޯލް ފޯރ އިޓް" ރާހިލް ހިތި ހިނިތުންވުމަކާއެކު ބުންޏެވެ.
"ފޯރ ވަޓް؟" ޝައިނާ ބުމަ ގޮށްޖަހައިލިއެވެ.
"ދެޓް ޔޫ އެކްޗުއަލީ ކެއަރ ފޯރ މީ" ރާހިލް ބުންޏެވެ.
"މިހާރު އަހަރެންނަށް ޔަގީންވެެއްޖެ ކޮންމެވެސް ކަމެއް ވެއްޖެކަން. ދެން ވާހަކަ އޮޅުވާނުލާ ބުނޭ. ކިހިނެއްވީ؟" ޝައިނާ ގޮނޑީގެ ފަހަތުން ވަށައިލައިފައި އައިސް ރާހިލްގާތު އިށީނެވެ.
"ވީ ލޮސްޓް އަ ކޭސް. ވަރަށް މުހިއްމު ނުފޫޒުގަދަ ކްލަޔަންޓެއް. އަހަރުމެންނަށް އެ ކްލަޔަންޓް ލިބުނީއްސުރެން ކޮމްޕެޓިޓަރުން ތިބެނީ ހަމަ ކަޅި އަޅާލައަޅާލަ. ޓުޑޭ ވީ ލޮސްޓް ދެމް. އެމީހުންނަށް ދެން އޮންނާނެތާ ދޯ ޗޮއިސް." ރާހިލް މާޔޫސްވެފައި ބުންޏެވެ.
"ތިއީ ދެން ހާދަ ގޮތެއްނެތް ބައެކޭ. ހަމަ ހެދޭ އެންމެ މިސްޓޭކަކުން–"
"އެއީ ހާދަ ބޮޑު މިސްޓޭކެކޭ. ވަރަށް ބޮޑު އަދަދެއްގެ ގެއްލުމެއް އެލިބުނީ. ހަގީގަތުގަ އެމީހުންނަކީ ވަރަށް އެތިކަލް ބައެއް. ކޭސް ގެއްލުނަސް އަދި ޗޮއިސް އޮތަސް އެހާ ފަސޭހައިން ނުދާނެ އަހަރެންގެ ބެލުމުގެ ދަށުން ހެދުނު ބޮޑު ގޯހެއް އޭގަ ނެތްނަމަ. ކޯޓުގެ ނިންމުމަކީ ގިނަ ފަހަރަށް އަހަރުމެންނަށް ބާރުފޯރުވޭނެ އެއްޗެއް ނޫން. ބަޓް އައި މޭޑް އަ ހިއުޖް މިސްޓޭކް. ލޯޔަރުންނަށް ދިފާއުގަ ދެއްކޭނެ ވާހަކައެއްވެސްނެތީ" ރާހިލް ކިޔައިދިނެވެ. ޝައިނާއަކަށް ރާހިލް ބޭނުންވާފަދަ ހިތްވަރެއް ދޭނެގޮތެއް ނޭނގުނެވެ. ރާހިލްގެ މަސައްކަތުގެ ދާއިރާއަކީ އޭނާއަށް މާގިނަ ކަންތައްތަކެއް އެނގޭ ދާއިރާއެއްވެސް ނޫނެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ރާހިލްގެ ކޮނޑުގައި އަތް ބާއްވަމުން ޝައިނާ ބުންޏެވެ.
"އިންޝާﷲ.. އެކަމަކު ލީވާންވެސް ހުރީ އަހަރެންދެކެ ހިތްހަމަ ނުޖެހިފަހެން ހީވަނީ. ބުނީ ވެކޭޝަނެއް ނަގާށޯ. ކިތަށް އަހަރުހެއްޔޯ ތި ވަނީ ބްރޭކެއް ނުނަގާ މަސައްކަތް ކުރާތާ.. އަހަރެންވެސް މިދުވަސްކޮޅު ކުޑަކޮށް ބޯ ގޮވާފަ ހުރީމަ ކަންނޭނގެ އެވަރު ކަމެއް ލޯމަތިން ކައްސާލީ. ސޯ މި ވިސްނަނީ އަންނަ ހަފްތާއިން ފެށިގެން ކުޑަ ބްރޭކެއް ނަގަން" ރާހިލް ބުންޏެވެ.
"ޔެސް. ބްރޭކެއް ނަގާ. އަހަރެންނަށް ގަބޫލެއްވެސް ނުކުރެވޭ ރާހިލްވަރުގެ ވެކޭޝަންތަކަށް ދާން ފޯރި ހުންނަ މީހަކު ތިވަރުގެ ވޯކަހޮލިކްއަކަށް ވެދާނޭ. ކެރިޔަރއަށް ކިތަންމެ ކޮމިޓްވިޔަސް ހުސްވަގުތު ނަގަންވާނެއެއްނު" ޝައިނާވެސް އެހިޔާލަށް ތާއީދުކުރިއެވެ.
"އޭރު ދެން އިތުރު ކޮމިޓްމެންޓެއް ނެތީމަ… ކޮމިޓްމެންޓަކަށްވެސް ޑިސްޓްރެކްޝަނަކަށްވެސް އޮތީ ހަމަ އޮފީހެއްނު" ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލިއެވެ. އަދި އޭނާގެ ކޮނޑުމަތިން ޝައިނާގެ އަތްތިލަ ދުރުކޮށްލިއެވެ. ޝައިނާއާ ރޭގަނޑުގެ ސަލާންވެސް ކޮށްލުމެއްނެތި އޭނާ ގޮނޑިން ތެދުވެގެން ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ޝައިނާއަށް އެކަމުގެ ސަބަބުން އިހުސާސްކުރެވުނު ބީރައްޓެހިކަމުގައި އިންތަނުން ގުޑިލަންވެސް ނޭނގިފައި އިނދެވުނީއެވެ.
"ބައި ދަ ވޭ" ރާހިލް ގޮވައިލުމުން ޝައިނާ ތެޅިގެންފައި އެ އަޑު އައި ފަރާތަށް މޫނު އަނބުރައިލިއެވެ. "ޝިމާންގާތު ބުނައްޗޭ.. އެއް ގެއެއްގަ އުޅުނަސް އިޝީއާ ވީހާވެސް ދުރުން އުޅެން މަސައްކަތް ކުރަން. އަހަރެންނަށް އެނގޭ ޝިމާން އުޅެނީ ނީމްއާ ރައްޓެހިވެގެންކަން. އެއީ މައްސަލައެއްނޫން. އިޝީއަކީ އެއްވެސް ދެމީހެއްގެ ދޭތެރެއަށް ވަންނާނެކަހަލަ ކުއްޖެއް ނޫން. ބަޓް ޓެލް ހިމް ނޮޓް ޓު މޭކް އިޓް ޑިފިކަލްޓް ފޯރ ހަރ.." ރާހިލް ސިޑިން އަރައިގެންގޮސް ޝައިނާގެ ލޯމަތިން ގެއްލުނެވެ.
ޝިމާންއާއި ނީމްގެ ގުޅުން ރާހިލްއަށް އެނގުނީތީ އެކަމާ ހައިރާންވިނަމަވެސް ޝައިނާ އިތުރަށް އެކަމާ ސުވާލު އުފައްދާކަށް ނޫޅުނެވެ. ދުނިޔެއަކީ ކުޑަ ތަނެކެވެ. ނީމްއަކީ ރިއާންގެ އެންމެ ގިނަ ދުވަސްވީ އެސިސްޓެންޓެވެ. ރާހިލްއަށްވެސް އެކަން ކޮންމެވެސް ގޮތަކުން އެނގޭނެ ގޮތެއް އޮވެދާނެތާއެވެ. އެއަށްވުރެން ބޮޑަށް އޭނާއަށް ވިސްނެމުން ދިޔައީ ރާހިލްދެއްކި އެހެން ވާހަކަ ތަކާމެދުގައެވެ. އެއީ މީގެ ކުޑަ އިރުކޮޅެއް ކުރިން ހުދު ޝައިނާވެސް ޝިމާންއާ ދެއްކި ވާހަކަތަކެވެ. އަދި އަބަދުމެ ތަކުރާރުކޮށް ޝިމާންއަށް ހަނދާންކޮށްދެމުން އަންނަ ވާހަކަތަކެވެ. އެހެން ކޮންމެ ކަމަކާ ގުޅުވައި ޝިމާންއަށް އިތުބާރު ކުރެވުނަސް އިޝްވާއާ ދުރުގައި ހުރެދާނެ ކަމާމެދު ޝިމާންއަށް އިތުބާރުކުރުން ޝައިނާއަށް އުނދަގޫވިއެވެ. އެއީ ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ އަދިވެސް ޝިމާންއަށް އިޝްވާ ހާއްސަކަމަށެވެ.
******************
އަތުގައި އޮތް ސްމާރޓްވޮޗުން އިވެންފެށި އެލަރމްގެ އަޑަށް ރާހިލް ގަޑި ބަލައިލިއެވެ. ޔާނާއާއި ރާއީ ސްކޫލަށް ގެންދާގަޑި ކައިރިވީއެވެ. ކުދިން ސްކޫލުން ގެއަށް ގެންނަނީ ޝައިނާ ކަމުގައިވިޔަސް އެކުދިން ސްކޫލަށް ގެންދަންޖެހެނީ އޭނާއަށެވެ. އެއީ ޝައިނާ ބޭނުންވާގޮތަށް ބަހައިލެވިފައިވާ ޒިންމާތަކެއް ކަމުން އޭނާ އެކަމާ ބަހެއްބުނާކަށް ބޭނުމެއްނުވިއެވެ. މަސައްކަތް މެދުކަނޑައިލުމަށްފަހު އޮފީހުން ނުކުތުމަށް ހިނގައިގަތީ ގަޑިން ބާރަގަޑި ބައިވުމުގެ ކުރިން ގެއާ ހަމައަށް ދިޔުމަށެވެ.
"އާން އެބަ އެނގެޔޭ ތި ކިޔާ އެއްޗެއް. ތި ބުނާ ޕެންޑްރައިވް އޮންނާނެ ގޭގަ ބާއްވާފަ. މިހާރު މިހިރީ ގޭގައޭ އަހަރެން ދާއިރު ހިފައިގެން ދާނީ. އޯކޭ. އާން އޯކޭ. ލަހެއް ނުވާނެ. އެކެއްގެ ކުރިން ގެންދާނަން" ލިފްޓުން ނުކުތްވަގުތު ރާހިލްގެ އަތުން ކޮންމެވެސް ލިޔުންތަކެއް ހޯދަންގުޅި ލީވާންގެ ކޯލު ކަނޑައިލަމުން ރާހިލް ކީކާޑު ޖައްސައިލައި ޕެންތްހައުސްގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާގެ ދެލޯ ނިއްކުރިއަށް ނޭރީ ހަމަ ކިރިޔާއެވެ.
ސިޓިންގްރޫމްގައިހުރި ސޯފާތަކުގެ މެދުގައި ބެހެއްޓިފައިހުރި ކޮފީމޭޒު އެތަނުން ދުރުކޮށްލުމަށްފަހު އެތަނުގެ މެދުގައި ބޮޑު ކާޕެޓެއް އަޅައިގެން ޔާނާއާއި ރާއީ ތިއްބެވެ. އެކާރޕެޓުގެ މަތީގައިހުރި ތަށިތަކުގައި ވަނީ ޕާނާއި, ބަނަހާއި، ނަޓެލާއާއި ޖޭމުފަދަ ކާއެއްޗެހި ބަހައްޓައިފައެވެ. ޓީވީން އަޅުވައިފައިހުރި ކާޓޫނަށް ގެއްލި ހުސްވެފައިތިބެ އެކުދިން އެ އެއްޗެހި އަމިއްލައަށް ތައްޔާރުކޮށްގެން ކެވުނު ގޮތަކަށް ކާންތިބިއިރު މުޅި ގަޔާއި ކާޕެޓުވަނީ ކާއެއްޗެހި އުނގުޅައި ހަޑިކޮށްލައިފައެވެ. އެއާއެކު އެއީ އެތަނުގައި އޮތް ރަގުގެ ސަލާމަތަށް ޝައިނާ އަޅައިފައިވާ ކާޕެޓެއްކަން ރާހިލްއަށް އެނގުނެވެ. އޭނާއަށް ދެން ހޯދައިލެވުނީ ޝައިނާ ކޮބައިތޯއެވެ.
ރާހިލްގެ ނަޒަރު މާ ދުރަކަށް ދަތުރުކުރާކަށް ނުޖެހުނެވެ. ސޯފާގައި އެއް އަރިއަކަށް އޮށޯވެލައިގެން ނިދިފައި އޮތް ޝައިނާ ފެނުމާއެކު އޭނާގެ ހިތް ގޯސްގޮތަކަށް ތެޅިލިއެވެ. ޔަގީނެވެ. ޝައިނާއަށް ކޮންމެވެސް ކަމެއްވީއެވެ. ނޫންނަމަ އެފަދަ ގޮތަކަށް ކުދިން ދޫކޮށްލައިފައި އޮށޯވެ ނޯންނާނެއެވެ. ޝައިނާއާއެކު އޮތް ގުޅުން ކިތަންމެ ހީނަރުވެފައި ވިޔަސް ޝައިނާ އެފަދަ ގޮތަކަށް ފެނުމުން ރާހިލްއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސްއަވަހަށް ލައިގެން ހުރި ބޫޓު ފައިން ވަކިކޮށްލުމަށްފަހު ދުރު ފިޔަވަޅުތަކެއްގައިގޮސް ޔާނާމެން ތިބި ދިމާލަށް ހުއްޓުނެވެ.
"ޕްރިންސަސް. މިއަދު ސްކޫލަށް ނުދަނީތަ؟ މަންމިއަށް ކިހިނެއްވީ؟" ރާހިލް ތެޅިތެޅިއޮތް ހިތަކާއެކު ޔާނާއާ ސުވާލުކުރިއެވެ.
"މަންމި ޓަމީއޭކް ވީމަ މިއަދު ނަޓެއްލާ ޑޭ ބައްޕީ. އެވްރީ މަންތް ވީ ހޭވް ނަޓެއްލާ ޑޭ. ޖެނުއަރީ ފެބްރުއަރީ މާރޗް–"
ޔާނާ ކަލަންޑަރުގެ ބާކީހުރި ހުރިހާ މަހެއް ކިޔައި ނިމެންދެން ރާހިލް މަޑެއް ނުކުރިއެވެ. ވެގެން އުޅޭގޮތް ރޭކައިލުމާއެކު ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ނަމަވެސް އެމޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފާޅުވިއެވެ. އަވަސް އަވަހަށް ޝައިނާގެ ގާތަށް ޖެހިލައި ޝައިނާގެ ކޮނޑުގައި އަތްޖައްސައިލިއެވެ.
"ޝައިނާ.. އައު" ޝައިނާގެ ނަމުން މަޑުމަޑުން ގޮވައިލި ރާހިލްއަށް ފަސްއެނބުރި ބަލައިލެވުނީ ކޮންމެވެސް ކުއްޖަކު އޭނާގެ ފައިތިލައިގައި ވިކައިލުމުންނެވެ. އޭނާ ތިރިއަށް ބަލައިލިއިރު ބިންމަތީގައި އިން ރާއީ އޭނާއާ ދިމާލަށް ދެލޯ އަޅައިގެން އިނެވެ.
"މަންމިއަށް ޑިސްތަރބް ނުކުރޭ" ރާއީ ހީވީ އަމުރެއް ކޮށްލިހެނެވެ.
"ޑިސްޓަރބްއެއް ނުކުރަމެއްނު ދަރިފުޅޫ" ރާހިލް އަމިއްލަ ދިފާއުގައި ބުންޏެވެ. އެވަގުތު ޝައިނާ ނިދީތެރޭގައި އޮވެ މަޑުމަޑުން ކުކުރިލުމަށްފަހު ދެފައި ކުރުކޮށްލިގޮތުން ރާހިލް އެ މަންޒަރު ރާއީއަށް ދައްކައިލިއެވެ.
"ބަލަ. މަންމިއަށް އުނދަގުވާނެއެއްނު ގޮނޑީގަ އޮންނަން. އަންނާނަން މަންމި ބެޑްއަށް ލާފަ އެނގޭ" ރާހިލްގެ ވާހަކައާމެދު އިރުކޮޅަކު ވިސްނައިލާ ފަދައިން ރާއީ އޭނާއަށް ބަލަންހުރުމަށްފަހު އޭނާގެ ފައިން ދޫކޮށްލިއެވެ. ރާހިލް ދެފަހަރަކު ޝައިނާއަށް ގޮވައިލުމަށްފަހު ދެންވެސް ރައްދެއް ނުލިބުމުން ފަރުވާތެރިކަމާއެކު ޝައިނާގެ ހަށިގަނޑު އޭނާގެ އަތްދަނޑި މަތީގައި އުފުލައިލިއެވެ. އެވަގުތު ނިދީގައި އޮތް ޝައިނާއަށް އެފަދަ ކަމެއް އިހުސާސްވީ ކަންނޭނގެއެވެ. ސިހިފައި ދެލޯ ހުޅުވައިލުމަށްފަހު ވަށައިގެން ހޯދައިލިއެވެ.
"ރާހިލް. ކޮބާ ކުދިން؟" ޝައިނާއަށް ރާހިލް ފެނުމާއެކު ހާސްވެފައި އަހައިލިއެވެ. އޭނާގެ އަޑުގައި ވަރުބަލިކަމުގެ އަސަރު ހުއްޓެވެ.
"އެބަތިބި. އެންޖޯއިންގް ނަޓެއްލާ ޑޭ. ހެހެހެ" ރާހިލް ލުއި ހީނލުމަކާއެކު ބުންޏެވެ. އެއާއެކު ޝައިނާއަށް ހީވީ ކުއްލިއަކަށް ދިރުމެއް ލިބުނުހެނެވެ. ދެލޯ ބޮޑުކޮށްލުމަށްފަހު އަވަސް ރާހިލްގެ އަތުތެރެއިން ރެކިގަތުމަށް މަސައްކަތްކުރިއެވެ.
"މަޑުކޮށްބަލަ މަޑުކޮށްބަލަ. ކޮންތާ–"
"ރާހިލް.. އެކުދިންނަށް އަދި ކާންވެސް ނުދެވޭ.. ކީއްވެ އަހަރެންނަށް ނުގޮވީ؟ އަޅެ ސްކޫލަށްދާ ގަޑި ޖެހުނީ ދޯ. އަހަރެން މިއީ ވަރަށް ގޯސް މަންމައެއްދޯ؟" ޝައިނާ ހީވީ ދެންމެ ދެންމެ ރޮއެގެންފާނެހެނެވެ.
"ޝްޝްޝް. ޔޫ އަރ ދަ ބެސްޓް މޯމް ދެއި ކޭން ހޭވް. ކުދިންނާ ދޭތެރޭ ނުވިސްނާ.. އަހަރެން މިހިރީނު؟ މިއަދު ކުޑަކޮށް ރެސްޓް ކޮށްލާ އެނގޭ" ރާހިލް ބުންޏެވެ.
"އެއްޗެއް ކައިފިންތަ؟" ޝައިނާ އެނދުގައި ބާއްވައިލަމުން ރާހިލް އަހައިލިއެވެ. ޝަައިނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލުމަށްފަހު އެނދުން ތެދުވަން އުޅުނެވެ. ނަމަވެސް ރާހިލް ޝައިނާއަށް އެ ފުރުސަތު ނުދީ ހިފެހެއްޓިއެވެ.
"ލަވް ޕްލީޒް.. ސްޓޭ ހިޔަރ އެންޑް ރެސްޓް. އައި ވިލް ވާރމް ޔޫ ސަމް މިލްކް" ތަރުތީބު ގެއްލިފައިވާ ޝައިނާގެ އިސްތަށިގަނޑު މޫނުމަތިން އެއްފަރާތް ކޮށްލަމުން ރާހިލް ބުންޏެވެ. ޝައިނާއަށް ރާހިލް އެނގެން ފެށީ އިއްޔެއަކު ނޫނެވެ. އެހެންކަމުން ރާހިލް އެވަގުތު ގޮތްދޫނުކުރާނެކަން އޭނާއަށް ރަނގަޅަށް އެނގުނެވެ. އެންމެފަހުން އޭނާ ރާހިލްގެ ބަސް ގަބޫލުކުރަމުން ބާލީހުގައި އޮށޯވެ ދެލޯ މަރައިލިއެވެ. ރާހިލް ލޯތްބާއެކު ޝައިނާގެ ނިއްކުރީގައި ބޮސްދިނުމަށްފަހު އެކޮޓަރިން ނުކުތެވެ. އެއާއެކު ޔާނާއާއި ރާއީ ދުވެފައި އައިސް ރާހިލްގެ ގާތަށް ހުއްޓުނެވެ. ހީވީ އޭނާ ނުކުންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ކުދިބައެއްހެނެވެ.
"ބައްޕީ.. ބައްޕި ސޯ ސްޓްރޯންޑް. ޔާނާވެސް އުރާބަ މަންމި ގޮތަށް. ޕްލީޒް" ޔާނާ ދެއަތް ދިއްކޮށްލަމުން ބުންޏެވެ. ރާހިލް ހެވިފައިހުރެ ޔާނާ އަތުގެ ކޮޅަށް ހިއްލައިލުމަށްފަހު ކުޑަކޮށް ވައިގެ ތެރެއަށް ދޫކޮށްލައިފައި އަލުން ހިފައި ބިންމަތީގައި ބެހެއްޓިއެވެ.
"ބައްޕީ ބައްޕީ.. ރާއީވެސް" ރާއީއަށްވެސް އެކަން މަޖާވިއެވެ. ރާހިލް ރާއީ އުރައިލުމަށްފަހުވެސް އެކަން ދެފަހަރަކު ތަކުރާރުކޮށްލައިފައި ބިންމަތީގައި ބެހެއްޓިއެވެ.
"ދެކުދިން ނަޓެއްލާ ކައި ނިމުނީތަ؟ ހިނގާ ކްލީން ކުރަން ދޯ" ރާހިލް ބުންޏެވެ.
"ޔެސް ބައްޕީ. ޔާނާ ބޭނުން ކްލީން ކުރަން"
"އެކަމަކު ފަސްޓް މަންމި ބަނޑުހައިވެފަ މަންމިއަށް ސައި ދީ ނިންމާފަ ކްލީންކުރާނީ ދޯ. ކްލީންކޮށް ނިމުނީމަ ދެކުދިން ވާނެ ބައްޕިއާ އެއްކޮށް ކާއެއްޗެއް ހަދަން. ކޯއްޗެއް ހަދާނީ؟" ރާހިލް ދެކަކުލުގައި އަތް އަޅުވައިލުމަށްފަހު އެކުދިންގެ އިސްކޮޅާ އެއްވަރަށް ގުދުވެލަމުން އަހައިލިއެވެ.
"ލެޓްސް މޭކް އަ ކޭކް ބައްޕީ" ޔާނާ ވަގުތުން ބުންޏެވެ.
"ނޯ ލެޓްސް މޭކް ޕިއްޒާ" ރާއީ އެ ހިޔާލާ ދެކޮޅުވިއެވެ.
"އޯކޭ. ދޮންބެ ބުނިގޮތަށް މިއަދު ޕިއްޒާއެއް ހަދާނީ. މަންމިއާ އެއްކޮށްވެސް އަބަދު ކޭކްއެއްނު ބޭކް ކުރަނީ. ބައްޕިއަކަށް ނޭނގޭނެ ކޭކް އަޅާކަށް" ރާހިލް އިރުކޮޅަކު ވިސްނައިލުމަށްފަހު ބުންޏެވެ.
"ބައްޕިއަށް އެނގޭތަ ޕިއްޒާހަދަން؟" ޔާނާ އަހައިލިއެވެ.
"ނޯ.. ޕްރިންސަސް ހެލްޕް ވާނަމެއްނު ދޯ؟" ރާހިލްގެ ވާހަކައަށް ޔާނާ ބޯ ޖަހައިލިއެވެ. ދެން ރާހިލް އެންމެ އަވަސްވެގަތީ ޝައިނާއަށް ހޫނު ކިރުތަށްޓެއް ގެންގޮސްދިނުމަށެވެ. އެއަށްފަހު އޭނާ އައިސް ގަމީހުގެ އަތުކުރި އޮޅައިލުމަށްފަހު ޔާނާއާއި ރާއީއާ އެކުވެ ސިޓިންގްރޫމް ސާފުކޮށްލިއެވެ. އަދި އެކުދިންގެ އަނގަމަތީގައިހުރި ޗޮކްލެޓްވެސް ދޮވެ ސާފުކޮށްލުމަށްފަހު އެދެކުދިން ކާމޭޒުމަތީގައި ބޭންދިއެވެ. ރާހިލްއަށް ތައްޔާރުކުރަން ޖެހުނީ ޕިއްޒާގެ ފުއްގަނޑު އެކަންޏެވެ. އެ ފުށްގަނޑު ތައްޔާރު ކުރުމަށްފަހު އޭގައި ސޯސް އުނގުޅައިލައިފައި ޔާނާއާއި ރާއީއަށް ހަވާލުކުރިއިރު އޭނާގެ މުޅި ގަމީހުގައި އޮތީ ހުސް ފުށެވެ. އެވަގުތު ގެއަށް އައި އިޝްވާއަށް އެ މަންޒަރު ފެނުމާއެކި ޕަކަޕަކަލާފައި ހޭންފެށިއެވެ. އަދި އެ މަންޒަރު ރިކޯޑުކުރަން ފެށިއެވެ.
"ދޮންބޭ؟ ހަހަހަހަހަ އޯ މައި ގޯޑް ހަހަހަހަހަ. އަޅެ ފުށް ބާލިދީއަކަށް އެރިލާފަތަ ތި ނުކުތީ؟ ޔާނާ. ރާއީ. ބަލާބަލަ ބައްޕި. ހީވަނީ ވައިޓް ގޯސްޓެއްހެން ދޯ. ހަހަހަހަ" އިޝްވާ ފޯނު ހިފައިގެންހުރެއައިސް ޔާނާމެން ގާތަށް ހުއްޓެމުން ބުންޏެވެ. ޔާނާއާއި ރާއީވެސް އޭނާގެ ހުނުމުގައި ބައިވެރިވިއެވެ. އޭރުވެސް ފޯނުގެ ކެމެރާ ހުއްޓިފައިހުރީ ރާހިލްއަށެވެ.
ރާހިލް ދެފަހަރަކު އިޝްވާގެ ފޯނުގެ ކެމެރާ ނިވާ ކުރުމަށް އަތްދިއްކޮށްލި ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އިޝްވާ ފަހަތައް ޖެހިލައެވެ. އެންމެފަހުން ރާހިލް ހަތިޔާރު ބެހެއްޓުމަށްފަހު އޭނާ ލައިގެންހުރި ފުށުން ހުދުވެފައިވާ ކަޅުކުލައިގެ ގަމީސް ބާލައި ގޮނޑިއެއްގައި އަޅުވައިލީ ފުށުގެ އަސަރު ކޮންމެވެސް ވަރަކަށް މަދުކޮށްލުމަށެވެ. އެއާއެކު އިޝްވާ ފޯނުގެ ކެމެރާ ނިވައިލުމަށްފަހު ޔާނާމެން ތިބި ދިމާލަށް އެނބުރުނެވެ.
"ކޮންވައްތަރެއްގެ ޕިއްޒާއެއްތަ ތި ހަދަނީ؟ އިޝީ އާންޓީއަށް ދެއްޗޭ އެނގޭ؟" އިޝްވާ ބުންޏެވެ. އެހެނަސް ޔާނާމެން ތައްޔާރު ކުރަމުންދިޔަ ޕިއްޒާއަށް ބަލައިލުމާއެކު ވަގުތުން އޭނާގެ ހިޔާލު ބަދަލުވެއްޖެއެވެ. މޭޒުމަތީގައި އަތުރައިފައިވާ ތަށިތަކުން އެކުދިން އެއަށް ނާޅާ ހަމަ އެކައްޗެއްވެސް ނެތެވެ. ޕިއްޒާ ސޯސް، ޓޮމާޓޯ ސޯސް، ޗިލީ ސޯސް، ޗީޒް، ފިޔާ، ކެރެޓު، ކެބެޖު، ޓޮމާޓޯ، އޮރެންޖު،އާފަލު އަދި ނުވިތާކަށް ނަޓެއްލާވެސް އެއަށް އަޅައިފައި ހުއްޓެވެ. އިޝްވާއަށް އޯކާ ދެމި ނުގަނެވުނީ ހަމަ ކިރިޔާއެވެ.
"އޯކޭ އެއީ އެހެން ބުނި އެއްޗެއް ނޫން" އިޝްވާ އޭނާ ކުރިންބުނި އެތި އަނބުރާ ގެނައެވެ. އަދި އެ "ޕިއްޒާ" ކާން ޖެހުމުގެ ކުރިން އެތަނުން ފިލުމަށްޓަކައި އަވަހަށްގޮސް ކޮޓަރިއަށްވަނެވެ.
ޕިއްޒާގެ ހުރިހައި ކަމެއް ނިންމައިލުމަށްފަހު ރާހިލް ދިޔައީ ޔާނާއާއި ރާއީ ގޮވައިގެން ޕޫލަށް އެރޭށެވެ. އެއީ އެކުދިން މާ ކުރިއްސުރެން ބޭނުންވެގެން އުޅުނު ކަމަކަށް ވާތީއެވެ. ޝައިނާ ހޭލައިގެން ކޮޓަރިން ނުކުތީ ރާހިލް އެ ދެކުދިން ފެންވަރުވައި ރީތިކޮށް ހުދު ރާހިލްވެސް ތައްޔާރުވެލި ފަހުންނެވެ. އޭރު ޝައިނާހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިލައިފައެވެ. އޭނާ މަޑު މަޑުން ހިނގައިލައިފައި އައިސް ސޯފާގައި އިށީނުމާއެކު ޔާނާ ވަގުތުން އައިސް ޝައިނާގެ ގައިގައި ބައްދައިލިއެވެ.
"މަންމީ މަންމީ. ހިނގާ ޕިއްޒާކާން.." ޔާނާ ބޭނުންވީ ވަގުތުން ޕިއްޒާކާށެވެ.
"ޕިއްޒާ އޯޑަރު ކުރީތަ؟" ޝައިނާ ބަލައިލީ އެތަނުގައި އިން ރާހިލްއަށެވެ.
"ނޫން މަންމީ.. ޕިއްޒާ ހެދީއޭ" ރާހިލްއަށްވުރެން ކުރިން ޖަވާބުދިނީ ޔާނާއެވެ.
"ދަރިފުޅުތަ ހެދީ. އެހެންވިއްޔާ ކޮންމެހެންވެސް ކާންވާނެ. ކޮބާ ޕިއްޒާ؟" ޝައިނާ އުފާވެލައިފައި އަހައިލިއެވެ. ޔާނާ ވަގުތުން ރާހިލްއަށް ގޮވައިލުމަށްފަހު ޕިއްޒާ ގެނެސްދިނުމަށް އެދުނެވެ.
"ޔޫ އާސްކްޑް ފޯރ ދިސް އެނގޭ" ރާހިލް ފާޑަކަށް ހެވިފައިހުރެ ސޯފާއިން ތެދުވިއެވެ. އެ ބުނާ ޕިއްޒާއެއް ހިފައިގެން އޭނާ އައިސް އިށީނީ ޝައިނާއާ ޖެހިގެން ކަހަލަ ގޮތަކަށެވެ. އެ ޕިއްޒާއަށް ބަލައިލުމާއެކު ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޕިއްޒާ އޮތީ މުޅިން ކަޅުކުލައިގައެވެ. އޭނާ އެ ކާނީ ކިހިނެއްބާއޭ ޝައިނާގެ ހިތަށް އެރިއެވެ.
"ވާއު.. ދަރިފުޅު.. ކިހިނެއްތަ މި ޕިއްޒާ ހެދީ؟ ކިޔާދީބަލަ" ޝައިނާ ފާޑަކަށް މޭނުބައިކޮށްފައި އިނދެ އަހައިލިއެވެ. ޔާނާ އެ ޕިއްޒާ ހެދިގޮތް ކިޔައިދެމުން ދިޔަ ވަރަކަށް އޭނާގެ ލޯ އިތުރަށް ބޮޑުކޮށްލެވެއެވެ.
"އިޓްސް އޯކޭ. ކިޗަންގަ ހުންނާނެ އަހަރެން ކެއްކި ޕާސްތާ. ޔޫ ކޭން އީޓް އިޓް. އަހަރެން މިއަށް ކޮންމެވެސް ގޮތެއް ހަދާނަން" ރާހިލް މަޑުމަޑުން ޝައިނާގެ ކަންފަތްދޮށުގައި ބުންޏެވެ. ޝައިނާ ޝުކުރުގެ ނަޒަރަކުން ރާހިލްއަށް ބަލައިލުމަށްފަހު އެތަނުން ދިޔައީ ޔާނާމެން ގާތު ފެންބޮއެގެން މި އަންނަނީ ކަމުގައި ބުނަމުންނެވެ.
"މަންމި އަންނަންދެން ބައްޕިއަކަށް ނުހުރެވޭނެ އެނގޭ. ވަރަށް ބަނޑުހައި" ޝައިނާ ދިޔުމާއެކު ރާހިލް އެތަނުގައިތިބި ރާއީއާއި ޔާނާއަށް ހިނިތުންވެލުމަށްފަހު ޕިއްޒާގެ ފުރަތަމަ ފޮތި ނަގައި އަނގަޔަށ ލިއެވެ. އެއާއެކު އޭނާއަށް ލީ ރަހައިން މޫނު ކުނިކޮށްލެވުނު ނަމަވެސް ހިތްވަރު ކޮށްލައިފައި އެކަން ސިއްރުކޮށްލަމުން އެ ފޮތި ކައި ނިންމައިލިއެވެ.
"ބައްޕީ. ރާއީވެސް ބޭނުން" ރާއީ ޕިއްޒާއާ ދިމާލަށް އަތް ދިއްކޮށްލުމާއެކު ރާހިލް އެ ޕިއްޒާ ދުރަށްލިއެވެ.
"ނޫން. މިއީ ބައްޕިއަށާ މަންމިއަށާ ދެކުދިންނަށް ދިން ގިފްޓެއްނު. ސޯ ނުލިބޭނެ. ބައްޕި ހުންނާނެ ދޮންބެއަށާއި ކޮއްކޮއަށް ޕާސްތާ ހަދާފަ. އެބަ އަންނަން އެނގޭ ހިފައިގެން" ރާހިލް ސުކުންތެއްވެސް ލަސްކުރުމެއްނެތި ޕިއްޒާ ހިފައިގެން އެތަނުން ހިނގައިގަތެވެ. ބަދިގޭގެ ސިންކާ ހަމައަަށް އޭނާއަށް ދެވުނީ ހަމަ ކިރިޔާއެވެ. ކުށި އަރައިގެންގޮސް މީހާ ކެއްސަންފަށައިފިއެވެ. ކާމޭޒުދޮށުގައި އިން ޝައިނާ ކަންބޮޑުވެފައި އަވަސް އަވަހަށް ފެންތަށްޓެއް ހިފައިގެން ރާހިލް ގާތަށް ޖެހިލިއެވެ.
"ރާހިލް. ރާހިލްއަށް ސާބަސް! އެ ކެއީތަ؟ އެވެސް އެއް ފޮތި އެއްކޮށް؟" ސިންކުގެ ތެރެއަށް ދޫކޮށްލެވިފައި އޮތް ޕިއްޒާއަށް ބަލައިލަމުން ޝައިނާ ބުންޏެވެ.
"އެކަކުވެސް ނުކެއިއްޔާ ޔާނާ ދެރަވާނެއެއްނު؟" ޝައިނާ ދިން ފެންތަށިން ކޯވަރެއް ބޮއެލުމަށްފަހު އަމިއްލަ މޭގައި ފިރުމައިލަމުން ރާހިލް ބުންޏެވެ.
"އެކަމަކު ދެރަ ނުކުރަން އުޅުނަސް ތިއީ ދެން ބޮޑުވަރެއްނު.. ޕިސް ޕިސް–"
ޝައިނާގެ ވާހަކަ މެދުކެނޑުނީ އެވަގުތު ރާހިލްއަށް ފޯނެއް އަންނަން ފެށުމުންނެވެ.
"ޝިޓް" ޖީބުގައި އޮތް ފޯނު ނަގައި ބަލައިލުމާއެކު ޑިސްޕްލޭއަށް އަރައިފައިވާ ލީވާންގެ ނަންފެނި ރާހިލްއަށް ބުނެވުނެވެ.
"ހަލޯ؟ އެނގިއްޖެ ދޯ ފޯނު ނަގަން. އަޅެ އެކެއް ޖަހާއިރު ގެނެސްދޭންބުނި އެއްޗެކޭ މިހާރު ހައެއް ޖަހަނީ. ތި ބުނާ އެކަކީ މެންދުރު އެކެއްތޯ ދަންވަރު އެކެއްތޯވެސް އެނގޭނީ ސާފުކޮށް ބުނި ނަމައެއްނު." ފޯނު ނަގައި ކަންފަތުގައި ޖަހައިލުމާއެކު ލީވާންގެ އަޑު އިވެންފެށިއެވެ.
"ސޮރީ ސޮރީ. ކުޑަކޮށް ބިޒީވީއޭ" ރާހިލް ބޯ ކަހައިލަމުން ބުންޏެވެ.
"ކުޑަކޮށޭ؟" ލީވާންގެ އަޑު އިހުނަށްވުރެވެސް ބާރުވިއެވެ.
"އޯކޭ. ކުޑަކޮށް ބޮޑުކޮށް. މިހާރު މިދަނީ. ހަމަ ކުޑަ އިރުކޮޅެއްވާނީ. އެންމެ ވިއްސަކަށް މިނަޓު އެނގޭ" ރާހިލް ފޯނު ކަނޑައިލަމުން ކައިރީގައިހުރި ޝައިނާއަށް ބަލައިލިއެވެ.
"ސޮރީ. ވަރަށް އަވަހަށް ދާން ޖެހިއްޖެ. ހަމަ ވަރަށް އަވަހަށް އަންނާނަން. ލަވް– ޝައިނާ މިހާރު އޯކޭތަ؟" ރާހިލް ހުރީ ހަގީގަތުގައިވެސް އެވަގުތު ދާން ޖެހުނީތީ އެކަމާ ކަންތައްބޮޑުވެފައެވެ.
"އަހަރެން އޯކޭއޭ ރާހިލް. ތި ދޭބަލަ" ލީވާން ފޯނުން ދެއްކި ވާހަކަތައް ހިސާބަކަށް އަޑު އިވިފައިވުމުން ޝައިނާ ބުންޏެވެ. ރާހިލް އަތުގައި ހުރި ފެންތަށި އެއްނޭވާއިން ހުސްކޮށްލުމަށްފަހު ސިންކަށްލި ޕިއްޒާނަގައި ޑަސްބިނަށް ލާން އުޅެނިކޮށް ޝައިނާ އެކަން ހުއްޓުވިއެވެ.
"ތި ބަހައްޓާފަ ދޭބަލަ. އަހަރެން ތިކަން ކޮށްލާނަމޭ" ޝައިނާ ބުންޏެވެ.
"އެނގެޔޭ އަހަރެން ނުގޮސްގެންކަން ތި އުޅެނީ މައްސަލައެއްނެތް މި ދަނީ.. އެކަމަކު. ރާއީ އަށް ޕާސްތާ ގެންގޮސްދެއްޗޭ. ޕިއްޒާ ކާން އުޅެނިކޮށް ޕާސްތާއޭ ކާންވާނި ކިޔާފަ އަހަރެން މި އައީ. ބާއި. ޓޭކް ކެއަރ އެނގޭ." ރާހިލް ސިންކުން އަތްދޮވެލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ރާހިލް އެދުނު ފަދައިން ޝައިނާ އެދެކުދިންނަށް ވާވަރަށް ތައްޓަކަށް ޕާސްތާ އަޅައިގެންގޮސް ސޯފާގައި އިށީނެވެ.
"ޔާނާ..ރާއީ.. އާދޭ ކާން" ޝައިނާ ގޮވައިލި އަޑު ކާރޓޫނު ބަލަންތިބި ދެކުދިންނަކަށް ނީވުނެވެ. އެ ދެކުދިން އައިސް އޭނާގެ ކައިރީގައި އިށީނީ އޭނާ ދެތިން ފަހަރަކު ގޮވައިލި ފަހުންނެވެ.
"މީރުތަ؟" ޝައިނާ ފަހަރަކު ކުއްޖަކަށް ކާން ލަވައިދިނުމަށްފަހު އަހައިލިއެވެ. ދެކުދިންވެސް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"މަންމީ" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާއީ ސުވާލެއް ކުރަންއުޅޭ ފަދައިން ޝައިނާއަށް ގޮވައިލިއެވެ.
"ޔެސް ދަރިފުޅޫ" ޝައިނާ ޖަވާބުދިނެވެ.
"މަންމީ. ކޮން އިރަކުން ރަތަށްދާނީ؟" ރާއީ އަހައިލީ ރަށަށްދާ ވާހަކަކަން ޝައިނާއަށް އެނގުނެވެ. ރާއީ ރަނގަޅަށް ވާހަކަ ދައްކަން ފެށީ މިފަހުން "ސްޕީޗް ތެރަޕީ" އަށް ގެންދަން ފެށުމުން ކަމަށްވާތީ އެކުއްޖާއަށް ބައެއް އަކުރުތަށް ކިޔުމުގައި އުނދަގޫގޮތެއް ހުރެއެވެ.
"ކިހިނެއްވީ؟ ދަރިފުޅު ބޭނުންވީތަ ރަށަށްދާން. ރަށް މަތިން މިސްވީ ދޯ؟" ޝައިނާގެ އަތުގައި އޮތް ޕާސްތާ ޖަހައިލެވިފައިވާ އޫނ ރާއީގެ އަނގަޔާ ދިމާކޮށްލަމުން އަހައިލިއެވެ. ނަމަވެސް ރާއީ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރައިލުމަށްފަހު އެ އޫނ ދުރުކޮށްލިއެވެ.
"މަންމީ. ރާއީ ބޭނުމެއްނޫން ދެން ރަތަށްދާކަށް" ރާއީ ބުންޏެވެ.
"އެއީ ކީއްވެ؟" ޝައިނާ އާދައިގެ ރާގެއްގައި އަހައިލިއެވެ.
"ރަތުގަ ޒިވްޔަންއެއްވެސް ނެތެއްނު. ބައްޕިއެއްވެސް ނެތް. ރާއީ ފަސްތް ބައްފި ލައިކެއް ނުވޭ ބައްޕި އެދުވަހު މަންމި ސޭދް ކުރީމަ. ބައްޕި ކޮއްކޮ ގެންދިޔައިމަ މަންމި ވަރަށް ރޮވުނެއްނު. އެކަމު މިހާރު ބައްޕި ރަނގަލު. ރާއީ މިހާރު ބައްޕިދެކެ ވަރަށް ލޯބިވޭ" ރާއީގެ ވާހަކަ އިވުމާއެކު ޝައިނާއަށް ބޭ އިހްތިޔާރުގައި ހިފަހައްޓައިގެންހުރި އޫނ ތަށީގެ ތެރެއަށް ދޫކޮށްލެވުނެވެ.
"މަންމީ ޔާނާވެސް ބައްޕިދެކެ ލޯބިވޭ. މާ ބޮޑުކޮށް. ޔާނާ ނުދާނަން ރަށަކަށް" ރާއީގެ ވާހަކައަށް ތަރުހީބު ދެމުން ޔާނާ ބުންޏެވެ. އެއަށްފަހު ދެކުދިންވެސް ކިޔަންފެށީ އެކުދިންނަށް ރާހިލް ކަމުދާ ސަބަބުތަކެވެ. ރާހިލްގެ މަޖާކަމާއި ރަނގަޅުކަމުގެ ވާހަކަތަކެވެ.
އެ ދެކުދިންގެ ވާހަކަތައް ޝައިނާގެ ހިތުގެ އެންމެ ހިމަ ނާރާ ހަމައަށްވެސް ފޯރިއެވެ. ޔާނާއަށްވުރެވެސް ބޮޑަށް އޭނާއަށް އަސަރުކުރީ ރާއީގެ ވާހަކަތަކުންނެވެ. ރާއީއަކީ އެހާ ފަސޭހައިން މީހުންނާ ދޯޅުވާ ކުއްޖެއްނޫނެވެ. ރާއީ މީހަކާ ގަޔާވެއްޖެނަމަ އެއީ އެކުއްޖާއަށް ކިހައި ހާއްސަ މީހެއްކަން އޭނާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ޝައިނާއަށް ވިސްނައިލެވުނެވެ. އޭނާ ކިތަންމެ ވަރަކަށް އެދެމީހުންނަށް ވާވަރަށް އެކުދިންނަށް ލޯބިދޭން އުޅުނަސް އެކަން ކާމިޔާބެއް ނުވިތާއެވެ. އަހަރުތަކަކަށްފަހު ދިމާވުމުންވެސް ރާހިލްއަށްޓަކައި އެދެކުދިންގެ ހިތުގައި އެ އުފެދުނު ކުލުނާމެދު އޭނާ ހަމަ ރަނގަޅަށްވެސް އަޖައިބުވިއެވެ. އިސާހިތަކު ހިތުގައި އުތުރިގަތް ޖަޒުބާތުތަކުގެ ސަބަބުން ޝައިނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އެދެކުދިން އެ އެދޭ އެދުމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެންމެފަހުން އޭނާ އަތުގައިހުރި ތަށި ކައިރީގައި ބަހައްޓައިލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލައި އެދެކުދިންގެ ގައިގައި ބައްދައިލިއެވެ. އަދި އެވަގުތު ލޮލުގެ ކަނުން ނީރައިލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލައި ނޭފަތް ދަމައިލިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
އޯ މައި ގޯޑް ވވވވވވވވވވ ރީތި މި ޕަރޓް ވެސް
ނެކްސްޓް ޕަރޓް އަވަހަށް އަޕް ކުރައްޗެ ސިސް
ޓޭކް ކެއަރ
ލަވް ޔޫ
ވަރަށް ރީތި. ވާހަކަ ނިމެންއުޅެނީ ދޯ…
އަޅެ ދެން ތިހެން ނުކިޔަބަލަ. ނިމިއްޖެއްޔާ ކިހާދެރަވާނެ. މިހާރުވެސް ކޮންމެ ބައެއް ކިޔާފާއި ގަދަކަމުން ހިންދިރުވާލަން މިޖެހެނީ.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Saina and raahil gulhuvachey
They both are made for each other
Ishwaa and simaan dhuru nukurachey
Love you
އަޅެ. މަގޭ ހިތް ފިތެނީ. ޕްލީޒް އެހާ އަވަހަށް ނުނިންމައްޗޭ.
ކުޑަކޮށް އޮފީސް ބިޒީވީމަ ތަންކޮޅެއް ލަހުން މިބައި މިކިޔާލަން ވަގުތު މިލިބުނީވެސް.
މިބައިވެސް ވަރަށް ފުރިހަމަވެފައި އެހާ ހިތްގައިމު.
އަންޔާއަށް ޝުކުރު ހައްޤު.