Sunday, 06 October 2024

ހިތް އެދޭހާ ކަމެއް.. (82 ވަނަބައި)

ހިތުގައި އުތުރިގަތް ޖަޒުބާތުތަކުގެ ސަބަބުން ޝައިނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އެދެކުދިން އެ އެދޭ އެދުމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. އެންމެފަހުން އޭނާ އަތުގައިހުރި ތަށި ކައިރީގައި ބަހައްޓައިލުމަށްފަހު ގޮނޑީގެ ކުރިއަށް ޖެހިލައި އެދެކުދިންގެ ގައިގައި ބައްދައިލިއެވެ. އަދި އެވަގުތު ލޮލުގެ ކަނުން ނީރައިލި ކަރުނަތިކި އަތުގެ ނުފުށުން ފޮހެލައި ނޭފަތް ދަމައިލިއެވެ.

*****************

ލީވާން އެދުނު ފައިލު ބަލައި ރާހިލް މައްޗަށް ދިޔައިރު އިޝްވާ ސްޓަޑީއިން ނުކުންނަނީއެވެ. އިޝްވާ އެތަނަށް އައިސް އުޅެނީ ކީއްވެކަމާމެދު ސުވާލު އުފެދުނު ނަމަވެސް ލަސްވެފައި ހުރުމުން އޭނާ އަވަސް އަވަހަށްގޮސް ލީވާން އެ ބުނާ ފައިލެއް ހޯދުމަށްޓަކައި ސްޓަޑީގެ ތެރެއަށް ދެމިގަތެވެ. ދެ ފިޔަވަޅެއްވަރު ކުރިއަށް އަޅައިލުމާއެކު އޭނާ އެތަނުގައި ބަހައްޓައިފައިހުރި އެއްޗެއްގައި ޖެހިފައި ވެއްޓެންދިޔައެވެ. ރާހިލް އިސްއުފުލައިލިއިރު އަނދިރިކޮށް އޮތް ސްޓަޑީގެ ތެރެއިން އޭނާއަށް ފެނުނީ ނޫކުލައިގެ ބޮޑު ހެދުމެއް ލައިފައިވާ ރަތް އިސްތަށިގަނޑެއްގެ ވެރި އަންހެންކުއްޖެކެވެ. ރާހިލްއަށް ލިބުނު ސިހުމާއި ގަތްބިރުން ހަޅޭއްލަވައިގަތުމަށްފަހު އަތް ހޫރައިލަމުން ފަހަތައް ދެތިން ފިޔަވަޅު އަަޅައިލި ވަގުތު އޭނާގެ އަތުން ޖެހި އެ "އަންހެންކުއްޖާ" ބިންމައްޗަށް ވެއްޓިއްޖެއެވެ. ސިޑިން ފައިބަންދިޔަ އިޝްވާއަށް އެ އަޑުފަށްގަނޑު އިވި ދުވެފައި އައިސް ސްޓަޑީއަށް ވަތްއިރު ރާހިލް ހުރީ ދާހިތްލައި ފޯވެފައެވެ. ހަޔާތުގައިވެސް އޭނާއަށް އަދި ނުލިބޭފަދަ ބޮޑު ޝޮކެއް ލިބިފައޭ ހީވާކަހަލައެވެ.

"އި..އިޝީ.. ކުއް.. ކުއްޖެއް. ވެއްޓިފަ…ކުއްޖެއް" ރާހިލްއަށް ހާސްވެފައި ހުރިވަރުން ވާހަކަވެސް ދެއްކެނީ ކިރިޔާއެވެ. އިޝްވާ ރާހިލް އެ އިޝާރާތްކުރާ ދިމާލަށް ބަލައިލިއިރު އެތަނުގައި ވެއްޓިފައި އޮތީ ޝައިނާ ހެދުން ފަހައިފައި އަޅުވަން ގެންގުޅޭ ބުދު ނުވަތަ "މެނަކިން" އެވެ. އިޝްވާއަށް ޕަކަޕަކަލާފައި ހޭންފެށުނެވެ. ސްޓަޑީގެ ބޮކިތައް ދިއްލައިލުމަށްފަހު އޭނާ ރާހިލްގެ ގާތަށް އައިސް އަދިވެސް އެއްފަހަރު އެ "އަންހެން ކުއްޖާ" އޮތްތޯ ބަލައިލުމަށް އެދުނެވެ.

"އަޅެ ބަލާބަ އެތާ އޮތީ ކޯއްޗެއްތޯ؟ ބަލަ މިހިރަ މޮޔަޔާ އެއީ މެނެކިންއެކޭ. ޕިސްޕިސް ސާބަސް ދޮންބެއަށް" އިޝްވާ ގޮސް ވެއްޓިފައި އޮތް މެނެކިން ނަގައި ބަހައްޓައިލަމުން ބުންޏެވެ.

"ސިސް ކުރިން ފަހަން އިންނަ ކޮޓަރިއަށް ޝިމާން ބަދަލުވީމަ މިތަނަށް ފަހާފޮށި ގެނެސްފައޭ އެހެރީ. މިއީ އިޝީގެ ގްރެޖުއޭޝަން ހެދުން. ރީތި ދޯ. މި ހެދުން ބަލާލާށޭ އިޝީ މައްޗަށް އައީވެސް" އިޝްވާ ބުންޏެވެ.

"އެކަމަކުވާ. ދެން ހެދުމެއް އެޅުވިޔަސް އަދި ރަތްކުލައިގެ ބުޅި އިސްތަށިގަނޑަކާ އެއްޗެހި އަޅުވަން ޖެހޭތަ؟ ބިރުން މަރުނުވީ ކިރިޔާއެއްނު" ރާހިލް މާނޭވާ ލެވިފައިހުރެ ބުންޏެވެ.

"އަޅެ މި ހެދުމުގެ ކުލައާއި އިޝީގެ އިސްތަށިގަނޑާ ކޮމްޕްލިމެންޓް ވޭތޯ ބަލަން އެޅުވި ވިގްއެކޭ މީ" އިޝްވާ ބުންޏެވެ.

"އަހަރެންނަށް ހެޔޮ ކޮންމެ ކަމަކު ގެނައި އެއްޗަކަސް. ތި މިތަނުން ގެންދޭ" ރާހިލްއަށް އެ އެތަނުގައި ހުރުމުން ކަމަކުނުދިޔައެވެ. އަދިވެސް އޭނާއަށް އެ ބުދު ފެންނަނީ ބިރުވެރި އެއްޗެއްގެ ސިފައިގައެވެ.

"ހޫން. އަނެއްކާވެސް ހަމަ އަމިއްލައަށް ބުނަން ނުކެރިގެން އިޝީގާތު ދޯ ތިބުނީ. އިޝީއެއް ނުބުނާނަން. ދޮންބެ ބުނޭ ސިސްގާތު މި ގެންދާށޭ." އިޝްވާ ބުންޏެވެ.

"އިޝީ ޕްލީޒް. ޝައިނާ ނޫނެކޭ ބުނިއްޏާ އަހަރެންނަށް ތީތިގަނޑު މިތަނުން ނެރޭކަށް ނުކެރޭނެ. ސޯ ޔޫ ޓެލް. ޕްލީޒް." ރާހިލް ބުންޏެވެ.

"ދެން އަޅެ ސާބަހޭ ދޮންބެއަށް. ތިވަރުން ދެން އުޅޭނީ ކިހިނެއްތަ؟ ކުރަތްޕެއް ފެނުނަސް އެހާ ބިރުގަނޭ. ދެން މިހަފްތާތެރޭގަ ޖަލްސާވެސް އެބައޮތްވިއްޔަ. އެހާތަނަށް މީތި މިތާ ބަހައްޓާފަ ހުރިއޭ ކިޔާފަ މައްސަލައަކީ ކޮބާތަ؟" އިޝްވާ ރާހިލް ދެއްކި ވާހަކައަކަށް އަޅައިލުމެއްނެތި ބިންމައްޗަށް ވެއްޓިފައި އޮތް ރަތްކުލައިގެ މަސްނޫއީ އިސްތަށިގަނޑުނަގައި އެ ބުދުގައި އަޅުވައިލުމަށްފަހު ދިޔައީއެވެ.

ރާހިލް ހިސާބަކަށް ޖެހިލުންވެފައިހުރެ އެ ބުދަށް ބަލައިލިއެވެ. އަދި ގަޔާނުވެފައިހުރެ ފާޑެއްގެ ވައްތަރެއް މޫނަށް ޖައްސައިލުމަށްފަހު އޭނާ ހޯދަން އުޅުނު ޕެންޑްރައިވް ހިފައިގެން އެތަނުން ނުކުތެވެ. ތިރިއަށް ފޭބިއިރު އިޝްވާއާއި ޝައިނާ މާ މަޖާ ވާހަކައެއް ދައްކައިފައި ހޭން ތިބިތަންފެނި ރާހިލް ގެއިން ނުކުތީ އެމީހުންނަށް ލޯ އަޅައިލުމަށްފަހުގައެވެ. އޭނާއަށް ހީކުރެވުނީ ދެންމެ ހިނގަިއދިޔަ ކަންތަކުގެ ވާހަކަ އިޝްވާ ޝައިނާއަށް ކިޔައިދިނީ ކަމުގައެވެ. ނަމަވެސް އެމީހުން ހެމުންދިޔައީ އެދުވަހުގެ ހަވީރު ހިނގައިދިޔަ ކަންތަކާ ގުޅިގެނެވެ. ޔާނާއާއި ރާއީއާއެކު ރާހިލް ޕިއްޒާހަދަން އުޅުނު ގޮތުގެ ވީޑިޔޯ ބަލައިފައި ހެމުންދަނިކޮށް ރާހިލް ފުށުން ތަތްތެޅިފައި އޮތް ގަމީސް ބައިލައި ގޮނޑީގައި އަޅުވައިލިތަންފެނި ޝައިނާގެ ސަމާލުކަން އިތުރަށް ވީޑިޔޯއަށް ދެވުނެވެ. އެހެނަސް އެހިސާބުން ވީޑިޔޯ ނިމިއްޖެއެވެ.

"ނިމުނީތަ؟" ޝައިނާ ދެފަހަރަކު އިޝްވާގެ ފޯނުގައި ޖަހައިލަމުން އެއްސެވެ.

"ހްމްމް" އިޝްވާ ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބޯ ޖަހައިލިއެވެ.

"ބަޓް ޔޫ ސްކިޕްޑް ދަ ބެސްޓް ޕަރޓް.. ހީ ވޯޒް ސްޓްރިޕިންގް" ޝައިނާއަށް މި ބުނެވުނީ ކީކޭކަންވެސް ރޭކައިލީ އިޝްވާ އޭނާގެ އަތުގައި ބޮނޑިއެއް އެޅުމުންނެވެ.

"އިޔު ސިސް ދެޓްސް މައި ބްރަދާރ. ތިބުނާ ސްޓްރިޕިންގްއެއް ފިލްމް ކުރާނެ އެހެން މީހަކު ހޯދާ. އިޓް ވޯންޓް ބީ މީ. ޔަކް!!" އިޝްވާ އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން ބުންޏެވެ.

"އާގްހް އިޓްސް ނޮޓް މީ އިޓްސް މައި ހޯރމޯންސް ޓޯކިންގް!" ޝައިނާ ލަދުންގޮސް މޫނުގައި ދެއަތް އަޅައިލަމުން ގޮނޑީގައި ލެގިލިއެވެ. އެއާއެކު އޭނާއާ ދިމާކުރާ ފަދައަކުން ހެމުން ހެމުންގޮސް އިޝްވާ ކޮޓަރިއަށްވަނީ އެތަނުގައި އިން ޔާނާވެސް އުރާލައިގެނެވެ.

**************

އިޝްވާގެ ދަސްވެނިވުމުގެ ހަފްލާ އޮތްރެއެވެ. ރާހިލްއަށް ހޭލެވުނީ އިޝްވާ ކޮޓަރީގެ ދޮރުގައި ބާރުބާރަށް ޓަކިދޭ އަޑަށެވެ. ޓެރަހަށް ނުކުތުމަށްޓަކައި ހުރި ބިއްލޫރި ދޮރުން ކޮޓަރިއަށް އެޅިފައި އޮތް އަލީގެ އަސަރެއް މިހާރު ފެންނާކަށް ނެތެވެ. މުޅި ކޮޓަރިތެރެ އޮތީ އަނދިރިވެފައެވެ. ރާހިލްއަށް ސިހިފައި ގަޑި ބަލައިލެވުނެވެ. ގަޑިން އިރުއޮއްސި ހަތެއްޖަހާފައިވާތަން ފެނުމާއެކު ފުންމައިގެން ތެދުވެ އަވަސް ފިޔަވަޅުތަކެއްގައިގޮސް ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.

"ސާބަސް ދޮންބެއަށް. ދޮންބެއަށް ނުދެވޭނެ ވާހަކަ ބުނިނަމައެއްނު ދޮންތިގާތު ރެޑީވެގެން އަންނާށޭ ބުނެވޭނީ. ބުނެބަލަ އިޝީ ދާންވީތަ އެކަނި؟" އިޝްވާގެ އަޑުން ނުރުހުން ފާޅުވާން ހުއްޓެވެ.

"ސޮރީ ސޮރީ. އިރުކޮޅެއް ދީ. އެބަ ރެޑީވެލަން" ރާހިލް އެދުނެވެ.

"އަވަސް! އަން މިއޮތީ ގަމީސް. މިހާރު ގަޑި ޖެހެނިއްޔޭ. އަށް ގައި ބައި ވާންވާއިރަށް ދާން ޖެހޭނެ. އިޝީ މިދަނީ މޭކަޕް ކުރަން" އިޝްވާ އަތުގައި އޮތް ކަޅުކުލައިގެ ގަމީސް ރާހިލްގެ އަތަށްދިނެވެ. ރާހިލް އެ ގަމީހަށް ބަލައިލީ ބީރައްޓެހި ނަޒަރަކުންނެވެ. އެއަށްފަހު ކަމެއް ޔަގީންކުރާ ފަދައަކުން ކޮޓަރީގެ ބޮކިތައް ޖައްސައިލުމަށްފަހު އެނދުގެ ހުރަހަށްވާގޮތަށްހުރި ސޯފާއަށް ބަލައިލިއެވެ.

ޝައިނާއާއި އިޝްވާ ބާޒާރުކޮށްގެން އައި ދުވަހު އެތަނުގައި ބެހެއްޓިގޮތަށް އަތްނުލައި ހުރި ކޮތަޅުތަކެއް މިހާރަކު ނެތެވެެ. އޭގައި ހުރި ހުރިހާ އެއްޗެއް އަޅުވައިފައި އޮތީ އޭނާގެ އަތުގައި އޮތް ކޮނޑުގައެވެ.

ރާހިލް އަތުގައިހުރި އެއްޗެހި އެނދުމަތީގައި ބެހެއްޓުމަށްފަހު ދެލޯ އުނގުޅަމުންގޮސް ފާހަނައަށް ވަނެވެ. އޭނާއަކީ އާންމުކޮށް ދުވާލު ނިދަން އާދަކޮށްފައިވާ މީހެއް ނޫންނަމަވެސް އެދުވަހު މާ ފުން ނިންޖަކުން ނިދުނީއެވެ. އޭނާގެ ދެލޮލުން އަދިވެސް ނިދި ނުފިލައެވެ. ވާނީވެސް އެހެންތާއެވެ. ޗުއްޓީއަށް ދިޔުމުގެ ކުރިން ނިންމަން ހުރި އޮފީހުގެ ބައެއް މަސައްކަތްތައް ކުރުމަށް ހަފްތާގެ ގިނަ ރޭރޭ އުޅެންޖެހުނީ ހޭލައެވެ. މިހާރު ދެން އެކަންތައްވެސް ނިމުނީތާއެވެ. ރާހިލް ފެންވަރައި ތައްޔާރުވެލައިގެން ތިރިއަށް ފޭބިއިރު އިޝްވާގެ މޭކަޕް އަދިވެސް ނުނިމެއެވެ.

"އިޝްކޯ އަޅެ މަޑުން އިނދެބަލަ" އިޝްވާގެ ލޮލުގައި އަނދުން ފަންސޫރަކުން ކޫރެއް ދެމޭތޯ މަސައްކަތްކުރަމުންދިޔަ ޝައިނާ ބުނިއަޑު އިވުނެވެ. އެދެމީހުންގެ ގާތުގައި ޒީވާ ޝައިނާގެ މަސައްކަތައް ފާޑުކިޔަން މަޑުކޮށްލައިގެން ހުއްޓެވެ. ޔާނާއާއި ރާއީވެސް އިޝްވާގެ މޭކަޕް ބަލަން އިނެވެ.

"ދެން ސިސް ހާދަ އިރެކޭ ތި ނަގަނީ" އިޝްވާ ބުންޏެވެ.

"މަޑުން ނީނދެވެންޏާ ގިނައިރުވާނެ ދޯ. މިއީ އެންމެ ފަހު ކަންތަކޭ. ލޯ މަރައިގެން އިނދެބަ. ނުހުޅުވާތި. އައިލައިނާ ހަޑިވީމަ ދެރަވާނީ ހަމަ އިޝްކޮއަށް" ޝައިނާގެ ބަސް އަހައިގެން އިޝްވާ ދެލޯ މަރައިލުމާއެކު ޝައިނާ އެންމެ ފަހު ކޫރު ދަމައިލައިފައި އައިލައިނާ ދުރަށް ލައިފިއެވެ.

"އެވަރުގެ ކަމެކޭ. ބަލަ ނިމުނީ. މާޝާﷲ ހާދަ ލޯތްބޭ އިޝްކޮ. ދޯ ޔާނާ؟" ޝައިނާ ބުންޏެވެ.

"ޔެސް މަންމީ. އިޝީ އާންޓީ ސޯ ޕްރިޓީ ލައިކް އަ ޕްރިންސަސް" ޔާނާ ބުންޏެވެ. ޒީވާވެސް އިޝްވާއަށް ތައުރީފު ކޮށްލިއެވެ.

"ދައްކަބަލަ. އެނބުރިބަލަ މިކޮޅަށް" ރާހިލްއަށް އިޝްވާގެ މޫނު ރަނގަޅަކަށް ނުފެނެއެވެ. ރާހިލް އެހެން ބުނުމާއެކު އިޝްވާ ކުއްލިއަކަށް "ބޫ" އޭ ކިޔައި ދެއަތް އުފުލައިލަމުން ރާހިލްއާ ދިމާލަށް އެނބުރުނެވެ.

"ހާހާ ވެރީ ފަނީ" ރާހިލް ފާޑަކަށް އަނގަ ޗޭކޮށްލަމުން ބުންޏެވެ.

"ބިރެއް ނުގަތްތަ؟ ހަމަ އެ ހެދުމޭ އިޝީ ލައިގެން މިހިރީ؟" އިޝްވާ މަޖާވެފައި އަހައިލިއެވެ.

"ތިއީ ދޮންބެ މާ ބިރުގަންނަ ހެދުމަކީތަ؟" ޒީވާ ސުވާލު ކުރިއެވެ.

"ބިރު ގަނޭހޭ؟ ތިވާހަކަ ނުދައްކާ! ކުރީ ދުވަހުވެސް ސިސް ގެންގުޅޭ މެނެކިން ގަ މި ހެދުން އަޅުވާފަ ހުއްޓާ…" އިޝްވާ އެދުވަހު ރާހިލް އުޅުނު ގޮތުގެ ވާހަކަ ކިޔައިދިނުމާއެކު ޝައިނާއާއި ޒީވާ ޕަކަ ޕަކަލާފައި ހޭން ފެށުނެވެ. އިޝްވާ އެ ވާހަކަ ކިޔައިދިނީ ޔާނާއާއި ރާއީވެސް ބައިވެރި ކުރުވައިގެންކަމުން އެމީހުންނާ އެއްބައިވެ ޔާނާއާ ރާއީވެސް ހެމުންދިޔައެވެ.

"ސީރިއަސްލީ؟ އަހަރެން ހީކުރީ ދޮންބެ ކުރަފިދެކެ އެކަނިކަމަށް ބިރުގަންނަނީ" ޒީވާ ހުނުމުގެ ތެރެއިން ބުންޏެވެ.

"ތިހެން ބުނީމަ މި ހަނދާންވީ. މަޑު ކުރައްޗޭ" ޝައިނާ ފޯނު ނަގައި އޭގެން ހޯދައިލި ވީޑިޔޯއެއް ޒީވާމެނަށް ދައްކައިލިއެވެ. އެއީ ރާހިލްގެ ބޫޓަށް ޝައިނާ ލައިފައި އޮތް މަސްނޫއީ ކުރަތްޕަކަށް ފިލަންވެގެން ރާހިލް ގޮނޑިއަކަށް އަރައިގެން އުޅުނު ވީޑިއޯއެކެވެ. ޒީވާއާއި އިޝްވާ އެ ވީޑިޔޯ ބަލައިފައި ހޭންފެށުމާއެކު ރާހިލް އަވަސް އަވަހަށް އެމީހުންގެ އަތުން އެ ފޯނު ޖަހައިގަންނަމުން ދުރަށް ޖެހިލިއެވެ. ޝައިނާ އެ ފޯނު އަތުލުމަށްޓަކައި ރާހިލްގާތަށް ދުއްވައިގަތެވެ.

"އަހަރެން މިތާ ހުއްޓައޭ އަހަރެންގެ ވާހަކަ ތި ދައްކަނީ. ހިއަރ. ޑަން ޑިލީޓެޑް. ހަ އަހަރު ވަންދެން ޑިލީޓް ނުކުރެވިގެން އުޅުނު ވީޑިއޯއެއް މި ކުރީ" ރާހިލް އަތުގެ ކޮޅަށް ފޯނު ހިއްލައިލައިގެންހުރެ އެ ވީޑިއޯ ޑިލީޓް ކޮށްލަމުން ބާރުބާރަށް އިއްވައިލިއެވެ. އެހެނަސް އޭނާ ދެން ބުނި ޖުމްލަ ބުނެލީ ހަމައެކަނި ޝައިނާއަށް އިވޭ ވަރަށެވެ.

"ޓޫ ބޭޑް ޔޫ ޑިޑިންޓް ޖަމްޕް އޮން މީ ޓު ސްޓޮޕް އިޓް ދިސް ޓައިމް" ރާހިލް ޝައިނާގެ އަތަށް ފޯނު ދިއްކޮށްލިއެވެ.

"އެނގޭދޯ އަހަރެންނަށް އެ ވީޑިއޯ ރިކަވަރ ކުރެވޭނެކަން" ޝައިނާ ވައްކަޅިން ދުރުގައިތިބި އިޝްވާއާއި ޒީވާއަށް ބަލައިލަމުން އެންމެނަށް އަޑު އިވޭވަރަށް ބުންޏެވެ.

"އޯކޭ" ރާހިލް ދެކޮނޑު އަރުވައިލަމުން ޝައިނާއާ ދުރަށް ފިޔަވަޅެއް އަޅައިލިއެވެ.."އިޝީ ހިނގާ ދާން. ލަސްވެގެންނު އުޅުނީ" ރާހިލް އެއްއަތް ފަޓުލޫނުގެ ޖީބަށް ޖަހައިލުމަށްފަހު އަނެއް އަތުކުރީގައި އޮތް ގަޑިއަށް ބަލައިލަމުން ބުންޏެވެ.

"އަދި ލަހެއް ނުވެޔޭ. ބައި ގަޑިއިރު އެބައޮތް. ހިނގާބަލަ އިހަށް ފޮޓޮއެއް ނަގަން. ސިސް." އިޝްވާގެ އަތުގައި އޮތް ފޯނު ޝައިނާއަށް ދިނުމަށްފަހު ގޮސް ރާހިލްގާތު ހުއްޓުނެވެ. ރާހިލް އިޝްވާގެ ކޮނޑުގައި އަތް އަޅުވައިލައި އޭނާއާ ގާތްކޮށްލިއެވެ.

"މާ ސިމްޕަލް ކޮށްތަ މި އާދެވުނީ. ބްލޭޒަރއެއް ލާންވީތަ؟" ރާހިލް އިޝްވާގާތު އަހައިލިއެވެ.

"ނޫން ރަނގަޅު. ދޮންބެ ތިދަނީ ޕޭރެންޓަކަށްނު. މިރޭގެ ހައިލައިޓަކީ އިޝީއޭ. ދޮންބެ ސޫޓެއް ލައިގެން ދިޔައިއްޔާ އެހެން މީހުނަށް އިޝީ ނުވެސް ފެންނާނެ" އިޝްވާ ބުންޏެވެ.

"ދެން އެހެން ވާނީ ކިހިނެއްތަ؟" އިޝްވާގެ ވާހަކައާ ޒީވާ ދެކޮޅުވިއެވެ. އޭނާ ބޭނުންވީ ރާހިލްވެސް އަދި އިތުރަށް ތައްޔާރުވެލާށެވެ.

"ހަމަ ތެދެކޭ ދޮންތީ. އެއްކަލަ ދުވަހު މަނީ މެނޭޖްމެންޓް ލައިފްސްކިލް ސެޝަން ނަގާދޭން ދޮންބެ ދިޔަ ދުވަހުވެސް އެނގޭތަ؟ އިޝީގެ ދޮންބެކަން އެނގުނީމަ ހުރިހާ އަންހެންކުދިންތައް އައިސް އިޝީ ކާނުލީ ކިރިޔާ. އަޅެ މީހަކު ނުފެނިފަތަ އެމީހުން ތިބެނީ. ސޯ ނޯ ބްލޭޒަރ. ސިސް. ފޮޓޯ ނަގާބަލަ" އިޝްވާ ފޮޓޮއަށް ހުއްޓުމާއެކު ރާހިލްވެސް ދެލޯ ކުޑަކޮށްލައި ދަތްޕިލަ ދައްކައިލަމުން ރީތިގޮތަކަށް ކެމެރާއަށް ހީނލިއެވެ. އެ ފުރިހަމަ ހިނިތުންވުން ފެނި ހިނދުކޮޅަކަށް އޭނާ ކުރަން އުޅުނު ކަންތައް ޝައިނާގެ ހަނދާނުން ކައްސައިލިއެވެ. އޭނާއަށް ފޮޓޯ ނަގަންޖެހޭ ފިތަށް ފިތައިލަންވެސް އެނގުނީ އިޝްވާ އަދި ނުނިމޭހޭ ކިޔައި ގޮވައިލުމުންނެވެ.

"ނިމިއްޖެ ނިމިއްޖެ. ދެން ނިމޭނެއެއްނު ދޮންބެ އެކަނި ވިއްޔާ އިޝީގެ ފެމިލީއަކީ" ޒީވާ ފޫހި ރާގެއްގައި ބުންޏެވެ.

"އަހަހަހަ. ދޮންތިއަށް ގޮވާށޭ އުޅުނީ. އާދެ މިކޮޅަށް" އިޝްވާ ގޮވައިލުމާއެކު ޒީވާ ދުވެލައިފައިގޮސް އިޝްވާގެ އަނެއްފަރާތުގައި ހުއްޓި ފޮޓޯއަށް ހިނިތުންވެލިއެވެ.

"އޯކޭ ޑަން" ޝައިނާ ފޯނު ތިރިކޮށްލަމުން ހިނިތުންވެލިއެވެ.

"އަދި ނުނިމޭ.." ރާހިލް އެހެން ބުނެފައި ޝައިނާ ހުރި ދިމާ ކުރިއަށް އަތްދަމައިލިއެވެ. ޝައިނާ ވާނުވާ ނޭނގިފައިހުރެ އަމިއްލަ މޭގައި އިނގިލި ޖައްސައިލީ އެ ގޮވީ އޭނާއަށްތޯ ޔަގީންކުރުމަށެވެ.

"ތިއީ މި އާއިލާގެ ހިއްސާއެއް ނޫންތަ؟" ރާހިލް ދިގު ފިޔަވަޅެއް ކުރިއަށް އަޅައިލުމަށްފަހު ޝައިނާގެ އަތުގައި ހިފައި މަޑުމަޑުން އޭނާގެ ގާތަށް ގެނައެވެ. އަދި ޝައިނާގެ އަތުގައި އޮތް އިޝްވާގެ ފޯނު އަތުލައިފައި ޒީވާއަށް ދިއްކޮށްލިއެވެ. ޒީވާ ގޮސް ޝައިނާ ކުރިން ހުރި ތަނުގައި ހުއްޓިލީ އެ ފޮޓޯ ނަގައިދިނުމަށެވެ.

"އަޅެ މިހާ ހަޑިކޮށް.." ޝައިނާ ހުރީ އެއްވެސް ވަރަކަށް އެރޭ ފޮޓޮއެއް ނަގަން ޖެހިދާނެކަމަށް ވިސްނައިގެނެއް ނޫނެވެ.

"ޔޫ ލުކް ބިއުޓިފުލް" ހުޅިއެއް ޖަހައިފައިވާ ޝައިނާގެ އިސްތަށިގަނޑު ނިއުޅައިލުމަށްފަހު އެ އިސްތަށިގަނޑުގައި އަތްފުނާ އަޅައިލަމުން ރާހިލް ބުންޏެވެ. އިޝްވާއާއި ޒީވާގެ ކުރިމަތީގައި ރާހިލް އެފަދަ ގޮތަކަށް ކަންތައްކުރުމުން ޝައިނާ ހީވީ ލަދުން ވިރިދާނެހެނެވެ. އިތުރު ވާހަކައަކާނުލައި އޭނާގޮސް އިޝްވާގެ ގާތަށް ހުއްޓިލަމުން ފޮޓޮއަށް ހިނިތުންވެލިއެވެ. އެވަރަކުންވެސް އަދި ފޮޓޯނެގުން ނިމުމަކަށް ނައެވެ. ޝައިނާ ފޮޓޯ ނެގުމުން އެންމެފަހުން ޔާނާއާއި ރާއީވެސް އިޝްވާއާއެކު ފޮޓޯނަގަން ބޭނުންވިއެވެ. އިޝްވާއަށް އެ ދެކުދިންނާއެކު ވަކިންވެސް ފޮޓޯ ނަގަންޖެހުނެވެ. ޔާނާ ކުރުނުކުރުމުން އިޝްވާ ދުރަށް ލައިފައި ޝައިނާއާއި ރާހިލްއާއެކު ވަކިންވެސް އެދެކުދިންގެ ފޮޓޯނަގަން ޖެހުނެވެ. ޒީވާއާ އެކުގައިވެސް ޔާނާގެ ފޮޓޮއެއް ނަގަންޖެހުނެވެ. އެކުއްޖާ ހުއްޓައިލީ އެރޭ އެތަނުގައިތިބި އެންމެނާއެކު ވަކިވަކީންވެސް ފޮޓޯ ނެގުމަށްފަހުގައެވެ. އެހެންކަމުން އިޝްވާމެނަށް ގެއިން ނުކުމެވުނީ އެރޭ ހަފްލާ ފެށުމަށް ދިހަވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.

ހަފްލާ ނިންމާފައި ގެއަށް އާދެވުނުއިރު ހުރީ ވަރަށް ލަސްވެފައެވެ. އިމާރާތުގެ ކަންމައްޗަކަށް ރާހިލް ކާރު މަޑުކޮށްލުމާއެކު އިޝްވާ ކާރުން ފައިބައިފިއެވެ. ވަރުބަލިވެފައި ހުރުމުން ރާހިލް އަންނަންދެން މަޑުނުކޮށް އިޝްވާ ގެއަށް ވަނުމަށްޓަކައި ދުވާރުގެ ކައިރިފަށުން ހިނގައިގަތެވެ. އެވަގުތު އެ އިމާރާތުން ނުކުތް ޝިމާން ފެނި އޭނާގެ ފިޔަވަޅުތައް މަޑުޖައްސައިލިއެވެ.

ޝިމާންއަށް އޭނާ ނުފެނުނު ކަމުގައިވިޔަސް އިޝްވާއަށް ޝިމާން ވަރަށް ރަނގަޅަށް ފެނުނެވެ. ޝިމާންގެ އަތުގައި އޮތް މަލުގެ ގުލްދަސްތާއަށް އޭނާގެ ސަމާލުކަންދެވުނެވެ. ޝިމާން އެ ގުލްދަސްތާއާއެކު އެ ނުކުތީ އޭނާއަށް މަރުހަބާ ކިޔުމަށޭ އިޝްވާއަށް ހީވީ ކީއްވެކަމެއް ނޭނގުނެވެ. ހިތުގައި ކުޅެލެވިގެންދިޔަ އުފާވެރިކަމުގެ ރާގަށް ހިމޭންކަމެއް ގެނުވީ އެވަގުތު އެތަނަށް ސައިކަލުގައި އައިސް މަޑުކޮށްލި ނީމް ފެނުމުންނެވެ. ޝިމާންގެ އަތުގައި އޮތް ގުލްދަސްތާ ނީމްއަށް ދިއްކޮށްލުމާއެކު ނީމްގެ މޫނު އުޖާލާވެގެންދިޔަގޮތް އިޝްވާ ދުއްޓެވެ. ސައިކަލުގައި އިނދެ ޝިމާންގެ ގައިގައި ކުޑަކޮށް ބައްދައިލައިފައި ނީމް ސައިކަލުގެ ފަހަތައް ޖެހިލުމާއެކު ޝިމާން އެސައިކަލަށް އަރައި ނީމް ގޮވައިގެން ދުއްވައިލިއެވެ.

އިޝްވާގެ ދެލޯ ބޭއިޚްތިޔާރުގައި ފެންކަޅިވާން ފެށިއެވެ. އޭނާއަށް ޝިމާން ގެއްލިއްޖެކަން އިޝްވާ ގަބޫލުކުރެއެވެ. ޝިމާންއާއި ނީމްގެ ގުޅުމަކީ ހަގީގަތެއްކަމާއި އެކަން ބަދަލެއް ނުވާނެކަން ހިތަށް ވިސްނައިދޭން މަސައްކަތްކުރެއެވެ. ނަމަވެސް ޝިމާންގެ ފަރާތުން ލިބޭ ކުޑަކުޑަ އިޝާރާތަކުން ނުވަތަ ކުރެވޭ ކުށްހީއަކުންވެސް އޭނާގެ ހިތުގައި އެ ލޯތްބާމެދު އުއްމީދު އާވަނީއެވެ. އެކަން އެގޮތަށް ވާކަށް އިޝްވާ ބޭނުމެއްނޫނެވެ. ޝިމާންގެ ލޯބި ހިތާއި ސިކުނޑިން ފޮހެލުމަށް އިޝްވާ އެވަގުތު އަޒުމް ކަނޑައެޅިއެވެ. ކުއްލިއަކަށް ހަށިގަނޑަށް އެރި ބާރުގައި އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ގެއަށްވަދެ ސޯފާގައި ތިބި ޒީވާއާއި ޝައިނާއަށްވެސް ބަލައިލުމެއްނެތި އިޝްވާ ގޮސް ވަނީ ކޮޓަރިއަށެވެ. އިޝްވާ ވަރުބަލިވެފައި ހުރުމުން އަރާމުކޮށްލަން ބޭނުންވީ ކަމުގައި އެމީހުނަށް ވިސްނުނެވެ. އެހެނަސް ކޮޓަރިއަށް ވަތްއިރު އިޝްވާއަށް ދިޔައީ މާނޭވާ ލެވެމުންދިޔައެވެ. ރުޅިއާއި، ހިތްވަރާއި، ހިތްދަތިކަން އަދި ހިތާމަ އެކުލެވިގެން ކުރެވެމުންދިޔަ އިހުސާސް ބަޔާންކޮށްދޭކަށް ހުދު އޭނާއަކަށްވެސް ނޭނގުނެވެ. އަތުގައި އޮތް ސެޓްފިކެޓް އަތުގެ ކޮޅަށް ހޫރައިލުމަށްފަހު އެނދުގައި އިށީންއިރު އޭނާއަށް ފެންނަމުންދާ ހުރިހައި މަންޒަރެއްވަނީ ފުސްވެފައެވެ. ހީވީ ވަށައިގެންވާ މާހައުލު ހަލުވި ދުވެއްޔެއްގައި އެނބުރެން ފެށިހެނެވެ. ތުރުތުރު އަަޅަމުންދިޔަ އަތަކުން ފޯނު ނަގައި ސޯޝަލް މީޑިއާގެ ހުރިހާ މަންސައަކުން އޭނާއަށް އައިސްފައިވާ ފޮލޯ ރިކުއެސްޓް ތަކާއި ފްރެންޑް ރިކުއެސްޓްތައް ގަބޫލުކުރަން ފެށިއިރު އޭނާއަށް ހުރެވުނީ ހަމަ ހޭގައިހެނެއް ހިއެއްނުވެއެވެ. ފަނަރަވަރަކަށް މިނަޓުތެރޭ އެކަންތައް ނިންމައިލުމަށްފަހު ދެތިން ފުން ނޭވާއެއްލިއެވެ. މީހާ ހަމައަކަށް އެޅިލަން އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ނެގިއެވެ. އެއަށްފަހު ފާހަނައަށްވަދެ ފެންވަރައި ތާޒާވެލައިގެން އައިސް އޭނާ ފޯނު ހުޅުވައިލިއިރު އެކި މީހުންގެ ސަލާމުގެ މެސެޖުތަކުން "ނޮޓިފިކޭޝަން ބާރ" އޮތީ ފުނިޖެހިފައެވެ. އިޝްވާ ނިކަން ހަމަޖެހިލައިގެން އިނދެ އެ ހުރިހާ މެސެޖެއް ބަލައިލުމަށްފަހު އެތަނުން އޭނާ ގަޔާވި މެސެޖަކަށް ރައްދުދޭން ތައްޔާރުވެލިއެވެ.

"ހޭއި މެރީޑާ" އެއީ އިންސްޓަގްރާމުން އޭނާއަށް އައިސްފައިވާ އަނަމް ނަމަކަށް ކިޔާ ހަތާވީސް އަހަރުގެ ޒުވާނެއްގެ މެސެޖެކެވެ. އެ މެސެޖަށް ރައްދު ދިނުމާއެކު އަނެއްކާވެސް އިޝްވާއަށް އަނަމްގެ މެސެޖެއް ލިބުނެވެ. އެގޮތުގައި ބައި ގަޑިއެއްހާއިރު އޭނާ އަނަމްއާ ވާހަކަދެއްކުމުގައި ހޭދަކުރިއެވެ. އޭރު ޒަމާންތަކެއް ވަންދެން އެ މޫނުމަތިން އޮއްސިފައިވި އުޖާލާކަމާއި ހިނިތުންވުން އޭނާގެ ތުންފަތަށް ވަނީ އިއާދަވެފައެވެ.

******************

މ. އެވަރލާސްޓް ގޭގެ ކުރިމައްޗަށް ހުއްޓައިލި ކާރުން ފޭބި ވާފިޔާ ހިނިތުންވެފައިހުރެ އެތަނުގައި ހުރި ނުވަފަންގިފިލާގެ އިމާރާތަށް ބަލައިލިއެވެ. އަމިއްލަ ގެއަށް އާދެވުމުގެ އުފާވެރިކަން އެމޫނުމަތިން ފެންނަންހުއްޓެވެ. ގޭގެ ދޮރާށި ހުޅުވައިލުމަށްޓަކައި އަތް އުފުލައިލިވަގުތު އޭނާގެ ފަހަތުން އައި ނާޝިދު އޭނާއަށް ހިނިތުންވެލަމުން އެ ދޮރާށި ހުޅުވައިލައިދިނެވެ.

ނާޝިދު ލޯތްބާއެކު ވާފިޔާގެ އަތުގައި ހިފައިލައިގެންހުރެގޮސް ލިފްޓަށް އަރައި އަށް ވަނަ ފަންގިފިލާގެ ފިތަށް ފިތައިލިއެވެ. އެމީހުންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ފޮށިތައް ހިފައިގެން  ހާދިމުންތަކެއްވެސްއައެވެ. ފޮށިތައް ގެއަށް ވައްދައި ނިމުމުން އެމީހުން އެގެއިން ނުކުމެއްޖެއެވެ.

"މެންދުރު ކާން ބޭރަށް ދޯ ދާނީ. އެބަ އަންނަން އެނގޭ ކާރު މެއިންޓެނެންސަށް ކައިރި ގަރާޖަކަށް ވައްދާލާފަ. ވާފީ މަޑުކޮށްލާ" ނާޝިދުގެ ވާހަކައަށް ބޯ ޖަހައިލަމުން ވާފިޔާ ސިޓިންގްރޫމްގެ ސޯފާގައި އޮތް ހުދު ފޮތިގަނޑު ނަގައި ދުރަށްލާފައި އޭގައި އިށީނދެލިއެވެ. ނާޝިދު ދިޔުމުން އެ ސިޓިންގްރޫމަށް ވެރިވި ހިމޭންކަމުގައި ވާފިޔާއަށް އެގޭގެ ފަޅުކަން އިހުސާސްކުރެވެންފެށިއެވެ. އުމުރުގެ ބޮޑުބައި އޭނާއަށް ހޭދަކުރެވުނީ އެ ގޭގައި ކަމަށްވިޔަސް އޭނާއަށް އެ ހަތަރުފާރުގެ ތެރެއިން ކުރެވެމުންދިޔައީ ބީރައްޓެހި އިހުސާސެކެވެ. އޭނާގެ ތިން ކުދިންގެ މަތިން ހަނދާންވަމުންދިޔައީ އިންތިހާއަށެވެ. ހާއްސަކޮށް ރާހިލްގެ މަތިންނެވެ. އޭނާއާ އެންމެ ދުރުގައި އެންމެ ގިނަދުވަސް ހޭދަކުރި ކުއްޖަކީ އެއީ ކަމުގައިވިޔަސް އެއީ އޭނާގެ ދޮށީދަރިފުޅެވެ. އޭނާ މަންމައަކަށް ހަދައިދިނީ އެދަރިފުޅެވެ. އަދި އޭނާގެ ހަމައެކަނި ފިރިހެން ދަރިފުޅުވެސްމެއެވެ. ހަމަ އެހެންމެ އޭނާގެ އެންމެ ސިޔާސަކުއްޖަކީވެސް ހަމަ ރާހިލްއެވެ. ޒީވާއާއި އިޝްވާ ކޮންމެ މޫޑެއްގައި ހުއްޓަސް ރާހިލް އެގޭގައި ހުރެއްޖެނަމަ އެކުއްޖާގެ މަޖަލާއި ސަކަރާތުން އޮންނަނީ މުޅި ގެ ފަޅުފިލުވައިލައިފައެވެ. ވާފިޔާއަށް ރާހިލް އެތައް ގޮތަކުން ހާއްސައެވެ. ނަމަވެސް ރާހިލް ވާފިޔާއާ އަނގައިންވެސް ނުބުނާތާ މިހާރު ފަސްއަހަރު ފާއިތުވީއެވެ. އެންމެފަހުން އޭނާއާ ވާހަކަދެއްކީ ޒީވާ ވިހައިގެން އުޅުނު ދުވަސްވަރު ހޮސްޕިޓަލުން ދިމާވެގެން އިތުރުގޮތެއް ނެތުމުންނެވެ.

"މޯމް. މޯމް" ވާފިޔާ ކުއްލިއަކަށް ބަލައިލީ އެގޭގެ ސިޑިއާ ދިމާލަށެވެ. ހީވީ ހަމަ ރާހިލް އޭނާ ގެންގުޅޭ ފަރަންޖީ ރާގު ގަނޑުގައި "މޯމް"އޭ ކިޔައި ގޮވަމުން އެ ސިޑިން ފައިބައިގެން އައިހެނެވެ. އެއީ ދެންތިބި ދެކުދިންނާ ހިލާފަށް ހަމައެކަނި ރާހިލް އޭނާއަށް 'މަންމަ' ކިޔާގޮތެވެ. ނަމަވެސް އެތަނުން އެއްވެސް މީހެއްގެ ހިލަމެއް އެ ސިޑިއާ ދިމާލުން ވާކަށްނެތެވެ.

ވާފިޔާއަށް ދެން ބަލައިލެވުނީ އޭނާގެ ކަނާތްފަރާތުން ސޯފާގައި ހުސްކޮށް ހުރި ޖާގައަށެވެ. ހީވީ އިޝްވާ އައިސް ކޮންމެވެސް މޮޅުކަމަކު ކިޔަންވެގެން އޭނާ ހައްލައިލުމަށް "މަންމާ" އޭ ކިޔައި އޭނާގެ ގައިގައި ބައްދައިލިހެނެވެ.

ވާފިޔާއަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ. އަތްދަބަހުން އޭނާގެ ފޯނު ނަގައި ވައިބަރގެ ޒަރީއްޔާއިން ޒީވާގެ ނަންބަރަށް ގުޅައިލީ އޭނާއަށް އާންމުކޮށް ގުޅައި ވާހަކަދައްކައި އުޅެނީ ޒީވާކަމަށްވާތީއެވެ. އިޝްވާވެސް އޭނާއަށް މަދުމަދުން ގުޅައިލާ ހަދައެވެ. އެހެނަސް ފާއިތުވެދިޔަ އަހަރުތެރޭ އިޝްވާއަށްވުރެން ރަނގަޅު ގުޅުމެއް ޒީވާއާ ބޭއްވިފައިވާތީ އޭނާއަށް އެކަމުގައި އިސްކަންދެވުނީ ޒީވާއަށެވެ.

"ހަލޯ. މަންމަ ކިހިނެއް؟" ޒީވާ ފޯނު ނަގަމުން އުފަލާއެކު ޖަވާބުދިނެވެ.

"ރަނގަޅު. ދަރިފުޅު ކިހިނެއްތަ؟ ޒިއްކޮ ކޮބާތަ؟" ވާފިޔާގެ ހިތުގައިވި ވޭން ފޮރުވައިލަމުން އަހައިލިއެވެ.

"މިއުޅެނީ. މަޑުކޮށްލައްޗޭ ދަރިފުޅޫ. ޒިވްޔަންންންން. މިއޮތީ މާމަ ބަލާބަ. އާދެބަލަ މާމައާ ވާހަކަދައްކާލަން" ޒިވްޔަންގެ ނަމަށް ދަމައިލަމުން ޒީވާ ގޮވައިލި އަޑު އިވުނެވެ."މިހިރީ ޒިވްޔަން މަންމާ. ވީޑިއޯ އޮންކޮށްބަލަ"

ޒީވާގެ އެދުމަށް ވާފިޔާ އެ ކޯލުގެ ވީޑިޔޯ ކެމެރާ ޖައްސައިލިއެވެ. އޭރު ޒީވާ ފޯނު ދީފައި އޮތީ ޒިވްޔަންގެ އަތަށެވެ. ޒިވްޔަންއާ އެކި ވާހަކަތައް ދެއްކުމުގެ ތެރެއިން ޒީވާ އެ ފޯނުގެ ކެމެރާއަށް ބޯދިއްކޮށްލި ވަގުތު ވާފިޔާ އިންތަނުގެ ސީލިންގްފެނި ޒީވާއަށް ކުއްލިއަކަށް ޒިވްޔަންގެ އަތުން ފޯނު ޖަހައިގަނެވުނެވެ. އާނއެކެވެ. އެ ސީލިންގުގައި އަޅައިފައިވާ ދަނބުކުލައިގެ ފަރުމާއަކީ އޭނާ ދަންނަ ފަރުމާއެކެވެ.  އެއީ އޭނާއަށް ރީތިވެގެން އޭނާއަށް ރީތި ކުލައިން އެތަނުގައި އެޅުވި ފަރުމާއެކެވެ.

"މަން–މަންމާ؟މަންމަ ގޭގަތަ؟" ޒީވާއަށް އަހައިލެވުނެވެ. ވާފިޔާ އާނއެކޭ ބުނުމުން ޒީވާއަކަށް އަދި އެޖަވާބަކުން ނުފުދުނެވެ.

"މިބުނީ މަންމަ މާލޭ.. މާލޭގެ ގޭގަތަ؟" ޒީވާ އަހައިލިއެވެ.

"އާނ ދަރިފުޅާ. ހަމަ ދެންމެ މިއައީ. ބައްޕަ ކާރު ކޮންމެވެސް ގަރާޖަކަށް ލާފަ އަންނަންދެން މަންމަ މީނީ މަޑުކޮށްލައިގެން" ވާފިޔާގެ ޖަވާބު އިވުމާއެކު ޒީވާ ފޯނުގެ ވީޑިޔޯ ކަނޑައިލަމުން ފޯނު ކަންފަތުގައި ޖެއްސެވެ. ވާފިޔާވެސް ހަމަ އެގޮތަށް އަމަލުކުރިއެވެ.

"މަންމަ ކީއްވެތަ އަންނަ ވާހަކަ ނުބުނީ؟ އޭރުންނެއްނު އަހަރެންނަށް އިޝްކޮގާތުވެސް ބުނެވޭނީ. ދޮންބެވެސް…" ރާހިލްގެ ވާހަކަ ފެށުމާއެކު ޒީވާގެ އަޑަށް ހިމޭންކަން އައެވެ. ނާޝިދުގެ ސަބަބުން ވާފިޔާއާއި ރާހިލްގެ ގުޅުން ހީނަރުވެގެން ގޮސްފައި އޮތް އޮތުމަކީ އާއިލާގެ މީހުނަށް ސިއްރުވެފައި އޮތް ކަމެއް ނޫނެވެ.

"ދޮންބެ ކޮބާތަ؟ ބަސްއަހައިގެންތަ އުޅެނީ؟" ވާފިޔާގެ އަޑަށް ސަމާސާ ރާގު ވެރިކުރެވޭތޯ މަސައްކަތްކުރިއެވެ.

"މަންމާ..ދޮންބެ.. ދޮންބެ ރަނގަޅު. ޝައި އައިސްފި މަންމާ" ޒީވާ ވައްޓައިލި ބޮމާއެކު ވާފިޔާއަށް ބޭއިޚްތިޔާރުގައި އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ.

"ކީ.. ކީކޭ؟ ދަރިފުޅާ.. އަހަރުމެންގެ ޝައިނާ ތަ؟ ރާހިލްގެ ޝައި؟" ވާފިޔާއަށާ ގަބޫލު ނުކުރެވިފައި އަހައިލެވުނެވެ.

"ދެން އަޅެ ކީއްވެތަ ޝައި ދޮންބެއަށް ދީގެން ދޮންބެގެ ޝައިއެކޭ ތި ކިޔަނީ؟ އަޅެ އެއީ އަހަރެންގެ ބެސްޓްފްރެންޑެއް ނޫންތަ؟ އަހަރެންގެ ޝައި އެކޭ އެއީ" ޒީވާ ޝަކުވާ ކޮށްލިއެވެ.

"ޒީވާ.." ވާފިޔާއަށް ޒީވާގެ ނަމަށް ދަމާލައިފައި ގޮވައިލެވުނެވެ.

"އޯކޭ އޯކޭ. އާނ އެނގިއްޖެޔޭ މަންމަ ތި ބުނަން އުޅޭ އެއްޗެއް. އާނ އަހަރުމެންގެ ޝައި އޭ. މަންމައަށް އެނގޭތަ؟ ޝައިގެ ލޯބި ލޯބި ދެ ކުދިންވެސް ތިބޭ. ޔާނާ ކުޑަކޮށް ޝައިއާ ވައްތަރުގޮތެއް ހުއްޓަސް ރާއީ ހީވަނީ ހަމަ ދޮންބެހެން. މަންމައަަށް ފެނިފަ ނުބުނާނެ އެއީ އެހެން ކުއްޖެކޭވެސް" ޒީވާގެ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް ވާފިޔާގެ މޫނުމަތިން މާޔޫސްކަން ފެންނަމުންދިޔައެވެ.

"ދެކުދިން؟ ޝައިނާ އެހެން މީހަކާ ކައިވެނި–"

"ޕިސް ނޫނެކޭ މަންމާ. ޝައިއަށް ލިބުނީ ޓްވިންސެކޭ. މިބުނީ ދެން އެމީހުނަށް. އެކަމަކު އެމީހުން ވަރަށް އަވަހަށް ވަރިވާންވެގެން އުޅެނީ. އެންމެފަހު އަޑުއެހުމަށް ނުދެވުނީމަ މަހެއްހާ ދުވަސް ފަސްކުރީ އޯ ޝައި ބުނީ. އޭގެ ފަހުން މިހާރު ހަފްތާއެއް މި ދިޔައީ. ދެން ނޭނގެ. މިއީ ފޯނުން ދެއްކޭ ކަހަލަ ވާހަކަތަކެއް ނޫނެއްނު. މަންމަ އާދެބަލަ މިގެއަށް. ނޫނީ އަހަރެންތަ ދާންވީ؟" ޒީވާ އަހައިލިއެވެ.

"ހްމްމް ދަރިފުޅު އާދެބަލަ. ވަރަށް ހަނދާންވޭ ހުރިހާ ކުދިންވެސް. ވަރަށް ބޭނުން ރާހިލްގެ ދެކުދިން ދެކިލަން" ވާފިޔާގެ ލޮލުން ކަރުނަ ނީރައިލައިފިއެވެ. މަންމަގެ އަޑަށް އައި ކުއްލި ބަދަލު ފޯނުގެ އަނެއްފަރާތުގައިހުރި ޒީވާއަށް ނަގައިގަނެވުމާއެކު މަންމަ ހަމަޖެއްސޭތޯ މަސައްކަތްފެށިއެވެ.

"މަންމާ. ރޮނީތަ؟ އަޅެ ހުއްޓާލަބަ. ދޮންބެއާ އަހަރެން ވާހަކަދެއްކޭތޯ ވަރަށް މަސައްކަތްކޮށްފިން. ދޮންބެއަށް ވިސްނައިދެވޭނެއެކޭ އަހަރެން ނުބުނާނަން. އެކަމަކު ޝައި އަހަރެންގެ ބަސް އަހާނެ. ޝައިގާތު އާދޭސް ކޮށްގެން އަހަރެންނަށްޓަކައިވިޔަސް އެންމެ ފަހަރަކު އެކުދިން ގޮވައިގެން މަންމަގާތަށް ގޮސްލަން އަހަރެން ބުނާނަން" ޒީވާ ބުންޏެވެ.

"ނޫނޭ ދަރިފުޅާ. ޝައިނާ މަންމަގާތަށް އަންނަން މަޖުބޫރު ކުރާކަށް މަންމަ ބޭނުމެއްނޫން. މަންމަ ޝައިނާއާމެދު ކަންތައްކުރީ މާ ރަނގަޅަކަށްނޫން. މިފަހަރު ޝައިނާގެ ގާތަށްދާނީ މަންމަ. އެމީހުން ކޮންތާކުތަ އުޅެނީ؟" ވާފިޔާގެ ސުވާލަށް ޒީވާ ޖަވާބުދިނެވެ. ޝައިނާމެން އުޅެނީ ރާހިލްގާތުގައި ކަމަށް ބުނުމުން އެމީހުންނާ ބައްދަލުކުރަން ދިޔުމަށް ވާފިޔާ ކުޑަކޮށް ޖެހިލުންވިއެވެ.

"އެހެންވެގެނޭ މިބުނީ މަންމަގާތު ޝައި ތިގެއަށް ގެންދަންހޭ. އަނެއްކާ ކޮން މޮޔައެއް ވެގެން ކަމެއް ނޭނގެ ދޮންބެ އުޅެނީ މިދުވަސްކޮޅު އޮފީހުން ޗުއްޓީ ނަގައިގެން ގިނަ ވަގުތު ގޭގަ. މަންމަ ފެނިފަ ދޮންބެ ވާހަކަ ނުދެއްކިއްޔާ މަންމަ ވާނެ ދެރަ އަހަރެންނަށް އެނގެޔޭ" ޒީވާ ބުންޏެވެ.

"އެކަމަކުވެސް ވަރިހަމަ! މަންމަ އެގެއަށް ދިޔައިމަ ރާހިލްއަކަށް މަންމަ ނެރޭކަށް ނުކެރޭނެ. އެގެއިން ނުނެރޭހާ ހިނދަކު މަންމަ އަންނާނީ އެކުދިންނާ ބައްދަލުކޮށްފަ. ރާހިލް ކިތަންމެ ދުރުކުރަން އުޅުނަސް އެއީ އަހަރެންގެވެސް މާމަ ދަރިންނެއް ނޫންތަ؟" ވާފިޔާ ގޮތްދޫކުރާކަށް ބޭނުމެއްނުވިއެވެ.

ޒީވާވެސް ފަހުން ވާފިޔާގެ ހިޔާލު ބަދަލުކުރާކަށް މާގިނަ މަސައްކަތެއް ނުކުރިއެވެ. އޭނާ ވާފިޔާއާ ފެށީ މުޅިން އެހެން ވާހަކައެކެވެ. ދެމައިން އެކި ވާހަކަތަކުގެ ތެރޭގައި ތިބެފައި ފޯނު ކަނޑައިލީ ނާޝިދު ގެއަށް އައިސް މެންދުރުގެ ކެއުމަށްދާން ބުނުމުންނެވެ.

ޒީވާ ފޯނު ބޭއްވީ ނާޝިދާވެސް ވާހަކަ ދެއްކުމަށްފަހުގައެވެ. ހަގީގަތުގައި ނާޝިދާ ވާހަކަދައްކަންޖެހޭ ކޮންމެ ފަހަރަކު ޒީވާއަށް ކުރެވެނީ ކުށްވެރިކަމުގެ އިހުސާސެވެ. ނާޝިދުގެ ފަރާތުން އޭނާއަށް ސީދާ ގޮތެއްގައި ގެއްލުމެއް ލިބިފައި ނުވާތީ ގުޅުން ކަނޑައިލަން ނުކެރުނު ކަމުގައިވިޔަސް ހިތާ ކުރެވޭ ސުވާލަކީ ނާޝިދުގެ ފަރާތުން ރާހިލްއަށް ލިބުނު ފަދަ ގެއްލުމެއް އޭނާއަށް ލިބުނުނަމަ އޭނާ ނާޝިދާ އެ ބާއްވާ ގުޅުން ރާހިލް ނާޝިދާ ބާއްވާނެބާއެވެ. ނުބާއްވާނެކަން ކަށަވަރެވެ. އެހެންނަމަވެސް އޭނާއަކީ ރާހިލްއެއްނޫނެވެ. ރާހިލްގެ މިޒާޖާއި ޝަހުސިއްޔަތު އޭނާއާ ވަރަށްވެސް ތަފާތެވެ. ރާހިލްއާމެދު ނާޝިދު ކަންތައްކުރި ގޮތާމެދު އޭނާގެ ހިތުގައި ކިތަންމެ ޝަކުވާ އޮތްނަމަވެސް އޭނާއަކީ އެއްވެސް އިރެއްގައި އާއިލާއާއި ޖަދަލުކޮށް ބޮޑާހާކައި އުޅުނު މީހަކަށް ނުވާތީ އެ ގުޅުން ކަނޑައިލަން އޭނާއަށް ނުކެރުނީއެވެ.

*****************

ރީތިވާ މޭޒުގެ ލޯގަނޑުގެ ކުރިމަތީގައިހުރެ އިޝްވާ ލުއި މޭކަޕެއް ކޮށް ނިންމައިލުމަށްފަހު ތުންފަތް ރަތްކުލައިގެ ލިޕްސްޓިކަކުން ފަވައިލިއެވެ. އަދި ދެތިން ފިޔަވަޅު ފަހަތައް ޖެހިލައި އަލަމާރީގައިހުރި އިސްކޮޅާ އެއްވަރުގެ ލޯގަނޑަށް ބަލައިލިއެވެ. ކަޅުކުލައިގެ ފަޔަށް ހިފައިލާފައިވާ ޖީންސާއެކު ލައިގެންހުރި ރަތްކުލައިގެ ޓޮޕްކޮޅުން ފުއްޕައިލެވިފައިވާ ފަސްބަޔަށް ދަމައިލައި ރީތިކޮށްލުމަށްފަހު އިޝްވާ އަތްދަބަސް ހިފައިގެން ކޮޓަރިން ނުކުތީ ނިކަން ހިތްހަމަޖެހިފައި ހުރެގެނެވެ. ކަންދިމާކުރިގޮތުން އެވަގުތުވީ ޝިމާންވެސް ޖިމަށް ދިޔުމަށްޓަކައި ކޮޓަރިން ނުކުތުމަށް ހިނގައިގަތް ވަގުތުކަމުން އެދެމީހުންގެ ނަޒަރު އެކަކު އަނެކަކާ ދިމާވެލިއެވެ.

ޝިމާން ފެނުމުން އިޝްވާ ގަދަކަމުން ހިނިތުންވެލިއެއްކަމަކު އެ ހިނިތުންވުން ރައްދުކުރުމުގެ އެއްވެސް ވިސްނުމެއް ޝިމާންގެ ނެތްކަހަލައެވެ. އިޝްވާގެ ބޮލުން ފެށިގެން ފަޔާ ހިސާބަށް ނަޒަރު ހިންގައިލެވުނީ އޭނާގެ އެއްވެސް އިޚްތިޔާރަކާނުލައެވެ. އިޝްވާއަކީ އާންމުކޮށް އަލި ކުލަތަކުން ހެދުންއަޅާ ކުއްޖެއްކަމުން އެރޭ ހެދުން އެޅުމުގައި ބޭނުންކޮށްފައިވާ ގަދަ ކުލަތަކާއި މޫނުގައި ކޮށްފައިވާ މޭކަޕުން އެކަނިވެސް އެއީ އިޝްވާއަށް ހާއްސަ ރެއެއްކަން ޝިމާންއަށް ޔަގީންކުރެވުނެވެ. އެ ރީތިކަމަށް ގެއްލިފައި ހުރެވެނިކޮށް އިޝްވާ އަވަސް ފިޔަވަޅުތަކެއްގައި އޭނާގެ ކައިރިން ހިނގައިފައިގޮސް ސިޓިންގްރޫމްގެ ސޯފާތަކާ ދިމާލަށް ފޭބިއެވެ.

"ސިސް.. ރީތި ތަ؟ ތެދަށް ބުނައްޗޭ އެނގޭ. މި ކުލަ އޯކޭތަ؟" ސޯފާގައި އިން ޝައިނާގާތު އިޝްވާ އަހައިލިއެވެ. އެއާއެކު ޝައިނާއަށް އާގަމަވެފައިހުރެ އޭނާ އިށީނދެ އިން ގޮނޑިން ތެދުވެވުނެވެ.

"ވާއު އިޝްކޯ. ޔޫ ލުކް ސްޓަނިންގް. ކޮންތާކަށް ދާ ރެއެއް އަނެއްކާ؟ ޕޯސްޓް ގްރެޖުއޭޝަން ސެލެބްރޭޝަނެއްތަ؟" ޝައިނާއަށް ހުރީ ކުރިމަތީގައިހުރި އިޝްވާ ކަމާމެދުވެސް ގަބޫލު ނުކުރެވިފައެވެ.

"ނަސީބެއްނު. ހާދަ ވަރަކުންނޭ މި ސިމްޕަލް މޭކަޕްގަނޑުވެސް ދަސްކުރެވުނީ. ނޭނގެ ކިތަށް ޓިއުޓޯރިއަލްކަމެއް ބެލުނީ" އިޝްވާ ބުންޏެވެ.

"ދެން ބުނެބަލަ. ކޮންތާކަށްތަ؟" ޝައިނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

"ކޮބާތަ ދޮންބެ؟" އިޝްވާ ކޮށްލި ޝައިންގެ ސުވާލާ މުޅިން ނުގުޅޭ ސުވާލެކެވެ.

"ނޭނގެ. އަހަރެން އައިސް މިތާ އިށީން އިރަށް މައްޗަށް ހިނގައްޖެ. އަޅެ ބުނެބަލަ އަހަރެން މިއީ އަރާ ކާ ފުރޭތައެއްތަ އެވަރަކުން އެ ފިލަނީ؟" ޝައިނާ ފޫހި ގޮތަކަށް ތުންއަނބުރައިލިއެވެ.

"އޯކޭ ސިސް. ދޮންބެގާތު އަދި ނުބުނައްޗޭ. ޕްލީޒް. އިޝީ ނުބުނާކަށްނޫން.. އެކަމަކު ފަސްޓް ޑޭޓް ވީމަ"

"ވަޓް؟؟ ޔޫ އަރ ގޮއިންޑް އޮން އަ ޑޭޓް؟" ޝައިނާއަށް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ދޮރުކައިރީގައިހުރި ފައިވާން ހަރުގަނޑުން ފައިވާނެއް ހޯދަމުންދިޔަ ޝިމާންއަށް އެއަޑު އިވުމާއެކު ހުއްޓުންއެރިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ ހަަމަޖެހިލުމަށްފަހު އަނެއްކާވެސް ފައިވާން ހޯދުމުގެ މަސައްކަތް ފެށިއެވެ. އޭނާގެ ހަރަކާތްތަކުގައިވަނީ ލަސްކަމެވެ. ކަންފަތް ދެވިފައިވަނީ އިޝްވާއާއި ޝައިނާގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކައަށެވެ.

"އަޅެ ދެން ސިސް. އެހާ ބާރަކަށް ނޫނޭ" ޝައިނާގެ އަތުގައި މަޑުމަޑުން ޖަހައިލަމުން އިޝްވާ ބުނިއިރު އޭނާގެ ދެލޯ އިރުކޮޅަކަށް ދޮރުކައިރީގައިހުރި ޝިމާންއަށް ހުއްޓުނެވެ.

"އިޝްކޯ. އަޅެ ކުރިން ބުނެލިނަމަ. ތިހެން ކުއްލިއަކަށް ބުނީމަ އަހަރެން ކިހާ ހާސްވާނެ. އެއީ ކޮންއިރަކު ދިމާވި ކާކުތަ؟ އޯހް ގޯޑް އިޝީ" ޝައިނާ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލަމުން ފަހަތައް އެނބުރުނެވެ.

"އެހާ ހާސްނުވެބަލަ ސިސް. އިޝީއަކީ މިހާރު ކުޑަކުއްޖެއް ނޫނޭ. އައި ވިލް ބީ ފައިން. އައި ކޭން ޓްރަސްޓް ހިމް. އިޝީއަށް އޭނާ އެނގޭތާ ދުވަސްކޮޅެއް ވެއްޖެޔޭ" އިޝްވާ ދޮގުހެދިއެވެ. އޭނާއަށް އަނަމް އިނގެން ފެށިތާ އަދި މިވީ އެންމެ ދެތިން ދުވަހެވެ. "ދެން ބުނެބަލަ އިޝީ ކޮން ފައިވާނަކަށް އަރަންވީ؟" އިޝްވާ އަހައިލިއެވެ. އޭރު ޝިމާން އެގެއިން ނުކުމެއްޖެއެވެ.

ޝައިނާ ހަމަޖެހޭތޯ މަސައްކަތްކުރަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ތެދެކެވެ. އިޝްވާއަކީވެސް މިހާރު ފަންސަވީސް އަހަރުފުރެން ގާތްވެފައިހުރި ޒުވާނެކެވެ. އިޝްވާ ބޭނުން ކަމެއް ކުރުމުގެ އިހްތިޔާރާއި އަމިއްލާ އުފާވެރި ދިރިއުޅުމެއް ހޯދުމުގެ އިޚްތިޔާރު އިޝްވާއަށް އޮންނާނެއެވެ. މިއީ އެފަދަ ކަމަކަށް އެޅިދާނެ ފުރަތަމަ ފިޔަވަޅު ކަމަށްވާތީއާއެކު މިރޭ އިޝްވާގެ ފަރާތުން ފެންނަމުން އެދާ އުފާވެރިކަމަށް ހުރަސްއަޅާކަށް ޝައިނާ ބޭނުމެއްނުވިއެވެ. އެހެންކަމުން ހިތުގައި އޮތް ކަންބޮޑުވުން އެއްފަރާތް ކޮށްލުމަށްފަހު އިޝްވާ އެދުނު ކަންތަކުގައި އޭނާގެ ހިޔާލު ދިނެވެ.

"ކަންފަތުގަ އިން ޕެއަރއާ ގުޅުވާފަ ގޯލްޑް ކުލައިގެ ފައިވާނަކަށް އެރީމަ ރީތިވާނެ. އަހަރެން ގެންގުޅޭ ގޯލްޑް ކުލައިގެ ހީލް އިންނާނެ ޝޫ ރެކްގަ" ޝައިނާ ބުންޏެވެ.

އިޝްވާގޮސް ފައިވާން ހަރުގަނޑުން ޝައިނާ އެބުނި ފައިވާން ނަގައި އެއަށް އެރުމަށްފަހު ވަރަށް ރީއްޗޭބުނެ ޝައިނާއަށް ޝުކުރު އަދާކުރިއެވެ. އަދި ޝައިނާއަށް ހަނާ އަޅައިލާފައި ދޮރުން ބޭރަށް ނުކުތެވެ. ޝައިނާވެސް ބަދަލުގައި އިޝްވާއަށް ހިނިތުންވެ ހަނާއަޅައިލިއެވެ. އެހެނަސް އިޝްވާ ދޮރުން ނުކުތުމާއެކު އޭނާ ކަމެއް ހަނދާންވި ފަދައިން ދުވެފައިގޮސް އެ ދޮރު ހުޅުވައިލަމުން ލިފްޓާ ދިމާލަށް ހިނގައިގަތް އިޝްވާއަށް ގޮވައިލިއެވެ.

"އިޝްކޯ" ޝައިނާގެ އަޑަށް އިޝްވާ ފަސްއެނބުރި ބަލައިލުމަށްފަހު ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ.

"އެހާ ދަން ނުވަންދެން އަންނައްޗޭ. އިޝީ އައިމަ އަހަރެންނަށް ނިދޭނީ" ޝައިނާގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު އިޝްވާ ލިފްޓަށް އަރައި ދޮރު ލައްޕައިލީ އަތުގެ ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ހުރަސްކޮށްލައި ހެދި ކުޑަ ކުޑަ ހިތެއް ޝައިނާއަށް ދައްކައިލަމުންނެވެ.

= ނުނިމޭ =

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Saina and raahil gulhuvachey
    They both are made for each other
    Ishwaa and simaan dhuru nukurachey
    Love you

  2. ކިޔާމީހެއްގެ ހައިސިއްޔަތުން ލިޔާ މީހާއަށް ޝުކުރުއަދާކުރުމަކީ ކިޔާމީހާގެމައްޗަށް ވާޖިބަކަށްވާތީ ހިތުގެ ފުނުން އިޚްލާސްތެރި ޝުކުރެއް އަދާކުރަން.
    ޔާﷲ. ކުރިޔަށް އޮންނަބަޔަށް ކުރެވޭ އިންތިޒާރު ދިގުނުކުރައްވާ ކުރުކުރަށްވާފާނދޭވެ. އާމީން.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު