"ހްމްމް. މާދަން ރަންކިޔާ. ނަބޫގެ ސެމެސްޓަރ ބްރޭކްގަ މިކޮޅަށް އައިސްފަ މެރީ ކުރާގޮތަށް" އިޝްވާ ބުންޏެވެ.
"ދެޓް ސަން އޮފް އަ ބަސްޓަރޑް. އަހަރެން ޗުއްޓީއަށް ފޮނުވާފަ މިއީ ދޯ ކުރިކަމަކީ" ރާހިލް ހެވިފައިހުރެ ދެފަރާތަށް ބޯ ހޫރައިލިއެވެ. އަދި އަނެއްކާވެސް ކާމޭޒުގެ ކައިރިއަށް ޖެހިލަމުން އެތަނުގައި ބާއްވައިފައި އޮތް އޭނާގެ ފޯނު ނަގައި ލީވާންއަށް ގުޅަމުން ގެއިން ނުކުތުމަށް ހިނގައިގަތެވެ. އިޝްވާ އަލުން އަނބުރައި ދިޔައީ ކޮޓަރިއަށެވެ. ނީމްއާއި ޝިމާންގެ އިތުރުން ޝައިނާ ވާނުވާ ނޭނގިފައިތިބެ އެކަކުއަނެކަކަށް ކޮނޑު އަރުވައިލުމަށްފަހު އަމިއްލަ ވާހަކަތަކުގައިތިބެ ކެއުމަށް އިންސާފުކުރަން ފެށިއެވެ.
***********
ރާހިލްމެން ދިރިއުޅޭ އެޕަރޓްމެންޓްގެ ދޮރުކައިރީގައި ކެތްތެރިކަމާއެކު މަޑުކޮށްލައިގެންހުރި ވާފިޔާ ފޯނުން ގަޑިއަށް ބަލައިލުމަށްފަހު އިޝްވާއަށް ގުޅޭތޯ މަސައްކަތްކުރަން ފެށިއެވެ. އެންމެ ތިރީ ފަންގިފިލާގައިހުރި ސެކިއުރިޓީ މޭޒު ހުރަސްކޮށް އޭނާއަށް އެހިސާބަށް އާދެވުނީވެސް އިޝްވާ މެދުވެރިވެގެނެވެ. ތަނުގެ ސެކިއުރިޓީންނަށް ފޯނުކޮށްފައި އޭނާއަށް އެ އެޕަރޓްމެންޓާ ހަމައަށް ދިޔުމުގެ ހުއްދަ ހޯދައިދިނީ އިޝްވާއެވެ. ނަމަވެސް އިޝްވާ ގޭގައި ނެތް ވަގުތެއްކަމުން އޭނާއަށް އެގެއަށް ވަދެވޭނެ ގޮތެއް ނެތީތީ ޖެހުނީ ބޭރުގައި މަޑުކޮށްލާށެވެ.
ދިހަ ވަރަކަށް މިނަޓު ފާއިތުވެ ދިޔަތަނާ އޭނާގެ ފަހަތުން ލިފްޓުގެ ދޮރު ހުޅުވައިލެވުނު އަޑު އިވުނެވެ. އެ އަޑާއެކު އޭނާގެ ކަންފަތުގައި ޖެހުނީ ދުވެފައި އައި ތުއްތު ދެކުދިންގެ ފިޔަވަޅުތަކުގެ އަޑެވެ. ވާފިޔާ ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު ސްކޫލެއްގެ ޔުނީފޯމުގައި އޭނާއާ ދިމާލަށް ދުވެފައި އައި ތުއްތު ރާހިލްފެނި ވާފިޔާ ހުއްޓުންއެރިއެވެ. ދުވެފައި އައި ތުއްތު އަންހެން ކުއްޖާއަކަށް އޭނާގެ ސަމާލުކަމެއް ނުދެވުނެވެ. ބޭއިޚްތިޔާރުގައި ދެއަތް ދިއްކޮށްލެވުނީ އޭނާގެ ގާތަށް އައިސް ހުއްޓިލި ތުއްތު ފިރިހެންކުއްޖާއާ ދިމާލަށެވެ. ނަމަވެސް އެއީ އޭނާގެ ދަރިފުޅު ރާހިލް ނޫންކަން ޔަގީންވީ އެވަގުތު އެކުއްޖާ އޭނާއާ ބަދަލުކޮށްލި ބީރައްޓެހި ނަޒަރުގެ ސަބަބުންނެވެ. އެއާއެކު ވާފިޔާ އަވަސް އަވަހަށް އެދެކުދިންނާ ނަޒަރު ވަކިކޮށްލަމުން އިސްއުފުލައިލިއެވެ. އެމީހުންނާ ގާތްގަނޑަކަށް ހައެއްކަ ފޫޓު ދުރުގައި ސިހުމުގެ ލޮލަކުން އޭނާއަށް ބަލަހައްޓައިގެންހުރި ޝައިނާފެނި ވާފިޔާއަށް ކުރިއަށް ފިޔަވަޅެއް އަޅައިލެވުނެވެ. އޭނާ އައީ އެ ބައްދަލުވުމަށް ނުހަނު ތައްޔާރުވެގެން ނަމަވެސް އެވަގުތުކޮޅުގެ ޖަޒުބާތުގައިޖެހި ހިނދުކޮޅެއްގެ ތެރޭގައި ވާފިޔާގެ ދެލޯ ފެންކަޅިވާން ފަށައިފިއެވެ.
"މަންމީ. މަންމީ ކާޑު ކޮބާ؟"
ދެލޯ ބޮޑުކޮށްލައިގެން ވާފިޔާއަށް ބަަލަންހުރި ޝައިނާއަށް ފަރާތަކަށް ގުޑިލަންވެސް އެނގުނީ ޔާނާ އަތުގައި ހިފައި ދަމަންފެށުމުންނެވެ. ތުރުތުރު އަޅަމުންދިޔަ އަތް ދަބަހުގެ ތެރޭގައި ފީނައިލުމަށްފަހު އޭގެން ނެގި ކީކާޑު ޔާނާގެ އަތަށް ދިއްކޮށްލި އިރުވެސް އޭނާއަށް އިރުއިރުކޮޅާ ވައްކަޅިން ވާފިޔާއަށް ބެލެމުންދިޔައެވެ. ލިބިފައިވާ ހާސްކަމުގެ ސަބަބުން އޭނާގެ ހަރަކާތްތަކުގައި ނުފަރިތަކަމާއި ލަސްކަމެއް ހުއްޓެވެ. ޔާނާގެ އަތުގައި ހިފައިގެންހުރެ ދޮރުކައިރިއަށް ހުއްޓުނުއިރު މަސައްކަތްކުރަމުން ދިޔައީ ވާފިޔާއާ ހަތަރުކަޅި ނުކޮށްވޭތޯއެވެ.
"ދަ..ދައްތާ.." ޖެހިލުންވެފައިހުރި ނަމަވެސް ޝައިނާ ގޮވައިލިއެވެ. ރާހިލްއާއި އޭނާގެ ގުޅުން ފަޅާއެރުމަށްފަހު ޖެހުނު މައްސަލަތަކުގެ ތެރޭގައި ވާފިޔާގެ ބަސްމަގު އޭނާއާ ދޭތެރޭ ބަދަލުވިއެއްކަމަކު އޭގެ ކުރިން އޭނާއަށް ވާފިޔާގެ ފަރާތުން ލިބިފައިވަނީ މައެއްގެ ކުލުނާއި ލޯތްބެވެ. ވުމާއެކު ވާފިޔާއަށް އޮތް އިޚްތިރާމްގެ ސަބަބުން ވާފިޔާ އެތަނުގައި ނެތްކަމަށްދެކި އަޅައިނުލައި ހުންނާކަށް ޝައިނާއަކަށް ނުކެރުނެވެ.
ޝައިނާ ގޮވައިލުމުން ޖަވާބު ދިނުމަށްޓަކައި އަނގަހުޅުވައިލި ނަމަވެސް ވާފިޔާގެ އަޑެއް ނުނިކުތެވެ. ގޮވައިލާނެ ގޮތެއް ނުވަތަ ބުނާނެ އެއްޗެއް ނޭނގުނީއެވެ. ހަ އަހަރަށްފަހު ބައްދަލުވިއިރުވެސް އޭނާއަށް ފެންނަމުންދިޔައީ ހަމަ ކުރީގެ ޝައިނާއެވެ. ސިފައާއި ހަށިގަނޑުން އެއްވެސް ތަފާތެއް ފާހަގަކުރެވޭކަށް ނެތެވެ. އޭނާ ކުރިއަށް ޖެހިލައި ޝައިނާގެ އަތުގައި ހިފައިލަން މަސައްކަތްކުރިއެވެ. އެވަގުތުވީ ދޮރުގެ ތަޅުގައި ޔާނާާ ކާޑު ޖައްސައިލި ވަގުތު ކަމުން ވާފިޔާގެ ފަރާތުން އެފަދަ ކަމަކަށް ވިސްނައިނުލައިހުރި ޝައިނާ ކުއްލިއަކަށް ދޮރު ހުޅުވައިލަމުން އެތެރެއަށްވަނެވެ. އެއީ އޭނާގެ ހަރަކާތާމެދު ނުރުހުންވެ ޝައިނާ ކުރި ކަމެއްހެން ހީވި ވާފިޔާއަށް ފިޔަވަޅު އަޅައިލެވުނީ ފަހަތަށެވެ. ނަމަވެސް ޝައިނާ ދެން ބުނި ޖުމްލައާއެކު ވާފިޔާގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.
"ދައްތާ އާ.. އާދޭ އެތެރެއަށް.. ވަދޭ.." އެޕަރޓްމެންޓްގެ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވައިލަމުން ޝައިނާ ދައުވަތުދިނެވެ. ވާފިޔާ ހިނިތުންވެލަމުން ޝައިނާގެ އެ ދައުވަތު ގަބޫލުކުރިއެވެ.އެ
ތެރެއަށް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު ވާފިޔާގެ ލޮލުގައި އަޅައިގަތީ ދުވެފައިގޮސް ސޯފާއަށް އެރި ޔާނާއާއި ރާއީ ޓީވީގެ ރިމޯޓުގައި ހިފައި ދަމަންފެށިތަނެވެ. އެހެން އުޅުމުގެ ތެރޭގައި ރާއީ ޔާނާގެ އިސްތަށިގަނޑުގައި ހިފައި ދަމައިގަތުމާއެކު ޔާނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތެވެ. ކަންތަކާ ޖެހުނީއެވެ. ޝައިނާ އަވަސް އަވަހަށް ލައިގެންހުރި ފައިވާން ފަޔާ ވަކިކޮށްލުމަށްފަހު އެދިމާލަށް ދުއްވައިގަތްއިރު ވާފިޔާވެސް ހަލުވި ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަތެވެ.
"ރާއީ..ދަރިފުޅޫ.. ދޫކޮށްބަލަ ކޮއްކޮއަށް ތަދުވާނެއެއް ނޫންތަ؟ ދަރިފުޅު ކޮން އިރަކުތަ ކޮއްކޮ ގޮތަށް ފައިޓްކުރަން ފެށީ" ޝައިނާ ގޮސް ރާއީއާ ޔާނާ ދުރުކުރަމުން ޔާނާގެ އިސްތަށިގަނޑުގައި ފިރުމައިލިއެވެ.
"ކުޑަކުދިން އުޅޭނީ އެހެނެއްނު" ވާފިޔާގެ އައިސް މަޑުމަޑުން ރާއީގެ ބޮލުގައި ފިރުމައިލިއެވެ.
"ދައްތާ..އި..އިށީނދޭ." ހުސްކޮށްހުރި ސޯފާއަށް އިޝާރާތްކޮށްލަމުން ޝައިނާ ބުންޏެވެ. ވާފިޔާ ރާއީގެ އަތުގައި ހިފައިލައިގެންގޮސް އިށީނެވެ.
"ރާހިލްވެސް ކުޑައިރު އުޅޭނީ ހަމަ އެހެން. އަބަދު ޒީއަށް އުނދަގޫ ކޮށްލަ ކޮށްލަ ހުންނާނީ" ވާފިޔާ ހިނިތުންވެލައިފައި ބުންޏެވެ.
"ރާއީ އަސްލު ވަރަށް ބަސްއަހާނެ. ނޭނގެ ދެންމެ އެ ވީ ކިހިނެއްކަމެއް" ޝައިނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ރާއީތަ މިސޮރަށް ކިޔަނީ؟ ހަމަ ރާހިލްހެން ދޯ ހީވަނީ. ދެން މިއީ ކޮންކުއްޖެއްތަ؟ އާދެބަލަ މާމަ ކައިރިއަށް"
ޔާނާ މަޑުމަޑުންގޮސް ވާފިޔާ ދެއްކި އަތުގައި ހިފައިލުމާއެކު ޝައިނާއަށް ހީވީ ނިންޖަކުން ހޭލެވުނުހެނެވެ. ކުރިމަތީގައިހުރީ ހަމައެކަނި ޒީވާއާއި ރާހިލްގެ މަންމަގެ ގޮތުގައި އޭނާ ދަންނަ ވާފިޔާ ނޫންކަމަށާއި އެއީ އޭނާގެ ދެ ކުދިންގެ މާމަކަން އިހުސާސްވުމާއެކު ހިތަށް ލިބުނު ހިތްހަމަ ޖެހުމާ އެއްވަރަށް އަސަރުކުރިއެވެ. އޭނާއާއި ވާފިޔާގެ ގުޅުން ހީނަރުވެފައި އޮތުމުން އޭނާގެ ދެކުދިންނަށް ވާފިޔާގެ ފަރާތުން މާމައެއްގެ ލޯބި ލިބިދާނެކަމަށް އޭނާ ހުވަފެނެއްގައިވެސް ދެކިފައެއްނުވެއެވެ.
"ތިއީ ޔާނާގެ މާމަތަ؟" ޔާނާ ފަސްޖެހުމަކާނުލައި އަހައިލިއެވެ.
"ހްމްމް. މިއީ ދަރިފުޅުގެ މާމައޭ. ދެކުދިންގެވެސް މާމަ. ޒިވްޔަންގެވެސް މާމަ" ވާފިޔާ ހިތްވަރުކޮށްލާއިފައި ކަރުނަތައް ދިރުވައިލަމުން ވާހަކަދެއްކިއެވެ.
"މާމަ ޔާނާއަށް ޗޮކްލެޓެއް ގެނައިންތަ؟ ޔާނާގެ ސްކޫލް އާންޓީ ކިޔާދިން ސްޓޯރީގަ މާމަ ހައުސްއަށް ދިޔައިމަ ހުރިހާ ކުދިންނަށް ޗޮކްލެޓް ލިބޭ" ޔާނާގެ ވާހަކައާއެކު ވާފިޔާގެ އިތުރުން އެތަނުގައި ފެންކަޅިވެފައިހުރި ޝައިނާއަށްވެސް ހިނިތުންވެވުނެވެ.
"ދަރިފުޅު މާމަ ހައުސްއަކަށް އަދި ނުދަމެއްނު. ދިޔައިމަ ދޯ ޗޮކްލެޓް ލިބޭނީ. އަންނައްޗޭ މާމަ ހައުސްއަށް މަންމިވެސް ގޮވައިގެން. މަންމިވެސް އެއީ މާމަމެން ހައުސްގެ ކުއްޖެކޭ" ވާފިޔާ މާނަފުން ބެލުމަކުން ދުރުގައިހުރި ޝައިނާއަށް ބަލައިލުމާއެކު ޝައިނާ އަނެއްކާވެސް ހާސްވިއެވެ. ބަދިގެއާ ދިމާލަށް ދެތިން ފިޔަވަޅު އަޅައިލައިފައި ދެފައި އެއްތާކު ހަރުނުލައިގެން އުޅޭ މީހަކު ފަދައިން އަނެއްކާ އައިސް ވާފިޔާގެ ކުރިމައްޗަށް ހުއްޓިލިއެވެ.
"މިއީ ރާހިލް.. ރާހިލްއަށް ގޮވާލަންވީތަ؟ ނޭނގެ ގޭގަ އުޅޭކަމެއް އެކަމަކު ގުޅާލެވިދާނެ. މިއީ…ދައްތަ.. ދައްތަ ކޯއްޗެއް ކާނީ… ސައިބޯންވީނު.. ޖޫސްތަ؟ ސައިތަ؟ އިޝީވެސް ނޫޅޭ ކަންނޭނގެ ގޭގައެއް. ގުޅާދޭންވީ ދޯ." ޝައިނާ ހަދާނެ ނުހަދާނެ ގޮތެއް ނޭނގިގެން އުޅޭ މީހަކު ފަދައިން ވާފިޔާއާ ހުރިހާ ސުވާލެއް ކުރަންފެށިއިރު ވާފިޔާއަށް ޖަވާބުދޭނެ ފުރުސަތެއް ދޭންވެސް ހަނދާނުގަ ނެތްކަހަލައެވެ.
"ދަރިފުޅާ.. ޝައިނާ.. އާދެބަލަ މިތަނަށް. އިށީނދެބަލަ" ވާފިޔާ އޭނާގެ ކައިރިން ސޯފާގައިހުރި ހުސްޖާގައިގައި އަތްޖަހައިލަމުން ބުންޏެވެ. ޝައިނާގެ ކޮނޑުގައި އޮތް އަތްދަބަސް މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ވާފިޔާގާތު އިށީނެވެ. އޭރު ލިބިފައިވާ ހާސްކަމުން ދެއަތްދެއަތާ މޮޑެމުންދިޔަ ޝައިނާގެ މޫނުމަތިން ޖެހިލުންވުމުގެ އަަސަރުހުއްޓެވެ.
"އަމިއްލަ ގޭގަވެސް މަންމަދޯ ޖެހެނީ ޝައިނާގާތު އިށީންނާށޭ ބުނަން" ވާފިޔާ ވާހަކަދެއްކިއިރު ޝައިނާ އިނީ އިސްދަށަށް ޖަހައިލައިގެނެވެ.
"މިއީ އަސްލު ރާހިލް.. މިއީ.. ކުޑަ ދުވަސްކޮޅަކަށް މިގެއަށް އައީ… އަސްލު ރަށަށްދާން އުޅެފަ ރާއީ.. މިބުނީ ޔާނާ." ޝައިނާއަށް ދެންވެސް ބަސް އަތުރާކަށް ނޭނގުނެވެ. ވާފިޔާގެ ކުރިމަތީގައި އޭނާ ހާސްވަމުންދިޔައީ މިއިން ޒަމާނަކު އެހެން މީހެއްގެ ކުރިމަތީގައި ހާސްނުވާ ވަރަށެވެ. ވާނީވެސް އެހެންތާއެވެ. އޭނާ ފުރައިގެން ދިޔައިރު ވާފިޔާއަށް އޭނާއަކީ ރާހިލްގެ އަންބެއްކަން ނޭނގުނަސް މިހާރު އެވަނީ ހުރިހާ ކަމެއް އެނގި، ފެނި، ސާފުވެފައެވެ.
"ދަރިފުޅު ކީކޭތަ ތިކިޔަނީ؟ މި ވާނީ ދަރިފުޅުގެވެސް ގެއަކަށްނު؟" ވާފިޔާ ބުންޏެވެ. ވާފިޔާ ހިތުން އޭނާއާ ރާހިލްއާ އުޅެނީ ނިކަން ހަމަޖެހިގެންތާއެވެ. ކޯޓުގައި އޮތް ވަރީގެ މައްސަލައިގެ ވާހަކަ އަދި ވާފިޔާއަށް ނޭނގެނީތާއެވެ. ޝައިނާއަށް ދައްކާނެ ވާހަކައެއް ނޭނގުމުން ދެންވެސް ފެށުނީ ރާހިލްގެ ވާހަކައެވެ.
"ރާހިލްއަށް ގޮވާލަދޭންވީތަ؟" ޝައިނާގެ ސުވާލާއެކު ވާފިޔާއަށް މިފަހަރު ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"މަންމަ މިއައީ ރާހިލްއާ ބައްދަލު ކުރާކަށްނޫން. ރާހިލްވެސް މަންމައާ ބައްދަލު ކުރަން ބޭނުންވާނެހެނެއް ހިއެއްނުވޭ" މާޔޫސީ ރާގެއްގައި ވާފިޔާ ބުންޏެވެ.
"އެއީ ކީއްވެ؟" ޝައިނާއަކަށް ނުވިސްނުނެވެ.
"ޝައި.. ދަރިފުޅަކަށް ނޭނގޭނެ. ދަރިފުޅު ދިޔަފަހުން ވަރަށް ގިނަ ކަންތައްތައް ބަދަލުވެއްޖެ. ގުޅުންތައް ހީނަރުވެއްޖެ. ދެން އެވާހަކަ ބާއްވަމާ. ޒީ ގުޅާފަ މިދެކުދިންގެ ވާހަކަ ބުނީމަ މަންމަ މިއައީ މި ދެކުދިން ލޮލުން ދެކިލާ ހިތުން ކެތްނުވެގެން" ވާފިޔާގެ ކައިރީގައިތިބި ޔާނާއާއި ރާއީގެ ބޮލުގައި ފިރުމައިލަމުން ބުންޏެވެ. "އަދި އަހަރެންގެ އަންހެން ދަރިފުޅުގެ ހާލު ބަލާލަން" ވާފިޔާ ޝައިނާއަށް ބަލައިލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
"އޯހް. އަހަރެން އިޝްވާއަށް ގުޅާ–"
"މިއައީ ޝައިނާގެ ގާތަށޭ. ތިއީ އަހަރެންގެ ދަރިއެއްނޫންތަ؟" ވާފިޔާ ކުރި ސުވާލާއެކު މޭޒާ ދިމާލަށް އަތް ގެންދިޔަ ޝައިނާގެ ހަރަކާތްތަށް ގަނޑުވިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނާ އަވަސް އަވަހަށް އެތަނުގައި އޮތް ފޯނު ނަގައި ދެއަތުގެ ތެރޭގައި ހިފަހައްޓައިލިއެވެ.
"އެހާ ދުވަސްކޮށްފަ ޝައިނާ އައި ވާހަކަ އިވުނީމަ މަންމަ މިއައީ ޝައިނާގާތު ވަރަށް ބޮޑު ކަމަކު ކިޔަންވެގެން" ވާފިޔާގެ ޖުމްލައާއެކު ޝައިނާއަށް ނޭވާ ހިފަހައްޓައިލެވުނެވެ. އޭނާގެ ހިތް ހީވަނީ މޭ ފަޅައި ނުކުމެދާނެހެނެވެ. ވާފިޔާ އެންމެފަހުން އޭނާގާތު އެޖުމްލަ ބުނި ދުވަހު އެ ޖުމްލައާ ވިދިގެން ބުނީ ކީކޭކަން އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. ރާހިލްއާ ދުރުގު ހުރުމަށް އޭނާގާތު ބުނި ވަގުތު ކުރެވުނު އިހުސާސް އެ ހިތުގައި އަދިވެސް ބިންވަޅު ނެގިފައިވެއެވެ.
"ކޮން.. ކޮންކަމެއް؟" ޝައިނާ އަހައިލިއެވެ.
"ދަރިފުޅާ..މަންމައަަށް މާ–"
"ރާއީ.. ޔާނާ" ވާފިޔާގެ ވާހަކަ މެދުކެނޑުނީ އެވަގުތު ސިޑިއާ ދިމާލުން ރާހިލްގެ އަޑު އިވުމުންނެވެ. އޭނާއަށް ހާސްވެފައި ޝައިނާގެ އަތުގައި ހިފައިލެވުނުއިރު ޝައިނާހުރީ ވާފިޔާ އެހާ ހާސްވާންޖެހުނު ސަބަބެއް ނޭނގިފައެވެ.
"ޔާނާ.. ބައްޕިގެ ޕްރިންސަސް ސްކޫލުން އައީތް—" ސޯފާގެ ފަހަތުންގޮސް ޔާނާ އުރައިލަން އުޅުނު ރާހިލް ހުއްޓުންއެރީ އެ ދެކުދިންގެ އެތަނުގައި އޭނާގެ މަންމަ ފެނުމުންނެވެ.
ރާހިލް ފެނުމާއެކު ވާފިޔާއަށް ކޮޅަށް ތެދުވެ ރާހިލްއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. އޭނާ ރާހިލްއާ ދިމާލަށް ދަމައިލި އަތް ރާހިލްގެ ގައިގައި ޖެހުމުގެ ފުރުސަތެއް ރާހިލް ނުދިނެވެ. އަވަސް ހަރަކާތަކާއެކު ޔާނާ އުރާލައިގެން ސިޑިއާ ދިމާލަށް ހިނގައިގަތީ ޝައިނާއާ ދިމާލަށް އަސަރެއްނެތް ބެލުމަކުން ބަލައިލުމަށްފަހުގައެވެ.
"ރާހިލް…" ޝައިނާއަށް ހިތްހަމަނުޖެހިފައި ގޮވައިލެވުނެވެ. މާޒީގައި ކޮންމެގޮތަކަށް ކަންތައްތައް ހިނގައިފައި ވިނަމަވެސް ވާފިޔާ އިސްވެ ރާހިލްގާތަށް އައުމުން ރާހިލް ވާފިޔާއާމެދު އެ އަމަލު ބެހެއްޓީ ރަނގަޅަކަށްނޫނެވެ. ޝައިނާ ވާފިޔާއަށް އަވަސް ނަޒަރެއް ދިނުމަށްފަހު ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. އޭރު ރާހިލް ހުރީ ސިޑިއާ އަރައި ހަމަވަނީއެވެ.
"ރާހިލް! ރާހިލް މަޑުކޮށްބަލަ!" ރާހިލްއާ އެއްވަރުކޮށްލަމުން ޝައިނާ ބުންޏެވެ. "ރާހިލް.. ތިއީ ކޮންކަމެއް.. ރާހިލްގެ މަންމަ އެހާ ދުވަސްކޮށްފަ އައިމަވެސް އަނގައިންވެސް ނުބުނާނީތަ؟" ސޯފާގައި އިން ވާފިޔާއަށް އަޑު ނީއްވައި ވޭތޯ މަސައްކަތްކުރަމުން ޝައިނާ މަޑުމަޑުން އަހައިލިއެވެ.
"އަހަރެން ދައްކާނެ ވާހަކައެއް ނެތް" ރާހިލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
"މަންމަ ދައްކާ ވާހަކަ އަޑުއަހަން އެތަނުގަ މަޑުކޮށްލެވިދާނެ އެއްނު؟" ޝައިނާ ބުންޏެވެ.
ރާހިލް ލުއި ހިނިގަނޑެއް ޖަހައިލިއިރު އެ ހުނުމުގައި ވަނީ މަލާމާތުގެ އަސަރެވެ. އޭނާ ފަރުވާތެރިކަމާއެކު ޔާނާ ބިންމަތީގައި ބަހައްޓައިލިއެވެ. އިތުރަށް ވާހަކަ ދައްކަންފެށީ ޔާނާ ދުވެލައިފައިގޮސް ރާއީގެ ގާތުގައި އިށީންނުމުންނެވެ.
"ކޮންވާހަކައެއް އަޑު އަހަން؟ ރިއަލީ؟ ޔޫ ފެލް ފޯރ ދަ ސޭމް އޯލްޑް ޓްރިކް؟ މަންމަ އައިސްފަ ތިއީވެސް ތިމަންނަގެ ދަރިއެކޭ ބުނީމަ ޝައިނާ ހެއްލުނީދޯ؟ ޝައިނާއާ ދިމާލަށް ކީ އެއްޗެހި ހަނދާން ނެތުނީދޯ؟ އެއީ ޝައިނާއަކަށް މާ ރަނގަޅު މީހެއްނޫނޭ" ރާހިލް ހަނދާންކޮށްދިނެވެ.
"ރާހިލް.. އެކަމަކު އެއީ ރާހިލްގެ މަންމައެއްނު. މަންމައަށް ފުރުސަތެއް–" ޝައިނާގެ ވާހަކަ މެދުކެނޑުނީ ރާހިލް އޭނާގޭ އަތް ދުރަށް ޖައްސައިލުމަށްފަހު ސިޑިން އަރައިގެން ދިޔުމުންނެވެ. ރާހިލްގެ ފަހަތުން ދާން ފިޔަވަޅެއް އަޅައިލެވުނު ނަމަވެސް ވާފިޔާ އެކަނި އެތާ ބައިންދާފައި ދާކަށް ޝައިނާގެ ހިތް އެއްބަހެއްނުވިއެވެ. އޭނާ ލަސް ފިޔަވަޅުތަކެއްގައިގޮސް ކުރިއެކޭ އެއްފަދައިން ވާފިޔާގެ ކައިރީގައި އިށީނެވެ.
"އެއްބަހެއް ނުވިދޯ އަންނާކަށް؟" ޝައިނާ އިށީނުމާއެކު ވާފިޔާ އަހައިލިއެވެ. ޝައިނާއަކަށް ރައްދުގައި ދޭނެ ޖަވާބެއް ނޭނގުނެވެ.
"އެނގޭ އެހެންކަން ވާނީ. މަންމައަށް ދަރިފުޅާ ދިމާލަށް ކިޔުނު އެއްޗެއްސަށް މަޢާފު ހައްގެއްވެސް ނޫން ކަންނޭނގެ. ފަހަރެއްގާ ރާހިލްގެ މަޢާފު ދުވަހަކުވެސް މަންމައަށް ނުލިބިދާނެ. އެކަމަކު ޝައިނާ މަންމައަށް މަޢާފުކޮށްދޭނަން ދޯ.." ވާފިޔާގެ އާދޭސްތަކުން ހިތަށް ކުރި އަސަރުގައި ޝައިނާގެ ދެލޮލުން ކަރުނަ ނީރައިލިއެވެ.
"ޝައިނާ.." ޝައިނާގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމާއެކު ވާފިޔާ ގޮވައިލިއެވެ. އެއާއެކު ޝައިނާ ސިހިފައި އިސްއުފުލައިލަމުން ވާފިޔާއަށް ބަލައިލިއެވެ. ޝައިނާގެ އެ ރީތި ބޮޑު ދެލޮލުގައިވާ ކަރުނަިއގެ މުތީތައްފެނި ވާފިޔާއަކަށްވެސް އޭނާގެ ކަރުނަތަކެއ ނުހިފެހެއްޓުނެވެ. "އެނގޭ ދަރިފުޅަށް ފަސޭހައެއްނުވާނެކަން އެކަމާކުވެސް މަންމައަށް މައާފު—"
"ދައްތާ.. ދެން ނުރޮއެ ހުއްޓާލާ.. އަހަރެންގެ ހިތުގަ ދައްތައާމެދު އެއްވެސް ޝަކުވާއެއްނެތް. މަޢާފުކޮށްފިން" ވާފިޔާގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާ ވާފިޔާގެ ގައިގައި ބައްދައިލިއެވެ.
"މަޢާފު ކުރިނަމަ ތިހާ ދުރުކޮށްލަނީ ކީއްވެ؟ އަހަރެން މިއީ ރާހިލްގެ މަންމައެއްނު. އަދިވެސް ދަރިފުޅު ތި ކިޔަނީ ހަމަ ދައްތަ" ޝައިނާގެ ގައިގައި ބައްދައިލައިގެން އިނދެ ވާފިޔާ ޝަކުވާކޮށްލިއެވެ. ޝައިނާ ވަގުތުން ފިނިވިއެވެ. އޭނާގެ އުމުރުން ދިހަ އަހަރުގައި މަންމަ ޖަލަށްލީއްސުރެން ފާއިތުވެ މި ދިޔަ 19 އަހަރުގެ ތެރޭގައި މަންމަގެ ނަމުން އެއްވެސް މީހަކާ މުހާތަބު ކޮށްފައެއްނުވެއެވެ. އެކަންވީ އޭނާއާ ނުހަނު ބީރައްޓެހި ކަމަކަށެވެ.
ވާފިޔާގެ ދެލޮލުން ފައިބަމުންދިޔަ ހޫނު ކަރުނަތައް ޝައިނާގެ ކޮނޑުގެ ތެރެއަށް ހިނދެމުންދާން ފުރުސަތު ދީގެން ޝައިނާ އިނެވެ. އެހެނަސް ވާފިޔާގެ ގިސްލުމުގެ އަޑު އިވެމުން ދިޔަ ވަރަކަށް ޝައިނާގެ ހިތަށް އުނދަގޫ ވަމުންދިޔައެވެ. ޔާނާއާއި ރާއީވެސް އެ މަންޒަރުފެނި ފާޑަކަށް ދެރަވެފައި ތިބުމުން ވާފިޔާގެ ރުއިން ހުއްޓުވުމަށް ކޮންމެވެސް ކަމެއް ކުރަން ޖެހިއްޖެކަން ޝައިނާއަށް އެނގުނެވެ.
"ދައް– މަން.. މަންމާ ހުއްޓާލަބަލަ" ދުލުން ބޭރުވި ލަފްޒާއެކު ކުރެވުނު އިހުސާސުން ޝައިނާއަށްވެސް ރޯންފެށުނެވެ.
"މަންމައަކަށް އޭރު އެއްވެސް އެއްޗެއް ނޭނގެއެއްނު. މަންމަގެ ކުށެއްނެތް." ޝައިނާ ބުންޏެވެ. ވާފިޔާގެ ބަސްތަކުން މާޒީގައި ކިތަންމެ ފުން ހިތާމައެއް ލިބުނުު ނަމަވެސް އޭނާ އެކަން ސިއްރުކުރިއެވެ. ހަގީގަތުގައި އޭނާ އެއްވެސް އިރަކު ވާފިޔާ ކުށްވެރިއެއް ނުކުރެއެވެ. ވާފިޔާގެ ދުލުން އެ ބަސްތައް އޭނާއަށް އަމާޒުވީ އޭނާއާއި ރާހިލްގެ ދެމެދުގައި އޮތް ގުޅުމުގެ އަސްލު ވާފިޔާއަށް ނޭނގޭހާލުގައެވެ. އޭނާއަކީ ރާހިލްގެ ދިރިއުޅުމުގެ ތެރެއަށް ވަދެގަންނަން އުޅޭ ހިލޭ އަންހެނެއްކަމުގައި ވާފިޔާއަށް ހީވުމުންނެވެ. ކަންތައްތައް އެހެން ވެގެން ދިޔައީ ރާހިލްގެ އިތުރުން ހުދު އޭނާވެސް އެ ކައިވެނި ރާހިލްގެ އާއިލާއަށް ސިއްރުކޮށްފައި ބޭއްވީތީއެވެ.
ހިނދުކޮޅެއްގެ ތެރޭގައި ވާފިޔާ ރުއިން ހުއްޓައިލިއެވެ. އެހެންނަމަވެސް އޭނާ ޝައިނާގެ ގައިން ދޫކޮށްލާކަށް ނޫޅުނެވެ. ޝައިނާވެސް ވާފިޔާ ދުރުކޮށްނުލައި އެއްކޮށް ހަމަޖެހިލުމަށްޓަކައި ވަގުތު ދީގެންއިނެވެ. އެގޮތުގައި ތިއްބައި ގޭގެ ދޮރު ހުޅުވައިލުމަށްފަހު އިޝްވާ ގެއަށް ވަދެއްޖެއެވެ. އޭނާ އެންމެ ފުރަތަމަވެސް ދުއްވައިގަތީ ސޯފާގައިތިބި ވާފިޔާމެނާ ދިމާލަށެވެ.
"އިޝީ އާންޓީ.. ބަލާބަ ޔާނާގެ މާމައެއް" ޔާނާއަށް އިޝްވާ ފެނުމާއެކު އިޝްވާއާ ދިމާލަށް ދުއްވައިގަތެވެ. އެހެންނަމަވެސް ޔާނާއަށް މާބޮޑު ސަމާލުކަމެއްނުފީ އިޝްވާގޮސް އިށީނީ ވާފިޔާގެ ގާތުގައެވެ.
"ސޮރީ. ސޮރީ. ސޮރީ މަންމާ. ވަރަށް ގިނައިރު ހުރިންތަ ބޭރުގަ؟ އިޝީ ހަމަ އާދެވުނު އެންމެ އަވަހަކަށް މިއައީ" އިޝްވާގެ އަޑު އިވުމާއެކު ވާފިޔާ ޝައިނާގެ ގައިން ދޫކޮށްލުމަށްފަހު ދެލޯ ފޮހެލިއެވެ.
"މަންމާ.. އަޅެ ދެން ރޮނީތަ؟" އިޝްވާ ދެރަވެލާފައި ބުންޏެވެ.
"ނުރޮމެއްނު. ދަރިފުޅު ބަލާބަލަ އަންނާށޭ ކިޔާފަ މަންމައަށް ދިން ލަނޑު. ކޮންތާކަށްތަ ދިޔައީ؟" އިޝްވާގެ ކޮނޑުގައި ހިފައި އޭނާއާ ގާތްކޮށްލަމުން ވާފިޔާ އަހައިލިއެވެ. ޝައިނާ އަވަސްވެގަތީ ޔާނާއާއި ރާއީގެ ޔުނީފޯމު ބަދަލުކޮށްލަން ދިޔުމަށެވެ.
"ޖޮބް އިންޓަރވިއު އަކަށްދިޔައީ" އިޝްވާ އާދައިގެ ރާގެއްގައި ބުންޏެވެ.
"އިރާދަކުރެއްވިއްޔާ ލިބޭނެ" ވާފިޔާ ހިނިތުންވެލިއެވެ.
"ބޭނުމެއްނޫން. އިޝީ ބޭނުމީ މަންމަމެނާ އެއްކޮށް ބޭރަށް ބަދަލުވާން" އިޝްވާ ބުންޏެވެ.
"އެއީ ކީއްވެ؟ މިހާރު ޝައިނާ އައިމަ ދަރިފުޅު ފޫއްސެއްވެސް ނުވާނެއެއްނު؟" ދުރުގައިހުރި ޝައިނާއަށް ހިނިތުންވެލަމުން ވާފިޔާ ބުންޏެވެ.
"އަހަރެން ބޭނުމެއްނޫނޭ ޝައިނާގާތު ހުންނާކަށް" ކުއްލިއަކަށް އިޝްވާގެ އަޑަށް ވެރިވި ރުޅިވެރިކަން ވާފިޔާގެ އިތުރުން ޔާނާމެން ގޮވައިގެން ކޮޓަރިއާ ދިމާލަށް ހިނގައިގަތް ޝައިނާއަށްވެސް އިވުނެވެ. އޭނާއަށް އިވުނު ޖުމްލަ ގަބޫލު ނުކުރެވިފައިހުރެ ފަސްއެނބުރި ބަލައިލެވުނެވެ. އިޝްވާއަކީ މީގެ ކުރިން ދުވަހަކުވެސް އޭނާގެ ނަމުން މުހާތަބުކޮށްފައިވާ މީހެއްނޫނެވެ.
"މިބުނީ.. މިބުނީ މަންމަމެން މަތިން ވަރަށް ހަނދާންވެއޭ. އެހެންނޫނަސް ސިސް މިގެއަށް އައީ ދުވަސްކޮޅަކަށޭ. މަންމައަކަށް ނޭނގޭތަ ސިސްއާ ދޮންބެއާ ޑިވޯރސްވާން އުޅޭކަމެއް؟" އިޝްވާ ހުރިހާކަމެއް ވާފިޔާއަށް އޮޅުންފިލުވައިދޭން ފެށުމާއެކު ޝައިނާއަށް އެތަނުގައި ހުރުމަކީ ފަސޭހަކަމަކަށް ނުވިއެވެ. އޭނާ އަވަސް ފިޔަވަޅުތަކެއްގައި ދެކުދިންނާއެކުގޮސް ވާފިޔާގެ ކުރިމަތިން ގެއްލުނެވެ.
"ދަރިފުޅު ކީއްކުރަންތަ އެވާހަކަ ތި ބުނީ؟" ވާފިޔާ ހިތްހަމަނުޖެހުނެވެ.
"މަންމަ ކައިރި އެއިން އެކަކުވެސް ނުބުނޭތަ؟ އޭނަ ނޫޅެޔޭ ކޮންމެހެން ދޮންބެއާއެކު އުޅޭކަށް" އިޝްވާ ފަރުވާކުޑަ ރާގެއްގައި ބުންޏެވެ.
"މަންމައަށް އެނގެޔޭ ތިކަން. ދޮންތަ ބުނެފިއޭ މަންމަގާތު އެމީހުން އުޅެނީ ވަރިވާށޭ. އެކަމަކު ހަމަ ހިޔާލު ބަދަލުވެދާނެއެއްނު. ދަރިފުޅު ކޮން ފާޑަކަށްތަ ތި ވާހަކަދައްކަނީ" ވާފިޔާ ހިތްހަމަނުޖެހުނެވެ.
"މަންމައަށްވެސް އޭނަ ދޯ ރަނގަޅުވީ. ދޮންތައަށްވެސް. އޭނަ ދޮންބެއަށް ޖައްސާ ހާލެއް އެކަކަށްވެސް ނުފެނޭތަ؟ އެއީތަ ލޯބިވާ މީހުނަކީ. އެއީ ލޯބިތަ؟ އެއަށްވުރެން މާ ރަނގަޅު އަހަރެންނަށް އޭނާ ވަރިވެގެން ދިޔަސް" އިޝްވާ ބުންޏެވެ. އިޝްވާއަށް އައިސްފައިހުރި ބަދަލާމެދު ވާފިޔާހުރީ ހަމަ ހައިރާންވެފައެވެ.
"އިޝްވާ. ދަރިފުޅަަށް ކިހިނެއްތަ ވެފަ ތިހިރީ؟ ޝައިނާ ދިޔަައިމަ ދޮންބެއަށް ކުރި އަސަރު.. އެއަށްފަހު އެފަކީރުގެ ދިރިއުޅުން އޮތް ގޮތް އެންމެ ގާތުން ފެނުނީ އިޝްވާއަކަށްނު. އެ ހިތާމައިގެ ތެރެއަށް ދޮންބެ އަލުން ދާން އިޝްވާ ބޭނުންވަނީތަ" ވާފިޔާ ސުވާލުކުރިއެވެ.
"ދެން ތި ބުނަނީ މިހާރު ދޮންބެ ހުރީ ވަރަށް އުފަލުންނޭތަ؟" އިޝްވާ މަލާމާތުގެ ހިނިތުންވުމަކާއެކު ބުންޏެވެ.
"ނޫން. އަހަރެންނަށް އެނގޭ ރާހިލްގެ ދިރިއުޅުން އަދިވެސް އެންމެ ފުރިހަމަ ނޫންކަން. އެކަމަކު މިއަދު ރާހިލް އައިސް ޔާނާ އުރައިލައިގެން ދިޔައިރު އަހަރެންނަށް ފެނުނީ މީގެ އަހަރެއްކުރިން އެ މޫނުމަތިން ފެނުނު ހިތާމައާއި އެކަނިވެރިކަމެއްނޫން. އެ މޫނުމަތީގައިވި އުފާވެރިކަމާއި ހަމަޖެހުމުން އެ ހިތާމައާއި އެކަނިވެރިކަމުގެ ކުލަތައްވަނީ ފަނޑުވެފަ" ވާފިޔާ ބުންޏެވެ.
"މަންމައަކަށް ނޭނގޭނެ. އަހަރެންނަށް ޔަގީން އެހެންމީހަކާއެކު ދޮންބެއަށް މާ އުފަލުގަ އުޅެވޭނެކަން. ލައިވެސް އެހެރީނު" އިޝްވާ ބުންޏެވެ. ވާފިޔާއަށް ގުޅައިގެން ލައިޝާގެ ވާހަކަ ކިޔައިދިނީ އޭނާއެވެ. ވީއިރު އެއީ ކާކުކަން ވާފިޔާއަށް އެނގޭނެކަމުގައި އިޝްވާ ޔަގީންކުރިއެވެ.
"ވަރިހަމަ! ޝައިނާ ހުއްޓާ އިޝްވާ ތިކަހަލަ ވާހަކައެއް ދައްކައިގެން ނުވާނެ" ވާފިޔާ އަމުރުކުރިއެވެ. އިޝްވާ އެންމެރަނގަޅޭ ކިޔައި ކައިރީގައި އޮތް ރިމޯޓު ނަގައި ޓީވީ އަޅުވައިލިއެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭގައި ވާފިޔާއަށް އިރުއިރުކޮޅާ ބަލައިލެވެނީ ސިޑިއާ ދިމާލަށެވެ. ރާހިލް އައިސްދާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ރާހިލް ހުރީ މުޅި ދުވަހު ކޮޓަރިތެރޭގައި ތަޅުލެވިގެން އޮތުމުގެ ހިޔާލެއްގައި ކަހަލައެވެ. ވިއްސަކަށް މިނަޓު ފަހުން ޝައިނާ އެ ދެކުދިން ފެންވަރުވާ ރީތި ކޮށްލައިގެން އައި އިރުވެސް ރާހިލްގެ ހިލަމެއް ނުވިއެވެ. ވާފިޔާ އެކަމާމެދު ނުވިސްނައިވޭތޯ މަސައްކަތްކުރަމުން ޔާނާއާއި ރާއީއާއެކު ވަގުތު ހޭދަކުރަން ފެށިއެވެ.
"ރާއީމެންނަށް ކާން ހަދަން މި އުޅެނީ.. އިޝްކޮ ކޯއްޗެއް ކާނީ؟" ޝައިނާ އަހައިލިއެވެ.
"މަންމަ މިއަދު ބަޖިޔާ ހަދައިދޭންވީނު. މަންމަ އަންނަ ވާހަކަ ބުނީމަވެސް އުޅުނީމޭ ބަޖިޔާ ހިފައިގެން އަންނާށޭ ބުނަން. ޕްލީޒް. ވަރަށް ކާހިތުން މި ހުންނަނީ މަންމަގެ ސްޕެޝަލް ބަޖިޔާ" އިޝްވާ ވާހަކަދެއްކީ ވާފިޔާއާއެވެ.
"ތިޖެހުނީ ކޮންމެހެންވެސް މިއަދު ބަޖިޔާ ހަދާކަށްނު. ޝައިނާ މިކުދިންނަށް ކާންދީ ނިމުނީމަ ތިކަމާ އުޅޭނީދޯ؟ ދަރިފުޅުވެސް އަންނާތި އަތް ގާތްކޮށްލަދޭން" ވާފިޔާ ބުންޏެވެ.
"ނޯ ޕްރޮބްލެމް. އިޝީ ހެލްޕް ވާނަމޭ. އެކަމަކު ފުރަތަމަ އެބަ އަންނަން ހެދުން ޗޭންޖް ކޮށްލައިގެން" އިޝްވާ ދުވެފައިގޮސް ކޮޓަރިއަށް ވަތް މަންޒަރު ބަލަން އިން ވާފިޔާ ބޯ ހޫރައިލިއެވެ.
"އަބަދުވެސް ހަދާނީ އެހެން. ކަމަކު ބުނެލާއިރަށް ބުނާނެ މިވެނި ކަމެއް ނިންމާލާފަ މި އަންނަނީއޭ. ބަލައްޗޭ. ދެން ނުކުންނާނީ ހުރިހާ ކަމެއް ނިމި މިތަނުން ބަޖިޔާވަސް ދުވަންފެށީމަ" ވާފިޔާ ބުންޏެވެ.
ހިތުގައިވި އެތައްހާސް ޝަކުވާއަކާއެކުވެސް ޝައިނާ ހިނިތުންވެލިއެވެ. އިޝްވާގެ މިޒާޖު އޭނާއާމެދު ބަދަލުވަމުންދާކަން މިހާރު އޭނާއަށް ފާހަގަވެއްޖެއެވެ. އެކަން އެހެންވުމަށް އޭނާއަށް ކުރެވުނު ކަމަކާމެދު ވިސްނައި ވިސްނައި ޝައިނާގެ ފިކުރުބޮޑުވާން ފަށައިފިއެވެ.
ވާފިޔާ ބުނި ފަދައިން އިޝްވާ ކޮޓަރިން ނުކުތީ ހުރިހާކަމެއް ނިމި ހަވީރު ސައިބޯންވެފައި ވަނިކޮށެވެ. އޭރު ޝައިނާގެ މޫނުމަތިންވެސް ފާޅުވާންހުރީ ހިނިތުންވުމެވެ. ޒަމާންތަކަކަށްފަހު ވާފިޔާއާއެކު ހެދިކާ ހެދުމުގައި ވަގުތު ހޭދަކުރިއިރު އެ މާހައުލުގައި އޮތީ އުފާވެރިކަމެވެ. އިރުއޮއްސެންދެން އެ ގޭގައި މަޑު ކުރުމަށްފަހު ވާފިޔާ ގެއަށް ދިޔައީ އެރޭ ޔާނާއާއި ރާއީއަށް ކާންދީ ނިންދެވުމުގައިވެސް އެހީވުމަށްފަހުގައެވެ. ނިދެންދެން މާމައާއެކު އެކު ވާހަކަތަކުގައި ތިބިިއިރު އެ ދެކުދިންގެ މޫނުމަތީގަަައިވި ހިނިތުންވުންފެނި ޝައިނާގެ ހިތްވެސް ހީވީ އުފަލުން އުދުއްސައިގެންފާނެހެނެވެ.
ވާފިޔާ އެގެއިން ނުކުތުމުން ގޭތެރޭގައި އޮތް ފަޅުކަމާމެދު ފޫހިވެފައި އިންނާކަށް ޝައިނާ ގަސްދެއް ނުކުރިއެވެ. ފެންވަރައިލައިގެން އެނދުގައި އޮށޯތީ އަވަހަށް ނިދައިލުމަށް ހިތުލައިގެނެވެ. އެހެނަސް އެކަން އޭނާއަކަށް ކާމިޔާބެއް ނުވިއެވެ. ދެލޯ މަރައިލުމާއެކު ރާހިލްއާމެދު ވިސްނި ހިތުގައި ކަންބޮޑުވުން އުފެދެން ފަށައިފިއެވެ. އެހެންކަމުން އޭނާ ނިދަން ލައިގެންހުރި ހުދުކުލައިގެ ބޮޑު ގަންޖުފަރާހާއި ކަކުލާހަމައަށްހުރި ސޯޓުގެ މަތިން ތަނބިކައްޓާ ހަމައަށްހުރި ކާޑިގަންއެއް ކޮނޑަށް މަހައިލަމުން ސިޓިންގްރޫމަށް ނުކުތެވެ. އަދި ލަސްފިޔަވަޅުތަކެއްގައި ސިޑީގެ ހަރުފަތްތައް ގިރާކުރުމަށްފަހުގޮސް ރާހިލްގެ ކޮޓަރީގެ ތަޅުގައި ހިފައިލިއެވެ. މިހާރު ގަޑިން ރޭގަނޑު ނުވައެއް ޖެހީއެވެ. މެންދުރުއްސުރެން އެކޮޓަރި ތަޅުލައިފައި ހުރުމުން އޭނާ ހާސްވާންފެށިއެވެ. ކޮޓަރީގެ ދޮރުގައި ތަޅައިގަތެވެ.
"ރާހިލް!! ރާހިލް ދޮރު ހުޅުވަބަލަ. ދިސް އިޒް ސްޓުޕިޑް ރާހިލް. ސްޕޮއިލްޑް ޓީނޭޖަރއެއްހެން އެނގޭ މިހާރު ތި އުޅެނީ" ކޮޓަރީގެ ދޮރުގައި ޓަކިޖަހަމުން ޝައިނާ އެތައް ހަޅޭއްކެއް ލެވިއިރުވެސް ރާހިލް އެ ދޮރެއް ނުހުޅުވިއެވެ. އޭނާ އެކަން ހުއްޓައިލުމަށްފަހު ޓެރަހަށް ނުކުމެވޭނެހެން އެތަނުގައި ވަކިން ހުންނަ ހަނި ދޮރު ހުޅުވައިލިއެވެ. ޓެރަހަށް ނުކުމެވުމާއެކު އޭނާ ދުއްވައިގަތީ ރާހިލްގެ ކޮޓަރިއާ އެ ޓެރަސް ވަކިވާނެހެން ހުރި ބިއްލޫރި ދޮރާ ދިމާލަށެވެ. އެ ދޮރު ކަހައިލަން މަސައްކަތްކުރިއިރު ތަޅުލައިފައި ހުރުމުން އެކަން ވާގޮތެއް ނުވިއެވެ. ޝައިނާ ބިއްލޫރިގަނޑުގައި ދެލޯ ޖަހައިލިނަމަވެސް ކަޅު ބިއްލޫރީގެ ތެރެއިން އޭނާއަށް އެ އަނދިރި ކޮޓަރީގެ އެންމެ މަންޒަރެއްވެސް ސާފެއް ނުވިއެވެ. އެންމެފަހުން އޭނާ ހަތިޔާރު ބެހެއްޓިއެވެ. އެތަނުން ދާން ނިންމައި ފަހަތައް އެނބުރުނު ވަގުތު ލޮލުގައި އަޅައިގަތީ ނޫކުލައިގެ އަލިން ދިއްލައިލެވިފައިވާ ފަތާ ފެންގަނޑެވެ. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބަބުޅަމުންދިޔަ އެ ނޫކުލައިގެ ފެންގަނޑާ ދިމާލަށް އޭނާއަށް ހިނގައިގަނެވުނީ ބޭ އިޚްތިޔާރުގައެވެ. ޕޫލަށް ދެފައި ބައިލައިގެން އޭގެ ކައިރިފަށުގައި އިށީނީ އިރުކޮޅެއްފަހުން އެތަން ދޫކޮށް ދާން ނިންމައިގެނެވެ. އެހެނަސް އެ މާހައުލުގެ ހިމޭންކަމުން އޭނާގެ ސިކުނޑީގެ އަޑުތަކަށް ޖާގަ ލިބިގެންދިޔުމާއެކު ހިޔާލުތަކުގެ ދުނިޔޭގައި ފީނަން އޭނާއަށް އެތަނުގައި އިނދެވުނީ ކިހައި އިރެއް ވަންދެންކަމެއް ޝައިނާއަކަށް ނޭނގުނެވެ. އޭނާ ސިއްސައިގެންދިޔައީ ކުއްލިއަކަށް އޭނާ އިންތަނަށް ފަނޑު ރަންކުލައިގެ އައްޔެއް އެޅުމުންނެވެ. ފަހަތް ބަލައިލުމުން އެއީ ރާހިލްގެ ކޮޓަރިތެރެއިން އެތަނަށް އެޅުނު އައްޔެއްކަން އޭނާއަށް އެނގުނެވެ. އޭރު ރާހިލް ކޮޓަރީގެ ދޮރުފަތް ކަހައިލުމަށްފަހު ގަމީހުގެ އަތުކުރި އޮޅަމުން ލަސްހިނގުމެއްގައި އޭނާއާ ދިމާލަށް އަންނަތަން ފެނެއެވެ.
"މިތާ ކީއްކުރަނީ؟" ރާހިލް ޝައިނާގާތަށް އައިސް ހުއްޓިލިއެއްކަމަކު ޝައިނާގާތު އިށީނުމުގެ ހިޔާލެއް ނުކުރިއެވެ.
"ތާކަށް ދަނީތަ؟" ޝައިނާ ކޮށްލީ ރާހިލްގެ ސުވާލާ މުޅިން ނުގުޅޭ ސުވާލެކެވެ. ފަހަރުގައި ރާހިލް ކުރި ސުވާލު އޭނާއަށް ސާފުކޮށް ނީވުނީ ކަމުގައިވެސް ވެދާނެއެވެ. އެ ފަނޑުއަލީގައި ރާހިލްގެ ހިތްގައިމުކަން ފެނުނު ވަގުތުން ފެށިގެން ޝައިނާގެ ހިތުގެ ތެޅުންވަނީ މެކުހަށް ޖަހައިފައެވެ. އެ ހިތުވިންދުގެ އަޑު ކަންފަތާ ހަމައަށްވެސް އިވެމުންދިޔައެވެ.
"ހްމްމް. މިއަދު މާ ގިނައިން ނިދުނީއޭ. ޝައިނާ ދެންމެ ޓަކިޖަހަން ފެށީމަ ހޭލެވުނީ. ދެން ހިތަށް އެރީ މިރޭ ލީވާން ނޫނީ ރިއާންއާއެކު ކޮފީއަކަށް ގޮސްލަން." ރާހިލް ޖީބުގައި އޮތް ފޯނު ނަގައި ރިއާންއަށް ގުޅައިލިއެވެ.
"އަހަރެންވެސް ދާން މި ދަނީ" ޝައިނާ ފެންގަނޑުގެ ތެރެއިން ދެފައި ހިއްލައިލުމާއެކު ކޮޅަށްހުރި ރާހިލްގެ އަތްދިއްކޮށްލީ ޝައިނާ ތެދުވުމަށް އެހީއެއްގެ ގޮތުންނެވެ. ހަމަ އެވަގުތު ރިއާން ފޯނު ނެގުމާއެކު ރާހިލް އެ ފޯނު ކަންފަތުގައި ޖަހައިލީ ދެން ކަންތައް ވެދާނެ ގޮތާމެދު ހީއެއްވެސް ނުކުރެވޭ ހާލުގައެވެ.
އާނއެކެވެ. ރާހިލްގެ އަތުގައި ހިފައި ކޮޅަށް ތެދުވުމާއެކު މުށިތަކުގެ މަތިން ޝައިނާގެ ފައި ކައްސައިލައިފިއެވެ. ޕޫލުގެ ފެންގަނޑަށް ވެއްޓެން ދިޔަވަގުތު އޭނާއަށް ސިހިފައި ހިފައިލެވުނީ ރާހިލްގެ ކޮނޑުގައެވެ. އެ ފަޅި ސިކުންތުގެ ތެރޭގައި ހިނގައިދިޔަ ކަންތަކުގެ ވީނުވީއެއް ރާހިލްއަކަށްވެސް ނޭނގުނެވެ. ޝައިނާ ކައްސައިލުމާއެކު ކަންފަތްކައިރީގައި ފޯނު ހިފަހައްޓައިލައިގެންހުރި އަތް ނޫން އަނެއް އަތުން ޝައިނާގެ އުނަގަނޑުގައި ހިފަހައްޓައިލެވުނެވެ. އެއާއެކު އެއްކަންފަތަށް ރިއާން ހެލޯއޭ ބުނި އަޑު އިވުނުއިރު އަނެއް ކަންފަތުގެ ތެރެއަށް ވަދެގެންދިޔަ ފެންތަކާއެކު އެ ކަންފަތް ބައްވެއްޖެއެވެ. ޕޫލުގެ ތެރޭގައި ޝައިނާ ބަކަތަޅާފައި މައްޗަށް އަރަން އުޅުނުވަރަކަށް އޭނާ ދިޔައީ އަޑިއަށެވެ. ނަމަވެސް އޭނާ ހުށިޔާރުކަމާއެކު ޝައިނާގެ މެދުހަށީގައި ބައްދައިލަމުން ޝައިނާއާއެކު ފެންގަނޑުގެ މައްޗަށް އެރިއެވެ. އޭރު ނޯށަށް އަރައިފައިވާ ފެންތަކުގެ ސަބަބުން ދެމީހުންވެސް ހުއްޓާނުލައި ކެއްސަމުން ދިޔައެވެ.
"ވަޓްހްހް.ދަ..ހެލްހްހް" ރާހިލް ކެއްސަމުން ވާހަކަ ދެއްކިއެވެ. އޭރު ޝައިނާ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައި ހުރުމުން ޝައިނާ މަޑުންމަޑުން ދެތިންފަހަރު ރާހިލްގެ މޭގައި ތަޅައިލުމަށްފަހު ފިރުމައިލިއެވެ.
"ރާހިލް؟ އޯކޭތަ؟" ޝައިނާ ކަންބޮޑުވިއެވެ.
"އޯކޭ ވާނީ މިވަހްހްހްރަކަށްހްހް" ރާހިލް ފަހު ފަހަރަށް ކެއްސައިލަމުން ނޭވާ ހަމައަކަށް އަޅުވައިލިއެވެ. "އަހަރެން މަރާލަން ބޭނުންނަމަ މި ނޫން ގޮތްގޮތްވެސް ހުންނާނެ ދޯ" އޭނާ ބުންޏެވެ.
"އަހަރެންވެސް ގަސްތަކު ނޫނޭ. އެހެންނޫނަސް އަހަރެން ރާހިލް މަރާލަން ބޭނުންނަމަ އެންމެ ފަސްފޫޓު ފުންމިނުގެ ފެންގަނޑަކަށް ނޫންދޯ ވައްޓާލާނީ. ޑްރާމާކުއީން. ރާހިލްއަށްވުރެން ކުރިން އަހަރެން ކަންނޭނގެ މިތަނަށް ވެއްޓިގެން މަރުވިޔަސް މަރުވާނީ." ޝައިނާ ކަޅި އަނބުރައިލަމުން ބުންޏެވެ. އެމީހުން ވެއްޓުނީ ޕޫލުގެ ފުންދިމާލަށް ކަމުގައިވިޔަސް އެހިސާބުގެ ފެންގަނޑުވެސް ހުރީ ރާހިލްގެ ކޮނޑަށްވުރެ ދެތިން އިންޗި ތިރީގައެވެ. އެއާހިލާފަށް ޝައިނާ ރާހިލްގެ ފައިތިލަ މަތީގައި އަރައި ހުރިއިރުވެސް އެ ފެންގަނޑުހުރީ ޝައިނާގެ ދަތްދޮޅިއާ ހިސާބުގައެވެ. އަނގަހުޅުވާލާ ކޮންމެ ފަހަރަކު ފެންތައް އަނގައިގެ ތެރެއަށް ވަދެގަންނާތީ ވާހަކަވެސް ދައްކަންޖެހުނީ ކަރުމައްޗަށް ޖަހައިގެނެވެ.
"ފޯނު ކޮބާތަ؟" ރާހިލް ކުއްލިއަކަށް ކަމެއް ހަނދާންވި ފަދައިން އަހައިލިއެވެ.
"މިއޮތީ.." ރާހިލްގެ ކަނދުރާގައި އަޅުވައިލައިގެންހުރި ދެއަތުގެ ތެރެއިން އެއް އަތް ހިއްލައިލަމުން ޝައިނާ ދައްކައިލިއެވެ.
"ފޯނު ކެނޑިފަ ދޯ އޮތީ؟ ނަސީބެއްނު. ރިއާން ހިތަށް އަރާނެ ދޯ އެވީ ކިހިނެއްބާއޭ" ޝައިނާގެ އަތުން ނެގި ފޯނު ޕޫލުގެ ބޭރުގައި ބާއްވައިލަމުން ރާހިލް ބުންޏެވެ.
"ރިއާން ފޯނު ނެގިފަހުންތަ ވެއްޓުނީ؟" ޝައިނާ ހިނިގަނޑު ހިފަހައްޓައިލަމުން އަހައިލިއެވެ. އޭރު ރާހިލްވެސް ނުހީ ވޭތޯ މަސައްކަތް ކުރަމުންދާތަން ފެނި ޝައިނާއަކަށް ނުހުރެވުނެވެ. އެހެނަސް ދެމީހުން ފެންގަނޑުގެ ތެރެއަށް ވެއްޓުނުގޮތް ހަނދާންވުމާއެކު ޝައިނާއަށް ޕަކަޕަކަލާފައި ހޭންފެށުނެވެ. ރާހިލްއަށްވެސް ދެން ފެށުނީ ހޭށެވެ.
ޝައިނާ ހެމުން ދިޔަ ވަރަކަށް ރާހިލްގެ ކަނދުރާގައި އަޅުވައިލެވިފައިވާ އަތައް ބާރުލަމުން ދިޔަނަމަވެސް ރާހިލް ހޭ ވަރަކަށް ޝައިނާގެ މެދުހަށީގައި ބައްދައިލައިގެންހުރި އަތަށް ދޫ ދެވެނީއެވެ. އެއިން ކޮންމެ ފަހަރަކު ޝައިނާ "ވެއްޓެނީއޭ" ކިޔައި ތޫލި އަޑަކުން ހަޅޭއްލަވައިގަންނަގޮތުން ރާހިލްއަށް އެކަން ވަނީ ހައްތަހާ މަޖާ ކަމަކަށެވެ. އޭނާގެ ހުނުން ވަނީ ބާރެވެ. އެއާއެކު ޝައިނާގެ ހުނުންވެސްމެއެވެ. ލޮލުން ފެން އަންނަ ހިސާބަށް ދިޔުމުން ޝައިނާ ހުނުން މަތަކުރެވޭތޯ މަސައްކަތް ކުރަނިކޮށް ރާހިލް އަނެއްކާވެސް ޝައިނާގެ ގައިން ދޫކޮށްލައިފިއެވެ.
"ނޯ ރާހިލް ޕްލީޒް ދޫ ނުކުރައްޗޭ!!" ޝައިނާ ހަޅޭއްލަވައިގަންނަމުން ރާހިލްގެ ގައިގައި އިތުރަށް ބައްދައިލިއެވެ.
"ނެވަރ..އަދިވެސް ނުކުރަމެއްނު" މިފަހަރު ރާހިލްގެ އަޑުގައިވަނީ މުޅިން ތަފާތު އަސަރެކެވެ. އެ އަސަރުގެ ޖާދޫގައިޖެހި ޝައިނާގެ މޫނުމައްޗަށްވެސް ސީރިއަސްކަން ވެރިވިއެވެ. ހޭދަވެގެންދިޔަ އުފާވެރި ވަގުތުކޮޅަށްފަހު އެ ދެ ހިތުގައިވާ ލޯބި އުތުރި އަރަން ފަށައިފިކަހަލައެވެ. ޝައިނާގެ ބެލުމުގައިވެސް އެއްވެސް ހަރުކަށިކަމެއްނެތެވެ.
ރާހިލްއަށް މަޑުމަޑުން ޝައިނާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލެވުނެވެ. ދެމީހުންގެ މޫނު ނުރައްކާތެރި ދަރަޖައަކަށް ކައިރިވެލި ވަގުތު ޝައިނާގެ ދެލޯވެސް މެރިގެންދިޔައެވެ. ނަފްސުގައިވާ ބަލިކަށިކަމާއެކު ރާހިލްއާ ހަތަރުކަޅި ހަމަކުރުމުގެ ހިތްވަރު ނެތީތީ ޝައިނާގެ ދެލޯ ހުޅުވާކަށް ގަސްތެއްނުކުރިއެވެ. ނަމަވެސް ފިނީގެ ސަބަބުން މަޑު ތުރުތުރެއް އެކުލެވިފައިވާ ޝައިނާގެ ތުންފަތުގައި ރާހިލްގެ އިނގިލިކުރިން ބީހިލުމާއެކު ޝައިނާގެ ކަނދުރާގައިވާ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ. އޭނާއަށް ސިހިފައި ލޯ ހުޅުވައިލެވުނެވެ.
"ޔޫ އަރ ކިލިންގް މީ ލަވް.." ރާހިލްގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ޖަޒުބާތެކެވެ.
ރާހިލްގެ ގާތްކަމަށް މަރުހަބާކިޔާ ފަދައިން ޝައިނާ މަޑުމަޑުން ބޯ ޖަހައިލިއެވެ. ރާހިލްގެ ހޫނު ނޭވާ ތުންފަތަށް އިހުސާސް ކުރެވޭހާ ގާތްވެފައި ވަނިކޮށް ހަމަ ކުއްލިއަކަށް ރާހިލް އޭނާއާ ދުރުވެލައިފިއެވެ.
"އައިމް ސޮރީ އައި ކާންޓް. ޝައިނާގެ މަޢާފު ނުލިބޭހާ ހިނދަކު.. އަހަރެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫން.." ރާހިލް ދެފަރާތަށް ބޯ ހޫރައިލިއެވެ. ފުންނޭވާތަކެއް ލަމުންދިޔަގޮތުން އޭނާގެ އަމިއްލަ ނަފްސާ ވަރުގަދަ ހަނގުރާމައެއް ކުރަމުންދަނީއޭ ހީވާ ކަހަލައެވެ. އެދެމެދަށް ވެރިވެފައިވި މަރުފަދަ ހިމޭންކަމުގައި ރާހިލް ޝައިނާ ގޮވައިގެން ޕޫލްގެ ތިލަ ހިސާބަށް ހިނގައިގަތެވެ. ޝައިނާ އެ ވަގުތުގެ ބޭނުންހިފައި ނުހަނު ވިސްނައިގެންހުރެ ފަރުވާތެރިކަމާއެކު އޭނާ ދައްކަން ހިތުލައިގެން ހުރި ވާހަކަ ފެށިއެވެ.
"މަންމަ ވަރަށް ގިނަ އިރު މަޑުކޮށްފަ ދިޔައީ ރާހިލް އާދޭތޯ. ހަވީރު ސައިބޯންވެސް ގޮވި" ޝައިނާ މަޑުމައިތިރިކަމާއެކު ބުންޏެވެ.
"ނިދިފައެއްނު އޮތީ" ރާހިލް ބުންޏެވެ.
"ނިދުނީތަ ނޫނީ ގަސްތުގަ ނިދީތަ؟" ޝައިނާ އަހައިލިއެވެ.
"ޝައިނާ ޕްލީޒް.." ރާހިލްއަކަށް ވާހަކައިގެ މައުޟޫއު ކަމަކު ނުދިޔައެވެ. ޝައިނާ ގެންގޮސް ޕޫލުގެ ތިލަ ހިސާބުގައި ބަހައްޓައިލުމަށްފަހު އޭނާ ހިނގައިގަތީ ދުރަށެވެ.
"ރާހިލް.. އެއީ ރާހިލްގެ މަންމައެއްނު. ރާހިލްގެ ކިތަށް ކުށަށް މަަންމަ މަޢާފުކޮށްފަ ހުންނާނެތަ؟ ރާހިލްއަށް ހަމަ މަންމައަަށް ފުރުސަތެއް ނުދެވޭނެތަ؟" ދުރަށް ހިނގައިގަތް ރާހިލްގެ އަތުގައި ޝައިނާ ހިފެހެއްޓިއެވެ.
"ފުރުސަތެއް ދިނުމަކުން ހިތަށް ލިބިފައިވާ އަނިޔާއެއްގެ ލަކުނު ފިލާނީ ކިހިނެތް؟" ރާހިލްގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ.ޝައިނާއާ ދިމާލަށް ވާފިޔާ ކީ އެއްޗެއްސަކީ އޭނާއަށް މަޢާފު ކުރެވޭނެ އެއްޗެއްސެއް ނޫނެވެ. އޭނާގެ ހިތަށްވަނީ އެކަމުން ވަރަށްބޮޑު އަނިޔާއެއް ލިބިފައެވެ.
"ރާހިލް.. މަންމައަކަށް އޭރު އެއްވެސް ކަމެއް ނޭނގެއެއްނު" ޝައިނާ ބުންޏެވެ.
"މަންމަ ހުރީ ފެށުނީއްސުރެންވެސް ނާޝިދާއެކު. ފަހުން އެނގުނެއްނު. ބުނީމެއްނު އަހަރެން ލޯބިވާ މީހަކީ ތިއީއޭ. ދެން ކީއްވެ؟ ކީއްވެތަ މަންމައަށް އަހަރެން ލޯބިވާ މީހަކު ގަބޫލު ނުކުރެވެންވީ.." ރާހިލްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.
"ކީއެއްޗެއް ކީ އަހަރެންނާ ދިމާލަކަށްނު؟ ކޮބާތަ ރާހިލްގެ މައްސަލައަކީ؟" ޝައިނާގެ އަޑަށް ހިތްހަމަ ނުޖެހުމުގެ އަސަރު ވެރިވިއެވެ.
"އަހަރެންނަކަށް ހަޖަމެއް ނުކުރެވެއޭ މަންމަ އެންމެ ގާތްކޮށްގެން އުޅެފަ ޝައިނާއާމެދު ކަންތައް އެ ކުރިގޮތެއް" ރާހިލްގެ އަޑު ބާރުވިއެވެ. އޭނާގެ ގާތަށް ރުޅި އަންނަން ފަށައިފިއެވެ.
"އަހަރެން މިހާރު މަންމައަށާ މަޢާފު ކޮށްފިން. ދެން ރާހިލްވެސް އެކަން ހަނދާން ނައްތާލާ" ޝައިނާ ބުންޏެވެ.
"އަހަރެން ނޫން އެންމެނަށްވެސް ޝައިނާ ހާދަ ފަސޭހައިން މަޢާފު ކުރެޔޭ ދޯ. އަހަރެން ނުޖެހޭނެ ޝައިނާ ބުނާގޮތެއް ހަދާކަށް" ރާހިލް ހިތްހަމަނުޖެހިފައި އަނެއްކާވެސް އެތަނުން ދުރަށް ހިނގައިގަތެވެ.
"ރާހިލް" ރާހިލްގެ އަތުގައި ހިފަމުން ޝައިނާ ގޮވައިލިއެވެ.
"ނޯ" ރާހިލް އޭނާގެ އަތް ފޮޅައިލިއެވެ."ބުނެފީމެއްނު ތި ވާހަކަ ހުއްޓާށޭ. އަޑެއް ނީވޭތަ އޭން؟ އަހަރެން ކޮންމެ ގޮތަކަށް އުޅުނަސް އެއީ ޝައިނާއަކާ ބެހޭކަމެއް ނޫން" ރާހިލް ހަޅޭއްލަވައިގަތެވެ.
"ހަޅޭއްނުލަވާ ރާހިލް. ރާހިލްގެ ހުރިހާ ކަމަކާވެސް އަހަރެންނަށް ބެހެވޭނެ." ޝައިނާވެސް ގޮތްދޫކުރާކަށް ނޫޅުނެވެ. ރާހިލްއާ ދިމާލަށް އަޑުލައިގަތެވެ.
"އައިމް ޔޯރ ވައިފް ރާހިލް.. އައި ޕްރިފަރ ޔޫ ޓޯކިންގް ޓު މީ ވިތް އަ ބިޓް އޮފް ރެސްޕެކްޓް"
"އެންޑް އައި ޕްރިފަރ ޔޯރ އެޓިޓިއުޑް ވިތް ޔޯރ ކްލޯތްސް އޮފް" ޝައިނާގެ ވާހަކައާ ވިއްދާފައި ރާހިލްވެސް ބުންޏެވެ.
"ޝިޓް.." ބުނެވުނީ ކީކޭކަން ރޭކައިލުމާއެކު ރާހިލްއަށް މަޑުމަޑުން ބުނެވުނެވެ. ޝައިނާއާ ހަތަރުކަޅި ނުކުރުމަށްޓަކައި އަވަހަށް އިސްދަށަށް ޖަހައިލިއިރު ޝައިނާވެސް ހުރީ އިސްޖަހައިލައިގެނެވެ. އޭނާގެ މޫނަށްވަނީ ލަދުން ޖަންބުކުލަ އަރައިފައެވެ.
"ހި.. ހިނގާ ދާން ދޯ" ރާހިލް ބޭނުންވީ އޭނާގެ ދުލުން އިތުރު ބޭޒާރުތަކެއް ނުވަންދެން އެތަނުންދާށެވެ. އޭނާ ގޮސް ޕޫލުގެ ކައިރިފަށުގައި އަތް އަޅުވައިލުމަށްފަހު މައްޗަށް އެރިއެވެ. އަދި ޝައިނާ އެރުމަށްޓަކައި އަތް ދިއްކޮށްލިއެވެ.
"ދެންމެވެސް ވެއްޓުނީނު" ޝައިނާ ބޯ ހޫރައިލަމުން ރާހިލްގެ އަތުގައި ހިފުމަށް އިންކާރު ކުރިއެވެ. އޭނާ ހިނގައިގަތީ ޕޫލުގެ ތިލަ ހިސާބުގައިހުރި ހަރުގަނޑާ ދިމާލަށެވެ. ޝައިނާ އެ ހަރުގަނޑުން މައްޗަށް އަރަން ވާއިރަށް ރާހިލް ޓެރަހުގައި ބަހައްޓާފައިހުރި ދިގު ގޮނޑިތަކުން ގޮނޑިއެއްގައި އޮތް ތުވާއްޔެއް ހިފައިގެން އައިސް ޝައިނާގެ ގާތަށް ހުއްޓިލިއެވެ.
ޝައިނާ އަވަސްވެގަތީ ތެމިފައިވާ ބޯ ކާޑިގަން ގަޔާ ވަކިކޮށްލުމަށެވެ. އޭނާ އެ ކާރޑިގަން ކޮނޑުން ތިރިއަށް ވައްޓައިލުމަށްފަހު ރާހިލް ދިއްކޮށްލައިގެންހުރި ތުވާލީގައި ހިފައިލި ވަގުތު ރާހިލްއަށް ބޭ އިޚްތިޔާރުގައި ޝައިނާގެ ފައިން ފެށިގެން މައްޗަށް ނަޒަރު ހިންގައިލެވުނެވެ. ލައިފައިވާ ކުރު ސޯޓުގެ ސަބަބުން ޝައިނާގެ ދެފައި ހާމައަށް ފެންނަންހުރިއިރު ފެނާ އެކުވެ ގައިގައި ތަތްލާފައިވާ ހުދުކުލައިގެ ޓީޝާޓުން ޝައިނާގެ ހަށިގަނޑު އެކީ ވަނީ ރާހިލްގެ ކުރިމަތީގައި ކަޝްފު ވެފައެވެ.
ރާހިލްއަށް ހުރެވުނީ އާގަމަވެފައި ޝައިނާއާ ދިމާލަށް ބަލަހައްޓައިގެނެވެ. އަންހެނާގެ ރީތިކަން ފާޅުވާނީ މަންމައަކަށް ވުމަށްފަހުގައޭ ބުނާބުނުން އޭނާއަށް ތެދުކުރެވުނީ މީގެ ހައަހަރު ކުރިއާ ބަލައި ޝައިނާގެ ހަށިގަނޑުގެ ވަނާތަށް އިތުރަށްވެސް ފުރިހަމަ ވެލާފައިވާކަން ފެނުމުންނެވެ. ޝައިނާގެ ރީތިކަމާ ނަޒަރު ވަކިކޮށްލުން ވީ ރާހިލްއަށް އުނދަގޫ ކަމަކަށެވެ. ތެމިފައިވާ ހުރި ގަމީހުގެ ސަބަބުން ހަށިގަނޑުގައި ހަރުލާފައިވާ ތެތްފިނިކަމުގެ އަސަރާއެކުވެސް އެތެރެހަށިން އިހުސާސް ކުރެވެންފެށީ އުދާސްކަމެކެވެ. އޭނާގެ ލޭ ހޫނުވާންފެށިއެވެ.
ރާހިލްއަށް ވެފައިހުރި ގޮތް ޝައިނާއަށްވެސް ނަގައިގަނެވުނީ ކަހަލައެވެ. އޭނާ ކުރިއަށް ޖެހިލައި ރާހިލްގެ ކޯތާފަތުގައި އަތުގެ ނުފުށުން ފިރުމައިލިއެވެ.
"ރާހިލް.. އަރ ޔޫ އޯކޭ؟" ޝައިނާ ކަންބޮޑުވެފައި އަހައިލިއެވެ.
ޝައިނާގެ ބީހުން އިހުސާސްކުރެވުނު ހިނދު ރާހިލްއަށް ހީވީ އޭނާގެ ހަށިގަނޑުގައި ކަރަންޓުގެ އޮއެވަރެއް ދަތުރުކުރިހެނެވެ. އޭނާގެ ހޭ ބުއްދި ފިލައިގޮސް އަމަލުތައް ބޮއްސުންލައިފާނެހެން ހީވާން ފެށުމާއެކު ރާހިލް ދެއަތް މުށްކަވައިލައި ޖީންސުގެ ދެ ޖީބަށް ކޮށްޕައިލިއެވެ.
"ޔާ އައިމްހްހްހް ފްހްހްއިންހްހް" ވާހަކަދައްކަން ފެށުމާއެކު ހިކިފައިވާ އަރުތެރެއިން ހިކި ކޮށްޓެއްއަރައި ރާހިލް ކެއްސަން ފެށިއެވެ.
"ރާހިލް.. ރާހިލް.. މިރޭ ހާދަ ވަރަކަށޭ ތި ކެއްސަނީ" ޝައިނާ ކުރިއެކޭ އެއްފަދައިން ދެތިންފަހަރު ރާހިލްގެ މޭގައި ތަޅައިލުމަށްފަހު ފިރުމައިލިއެވެ. "ދޭބަލަ ފެންބޯން"
ޝައިނާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް އަވަސްއަވަހަށް އެތަނުން ދުރަށް ހިނގައިގަތެވެ. އޭނާއަށްވެސް އެންމެ ފައިދާހުރި ގޮތަކީ އެއީ ކަމަށްވާތީއެވެ. އޭނާގެ ކަރު ހިއްކައިގެންފައިވަނީ ފެނަށް ނޫންކަމުގައި ޝައިނާއަށްވެސް އެނގެއެވެ. އެހެނެއްކަމަކު ދެމީހުންގެ ސިކުނޑީގައިވެސް ތަކުރާރުވަމުން ދިޔައީ މީގެ ކުޑައިރުކޮޅެއްކުރިން ރާހިލްގެ ދުލުން ބުނި ބަސްތަކެވެ.
"އައިމް ސޮރީ އައި ކާންޓް. ޝައިނާގެ މަޢާފު ނުލިބޭހާ ހިނދަކު.. އަހަރެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއްނޫން.."
ޝައިނާއާ ހައެއްކަ ފިޔަވަޅު ދުރަށް އާދެވިފައި ވަނިކޮށް ރާހިލް އަނެއްކާވެސް ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު ޝައިނާގެ އިސްތަށިގަނޑުގައިވާ ހުޅި ނައްޓައިލުމަށްފަހު އެ އިސްތަށިގަނޑުން ފެން ހިއްކަން ފެށިއެވެ. އެ ހިތްގައިމު މަންޒަރު ފެނުމާއެކު ރާހިލްގެ ދެފައިގައި ހިލިހިލާ އެޅުނު ފަދައެވެ. އިސްތަށިގަނޑުގައި ތުވާލި ޖައްސައިލައިގެންހުރެ ޝައިނާ އޭނާއާ ހަތަރުކަޅި ހަމަކޮށްލި ވަގުތު ރާހިލްގެ ދެލޮލުން ޝައިނާއާ އެތަށް ވާހަކައެއް ދެކެވުނެވެ. އޭނާއަށް ވާނަމަ އެ ދެލޮލުން ޝައިނާގެ ހަށިގަނޑުގައިވާ ހުރިހާ ފޭރާމެއް ވަކިކޮށްލައިފީހެވެ. ރާހިލްގެ ބެލުމުގައިވަނީ އެހާވެސް ތޫނުކަމެކެވެ. އެންމެފަހުން ޝަޢިނާގެ ހަށިގަނޑާއި ދެލޮލުގައިވާ ދަމާބާރަށް ކެތް ނުކުރެވުމުން ރާހިލް ދުރުފިޔަވަޅުތަކެއްގައިގޮސް ޝައިނާއާ ޖެހޭ ނުޖެހޭ ހިސާބުގައި މަޑުކޮށްލިއެވެ.
"ވަޓެވަރ އައި ސެއިޑް ޓުނައިޓް އަބައުޓް ނޮޓް ވޯންޓިންގް ދިސް.. ފަ* އިޓް"
ކުއްލިއަކަށް ރާހިލް ގެނައި ހަރާކާތާއެކު ޝައިނާއަށް ލިބުނު ސިހުމުގައި ހަރަކާތްކުރަން ނޭނގިފައި ހުރެވުނު ނަމަވެސް އެ ކުރެވުނު ފޮނިފޮނި އިހުސާސާއެކު ޝައިނާއަށްވެސް އެ ހިނދުކޮޅުގެ ތެރެއަށް ޢަރަގުވެގެން ދެވުނެވެ. އޭނާގެ އަތުގައި އޮތް ތުވާލި ބިންމައްޗަށް ދޫކޮށްލުމަށްފަހު ރާހިލްގެ އިސްތަށިގަނޑުގެ ތެރެއަށް އެއް އަތް މަހައިލަމުން އަނެއްއަތުން ރާހިލްގެ ކޮނޑުގައި ފިރުމައިލިއެވެ. ދެމީހުންގެ ވިންދާއި ލެޔާއި ނޭވާ އަވަސްވެފައިވާ އެ ދަނޑިވަޅުގައި ދެ އަތުގެ ހަރަކާތްތައްވެސް ވަނީ އަވަސްވެފައެވެ. ޝައިނާގެ މެދުހަށީގައި ބީއްސައިލި ރާހިލްގެ ދެއަތް ތިރިއަށް ގެންގޮސް ފަލަމަސްގަނޑުގެ ދަށަށް ލައްވައިލަމުން ޝައިނާ ބިމުން މައްޗަށް އުފުލައިލުމާއެކު ޝައިނާގެ ދެފައި ރާހިލްގެ އުނަގަނޑުގައި އަޅުވައިލިއެވެ.
ރާހިލްގެ ހޫނު ތުންފަތުން ޝައިނާގެ މޫނާއި ކަރަށް އިހުސާސްވަމުންދިޔަ ބީހުންތަކުގައި ދެލޯ މެރިގެންދިޔުމާއެކު ދެން ކަންތައްތައް ވެގެންދިޔަގޮތް ޝައިނާއަކަށް ނޭނގުނެވެ. ކޮޓަރީގައިވާ އޭސީގެ ފިނިކަމުގެ ތެރެއަށް ވަދެވުނުހެން ހީވީއެވެ. ދެލޯ ހުޅުވައިލެވުނީ ކުއްލިއަކަށް ކޮންމެވެސް ތާކުން އެއްޗެހިތަކެއް ވެއްޓުނު އަޑާއެކުގައެވެ. އޭރު ރާހިލްގެ ކޮޓަރީގައިހުރި ރީތިވާ މޭޒު މަތީގައި ޝައިނާ ބައިންދައިލަނީއެވެ. އެ މޭޒުމަތީގައިހުރި ހުރިހާ އެއްޗެއް މިހާރުވަނީ ބިންމައްޗަށް ވެއްޓި ކުދި ވެފައެވެ. ތަޅައިގެންދިޔަ ސެންޓުފުޅިން މާހައުލުގައި ހިފައިލީ ރާހިލް ޖަހާ ފިރިހެންވަންތަ ސެންޓުގެ މީރުވަހެވެ. އެ މީރުވަހުން ޝައިނާގެ ހިއްސުތައް ދީވާނާ ކުރުވަން ފެށިއެވެ.
"ލަވް.." ރާހިލް މާނޭވާ ލެވިފައިހުރެ ޝައިނާއަށް ގޮވައިލިއެވެ. "އިފް ޔޫ ވޯންޓް މީ ޓު ސްޓޮޕް.. ޓެލް މީ ނައު.. ފަހުން ވެދާނެ އެއްވެސް ކަމަކާމެދު.. އަހަރެންނަކަށް ޒިންމާއެއް ނުނެގޭނެ"
ރާހިލްގެ ވާހަކަ އަޑުއަހާކަށް ޝައިނާގެ ކެތްތެރިކަމެއް ނެތެވެ. ރާހިލް ލައިގެންހުރި ގަމީހުގެ ގޮށްތައް ނެއްޓުމުގައި ވަގުތު ދެމިގެންދާން ފެށުމުން އެގޮތްވެސް އޭނާއަކަށް ކަމަކު ނުދިޔައެވެ. އެންމެފަހުން ގަމީހުގެ ގިރުއާނުގައި ހިފައި ދަމައިގަތުމާއެކު ގަމީހުގެ ގޮށްތައް ކޮޓަރީގެ ތެރެއަށް ވިއްސައިގެންދިޔައެވެ. ރާހިލްގެ މޫނުމަތިން ފާޅުވި ހައިރާންކަމާއި ޝައުގުވެރިކަމުގައި އޭނާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ.
"ދެޓްސް މައި ވައިފް" ރާހިލް ޝައިނާ އެ މޭޒުމަތިން ހިއްލައިލުމަށްފަހު އެނދުމައްޗަށް ވައްޓައިލުމާއެކު ދެ ޖިސްމުގައި ރޯވެފައިވި ހޫނުން މުޅި ކޮޓަރިތެރެ ހުޅުދާން ކޮށްލައިފިއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Finally Saina realise how much raahil loves her
E kudhin gulhuvachey
They both are made for each other
Ishwaa and simaan dhuru nukurachey
Raahil mom ah maafu ves nukure
Kithamme lahun kiyaalan libunas Shakuvaa eh neih its ok
Alhugandu ge support Abadhuves libeyne
Haalu khineh
Love you ❤️😍
Livaan and nabuhaa ves v gulhey
They both are made for each
They all are made for each
އޯ ނޯ ޖަސްޓް ވާއު ️3>
ތިއޮތީ ޥަރިވެވިފައެންނު. އަނެއްކާ ދެކުދިން ކަންނޭނގެ މިފަހަރުވެސް….
ވާވް ލަވް އިޓް
އޫނހް.
އަޅެ ކުޑަތަންކޮޅެއް އިތުރުކޮށްލި ނަމަ ދޯ.
އާހް!
ދެންއަޅެ ކުރުކޮށްލާފަ ނިންމާނުލައްޗޭ.
މިހާރު ދެން ތިއޮތީ ނުވެގެން އުޅޭ ކަންތައް ވުމުގެ މަގުމަތީގަ….. ވާހަކަ ހަމަ ވަރަށް އިންޓްރެސްޓިންގް…
ދެން އޮތްބައި ކޮންއިރަކުތަ
ދެން އޮތްބައި ކޮންއިރަކުތަ
މި ވީކުގަ އިތުރު ބަޔެއް ކިޔާލަން ލިބޭނެ ތަ؟؟
ޔެސް. އެހާ ލަސްނުކޮށް ދެން އޮތްބައި ގެނެސްދޭނަން.
މި ވީކް ކޮން ދުވަހެއްގަ ނިއު އެޕސޯޑް ؟
ސަލާމް
މިއަދު ލިބޭނެތޯ ދެން އިން ބައި ކިޔާލަން .
ވ. ކިއުރިއަސް އެބްވޭ. ހަމަ ބެލެނީ އަޕް ވި ތޯ
ހާދަ އިންތިޒާރެކޭ މިކުރެވެނީ..
ޢަސްލުވެސް �
މިވާހަކަ މިހާރު ގެނެސްދެނީ ހަފުތާގެ ކޮން ދުވަސް ތަކެއްގަތޯ؟…. މިހާރީތި ވާހަކައެއް ވީމަ .. މިހާރު މިވާހަކައިގެ އާބައެ ނުކުމިތޯ ބެލުނީ ކިތަށް ފަހަރު ކަމެއްވެސްނޭގެ
ހާދަ އިންތިޒާރެކޭ މިކުރެވެނީ..ދެން އޮތްބައި ކޮންއިރަކުތަ؟؟؟
އަވަހަށް އަޕްކޮށްލަދެއްވަާ؟ ވ ވ އިންތިޒާރުގަ މި ތިބީ
އަންޔާ ހޮނިހިރު ދުވަހަށްތަ އަޕްވާނީ
މިރޭ އަޕް ކޮށްލަދޭނަން
އަންޔާ . މިރޭ އަޕްވާނެ ވާހަކަ ބުނުއްވީމަ ޕޭޖް އިރުއިރު ކޮޅުން އެބަބެލޭ. �
އަންޔާ މިހާރު ނޭންގެ ކިތައް ފަހަރުކަމެއް ބެލުނީ
އަޅޭމީ ދަންވަރަށް ގެނެސްދޭ ވާހަކަ އެއްތަ