Sunday, 06 October 2024

ހިތް އެދޭހާ ކަމެއް.. (85 ވަނަބައި)

ދަންވަރުގެ ހިމޭން ވަގުތެވެ. އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން އިނދެ ފޯނުން ސޯޝަލް މީޑިއާގެ އެކި މަންސަތައް ބަލަމުންދިޔަ ރާހިލްގެ ލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ. އޭނާގެ އަތުތެރޭގައި ބޮނޑިވެލައިގެން ނިދިފައިއޮތް ޝައިނާއަށް ބަލައިލިއިރު އެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އެގޮތުގައި އެތައް ވަގުތެއް ފާއިތުވެގެން ދިޔައިރު ރާހިލް ދެފަހަރެއްގެ މަތިން އެނދުން ފައިބަން މަސައްކަތްކުރިއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު ޝައިނާ އިތުރަށް އޭނާގެ ގައިގައި ބައްދާލައި އެ މޭގެ ތެރޭގައި ބޮނޑިވެލާގޮތުން ރާހިލްއަށް އެ ހިތްވަރު ނުލިބުނީއެވެ. ނިދިފައި އޮތް ޝައިނާގެ މޫނަށް ބަލަން ފޫހިކަމެއްނެތި އިނުމަށްފަހު އޭނާގެ ބަނޑުމަތީގައި އޮތް ޝައިނާގެ އަތް ދުރުކޮށްލީ ފަތިސްވުމާ ގާތްވެފައި ވަނިކޮށެވެ. ޝައިނާގެ ގައިމަތީގައި އޮތް ރަޖާ ރީތިކޮށްލުމުގެ ކުރިން ސިޒޭރިއަންގެ ސަބަބުން ޝައިނާގެ ދަށްބަނޑުގައި ލާފައިވާ ލަކުނުގައި މަޑުމަޑުން ފިރުމައިލިއެވެ.

"ތޭންކްޔޫ.." ރާހިލް ލޯތްބާއެކު ޝައިނާގެ ނިއްކުރީގައި ބޮސްދިނެވެ. އެއަށްފަހު އެނދުންތެދުވެ ހަރުގައި އޮތް ތުވާލިނަގައި އުނުގައި އޮޅައިލަމުން ފާހަނައަށްވަނެވެ. އޭނާ ފެންވަރައިލައިގެން ނުކުތްއިރުވެސް ޝައިނާ އޮތީ ފުން ނިންޖެއްގައެވެ. ރާހިލް ހިނިތުންވެފައިހުރެ އެނދުކައިރިއަށް ޖެހިލުމަށްފަހު ނިދިފައި އޮތް ޝައިނާގެ ގައިގައި ކޮށްޓައިލިއެވެ.

"ލަވް.. ލޯބީ.. ދެން ހޭލަބަލަ" ރާހިލް ދެފަހަރަކު ގޮވައިލުމާއެކު ޝައިނާ އެސްފިޔަތައް ތަޅުވައިލައި ކުޑަކުޑަކޮށް އޭނާގެ ދެލޯ ހުޅުވައިލިއެވެ.

"ރާހިލް؟؟ ގަ.. ގަޑިން ކިހާ އިރެއްތަ؟" ޝައިނާއަށް އަހައިލެވުނެވެ.

"ފަތިސްވީނު" ރާހިލް ލުއި ހަރަކާތަކާއެކު ޝައިނާ އަތްދަނޑިމައްޗަށް އުފުލާލައިގެން ފާހަނައާ ދިމާލަށް ހިނގައިގަތެވެ. އަދި އޭނާ ދެންމެ ފާހަނައިން ނުކުތުމުގެ ކުރިން ތައްޔާރުކުރި ބިލިގަލުގެ ތެރޭގައި ފަރުވާތެރިކަމާއެކު ޝައިނާ ބައިންދައިލިއެވެ. އެ ބިލިގަލުގައިހުރި ތާފަނާ ފެންގަނޑު ހަށިގަނޑުގައި ޖެހިލި ވަގުތު ޝައިނާއަށް އޭނާގެ ނިދިން ހޭލެވުނުކަހަލައެވެ. ހިނގައިދިޔަ ހުރިހާ ކަމެއްގެ ކުލަ މަންޒަރު ލޯމައްޗަށް ސާފުވިއެވެ. ހަމަ ވިސްނުމަށް އާދެވެން ފެށުމާއެކު އޭނާގެ ސިކުނޑި އަނެއްކާވެސް އޮޅުންބޮޅުން ވާންފެށިއެވެ.

މިރޭ އެ ހިނގައިދިޔަ ކަންތައްތަކަށް ދެވުނު ޖާގައަކީ ޝައިނާއަށް ހެދުނު ގޯހެއްބާއެވެ؟ ރާހިލް އޭނާ އެގެއަށް ގެނައީ ބިރުދައްކައި ނުފޫޒުގެ ބޭނުން ކޮށްގެނެވެ. އެފަދަ މަޖުބޫރީ ހާލަތަކުން އެޅުނު ބިންގަލެއްގެ މަތީގައި ހަރުދަނާ ގުޅުމެއް ދެމެހެއްޓޭނެބާއެވެ؟ ރާހިލްއަށް ފުރުސަތެއް ދޭހިނދު އަނެއްކާވެސް އޭނާގެ އިތުބާރު ގެއްލުވާލާނީ ހެއްޔެވެ؟ ރާހިލްއަށް އެ ހިތް ހުޅުވައިލާހިނދު އެހިތުގައި ލެވިގެންދާނީ އިތުރު ލަކުނެއްބާއެވެ؟ ނޫނެކެވެ. ރާހިލްގެ ބަހާއި އަމަލުން އޭނާއަށް ފެންނަނީ ސާބިތުކަމެވެ. އެ ދެލޮލުން އޭނާއަށް ފެންނަނީ ވަފާތެރި ތެދުވެރި ލޯތްބެވެ. ރާހިލްއަށް މަޢާފުކުރަން ހުދު އޭނާވެސް ބޭނުމެވެ. އެހެނަސް ފަސްޖެހެވެނީއެވެ. އެއީ ކުރިންވެސް އޭނާއަށް ރާހިލްގެ ދެލޮލުން ފެނުނު އަސަރުތަކެއް ނޫންހެއްޔެވެ؟ ކުރިންވެސް އެ ބެލުމުގައިވި ލޯތްބާއި އެ ބަހާއި އަމަލުގެ ސާބިތުކަން އޭނާއަށް ފެނިފައި ނުވޭހެއްޔެވެ؟ އާޚިރުގައި އެ ލޯބިން އޭނާގެ ހިތަށް ލިބުނީ އަނިޔާއެވެ. ކޮންމެއަކަސް ރާހިލްއަށް އިތުބާރު ކުރުކުރުމަކީ ޝައިނާ ހީކުރިހާ ފަސޭހަކަމަކަށް ނުވިއެވެ.

"ލެޓް މީ ވޮޝް ޔޯރ ހެއަރ" ޝައިނާގެ ސިކުނޑީގައި އުފެދެންފެށި ތޫފާނުގެ ހިލަމެއްނުވާހާލު ރާހިލް ޝައިނާގެ އިސްތަށިތައް އެއްކޮށްލައި ތަރުތީބުކޮށްލިއެވެ.

"އަހަރެން.. އަހަރެން ދޮވެފާނަން" ޝައިނާ އަމިއްލަ އިސްތަށިގަނޑުގައި ހިފަހައްޓައިލަމުން ރާހިލްގެ އަތް ދުރުކޮށްލިއެވެ.

"އިޓްސް އޯކޭ ޖަސްޓް ލެޓް މީ–"

"ރާހިލް.." ރާހިލް ދެވަނަ ފަހަރަށް ޝައިނާއާ ދިމާލަށް ދިއްކޮށްލި އަތުގައި ޝައިނާ ހިފެހެއްޓީ ރާހިލްގެ ވާހަކަ މެދުކަނޑައިލަމުންނެވެ.

"ޔެސް…އައި ލަވް ޔޫ" ރާހިލްގެ އަތުގައި ހިފެހެއްޓި ޝައިނާގެ އަތްގެނެސް ތުންފަތުގައި ޖައްސައިލަމުން ރާހިލް ބުންޏެވެ. ޝައިނާ އެ އަތް ރާހިލްގެ އަތުތެރެއިން ދަމައިގަތެވެ.

"ރާހިލް.. ވީ އަރ ބޯތް އެޑަލްޓްސް. އެވަރުކަމެއް ހިނގައިފާނެ. އޭގެ މާނައެއް ނޫނޭ އަހަރެން ރާހިލްއާއެކު ދިރިއުޅެން ނިންމީއޭ. ޕްލީޒް ލީވް." ޝައިނާ އެ ޖުމްލައިގެ ފަހަތުގައި ފޮރުވިފައިވީ އެތައް ފިކުރުތަކެކެވެ. އޭނާ ހުރީ އެކަނިވެލަން ބޭނުންވެފައެވެ. ރާހިލް އޭނާގެ ހިތަށް ދިން އަނިޔާގެ ބަދަލުހިފުމުގެ ގޮތުން ރާހިލްއަށް އިހާނެތި ބަސްތަކުން ރައްދުދީ، އެކުގައި ނޫޅޭނަމޭ ބުނަން އާދަވެފައިހުރި ޝައިނާއަށް އެވަގުތު އެހެން ބުނެވުނީ މާބޮޑު ވިސްނުމަކާނުލައެވެ. ނަމަވެސް އެހެން ހުރިހާ ފަހަރަކާ ހިލާފަށް މިފަހަރު ރާހިލްގެ ހިތަށް އެބަސްތައް ހެރުނީ ތޫނު ހަންޖަރުތަކެއްހެނެވެ.

އެސްފިޔަޖަހާލާހާ މަދު ސުކުންތުކޮޅެއްގެ ތެރޭގައި ރާހިލްއަށް ފާހަނައިން ނުކުމެވުނެވެ. އޭނާއަކީ އެއްވެސް އިރެއްގައި ޝައިނާ އެހެން ރުޅިއައިސްގެން ބުނާ ބަހަކަށް ގޮތްދޫކޮށް ޝައިނާއާ ދުރަށްދާނެ މީހެއްނޫނެވެ. ނަމަވެސް އެވަގުތު އެހިތުގައި އަޅަމުންދިޔައީ ދުލުން ބަޔާންކުރަން ދަތި ވޭނެކެވެ. ދިލަކަން އެކުލެވިފައިވާ ކަރުނަތަކުން ރާހިލްގެ ދެލޯ ފުސްވާންފެށިއެވެ. އޭނާއާމެދު ޝައިނާ ކަންތައްކުރަނީ ހިތުހުރިހާ ގޮތަކަށެވެ. އޭނާއަކީވެސް އިހުސާސްތަކާއެކު ހައްދަވާފައިވާ އިންސާނެކެވެ. އޭނާގެ މޭގެ ތެރޭގައި ވިންދު ޖަހަމުންދަނީ ޝައިނާއަށްޓަކައި ލޯބިން ފުރިފައިވާ ހިތެކެވެ. އެ ހިތުގައިވެސް ހާދަ ވޭނެއް އަޅައެވެ. ޝައިނާގެ ލޯބިން އޭނާ ބާކީ ކޮށްލިތަނުގައި އިންސާނަކަށްވީތީ އޭނާއަށް ދޭނެ ކުލުނެއްވެސް ޝައިނާގެ ހިތުގައި ނެތީހެއްޔެވެ؟ ޝައިނާއަށް ރާހިލްއާމެދު ޔަގީން ނުވާހާލު ރޭގައި އެފަދަ ފުރުސަތެއް ދިނީ ކީއްވެ ހެއްޔެވެ؟ އޭނާ އުއްމީދުކޮށްގެން ހުރީ ޝައިނާއާއެކު އާ ދިރިއުޅުމެއް ފަށައިގަތުމަށް އޭނާ ކުރި އިންތިޒާރަށް ފޮނި ނިމުމެއް އައީ ކަމުގައެވެ. އޭނާގެ އަތުތެރޭގައި ޝައިނާ ބާއްވައިލައިގެން އޮވެ ހޭދަވި ކޮންމެ ސުކުންތެއްގައި އޭނާ ދިޔައީ އެ ދިރިއުޅުން އާރާސްތުކުރާނެ ގޮތްތަށް ތަސައްވަރު ކުރަމުންނެވެ. ނަމަވެސް ޝައިނާގެ ދުލުން ބުނެލި އެންމެ ޖުމްލައަކާއެކު ރާހިލްގެ އެ ހުވަފެން ފުނޑުފުނޑު ވެއްޖެއެވެ. ހިތް ކުދިކުދިވެއްްޖެއެވެ. އެ ހިތުގައިވި ފަނޑު އުއްމީދުގެ ހުޅުކޮޅު އެކީ ނިވައިލެވިއްޖެއެވެ. ދެން އޭނާ ކުރަން އޮތް ހަމައެކަނި ކަމަކީ ޝައިނާ މިނިވަންކުރުމެވެ.

ކޮޓަރީގައިހުރި ބޮޑު އަލަމާރިން ނެގި ޖީންސާއި ޓީޝާޓު ގަޔަށް މަހައިލައިގެން ރާހިލް ނުކުތީ ޓެރަހަށެވެ. އެތަނުގައި ބަހައްޓައިފައިހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނދެ ހިޔާލުތަކަށް ގެއްލުނުތާ މާ ގިނައިރެއްނުވެ އާދުވަހަކަށް މަރުހަބާ ކިޔަމުންއެރި އިރުގެ ދޯދިތައް ޖައްވުގެ ތެރެއިން ފާޅުވާން ފަށައިފިއެވެ. ރާހިލްއަށް އޭނާގެ ފަހަތުން ޝައިނާގެ ފިޔަވަޅުތަކުގެ އަޑު އިވެންފެށިއެވެ. ޓެރަހަށް ނުކުތް ޝައިނާއާ ދިމާލަށް އިސްއުފުލައި ބަލައިލުމުގެ ހިޔާލެއްނެތި އޭނާގޮސް ވަނީ ކޮޓަރިއަށެވެ. އަވަސް އަވަހަށް އޭނާގެ ވޮލެޓާއި ތަޅުދަނޑިފަތި ހޯދައިލުމަށްފަހު ކޮޓަރިން ނުކުތުމަށް ހިގައިގަތެވެ. އެވަގުތު ފަލަމަސްގަނޑާ ހަމައަށް ފޯރާ ރާހިލްގެ ގަމީހުގެ މަތިން ރޭގައި ލައިގެންއުޅުނު ކާޑިގަން ކޮނޑަށް މަހައިލަމުން އަނެއްކާވެސް ކޮޓަރިއަށްވަތް ޝައިނާ ފެނުމާއެކު ރާހިލް އެދިމާލަށް ދިޔައެވެ.

"އަން މީގަ ހިފާ.." ރާހިލް ވޮލެޓު ހުޅުވައިލައި އޭގެން ނެގި ފަސް ސަތޭކަ ރުފިޔާގެ ނޫޓެއް ޝައިނާއަށް ދިއްކޮށްލިއެވެ. ޝައިނާއަށް ސުވާލުގެ ނަޒަރަކުން ރާހިލްއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ.

"ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ އިތުރަށް އަހަރުމެން ގުޅުވައިދޭނެ އެއްވެސް ކަމަކަށް ޖާގަދޭކަށް އަހަރެން ބޭނުމެއްނޫން.. ވީ އޯލްރެޑީ ހޭވް ޔާނާ އެންޑް ރާއީ. ނޯ މޯރ މިސްޓޭކްސް.. ގޯ ޓު ދަ ފަރމަސީ އެންޑް ގެޓް އަ ޕްލޭން-ބީ އޯރ ސަމްތިންގް" ރާހިލް ބުންޏެވެ.

"ވަޓް؟؟ ތިބުނީ އެ ދެކުދިންނަކީ މިސްޓޭކްއެކޭތަ؟ ޔާނާއާއި ރާއީއަށް އަހަރެން ޕްރެގްވިއިރު ވީ ވަރ ހެޕިލީ މެރީޑް ރާހިލް.. ކައިވެންޏެއްގެ މަތީގައިތިބެ ލިބޭ ދަރިންނަކީ މިސްޓޭކްސްތަ؟" ޝައިނާއަށް ލިބުނު ސިހުމުގައި އަހައިލެވުނެވެ.

"ވިތް ޔޫ ޔެސް! ޝައިނާއާއެކު އަހަރެން ހޭދަކުރި ކޮންމެ ދުވަހެއް ކޮންމެ ސުކުންތަކީ މިސްޓޭކެއް. އެންމެބޮޑު މިސްޓޭކަކީ އަހަރެންނަށް ޝައިނާދެކެ ލޯބިވެވުން. އަހަރެން ދެން ޝައިނާގެ ފަރާތުން އެއްވެސް ކަމެއް ބޭނުމެއްނޫން. ލޯތްބެއްވެސް.. ރޭގަ އަހަރެންނަށް އަދާކޮށްދިން ކަހަލަ ފޭވަރ އެއްވެސް.. ބޭނުމެއްނޫން.. ސޯ ކީޕް ދިސް" ޝައިނާގެ އަތަށް އެ ނޫޓު ލައިދެމުން ރާހިލް ދުރަށް ފިޔަވަޅެއް އަޅައިލި ނަމަވެސް ޝައިނާ ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ރިއަލީ؟ އާރ ޔޫ ޕެއިންގް މީ ފޯ ވަޓް ހެޕެންޑް ލާސްޓް ނައިޓް؟ ރާހިލްގެ ނަޒަރުގަ އަހަރެންގެ އަގު އެހާވެސް ދަށީތަ؟" ޝައިނާ އަހައިލިއެވެ.

ރާހިލްގެ ބޮލުގައިވާ ރިހުން އިތުރަށް ގަދަވިއެވެ. ޝައިނާއަކަށް ދުވަހަކުވެސް އަމިއްލަ ކުށެއް ނުފެންނާނެތާއެވެ. އެއީ ކޮން ކަމަކު ކޯއްޗެއް ގަންނަން ދިން ފައިސާއެއްކަން ބުނީމަވެސް އެކަންތައްގަނޑު ބޮޑުކޮށްލައި ވާހަކަ އޮޅުވައިލަނީއެވެ.

"އައިމް ނޮޓް ޕެއިންގް ޔޫ ފޯރ އެނީތިންގް.."

"ޔޫ ރިއަލީ ތިންކް ޔޫ ކޭން ބައި މީ ވިތް ދިސް" ރާހިލްއާ ދިމާލަށް ހަޅޭއްލަވައިގަންނަމުން ޝައިނާ އަތުގައިއޮތް ނޫޓު ރާހިލްގެ މޫނުމައްޗަށް ހޫރައިލިއެވެ.

"އަހަރެން މިބުނީނޫންތަ ފަރމަސީ–"

"އަހަރެންމީ އެހާވެސް ޗީޕް މީހެއްކަމަށްތަ ހީކުރީ!"

ޝައިނާގެ އަޑު މަޑެއް ނުވިއެވެ. ރާހިލް ދައްކާ ވާހަކައެއްވެސް އަޑުއަހާކަށް ނޫޅުނެވެ. އޭނާ ޝައިނާއާމެދު އެފަދަ ދަށުދަރަޖައިގެ ގޮތަކަށް ދުވަހަކުވެސް ނުދެކޭނެއެވެ. އަދި ޝައިނާއަށް އޭނާއާމެދު އެހާ ގޯސްކޮށް ހީވާންޖެހޭވަރު ކަމެއް އޭނާއަކަށް ކުރެވިފައެއްނެތެވެ. ނަމަވެސް ޝައިނާއަށް ވިސްނައިދޭން އުޅުމަކީ ބޭކާރު ކަމެއްކަން ރާހިލްއަށް އެނގުނެވެ. ކެތްތެރިވާން މަސައްކަތްކުރި ނަމަވެސް އޭނާގެ ރުޅިގަނޑު ދިޔައީ ފަޅައިގެނެވެ.

"ކޮބާތަ މައްސަލައަކީ އޭން؟؟!" ރާހިލް ޝައިނާއާ ދިމާލަށް ހަޅޭއްލަވައިގަތީ މިއިން ޒަމާނަކުވެސް އޭނާ ޝައިނާއާ ދިމާލަށް އަޑު ނުލާހާ ބާރަށެވެ. ހުދު ޝައިނާއަށްވެސް ޖެހިލުންވެފައި ފަހަތައް ފިޔަވަޅެއް އަޅައިލެވުނެވެ.

"މަށަށް ހަމަ ރަނގަޅަށް ކުރެވޭ އެއްކަމެއްވެސް ނެތީއޭ. ބޯ ގޮވައޭ އެބަ. ކޮންކަމެއް ނުވެގެންތަ ތި އުޅެނީ؟ ކޯއްޗެއް ޗީޕްވެގެންތަ؟ ނުވަންޏާ މިވެސް ބަހައްޓަބަލަ؟" ރާހިލް ވޮލެޓުންނެގި ހުރިހާ ކާޑަކާއި ފައިސާގެ ނޫޓެއް އަދި ވޮލެޓުވެސް ޝައިނާއާ ދިމާލަށް ހޫރައިލުމަށްފަހު އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިން ނުކުމެގެން ދިޔައެވެ. އެއާއެކު ސިހިފައިހުރި ޝައިނާގެ ދެލޯ ފެންކަޅިވަމުންގޮސް އޭނާއަށް ގިސްލެވެން ފެށުނެވެ.

ރާހިލް ތިރިއަށް ފޭބިއިރު ބަދިގޭގައި ކޮފީތައްޓެއް ހިފައިގެންހުރި އިޝްވާ ދެލޯ ބޮޑުކޮށްލައިގެން އޭނާއާ ދިމާލަށް ބަލަން ހުއްޓެވެ. ހީވާ ގޮތުގައި ކީއެއްޗެއް ސާފު ނުވި ކަމުގައި ވިޔަސް އޭނާ ހަޅޭއްލަވައިގަތް އަޑު އިޝްވާއަށްވެސް އިވުނީއެވެ. އިޝްވާއާ އަނގައިން ބުނުމެއްނެތި ރާހިލް ގެއިން ނުކުތްއިރު އޭނާ އައިސްފައިހުރި ރުޅި އިޝްވާއަށްވެސް ފާހަގަވާނެކަން ގައިމެވެ.

ސައިކަލަށް އަރައި ފަތިހުގެ އަމާންކަމުގައި އޮތް މަގުތައްމަތީ ދުއްވަމުންދިޔަ ރާހިލްއަކަށް ދާނެ ތަނެއް ނޭނގުނެވެ. އެންމެފަހުން އޭނާ ދިޔައީ އޮފީހަށެވެ. ކެބިންއަށްވަދެ ގޮނޑީގައި އިށީންއިރުވެސް ރާހިލްއަށް ދިޔައީ ފުން ނޭވާތަކެއް ލެވެމުންނެވެ. ހަމަޖެހެން މަސައްކަތްކުރިކަމުގައި ވިޔަސް އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. މުޅި ހަށިގަނޑުގައިވާ މަޑު ތުރުތުރުން ހީވަނީ ދެންމެ ދެންމެ މީހާ ފުނޑުފުނޑު ވެދާނެހެނެވެ. ޝައިނާއާމެދު ކަންތައް ކުރެވުނު ގޮތާމެދު އިންތިހާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުންދިޔައެވެ. ކުރާނީ ކީއްހެއްޔެވެ؟ އެވަގުތު އައި ގަދަ ރުޅީގައި އޭނާއަށް ވީނުވީއެއް ނުވަތަ ކިޔުނު އެއްޗެއްވެސް ނޭނގުނީއެވެ. އަދިވެސް އެ ރުޅީގެ އަސަރު ހަށިގަނޑުން ފިލައިގެން ނުދާކަން އެނގުނީ ކުއްލިއަކަށް ރާހިލްގެ ހަށިގަނޑަށް އެރި ބާރާއެކު މޭޒުމަތީގައިހުރި އެއްޗެހިތައް ބިންމައްޗަށް ހޫރައިލުމުންނެވެ. ދެއަތުގެ އުޅަނބޮށި މޭޒުގައި އަޅުވައިލަމުން ރާހިލް ދެ އަތްތިލައިގެ ތެރޭގައި މޫނު ފޮރުވައިލިއެވެ. ރާހިލް އެ ދެއަތް ތިރިކޮށްލީ އިރުކޮޅެއްފަހުން އޭނާގެ ގާތުން އިވުނު ލައިޝާގެ އަޑަށެވެ.

"ރާހިލް.. ރާހިލް އާރ ޔޫ އޯކޭ.. ކިހިނެ— އޯ މައި ގޯޑް.." ލައިޝާގެ ސުވާލު މެދުކެނޑުނީ އިސް އުފުލައިލައި އޭނާއާ ހަތަރުކަޅި ހަމަކޮށްލި ރާހިލްގެ ދެލޮލުގައިވާ ރަތްކަން ފެނުމުންނެވެ.

"ލައި.. ހާދަ ހެނދުނަކާ.. އަހަރެން ހީކުރީ އެކަކުވެސް ނޫޅެކަމަށް" ރާހިލް ނޭފަތް ދަމައިލަމުން ބުންޏެވެ. އޭނާގެ އަޑުގައި ކުރަކި ކަމެއް ހުއްޓެވެ.

"ހެނދުނު އޮތް އަޑު އެހުމަކަށް ރެޑީ ވެލަންވެގެން ފަތިހު މިއައީ. އެކަމް ދެޓްސް ނޮޓް އިމްޕޯރޓަންޓް ފޯރ ނައު.. ރާހިލް ބުނެބަލަ. ކިހިނެއްތަ ވެފަ ތިހިރީ.. ވަރަށް ހާސްވޭ އެބަ. ހީއެއް ނުކުރަން ޗުއްޓީ ނިންމާފަ އަންނަ ރާހިލް ފެންނާނީ މިކަހަލަ ގޮތަކަށްކަމަށް" ރާހިލް އިން ގޮނޑިއާ ގާތަށް ގޮނޑިއެއް ދަމާލަމުން ލައިޝާ އޭގައި އިށީނެވެ. ރާހިލްގެ ފަރާތުން ލައިޝާއަށް ލިބުނީ ހިމޭންކަމެކެވެ.

"ރާހިލް" ލައިޝާ ތަކުރާރުކޮށް ގޮވައިލިއެވެ.

"ޔެސް ލައި.. މާބޮޑު ކަމެއް ނުވެޔޭ. ވައިފްއާއެކު ކުޑަ ފައިޓެއް ދިޔައީ" ރާހިލް ގަދަކަމުން ހިނިތުންވެލިއެވެ.

"ކުޑަ ފައިޓެއް ހެނެއް ހިއެއްނުވޭ ދޯ.. ބުނެބަލަ ކިހިނެއްތަވީ؟ރާހިލްއަކީ މިހެން އުޅޭ މީހެއްނޫނެއްނު. ރުޅިގަދަ މީހެެއްވެސް ނޫން. ވަޓްސް ހެޕެނިން ޓު ޔޫ؟" ބިންމަތީގައިހުރި އެއްޗެއްސަށް އިޝާރާތްކޮށްލަމުން ލައިޝާ އަނެއްކާވެސް އަހައިލިއެވެ.

"ލައި އަހަރެން.. އަހަރެންނަކީ ވަރަށް ކަޑަ މީހެއް ކަންނޭނގެ.. ވަރަށް ގޯސްކޮށް ކަންނޭނގެ މި ކަންތައް ކުރެވުނީ ދޯ" ރާހިލްއަށް ބުނެވުނެވެ.

"ތިވަރަކުން އަދި އަހަރެންނަކަށް ނޭނގޭނެ ދޯ ވަކި އެއްޗެކޭ ބުނާކަށް. ރާހިލް ތިހާ ފަސްޖެހެންޏާ މިވަގުތު އެއްވެސް ވާހަކައެއް ނުކިޔާދިނަސް އެންމެ ރަނގަޅު. އެކަމަކު އަހަރެން އަބަދުވެސް ހުންނާނަން އަޑުއަހަން ތައްޔާރަށް." ލައިޝާ ބުންޏެވެ. ރާހިލް ހަމައެކަނި ބޯ ޖަހައިލުމަކުން ފުއްދައިލީއެވެ. ލައިޝާއަކީ އޭނާއާ މާ ގާތް ރައްޓެއްސެއްވެސް ނޫނެވެ. އެހެންކަމުން ދިރިއުޅުމުގެ އެހާ ޒާތީ ވާހަކަތަކެއް ލައިޝާއާ ހިއްސާކުރަން ރާހިލް ބޭނުމެއްނުވިއެވެ. ރާހިލްގެ އަނގައިން ބަހެއް ނުލިބުމުން ލައިޝާވެސް އެތަނުގައި މަޑުކުރާކަށް ގަސްތެއްނުކުރިއެވެ. ކެބިންއިން ނުކުންނަމުން އޭނާ ގުޅައިލީ އިޝްވާއަށެވެ. ރާހިލްގެ ހާލަތު އިޝްވާއަށް ކިޔައިދިނުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ދުއްޓެވެ.

*****************

"އަހަރެން ހިއެއްނުކުރަން މަންމަ ތިގެއަށް ދިޔަ ކަމަކަށް. ތިހެން ބުނި ނަމަ މިއަދު މަންމަވެސް ބީޗަށް ގެނައިހޭ. އެކަމަކު ޝައި އަދި މަންމައާ މީޓްކުރަން އެހާ ރެޑީ ނޫންހެން ހީވީމަ އެކަހަލަ ވާހަކައެއް ނުދެއްކީ"

ހުޅުމާލޭ އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައިތިބި ޒީވާއާއި ޝައިނާ ދިޔައީ އެމީހުން ގެނައި ކޮތަޅުތަކުން ކާ އެއްޗެހި ހުސްކުރަމުންނެވެ. ޒީވާ ހަމަ ކުއްލިއަކަށް މޫދަށްއެރޭ ހިތްވެގެން ބީޗަށްދާން ރޭވުމުން އެމީހުންނަށް މާގިނަ ތައްޔާރީތަކެއް ނުވެވުނެވެ. ކާއެއްޗެއްވެސް ނެހެދުނެވެ. އެންމެފަހުން ޖެހުނީ ލުއިކާނާފަދަ ތަކެތި ގަނެގެން އެތަނަށް އަންނާށެވެ.

"ކުރީދުވަހު އައިސްފަ ވަރަށް ލަސްވިފަހުން ގެއަށް ދިޔައީ. އެރޭ ޔާނާމެން ނިންދެވީވެސް މަންމަ" ޝައިނާ ކުރު ޖަވާބަކުން ފުއްދައިލިއެވެ.

"ރާއީ ފެނުނީމަ އެއްޗެކޭ ނުބުނޭތަ؟ ޝޮކެއް ލިބިފަ ދޯ ހުރީ؟" ޒީވާ ސަމާސާ ރާގަކަށް އަހައިލިއެވެ.

"ހީވަނީ އެހެން ކަންނޭނގެ. އެކަމަކު މާވަރަކަށް އެވާހަކައެއް ނުދައްކާ. ރާހިލްގެ ކަންތަކާ ވަރަށް ދެރަވެފަ ހުރިހެން ހީވަނީ" އެމީހުންނާ މާ ދުރުނޫން ހިސާބެއްގައި ވެއްޔާ ކުޅެންތިބި ތިން ކުދިންނަށް ބަލައިލަމުން ޝައިނާ ބުންޏެވެ.

"ދޮންބެވެސް މާ ބޯ ހަރީއޭ. މަންމައަށް ކުރެވުނީ ކުށެއްކަން އަހަރެން ގަބޫލުކުރަން. އެކަމަކު މަންމަވެސް ހުރީ ނޭނގުމެއްގެ ތެރޭގައެއްނު. ދޮންބެ އުޅުނު ޕްލޭބޯއީ ގޮތްގަނޑު އެނގޭތީ މަންމަ އެ ހުރިހާ އެއްޗެއް ކީ ދޮންބެގެ ދިރިއުޅުން ސަލާމަތްކުރަން. އަދި ޝައިނާވެސް" ޒީވާ ބުންޏެވެ.

"އަހަރެންނަށްވެސް އެނގެޔޭ ތިކަން. ރާހިލްއަށް ވިސްނައިދެވޭތޯ މަސައްކަތްކުރިން.. އެކަމަކު"

"ހަމަ ގަބޫލެއް ނުކުރިދޯ؟ ކީއްކުރާނީ؟ ދެން އަހަރެންނަށްވެސް ކުޑަކޮށް އަންޑަރސްޓޭންޑް ވޭ ކަންނޭނގެ ދޮންބެގެ ސިޗުއޭޝަން. ރިއާންއާ ދިމާލަށް މަންމަ އެއްޗެހިކީނަމަ އަހަރެންނަކަށްވެސް ހަޖަމެއް ނުވާނެ ކަންނޭނގެ. ދެން އެކަމަކުވާ ދޯ. މިއުޅެނީ އަދި މާ ހެއްވާ ބައެއް. މިޒަމާނުގަ އުޅޭ ކުދިންނަށް ހަމަ އެހާ އޯކޭއީތަ ބްރޭކަޕަކަށް ފަހުވެސް ރައްޓެހިންގެ ގޮތުގަ ތިބެން؟" ޒީވާ ބަލައިލީ ދުރުގައިހުރި ވޮލީ ނެޓު ކައިރީގައި ވޮލީ ކުޅެންތިބި އިޝްވާއާއި އަނަމްގެ އިތުރުން ޝިމާންއާއި ނީމްއަށެވެ. ޝިމާންއާ ނީމް ނެޓުގެ އެއްފަރާތުގައި ތިބިއިރު އަނެއްފަރާތުގައި ތިބީ އިޝްވާއާއި އަނަމްއެވެ.

"ތެދަށް ބުނަންޏާ އަހަރެން ހީކުރީ ޝިމާން ނީމް ގޮވައިގެން އައިމަ ޝިމާން ޖޭ ކުރަންވެގެން ކަމަށް އިޝީ މާފަހުން ގުޅައިގެން އަނަމް ގެނައީ. އެކަމަކު ބަލާބަލަ. އެމީހުން ހަތަރުމީހުން ހީނުވޭ ދޯ އަލަށް ދިމާވި ބައެއްހެންވެސް."

ޝައިނާއަށް ބުނެވުނީ ކިހާ ތެދު ހަގީގަތެއްކަން އޭނާއަކަށް ނޭނގެއެވެ. އިޝްވާ ހަގީގަތުގައިވެސް އަނަމްއަށް ގުޅައިގެން އެތަނަށް ގެނައީ ޝިމާން ނީމް ގޮވައިގެން އައުމުންނެވެ. ބަލާބެލުމަށް އެ ހަތަރު މީހުންނަކީ ޒަމާންވީ އެކުވެރިންހެން ހީވިޔަސް އެމީހުންގެ ހިތުގައި އޮތް އެއްޗެއް އެނގޭނީ ކާކަށްހެއްޔެވެ. ޝިމާންއަށް ނީމް ލޯބިން ގޮވައިލާ ކޮންމެފަހަރަކު އިޝްވާގެ ލޭގައި ކެކިއަރާ ރުޅިގަނޑުގެ އިތުރުން ކުޅިވަރުގެ ކޮންމެ ޕޮއިންޓެއް ހޯދުމަށްފަހު އިޝްވާ އުފަލުން އަނަމްގެ ގައިގައި ބައްދައިލާތަންފެނި ޝިމާންގެ ހިތުގައި އުފެދޭ ހަސަދައިގެ ބޮޑު ރާޅުގެ ހިލަމެއް ވާނީ ކާކަށް ހެއްޔެވެ. އެ ހުރިހާ އިހުސާސްތަކެއްވަނީ އެމީހުންގެ ތުންފަތްތަކުގައިވާ ހިނިތުންވުމުން ފޮރުވައިލައިފައެވެ.

"އަހަރެންވެސް ވަރަށް ސަޕްރައިޒްވި އިޝްކޮ ކުއްލިއަކަށް ބޯއީފްރެންޑެއް އިންޓްރޮޑިއުސް ކޮށްދިނީމަ. ޝައިވެސް އަހަރެންގާތު ނުވެސް ބުނޭވިއްޔަ. އަބަދުވެސް އަހަރެންނަށް މިކަހަލަ ކަންކަން އެނގޭނީ އެންމެފަހަށް" ޒީވާ ތުންކޮޅު އޫކޮށްލިގޮތުން ޝައިނާގެ ގާތަށް ހިނިއައެވެ. އެވަގުތު ފަހަތުން އިވެންފެށި ފިޔަވަޅުތަކުގެ އަޑަށް ޝައިނާއާއި ޒީވާ ފަހަތް ބަލައިލިއެވެ. އޭރު ކަޅު ދަބަހެއް ހިފައިގެންއައި ރިއާން ޒީވާގެ ގާތުގައި އިށީނދެލަނީއެވެ. ރާހިލް މާބޮޑު ފިކުރަކާނުލައި އައިސް އިށީނީ ޝައިނާގެ ގާތުގައެވެ.

ރިއާން އަތުގައި އޮތް ދަބަސް ވެލިގަނޑު މައްޗަށް ވައްޓައިލުމަށްފަހު އެތަނުގައިހުރި ކޮތަޅުން ރެޑްބުލްދަޅެއް ނެގިތަންފެނި ޝައިނާ ދަބަސް ހާވައިލުމަށްފަހު އޭގެން ނެގި ކޮފީ ފުޅި ރާހިލްއަށް ދިއްކޮށްލިއެވެ. އެއީ ރާހިލްއަކީ އެނަރޖީ ޑްރިންކް ބޯ މީހަކަށް ނުވާތީ ޝައިނާ ގެނައި ކޮފީ ފުޅިއެކެވެ. ނަމަވެސް ޝައިނާ ދިއްކޮށްލި ފުޅީގައި ހިފާކަށް ރާހިލް ގަސްތެއްނުކުރިއެވެ. އަދި ޝައިނާއަށް ބަލައިލުމެއްނެތި ކޮތަޅުން ނެގި ފެންފުޅި ކަނޑައިލައި އަނގަޔަށް ކޯވަރެއް އޮއްސައިލިއެވެ.

"ކޮބާ ހުރިހާ އެއްޗެއް ފެނުނުތަ؟" ރިއާން ގެނައި ދަބަސް ހުޅުވައިލަމުން ޒީވާ އަހައިލިއެވެ. އޭގެން އޭނާ ނެގި ކުޑަކުދިން މޫދަށް އެރޭއިރު އަޅުވާ ކަހަލަ ވައި ޖަހާ ރިންގު ތަކެކެވެ.

"ވައި ޖަހަން ދޯ ޖެހޭނީ. ނެތްތަ ވައި ޖަހާ އެއްޗެއް؟" ރިއާން އެ ދަބަސް އިތުރަށް ހާވައިލަމުން އަހައިލިއެވެ.

"ހޫން އެއްކަލަ މިސްޓަރ ފޭންސީ ޕޭންޓްސް. ތިއަށް ފުމެލީމަ ތިކަންތައް ނިމުނީއޭ. ގެނޭ އަހަރެން އަތަށް ތި ޖަހާލަ ފާނަން" ރާހިލް އަތުގައި އޮތް ފެންފުޅި ބިންމައްޗަށް ދޫކޮށްލުމަށްފަހު އެ ދަބަސް ރިއާންގެ އަތުން ޖަހައިގަތެވެ.

"އިޓްސް ނޮޓް ގުޑް ފޯރ ލަންގްސް" ރިއާން ބުންޏެވެ.

"ދެޓްސް ރިޗް ކަމިންގް ފްރޮމް ޔޫ. އެންމެ ލަންގްސްއަށް ބަލައިގެން އުޅޭ މީހާއޯ މީ" ރާހިލް މަލާމާތުގެ ރާގެއްގައި ބުންޏެވެ.

"ދެން ދޮންބޭ.. ޝައި ބަލާބަލަ ދޮންބެ ކިޔާ އެއްޗެސް" ޒީވާ ޝަކުވާކޮށްލިއެވެ.

"އިން މައި ޑިފެންސް. އައި ކުއިޓް ސްމޯކިންގް ލޯންގް އެގޯ. ދޯ ބޭބީ" ރިއާން ޒީވާގެ ކޮލަށް ދޮނެއް ދިނުމާއެކު ޒީވާ އަވަސްއަވަހަށް ބޯ ޖަހައިލަމުން ހިނިތުންވެލިއެވެ. އެއާއެކު ރާހިލް ފަކުރެއް ފެނުނު ފަދައިން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލަމުން އޭނާ ހަވާލުވި އެއްޗެއްސަށް ވައި ޖަހަންފެށިއެވެ.

"އެމީހުންނަށްވެސް ގޮވާލަމާ. އޭރަށް އަވަސް ވާނެއެއްނު. އަވަހަށް ނިންމާލެވުނީމަ ދޯ މޫދަށް އެރެވޭނީ. އިޝީ.. ޝިމާން.. އަނަމް.." ޒީވާ އަނަމްގެ ނަން ގޮވައިލުމާއެކު ރާހިލްއާއި ރިއާންއަށް އެދިމާލަށް ބަލައިލެވުނެވެ. އިޝްވާއާއެކު އެދިމާލަށް ހިނގައިގަތް ޒުވާނާ ފެނުމާއެކު ރާހިލްގެ ދެބުމަ ގޮށްޖެހިލިއިރު ރިއާންގެ މޫނުމަތިންވެސް ޝައުގުވެރިކަން ފާޅުވާން ހުއްޓެވެ.

"އެ ކާކު؟" ރާހިލް އަހައިލިއެވެ. އޭނާ ރިއާންއާއެކު އެ ދަބަސް ބަލައި ދިޔައިރު އެ ޒުވާނާ އެތަނަކަށް ނާދެއެވެ.

"އިޝްކޮގެ ބޯއިފްރެންޑް އެއީ" ޒީވާ ނިކަން ހަމަޖެހިލާފައި ބުންޏެވެ.

"ވަޓް؟!" ރިއާންއާއި ރާހިލް އެކުއެކީގައި ޒީވާއާ ދިމާލަށް ބަލައިލިއެވެ.

"ހޫން. ދެން ދެމީހުން ވެގެން އެކުއްޖާ ބިރުގަންނަވާލާނީކީ ނޫން." ޝައިނާ ބުންޏެވެ. އޭރު އިޝްވާއައި އަނަމްގެ އިތުރުން ޝިމާންއާއި ނީމް އެމީހުންގެ ގާތަށް އައިސް ހުއްޓިލަނީއެވެ.

ރާހިލް އަވަސް އަވަހަށް އޭނާ އިށީނދެ އިންތަނުން ތެދުވިއިރު އެނާ ކުރަންއިން ކަންތަކުގެ މަތިންވެސް ހަނދާން ނެތްކަހަލައެވެ. ރާހިލް ކޮށްފާނެ ކަމަކާމެދު ކަންބޮޑުވެފައިހުރެ ރިއާންވެސް އަވަސްއަވަހަށް އިންތަނުން ތެދުވިއެވެ.

"ބަލާބަ މިހިރީ އިޝީ މީޓް ކޮށްދޭންބުނި ސްޕެޝަލް ކުއްޖާ" އިޝްވާއަށް ރާހިލް ފެނުމާއެކު އުފާވެލައިފައި ރާހިލްގެ އަތުގައި ހިފައި އެލިގަންނަމުން އެތަނުގައިހުރި އަނަމް ދައްކައިލިއެވެ.

"ހާއި..އަނަމް ހިއަރ.." އަނަމް ސަލާމަށް އަތްދިއްކޮށްލަމުން ރާހިލްއަށް ހިނިތުންވެލިއެވެ.

"ރާހިލް.." އަނަމްގެ ސަލާމަށް ރާހިލް ޖަވާބުދިނެވެ.

"އެންޑް ޔޫ އަރ؟" އަނަމް ބަލައިލީ އެތަނުގައި ހުރި ރިއާންއަށެވެ.

"ރިއާން" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރިއާން އަނަމްއާ ސަލާން ކޮށްލިއެވެ. އަނަމް ފެނުމާއެކު އޭނާގެ ސިކުނޑީގެ ކަނެއްގައި ރިއްސައިލީ ކީއްވެކަމެއް ނޭނގުނެވެ. އެ މޫނުމަތިން އޭނާއަށް ދަންނަ ފާޑު ޖެހިކަމުގައިވިޔަސް އަނަމްއާ ދިމާވީ ކޮންތާކުން ކަމެއް ހަނދާނަކަށް ނައެވެ. "ދެން މީނީ ޒީވާ. މިއީ ޝައި–" ރިއާންއަށް ހިނިތުންވެލަން ޖެހުނީ ގަދަކަމުންނެވެ.

"އަހަރުމެންނާ މިހާރު ދިމާވެއްޖެއޭ ދޯ އަނަމް.. މި އެއްޗެއްސަށް ވައި ޖަހާނެ ކުދިންކޮޅެއް ހޯދަންވެގެން މި ގޮވީވެސް. ކޮބާތަ ޝިމާން؟ އާދެބަލަ މިކަމާ އުޅެން" ޒީވާ އެތަނަށް އެންމެން އެއްކޮށްލުމާއެކު ރާހިލް އެތަނުން ދުރަށް ހިނގައިގަތެވެ. އޭނާ ގޮސް ވެލިކުޅެންތިބި ތިން ކުދިންގާތު އިށީނދެލަމުން ޔާނާގެނެސް އުނގުގައި ބައިންދައިލިއެވެ. ޝައިނާއާއެކު ވަގުތު ހޭދަކުރަން އޭނާ ބޭނުން ނުވީއެވެ.

ދާދި ދެންމެއަކާ ޖެހެންދެން ރަނގަޅު މޫޑެއްގައިހުރި ރިއާންގެ މިޒާޖަށް ވެރިވި ކުއްލި ހިމޭންކަން ޒީވާގެ ލޮލުން ކައްސައެއްނުލިއެވެ. ރިއާންގެ އަތުގައި ހިފައިގެން އޭނާ އެންމެނާ ދުރަށް ހިނގައިގަތީ އެކަމާމެދު ސުވާލު ކުރުމުގެ ގޮތުންނެވެ.

"ރިއާން.. ކަމެއް ވެފަތަ؟" ގޮނޑުދޮށަށް ބީއްސައިލާ ރާޅު ފައިތިލައިގައި ބީހިލާވަރަށް މޫދާ ގާތަށް އާދެވުމާއެކު ޒީވާ އަހައިލިއެވެ.

"ކަމެއް ނުވޭ ބޭބް. މި އަނަމް.. ނޭނގެ.. ޒީވްއަށް އިތުބާރު ކުރެވޭތަ އެ އަނަމްއަށް؟" ޒީވާގެ ނިއްކުރިމައްޗަށް ވެއްޓިފައިވާ ކުދި އިސްތަށިތައް ބުރުގަލުގެ ތެރެއަށް ލައްވައިލައިދެމުން ރިއާން އަހައިލިއެވެ.

"އަދި ނޭނގުނު ތި ބުނި އެއްޗެއް.. އަހަރެންވެސް ވަރަށް ކަންބޮޑުވެފަ ހުރީ އިޝީ ކުއްލިއަކަށް ކުއްޖަކާ ރައްޓެހިވީމަ. އެކަމަކު އަނަމްއާ ވާހަކަ ދައްކާލެވުނީމަ އެނގިއްޖެ ކިހާ ސްވީޓް ކުއްޖެއްކަން އެއީ. ބަލާބަލަ ސްކިންވެސް.. ހަމަ ޗޮކްލެޓް ގަނޑެއްހެން ހީވަނީ.." ޒީވާ މަޖާވެލައިފައި ބުންޏެވެ.

"ބޭބް ބޭނުމިއްޔާ އަހަރެންވެސް މިއަދު ޓޭން ވެލައިގެން ގޮސްދާނަމޭ" ރިއާން ލޯ ހަނިކޮށްލަމުން ޒީވާގެ ކަންފަތްދޮށުގައި ސިއްރުސިއްރުން ބުނެލިއެވެ. ޒީވާގެ ދުލުން އަނަމްއަށް އެހާ ފާޅުގައި ކުރި ތައުރީފު އޭނާއަށް ކަމުނުދިޔައީއެވެ.

"ޔޫ އަރ ޕަރފެކްޓް ރިއާން. އައި ލަވް ޔޫ." ރިއާންގެ އަތުގައި ހިފައިލަމުން ޒީވާ ބުންޏެވެ. ރިއާންވެސް އޭނާގެ ހިތުގައިވި ކަންބޮޑުވުންތައް ފޮރުވައިލަމުން ޒީވާއަށް ހިނިތުންވެލިއެވެ. ޒީވާ އެހެން ބުނީތީ އެކަމާ އަޅައިނުލަން ހުންނަން ބޭނުންވިއެއްކަމަކު ޝިމާންއާއި ނީމްއާ މުޅިންހިލާފަށް އަނަމް އެ އާއިލާއާ ބާއްވަމުންދިޔަ ދުރުކަން އޭނާއަށް ފާހަގަ ކުރެވުނެވެ. އަނަމް ކިރިޔާވެސް ވާހަކަދައްކަނީ އިޝްވާއާއެވެ. ރިއާންއަށް އެވާހަކަވެސް ޒީވާގާތު ބުނެވުނެވެ.

"ސާބަސް ރިއާން. އެއީ އަނަމް އަދި އަހަރުމެންގެ ތެރެއަށް އާވީމައޭ. ރިއާންވެސް ފުރަތަމަކޮޅު އެހާ ވަރަށް މީހުނާ ވާހަކަދައްކައެއް ނޫޅެމެއްނު. ފެންނަ އެންމެނާ ދޭތެރޭ އެހާ ނެގެޓިވްކޮށް ނުވިސްނަބަލަ"

ރިއާންއަށް މިފަހަރުވެސް ޖެހުނީ ޒީވާގެ ހިތްހަމަޖެހުމަށްޓަކައި ގަދަކަމުން ހިނިތުންވެލާށެވެ. އެހެނަސް އަނަމްއާމެދު އޭނާގެ ސިކުނޑިން ދެމުންދިޔަ އިންޒާރުތަކަށް ބީރުކަންފަތެއް ދިނުމަކީ އޭނާއަކަށް ފަސޭހަކަމަކަށް ނުވިއެވެ. ނޭނގިނަމަވެސް މުޅި ދުވަސް އެކީ އޭނާއަށް އަނަމްގެ ހަރަކާތްތަކަށް ފާރަވެރިވަމުން ދެވުނެވެ. އެހެންކަމުން ހުރިހާ އެެންމެން މޫދަށް އެރެން ތައްޔާރުވަމުންދިޔަ ވަގުތު ގޮނޑުދޮށާ ދުރަށް ހިނގައިގަތް އަނަމް ރިއާންގެ ލޮލުގައި އަޅައިގަތީ ނުހަނު ފަސޭހަކަމާއެކީގައެވެ. އޭނާ އަނަމްގެ ފަހަތުން ހިނގައިގަތްވަގުތު ޒީވާ ގޮވައިލި އަޑު އިވުމުން އޭނާގެ ފިޔަވަޅުތަކަށް ހުރަސްއެޅުނެވެ.

"ރިއާން.. ދޭބަލަ ޒިވްޔަން ގޮވައިގެން މޫދަށް އެރިލަން" ޒީވާ ގޮވައިލިއެވެ.

"ޒީވް ނުދާނަންތަ؟" ރިއާން އަހައިލިއެވެ.

"ޝައިވެސް ނުދެޔޯ. އަހަރެންވެސް ނުދާނަން ޝައި ނުދަންޏަކާ. ރިއާން ދޭބަލަ. ދޮންބެއާ އިޝްކޮއާވެސް އެދަނީނު ޔާނާ ގޮވައިގެން.. ރާއީ މިހާރުވެސް އެއުޅެނީ ޝިމާންމެނާއެކު މޫދުގަ. ޒިވްޔަންވެސް ދާ ހިތްވާނެއެއްނު" ޒީވާ ކުރެއް ނުކުރިއެވެ.

"އޯކޭ އޯކޭ. ތި ހުރިހާ އެއްޗެއް ނުކިޔަސް އަހަރެން ހިނގައިދާނަމޭ. އަނަމް ކޮބާ؟" ރިއާން ގަސްތުގައި އެއްސެވެ.

"ފިހާރައަކަށޭ ކިޔާފަ ދިޔައީ." ޝައިނާ ބުންޏެވެ. އިތުރަށް އެ މައުލޫއަށް ވާހަކަ ދައްކަން ނޫޅެ ރިއާން އަވަސްވެގަތީ ޒިވްޔަން ގޮވައިގެން މޫދަށް ފޭބުމަށެވެ.

"ޝައި ދެން ހަމަ މޫދަށް އެރޭ ހިތެއް ނެތްތަ؟" މޫދުގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް ބަލަން އިނދެ ޒީވާ ޝައިނާގާތު އަހައިލިއެވެ. ނަމަވެސް ޝައިނާއަކަށް ޒީވާގެ ވާހަކަ އަޑެއްނީވުނެވެ. އޭނާ އިނީ ފުންހިޔާލަކަށް ގެއްލިފައެވެ.

"ޝައި؟؟؟" ޝައިނާގެ އަތުގައި ހިފައި ތަޅުވައިލަމުން ޒީވާ ގޮވައިލިއެވެ. "ކޮންކަމަކަށް ގެއްލިފަ؟" އޭނާ އަހައިލިއެވެ.

"ޒީ.." ޝައިނާއަށް ފުންނޭވާއެއް ދޫކޮށްލަމުން ޒީވާއާ ދިމާލަށް ބަލައިލެވުނެވެ. "އަހަރެންނަށް ވަރަށް ބޮޑު މިސްޓޭކެއް ހެދިއްޖެ ކަންނޭނގެ" ޝައިނާ ބުންޏެވެ.

"ކިހިނެއްވީ؟" ޒީވާއަށް ބުމަ ގޮށްޖަހައިލަމުން އަހައިލެވުނެވެ. ނަމަވެސް ޒީވާގެ އެ ސުވާލަށް ޖަވާބުދޭކަށް އޭނާއަކަށް ނޭނގުނެވެ. ދިރިއުޅުމުގެ އެހާ ޒާތީކަމެއް އޭނާ ޒީވާއާ ހިއްސާކުރާނީ ކިހިނެއްހެއްޔެވެ.

"ޝައި…" ޒީވާ ދެންވެސް ގޮވައިލީ ޝައިނާއަށެވެ.

"އަ.. އަހަރެން—"

"އިޝީ ކޮބާ؟" އެވަގުތު އެމީހުންގެ ގާތަށް އައިސް ހުއްޓިލި އަނަމްގެ އަޑަށް ޝައިނާގެ ވާހަކަ މެދުކެނޑުނެވެ. ހިތާހިތުން އެއީ އޭނާގެ ނަސީބުކަމަށް ނިންމަމުން ޝައިނާ އަނަމްއަށް ހިނިތުންވެލިއެވެ.

"މޫދުގަ. އަނަމް ނޭރެންތަ؟" ޝައިނާ އަހައިލިއެވެ.

"ހްމްމްމް. އެރޭ ހިތެއްނެތް" އަނަމް އިށީނދެލީ ޝައިނާއާ ޖެހިގެނެވެ. އަނަމްގެ ކޮނޑުގައި ކުރިން ނެތް ދަބަހެއް އޮތްކަން ޝައިނާއަށް ފާހަގަކުރެވުނީ އެހިސާބުންނެވެ. އޭނާ އެކަމާމެދު މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ.

ޒީވާއާއި ޝައިނާ ދައްކަމުންދިޔަ ވާހަކަތަކުގައި އަނަމް ބައިވެރި ކުރެވޭތޯ މަސައްކަތްކުރި ނަމަވެސް އަނަމްގެ ފަރާތުން ގިނައިން ލިބެނީ ހިމޭންކަމެވެ. އޭނާ އިނީ ފޯނަށްގޮސް ގެއްލިފައެވެ. އެންމެފަހުން އިޝްވާ އައިސް އަނަމްގެ އަތުގައި ހިފައި ދަމަންފެށުމުން އޭނާ ކޮނޑުގައި އޮތް ދަބަސް ނަގައި ޝައިނާމެނާ ތަންކޮޅެއް ދުރުގައި ބާއްވައިލުމަށްފަހު އިޝްވާއާއެކު ދިޔައެވެ. އެކަމަކު މޫދަށް އެރުމުގެ ހިޔާލެއް ނުގެންގުޅުނެވެ.

"އަނަމް ވަރަށް ދުރު ދޯ އެންމެނާވެސް" ރާޅުޖަހާ ހިސާބު ދޮންވެލިގަނޑު މަތީގައި އިށީނދެލައިގެން ތިބި އިޝްވާއާ އަނަމްއަށް ބަލައިލަމުން ޝައިނާ ބުންޏެވެ.

"ރިއާންވެސް ބުނެފި ތިހެން. އަދި ރިއާން ބުނަނީ ނުލިބެޔޯ އެހާ ރަގަޅު ވައިބްއެއް. އެއީ ތެދެއްތަ؟ އަހަރެންނަށް ހީވަނީ ހަމަ ވަރަށް ރަނގަޅު ކުއްޖެއްހެން އެއީ" ޒީވާ ބުންޏެވެ.

"ޔާހް. އިޝްކޮވެސް ވަރަށް ހެޕީކޮށް ދޯ ފެންނަނީ" ޒީވާގެ ވާހަކައާ ބައިވެރިވެލަމުން ޝައިނާ ބުންޏެވެ. ނަމަވެސް ޒީވާ ދެންމެ ބުނި ވާހަކައާމެދު އޭނާވެސް ވިސްނަންފެށިއެވެ. ރިއާންއަކީ މީހުންގެ މިޒާޖާއި ހަގީގަތް ދެނެގަތުމުގައި ކުޅަދާނަ މީހެކެވެ. ކަމެއް ވުމުގެ މާކުރިން އަބަދުވެސް އެކަމެއް ވެދާނެކަމަށް އިންޒާރު ދޭނެއެވެ. ވީއިރު ރިއާންއަށް އެހެން ހީވާނީ ކޮންމެވެސް ސަބަބެއް އޮވެގެނޭ ޝައިނާގެ ހިތަށް އެރިއެވެ.

ޒީވާދެއްކި ވާހަކައާމެދު އެގޮތް މިގޮތަށް ވިސްނުމުގެ ތެރޭގައި އޭނާގެ ވައަތްފަރާތުން ފޫޓެއްހާ ޖާގައެއްގެ ދުރުގައި އޮތް ގަދަނޫކުލަިގެ ދަބަހަށް ޝައިނާގެ ސަމާލުކަން ދެވުނެވެ. ކުރިން އެ ދަބަހާމެދު އަޅައިނުލެވުނު ކަމުގައިވިޔަސް ޒީވާގެ ވާހަކަތައް ހަނދާންވެ އޭނާ ހަމަ ކުއްލިއަކަށް އޭގައިވި އެއްޗެއް ބަލައިލުމަށް ޝައުގުވެރިވީއެވެ. އަނަމް ދެންމެ ހިފައިގެން އައި އެ ދަބަހުގެ ޒިބުގައި ޕްލާސްޓިކް "ޒިޕް-ޓައި" އެއް ހަރުކުރެވިފައިވިއެވެ. ޝައިނާ މަޑުކުރީ އޭނާގެ ގާތުގައި އިން ޒީވާ ދުރަށް ޖެހިލާނެ އިރަކަށެވެ. އެކަމަށްޓަކައި މާބޮޑު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. އިރުއޮއްސެން ގާތްވުމާއެކު ޒީވާ މޫދާ ދިމާލަށް ހިނގައިގަތީ އެންމެންގާތު ގެއަށްދާން ވެއްޖެކަމުގައި ބުނަމުންނެވެ.

ޝައިނާ އަވަސްއަވަހަށް ވަށައިގެން ހޯދައިލިއެވެ. އޭރު އިޝްވާއާއި އަނަމްއެއް އެ މުޅި ހިސާބުގައިވެސް ފެންނާކަށް ނެތެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ޝައިނާ އެ ދަބަހާ ގާތަށް ޖެހިލަމުން ޒިބު ހުޅުވޭތޯ މަސައްކަތްކުރިއެވެ. އެކަން ދިޔައީ ނާކާމިޔާބު ވަމުންނެވެ. އޭގައި އަޅުވާފައި އޮތް "ޒިޕް-ޓައި" ކަނޑާނުލައި އެކަން ކުރުމަކީ ނާދިރުކަމެކެވެ. ނަމަވެސް ޝައިނާގެ ތޫނުފިލި ސިކުނޑިން އެކަމުގެ ހައްލަކާމެދު ވިސްނާކަަށް ގިނައިރެއްނުވިއެވެ. ބޮލުގެ ހުޅި ކައިރީގައި ޖަހާފައިވާ ކަޅުދަތި ނަގައި އެ ޓައި "ޒިޕް-ލޮކް" ކުރެވިފައިވާ ތަނަށް ހަރައިލަމުން މަޑުމަޑުން ފަރުވާތެރިކަމާއެކު އެ ޓައިގެ ކުޑަ ތަންކޮޅެއް ދޫކޮށްލިއެވެ. ދަބަހުގެ ޒިބު ދެތިން އިންޗިއެއްހާތަނަށް ހުޅުވައިލެވޭނެ މިންވަރަށެވެ. ތެޅި ތެޅިއޮތް ހިތަކާއެކު އޭނާ ފޯނުގެ ފްލޭޝްލައިޓް ޖައްސައިލުމަށްފަހު އެ ހަނި ޖާގައިން ދަބަހުގެ ތެރެއަށް އަލިކޮށްލައި ފޮޓޮއެއް ނެގިއެވެ.

ފޮޓޮއަށް ބަލައިލުމާއެކު ޝައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ލިބުނު ސިހުމުގައި ފޯނުވެސް އަތުން ދޫނުވީ ކިރިޔާއެވެ. އޭނާއަށް ފެނުނު މަންޒަރު ޔަގީން ކުރުމަށްޓަކައި އެ ހަނީ ޖާގައިގެ ތެރެއިން އަތުގެ އިނގިލިތައް ލައްވައިލުމަށްފަހު އޭގައި ހުރި އެއްޗެއްގައި އަތް ޖައްސައިލިއެވެ. އަދި ދެވަނަ ސިކުންތުގައި އަވަސް އަވަހަށް ދަބަހުގެ ތެރެއިން އެ އިނގިލިތައް ދަމައިގަންނަމުން ދަބަހުގެ ޒިބު އަޅުވައިލުމަށްފަހު "ޒިޕްـޓައި" އަށް ބާރުކޮށްލިއެވެ. އެ ދަބަހުގައި ހުރީ ހުސް ފައިސާއެވެ. ފަސްސަތޭކައިގެ ނޫޓުހުރި ބަންޑަލިތަކެއް ހަދައި ރަބަރު އަޅުވާފައިހުރި އެތައްހާސް ރުފިޔާއެކެވެ. ލައްކައަކާ ގާތްކުރާނެކަން ޔަގީނެވެ. ޝައިނާގެ ހަޔާތުގައިވެސް އެހާގިނަ ނަގުދު ފައިސާ ދުށް ހަނދާނެއް ނުވެއެވެ. އިސާހިތަކު ޝައިނާގެ ވިސްނުން އަނަމްއާމެދު ގޯސްވާކަށް ހިނދުކޮޅެއްވެސް ނުނެގިއެވެ. ލަސްނުކޮށް ރިއާންއަށް އެ މައުލޫމާތު ދޭން ބޭނުންވިޔަސް އެކަން ކުރެވޭގޮތް ނުވީ ޔާނާއާއި ރާއީ ގެއަށްދާން ތައްޔާރުކުރަން ޖެހުމުންނެވެ. އެކަން ނިންމައިލުމާއެކު ރާހިލް އެ ދެކުދިން ގޮވައިގެން ކާރާ ދިމާލަށް ހިނގައިގަތީ ޝައިނާއަކީ އެތަނުގައި ހުރި މީހެއްކަމުގައިވެސް ހަދައިނުލައެވެ. އެދުވަހުގެ ހެނދުނުއްސުރެން ރާހިލް އޭނައާމެދު ބަހައްޓަމުންދާ ދުރުކަންފެނި ޝައިނާގެ ހިތުގައި ރިއްސައިލިއެވެ. ރާހިލްމެން ދިޔަ ދިމާލަށް ބަަލަން ހުރިފިޔަވަޅުމަތީ ހުއްޓިފައި ހުރެވުނީއެވެ.

"ސިސް.. ނުދަންތަ؟" ޝައިނާ ސިއްސައިގެންދިޔައީ ޝިމާން އޭންގެ ކޮނޑުގައި ޖެހިލައިފައި ދިޔުމުންނެވެ.

"ނޫން.. މި.. މިދަނީ" ބިންމަތީގައިހުރި އޭނާގެ ދަބަހާއި ޔާނާގެ ދަބަސް ނަގައިގެން ޝައިނާ އެތަނުން ހިނގައިގަތެވެ. އެތަނުގައި ކުރިން ހުރި އަނަމްގެ ދަބަސް މިހާރު ނެތްކަން ފާހަގަވެ އޭނާގެ ހިތަށް ކަންބޮޑުވުމެއް ވެރިވިއެވެ. އެ ހުރިހާ ފައިސާއާއެކު އެ ދަބަސް ގެއްލުނީބާއެވެ. ނޫނެކެވެ. އޭގައިހުރި އެއްޗެއްގެ ހަގީގަތެއް އެތަނުގައިހުރި އެކަކަށްވެސް ނޭނގޭނެއެވެ. ވީއިރު އެވާނީ އަނަމް އެ ދަބަސް ގެންދިޔައީ ކަމުގައެވެ.

"އިޝްކޮ ކޮބާ؟" ޝައިނާއަށް އެ އެންމެންގެ ތެރެއިން އިޝްވާއާއި އަނަމް ފެންނަން ނެތުމުން އަހައިލިއެވެ. އެންމެންގެ މޫނުމަތިންވެސް ހާސްކަމުގެ ކުލަވަރު ފާޅުވިއެވެ.

"އަނަމްއާއެކު ދިޔައީ…" އެކަކަށްވެސް އިޝްވާ ދިޔަތަނެއް ނޭނގުމުން ޝިމާން ޖަވާބުދިނެވެ. ދަތުރުގައި ހޭދަވި ހުރިހާ ވަގުތަކު އިޝްވާއަށް ސަމާލުކަން ދެވިފައިވީތީ އިޝްވާ ވީތަން އޭނާއަށް ނުހަނު ފަސޭހައިން އެނގުނެވެ.

"ރިއާން… މަޑުކޮށްބަލަ" ޝިމާންގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ޒީވާ ކާރަށް އެރިތަންފެނި ޝައިނާ ގޮވައިލިއެވެ. ރިއާން ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލުމާއެކު ރިއާން ގޮވައިގެން ޝައިނާ އެއްފަރާތަކަށް ޖެހިލިއެވެ. އަދި ފޯނުން ނެގި ފޮޓޯ ރިއާންއަށް ދައްކައިލިއެވެ.

"މިއީ؟" ރިއާންއަށް އަހައިލެވުނެވެ.

"ތިއީ.. ތިއީ އަނަމް ހަވީރު ގެނައި ދަބަހެއްގަ ހުރި ފައިސާ" ޝައިނާގެ ވާހަކަ ރިއާންއަކަށް ގަބޫލެއް ނުކުރެވުނެވެ. މިފަދަ ޒަމާނެއްގައި މިހާ ގިނަ ނަގުދު ފައިސާ އަނަމް އަތް ދަބަހެއްގައި މި ގެންގުޅެންވީ ކީއްވެހެއްޔެވެ؟

"އަހަރެން އެއްވެސް ވަރަކަށް އަނަމްއަކަށް އެއްވެސް ކަމަކު ޝައްކެއް ނުކުރަން. އިޝްކޮ އުފަލުގަ މޫވްـއޮން ކުރާތީ އަހަރެންވެސް ހުރީ ވަރަށް އުފަލުން. އެކަމަކު ރިއާން އަނަމްއަށް ޝައްކު ކުރާ ވާހަކަ ޒީ ބުނި ހިސާބުން ކުޑަކޮށް ކިއުރިއަސްވީ.. ހަމަ ކުއްލިއަކަށް ޒިޕްލޮކް އަޅުވާފަ ހުރި ދަބަހެއް ގެނައިމަ އޭގަ ހުރި އެއްޗެއް ބަލާލެވުނީ" ޝައިނާ ބުންޏެވެ.

"އިތުރު މީހަކަށް އެނގޭނެތަ؟" ޝައިނާގެ ވާހަކައާމެދު ވިސްނާލާ ފަދައަކުން ރިއާން އަހައިލިއެވެ.

"ނޫން. ރާހިލްއަށް ނޫނީ ޒީއަށް އެނގުނިއްޔާ ވަރަށް ކަންބޮޑުވާނެއެއްނު. އިންސްޓިންކްޓްގަ ކޮންމެ ކަމެއްވެސް ކޮށްފާނެ. އެހެންވެ ރިއާންގާތު މިބުނީ. އެނގޭ އަހަރެންނެކޭ އެއްގޮތަށް ރިއާންވެސް އިޝީއާ ދޭތެރޭ ވަރަށް ވިސްނާނެކަން. ސޯ ރިއާންއަށް އިތުރު އެއްވެސް ކަމެއް އެނގޭވަރަކުން އަހަރެންނަށް މައުލޫމާތު ދެއްޗޭ" ޝައިނާ ބުންޏެވެ.

ރިއާން ބޯ ޖަހާލައިފައިގޮސް ކާރަށް އެރުމުން ޝައިނާވެސް ރާހިލްގެ ކާރާ ދިމާލަށް ހިނގައިގަތެވެ. ކާރުގެ ކުރީ ދޮރުފަތް ހުޅުވައިލިއިރު އެތަނުގައި ރާއީ ބައިނދައި ސީޓްބެލްޓް އަޅުވައިފައި އިންތަންފެނި ޝައިނާއަށް އެއީ ރާހިލް ގަސްތުގައި އޭނާއަށް އެ ޖާގަ ނުދިނުމަށް ކުރި ކަމެއްކަން ޔަގީންވިއެވެ. އޭނާ ކާރުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލުމާއެކު ރާހިލް ކާރު ދުއްވައިލިއެވެ.

***************

މޫދަށް އެރިފައި އައުމުގެ ސަބަބުން ވެފައިހުރި ވަރުބައްޔާއެކު އެހެން ރޭރެއަށްވުރެ އަވަހަށް ޒިވްޔަން ނިދައިފިއެވެ. އެހެންކަމުން ޒީވާވެސް ބޭނުންވީ ލަސްނުކޮށް ފެންވަރައި ތާޒާ ވެލައިގެން ނިދުމަށެވެ. ޒިވްޔަންގެ ކޮޓަރިން އޭނާ ނުކުތްއިރު ރިއާން ބެލްކަނީގައި ކޮފީބޯން ހުރިތަން ފެނި ޒީވާ ކޮނޑު އަރުވައިލުމަށްފަހު ގޮސް ކޮޓަރިއަށްވަނެވެ. ދެން ފެނުނީ ޒީވާ ކޮޓަރިން ނުނިކުންނާނެކަން ޔަގީންވާހާ ވަގުތުކޮޅަކަށް މަޑުކޮށްލުމަށްފަހު ރިއާން ޖީބުގައި އޮތް ފޯނު ނަގައި ނަންބަރަކަށް ގުޅައިލިތަނެވެ.

"އައްސަލާމް އަލައިކުމް. އަޅުގަނޑުވެސް ހަމަ ގުޅާލަން އުޅެނިކޮށް ތި ގުޅާލީ" ފޯނުގެ އަނެއް ފަރާތުން އިވުނީ ސިރާޖުގެ އަޑެވެ.

"ކުޑަކަމެއް ބޭނުންވެގެނޭ މި ގުޅާލީ" ރިއާން އާދައިގެ ރާގެއްގައި ބުނެލިއެވެ.

"ތިކޮޅުން ބުނި ކަމެއް އަޅުގަނޑު ނުކޮށްދީފަ އެބަ އޮތްތޯ؟" ސިރާޖު އަހައިލިއެވެ.

"ނޫނޭ. އެހެން ވީމަތާ ދޯ މި ގުޅެނީވެސް. އަނެއްހެން މާ ބޮޑު ކަމެއްނޫން. އަހަރެން ފޮނުވާ މީހެއްގެ ބެކްގްރައުންޑް ޗެކެއް ރަން ކޮށްލަދީބަލަ" ރިއާން އެދުނެވެ.

"މައްސަލައެއްނެތް. ފޮޓޮއާ ނަމާ ފޮނުވާލަދީ މިކޮޅަށް" ސިރާޖު ބުންޏެވެ.

"އޯކޭ. އާން ޔެސް އަދި މަޑުކޮށްބަލަ. ކޮންކަމަކުތަ އަހަރެންނަށް ގުޅަން އުޅުނީ؟" ރިއާން ފޯނު ކަނޑައިލުމުގެ ކުރިން އަހައިލިއެވެ.

"އަޅުގަނޑުވެސް ކަމަކު ކިޔަންވެފަ އޮތީމަ. ތި މީހެއްގެ ތަފްސީލު މިރޭ ފޮނުވާލަދިނިއްޔާ ވަރަށް ރަނގަޅު. އޭރުން ތިކަން ނިންމާލާފަ އަޅުގަނޑު މާދަން ގުޅާލާނަން އެވާހަކަ ދައްކަން" ސިރާޖު ބުންޏެވެ. ރި

އާން އެންމެ ރަނގަޅޭ ބުނެ ފޯނު ކަނޑައިލިއެވެ. އަދި ޓެލެގްރާމްގައިވާ އާއިލީ ގްރޫޕަށް ފޮނުވާފައިވާ ދަތުރުގެ ފޮޓޯތަކުގެ ތެރެއިން އަނަމްހުރި ފޮޓޮއެއް ހޯދައިލުމަށްފަހު އަނަމްގެ ނަމާއެކު އެ ފޮޓޯ ސިރާޖުއަށް ފޮނުވައިލިއެވެ. ލައިގެންހުރި ސޯޓުގެ ޖީބަށް ފޯނު ކޮށްޕައިލުމަށްފަހު އޭނާ ހުސްކޮށްލި ކޮފީތަށި ބަދިގޭގެ ސިންކުގެ ތެރޭގައި ބަހައްޓައިފައި ރިއާންވަނީ ކޮޓަރިއަށެވެ. އޭރު ކޮޓަރީގެ އެއްބިތުގައިހުރި ދޮރުފޮތިތައް ކަހައިލައި އެތަނުގައިވާ ބިއްލޫރިގަނޑުން ބޭރަށް ނަޒަރު ހުއްޓައިލައިގެން ޒީވާހުއްޓެވެ. ރިއާން ލަސް ފިޔަވަޅުތަކެއްގައިގޮސް ޒީވާގެ ފަހަތުގައި ހުއްޓިލަމުން ޒީވާގެ ގައިގައި ބައްދައިލިއެވެ.

"ޔޫ ސްމެލް ސޯ ގުޑް ބޭބީ.." ޒީވާގެ ކޮނޑުގައި ތުންފަތް ޖައްސައިލަމުން ރިއާން ބުންޏެވެ.

"ހާދަ ވަރުގަދަ ކޯލެއްގައޭ ދޯ ހުރީ. ކާކުތަ ގުޅީ. ހަގު އަނބިތަ؟" ޒީވާ ސަމާސާކޮށްލިއެވެ.

"ތިކަހަލަ ސަމާސާ ނުކޮށްބަލަ. ސިރާޖޭ ގުޅީ." ރިއާން ބުންޏެވެ.

"ކަމަކުތަ؟" ޒީވާ އަހައިލިއެވެ.

"ހްމްމް. ކަމަކު ކިޔާށޯ. މާދަން ބުނާނަމޯ.. މީ. ޒިވްޔަން ކޮބާ؟ ނިދީތަ؟" ޒީވާއަށް ވާހަކަތައް ސިއްރުކުރުމަކީ އޭނާއަށް ފަސޭހަކަމަކަށް ނުވާތީ ރިއާން ވާހަކައިގެ މިސްރާބު ބަދަލުކޮށްލިއެވެ.

"ހްމްމް. މާދަމާވެސް ރާއީމެންގެއަށް ދާނަންދޯއޭ ކިޔަމުން ނިދީ. އަބަދު އެގެއަށް ދާން ކިޔަނީ. އެކަނިވީމަ މާ ފޫހިވަނީ ކަންނޭނގެ ދޯ" ރިއާންގެ މޭގައި ލެގިލަމުން ޒީވާ ބުންޏެވެ.

"ހްމްމް. އަހަރެންނަށް އެނގޭ ތިކަން ހައްލުކުރެވިދާނެ ގޮތެއް. އޭރުން ގައިމުވެސް ޒިވްޔަން އެކަންޏެއް ނުވާނެ" ރިއާން ބުންޏެވެ.

"ކިހިނެއް؟" ޒީވާ ޝައުގުވެރިކަމާއެކު އަހައިލިއެވެ. އެއާއެކު ރިއާން ޒީވާގެ ކަންފަތްދޮށުގައި ބުނެލި ސިއްރުން ޒީވާގެ މޫނު އެކީ ލަދުން ރަތްވެގެން ދިޔައެވެ.

"ދެން ރިއާން.." ޒީވާ އަކުރުތަކަށް ދަމައިލަމުން ގޮވައިލިއެވެ.

"ޔެސް ބޭބީ" ޒީވާ ގޮވައިލި ރާގުގައި ހަމަ އެހާ ތުއިވެލަމުން ރިއާން ގޮވައިލިއެވެ. އެއާއެކު ކޮޓަރިތެރެއިން އިވިގެންދިޔައީ ދެމަފިރިންގެ އުފާވެރި ހުނުމުގެ އަޑެވެ.

 

= ނުނިމޭ =

 

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. މިފަހަރު ހީކުރަން ރާހިލްގޮތްދޫނުކޮއް ހުންނާނެ ކަމައް. ގަބޫލުކުރަން ރާހިލްއަށް ކުރިން ގޯސްކޮއް ކަންތައްތަކެއް ކުރެވުނުކަމަށް އެކަމް ޝައިނާމިހާރު އެއުޅޭގޮތް ވަރަށް ފޫހި.

    10
    2
  2. އަންޔާގެ އިންސްޓަގްރާމް ނުވަތަ ފޭސްބުކް ޕޭޖެއް އިނދޭތޯ؟ އިނިއްޔާ އަޅުގަނޑު އިނގެން ބޭނުން..

  3. ޕިސްޕިސް…. އެއްކަހަލަަ ދެމީހުން. މުޅިން އިދިކޮޅަށް މިދިޔައީ. އެކަމަކުވެސް ވަރަށް ސަޅި މިބައިވެސް.

  4. Mi part vx v Reethi masha allah
    Curiously waiting for next part
    Keep it up
    Raahil and Saina gulhuvachey
    They both are made for each other
    Mi part kiyaafa rovijje
    Ishko and simaan dhuru nukurachey
    Ishko aa gulheynee simaan
    V interesting story eh
    V kiyaala hithun kiyani
    You’re my fav author
    I appreciate your hard work
    Kithamme lahun kiyaalan libunas Shakuvaa eh neih
    Alhugandu ge support Abadhuves libeyne insha Allah
    Raahil and Saina dhuru nukurachey
    When next part
    Love you ❤️😍

  5. އިން މައި އޮޕިނިއަން ޝައިނާގެ ރިއެކްޝަން ވަރަށް ރިއަލިސްޓިކް. އައި ގެސް ޝީ އިޒް ޖަސްޓް ޓްރައިންގ ޓު އެވޮއިޑް ގެޓިންގ ހާރޓް އަގައިން. ބައި ދެޓް ޝީ އިޒް ސެލްފް ސެބަޓާޖިން ހާރ އޯން ރިލޭޝަންޝިފް. ރިއަލިސްޓިކް ބަޓް ވެރީ އަންހެލްތީ. އައި ހޯޕް ޝީ ފައިންޑްސް ހެޕިނެސް އިން ދި އެންޑް.

  6. "ނަމަވެސް އެވަގުތު އެހިތުގައި އަޅަމުންދިޔައީ ދުލުން ބަޔާންކުރަން ދަތި ވޭނެކެވެ." ސްލޭ ޝައި ހަހަހަހަ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު