"ދެން ރިއާން.." ޒީވާ އަކުރުތަކަށް ދަމައިލަމުން ގޮވައިލިއެވެ.
"ޔެސް ބޭބީ" ޒީވާ ގޮވައިލި ރާގުގައި ހަމަ އެހާ ތުއިވެލަމުން ރިއާން ގޮވައިލިއެވެ. އެއާއެކު ކޮޓަރިތެރެއިން އިވިގެންދިޔައީ ދެމަފިރިންގެ އުފާވެރި ހުނުމުގެ އަޑެވެ.
*****************
ޖެހިގެން އައި ދުވަހު އޮފީހަށްގޮސް ކެބިންގައި ހަމަޖެހިލުމަށްފަހު ރިއާން ގުޅައިލީ ސިރާޖަށެވެ. ފޯނު ރިންގުވަމުންގޮސް ކެނޑުނު އިރުވެސް ޖަވާބެއް ނުލިބުމުން ރިއާން ނިންމީ ސިރާޖު އިސްނަގައި ހަބަރެއް ވާންދެން މަޑުކޮށްލާށެވެ. ސިރާޖުގެ ވަޓްސްއެޕް ކޯލެއް އޭނާއަށް ލިބުނީ އެދުވަހުގެ މެންދުރާ ގާތްވަނިކޮށެވެ. ކުރަންހުރި ހުރިހާކަމަކުން އަތް ފޮޅައިލުުމަށްފަހު ރިއާން އަވަސް އަވަހަށް އެ ކޯލަށް ޖަވާބުދިނެވެ.
"ހަލޯ.. ވަރަށް ކްލީން ބަސްއަހާ ކުއްޖެއްގެ ވާހަކަ ރިއާން ބުނުއްވީ. އަނެއްކާ ޔަގީންތޯ މިއީ ހަމަ ރަނގަޅު ކުއްޖާކަން" ފޯނު ނެގުމާއެކު ސިރާޖު ބުންޏެވެ.
"ކޮބާ ފައިލު؟ އެކައްޗެއްވެސް ނުފެނުނުތަ؟" ރިއާން އަހައިލިއެވެ.
"ޕޮލިސް ރިކޯރޑެއް ކީއްކުރަން ޕާކިންގް ސްޓިކަރ އެއްވެސް ނެތް. އޭނަ ބޭބެގެ ވާހަކަ ކަންނޭނގެ ރިއާން ދައްކަން ތި އުޅެނީ. އޭނަގެ ބޭބެ ރިހެބުން ދޫކޮށްލީ މީގެ މަހެއްކުރިން. ރިއާން ބަލާލަން ބޭނުމިއްޔާ ފައިލު އިންނާނެ ފޯނަށް ފޮނުވާލަފަ"
ސިރާޖުގެ ވާހަކަ ރަނގަޅަށް ނުނިމެންދެން ރިއާން ކޯލު ކުރު ކޮށްލުމަށްފަހު އެބުނާ ފައިލެއް ހުޅުވައިލައިފިއެވެ. ސިރާޖު ބުނި ފަދައިން އަނަމްގެ ފަސްބައި ވަރަށްވެސް ސާފެވެ. ނަމަވެސް އަނަމްއަކީ އަތޮޅުތެރޭގެ ރަށަކަށް ނިސްބަތްވާ ވަރަށް އާދައިގެ ދެމަފިރިއަކަށް ލިބިފައިވާ ތިންބެއިންގެ ތެރެއިން އެކެކެވެ. އަނަމްގެ އާއިލާއަކީ އެހާ ތަނަވަސް އާއިލާއެއް ނޫންކަން ސާބިތުވާއިރު އަނަމް އެހާ ތަނަވަސް ދިރިއުޅުމެއް މި އުޅެނީ ކިހިނެއް ހެއްޔެވެ؟ އެހާ ގިނަ ފައިސާ މި ހޯދަނީ ކޮންތާކުންބާއެވެ؟ އަނެއްކާ އަނަމްއަކީ ވަގަކީ ހެއްޔެވެ؟ ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިފަދަ ވަގު ވިޔަފާރިއެއް ކުރާ މީހަކީ ހެއްޔެވެ. ރިއާންގެ ސަމާލުކަން ހުއްޓުނީ އަނަމްގެ މައުލޫމާތު ހުރި ފައިލުގައިވާ އަނަމްގެ އެއްބަނޑު އެއްބަފާ ބޭބެގެ ނަމަށެވެ.
"އަހުޒަމް އަލީ؟" ރިއާންގެ ދެބުމަ ގޮށްޖެހުނެވެ. މިއީ އަނެއްކާ އޭނާ ދަންނަ އަހުޒަމްބާއެވެ.
އަނަމްގެ ފައިލު ނިވައިލުމަށްފަހު އެބުނާ އަހުޒަމްއަކާ ގުޅުވައިގެން ފޮނުވައިފައިވާ މައުލޫމާތުތައް ހުރި ފައިލު ރިއާން ހުޅުވައިލިއެވެ. އެންމެ ފުރަތަމަ ގަނޑުގައިވާ ޕާސްޕޯޓް ސައިޒުގެ ފޮޓޯ ފެނުނު ވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ފައިލުގައި ދެންހުރި މައުލޫމާތުތައް ކިޔުމަކީވެސް އޭނާއަށް މުހިއްމު ކަމަކަށް ނުވިއެވެ. ރޫޅައިލެވިފައިވާ މަންޒަރެއްގެ އެތިކޮޅުތަކެއް ގުޅޭ ފަދައިން އޭނާއަށް ހުރިހާކަމެއް ސާފުވާންފަށައިފިއެވެ.
އަނަމްގެ މޫނުން އެހާ ދަންނަ ފާޑެއް އެޖެހީ އަހުޒަމްއާ އެއްގޮތެއް ހުންނާތީ ކަމުގައި ރިއާންއަށް ޔަގީންކުރެވުނެވެ. އަނެއްކާ އަނަމްއާމެދު ޝައްކު ކުރުމަކީ އޭނާއަށް ހެދުނު ގޯހެއްބާއެވެ. ކޮންމެ ގޮތެއްވިޔަސް މިހާތު މިއޮތީ އަނަމްގެ މައުލޫމާތު ސާފުކުރެވޭނެ މަގެއް ފެނިފައެވެ. އެ މަގުން ކުރިއަށްދާން ރިއާން ގޮތް ނިންމިއެވެ .ދުވަހުގެ ބާކީހުރި މަސައްކަތްތައް މަޑުޖައްސައިލުމަށްފަހު އޭނާ އޮފީހުން ނުކުތީ ދާންވީ މިސްރާބު ވަރަށް ރަނގަޅަށް އެނގިހުރެގެނެވެ. ސައިކަލަށް އަރައިގެން އޭނާގޮސް މަޑުކޮށްލީ އޮފީހާ މާ ދުރުނޫން ހިސާބެއްގައިހުރި މަގެއްހާ ފުޅާ ގޯޅިގަނޑެއްގެ ކައިރިއަށެވެ. އެތަނާ ތަންކޮޅެއް ދުރުގައިހުރި ހިޔާގަނޑެއްގެ ދޮށުގައި ސައިކަލު ބަހައްޓައިލައިގެން އިނދެ އޭނާ އިންތިޒާރު ކުރަމުންދިޔައީ އެ ގޯޅިގަނޑުން އަހުޒަމް ނުކުންނާނެ އިރަކަށެވެ. އެކަމަށްޓަކައި މާ ދިގު އިންތިޒާރެއް ކުރާކަށް ނުޖެހުނެވެ. ލައިޓަރެއްގެ ހުޅު ކޮޅު ފޮރުވައިލައިގެންހުރެ ތުނބުގައި އޮތް ސިނގިރޭޓެއް ރޯކުރަމުން ނުކުތް އަހުޒަމް ފެނުމާއެކު ރިއާން އަތުގައި އޮތް ފޯނު ކަންފަތުގައި ޖަހައިގެންހުރެ އެދިމާލަށް ހިނގައިގަތެވެ. ނޭނގޭކަމަށް ހެދިފައިގޮސް އޭނާ ޖެހިގަތީ ސީދާ އަހުޒަމްގެ ކޮނޑުގައެވެ. އެއާއެކު އަހުޒަމްގެ އަތުގައި އޮތް ސިނގިރޭޓު ބިންމައްޗަށް ވެއްޓުނެވެ. އަހުޒަމް ނިކަން ރުޅި އައިސްފައި ރިއާންއާ ދިމާލަށް އެނބުރުނެވެ.
"އޭ ބަ*އެއްން– ރިޗީ އޭ ކައެތަ؟" އަހުޒަމްއަށް ރިއާން ފެނުމާއެކު ކުއްލިއަކަށް އޭނާގެ ރާގު ބަދަލުވެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"އަހުއްޓެ؟" ރިއާން ކަންފަތުގައި ޖަހައިގެންހުރި ފޯނު ކަނޑައިލާކަމަށް ހެދެމުން ފޯނު ޖީބަށް ކޮއްޕައިލިއެވެ.
"އަދިވެސް މި ހިސާބުގަނޑުގަ ދޯ؟" ރިއާން އަހައިލިއެވެ.
"އާނ ދެން މިތާނގަތާ އުޅެވޭނީ.. ބްރޯ ކީއް ތި ކުރަނީ މިދިމާލުގަ؟" އަހުޒަމް އަހައިލިއެވެ.
"މިއީ މިތާ ކައިރި ފިހާރައަކަށް އައިސްފަ.. ހާދަ ދުވަހެއް ކޮށްފައޭ ދޯ މި ދިމާވީ. ކޮފީއަކަށް ދާކަހަލައެއްނު؟" ރިއާން ބުންޏެވެ.
"ބްރޯއަށް ލަސްނުވަންޏާ ހަމަ ދާންވީ. ކޮފީގަނޑެއްވެސް ދޭނެ މީހެއް ނުވެފަ މަ މި ހުންނަނީ. ހަހަހަ" އަހުޒަމް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. ދެމީހުން އެތަނުގެ ކައިރީގައި ހުރި ކެފޭއަކަށް އަރައި ކޮފީއަކަށް އޯޑަރު ދިންއިރު ރިއާން އިނީ އަނަމްގެ ވާހަކަ ފަށާނެ ގޮތަކާމެދު ވިސްނާށެވެ. ނަސީބަކުން ވެއިޓަރު ދިޔުމާއެކު އެންމެ ފުރަތަމަ ވާހަކަދައްކަށްފެށީ އަހުޒަމެވެ.
"ބްރޯ ތިއީ ހާދަ ހެއްވާ މީހެކޭ" އަހުޒަމް އިތުރު ސިނގިރޭޓެއް ރޯކޮށްލައި ދުންތައް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ބުންޏެވެ.
"ތި ބުނީ؟" ރިއާން އަހައިލިއެވެ.
"ކައޭ ގޮސް މާއްޓުގެ ސައިކާ އެކްސިޑެންޓްވި ރޭ ކޮޕުން އައިސް ކައޭ ފިލުވާލަފާނެތީ މަ ކައެ ސަލާމަތްކޮށްގެން އަހަރުން ތިބި ތަނަށް ގެންދިޔައީ.. އެކަމަކު ބޭކާރެއްނު؟ ބްރޯ ގެއަށްގޮސް ބައްޕައާ ފައިޓެއް ހިންގާލީމަ އެންމެފަހުން ކޮޕުން ގެންދިޔައިނު" އަހުޒަމް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ.
"ދެން ތި ދައްކަނީ ކޮން ޒަމާނެއްގެ ވާހަކައެއް" ރިއާން އެދުވަސް ހަނދާންކޮށްލަމުން ބުންޏެވެ. ޒީވާ އޭނާއަށް ލޯބި ހުށަހެޅި ރޭ ވިސްނައިނުލައި ސައިކަލު ދުއްވަނިކޮށް އެކްސިޑެންޓެއްވެ ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން އޭނާ ސަލާމަތްކޮށްގެން ދިޔައީ އަހުޒަމެވެ.
"އެރޭ ފަހުން އަހަރުމެން ތިބި ތަނަށްވެސް ރެއިޑު ޖެހިއްޔޭ ބުރޯ. އައްމަޑޭމެން ހާޑުވެފަ ތިބީ. އަހަރުން އެރޭ ކައޭގެ ފޯނަށްގުޅި ޗިކުގެ ވާހަކަ ދެއްކީމަ ކައޭ އަހަރުމެން ބަސްޓުކޮށްލީއޭ ކިޔާފަ. މަ ބުނިން ބްރޯ އެހެން ނަހަދާނެއޭ. އެކަމަކު އައްމަޑޭމެން ހުރީ ހަމަ ފައިޓަށް ދާން ރެޑީގަ. ނަސީބެއް ބްރޯ ބޭރަށް ފުރިކަން. އަހަރުންނަށްވެސް އަސްލު ނޭނގުނީއޭ އެއީ ބްރޯގެ ސީރިއަސް ޗިކުކަން. އެމަންޖެއާ ދޯ އިނީވެސް" އަހުޒަމް އަހައިލިއެވެ.
"ހްމްމް. އެކުއްޖާއާ ކައިވެނިކުރީ. އަހުއްޓެ ނޫޅެންތަ މީހަކާ އިންނާކަށް؟ އަޑުއެހިން ރިހެބަށް ދިޔަ ވާހަކަވެސް. ކިހިނެއް ކިހިނެެއްތަ ދިޔައީ ކަންތައްތައް؟" ވެއިޓަރު ގެނައި ކޮފީތަށިން ކޯވަރެއް ދަމައިލަމުން ރިއާން އަހައިލިއެވެ.
"މަވެސް ގެންގުޅުނީމޭ ސީރިއަސް ބިޓެއް. އެގޮލާ މަންމަމެން ކައިވެންޏަށް އޯކޭ ނުވީމަ މަ އަމިއްލައަށް ރިހެބަށް ދިޔައީވެސް ރަނގަޅުވާން. އަހަރެއްހާ ދުވަސް އުޅެފަ އައިސް މެރީ ކުރަން ބެލިއިރު އޭނަ މީހަކާ އިނދެފި. މަށަށް ވާނީ ކިހިނެއް ބްރޯ؟ މަ ހާދަ ލޯބިވި މަންޖެގަނޑެކޭ އެއީ. ދެން އެ ޑިޕްރެޝަންގަ އަހަރެއްހާ ދުވަހު ކުރި މަސައްކަތް ބޭކާރުކޮށްލެވުނީ." އަހުޒަމް ދެރަވެފައި އިނދެ ކިޔާދިނެވެ.
"ދެން އެކަމަކު އަލުން އަނބުރާ އެ ކަންތައްގަނޑަށް ވަނުމުގެ ކުރިން ފެމިލީއަށް ވިސްނާލިނަމަ. މަންމަމެން. ކޮއްކޮމެން. އެމީހުން ކޮބާ؟" ރިއާން ބެލީ ދުރުދުރުން އަނަމްގެ ވާހަކަ ފެށޭތޯއެވެ.
"ކަޑައޭ ބްރޯ މި ލައިފް.. މަންމަ ބަލިވެގެން މަށަށް ނުދެވުން ރަށަށްވެސް. ނަސީބެއް ކަންނޭނގެ އަންހެން ކޮއްކޮ ރަށު މީހަކާ އިނދެގެން މަންމަމެން ކައިރި އުޅޭކަން. އޭނާ ވަރަށް ބަރާބަރު. ދެން އެ އުޅޭ އަނަމް. އޭނަ އުޅޭ ގޮތެއް މަށަކަށް ނޭނގެ.. އޭނަ އަތުގަ ހެސްކިޔާފަ ލާރި އޮވޭ. ނޭނގެ އެ ހޯދާ ތަނެއްވެސް.. މަށަށް ބައި ރުފިޔާގަނޑެއްވެސް ދެނީކީ ނޫން." އަހުޒަމް ޝަކުވާކުރިއެވެ. އަހުޒަމަށްވެސް އެނގިފައި މިއޮތީ ހަމަ އޭނައަށް އެނގިފައިވާ މިންވަރަށާ ތާއޭ ރިއާންގެ ހިތަށް އެރިއެވެ.
"ކިހިނެއްބާދޯ؟ އަނެއްކާ އެއްޗެއް ޔޫސް ކުރޭތަ؟" ރިއާން އަހަން ނާހަން އިނދެފައި އަހައިލިއެވެ.
"ޕިސް. ހިއެއްނުވޭ ތިކަހަލަ ކަމެއް ހެނެއް. އޭނަ އިންނަން އުޅޭ ކުއްޖާގެ ގޭގަ އުޅެނީ. އެއީ މާލެބައެއް. އެހެންވެ ލާރި އޮންނަނީ ކަންނޭނގެ. ވަރަށް ދަހި ސޮރެއް އެއީ"
އަހުޒަމްގެ ވާހަކައިން ރިއާންއަށް ލިބުނީ ހައިރާންކަމެކެވެ. އެއީ އޭނާ އަޑުއިވޭނެ ކަމަށް ހީކޮށްގެންހުރި މައުލޫމާތެއް ނޫނެވެ. އިޝްވާ ފިޔަވައި އިތުރު ކުއްޖަކާ އަނަމް ގުޅުމެއް ބާއްވަފާނެ ކަމަށް އޭނާ ޝައްކުކޮށްފައެއް ނުވެއެވެ. އެހެނަސް މިވީގޮތުން ދެން ޖެހޭނީ މި ކަންތައްގަނޑު ބަލަންތާއެވެ.
"އަނަމް އުޅެނީ މީހަކާ އިންނަންތަ؟" ރިއާންއަށް އަހައިލެވުނެވެ. "ނުވާނެ ތިހެނެއް. އަނަމް އުޅެނީ މަގޭ ވައިފްގެ ކޮއްކޮއަކާއޭ ރައްޓެހިވެގެން" ރިއާންއަށް އިތުރަށް ކަންތައްތައް ސިއްރެއް ނުކުރެވުނެވެ.
"ބްރޯއަށް ކިހިނެއް— ހޫން. އަސްލު މަ ކައިރިއަށް ތި އައީ އަނަމްގެ އިންޓެލް ހޯދަން ދޯ. މަށަށް އޭރުވެސް ހީވިއޭ. ބްރޯމެން މިހާރު އަހަރުމެން މަތިން ހަނދާނެއް ނުހުންނާނެ. އަހަރެން ދެއްކި އެއްވެސް ވާހަކައެއް ނާހަން ދޯ" އަހުޒަމް ފާޑަކަށް ހިތްހަމަ ނުޖެހިފައި ބުންޏެވެ.
"ނޫނޭ. ކުރިން ތި ދެއްކި ހުރިހާ ވާހަކައެއްވެސް އަހަރެން ވަރަށް ކަނުލާ އަޑުއަހައިފިން. ތިއީ އަސްލު މަގޭ ވަރަށް ގާތް ރައްޓެއްސެއް ގޮތުގަ މަ ދެކެނީ. އެހެންވެ ކަންނޭނގެ ކަމަކު ޖެހުނީމަ މި އާދެވެނީވެސް. އަހުޒަމްވެސް ޖެހޭނެ ކަމެއް އޮތިއްޔާ އަހަރެންނަށް ހަބަރެއް ވެލަން. އަހަރެންވެސް ބަލާނަން ވަގުތެެއް ހުސްކޮށްލެވޭތޯ" އަހުޒަމްގެ އިތުބާރު ހިފެހެއްޓޭތޯ ރިއާން މަސައްކަތް ކުރިއެވެ.
"އަހަރުމެން ދެން ކިޔަން އޮންނާނީ ކޮން ކަމެއްގަ؟ އަބަދުވެސް ލާރި ދޯ؟ މަ ބޭނުމެއްނޫން މިހެން އުޅޭކަށް އަސްލު. އެކަމަކު މިކޮޅު ރިހެބްތައްވެސް އެފެކްޓިވެއްނޫނޭ. ބްރޯމެންހާ ނަސީބެއް ނެތް އަހަރެންގެ. ބޭރަށްގޮސް ރަނގަޅުވާން އެފޯރޑެއް ނުކުރެވޭނެއެއްނު." އަހުޒަމް ބުންޏެވެ.
"އަހުޒަމް ރަނގަޅުވާން ބޭނުންތަ؟ އަސްލު މިކޮޅުގެ ރިހެބްތައްވެސް ގޯހެއް ނުވާނެ. މި ކަންކަމަކީ ފަރުވާގެ އިތުރަށް ވަރަށް ހިތްވަރުވެސް ބޭނުންވާ ކަމެއް. ދެރަވެ، ރުޅިއައިސް، ޖަޒުބާތެއްގަ ޖެހޭ ކޮންމެފަހަރަކު ސަބްސްޓޭންސަކާ ދިމާލަށް ދާން ހިޔާލު ކޮށްގެން ނުވާނެ. ދީނާ ގާތްވެ.. މުސްތަގުބަލެއްގެ ހުވަފެންދެކި އަދި ތިމާގެ ޒިންމާތައް ހަނދާން ކުރަންވާނެ. ތިއީ ތި ގޭގެ އެންމެ ބޮޑު މީހާއެއްނު. ކޮއްކޮމެންނަށް ބަލަންވެސް ހުރީ ހަމަ އަހުޒަމެއްނު؟ މަހެއްހާ ދުވަސްތެރޭ އަހަރެން ތިކަން ހަމަޖައްސާފަ ގުޅާނަން" ރިއާން ބެލީ އަހުޒަމަށް ވިސްނައިދެވޭތޯއެވެ.
"ހޫން ދެން ހެވޭ. މަ ދެން ކޮންކަމެއް ކޮށްދޭންވީ މަގޭ ގުޑް ފްރެންޑަށް؟" އަހުޒަމް ސަމާސާ ރާގެއްގައި އަހައިލިއެވެ.
"ކުރިންވެސް މި ބުނީނު އަނަމް އުޅެނީ އަހަރުމެންގެ އިޝްކޮއާ އޭ ރައްޓެހިވެގެން. އަސްލު ވީ ގޮތަކީ…" ރިއާން ބޭނުންވެގެން އުޅުނު ކަންތަކުގެ ވާހަކަ ވަރަށް ފަރުވާތެރިކަމާއެކު އަހުޒަމްއާ ހިއްސާކުރިއެވެ.
"ވެދާނެ އޭނާ އެ ކުއްޖާއާ ރުޅިވީ ކަމަށްވެސް. މަށަށްވެސް އޭނަ އުޅޭގޮތެއް ނޭނގޭތީ މައްސަލައަކީ. ނަންބަރެއްވެސް ނެތް މިހާރަކު. އެކަމަކު އެ އިންނަން އުޅުނު ކުއްޖާގެ ގެ މަށަށް އެނގޭ. މަވެސް ލާރިއެއް ބޭނުންވެގެން ދިޔައިން އެ ގެ ކައިރިއަށް ވަރަށް ފަހުން" އަހުޒަމް ބުންޏެވެ.
"އެ ގެ މަށަށް ދައްކާލެވިދާނެތަ؟" ރިއާން އަހައިލިއެވެ.
ވިއްސަކަށް މިނަޓު ފަހުން އަހުޒަމާއެކު ރިއާން އައިސް ހުއްޓުނީ ވަރަށް އާދައިގެ ގޮތަކަށް ހަދާފައިހުރި ގެއެއްގެ ކައިރިއަށެވެ. އެ ގޭގެ ދެ ފަންގިފިލާ ވަކިކޮށްލެވިފައިހުރީ ފިލައިން އަޅާފައިވާ ޑެކެއްގެ ޒަރީއްޔާއިންނެވެ. ރިއާންއަށް އެ ގެ ދައްކައިލުމަށްފަހު އަހުޒަމް އެތަނުން ދިޔުމުން ރިއާން ދެން ގުޅީ ޝައިނާއަށެވެ. ވަގުތަކީ ޝައިނާގެ އޮފީސް ނިމުނު ވަގުތު ކަމުން ޝައިނާ ކުދިން ބަލައި ސްކޫލަށް ގޮސްދިނުމަށްއެދި ރާހިލްއަށް މެސެޖުކޮށްލުމަށްފަހު ރިއާން ބުނި އެޑްރެހަށް ދިޔުމަށް އަވަސްވެގަތެވެ. ޓެކްސީގައިގޮސް އެ މަގަށް ހުއްޓައިލުމާއެކު ސައިކަލެއްގެ މަތީގައި އިށީނދެލައިގެން އިން ރިއާން އޭނާގެ ލޮކުގައި އަޅައިގަތެވެ. އޭނާ ރިއާންއަށް ހަނާ އަޅައިލުމަށްފަހު އެދިމާލަށް ހިނގައިގަތެވެ.
"އަނަމްގެ ބޭބެއާ މީޓްކޮށްފަ މިއައީ. އޭނައަކަށްވެސް ނޭނގެ މާ ރަނގަޅަކަށް އަނަމްގެ ހަގީގަތެއް. މިގެ ދެއްކީ އަނަމް އިންނަން އުޅޭ ކުއްޖާގެ ގެއޭ ކިޔާފަ" މަގުގެ އަނެއްފަރާތުގައިގުރި ގެއެއް ޝައިނާއަށް ދައްކައިލަމުން ރިއާން ބުންޏެވެ.
"އަނަމް އިންނަން އުޅޭ ކުއްޖާއޭ" ޝައިނާއަށް ހައިރާންވެފައި އަހައިލެވުނެވެ.
"ހްމްމް. ކޮންމެެވެސް ޒަހާއެކޭ ކަންނޭނގެ އެކުއްޖާއަށް ކިޔަނީ. ފަހުން ބުނި އެކްސްއަކަށްވެސް ވެދާނެއޭ" ރިއާން ސާފުކޮށްދިނެވެ.
ރިއާންގެ ވާހަކައަށް ބޯ ޖަހައިލުމަށްފަހު ޝައިނާގޮސް ހުޅުވައިލެވިފައިވާ އެގޭގެ ދޮރު ކައިރިއަށް މަޑުކޮށްލިއެވެ. ދެތިން މިނެޓުފަހުން ޝައިނާ އައިސް ރިއާންގާތަށް ހުއްޓުނީ ވަށްބުރުގަލެއް އަޅާލައިގެންހުރި އިސްކޮޅުން ކުރު އަންހެންކުއްޖެއް ގޮވައިގެނެވެ.
"ތި ކޮންބައެއް؟ އަހަރެންނަކަށް މާގިނަ ވަގުތެއް ނެތް. ވެގެން އުޅޭ ގޮތެެއް އަވަހަށް ބުނެލަދިނިއްޔާ ވަރަށް ރަނގަޅު" ރިއާން ފެނުމާއެކު އެކުއްޖާ އަވަސް އަވަހަށް ބުންޏެވެ. ރިއާން ލޮލުން އިޝާރާތްކޮށްލީ ޝައިނާއަށެވެ. އެއާއެކު ޝައިނާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު ކަންތައްތައް ވެގެން އުޅޭގޮތާއި އެކުއްޖާއާ ހިސާބަށް އާދެވުނު ގޮތް ކުރުގޮތަކަށް ކިޔައިދިނެވެ.
"އަނަމްއަކީ ގޯސް މީހެއްނޫން. އަހަރެންނަކަށް އަދި އާއިލާއަކަށްވެސް ގޯހެއްނޫން. ކައިވެނީގެ ތައްޔާރީތައް ވަރަށް ބޮޑަށް ނިމިފަ އޮއްވާ އަނަމްއާ ވަކިވާން ޖެހުނީ" ޒަހާ ކިޔައިދިނެވެ.
"ވަކިވާން ޖެހުނީއޭ؟ ތިބުނީއެއްނު އަނަމް އަކީ ގޯސްމީހެއްނޫނޭ. ދެން ކީއްވެ ވަކިވާން ޖެހުނީ" ޝައިނާ އަހައިލިއެވެ.
"ހްމްމް ރަނގަޅު. އެކަމަކު ތި ބުނިހެން އަނަމްއަކީ ފައިސާއަށް ކޮންމެ ކަމެއްވެސް ކޮށްފާނެ މީހެއް. އަނަމްގެ އެ ލެވިޝް ލައިފްސްޓައިލް އެންމެ ފުރަތަމަ އަހަރެންނަށްވެސް ވަރަށް ކަމުދިޔަ. އެ ގެންގުޅޭ ކާރާއި ސައިކަލާއި ހެދުން އެޅުމުގެ ވައްޓަފާޅިވެސް. ހުރިހާ ކަމެއް ބަދަލުވީ ކައިވެނިކުރަން ނިންމި ހިސާބުން. އަނަމް ބޭނުންވީ މި ގެ ހަދަން. އެކަމަކު ދޮންބެއަކީ އާއިލާގަ ހުރި ހަމައެކަނި ފިރިހެންކުއްޖާވީމަ ބައްޕަ ބޭނުންވީ ދޮންބެއަށް ގެ ހަދަން ހަވާލުކުރަން. ދެން އަހަރެން އަނަމްގާތު ބުނިން މެރީ ކޮށްގެން ދާން ޖެހޭނީ ކުއްޔަށޭ. އަނަމް އައީ ރުޅި. އަނަމް އުޅުނީ އަހަރެންދެކެ ލޯތްބަކުން ނޫން. މި ގޯތީގެ ދަހިވެތިކަމުފަ. އެހިސާބުން އަހަރެންނަށްވެސް އަނަމްއާމެދު ޝައްކެއްވާންފެށީ. ވަޒީފާއަކަށް ނުގޮސްހުރެ އަނަމް އެހާ ގިނަ ފައިސާ ހޯދާ ގޮތަކާމެދުވެސް ވިސްނާލަން ޖެހުނީ އެހިސާބުން." ޒަހާ ކިޔައިދިނެވެ.
"ދެން؟ ދެން އެނގުނުތަ ކިހިނެއް ހޯދާ ފައިސާާއެއްކަން؟" ޒަހާގެ ވާހަކަ ކުރިއަށް ދަމުން ދިޔަވަރަކަށް ޝައިނާގެ ކެތްމަދުވަމުންދިޔައެވެ. ޒަހާ ދެން ބުނެފާނެ އެއްޗަކާމެދު ވިސްނި އޭނާގެ ހިތުގައި ބިރާއި ކަންބޮޑުވުމުގެ ރާޅެއް އުފެދުނީ އިޝްވާއަށްޓަކައެވެ.
"އަނަމް ހީ.. ހީ އިޒް އެން އެސްކޯރޓް" ޒަހާ ބުނަން ނުބުނަން ހުރެފައި ކަހަލަ ގޮތަކަށް ބުންޏެވެ.
"ކަމް އަގައިން؟" ރިއާންއަކަށް ޒަހާ ބުނި ވާހަކަ ގަބޫލެއް ނުކުރެވުނެވެ. އަނަމް ކޮށްފާނެކަމަށް ޝައްކު ކުރި ހުރިހާކަމެއްގެ ތެރެއިންވެސް އެއީ އޭނާ އެންމެ ހީނުކުރާ ކަންތަކެވެ.
"ޔަ.. ޔަގީންތަ؟" ޝައިނާވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އާނ. ފަހަރެއްގާ މިއީ އަޑު އަހަން ފަސޭހަ ވާހަކައަކަށް ނުވެދާނެ. އަހަރެންނަށްވެސް އެނގުނީ އެއްދުވަހަކު އަނަމް ނިދާފަ އޮއްވާ އަނަމްގެ ފޯނު ހުޅުވާލީމަ. އަނަމް އެއްވެސް އިރަކު ބޭނުމެއްނުވާނެ އަހަރެން އަނަމްގެ ފޯނުގަ އަތްލާކަށް. އަހަރެންނަށްވެސް އޭރު އެއީ އެހާ މުހިއްމު ކަމަކަށް ނުވޭ. ވަރަށް އިތުބާރު ކުރިން. އެކަމަކު އެދުވަހު އެ ފޯނުން ފެނުނު ފޭކް އައިޑީގަ ހުރި ޗެޓްތައް ކިޔާލީމަ އަހަރެންނަށް ވާނުވާ އެނގިއްޖެ. ދެން ބުނެބަލަ. ކިހިނެއް އެކަހަލަ މީހަކާ ކައިވެނި ކުރާނީ. އަދި ހާއްސަކޮށް އަނަމްގެ ގިނަ ކްލަޔަންޓުންނަކީ ފިރި..ފިރިހެނުންނަށް ވާއިރު.. އަހަރެންނަކަށް ލާހިކެއްނޫން" ޒަހާ ފާޑަކަށްހުރެ ބުންޏެވެ.
"އޯކޭ ދެން މިހާރު ފުދިއްޖެ ކަންނޭނގެ. އެންމެ ރަނގަޅު ދެން ދިޔަސް" ރިއާން އެކުއްޖާ އަވަހަށް އެތަނުން ފޮނުވައިލިއެވެ. އޭނާ ބޭނުންވީ އަވަހަށް އެތަނުން ދާށެވެ. މޫނު ކުނިކޮށްގެން ހުރިގޮތުން ހީވަނީ ދެންމެ ދެންމެ ހޮޑު އޮއްސާލައިފާނެހެނެވެ.
"އަދި ނުފުދެއޭ ރިއާން. އަހަރުމެންނަކަށް އަނަމްއާ ދެކޮޅަށް ދެއްކޭނެ އެއްވެސް ހެއްކެއް ނެތް. އިޝީ އަހަރުމެން ދައްކާ ވާހަކައެއް ގަބޫލެއް ނުކުރާނެ" ޝައިނާ ބުންޏެވެ.
"އެކަމަކު ރާހިލް ގަބޫލު ކުރާނެ" ރިއާން ސާބިތުކަމާއެކު ބުންޏެވެ.
"ރާހިލްއަށް ކަމެއް ސާބިތުކޮށްދޭކަށް ނޫނެއްނު މުހިއްމީ. މިއުޅެނީ އިޝްކޮއަށް ހަގީގަތް ކިޔައިދޭކަށްނު" ޝައިނާ ބުންޏެވެ.
"އިޝްކޮވެސް ގަބޫލުކުރާނެ" ރިއާން ސައިކަލަށް އަރައި އިސްޓާޓު ކޮށްލަމުން ބުންޏެވެ.
"ނުކުރާނެ" ޝައިނާ ޔަގީންކަމާއެކު ބުންޏެވެ.
"އެހެންވިއްޔާ އަހަރުމެން ޖެހޭނީ އަނަމްއާ ބައްދަލުކޮށް އަނަމްއަށް މަޖުބޫރުކޮށްގެން އިޝްކޮއާ ދުރުކުރަން. ހަމަގައިމުވެސް އިޝްކޮ އޭނައާ އެއްކޮށް އުޅޭކަށް އަހަރެން ފުރުސަތެއް ނުދޭނަން. ބަލާލާފަވެސް އަހަރެންނަށް އެނގުނޭ އޭނަގެ ނުބައެއް އެބަ އުޅޭކަން" ރިއާން ބުންޏެވެ.
"އެހެންވިއްޔާ ކޮން އިރަކުން އަނަމްއާ ބައްދަލު ކުރާނީ؟ ރިއާންއަށް ފްރީ ވާނީ ކޮން އިރެއް؟" ޝައިނާ އަހައިލިއެވެ.
"ވީހާވެސް އަވަސް" ރިއާން ބުންޏެވެ. އިޝްވާގެ ހަޔާތުގައި އަނަމް އެންމެ ހިނދުކޮޅަކަށްވެސް ހުންނަން ރިއާން ބޭނުން ނުވާ ކަހަލައެވެ.
"މިރޭ އޯކޭ ދޯ؟ އަހަރެން އަނަމްއަށް ގުޅާފަ މިރޭ ބައްދަލު ކުރަން ބުނާނަން" ޝައިނާ ބުންޏެވެ. ރިއާން އެކަމާ އެއްބަސްވެ ބޯ ޖަހައިލުމަށްފަހު ސައިކަލު ދުއްވައިލުމުން ޝައިނާވެސް ގެއާ ދިމާލަށް ހިނގައިގަތެވެ.
*****************
މާލޭގެ ހުޅަނގުފަރާތު އަތިރިމަތީގައިހުރި ރެސްޓޯރަންޓުތަކުން ރެސްޓޯރަންޓެއްގެ މޭޒެއްދޮށުގައި އިން އަނަމް އިންތިޒާރުކުރަމުން ދިޔައީ ޝައިނާ އަންނާނެ އިރަކަށެވެ. އެގޮތުގައި އިންތާ މާ ގިނައިރެއްނުވެ ޝައިނާއާއި ރިއާން އައިސް އޭނާގެ ކުރިމައްޗަށްހުރި ދެ ގޮނޑީގައި އިށީނެވެ.
"ހިއެއް ނުކުރަން ރިއާން އަންނަ ކަމަކަށް. ކޯއްޗެއް ގެންނާނީ. އައި ވިލް ޕޭ–"
"ޑްރޮޕް ދި އެކްޓް ޔޫ ބާސްޓާރޑް" ރިއާންއަށް އެއްޗެކޭ ނުބުނެ މަޑަކުން ނީނދެވުނެވެ.
"ރިއާން." ޝައިނާ ހަމަޖެހޭށޭ ބުނާފަދަ ރާގަކަށް ރިއާންއަށް ގޮވައިލުމަށްފަހު އަނަމްއާ ކުރިމަތިލިއެވެ.
"އަނަމް.. އަނަމްއަކީ ކިހާވަރެއްގެ ކޮންކަމެއްކުރާ ކާކުކަން އަހަރެމެން ވަރަށް ރަނގަޅަށް ބަލައިފިން. ތެދަށް ބުނަންޏާ އިޝީއަށް މި ކަންތައްގަނޑު އެނގުނިއްޔާ ވަރަށް ދެރަވެ ލަދުގަންނާނެ. ސޯ އިޝީއަށް މިއިން ކަމެއް އެނގުމުގެ ކުރިން އަނަމް އިޝީއާ ގުޅުން ކަނޑާލާ. އަހަރުމެން އެކަކުވެސް ބޭނުމެއްނޫން އަނަމް އިޝްކޮއާ ގުޅުމެއް ބާއްވާކަށް" ޝައިނާ ބެލީ ރީތި ގޮތުގައި އަނަމްއާ ވާހަކަ ދެއްކޭތޯއެވެ.
"ކޮންކަމެއްތަ؟ އަހަރެން ކޮންކަމަކާހެދި އިޝީއާ ގުޅުން ކަނޑާލަންވީ" އަނަމް މައުސޫމުކަމާއެކު އަހައިލިއެވެ.
"އަހަރުމެން މިދައްކާ ވާހަކަ ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ. ކަލެއާ މިވާހަކަ ރީއްޗަށް މި ދައްކަނީވެސް ކަލޭގެ ދިރިއުޅުމަކީ އަހަރުމެންނާ ބެހޭ ކަމަކަށް ނުވާތީ. އަހަރެން ބޭނުމިއްޔާ ކަލޭ ފުލުހަށް ރިޕޯޓު ކުރެވޭ ވަރަށްވެސް ހެކި އެބަހުރި. އަދި ހަނދާން ކުރާތި. އަހަރެން ކަލޭ ރިޕޯޓު ކޮށްފިއްޔާ ކަލެއަކަށް ސަލާމަތެއް ނޯންނާނެ" ރިއާން އިންޒާރުދިނެވެ. އެބުނާ ހެއްކެއް ނެތް ކަމަކު އޭނާގެ މަގްސަދަކަށްވީ އަނަމްއަށް ބިރުދައްކާލުމެވެ.
"އަހަރެންނަކަށް އިޝީއަކާ ގުޅުން ކަނޑައެއް ނުލެވޭނެ. އަހަރެން ވަރަށް ލޯބިވޭ އިޝީދެކެ" އަނަމްގެ އަޑަށް ވެރިވި މާޔޫސީކަމުގެ ސަބަބުން ޝައިނާގެ ހިތުގައި އަނަމްއާމެދު ހަމްދަރުދީ އުފެދުނެވެ.
"އެހެންވިއްޔާ އަނަމްއަށް ތިކުރާ ކަންތައް ހުއްޓާލެވޭނެތަ؟ މިރެއިން މިރެއަށް؟" ޝައިނާގެ ސުވާލާއެކު އަނަމްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.
"މިއީ އަހަރެން އިއްޔެއަކު ފެށި ކަމެއްނޫނޭ. އުމުރުން ތޭރަ އަހަރުއްސުރެން. މިހާރު މިހިރީ ކަށީގަ ހިފާފާ" އަނަމް ވިހަ ހިނިތުންވުމަކާއެކު ބުންޏެވެ. އެއާއެކު ރިއާން ފުންމައިގެން އަރައި އަނަމްގެ ގަމީހުގެ ގިރުއާނުގައި ހިފައިގަތެވެ.
"އައްޗީޑި! މުޑުދާރު! ހަޔާތްކުޑަ! ލަދެއްވެސް ނުގަނެޔޭ މީއްޗަކު! ބުނަން! ކަލޭ މިރެއިން މިރެއަށް އިޝްވާއާ ގުޅުން ކަނޑާލާ. އެހެން ނޫނީ–"
"އެހެން ނޫނީ ކީއްކުރެވޭނީ؟ އަހަރެންނަށް ކަމެއް ކުރިއްޔާ އިޝްވާ ކަލޭމެނަކަށް ދުވަހަކުވެސް މާފެއްނުކުރާނެ. އިޝްވާ އެއީ އަހަރެންގެ އެންމެ ސްމާރޓް ޗޮއިސް" އަނަމްގެ މޫނުމަތިން ފާޅުވާންހުރީ ހަމަޖެހުމެވެ. ރިއާން ރުޅިއައިސްފައިހުރެ އަނަމްގެ ގިރުއާނުން ދޫކޮށްލުމަށްފަހު އަނެއްކާވެސް ގޮނޑީގައި ހަމަޖެހިލިއެވެ.
"ކިހާވަރެއް ކަލޭ ބޭނުންވެގެން ތި އުޅެނީ؟ އެއްލައްކަ؟ ދެލައްކަ؟"
ރިއާންގެ ސުވާލާއެކު ޝައިނާ ދެލޯ ބޮޑުކޮށްލަމުން ރިއާންއާ ދިމާލަށް ބަލައިލިވެ. އަނަމް ފާޑަކަށް ހިނިއައިސްފައިހުރެ ގޮނޑި ފަހަތައް ދަމައިލީ އެތަނުން ތެދުވުމަށެވެ. ރިއާންގެ ވާހަކަ އަޑު އަހާކަށް އޭނާގެ ޝައުގެއްނެތް ކަހަލައެވެ.
"ތިން ލައްކަ؟ ބައި މިލިއަން؟"
ރިއާންގެ ހުށަހެޅުމާއެކު މިފަހަރު އަނަމްގެ ހަރަކާތްތައް ހުއްޓުނެވެ. އޭނާ ކަމަކާ ވިސްނައިލާ ފަދައިން ބޯ ޖަހައިލުމަށްފަހު އިސް އުފުލައިލާ ރިއާންއަށް ބަލައިލިއެވެ.
"އެއް މިލިއަން. ކޭޝް އޮންލީ"
"ޑަން" ރިއާން ބުންޏެވެ.
"މާދަމާ އަހަރެންގެ އޮފީހަށް އާދޭ. ހަވާލުކޮށްދޭނަން. އެކަމަކު މިރެއިން މިރެއަށް އިޝްވާއާ ގުޅުން ކަނޑާލަންޖެހޭނެ" ރިއާން ޝަރުތުކުރިއެވެ.
"މައްސަލައެއްނެތް. އިތުރު ވާހަކައެއް ނެތިއްޔާ ދެން އަހަރެން ގޮސްލީ" އަނަމް ޝައިނާއަށާއި ރިއާންއަށް ބޯ ޖަހައިލުމަށްފަހު އެތަނުން ދިޔައެވެ.
"ސީރިއަސްލީ ރިއާން؟ އެއް މިލިއަން؟" އަނަމް ދިޔުމާއެކު ޝައިނާއަށް ގަބޫލު ނުކުރެވިފައި އަހައިލިއެވެ.
"ހައިރާންވެފަ މިހިރީ އެހާ ކުޑަ އަދަދެއް އޭނަ ގަބޫލު ކުރީތީވެސް" ރިއާންގެ ޖަވާބާއެކު ޝައިނާއަށް ބޯ ހޫރައިލެވުނެވެ.
"ދެން ހުރިހާކަމެއް ރަނގަޅަށް ދާނެކަމަށް އުއްމީދު ކުރަމާ. އިތުރު ކަމެއް ނެތިއްޔާ އަހަރެންވެސް ގޮސްލީ. ނޭނގެ މިހާރު ކުދިން ނުނިދާނެ ކަމެއްވެސް" ޝައިނާ ފޯނުގައިވާ ގަޑިއަށް ބަލައިލަމުން ބުންޏެވެ.
ޝައިނާ ދިޔުމަށް ފަހުގައިވެސް ރިއާން ކޮފީއެއް ނަގައިގެން އެ މޭޒުދޮށުގައި އެކަނިމާއެކަނި މަޑުކޮށްލައިގެން އިނެވެ. އެހެން އިންދައި އޭނާގެ ފޯނަށް އަންނަންފެށީ ސިރާޖުގެ ވަޓްސްއަޕް ކޯލެކެވެ.
"ހަލޯ ރިއާން؟ އަޅުގަނޑު ބަލާލައިފިން ރިއާން ރޭގަ ފޮނުވި ކުއްޖާއާގުޅޭ އިތުރު މައުލޫމާތެއް ލިބޭތޯ. ރިއާން ފަހަރެއްގާ ގަބޫލުވެސް ނުކޮށްފާނެ އަޅުގަނޑު ދަންނަވަން މި އުޅޭ ވާހަކަ" ފޯނު ނެގުމާއެކު ސިރާޖު ބުންޏެވެ.
"މިހާރު އޯކޭ ސިރާޖު. ތި ކަންތައް ނިމިއްޖެ. އަހަރެން އަދި ހަނދާންވެސް ނެތިފަ މިހިރީ. ސިރާޖު ކުރީ ރޭ ކިޔަންއުޅުނީ ކީކޭ؟" ރިއާން ކުއްލިއަކަށާ ކަމެއް ހަނދާންވި ފަދައިން އަހައިލިއެވެ.
"އެއީ އާ ކޮމިޝަނަރ ހޮވަން ނަންފޮނުވާފަ އޮތް އިރު އަޅުގަނޑުގެ ނަންވެސް ރައީސްއާ ހިސާބަށް ގޮސްފަ އޮތީމަ. މިހާރުދެން ޑީސީޕީއެއްގެ ގޮތުގަވެސް ނުވަ އަހަރު ހަމަވީ ނޫންތޯ؟" ސިރާޖު ބުނަން ނުބުނަން ހުރެފައި ކަހަލަގޮތަކަށް ބުންޏެވެ.
"އަހަހަ. ތިވާހަކަ އަހަރެންނަށް އޮތީ އިވިފަ. އަހަރެން މިނިސްޓަރާވެސް ވާހަކަ ދައްކާލައިފިން. ސިރާޖު ކަހަލަ ގާބިލު ބޭފުޅަކު ތިކަމުގަ ހާސްވާން ޖެހިފައެއް ނެތެއް ނޫންތޯ. އިރާދަކުރެއްވިއްޔާ ދެން އެންމެ އަވަހަށް ކޮމިޝަނަރުކަން ކުރާނީ ސިރާޖު. ސައި އޮންނަންވާނެ އެނގޭ" ރިއާން ސަމާސާ ރާގެއްގައި ބުންޏެވެ.
"މައްސަލައެއް ނޯންނާނެ. ޝުކުރިއްޔާ އެހެންވީމަ" ރިއާންއަށް ޝުކުރު އަދާކުރަމުން ސިރާޖު ފޯނު ކަނޑައިލުމާއެކު ރިއާންވެސް ބިލަށް ފައިސާ ދެއްކުމަށްފަހު ރެސްޓޯރަންޓުން ނުކުމެގެން ދިޔައެވެ.
*****************
ޝައިނާއަށް ގެއަށް އާދެވުނުއިރު އިޝްވާ އިނީ ސޯފާގައި އިށީނދެލައިގެން ޓީވީ ބަލާށެވެ. ޝައިނާ ހަމަ ވަނުމާއެކު އޭނާ ފާޑަކަށް ތުން އަނބުރައިލައިފައި ގޮސް ކޮޓަރިއަށްވަނެވެ. ޝައިނާވެސް އެތަނުގައި މަޑުނުކޮށް ދިޔައީ ކޮޓަރިއާ ދިމާލަށެވެ. އެނދުމަތީގައި އަރާމު ނިންޖަކުން ނިދާލައިފައި އޮތް ޔާނާއާއި ރާއީ އަދި ރާހިލް ފެނުމާއެކު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
"ރާހިލް" ރާހިލްގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ޝައިނާ މަޑުމަޑުން ގޮވައިލިއެވެ. ރާހިލް ހަމަ ވަގުތުން ހޭލައިފިއެވެ. އޭނާ އޮތީ ޝައިނާ އަންނާނެ އިރަކަށް ވަގުތު ގުނައިލަ ގުނައިލާ ކަހަލައެވެ.
"މިރޭ މިތާތަ އޮންނަނީ" ޝައިނާގެ އަޑުގައި ސަމާސާގެ ރާގު އެކުލެވިފައިވިޔަސް ރާހިލްއަށް އެ ސަމާސާ ނަގައެއް ނުގަނެވުނެވެ. ނުވަތަ އެ ސަމާސާގައި ބައިވެރިވާން ބޭނުން ނުވީއެވެ. އޭނާ ފަރުވާކުޑަ ގޮތަކަށް ޝައިނާގެ އަތް ކޮނޑުމަތިން ދުރުކޮށްލުމަށްފަހު ލަސް ހިނގުމެއްގައި އެ ކޮޓަރިން ނުކުމެގެން ދިޔައީ ޝައިނާއާ އަނގައިން ނުބުނިތާ ބަލައިވެސްނުލައެވެ.
——–
އާދައިގެމަތިން އަނަމްއަށް ގުޅާލަން ހިތުލައިގެން ފޯނާއެކު އެނދުގައި އޮށޯވެލި ވަގުތު އިޝްވާއަށް އަނަމްގެ ކޯލެއް ލިބެން ފަށައިފިއެވެ. އިޝްވާގެ ތުންފަތް ހިނިތުންވުމަކުން ދެމިލިއެވެ.
"ހައި ބޭބް. ހަމަ މިސްވެގެން ގުޅާލަން އުޅެނިކޮށް ތި ގުޅީ" އިޝްވާގެ އަޑުގައިވަނީ ޖޯޝާއި އުފާވެރިކަމެވެ. ނަމަވެސް ފޯނު ނެގި ވަގުތު އަނަމްބުނި ޖުމްލައާއެކު އެ އުފާވެރިކަން އޮއްސިގެންދާކަށް ސުކުންތެއްވެސް ނުނެގިއެވެ. ހިނދުކޮޅެއްގެ ތެރޭގައި އިޝްވާ އަލުން ބަލުން ބިންގާ އަޅައި ބިނާކުރި ދުނިޔެ ކުދިކުދިވިއެވެ.
އަނަމްގެ ކޯލު ކެނޑުނުއިރު އިޝްވާއަށް ހުރެވުނުތަންވެސް ނޭނގުނެވެ. ހަދާނެގޮތް ހުސްވެފައިހުރެ ކޮޓަރީގެ ދެކޮޅަށް ކުރުކާލި ކަނޑަމުން ދިޔައިރު އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުންދިޔައެވެ. އޭނާ އަވަސް އަވަހަށް އަނަމްގެ އެންމެ ގާތް އެކުވެރިޔާގެ ނަންބަރު ފޯނުން ހޯދައިލުމަށްފަހު ގުޅައިލިއެވެ. އެއީ އޭނާއަށް އެނގޭ އަނަމްގެ ހަމައެކަނި އެކުވެރިޔާއެވެ.
"ހަ.. ހަލޯ؟ އަނަމް.. އަނަމް އުޅޭތަ؟" ފޯނަށް ޖަވާބު ލިބުމާއެކު އިޝްވާ ލަސްނުކޮށް އަހައިލިއެވެ.
"އަނަމް ދެންމެ މިތާ އިނދެފަ އެ ދިޔައީ. ކޮންމެވެސް މީހަކާ މީޓް ކޮށްލާށޭ ކިޔާފަ. ކިހިނެއްވީ އިޝީ؟" އެ މީހާއަށް އިޝްވާގެ އަޑަށް އައިސްފައިވާ ބަދަލު ފާހަގަ ކުރެވުނީ ކަހަލައެވެ.
"އަނަމް.. އަނަމް އަހަރެންނާ ރުޅިވެއްޖެ. އަހަރެންނަކަށް ނޭނގެ ކީއްވެކަމެއް. ކޮންގޮތަކުން ކޮންކަމެއް ގޯސްކޮށް ކުރެވިގެން ކަމެއްވެސް.. ނޭނގެ" އިޝްވާއަށް ހަމަ ރޮވެނީއެވެ.
ފޯނުގެ އަނެއްފަރާތުގައިހުރި އަނަމްގެ އެކުވެރިޔާ އިޝްވާއާމެދު ހަމްދަރުދީ ވީ ކަހަލައެވެ. ވީ ގޮތެއް ބަލައިލުމަށްފަހު ގުޅާނެ ކަމުގައި ބުނެ ފޯނު ކަނޑައިލިއެވެ. އިޝްވާ ހާސްވެފައިހުރެ އެނދުގައި އިށީނެވެ. އޭނާގެ ދެފައި ހުއްޓުމެއްނެތި ތަޅުވާލަ ތަޅުވާލައި އިން އިރު އިނގިލިތަކުގެ ކުރިން ލޭ އަންނަ ވަރަށް ނިޔަފަތިތައް ހަފަމުން ދިޔައެވެ. އެގޮތުގައި ދެތިން މިނަޓު ފާއިތުވިތަނާ އަނަމްގެ އެކުވެރިޔާގެ ކޯލެއް އޭނާއަށް ލިބިއްޖެއެވެ.
"އޭ އިޝީ… އަނަމްވެސް ވަރަށް ދެރަވެފަ ހުރީ. އޭނަ ބުނީ ފެމިލީއިން އެހާ ދެކޮޅިއްޔާ ކިހިނެއްހޯ އުޅޭނީ. އޭނަ މިއައީ އިޝީގެ ދޮންތަބެއާ ދޮންބެދައްތައާ ދެމީހުނާ މީޓް ކޮށްފައޯ އެދެމީހުން އެހާ އޯކޭއެ—"
އަނަމްގެ އެކުވެރިޔާގެ ވާހަކަ ނިމެންދެނެއް އިޝްވާ މިފަހަރު މަޑެއް ނުކުރިއެވެ. ހަރު ފިޔަވަޅުތަކެެއްގައި އޭނާ ގޮސް ކޮޓަރިން ބޭރަށް ނުކުތްއިރު އޭނާގެ މުޅި ހަށިގަނޑު ދިޔައީ ރުޅިން ތުރުތުރުލަމުންނެވެ. އިސާހިތަކު އެ ރުޅީގެ އަމާޒުފަތްގަނޑަކަށް ވީ އެވަގުތު ކޮޓަރިން ނުކުމެގެން ކާމޭޒާ ދިމާލަށް ހިނގައިގަތް ޝައިނާއެވެ. އިޝްވާ ދިޔަގޮތަށްގޮސް ޝައިނާގެ އަތުގައި ހިފައި ލުތްކެއް ޖަހަމުން އޭނާއާ ކުރިމަތިވާނެހެން އަނބުރައިލިއެވެ.
"ކޮބާތަ ކަލޭގެ މައްސަލައަކީ؟ ދޮންބެގެ އުފާވެރިކަން ނަގާލައިގެން ހިތްހަމަ ނުޖެހުނީމަ ތިއުޅެނީ އަހަރެންގެ ދިރިއުޅުންވެސް ހަލާކު ކޮށްލަން ވެގެންތަ؟" އިޝްވާ ހަޅޭއްލަވައިގަތެވެ. ޝައިނާއަށް ހުރެވުނީ އިޝްވާ އޭނާއާ ވާހަކަ ދައްކަމުންދިޔަ ގޮތް ގަބޫލު ނުކުރެވިފައެވެ.
"އިޝްކޯ. ކީކޭތަ ތި ކިޔަނީ؟" ޝައިނާއަށް އަހައިލެވުނެވެ.
"ކަލެއަކަށް ނުޖެހޭނެ އަހަރެންނާ އަނަމްއާ ދެމީހުންގެ ކަންތައްތަކުގަ އޭނަގެ އޮޕީނިއަންއާ އެއްގޮތަށް ކަންތައް ކުރާކަށް. އަޑު އިވިއްޖެތަ؟ ނުޖެހޭނޭ ކަލެއަކަ-"
"އިޝީ!" ކުއްލިއަކަށް ފަހަތުން އިވުނު ރާހިލްގެ ބަރު އަޑާއެކު އިޝްވާގެ ވާހަކަ ހުއްޓުނެވެ. އޭރު އިޝްވާގެ ޝަހާދަތް އިނގިލިހުރީ ޝައިނާގެ މޫނާ ދެއިންޗިއެއްހާ ގާތުގައެވެ. ހީވީ ދެންމެ ދެންމެ ޝައިނާގެ ލޮލަށް އެ އިނގިލި ހަރާލައި ފާނެހެނެވެ.
"ކިހިނެއް މިތާ މި ވަނީ؟" ރާހިލް އައިސް އިޝްވާގެ އަތް ތިރިކޮށްލަމުން އެއްފަހަރު އިޝްވާއަށް އަނެއްފަހަރު ޝައިނާއަށް ބަލައިލިއެވެ. އޭރު އައިސްފައިހުރި ރުޅީގެ ސަބަބުން އިޝްވާއަށް ފުން ނޭވާތަކެއް ލެވެމުންދިޔައެވެ.
"ރާހިލް އަހަ–"
"ކޮން އަހަރެންނެއް ކިޔާކަށް. އަނެއްކާ ދޮންބެގާތު މޮޅު ވާހަކައެއް ހަދާލާނަމޭ ހިތާ ދޯ ތި އުޅެނީ. އަހަރެންނަށް އެނގެޔޭ މާނުވެސް އަހަރެންނާ ގުޅެން ހުރަސްއަޅާ މީހަކީ ތިއީކަން. މާނުއާ އެ ނީމްއާ ތަތްކުރުވައިގެން އުޅެނީ ހަމަ ކަލޭ. ދެން މިހާރު އަނަމްގާތަށް ގޮސް ކީކޭ ކިޔައިގެން އަހަރެންނާ ތި ގުޅުން ކަނޑުވާލީ. ކަތުރު ފަންޏަކަށްވުރެން މީނަގެ ކަންތައް ދެރަތަ؟"
"އިޝްވާ…" ރާހިލް ފުންނޭވާއެއް ދޫކޮށްލަމުން ގޮވައިލިއެވެ.
"ކޮން އިޝްވާއެއް. ދޮންބެއަށްވެސް ގޯސްވާނި އެއްޗެކޭ ބުނީމާ ބުނާ މީހާ. އަހަރެން.. ނޫނީ ދޮންތަ. ނޫނީ މަންމަ. ދޮންބެ އަހާބަލަ މީނަ ގާތު އަހަރެންގެ ދެ ރިލޭޝަންޝިޕްވެސް ރޫޅާލަން މަސައްކަތް ނުކުރަންތޯ؟ ކޮންކަމެއް ހާސިލް ނުވެގެންތަ ތި އުޅެނީ" އިޝްވާ މައިތިރިއެއް ނުވިއެވެ.
"ޑިޑް ޔޫ މީޓް ހިމް؟" ރާހިލް ދަތްކުނޑި ވިކައިލަމުން ޝައިނާގާތު އަހައިލިއެވެ.
"އަހަރެން ދިޔައީ ރިއާންއާއެކު. އިޝްކޮއާ ދޭތެރޭ އެއްވެސް ގޯސްކަމެއް ހިތުގަ އޮވެގެނެއް ނޫނޭ އަހަރުމެން ދިޔައީ. ހަމަ އިޝްކޮއަށް ރަނގަޅަކަށް. އަނަމްއާއެކު އުޅެގެން އިޝްކޮއަށް އުފަލެއް ނުލިބޭނެ" ޝައިނާ އިސްޖަހައިލަމުން ބުންޏެވެ.
"ތިއީ ތިވާހަކަ ދައްކަން އެންމެ ރަނގަޅު މީހާ ދޯ. ކަލޭ ތީ ވަކި މާ މާތް މީހެއްތަ؟ ކަލެއާއެކު އުޅެގެން އަހަރެންގެ ދޮންބެއަށް ލިބުނީ ކޮން އުފަލެއް. ގައިމުވެސް ކަލޭ ކަހަލަ ޓޮކްސިކް ހަރޓްލެސް މީހެއް ނޫން އަނަމްއަކީ."
"އިޝްކޯ ޕްލީޒް" އިޝްވާގެ ދެކޮނޑުގައި އަތްއަޅައި ދުރަށް ގެންދަން މަސައްކަތްކުރި ރާހިލް ދިޔައީ ރުޅިނައިސްވޭތޯ މަަަސައްކަތް ކުރަމުންނެވެ.
"ދޮންބެއަކަށް ނޭނގޭނެ މީނައާހެދި ދޮންބެއަށް އައި ޗޭންޖް ތަކެއް. މީނަ ކުރާ ގޯސް ކަމެއްވެސް ނުފެންނާނެ. ދޮންބެ ތިހިރީ ވީ ލޯބީގަ ކަނު ބީރު މަންމަނަކަށްވެފަ. ދޮންބެގެ ހެޕީ އެންޑް ފަން ޕަރސަނަލިޓީ މީނަ ދުއްވާލައިފި. ދޮންބެ ހީކުރީ ކުރީ ދުވަހު ދޮންބެގެ ރުޅި އައިސްގެން ގޮސް އޮފީހުގެ އެއްޗެހިތައް ހަލާކު ކޮށްލިވާހަކަ ލައި އަހަރެންގާތު ނުބުނާ ކަމަށްތަ؟ ދޮންބެއަކީ ރުޅިގަދަ މީހެއްނޫނޭ ބަޓް ލުކް އެޓް ވަޓް ޝީ އިޒް ޑުއިންގް ޓު ޔޫ. އޭނާކަށް އަނަމްއާ ދިމާލަށް ބުނެވޭނެ އެއްވެސް އެއްޗެއް ނޯންނާނެ." އިޝްވާ ހީވީ ދެންމެ ދެންމެ ގޮސް ޝައިނާގެ ކަރުގައި ހިފައިގެންފާނެހެނެވެ.
"އިޝްވާ.. ތި ދަނީ މާ މައްޗަށް.. ދެން ހުއްޓާލާ!!" ރާހިލްއަށް އޭނާގެ އަޑު ބާރުވިޔަ ނުދީ ހިފަހައްޓައިލެވެނީ ހަމަ ކިރިޔާއެވެ. ޝައިނާއާ ދިމާލަށް އިޝްވާ ރައްދުކުރަމުންދިޔަ ބަސްތަކުގެ ސަބަބުން އޭނާއަށް އުނދަގޫވަމުން ދިޔަނަމަވެސ އޭނާ ހަނުހުރީއެވެ. ފަހުން ކޮއްކޮއަށް ވިސްނައިދޭން ހިތުލައިގެނެވެ.
"އަނަމް ކީއްކޮށްގެން އެއީ ގޯސް މީހެއްކަމަށް ތި ނިންމީ.. ބުނެބަލަ. އޭން؟ ބުނެބަލާށޭ!!!" ރާހިލްގެ އަތް ފޮޅައިލަމުން އިޝްވާ ޝައިނާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ.
"ހީ…ހީ އިޒް އަ ގޯލްޑް ޑިގަރ.." ޝައިނާއަށް ބުނަންކެރުނީ ހަމައެކަނި އެހިސާބަށެވެ. ދެން ބުނަން އޮތް ވާހަކައިގެ ސަބަބުން އިޝްވާ ލަދުގެންފާނެތީ އެކަން ސިއްރުކުރީއެވެ.
"އަހަހަހަހަ. ތި ކިޔޭ އެއްޗެއް އެބަ އެނގޭތަ؟ އަނަމް އަކީ ތިބުނާކަހަލަ މީހަކިއްޔާ އެންމެ ފުރަތަމަ އެނގޭނީ އަހަރެންނަކަށްނު. އެހެންނޫނަސް ކަލެއަށް ކީއް؟ އިފް ހީ އިޒް އަ ގޯލްޑް ޑިގަރ ޔޫ އަރ އަ ފަ*ންގް ސްލަޓް ޖަސްޓް ލައިކް ޔޯ މަދަ–"
ކުއްލިއަކަށް އިވުނު ބާރު އަޑުފަށްގަނޑާއެކު އިޝްވާގެ ވާހަކަ ހުއްޓުނުއިރު ޝައިނާއޮތީ މުށިގަނޑުމައްޗަށް ވެއްޓިފައެވެ. އޭނާގެ ކޮލުގައި އަތުން ހިފަހައްޓައިލައިގެން ހުރިއިރު ކުޑަކޮށްލެވިފައިވާ ދެލޮލުގެ ސަބަބުން ކޮލުގައި ވޭން އަޅަމުންދާކަން ދޭހަވެއެވެ.
ރާހިލްއަށް ފަހަތައް ފިޔަވަޅެއް އަޅައިލެވުނުއިރު އޭނާގެ އަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. އިޝްވާގެ ދުލުން ޝައިނާއަށް ރައްދުވި އަދަބުކުޑަ ބަސްތަކުގެ ސަބަބުން ރާހިލްގެ ރުޅި ކޮންޓްރޯލުން ނައްޓައިގެންދިޔައީއެވެ. ބޭ އިޚްތިޔާރުގައި އިޝްވާއާ ދިމާލަށް އަތް މަޅައިލެވުނުވަގުތު ޝައިނާ އެ ދެމެދަށް ހުރަސްވެލުމުން ޝައިނާގެ ކަންކަށިމައްޗަށް ހަމަލާ އަމާޒުވީއެވެ. އެ ހުރިހާ ކަމެއް ހިނގައިދިޔަތާ އިރުކޮޅެއް ވެގެން ދިޔައިރުވެސް އެތަނުގައި އޮތީ ހިމޭންކަމެވެ. އިޝްވާއަށް ހުރެވުނީ ދެލޯ ބޮޑުކޮށްލައިގެން ހުއްޓުންއަރައިފައެވެ.
"ޔޫ.. ޔޫ ވަރ ގޮނަ ހިޓް މީ؟" އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަން އެންމެ ފުރަތަމަ ފޫ އަޅުވައިލީ އިޝްވާގެ އަޑުންނެވެ. ސިހުން އެކުލެވިފައިވާ ދެލޮލުން އިޝްވާ ރާހިލްއަށް ބަލައިލިއިރު ރާހިލް ހުރީ އިސްޖަހައިލައިގެނެވެ. އިޝްވާގެ ދެލޮލުން ކަރުނަ ފާއްދައިލިއެވެ. އޭނާއަށް ގިސްލެވެން ފަށާކަށް އިރުކޮޅެއްވެސް ނުނެގިއެވެ.
"ޑޫ ޔޫ ސީ ދިސް. މިއީ އިޝީ ބުނި ވާހަކަ. ތިއީ އިޝީގެ ދޮންބެއެއްނޫން." އިޝްވާ ދުވެފައިގޮސް ކޮޓަރިއަށްވަދެ ހަމަ އެ ސިކުންތުކުގައި ދަބަހެއް ހިފައިގެން ނުކުތީ ގެއިން ބޭރަށް ދިޔުމަށެވެ.
އިޝްވާ ދިޔަތަން ބަލަން ހުރުމަށްފަހު ރާހިލް ބާރުބާރަށް ހިނގައިގަތީ ސިޑިއާ ދިމާލަށެވެ. ޝައިނާވެސް ކައްޓެއް ޖެހިހެން އިންތަނުން ތެދުވެ ރާހިލްއަށް ގޮވަމުން ރާހިލްގެ ފަހަތުން ދުއްވައިގަތެވެ. ރާހިލް އަތުގެ ކޮޅަށް ހޫރައިލި ކޮޓަރީގެ ދޮރު އެއްކޮށް ނުލެއްޕެންދެން އޭނާ ގޮސް އެ ދޮރުގައި ހިފެހެއްޓިއެވެ. އޭރު ރާހިލް ބޮލުގައި ދެއަތް ބަނދެގެންހުރެ ކޮޓަރީގެ ދެކޮޅަށް ކުރުކާލި ކަނޑަމުން ދިޔައެވެ. ނަމަވެސް ޝައިނާ އެ ކޮޓަރިއަށް ވަތްކަން އެނގުމާއެކު އޭނާ އަވަސް އަވަހަށް ޝައިނާގެ ގާތަށްގޮސް ޝައިނާގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. އޭނާއަަށް އުޅެވޭގޮތް ހުދު އޭނާއަށްވެސް ނޭނގޭ ކަހަލައެވެ.
"އާރ.. އާރ ޔޫ އޯކޭ.. އައިމް. ސޯ ސޮރީ..އައި" އަތުގެ ބޮޑުވައި އިނގިލިން ޝައިނާގެ ކޮލުގައި ފިރުމައިލަމުން ރާހިލް ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ.
"އިޓްސް އޯކޭ ރާހިލް އަައިމް ފައިން" ޝައިނާ ދޮގުހެދިއެވެ.
"ނޯ ޔޫ އަރ ނޮޓް. އެންޑް އިޓްސް ނޮޓް އޯކޭ… އައި.. އައިމް ސޯ ސޮރީ.." ރާހިލްގެ މޫނުމަތިން ފާޅުވާންހުރީ ހާސްކަމާއި ބިރާ ކަންބޮޑުވުން އެކުލެވޭ އަސަރުތަކެކެވެ. ދެލޯވަނީ ފެންކަޅިވެފައެވެ.
"ޔެސް އިޓްސް ނޮޓް އޯކޭ. ބަޓް އައިމް ފައިން. އަހަރެންނާ ހެދި ރާހިލް އިޝްކޮއަށް އަތް އިސްކުރިނަމަ އަހަރެން މާ ދެރަވެ ރުޅިއައީސް ކަންނޭނގެ. ރާހިލް ކީކޭ ހިތަށް އަރައިގެން ކުރިކަމެއް އެއީ؟ މޮޔަވީތަ؟" ޝައިނާގެ އަޑުގައި މަޑުމައިތިރިކަމެއް ހުއްޓަސް އެ އަޑުގައި ހިތްހަމަނުޖެހުމުގެ އަސަރު ހުއްޓެވެ. ރާހިލްއަކަށް އޭނާގެ ކަރުނަތަކެއް ނުހިފެހެއްޓުނެވެ.
"އައި.. އައި ޑޯންޓް ނޯ އައިމް.. ސޮރީ.. އިޝީ އެހެން ބުނީމާ މާބޮޑަށް.. ރުޅި އާދެވުނީ.. އެކަމަކު އައި ވުޑް ނެވަރ ހިޓް ޔޫ.. އައި ވުޑް ނެވަރ ހިޓް ހަރ. އައި ޑޯންޓް ނޯ.. ވާގޮތެއް.. ސަމް.. ސަމްތިންގް އިޒް ރޯންގް ވިތް.. މީ" ރާހިލްގެ އަޑު ތުރުތުރުލާން ފެށިއެވެ. އަވަސް ނޭވާތަކެއް ލަމުންދިޔަގޮތުން ހީވީ ދެންމެ ދެންމެ ނޭވާވެސް ހުއްޓިދާނެހެނެވެ.
"ރާހިލް…. " ރާހިލްއަށް ވަމުންދިޔަ ގޮތާމެދު ކަންބޮޑުވެފައިހުރެ ޝައިނާ ކުރިއަށް ޖެހިލައި ރާހިލްގެ އަތުގައި ހިފައިލިއެވެ.
"ރާހިލް ލުކް އެޓް މީ" އޭނާ މަސައްކަތްކުރީ ރާހިލްގެ އިސްއުފުލައިލެވޭތޯއެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane Sainaa and raahil dhuru nukurachey
They both are made for each other
Ishwaa and simaan dhuru nukurachey
Anam haadha goahey
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih its ok
Alhugandu ge support Abadhuves libeyne insha Allah
Love you ❤️😍
މިއެޕިސޯޑްވެސް ހަމަ ހަބޭސް. އެކަމަކު ރިއާން އާއި ޝައިނާ ތިހާކަންފަސޭހަކޮށް ތިކަން ގެންދާނެ ކަމަކަށް ހިޔެއްނުކުރަން. އަނަމްގެ ގޮތް އެނގިހުރެ ފުރަތަމައިނުންވެސް ތިދުއްވާލީ ހުރިހާކަމެއް ފެނަށް. ހީކުރީ ރިއާން ވަރަށް ސްމާރޓް ވާނެކަމަށް އެކަމަކު…. ބަލަން ތިބެއްޗެ… ތިއަނަމްގެ ކަންތައް ނިންމާލާނީ ޝިމާން އާއި ރާހިލް ވެގެން….
އިތުރު ބަޔެއް ކިޔާލަން އަވަހަށް ލިބޭނެ ނަމަ
ކޮންއިރަކުން އަނެއް ބައި
ވާއޮ. ނައިސް ޕާޓް. ތެންކްޔޫ އަންޔާ.
ވެއިޓިންގ ފޮރ ނެކްސްޓް.