Content warning: Self-harm. Body dysmophia disorder. Bipolar disorder.
Disclaimer: The contents of this episode are not intended to trigger/diagnose/cure any condition or disease substitute for medical advice. If you or someone you know is experiencing suicidal thoughts or a crisis please reach out immediately to Maldives National Mental Health Helpline – 1677
"ރާހިލް…. " ރާހިލްއަށް ވަމުންދިޔަ ގޮތާމެދު ކަންބޮޑުވެފައިހުރެ ޝައިނާ ކުރިއަށް ޖެހިލައި ރާހިލްގެ އަތުގައި ހިފައިލިއެވެ.
"ރާހިލް ލުކް އެޓް މީ" އޭނާ މަސައްކަތްކުރީ ރާހިލްގެ އިސް އުފުލައިލެވޭތޯއެވެ.
"ނޯ" ޝައިނާގެ އަތް ފޮޅައިލަމުން ރާހިލް ބުންޏެވެ.
"އަހަރެންނަކަށް ނުކެރޭނެ ޝައިނާއާ ފޭސް ކުރާކަށް. އައި.. އައިމް ފައިން. އައި ޑިިޑްންޓް ވޯންޓް ޓު ހިޓް ޔޫ" ރާހިލް ބޯ ހޫރަމުން ދިޔަގޮތުން ހީވީ އަމިއްލަ ނަފްސަށް އެބުނި ވާހަކަ ސާބިތުކޮށްދޭން މަސައްކަތްކުރަމުން ދިޔަހެނެވެ. އޭނާ ހިނގައިގަތީ ޝައިނާއާ ދުރަށެވެ. ކޮޓަރީގައިހުރި ސޯފާގައި އިށީނުމަށްފަހު ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތް މަހައިލައި ބާރުކޮށްލިގޮތުން ހީވީ އިސްތަށިތައް ބޮލުން ލުހިގެންފާނެހެނެވެ.
"ރާހިލް… ރާހިލް ސްޓޮޕް އިޓް" ޝައިނާ ގަދަކަމުން ކަހަލަ ގޮތަކަށް ރާހިލްގެ އިސްތަށިގަނޑާ ވަކިކޮށްލި ދެއަތުގައި ބާރަށް ހިފަހައްޓައިލަމުން ރާހިލްގާތު އިށީނެވެ. ރާހިލްގެ ނަފްސު ހަމައަކަށް އެޅެމުން ދިޔަވަރަކަށް އެ ދެއަތުގައިހުރި ތުރުތުރުވެސް މަޑުމަޑުން ހުއްޓެމުންދާކަން ޝައިނާއަށް ފާހަގަ ކުރެވުނެވެ.
"އި.. އިޝީ ކޮބާ؟" ދިހަވަރަކަށް މިނަޓުގެ ހިމޭންކަމަކަށްފަހު ރާހިލް ޝައިނާގާތު އަހައިލިއެވެ. އޭނާއަށް ހަމަ ވިސްނުމަށް އާދެވުނީ ކަހަލައެވެ.
"އިޝީ.. ރާހިލް ހުއްޓައެއްނު އިޝީ ނުކުމެގެން ދިޔައީ" ޝައިނާ ހަނދާންކޮށްދިނެވެ.
"ކޮންތާކަށް؟ އިޝީއަށް ގުޅާބަލަ" ރާހިލް އެދުނެވެ.
"ނޫން ރާހިލް. ކޮންމެ ސަބަބަކާހުރެ ކަމަށްވިޔަސް އިޝީ މިވަގުތު އެހެރީ އަހަރުމެން ދެމީހުންދެކެ ވަރަށް ރުޅިއައިސްފަ. ތެދަށް ބުނަންޏާ އަހަރެންނަށް އިޝްކޮގެ ރުޅިގަނޑު ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެ. ވެދާނެ އަހަރުމެން މާބޮޑަށް އިޝްކޮ ހިފަހައްޓައިގެން އުޅޭތީ ކަމަށްވެސް ހިތްހަމަ ނުޖެހެނީ. އިޝްކޮ މިހާރު އެހެރީ ބޮޑުވެފަ. ރާހިލްވެސް ކުޑަކޮށް އިޝްކޮއަށް މިނިވަންކަން ދޭން އަހަރެންނަށް ފެންނަނީ" ޝައިނާ ބުންޏެވެ.
"ޝައިނާ.." ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރާހިލް ޝައިނާއަށް ގޮވައިލިއެވެ.
"އެނގޭ އިޝީ އެ ކަންތައް ކުރިގޮތަށްފަހު މަޢާފުކުރަން ފަސޭހައެއް ނުވާނެކަން. އެކަމަކު… އަހަރެންނަކަށް ހިއެއްނުވޭ އިޝްކޮވެސް ކިޔަން ބޭނުންވާތީހެން އެ ހުރިހާ އެއްޗެއް ކީ. އެވާހަކަތައް ގަބޫލު ނުކުރައްޗޭ.. އަސްލު.. އިޝްކޮ އެހާ ސްޓޭބަލްއެއް ނޫން. ޝިމާންއާ އިޝްކޮއާ ވަކިވި ދުވަސްކޮޅު.. ގޭތެރޭގަވެސް އަހަރެންނާ މަންމަމެންގެ އެތައް ހަމަނުޖެހުމެއް ހިނގާ.. އެލީޝާ މަރުވެ. ފަހުން އަހަރެންވެސް ގެއިން ނުކުތީ… އިޝީ އެކަނިވާނެކަމާ ދޭތެރޭ ވިސްނާ ނުލެވުނީ… ވިސްނުނަސް މާބޮޑު ސަޕޯރޓެއް ދެވޭނެ ހާލަތެއްގައެއްނޫން އަހަރެންވެސް ހުރީކީ. އަހަރެން އަބަދުވެސް ބުނަމެއްނު.. މައި ވަރލްޑް ރިވޯލްވްސް އަރައުންޑް ޔޫ އޭ. ސޯ ވެން ޔޫ ލެފްޓް.. އިޓް ފެލްޓް އޭޒް އިފް ދަ ޔުނިވަރސް ވޯޒް ކޮލާޕްސިންގް އޮން މީ. އައި ވޯޒް މިސަރަބަލް." ރާހިލްއަށް ވާހަކަ ދައްކަމުންދިޔައީ އެތަކެެއް އުނދަގުލަކާއި ހިތްވަރުންނެވެ. ނަމަވެސް ޝައިނާއަށް އިޝްވާގެ ފަރާތުން އިތުރު ބަހުގެ ހަމަލާތަކެއް އަމާޒު ނުވަންދެން ހަގީގަތް ކިޔައިދިނުމަކީ މުހިއްމު ކަމެއް ކަމުގައި އޭނާ ދުށްޓެވެ.
"ޒީ.. ޒީވެސް އުޅުނީ ލިބެން އުޅޭ ބޭބީގެ ކަންތަކުގެ. އިޝްކޮ ބައިޕޮލާއަށް ޑައިގްނޯޒްވިކަން އަހަރެންނަށް އެނގުނީ މާ.. މާފަހުން. އިޝީ އެންމެ ފަހުން ކުޅުނު ބާސްކެޓް މެޗަށްފަހު ރޮމުންއައިސް ބުނިހާވެސް އެއްޗަކީ މަންމަމެން ގާތަށް ދާކަށް ނުކެރޭނޭ. ދެން ބަލާލީރު ހުސް… ހުސް ލޭ.. އާރމްބޭންޑް.. ޖާރޒީ.. އެދުވަހު އަހަރެންނަށް ލަހުން ނަމަވެސް އެ މެޗަށް ނުދެވުނުނަމަ އިޝްކޮ–"
"ސްޓޮޕް އިޓް ރާހިލް.." ރާހިލްގެ ވާހަކަ މެދުކަނޑައިލަމުން ޝައިނާއަށް ރާހިލްގެ ގައިގައި ބައްދައިލެވުނެވެ.
"އެކަމަކު އެދުވަހު އެކަންޏެއްނޫން.. އޭގެ ކުރިންވެސް އެތައް ބައިވަރު ދުވަހަކު އިޝްކޮގެ އަތުގަ"
"ރާހިލް.. ދެން ހުއްޓާލާށޭ.." ރާހިލްގެ ދުލުން އެވާހަކަތައް އޭނާއަށް ކިޔައިދީގެން އެ ވޭނީ ދުވަހުގެ ހަނދާންތައް އާކުރުމުގެ ފުރުސަތުދޭކަށް ޝައިނާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އިޝްވާގެ އަތުގައި ހުރަސްކޮށް އެޅިފައިހުރި އެތައް ލަކުނެއްގެ ހަގީގަތަކީ ކޮބަައިކަން ރާހިލްއަށް އެނގޭކަން މިހާރު އޭނާއަށް ކަށަވަރުވެއްޖެއެވެ. އޭނާ ބޭނުންވީ އެވަގުތު ރާހިލްގެ ގާތުގައިވާށެވެ. ނަމަވެސް އުއްމީދު ކުރިގޮތާ ހިލާފަށް ރާހިލް އޭނާގެ އަތުތެރެއިން ވީއްލިގަންނަމުން އޭނާ ދުރަށްޖައްސައިލިއެވެ.
"ޕްލީޒް.. އިޝީއަށް އެ ހެދުނު މިސްޓޭކް.. ޑޯންޓް ޓޭކް އިޓް ޓު ހަރޓްް" ރާހިލް ޖެހިލުންވެފައި އިނދެ ޝައިނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ތިހެން ބުނާއިރުވެސް ރާހިލްއަށް އެނގޭދޯ އިޝްކޮއާ ދޭތެރޭ އަހަރެންގެ ހިތް ކިލަނބެއް ނުވާނެކަން. އެކަމަކު ތި ހުރިހާކަމެއް އެނގިހުރެ ރާހިލް ކީއްވެ މިރޭ އިޝީގެ…" ޝައިނާއަށް ޝަކުވާ ކުރެވުނެވެ.
"އައި ޑޯންޓް ނޯ.. ޕްލީޒް ތިވާހަކަ ދެން ނުދައްކާ" ރާހިލް އެދުނެވެ.
"މައްސަލައެއްނެތް. ނުދައްކާނަން. އެކަމަކު އިޝްކޮ އައިމަ ރާހިލްވާނެ އިޝްކޮގާތުން މައާފަށް އެދެން. އޯކޭތަ؟" ހިނިތުންވުމަކާއެކު ޝައިނާ އަހައިލިއެވެ. ރާހިލްއަށް އިނީ ގަބޫލު ނުކުރެވިފައެވެ. އިޝްވާކުރި ހުރިހާ ކަމަކަށްފަހުވެސް ޝައިނާ އެ ވިސްނަނީ އިޝްވާއާ ދޭތެރޭގައެވެ. ރާހިލްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ޝައިނާގެ އެ ހިތްހެޔޮކަމާއި ހިތްސާފުކަންފެނި ރާހިލްގެ ހިތުގައި ޝައިނާގެ މައްޗަށް އޮތް ލޯބި އިތުރުވެލިއެވެ.
"ޕްލީޒް ޑޯންޓް މޭކް މީ ލަވް ޔޫ އިވަން މޯރ" ޝައިނާގެ އަތުގައި ރާހިލްއަށް ފިރުމައިލެވުނީ ބޭ އިޚްތިޔާރުގައެވެ. ހަމަ އެހިނދު ހުވަފެނަކުން ހޭލެވުނު ފަދައިން އޭނާ އެ އަތުން ދޫކޮށްލިއެވެ. ޝައިނާގެ ޖާދޫގައި ޖެހޭކަށް އޭނާ ބޭނުމެއްނުވިއެވެ. ޝައިނާ ކޮންމެފަހަރަކު އޭނާގެ ހިތާ ކުޅެލައިފައި ދުރަށްދާގޮތުން އޭނާއަށް ލިބެނީ ހިތްދަތިކަމެވެ.
"އިޝް.. އިޝްކޮ އައިމަ އަހަރެންނަށް ގުޅާލައްޗޭ" ރާހިލް ސޯފާއިން ތެދުވެ ޝައިނާއާ ދުރަށް ހިނގައިގަންނަމުން ބުންޏެވެ. ޝައިނާއަށްވެސް ރާހިލްގެ އެ ދުރުކަން ވިސްނުނީ ކަހަލައެވެ. އިތުރު ޒުވާބަކާނުލައި އޭނާ އެތަނުން ދިޔައެވެ. އެއާއެކު ރާހިލް ފޯނު ނަގައި ރިއާންއަށް ގުޅައިލީ އަނަމްގެ ކަންތައްތައް ހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ހޯދުމަށެވެ.
******************
ގޭތެރޭގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އިޝްވާ ނުކުމެގެން އައިސް އިނީ އަނަމްގެ އެކުވެރިޔާގެ ގޭގައެވެ. އޭނާ އެގެއަށް ވަނީއްސުރެން އަނަމްގެ އެކުވެރިޔާ ދިޔައީ އަނަމްއަށް ފޯނު ކުރަމުންނެވެ. އަނަމް "މި އަންނަނީއޭ" ބުނިތާވެސް މިހާރު ބައި ގަޑިއިރު ފާއިތުވެގެން ހިނގައްޖެއެވެ. އެހެންކަމުން އަނަމް އެރޭ ދެން ނާންނާނެކަން އިޝްވާއަށް ވިސްނުނެވެ.
"އަހަރެން ވަރަށް ގުޅައިފިން. ދެން ހިއެއްނުވޭ މިރޭ އަންނާނެހެން. އަހަރެންވެސް މާދަމާ ހެނދުނު ޑިއުޓީ އޮވޭ. ވަރަށް ނިދި އައިސްފި" އަނަމްގެ އެކުވެރިޔާ ބުނަން އުޅެނީ ކީކޭކަން އިޝްވާއަށް ފަހުމުވިއެވެ.
އަނަމް އެރޭ ނައީތީ އަނަމްއާމެދު އިޝްވާގެ ހިތުގައި ޝަކުވާ އުފެދުނު ނަމަވެސް އަނަމްއާމެދު ގޯސްކޮށެއް ނުދެކެވުނެވެ. ރިއާންއާއި ޝައިނާ ދެއްކި ވާހަކަތަކުގެ ސަބަބުން އަނަމް ހުންނާނީ ވަރަށް ދެރަވެފައިތާއެވެ. ފަހަރެއްގާ އެކަނިވެލަން ވަގުތުކޮޅެއް ބޭނުންވީ ކަމަށްވެސް ވެދާނެއެވެ. އެފަދަ ހިޔާލުތަކެއްގައިހުރެ އިޝްވާ މަޑުމަޑުން ސިޑިން ފައިބައިގެންގޮސް މަގުމައްޗަށް ނުކުތްއިރު އެ ހަރަކާތްތަކުގައިވަނީ ލަސްކަމެވެ. ބޭނުން ނުވެފައިހުރެ ގެއަށްދާން ހިނގަނިކޮށް މަގުގެ އަނެއްފަރާތުގައި ސައިކަލު ޕާކުކޮށްލި އަނަމް އިޝްވާގެ ލޮލުގައި އަޅައިގަތެވެ.
އަނަމް އަވަސް ފިޔަވަޅުތަކެއްގައިގޮސް އޭނާ މީގެ އިރުކޮޅެއްކުރިން އެގެއަކުން ނުކުތް ގެއަށްވަތްއިރު އިޝްވާއަށް ހުރެވުނީ ވަރަށް ދުރަށް އާދެވިފައެވެ. އެހެނަސް އެރޭ އަނަމްއާ ބައްދަލުނުކޮށް ގެއަށްދާކަށް އޭނާ ބޭނުމެއްނުވިއެވެ. އަނެއްކާވެސް އޭނާގޮސް އެގޭގެ ސިޑި ގިރާކޮށްލުމަށްފަހު ފުރަތަމަ ފަންގިފިލާގައިހުރި އެޕަރޓްމެންޓަށް އެރިއެވެ. ތަޅުގައި ހިފައިލަން އުފުލައިލި އަތް އޭނާއަށް ތިރިކޮށްލެވުނީ އަނަމްއާއި އަނަމްގެ އެކުވެރިޔާ ދައްކަމުންދިޔަ ވާހަކަ އަޑުއިވުމުންނެވެ. އެ ވާހަކަ އޭނާއަށް އިވެމުންދިޔައީ ސިޑިއާ ޖެހިގެންހުރި ވައިގޮޅިއަށް ކަނޑާފައިވާ ކުޑަދޮރާ ދިމާލުންނެވެ. އެޕަރޓްމެންޓްގެ ސިޓިންގްރޫމްގައި ދައްކަމުންދިޔަ ހުރިހާ ވާހަކައެއް ހުޅުވައިލެވިފައިވާ އެ ކުޑަދޮރުގެ ތެރެއިން ވަރަށް ސާފުކޮށް އިވެމުންދިޔައެވެ.
"އެންމެ މިލިޔަނަކަށް؟ މަ ދެކޭ ގޮތުގަ ކަލޭ ތީ ވަރަށްބޮޑު މޮޔައެއް. ކަލޭ ބޭނުންވަނީ ލާރިއެއްނު؟ ކަލެއަކަށް ނޭނގޭތަ އެކުއްޖާ އެއީ އެމް.ޕީ ނާޝިދުގެ ހަމައެކަނި ދަރިފުޅުކަން. ދެން އެ އުޅެނީ ދޮން ދަރިންނެއްނު؟ އެގެވެސް ލިބޭނީ ހަމައެކަނި އެ ކުއްޖާއަށް. އެ ގެ ހަދާލާފަ ހުރި ފެންވަރު ކަލޭ ދުށިންތަ؟ މަށަށް ޔަގީން އެކުއްޖާއާ އިންނަމަ އެގޭގެ ކުލިން އެކަނިވެސް ކަލެއަށް މަހަކު ބައި މިލިއަނަށްވުރެން ގިނައިން ލިބުނީސްކަން" އަނަމްގެ އެކުވެރިޔާގެ ވާހަކަ އިވުމާއެކު އިޝްވާއަށް އަނގަމަތީގައި އަތް އަޅައިލެވުނެވެ. ޝައިނާ މިރޭ ދެއްކި ވާހަކަތަކުގެ ހަގީގަތް ނިއުޅެމުންދިޔަ ވަގުތު އިޝްވާގެ ދެލޯ ފެންކަޅިވާންފެށިއެވެ.
"އެކަހަލަ ކަންތައްބޮޑު އާއިލާއަކާ އެއްކޮށް މަށަކަށް ނޫޅެވޭނެ ކަންނޭނގެ. އެހެރީ ޅިޔަނާ ފަހަރިއާ ދެމީހުންނަށް ވާވަރު. އަހަރެން އަޅާހާ ފިޔަވަޅެއް ބަލަމުން. އެވަރުން ކިހިނެއް އޭނަގެ ބައްޕައާ މަ އަދި މީޓު ކުރާނީ. އެ ދެން މަގޭ ޓައިޕެއްވެސް ނޫނެއްނު. މަ އުޅުނީ އެއްޗެއް ނުލިބުނަސް އޭނަ ދޫކޮށްލަން. މަގޭ ނަސީބު ކަންނޭނގެ އެ ރިއާން މިލިއަނެއްވަރު ދޭން އެއްބަސްވި ކަންވެސް" އަނަމް ހީނގަންނަމުން ބުންޏެވެ.
"އެއަށްވުރެން އަގުބޮޑުކޮށް ކަލޭގެ ކާރުވެސް ވިއްކާލެވުނީސް" އަނަމްގެ އެކުވެރިޔާވެސް އެ ހުނުމުގައި ބައިވެރިވިއެވެ.
"އޭނައާއެކު އުޅެންވިއްޔާ ވިއްކާނެ ކާރެއް ނޯންނާނެ. އޭނަ އަރާލީމަ މަގޭ ކާރުވެސް ހީވަނީ ބިންމަތީގަ ޖެހިދާނެހެން" އިޝްވާއަކަށް އަނަމްގެ ދުލުން އެވާހަކަތައް އަޑުއަހާކަށް ކުޅަދާނައެއް ނުވިއެވެ. ވަކިން ހާއްސަކޮށް އަނަމް އޭނާގެ ސިފައަށްކުރި މަލާމާތުން އޭނާގެ ހިތުގައިޖެހުނެވެ. ގިސްލެވެން ފެށުމުން އޭނާ ސިޑިން ތިރިއަށް ދުއްވައިގަތެވެ. މަގަށް ނުކުމެ އެންމެ ފުރަތަމަ އަތުޖެހުނު ކާރަށް އަރައިގެން ގެއަށްދިޔައިރު އޭނާއަށް ހުއްޓާނުލައި ރޮވެމުންދިޔައެވެ.
ގެއަށްއައި އިޝްވާއަށް ލިފްޓަށް އެރުނީ ޝިމާންއާ އެކުއެކީގައެވެ. ގަޑިން މެންދަމު ބާރަޖަހަން ގާތްވެފައި ވާތީއާއެކު އެއީ ޝިމާންވެސް އާންމުކޮށް ޖިމް ނިންމާފައި ގެއަށް އަންނަ ވަގުތެވެ. ޝިމާން ފެނުމުން އިޝްވާއަށް ރުއިން މެދުކަނޑައިލަން މަޖުބޫރުވިއެވެ. އެހެނަސް ލިފްޓުގައިހުރި ޝިމާންއަށް އިޝްވާގެ ހަށިގަނޑުގައިހުރި މަޑު ތުރުތުރުލުމާއި އިޝްވާގެ އަނގައިން ނުކުންނަމުންދިޔަ ގިސްލުމުގެ އަޑު ސިއްރެއްނުވިއެވެ. ޝިމާންގެ ހިތުގައި ރިއްސައިލިއެވެ. އިޝްވާ ދެރަވެފައިހުރި ސަބަބެއް ނޭނގުނު ނަމަވެސް އެވަގުތުން އެވަގުތަށް އިޝްވާގެ އެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ބޭނުންވިއެވެ. އޭނާގެ މޭގެ ތެރޭގައި އިޝްވާ ބޮނޑިކޮށްލައި ދުނިޔޭގެ ކޮންމެ އަނިޔާއަކުން އިޝްވާ ހިމާޔަތްކޮށްދޭން ބޭނުންވިއެވެ. އެ ހިތާމައިގެ ފަހަތުގައިވާ ސަބަބު ދެނެގަތުމަށްޓަކައި ކެތްމަދުވާން ފެށުމުން އޭނާ އިޝްވާއާ ގާތަށް ފިޔަވަޅެއް އަޅައިލިއެވެ. ނަސީބު ކަންދިމާކުރިގޮތުން އެވަގުތު ލިފްޓުގެ ދޮރު ހުޅުވުމާއެކު އެސްފިޔަ ޖަހާލާހަ މަދު ސިކުންތުކޮޅެއްގެ ތެރޭގައި އިޝްވާ ލިފްޓުން ނުކުތެވެ. ހީވީ ޝިމާންގެ ކުރިމަތިން ވީހާވެސް އަވަހަށް ދުރަށްދާން ބޭނުންވެފައި ހުރިހެނެވެ.
އިޝްވާ ކިތަންމެ ބާރަށް ހިނގިއެއްކަމަކު ޝިމާންއަށް އެ ދުވެއްޔާ އަރާ ހަމަކުރާކަށް އުނދަގުލެއް ނުވިއެވެ. އިޝްވާގެ ފަސްފަހަތުން ކަހަލަ ގޮތަކަށް އޭނާ އެޕަރޓްމެންޓަށް ވަނެވެ. ދަބަސް ހުޅުވައިލުމަށްފަހު އާދައިގެ މަތިން އޭނާ އޭގެ ތެރޭގައި ގެންގުޅޭ ބާސްކެޓްބޯޅައެއް ނަގައި ކޮޓަރިއަށް ވަންނަންދިޔަ އިޝްވާއާ ދިމާލަށް އެއްލީ އިޝްވާގެ ހިޔާލުތައް އެހެން މިސްރާބަކަށް އަނބުރައިލުމުގެ މަގްސަދުގައެވެ. އުއްމީދުކުރި ގޮތާ ހިލާފަށް އޭނާއާ އަމާޒުވީ އިޝްވާގެ ރުޅިވެރި ނަޒަރެކެވެ. އެ ރުޅިވެރިކަމުގެ ތެރެއިންވެސް އިޝްވާގެ ދެލޯ ރުއިމުގެ ސަބަބުން ރަތްވެފައިވާ މިންވަރު ޝިމާން ދެނެގަތެވެ.
"ސޮ..ސޮރީ.. އިޝީ ފްރީ އިއްޔާ ކުޅެލަން ބޭނުންތޯ ބަލާލީ؟" ޝިމާން ޖެހިލުންވެފައިހުރެ ބުންޏެވެ.
"ކަލޭ މޮޔަވީތަ އޭން؟ މަށަށް ބަލާބަލަ. ބަލާބަލަ މަށަށް. ކުޅެވޭނެ ފާޑެއް ދުވެވޭނެ ފާޑެއް ޖަހާތަ؟" އިޝްވާ ނުރުހުންވެފައިހުރެ ޝިމާންއާ ދިމާލަށް ހަޅޭއްލަވައިގަތުމަށްފަހު އަތުގެ ކޮޅަށް ބޯޅަ ހޫރައިލިއެވެ. އެތަނުގައިހުރި އެއްޗަކަށް ގެއްލުންވުމުގެ ފުރުސަތު ނުދީ ޝިމާންއަށް އެ ބޯޅަ ކޮންޓްރޯލް ކޮށްލެވުނީ ހަމަ ކިރިޔާއެވެ.
"އިޝީ.. ވަޓްސް ރޯންގް؟" ޝިމާންގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އިޝްވާ ކޮޓަރިއަށްވަދެ ބަންކިޔާފައި ދޮރުޖެއްސެވެ. ނުނިދިފައި އޮތް ޝައިނާގެ ކަންފަތާ ހަމައަށްވެސް އެ އަޑު ފަނޑުފަނޑުކޮށް ފޯރައިފިއެވެ. ވުމާއެކު ޝައިނާ އަވަސްއަވަހަށް ނިދަން ލައިގެންހުރި ޓީޝާޓާއި ހަރުވާޅުގެ މަތިން ކާޑިގަން ކޮނޑަށް މަހާލައިގެން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ. ސިޓިންގްރޫމްގެ މެދުގައި ގަބުއަރާފައިހުރި ޝިމާންއަށް ބަލައިލަމުން ޝައިނާ ބޯ ހޫރައިލީ ކިހިނެއްވީހޭ އަހައިލާ ފަދައަކުންނެވެ.
"ސިސް.." ޝިމާން ދުރު ފިޔަވަޅުތަކެއްގައި އައިސް ޝައިނާގާތަށް ހުއްޓުނެވެ.
"އިޝީ.. އިޝްވާއަށް ކޮންމެވެސް ކަމެއްވެއްޖެ. ވަރަށް ލަސްވިފަހުން.. ދެންމެ އަހަރެން އައި އިރު ގެއަށްވެސް އައީ. އައި އިރު ހުރީ.." ޝިމާން ކަންބޮޑުވެފައިހުރެ ފެނުނު މަންޒަރުތައް ޝައިނާއަށް ކިޔައިދޭންފެށިއެވެ.
———
ކޮނޑުގައި އޮތް ދަބަސް އެނދުމައްޗަށް އެއްލައިލުމަށްފަހު ރީތިވާ މޭޒުގެ ލޯގަނޑު ކުރިމައްޗަށް ހުއްޓިލި އިޝްވާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. އަނަމްގެ ކެހިވެރިކަން ހަނދާންވަމުންދިޔަ ވަރަކަށް އޭނާގެ މޭފިތި ބޮލަށް ބާރުކުރަމުންދިޔައެވެ. އަނަމްއާ ގުޅުން ކަނޑައިލަން ޖެހުމަށްވުރެން ބޮޑަށް އިޝްވާއަށް އަސަރު ކުރަމުންދިޔައީ އަނަމްގެ ދުލުން އިވުނު މަލާމާތުގެ ބަސްތަކުންނެވެ.
ލޯގަނޑުން ނަޒަރު ވަކިކޮށްލުމެއްނެތި އިޝްވާ ފަހަތައް ދެތިން ފިޔަވަޅު އަޅައިލިއެވެ. އޭނާ ލައިގެންހުރި ރީނދޫކުލައިގެ ދޫ ގަމީހުގެ ދެފަރާތުގައި ހިފައި ވާންކޮށްލަމުން ގަޔަށްބާރުކޮށްލިއެވެ. އިޝްވާއަށް އޭނާގެ އަމިއްލަ ހަށިގަނޑުދެކެ ރުޅިއާދެވުނެވެ. ކާރުގައި އިންއިރު ސިކުނޑީގައި އުފެދުނު މާޔޫސީ ވިސްނުންތަކަށާ ޝިމާން ފެނުނު ހިސާބުން މެދުކެނޑުމެއް އައިސްފައި ހުއްޓާ އަނެއްކާވެސް އެ ވިސްނުންތައް ސިކުނޑީގައި އިޔާދަވާން ފަށައިފިއެވެ. އަނަމް އެބުނީ ހަމަ ތެދެކެވެ. އޭނާއާއެކު އުޅެން ބޭނުންވާނީ ކާކުހެއްޔެވެ؟ ޝިމާންވެސް އޭނާގެ ބަދަލުގައި އެހެން މީހަކު ހިޔާރުކުރީ ނޫންހެއްޔެވެ؟ ލޯތްބަކީ އޭނާއަށް ހައްގު އެއްޗެއް ނޫނީބާއެވެ؟ އޭނާއަށް އެފަދަ ނަސީބެއް ދުނިޔޭގައި ނެތީ ކަންނޭނގެއެވެ. އިޝްވާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަމުން ރީތިވާ މޭޒުމަތީގައިހުރި ސެންޓުފުޅިއެއް ނަގައި ލޯގަނޑާ ދިމާލަށް ހޫރައިލިއެވެ.
————
"ރާހިލް ބުނި އިޝްކޮ އައިމަ ގުޅާލައްޗޭ. އެބަ ގުޅަ–"
ޝިމާންއާ ވާހަކަދައްކަންހުރި ޝައިނާގެ ވާހަކަ ހުއްޓުނީ ކުއްލިއަކަށް އިޝްވާގެ ކޮޓަރިން ބާރު އަޑުފަށްގަނޑެއް އިވުމުންނެވެ.
"ކޮން އަޑެއް؟" އޭނާއަށް ހާސްވެފައި އަހައިލެވުނެވެ. ޝިމާން ނޭނގެއޭ ބުނުމުގެ ގޮތުން ދެކޮނޑު ހޫރައިލި ވަގުތު އިޝްވާ ހަމަކުއްލިއަކަށް ކޮޓަރިން ނުކުމެ ބަދިގެއާ ދިމާލަށް ހިނގައިގަތެވެ. ޖެހިގެންހުރި ކޮޓަރީގެ ދޮރުމަތީގައި ތިބިއިރުވެސް އެދެމީހުން އިޝްވާގެ ލޮލުގައި އަޅައިނުގަތް ކަހަލައެވެ.
ޝައިނާއާއި ޝިމާން އެކަކު އަނެކަކަށް ބަލައިލުމަށްފަހު އިޝްވާގެ ފަހަތުން ހިނގައިގަތެވެ. ނަމަވެސް ބަދިގޭގެ ކެބިނެޓުތައް ކައިރީގައި މަޑުކޮށްލައިގެންހުރި އިޝްވާ ފެނުނު ވަގުތު ޝައިނާއަށް ސިހިފައި ހަޅޭއްލަވައިގަނެވުނުއިރު އޭނާ ރާހިލްއަށް ގުޅުމަށްޓަކައި ކަންފަތުގައި ޖަހައިލައިގެންހުރި ފޯނުވެސް ބިންމައްޗަށް ވެއްޓުނެވެ. ވާނީވެސް އެހެންތާއެވެ. އިޝްވާގެ އެއްއަތުން ހިފާލައިގެންހުރި ތޫނު ދިގު ވަޅި އަނެއްއަތުގެ ކުޑަހުޅާ ހިސާބުންގަ ޖައްސައިލައިގެން ހުރިއިރު އިޝްވާގެ ދެއަތް ދިޔައީ ތުރުތުރުލަމުންނެވެ. އޭނާގެ ގަޔަށް އާދަޔާހިލާފު ބާރެއް އަރާފައިވާ ކަހަލައެވެ. ރަތްވެފައިވާ ދެލޮކުން ފައިބަމުންދިޔަ ކަރުނަތައް ކޯތުލާފައި ކޯތާފަތުން ތިރިއަށް ފައިބަމުންދިޔައިރު މުޅި މީހާ ހުރީ ދާހިތްލާ ފޯވެފައެވެ. އިޝްވާގެ ހާލަތުފެނި ޝިމާންއަށްވެސް ދެލޯ ބޮޑުކޮށްލަމުން ފަހަތައް ފިޔަވަޅެއް އަޅައިލެވުނީ އިޝްވާ ކޮށްފާނެ ކަމަކާމެދު ހިތަަށް ވަތް ބިރުވެރިކަމުގެ ސަބަބުންނެވެ.
"އި.. އިޝީ…" ޝިމާން ހިންދިރުވައިލަމުން އިޝްވާއަށް ގޮވައިލިއެވެ. އޭނާގެ އަޑުގައިވާ ހާސްކަން ފޮރުވޭތޯ މަސައްކަތްކުރާ ހާލުގައެވެ. "އިޝީ ޕްލީޒް ޑޯންޓް" އެވަގުތު އިޝްވާގެ ހަމަބުއްދި ސަލާމަތުން ހުރިނަމަ ޝިމާންގެ އަޑުގައިވާ އާދޭހުގެ އަސަރު އިޝްވާއަށް ފާހަގަކުރެވުނީސްކަން ގައިމެވެ.
"ނޫން. ނާންނާތި. މި ބުނީނު ނާންނާށޭ." އިޝްވާ ވަޅި ދިމާކޮށްލީ އޭނާއާ ދިމާލަށް ފިޔަވަޅެއް އަޅައިލި ޝިމާންއާ ދިމާލަށެވެ.
"އިޝްކޯ.. އިޝްކޯ ޕްލީޒް ތިހެން ނަހަދާ. އިޝްކޮ ބޭނުން ކަމެއް އަހަރެން ކުރާނަން. އިޝްކޮއަށް އުނދަގޫ ވަންޏާ މި ގެއިންވެސް ދާނަން އާދޭސްކޮށްފަ މި ބުނީ" ޝައިނާ މަސައްކަތްކުރީ އިޝްވާއަށް ވިސްނައިދެވޭތޯއެވެ.
"އެކަކުވެސް އަހަރެން މަރުވެގެން ދެރައެއް ނުވާނެ. އެކަކުވެސް. އަހަރެން.. ބޭނުމެއްނުވާނެ.. އެކަކުވެސް—"
"އިޝީ" ރާހިލްގެ އަޑަށް އިޝްވާއަށް ސިހިފައި ވަށައިގެން ހޯދައިލެވުނެވެ. ސިޑިކައިރީގައިހުރި ރާހިލް އަވަސް ފިޔަވަޅުތަކެއްގައި އޭނާއާ ދިމާލަށް އަންނަތަން ފެނުމާއެކު އިޝްވާ ދެތިން ފިޔަވަޅު ފަހަތައް އަޅައިލިއެވެ.
"ނާންނާތި! ނާންނާށޭ! މަރާލާނަން!" އިޝްވާއާ ހައެއްކަ ފިޔަވަޅު ގާތަށް އާދެވިފައިވަނިކޮށް އިޝްވާ ތެޅިގެންފައި ރާހިލްއާ ދިމާލަށް ވަޅި ދިއްކޮށްލިއެވެ. ހީވީ ދެންމެ ދެންމެ ރާހިލްގެ ބަނޑަށް ވަޅި ހަރާލައިފާނެހެނެވެ. ޝައިނާގެ މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. އަނެއްކާވެސް ދެކަންފަތުގައި އަތްއަޅައިގެންހުރެ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަމުން ދެލޯ މަރައި ތަގުޅިކޮށްލިއެވެ. ރާހިލް އެއްފަހަރު ދުރުގައި ހުރި ޝައިނާއަށް އަނެއްފަހަރު އިޝްވާއަށް ބަަލައިލުމަށްފަހު އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅާލައިފިއެވެ. އެއާއެކު އިޝްވާ އިތުރަށް އަތް ދަމައިލަމުން ރާހިލްއާ ދިމާލަށް ވަޅި މަޅައިލިއެވެ.
"ރާހިލް!! ރާހިލް ޕްލީޒް ޑޯންޓް. ރާހިލް ފަހަތައް ޖެހިބަލަ" ޝައިނާއަށް ހުއްޓާނުލައި ރޮވެމުންދިޔައެވެ. ރާހިލްއަށް މަޖުބޫރުވީ ހުރިފިޔަވަޅުމަތީގައި ހުއްޓިލުމަށެވެ.
"އިޝްކޯ. ޕްލީޒް.. ޑޯންޓް ޑޫ ދިސް ސްވީޓީ. އިޝްކޮއަށް ހަމަ ރަނގަޅަށް އެބަ އެނގެއެއްނު މިވާ ގޮތް. ޓްރައި ޓު ރީގެއިން ދަ ކޮންޓްރޯލް އޮފް ޔޯރ މައިންޑް އިޝީ. ވަޅިއެއް ހިފައިގެން އިޝްކޮއަށް ތި ހުރެވެނީ. ރީތިކޮށް ތިތަނުގަ ތި ވަޅި ބާއްވާލާފަ އާދެބަ ދޮންބެ ކައިރިއަށް. މި ހުރިހާކަމެއް ހަނދާން ނައްތާލާފަ ރީތިކޮށްގޮސް ބޭސް ކާލައިގެން ނިދާނީ. ލެޓްސް ޑޫ ދެޓް އޯކޭ؟" ރާހިލްގެ އަޑަށް އާދަޔާހިލާފު މަޑުމައިތިރިކަމެއް ވެރިވިއެވެ. އޭނާގެ ރާގު ހުރިގޮތުން މިއީ އޭނާ އަލަށް ކުރިމަތިލާ ކަންތައްގަނޑެއް ނޫނޭ ހީވާކަހަލައެވެ.
"ނޫން!!" އިޝްވާ ތުރުތުރު އަޅަމުންދިޔަ އަޑަކުން ހަޅޭއްލަވައިގަތެވެ. "އިޝީ ބޭނުމެއްނޫން ބޭސްކާކަށް. ބޭނުމެއް.. ނޫން.. ބަލާބަލަ އަހަރެންނަށް ވެފަ ހުރިގޮތް. އިޝީ ބޭނުންވެގެންތަ މިހެންވީ. އިޓްސް އޯލް ބިކޯޒް އޮފް ދަ ސްޓުޕިޑް މެޑްސް" އިޝްވާ ގެންގުޅުނު ވަޅި ޖައްސައިލީ އަމިއްލަ ބަނޑުގައެވެ. އޭރު އެތަނުގައިތިބި އެންމެންގެ ހިތްވެސް ނެގިނެގިފައި ޖެހެމުންދިޔައެވެ.
"އައި ވޯޒް ފިޓް.. އެންޑް ޕްރިޓީ.. ލުކް އެޓް މީ ނައު.. މިހާރު އެކަކުވެސް އިޝީ ބޭނުމެއްނުވޭ.. މާނުވެސް.. އަނަމްވެސް.. އިޝީ ދޫކޮށްލީ.. އެކަކުވެސް އިޝީދެކެ.. ލޯތްބެއްނުވޭ.. ދޮންބެ.. ދޮންބެވެސް އިޝީ ގައިގަ..ޖަ.. ޖަހަން އުޅުނީ.. އިޝީ ގޯސްވީމަ. ސިސްއަށްވެސް އިޝީ ކިހާ ގޯސް.. އެކަކުވެސް އިޝީދެކެ ލޯބިވާނެ ކަމެއްނެތް… އިޝީ މަރުވީމަ އެންމެނަށްވެސް.. ރަނގަޅުވާނީ" އިޝްވާ ގިސްލުމުގެ ތެރެއިން ވާހަކަ ދައްކަންފެށިއެވެ.
"ތިހެން ނުބުނޭ އިޝްކޮ. ދޮންބެ އިޝްކޮ ގައިގަ ދުވަހަކުވެސް ނުޖަހަމެއްނު. އައިމް ރިއަލީ ސޮރީ އަބައުޓް ވަޓް ހެޕެންޑް.. އިޝްކޮ ބޭނުން އަދަބެއް ދޮންބެއަށް ދީ.. ބަޓް ޕްލީޒް ތި ވަޅިން ދޫކޮށްލާ.. އިޝްކޮ ނެތިއްޔާ އެންމެންވެސް ވަރަށް ދެރަވާނެ. ދޮންބެ ކިހާ ދެރަވާނެ. ކިހާ އެކަނިވާނެ.. ސިސްވެސް. ސިސްއާ އެއްކޮށް ޝޮޕިންގަށް ދާނީ ކޮން ކުއްޖެއް. މަންމަވެސް.. މާނުވެސް ދެރަވާނެ" ރާހިލް ވާހަކައިގެ ތެރެއިން ދުރުގައި ހުރި ޝިމާންއަށް ބަލައިލަމުން ލޮލުން އިޝާރާތްކުރީ އިޝްވާގެ ފަހަތަށް ދިޔުމަށެވެ. ރާހިލްގެ އިޝާރާތަށް ބޯ ޖަހައިލުމަށްފަހު ޝިމާން މަޑުމަޑުން އިޝްވާގެ ފަހަތައް ހިނގައިގަތްއިރު އޭނާ ހުރީ ކޮންމެވެސް ވަރަކަށް ހަމަޖެހިފައެވެ. ރާހިލްގެ ވާހަކައިގެ ރާގު ބައްޓަން ކުރަމުންދިޔަ ގޮތުން އިޝްވާ ކުޑަކޮށް ހަމަޖެހެން ފަށައިފިކަން އެންމެނަށްވެސް ފާހަގަވަމުންދިޔައެވެ. އިޝްވާގެ އަތުގައި އޮތް ވަޅިވެސް މިހާރު ތިރިކޮށްލައިފިއެވެ. އެކަމަކު އެ ބޭއްވުމުގެ ހިޔާލެއް ނުކުރާތީ އެމީހުން ތިބީ އަދިވެސް ބިރުންނެވެ.
"ބަލާބަ ދޮންތިވެސް ކިހާ ދެރަވާނެ. ދޮންތި އިޝީއަށް ކިހާ ރަނގަޅު. ދުވަހަކުވެސް އިޝީ ދެރަކުރިތަ؟ އަދި ރިއާންބެގެ އަތުން އިޝީގެ ގްރެޖުއޭޝަން ގިފްޓް ވެސް ނުހޯދަމެއްނު. ތިންކް އަބައުޓް ޒިވްޔަން.. އެންޑް ރާއީ.. އެންޑް ޔާނާ… ތިއީ ހުރިހާ ކުދިންގެ ފޭވްރިޓް އިޝީ އާންޓީއެއްނު. އިޝީގެ ރެޑް ހެއަރ ތިއީ ޔާނާގެ ފޭވްރިޓް ހެއަރ އެއްނު. އިޝްކޮއަށް އެނގޭތަ ޔާނާގެ ފޭވްރިޓް ޑިޒްނީ ޕްރިންސަސްއަކީ މިހާރު މެރީޑާކަން؟ ބިކޮޒް ޝީ ތިންކްސް ޔޫ އަރ ސްޓްރޯންގް ޖަސްޓް ލައިކް މެރީޑާ.. ސޯ ތިންކް އަބައުޓް އިޓް. ޔާނާ ކިހާ ރޯނެ. ވަޅި ބާއްވާ.. ޔާނާ ހޭލަފާނެއެއްނު. އެންމެންވެސް އިޝްކޮދެކެ ވަރަށް ލޯބިވެޔޭ. ގަބޫލުކޮށްބަލަ" ރާހިލް މަޑުމަޑުން އިޝްވާއާ ދިމާލަށް އެއްއަތް ދިއްކޮށްލައިގެންހުރެ ވާހަކަދެއްކިއެވެ.
"އެންމެން؟ އެންމެން…ވެސް އިޝީ..ދެކެ ވަރަށް ލޯބި..ވޭދޯ؟" އިޝްވާ ނޭފަތް ދަމައިލަމުން ރާހިލްގާތު އަހައިލި ސުވާލަށް ރާހިލް އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.
"އެންމެން..ވެސް އިޝީ..އަށް ކެއަރ ކުރޭ. އެކަމަކު އިޝީ.. އެކަކާ.. ދޭތެރޭވެސް.. ނުވިސްނާ.. އިޝީ ކިހާ.. ގޯސް.. އައިމް އޭމް އަ ބޭ..ޑް.. ޕަރސަން. އައި ޑޯންޓް ޑިޒަރވް ޓު ލިވް.." އިޝްވާގެ ފަހު ޖުމްލައާއެކު އަތުގައި އޮތް ވަޅި ހިއްލައިލީ އަނެއް އަތުކުރީގައި އަޅައިލުމަށެވެ. ނަމަވެސް އިޝްވާއަށް އެކަން ކާމިޔާބުވުމުގެ ކުރިން އެފަދަ ކަމަކަށް ވިސްނައިގެންހުރި ރާހިލް ދުރު ފިޔަވަޅުތަކަކުން އެދެމެދުގައި އޮތް ހައެއްކަ ފޫޓުގެ ޖާގަ ނައްތައިލުމަށްފަހު އެ ވަޅީގައި ހިފެހެއްޓިއެވެ. އިޝްވާ ހިފަހައްޓައިގެންހުރީ ވަޅީގެ އަތްގަނޑުގައިކަމުން ރާހިލްއަށް ހިފަހައްޓަން ޖެހުނީ ވަޅީގެ ތިލައިގައެވެ. އިސާހިތަކު އެ މިޔަތޫނު ވަޅިން ރާހިލްގެ އަތްތިލަ ޒަހަމްވެ އުޅަނބޮއްޓާއި ހަމައަށް ލޭގެ ރޮނގެއް ދެމިގެން ހިނގައްޖެއެވެ.
"ރާހިލް!!" ޝައިނާ ބާރަށް ހަޅޭއްލަވައިގަންނަމުން އަނގަމަތީގައި އަތްއަޅައިލިއެވެ. އޭނާއަކަށް ހުރެވުނު ތަނެއްވެސް ނޭނގުނެވެ. ދުވެފައިގޮސް ރާހިލްއާ އިޝްވާގެ ގާތަށް ހުއްޓުނީ އެ ހާލަތުގެ ނުރައްކާތެރި ކަމާމެދުވެސް ވިސްނައިލުމެއް ނެތިއެވެ.
"ރާހިލް.. އޯމައިގޯޑް.. ކީއް ތި ކުރީ؟" ޝައިނާއަށް ރާހިލްގެ އަތުގައި ހިފަހައްޓައިލެވުނެވެ. އޭރު ރާހިލްގެ އަތުން ފައިބަމުންދިޔަ ލޭގެ ތިކިތަކުން ބިންމަތީގައި ކޯރެއް ހެދެމުންދިޔައެވެ. އިޝްވާއަށްވެސް އެމަންޒަރުފެނި ދެލޯ ބޮޑުކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ރާހިލްގެ ލެއިން ތަތްތެޅިފައިވާ އަތްފެނުމާއެކު އޭނާއަށް މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއްކަން ރޭކައިލީ ކަހަލައެވެ. ވަޅިން އަތްދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު ފާޑެއްގެ ތުރުތުރެއް އަޅާލައިފައި އިޝްވާގެ ހަށިގަނޑުން ހަބަރު ހުސްވެގެން ވެއްޓެންދިޔައެވެ. ފަހަތުގައިހުރި ޝިމާން ހުށިޔާރުކަމާއެކު އިޝްވާގެ ހަށިގަނޑު ހިފަހައްޓައިލަމުން އަތްދަނޑިމައްޗަށް އުފުލައިލިއެވެ.
"ކި.. ކިހިނެއް ހަދަންވީ؟" ޝިމާންއަށް ބަލައިލެވުނީ ރާހިލްއަށެވެ. ހިނގައިދިޔަ ކަންތަކުގެ ސަބަބުން އޭނާވެސް ހުރީ ޝޮކެއްގައެވެ.
"ކޮޓަރިއަށް ގެންދޭ" ރާހިލް ހަމަޖެހިލާފައި ބުންޏެވެ. އަދި ހުދު އޭނާވެސް އަތުތެރޭގައި އޮތް ވަޅި ބިންމައްޗަށް ވައްޓައިލުމަށްފަހު ޝިމާންގެ ފަހަތުން ހިނގައިގަތެވެ. ޝިމާން ފަރުވާތެރިކަމާއެކު އިޝްވާ އެނދުގައި ބާއްވައިލި އިރު ރާހިލް ފެށީ އިޝްވާގެ މުޅި ކޮޓަރި ބަލައި ފާސްކުރާށެވެ. އަތުގައިވާ ޒަހަމާމެދު އޭނާގެ ފަރުވާލެއް ނެތްކަހަލައެވެ. އެނދުގެ ކައިރިފަށުގައިހުރި ސައިޑް ކަބަޑުގެ ވަތްގަނޑާއި އަލަމާރީގައިހުރި ކުދި ވަތްގަނޑުތަކުން ފަހަރަކު ވަތްގަނޑެއް ބަލައި ފާސްކުރަންފެށީ އެއިން ކޮންމެ ތަނެއްގައި ލޭގެ ނިޝާނެއް ދޫކުރަމުންނެވެ.
"ރާހިލް.. ރާހި..ލް ޔޫ އަރ.. ބްލީޑިންގް" ރާހިލްގެ ގާތުގައި ޕަރުވާނާއެއްހެން އެނބުރެމުންދިޔަ ޝައިނާގެ އަޑު ނުކުތީ ކެނޑިކެނޑިގެނެވެ. އަދިވެސް އޭނާއަށް ދިޔައީ ގިސްލެވެމުންނެވެ. ކަރުނަތަކަކަށް ނިމުމެއްނައެވެ. އެމޫނުމަތިން ހާސްކަމާއި ދެ ބިރުވެރިކަން ފާޅުވާން ހުއްޓެވެ. ނަމަވެސް ރާހިލްއަށް ޝައިނާގެ އަޑު ނީވޭ ކަހަަލައެވެ. އަތުގައިވާ ޒަހަމުންވެސް ވޭނެއް ނާޅަނީ ކަންނޭނގެއެވެ. އޭނާގެ ހަރަކާތްތައް ހުއްޓުނީ ރީތިވާ މޭޒުގެ ވަތްގަނޑު ހުޅުވައިލި ވަގުތު އޭގެތެރެއިން ޕްލާސްޓިކް ފޮއްޓެއް ފެނުމުންނެވެ. ބޭސް އެޅުމަށް ބޭނުންކުރާ އެ ފޮށީގައި ޕެނެޑޯލްފަދަ އާދައިގެ ބޭހެއް ފިޔަވައި އިޝްވާ ކާންގެންގުޅޭ އެންމެ ބޭހެއްވެސް ނެތެވެ. ރާހިލްއަށް ވަގުތުން އިޝްވާގެ ހާލަތު ގޯސްވި ސަބަބު ދެނެގަނެވުނެވެ. ހީވާގޮތުން އިޝްވާ ބޭސްތައް ނުކާންވެގެން އުކައިލީއެވެ.
"ޑޭމް އިޓް!" ރާހިލް އައި ރުޅީގައި ބޭސްފޮށި ބިންމައްޗަށް ހޫރައިލުމަށްފަހު އެ ކޮޓަރިން ނުކުމެގެންގޮސް ބަދިގޭގައިހުރި ސިންކާގާތަށް ޖެހިލިއެވެ. އިސްކުރުން އޮހިގެން އައި ފިނިފެނުން އަތްތިލައިގައިވާ ޒަހަމުގެ ވޭނަށް ވަގުތީ ލުޔެއް ލިބުމާއެކު ރާހިލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލަމުން ދެލޯ މަރައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާގެ ދެލޯ ހުޅުވައިލީ އިސްކުރުން އޮހެމުންދިޔަ ފެންތައް ހުއްޓި ފިނިފިނި އަތްތިލައަކުން އޭނާގެ އަތުގައި ހިފައިލިހެން ހީވުމުންނެވެ. އޭރު ޝައިނާ ފަސްޓް އެއިޑް ފޮށި ހިފައިގެން އައިސް އޭނާގެ ގާތުގައި ހުއްޓެވެ. ރާހިލްއެކޭ އެއްފަދައިން ޝައިނާވެސް އެއްވެސް ވާހަކައެއް ނުދައްކައެވެ. ދޭތެރެއަކުން އިވިލާ ގިސްލުމުގެ އަޑު ފިޔަވައި އެއްވެސް އަޑެއް ޝައިނާގެ ފަރާތަކުން ނީވެއެވެ. ރާހިލްގެ އަތްތިލައިގައި ހިފަހައްޓައިލަިގެން ހުރި އަތްނޫން އަނެއް އަތުން ޝައިނާ ފަސްޓް އެއިޑް ފޮށި ހުޅުވައިލުމާއެކު ރާހިލް ޝައިނާގެ އަތުން އަތް ދަމައިގެންފިއެވެ.
"ރާހިލް ވަޓް އާރ ޔޫ–"
"އިޝީގެ ޑޮކްޓަރަށް ގުޅަންޖެހޭ" ލޭ މަނާ ކުރުމަށްޓަކައި ފަސްޓްއެެއިޑް ފޮށިން ނެގި ބެންޑޭޖެއް ވާންކޮށް އަތުގައި އޮޅައިލަމުން ރާހިލް ދުރަށް ހިނގައިގަތެވެ.
"އެކަމަކު ރާހިލްއަށްވެސް ތިހިރީ އަނިޔާވެފައެއްނު. ލޭ މަނާ ކުރުމަކުން ނުފުދޭނޭ އެޓްލީސްޓް ބޭސް އަޅާލައި–"
"ކޭން ޔޫ ސްޓޮޕް؟" ރާހިލް މިފަހަރުވެސް ޝައިނާގެ ވާހަކަ މެދުކަނޑައިލިއެވެ. "ޝައިނާ އަހަރެންނާއެކު އުޅެން ބޭނުން ނެތިއްޔާ އަހަރެންނާ ދޭތެރޭ ކެއަރ ކުރާ ކަމަށް ހެދިގެން އިތުރަށް އަހަރެން ކޮންފިއުޒް ކުރުން ހުއްޓާލަބަަލަ. އަހަރެންނާ ދުރުގަ ހުރެލަދީ. ކާންޓް ޔޫ ސީ ދަ މެސް އައިމް ޑީލިންގް ވިތް؟ މި ހުރިހާކަމަކާ އުޅެމުން ޝައިނާގެ ތިޖަހާ ސަކަރާތާ ދޭތެރޭ ވިސްނާނެ އެނަރޖީއެއް އަހަރެންގެ ނެތޭ." ރާހިލް ނުރުހުމުގެ ރާގެއްގައި ބުންޏެވެ. އަދި އެވާހަކައަށް ޝައިނާ ދޭނެ ރައްދަކަށް ބެލުމެއްނެތި އޭނާ ސިޑިން މައްޗަށް ދުއްވައިގަތެވެ.
ޝައިނާއަކަށް ހަދާނެ ގޮތެއް ނޭނގުނެވެ. ރާހިލް ދުރުގަ ހުންނާށޭ ބުނެފަ އޮއްވައި ރާހިލްގެ ފަހަތުން ދާން ކެރޭނީ ކިހިނެއް ހެއްޔެވެ؟ ޝައިނާގެ ނަޒަރު ހުއްޓުނީ ރާހިލްއާއި އިޝްވާ މީގެ ކުޑައިރުކޮޅެއްކުރިން ހުއްޓިގެންހުރި ހިސާބުގައި ހުރި ލޭތަކަށެވެ. އެއާއެކު ރާހިލްގެ އަތް ޒަހަމްވެގެން ދިޔަ މަންޒަރު ޝައިނާގެ ލޯ ކުރިމަތީގައި ކުޅެވިގެންދިޔަ ކަހަލައެވެ. ދެލޮލަށް ކަރުނަތަށް ޖަމާވާން ފެށުމާއެކު އޭނާ ކާމޭޒުދޮށުން ދަމައިލި ގޮނޑީގައި އިށީނދެ މޭޒުގައި ބޯ އަޅައިލިއެވެ. އެގޮތުގައި ޝައިނާއަށް އިނދެވުނީ ކިހާ އިރެއްވަންދެން ކަމެއް ނޭނގުނެވެ. ހަމަ ގައިމުވެސް ބައިގަޑިއެއްހާއިރު ފާއިތުވެދާނެއެވެ. އަނެއްކާވެސް ރާހިލްގެ ފިޔަވަޅުތަކުގެ އަޑު އިވުނެވެ. އިސް އުފުލައިލިއިރު ރާހިލް ކޮންމެވެސް މީހަކު ވަނުމަށްޓަކައި އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލަނީއެވެ. ދެން ފެނުނީ އާދައިގެ ހެދުމެއްގައިހުރި މެދު އުމުރުގެ އަންހެނަކު އެތެރެއަށްވަތްތަނެވެ.
ރާހިލް އެމީހާއާއެކު އިޝްވާގެ ކޮޓަރިއާ ދިމާލަށް ހިނގައިގަތުމުން ޝައިނާއަށް އެއީ އެބުނާ ޑޮކްޓަރުކަން ޔަގީން ކުރެވުނެވެ. އޭނާވެސް އަވަސް ފިޔަވަޅުތަކެއްގައި އެދިމާލަށް ހިނގައިގަތެވެ. އެ ތިންމީހުން ކޮޓަރިއަށް ވަނުމާއެކު ޝިމާން އެތަނުން ނުކުތުމަށް އަވަސްވެގަތެވެ. އޭނާގެ މޫނުމަތިން މާޔޫސްކަން ފާޅުވާން ހުއްޓެވެ. ޝައިނާއަށް އެކަން ފާހަގަވި ނަމަވެސް ޝިމާންގެ ފަހަތުން ދާން ނޫޅުނީ އެވަގުތު އޭނާއަށް ޝިމާންއަށްވުރެން އިޝްވާގެ ހާލުބެލުން މާ މުހިއްމު ކަމަކަށްވީތީއެވެ.
"ވައިޓަލްސް އަރ ފައިން.." ޑަކްޓަރުގެ ޖުމްލައާއެކު ރާހިލްއާއި ޝައިނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
މާގިނައިރެއްނުވެ އިޝްވާ ހޭ އެރުމުން އިޝްވާއާ ވަކިން ވާހަކަ ދައްކާނެ ފުރުސަތު ޑަކްޓަރަށް ދީފައި ޝައިނާއާއި ރާހިލް ނުކުތީ ބޭރަށެވެ.
——–
"ދިސް އިޒް މައި ފޯލްޓް. އަހަރެންނާހެދި މިރޭ އިޝީއަށް އެހެން އެވީ" ސޯފާގައި އިށީން ރާހިލް ނިއްކުރީގައި ހިފަހައްޓައިލަމުން ބުންޏެވެ.
"ނޫން.. ނޫން ކީއްވެ ތިހެން ތި ބުނަނީ؟" ޝައިނާ މަސައްކަތްކުރީ ރާހިލްއަށް ހިތްވަރުދެވޭތޯއެވެ.
"މިދިޔަ ދުވަސްތަކުގަ އަހަރެންނަށް އިޝީއާ ދޭތެރޭ ފަރުވާކުޑަ ކޮށްލެވުނީ. އިޝީއަށް މިހެން ވެދާނެކަން ވިސްނާނުލާ މިރޭވެސް.." ރާހިލްގެ ވާހަކަ އެހިސާބުން ހުއްޓައިލިއެވެ. އެދެމެދަށް ވެރިވި މަރުފަދަ ހިމޭންކަމަށް ނިމުމެއް އައީ ކޮޓަރިން ނުކުތް ޑަކްޓަރުގެ އަޑުންނެވެ.
"ހޮސްޕިޓަލަކަށް ގެންދާވަރެއް ނުވޭ. މިވަގުތަށް ހުރިހާ ކަމެއްވެސް ކޮންޓްރޯލް ކުރެވިއްޖެ. ހީވާގޮތުން ތިން ހަފްތާކުރިން ބޭސްތައް ބޭނުންކުރުން ހުއްޓާލީމަ އިޝްވާގެ ކޮންޑިޝަން މިވަރު މިވީ. ލަސްވެގެން މާދަމާ ބޭސްނަގަން ދުރުވާންވާނެ. މިހާރު ނިދިފަ އޮތީ. އެކަމަކު ހަމައަކަށް އެޅެންދެން އެކަނި ދޫކޮށްލުން ބުއްދިވެރިއެއް ނޫން" ޑަކްޓަރުގެ ވާހަކައަށް ރާހިލް ބޯ ޖަހައިލިއެވެ.
"ތެންކްޔޫ ޑޮކްޓަރ.. މިހާ ދަންކޮށްފަ ގުޅާލީމަވެސް އައިސްދިނީތީ" ރާހިލް ޝުކުރު އަދާކުރިއެވެ.
"މިއީ ދެން އެހާވަރުގެ ކަމެއްނޫން ދެއްތޯ؟ އިތުރު ކަމެއް ނެތިއްޔާ އަޅުގަނޑު ގޮސްލާނަން. ވެހިކަލް އެބައޮތް ތިރީގަ" ރާހިލްއާ ސަލާން ކޮށްލުމަށްފަހު ޑަކްޓަރު އެގެއިން ނުކުތުމަށް ދިޔައެވެ.
ރާހިލް އައިސް ހުއްޓިލީ އިޝްވާގެ ކޮޓަރީގެ ދޮރުމައްޗަށެވެެ. ކުޑަކޮށް ހުޅުވައިލެވިފައިވާ ދޮރުގެ ތެރެއިން އިރުކޮޅެއްވަންދެން ނިދިފައި އޮތް އިޝްވާއަށް ބަލަން ހުރުމަށްފަހު ރާހިލް އެ ކޮޓަރީގެ ދޮރު ލައްޕައިލިއެވެ. އޭރު ދުރުގައިހުރި ޝައިނާގެ ނަޒަރު ހުއްޓިފައިވަނީ ރާހިލްއަށެވެ. ރާހިލް ކިތަންމެ ވަރަކަށް ފަރުދާ ކުރިޔަސް ރާހިލްގެ ހިތުގައި މިވަގުތު ކިހާ ވޭނެއް އަޅަމުންދާނެކަން އޭނާއަށް އަންދާޒާވެސް ކޮށްނުލެވޭނެއެވެ.
"ޝިމާން ކޮބާ؟" ޝައިނާއާ ހަތަރުކަޅި ހަމަކުރަން ދެކޮޅު ހަދަމުން ދިޔަނަމަވެސް ރާހިލް އެ ސުވާލު އަމާޒުކޮށްލީ ޝައިނާއަށެވެ.
"ނުކުތްއިރަކު ނެތްދޯ. ކޮޓަރީގަހެން ހީވަނީ" ޝައިނާގެ ޖަވާބު އެކީ ފުރިހަމަ ނުވަންދެން ރާހިލްގޮސް ޝިމާންއުޅޭ ކޮޓަރީގެ ދޮރު ހުޅުވައިލަމުން އެތެރެއަށްވަނެވެ.
"އި.. އިޝީ އޯކޭތަ؟" އެނދުގައި އިށީނދެލައިގެން އިން ޝިމާންއަށް ރާހިލްއާއި ޝައިނާ ފެނުމާއެކު ތެދުވެވުނެވެ.
"ޝިމާން ބޭނުންތަ އިޝީ އޯކޭވާން؟" ރާހިލްގެ ސުވާލު ދޭހަކުރަން ނޭނގިފައިހުރި ޝިމާންގެ ނިތަށް ރޫތައް ގިނަވިއެވެ.
"އޮފް.. އޮފްކޯސް" ޝިމާން ބުންޏެވެ.
"އެހެންވިއްޔާ ޝިމާން މިތަނުން ދޭ" ރާހިލް ކުއްލިއަކަށް ކުރި އަމުރާއެކު ޝިމާންގެ އިތުރުން ޝައިނާގެ މޫނުމަތިންވެސް ފާޅުވާންފެށީ ހައިރާންކަމެވެ.
"ކީކޭ ރާހިލް؟ ޝިމާން ކޮންތާކަށްދާނީ؟" ޝައިނާއަށް އަހައިލެވުނެވެ.
"ތިއީ އަހަރެން ބަލަން ޖެހޭ ކަމެއްނޫން.. އަހަރެންނަށް ރަނގަޅީ ޝިމާން އިޝީއާ ވީހާވެސް ދުރަށް ގޮސްދިނިއްޔާ. އިފް ޕޮސިބަލް އެހެން ރަށަކަށް ނޫނީ ގައުމަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުމިއްޔާ އަހަރެން އެކަންވެސް ހަމަޖައްސައިދެވޭތޯ ބަލާނަން. އައިމް ފަ**ގް ޑެސްޕެރޭޓް. ޝިމާންއާހެދި އިޝްކޮ އަހަރެންނަށް ގެއްލޭކަށް ބޭނުމެއްނޫން" ރާހިލްގެ އަޑަށް ހަރުކަށިކަމުގެ އަސަރު ވެރިވާން ފަށައިފިއެވެ.
"ރާހިލް. ކޮން މޮޔަ ވާހަކައެއްތަ ތި ދައްކަނީ؟ އިޝީއަށް ދިމާވި ހުރިހާ ކަމެއްގެ ޒިންމާ ޝިމާންގެ ބޮލަކަށް ނުޖެހޭނެ" ރާހިލްގެ ވާހަކަ ހުރިގޮތުން ޝައިނާ ހިތްހަމަނުޖެހުނެވެ.
"ޝައިނާއަކަށް ނީވޭތަ ޑޮކްޓަރ އެބުނި ވާހަކައެއް؟ އިޝީގެ ހާލަތު މިވަރަށް މި ގޯސްވީ ތިން ހަފްތާކުރިން އިޝީގެ ބޭސް ހުއްޓާލީމައޭ ނޫންތަ ބުނީ؟ އެއީ ޝިމާން މިގެއަށް އައި ދުވަސް. ޝިމާން އައުމުގެ ކުރިން އިޝްކޮ ހުރީ ހަމަ ރަނގަޅަށޭ. ޝީ ވޯޒް އޯލް ފައިން ބިފޯރ ހީ ކޭމް ބެކް އިންޓު ހަރ ލައިފް. އެހެންވީމަ މާދަމައަށްފަހު އަހަރެންނަށް ޝިމާން މިގޭތެރެއިން ފެނިގެން ނުވާނެ" ރާހިލްގެ އަޑުގައިވަނީ ސީރިއަސްކަމެވެ.
"ރާހިލް. ހަނދާން ކުރާތި ޝިމާން މިގެއިން ދާނީ އެކަންޏެއްނޫން. އަހަރެންނަށް މިގޭގަ ހުރެވެންޏާ ޝިމާންއަށްވެސް ހުރެވެންޖެހޭނެ" ޝައިނާ ޖަދަލުކުރިއެވެ.
"އެހެންވިއްޔާ ދެމީހުންވެސް ދޭ. އަހަރެންގެ މައްސަލައެއްނެތް!" ރާހިލްގެ ޖުމްލައާއެކު ޝައިނާއަށް ލިބުނީ ސިހުމެކެވެ. އޭނާއަށް މަޖުބޫރުކޮށްގެން އެގެއަށް ގެނައުމަށްފަހު އެހާ ފަސޭހައިން އޭނާ އެގެއިން ދާން ރާހިލް ހަމަ ދޫކޮށްލަނީ ހެއްޔެވެ؟ ޝައިނާއަށް ނޭނގިފައި އޮތް ހަގީގަތަކީ ޝިމާން ފޮނުވައިލުމަކީ ހުދު ރާހިލްވެސް ބޭނުންވާ ގޮތެއް ނޫންކަމެވެ. ނަމަވެސް އިޝްވާއާމެދު އޮތް ކަންބޮޑުވުމުގެ ސަބަބުން ރާހިލްގެ ސިކުނޑިވަނީ އޮޅުން ބޮޅުންވެފައެވެ. މިވަގުތު އެހެން ހުރިހާ ކަމަކަށްވުރެ އޭނާއަށް މުހިއްމީ އިޝްވާއެވެ. ރާހިލް އެއްފަހަރު ޝައިނާއަށް އަނެއްފަހަރު ޝިމާންއަށް ބަލައިލުމަށްފަހު ކޮޓަރިން ނުކުތުމަށްޓަކައި އެނބުރުނު ވަގުތު އޭނާގެ ހަރަކާތްތަކަށް ހުރަސްއެޅުނީ ފަހަތުން ޝިމާންގެ އަޑުންނެވެ.
"އަހަރެން ނުދާނަން" ޝިމާންގެ އަޑުގައިވަނީ ސާބިތުކަމެވެ. ރާހިލް އަނެއްކާވެސް ފަސްއެނބުރި ޝިމާންއާ ހަތަރުކަޅި ހަމަކޮށްލިއެވެ. އެއާއެކު ޝިމާން ޖެހިލުންވެފައިހުރެ އަވަސްއަވަހަށް އިސްޖަހައިލިއެވެ.
"ސިސްއަކަށްވެސް.. ބޭބެއަކަށްވެސް އިޝީގެ ކަންތައްތަކުގަ ތިގޮތަށް އަހަރެންނަކަށް ބްލޭމްއެއް ނުކުރެވޭނެ. ތިއީ ކިހާބޮޑު ނާއިންސާފެއް. އަހަރެންނާ އިޝީއާ ވަކިވާންޖެހުނީ ތިދެމީހުންގެ މައްސަލަގަނޑުގެ ތެރޭގަކަން ބޭބެއަށް ހަމަ ރަނގަޅަށް އެނގޭނެ. ބޭބެ ސިސްއާ ދޭތެރޭ ކަންތައްކުރި ގޮތުން އަހަރެންނަށް އިޝީގެ ފެމިލީއާމެދު އޮތް އިތުބާރު ގެއްލުނީ. އެކަމަކު ސިސް މާލެއިން ފުރަން ވާހަކަ ދެއްކީމަވެސް.. އިޝީއާ ގުޅުން ކަނޑާލާނެ ހިތްވަރު އަހަރެންނަކަށް ނުލިބުނު. އިޝީ އެއަރޕޯޓާ ހިސާބަށް އައިމަ.. އިޝީ ހިތުގަ ޖެހޭނެހެން އެތަށް އެއްޗެއް ބުނެފަ ރުޅިވާން މަޖުބޫރުވީ." ޝިމާންގެ އަޑު ކުރެހެންފެށުނެވެ. އިސްޖަހައިލައިގެންހުރެ ނޭފަތް ދަމައިލިގޮތުން އޭނާ ރޮނީކަން އެނގުނެވެ.
"ތިދެމީހުންނަށް ހީވާކަހަލަ.. ރޫޅިގެންދިޔައީ ތިދެމީހުންގެ ދިރިއުޅުން އެކަންޏޭ.. އަނިޔާ ލިބުނީ ހަމައެކަނި ތިދެމީހުނަށްތަ؟ އިޝީއަށްތަ؟ އަހަރެންގެ ލައިފްވެސް އޮތީ އެއްކޮށް ސެޓްލް ވެފަ. އަހަރެންގެ ބާސްކެޓްބޯލް ކެރިއަރ.. ނެޝަނަލް ޓީމް.. އަހަރެން ފެށި ޓްރޭނިންގް އެކެޑަމީ.. އެންމެ މުހިއްމު ކަމަކަށް އިޝީ. ތިދެމީހުން މެރީ ކުރުމުގެ މާ ކުރިން އަހަރެމެން އެކަކު އަނެކަކުދެކެ ލޯބިވީ. މަންމައާއި ބައްޕައާ ނިޔާވުމުގެ މާކުރިން.. އިޝީއަކީ އަހަރެންގެ މަންމައަށް އަހަރެން ލޯބިވާ ކުއްޖާގެ ގޮތުގަ އިންޓްރޮޑިއުސްކޮށްދިން.. ކޮށްދޭނެ ފުރުސަތު ލިބުނު ހަމައެކަނި ކުއްޖާ.. އެހާ ސްޕެޝަލްކުއްޖެއް ދޫކޮށްލަން އަހަރެންނަށް ވަކި ފަސޭހަވާނެތަ؟" ޝިމާންގެ ވާހަކަ ހުރި މިސްރާބުގެ ގޮތުން ޝައިނާއާއި ރާހިލްއަށްވެސް އަސަރު ކުރަމުންދާކަން އެނގެއެވެ. އެދެމީހުންގެ ފަރާތުންވެސް ފެންނަނީ ހިމޭންކަމެވެ.
"ބަޔަކަށް ނޭނގުނަސް.. އަހަރެންގެ ހިތަށްވެސް ހާދަ އަނިޔާއެއް ލިބުނޭ.. ބަޓް ޖަސްޓް ބިކޯޒް މައި ހަރޓް ޑިޑިންޓް ބްރޭކް ލައުޑްލީ ޑަޒް ނޮޓް މީން އިޓްސް ސްޓިލް ބީޓިންގް" ޝިމާންއަށް ހަމަ ރަނގަޅަށްވެސް ރޮވެން ފެށުނެވެ. ފައިން ވަރުދޫވާހެން ހީވާން ފެށުމުން އޭނާ އެނދުގައި އިށީނދެ ދެކަކުލުގައި އަތް އަޅުވައިލިއެވެ. ޝައިނާއަކަށް އެ މަންޒަރު ބަލާކަށް ނުހުރެވުނެވެ. ޖެހިލުންވެފައިހުރެގޮސް ޝިމާންގެ އަތުގައި ހިފައިލިއެވެ.
"އިޝީ ހާދަ ޝަކުވާއެއް ކުރެޔޭ. ސިސްއަކަށް ނޭނގޭނެ. ލިބޭ ކޮންމެ ފުރުސަތެއްގަ.. އެއިން ކޮންމެ ފަހަރަކު އަހަރެން ބޭނުންވޭ އިޝީގާތުން މައާފަށް އެދޭން. އިތުރު ފުރުސަތަކަށް އެދެން..އަހަރެން އިޝީދެކެ އަދިވެސް ވަރަށް ލޯބިވޭ.." ޝިމާން ގިސްލުމުގެ ތެރެއިން ބުންޏެވެ.
"ޝިމާންގާތު އޭރު ބުނީމެއްނު މަޑުކުރާށޭ. ދެން ކީއްވެ އަހަރެންނާއެކު ދިޔައީ؟ ޝިމާންގެ އަމިއްލަ ލައިފް ހަލާކުކޮށްލީ ކީއްވެ؟" ޝައިނާއަށް އަހައިލެވުނެވެ.
"ސިސް އިން ހާލަށް އެކަނި ދޫކޮށްލަން ކެރޭނެތަ؟ ޕްރެގްނަންސީ އެހާ ރިސްކީ އިރު. ވަކިން ހާއްސަކޮށް ސިސް އެރޭ ފާހަނަ ތެރޭގަ އަނބުރައިގަތް ފަހުން.. އަހަރެން ގަތް ބިތު އެނގޭތަ؟ އިސްތަށިގަނޑުވެސް އޮތީ ކޮށާލާފަ. އަހަރެންނަކީ އެހާ އަމިއްލަ އެދުން ބޮޑު މީހެއްނޫނޭ" ޝިމާން ބުންޏެވެ. އޭނާ އިސް އުފުލައިލުމަށްފަހު ދެން ބަލައިލީ ރާހިލްއަށެވެ.
"އަހަރެންނަށް ބޭބެގެ ސިޗުއޭޝަން ވަރަށް ރަނގަޅަށް އަންޑަރސްޓޭންޑް ވޭ. ބޭބެ މިވަގުތު އިޝީއާ ދޭތެރޭ އެ ވިސްނާހެން އަހަރެންވެސް އޭރު ސިސްއާ ދޭތެރޭ ކަންބޮޑުވީ. ސޯ އަހަރެންނަށް އެނގޭ ބޭބެ ކީއްވެކަން އަހަރެންގާތު ދާށޭ ތި ބުނަނީ. ބަޓް ޕްލީޒް… އިޝީ އެހާލަތުގަ ހުއްޓާ މިވަގުތު އަހަރެން ދުރަށް ފޮނުވާނުލާ. އަހަރެންނަކަށް މިވަގުތު އިޝީއާ ދުރަކަށް ނުދެވޭނެ." ޝިމާން އެދުނެވެ.
"އިޝްކޮއާ އަލުން ގުޅެން ވިސްނަންތަ؟" ރާހިލް ކޮށްލި ސުވާލަށް ނޫނެކޭ ބުނުމުގެ ގޮތުން ޝިމާން އަވަސްއަވަހަށް ބޯ ހޫރައިލިއެވެ.
"ނޫން.. ދެވަނަ ފަހަރަށް އިޝީ ދޫކޮށްލާފަ ދާނެ ހިތްވަރެއް އަހަަރެންގެ ހުންނާނެހެން ހިއެއްނުވޭ" ޝިމާން އަހައިލިއެވެ.
"ކީއްވެ ދޫކޮށްލަން ޖެހޭނީ؟" ރާހިލްގެ ބުމަ ގޮށްޖެހުނެވެ. އެއާއެކު ޝިމާން ހިތްހަމަ ނުޖެހިފައި ރާހިލްއާ ދިމާލަށް ބަލައިލިއެވެ.
"ހަމަ ނޭނގޭތީތަ ތި އަހަނީ؟ ސިސްއާ ބޭބެއާ މިހާރުވެސް ތި ތިބީ ވަރިފަށެއްގެ މަތީގަ. ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެ ތި ދެމީހުންގެ ދިރިއުޅުން ރޫޅިފަ އޮތް މިންވަރު. މާދަން ނޫންކަމެއް ނޭނގެ ސިސް އަނެއްކާވެސް ފުރައިގެން ދާން ނިންމާނީ. އެދުވަހަކުންވެސް އަހަރެންނަށް ސިސް އެކަނިދާން ދޫކޮށްލެވޭނީ ކިހިނެއް؟ ޖިމްގަ އިތުރު ކްލަޔަންޓުންތަކެއް ނުނަގާ.. ބާސްކެޓްބޯލް ކެރިއަރގެވެސް ހުރިހާކަމެއްވެސް މަޑު ޖައްސާލައިގެން ހުންނަން މިޖެހެނީ ހަމަ ތި ދެމީހުންނަށްޓަކާ. މާދަމާ ވާނެ ގޮތެއް ނޭނގޭތީ. ހުރިހާކަމެއް ހުރި ހިސާބަކުން ހުއްޓާލަން ޖެހިދާނެތީ. އެކަމަކުވެސް ބްލޭމް މިއައި އަހަރެންނަކަށްނު؟ އެންމެފަހުން ގޯސް މިވީ އަހަރެން ދޯ؟" ޝިމާންގެ ވާހަކަތަކުގައި ވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ. ޝައިނާއާއި ރާހިލްއަށް ކުށްވެރިން ފަދައިން އިސްޖަހައިލެވުނެވެ.
"ޝިމާން މިގޭގަ ހުއްޓަސް މައްސަލައެއްނެތް. އެކަމަކު އިޝީއާ ދުރުން އުޅޭތި" ރާހިލް އެންމެފަހުން ހަތިޔާރު ބެހެއްޓުމަށްފަހު ޝިމާން އެގޭގައި ހުންނަން އެއްބަސްވެފައި އެކޮޓަރިން ނުކުތެވެ.
"ކޮބާތަ ބޭބެގެ މައްސަލައަކީ؟ އަހަރެން މިގޭގަ އުޅުނަސް އިޝީއަކަށް އުނދަގުލެއް ނުކުރަމޭ" ޝިމާން ޝައިނާގާތު ޝަކުވާކުރިއެވެ.
"ދެން އަޅާނުލާ. ރާހިލް މާ ހާސްވެފަ ހުރެވުނީމަ އެހެން ކިޔުނީ އެއީ. މިރޭ ވި ހުރިހާކަމެއް އެއީ ބިރުވެރި ހުވަފެނެއް ކަމުގަ ދެކިގެން ފެންވަރާލައިގެން ނިދާލާ އެނގޭ. އަހަރެން މިރޭ އިޝީ ގާތު މަޑުކޮށްލާނަން" ޝިމާންގެ ބޮލުގައި ފިރުމައިލަމުން ޝައިނާ ހިނިތުންވެލިއެވެ. ޝިމާން ބޯ ޖަހައިލުމާއެކު ޝައިނާ ކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ. ނަމަވެސް ކޮޓާރީގެ ދޮރު ލައްޕައިލުމުގެ ކުރިން އޭނާ އަދިވެސް އެއްފަހަރު ޝިމާންއަށް ގޮވައިލިއެވެ. ޝިމާން ކިހިނެއްވީހޭ އަހައިލާ ފަދައަކުން ބުމަ އަރުވައިލިއެވެ.
"ތެންކްޔޫ" ޝައިނާއަށްޓަކައި ޝިމާން ވެފައިވާ އަދި ވަމުންދާ ގުރުބާނީއަށް އެ ދެ ލަފްޒުން ނުފުދޭނެކަން އެނގުނަސް ޝައިނާ އެ ޝުކުރު އަދާކުރިއެވެ.
"މެންޝަން ނޮޓް ސިސްޓަރ ޑިއަރެސްޓް" ޝިމާން އަޑަށް ރާގުލާފައި ބުނެލިގޮތުން ޝައިނާގެ ގާތަށް ހިނިއައެވެ. ބޯ ހޫރައިލުމަށްފަހު އޭނާގޮސް އިޝްވާގެ ކޮޓަރިއަށްވަދެ އިޝްވާގާތު އެނދުގައި އޮށޯވެލިއެވެ.
*****************
އާދުވަހަކަށް އިރުއަރައިގެން އައި އިރު ގޭތެރޭގައި ރޭ ހިނގައިދިޔަ އެއްވެސް ކަމެއްގެ ހިލަމެއްވާކަށް ނެތެވެ. ރާހިލްގެ އަތުން ފޭބި ލޭގެ ނިޝާނެއްވެސް ގޭގެ އެއްވެސްތާކުން ފެންނާކަށްނެތެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމަށްޓަކައި ޝައިނާ އަވަދިނެތި އުޅުނުއިރު ހުޅުވައިލެވިފައިވާ ޓީވީއިން ދައްކަމުންދިޔަ ކުޑަކުދިންގެ ޕްރޮގްރާމަކަށް ގެއްލިފައިތިބި ޔާނާއާއި ރާއީގެ މައުސޫމު މޫނުތަކުގައި ވަނީ ހިނިތުންވުމެވެ. ގޭތެރޭގައި ހިނގި އެއްވެސް ހަމަނުޖެހުމެއްގެ އަސަރު އެކުދިންނަށް ކޮށްފައެއްނުވެއެވެ. އެއީ އޭނާފަދައިން ނިދިގަދަ ކުދިންކޮޅަކަށް ވީތީ ޝައިނާއަށް ހިތާހިތުން ހަމްދުކުރެވުނެވެ.
"ބައްޕީ" ކުއްލިއަކަށް ޔާނާގެ އަޑުން މުޅިގެއަށް އުފާވެރިކަން ވެރިކުރުވައިފިއެވެ. ރާހިލްއާ ދިމާލަށް ދުވެފައިދިޔަ ޔާނާ އުރާލައިގެން އައިސް ރާއީގާތު އިށީނދެލިތަން ބަލަން ޝައިނާ ހިނިތުންވެލައިގެން ހުއްޓެވެ.
"ބައްޕި ހޭންޑަށް ކިހިނެއްވީ؟" ރާހިލްގެ އަތުގައިވާ ބޭސްގަނޑު އެންމެ ފުރަތަމަ އަޅައިގަތީ ރާއީގެ ލޮލުގައެވެ.
"ބައްޕި ވަޅިއާ ކުޅުނީ ދޯ މަންމިގެ ހެލްޕް ނުލާ. އެހެންވެ ޔާނާވެސް ވަޅިއާ ނުކުޅެނީ މަންމިގެ ހެލްޕް ނުލާ" ޔާނާ އަމިއްލައަށް ކަންތައް ހިނގައިދިޔަގޮތް ނިންމައިލިއެވެ.
"އޯހް އެހެންތަ؟ ޕްރިންސަސް ބައްޕިގާތު ނުބުނާތީ ނޭނގުނީއޭ. ދެން ފަހަރަކުން ހެލްޕް ހޯދަން ދާނަން މަންމި ގާތަށް އޯކޭ؟" ރާހިލް ބުންޏެވެ. ޔާނާ އަވަސް އަވަހަށް ބޯ ޖަހައިލުމާއެކު ރާހިލް ޔާނާއާއީ ރާއީގެ ކޮލަށް ދޮނެއް ދިނުމަށްފަހު ސޯފާއިން ތެދުވެގެންއައިސް ޝައިނާގެ ގާތަށް ހުއްޓިލިއެވެ.
"އޮފީހަށް ނުދާ ދުވަހަކީތަ؟" އެގެއަކީ އާންމުކޮށް ހެނދުނުގެ ނާސްތާ ތައްޔާރުކުރާ ގެއަކަށް ނުވާތީ ރާހިލް އަހައިލިއެވެ.
"މިއީ.. ރޭގަ ނުވެސް ނިދެއެއްނު. މިއަދު އިޝްކޮގާތު މަޑުކޮށްލާނީ. ސައި ބޯންވީނު" ޝައިނާ އަހައިލިއެވެ.
"ޔާ.. އަމް އެކްޗުއަލީ.. އަހަރެން.. އަހަރެން ޝައިނާގާތު ވަރަށް މުހިއްމު ވާހަކައެއް ދައްކަންވެފަ އެބައޮތް" ރާހިލް ނިއްކުރީގައި އަތްހިންގައިލަމުން ބުންޏެވެ.
"ޔެސް؟" ޝައިނާ އަހައިލިއެވެ. އޭނާ ހީކޮށްގެން ހުރީ ރާހިލް ދައްކަންއުޅެނީ އިޝްވާގެ ވާހަކައެއް ކަމުގައެވެ. ނަމަވެސް…
"ރޭގަ.. އަހަރެން ވަރަށް ގިނަ ގޮތްގޮތަަށް.. ވަރަށް ގިނަ ކަންކަމާ ވިސްނައިފިން.. ޝައިނާ.. އަހަރެންނަށް އެނގޭ ޝައިނާ އެންމެ ތުއްތު އިރުއްސުރެން މިއަދާ ހަމައަށްވެސް މި ދުނިޔެއަކީ ޝައިނާއަށް އަނިޔާވެރި ތަނެއްކަން.. ފަހަރެއްގާ އަހަރެންނަކީވެސް އަނިޔާގެ ހިއްސާދާރަކަށް ވެދާނެ. އެކަމަކު އަހަރެން ވަރަށް މަސައްކަތްކުރިން ހުރިހާ ކަމެއް ރަނގަޅުކުރަން. އާ ފެށުމަކުން ފަށަން. އެ ފުރުސަތު ޝައިނާ އަހަރެންނަށް ނުދިނުމަކުން އަހަރެންގެ ޝަކުވާއެއްނެތް. އަހަރެންގެ ހިތަށް ދެވޭ ކޮންމެ އަނިޔާއަކުން ޝައިނާއަށް އުފަލެއް ލިބެންޏާ އަހަރެން އެ އަނިޔާއެއް ގަބޫލުކުރާނަން. އެކަމަކު އަދިވެސް ނުފުދެނީތަ؟ ވަޓެވަރ ޕެއިން ދިސް ވޯރލްޑް ހޭޒް ގިވަން ޓު ޔޫ.. އަރ ޔޫ ގިވިންގް އިޓް ޓު މީ.. ކަލެކްޓިވްލީ؟" ރާހިލް ހިންދިރުވައިލަމުން އަހައިލިއެވެ.
"ރާހިލް އައި–"
"ނޯ ޕްލީޒް.. ލެޓް މީ ޓޯކް.. އަހަރެން.. ޝިމާންގެ ވާހަކައާ ދޭތެރޭވެސް ވަރަށް ވިސްނައިފިން. ހިޒް ކެރިއަރ.. ލަވް ލައިފް.. އެ ހުރިހާ ކަމެއްގެ ހުރަހަކީވެސް ހަމަ އަހަރުމެން. ކިހާ ދުވަހެއްވަންދެން މިގޮތުގަ އުޅެވޭނީ؟ އަހަރެން މިހާރު ވަރުބަލިވެއްޖެ. ޝައިނާއާ އެހާ ކައިރީގަ.. ނަމަވެސް އެހާ ދުރުގަ އުޅޭކަށް އަހަރެންނަަކަށް ދެން ކެތެއް ނުވާނެ. އަހަރެންނަށް ހީވަނީ ޝައިނާ އަހަރެންނާމެދު ގޮތް ނިންމާފަ.. މިބުނީ ވަރިވާން ނިންމާފަ އޮއްވާ.. މި ކައިވެނި ދަމަހައްޓަށް ޝައިނާއަށް މަޖުބޫރު ކޮށްގެން މި ކުރެވުނު ކަންކަމަކީ ވަރަށްބޮޑު މިސްޓޭކެއްހެން. މިކަމުން ލިބުނު ގެއްލުމެއް ނޫނީ ނެތެެއްނު. މި ހަމަނުޖެހުމުގެ ސަބަބުން ހަލާކުވެގެން މިދަނީ ހަމައެކަނި އަހަރުމެންގެ ދިރިއުޅުމެއް ނޫން. އަހަރެން..އަހަރެން ދެން އިތުރަކަށް ޝައިނާއަށް މަޖުބޫރު ކުރާކަށް ނެތިން. ޝައިނާ ބޭނުމިއްޔާ ކުދިންވެސް ހުންނާނީ ޝައިނާގެ ގާތުގަ.. މި އަންނަހަފްތާގަ ޝައިނާ ކޯޓަށް ދާކަށް ނުޖެހޭނެ.."
ރާހިލްގެ ވާހަކަ ހުރިގޮތުން ޝައިނާ ހާސްވާން ފެށިއެވެ. ކަންތައްވާން މި އުޅެނީ ކިހިނެއްކަން އޭނާއަށް ނުހަނު ފަސޭހައިން ނަގައިގަނެވުނެވެ. އެއާއެކު ހިތަށްވެރިވި ބިރުވެރި ކަމުގައި ޝައިނާގެ ހިތުގެ ތެޅުން މެކުހަށް ޖަހައިފިއެވެ. ލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ސިއްރުކުރުމަށްޓަކައި އޭނާ ރާހިލްއަށް ފަސްއެނބުރުނެވެ.
"މިވަގުތުން ފެށިގެން.. އަހަރެން.." ރާހިލްއަކަށްވެސް އެ ޖުމްލަ ފުރިހަމަ ކުރާކަށް ފަސޭހައެއް ނުވިއެވެ.
"އަހަރެން ޝައިނާ ވަ–"
"އިޝްކޮ!" ކުއްލިއަކަށް ޝައިނާ އިޝްވާއަށް ގޮވައިލުމާއެކު ރާހިލްގެ ނިތައް ރޫތައް ގިނަވިއެވެ.
"އިޝްކޮ މިހާރު ހޭލާނެ ކަންނޭނގެ. އެބަ އަންނަން.. ރާހިލް މިތާ މަޑުކުރައްޗޭ" ކުއްލިއަކަށް ޝައިނާ ތެޅިގެންފައި އަތުގައި އޮތް ފިޔާ ރާހިލްގެ އަތަށް ލައިދިނުމަށްފަހު އިޝްވާގެ ކޮޓަރިއަށް ދުއްވައިގަތެވެ. އޭނާ ހަމަ ރަނގަޅަށްވެސް "ދުވެ ފިލީއެވެ".
ޝައިނާ ކޮޓަރިއަށް ވަތްއިރު އިޝްވާ އޮތީ އަދިވެސް ރީތިކޮށް އެނދުގައި ނިދައިލާފައެވެ.
އަތުގައި އޮތް ފިޔަލަަށް ބަލައިލެވުނުއިރު ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
ވާއު ވެއިޓިން ފޯރ އަނެއް ބަ އި
މާޝާﷲ. ވަރަށް ރީތި މިބައިވެސް. ޝިމާން މިވަގުތު އެހެން މީހަކާމެދު ނުވިސްނާ އިޝީއަށް ވިސްނާ. އިޝީ ރަނގަޅުވާނީ ޝިމާންގެ ލޯބި ލިބިގެން.
Mi part vx v Reethi masha allah
Curiously waiting for next part
Keep it up
Heyonuvaane simaan and Ishko gulhuvachey
They both are made for each other
Raahil and Saina dhuru nukurachey
They both are made for each other
Mi part kiyaafa rovijje
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee
Love you ❤️😍
އޮބިނެސް.
އަޅޭ ހާދަ ލަހޭ ދެން
ކޮބާ ދެން އޮތް ބައި؟
ވާހަކަ ކިޔާލަން ލިބޭނީ ކޮންއިރަކުން؟