އަތުގައި އޮތް ފިޔަލަަށް ބަލައިލެވުނުއިރު ރާހިލް ހުރީ ހަމަ ރަނގަޅަށްވެސް ވާނުވާގައެވެ. ޝައިނާ އަންނާނެ އިރެއްގެ އިންތިޒާރުގައި އިރުކޮޅަކު ހުރުމަށްފަހު އޭނާގޮސް ޔާނާމެންގާތު އިށީނެވެ.
*********************
މެންދުރުގެ ވަގުތެވެ. ރޭގައި މާ ދަން ވަންދެން ހޭލައި އުޅުމުގެ ސަބަބުން ޝިމާންއަށް ހޭލެވުނީ އެހެން ދުވަސް ދުވަހަށްވުރެން ލަހުންނެވެ. ފެންވަރާލައިގެން ނުކުމެ އާދައިގެ މަތިން ޖިމަށްދާ ސޯޓަކާއި ބެނިއެނެއް ގަޔަށް މަހައިލަމުން އޭނާ ނުކުތީ ކާ އެއްޗެއް ބަނޑަށްލުމަށެވެ. އޭރު ހައިވެފައި ހުރިވަރުން ބަނޑުން އަޑުކިޔަމުންދިޔައެވެ. ބަދިގެއަށްގޮސް ތައްޓަށް ކާން އެޅުމަށްފަހު އައިސްއަލަމާރިން ނެގި ކެރެޓާއި ކިޔުކަންބާ ހިފައިގެން އޭނާ ކެބިނެޓްތަކާއި ގާތަށް ޖެހިލީ ވަޅިއެއް ހޯދުމަށެވެ. ނަމަވެސް ކަންތައްތައް ދިމާވީ މުޅިން އެހެން ގޮތަކަށެވެ. މުޅި ބަދިގެ އެއްފުށުން އަނެއްފުށަށް ޖެހުނުއިރުވެސް އޭނާއަކަށް ވަޅިއެއް ނުފެނުނެވެ. ހުރިހާ ކެބިނެޓެއް ބެލިއްޖެއެވެ. ދެން ހުރީ އެންމެ ތަނެކެވެ. އެތަންހުރީ ތަޅުލައިފައެވެ. އެތަނުގެ ތަޅުދަނޑިވެސް ފެންނަ ހިސާބަކުނެތެވެ. މިއީ ރޭގައި ހިނގައިދިޔަ ކަންތަކަށްފަހު ޝައިނާ ކޮށްފައިހުރި ކަމެއްކަން ޝިމާންއަށް ޔަގީންވިއެވެ. އެއާއެކު ކުއްލިއަކަށް އިޝްވާގެ މަތިން ހަނދާންވެ އޭނާއަށް އެ ކޮޓަރިއާ ދިމާލަށް ހިނގައިގަނެވުނެވެ. ރެއަށްފަހު އިޝްވާގެ ހާލު ރަނގަޅުވެއްޖެތޯ ބެލުމަށް އޭނާ ވަނީ ކެތްމަދުވެފައެވެ.
ދެތިން ފަހަރަކު ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި އިރުވެސް ރައްދެއް ނުލިބުމުން ޝިމާން ހާސްވާން ފެށިއެވެ. އިޝްވާގެ ރައްދެއް ލިބޭތޯ އިތުރަށް މަޑުނުކޮށް ކޮޓަރިއަށް ވަދެގަތެވެ. އިޝްވާ ކޮޓަރިން ފެންނަން ނެތުމުން އޭނާގެ ހާސްކަން ވީ އިތުރެވެ. ފާހަނައިގެ ބޮތްކާ ގުޅިފައިވާ ސްވިޗް ޖައްސާފައިވާތަން ފެނި އޭނާ ފާހަނައިގެ ދޮރުގައި ޓަކި ދިނެވެ.
"އިޝީ.. އިޝީ؟؟ އިޝީ އަރ ޔޫ ދެއަރ؟" ޝިމާންގެ ހާސްކަން ހިނދެއް ހިނދަކަށް އިތުރުވަމުންދިޔައެވެ. އިޝްވާގެ ރައްދެއް ނުލިބި ހޭދަވާ ކޮންމެ ސުކުންތަކާއެކު އޭނާގެ ހިތް ބިރާއި ވަހުމުން ފުރެމުންދިޔައެވެ.
"އިޝްވާ އޯޕަން ދަ ގޯޑް ޑޭމްންޑް ޑޯރ!" ޝިމާން ހަޅޭއްލަވައިގަތުމާއެކު އިޝްވާ ފާހަނައިގެ ދޮރު ހުޅުވައިލިއެވެ. ޝިމާން ބަލާކަށްނުހުރެ އިޝްވާގެ އަތުގައި ހިފައި ގާތަށް ދަމައިގަންނަމުން އިޝްވާގެ ގައިގައި ބާރަށް ބައްދައިލިއެވެ.
"ޕްލީޒް ޑޯންޓް އެވަރ ސްކެއަރ މީ ލައިކް ދެޓް" ބިރުގަނެފައިވާ ޝިމާންގެ ހިތްއަވަސްވެފައިވާ މިންވަރު އިޝްވާއަށްވެސް އިހުސާސްކުރެވުނެވެ. މަޑުމަޑުން އަތްހިއްލާލައި ޝިމާންގެ މޭގައި ފިރުމައިލިއެވެ. އެކަމުން ޝިމާންއަށް ލިބުނު ހިތްހަމަޖެހުމުގައި ދެލޯ މަރައިލަމުން އިތުރަށް އިޝްވާގެ ގައިގައި ވަށައިލެވިފައިވާ ދެއަތަށް ބާރުކޮށްލެވުނެވެ. އެއާއެކު އިޝްވާއަށް ހީވީ ހުވަފެނަކުން ހޭލެވުނުހެނެވެ. އޭނާ މަޑުމަޑުން ޝިމާންގެ މޭގައި އަތްއަޅައި އޭނާއާ ދުރުކޮށްލިއެވެ.
"ޝިމާން.. މިތާ ކީއްކުރަނީ؟" އިޝްވާ އިސްޖަހައިލަމުން އަހައިލިއެވެ.
"އިޝީ ކޮބާތޯ ބަލާލަން އައީ.." ޝިމާން ތެދުތެދަށް ޖަވާބުދިނެވެ.
"ދެންމެ ހޭލެވުނީމަ މޫނު ދޮވެލައިގެން މި ނުކުތީ. ދެންމެ ގޮވިއިރު ހުރީ ދަތްއުނގުޅަން" އިޝްވާއަށް ފާހަނައިގައިހުރެ ރައްދު ނުދެވުނު ސަބަބު ޝިމާންއަށް ސާފުކޮށްދިނެވެ.
"އޯހް އޯކޭ" ޝިމާން ބޯ ޖަހައިލަމުން ބުންޏެވެ. "އިޝީ ކައިފިންތަ؟ކާންވެގެން މިއުޅެނީ. އަހަރެންނާއެކު ކާން ދާންވީނު" ޝިމާން ދައުވަތުދިނެވެ. އިޝްވާވެސް ހުރީ ރެއިންސުރެން އަދި ފަހަރެއްގައި އިއްޔެ މެންދުރުއްސުރެން އެއްވެސް އެއްޗެއް ނުކައިކަން އޭނާއަށް އެނގެއެވެ. އެހެނަސް އިޝްވާ ޝިމާންގެ ހުށަހެޅުމަށް އިންކާރުކުރަމުން ބޯ ހޫރައިލިއެވެ.
"އޯކޭ. އަހަރެން ކައި ނިންމާލާފަ ގޮވާލާނަން. އޭރުން އިޝީއަށް ކާން ނުކުމެވޭނެއެއްނު" ޝިމާން ހީކުރީ އިޝްވާ އޭނާއާއެކު ކާންދާން ބޭނުންނުވީ ކަމަށެވެ. ނަމަވެސް އިޝްވާ މިފަހަރުވެސް ދެފަރާތަށް ބޯ ހޫރައިލިއެވެ.
"އަހަރެން ނުކާނަން. އަހަރެން ބޭނުމެއްނޫން ކާކަށް" އިޝްވާ ބުންޏެވެ.
"އިޝީ ކާން ބޭނުން އެއްޗެއް ބުނެބަލަ؟ ކޭކް؟ ޗޮކްލެޓް؟" ޝިމާންއަކަށް ނުވިސްނުނެވެ.
"ޝިމާންއަކަށް ނުވިސްނޭތަ؟ ޝިމާން ތިއުޅެނީ އިތުރު އެއްޗެސް ކާންދީގެން އަހަރެން އަމިއްލަ ނަފްސުދެކެ އިތުރަށް ފޫހިކުރުވަންތަ؟ ލުކް އެޓް މީ" އިޝްވާ އަމިއްލަ މީހާއަށް އިޝާރާތްކޮށްލަމުން ބުންޏެވެ.
"އައި އޭމް ލުކިންގް" ޝިމާން ކިހިނެއްވީހޭ އަހާފަދައަކުން ކޮނޑު އަރުވައިލިއެވެ.
"ކޯއްޗެއް ފެންނަނީ؟" އިޝްވާ އަހައިލިއެވެ.
"ޕަރފެކްޝަން" ޝިމާންގެ ޖަވާބު އިޝްވާގެ ވިސްނުމާ މުޅިން ތަފާތެވެ. އިޝްވާއަށް އިސްއުފުލައިލަމުން ޝިމާންއާ ހަތަރުކަޅި ހަމަކޮށްލެވުނެވެ.
"ތިއީ އަހަރެން މޮޔަހައްދަން ބުނާއެއްޗެއް" އިޝްވާ ބުންޏެވެ.
"އަހަރެން ކީއްކުރަން އިޝީ މޮޔަހައްދަންވީ؟ އިޝީ ޕްލީޒް. ސްޓޮޕް ހޭޓިންގް ޔޯރސެލްފް. އަހަރެންނަށް އެނގޭ އިޝީ ތި ގޯـތްރޫ ކުރާ ކަންތައްތަކަކީ ފަސޭހަ ކަންތައްތަކެއް ނޫންކަން ބަޓް ޕްލީޒް. ޑޯންޓް ގިވް އިން ޓު ދަ ވޮއިސަޒް އިން ޔޯރ ހެޑް. އައި ބެގް ޔޫ" ޝިމާން ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އިޝްވާގެ އަތުގައި ހިފައިލިއެވެ.
"އަހަރެން މިހާރު ރަނގަޅޭ ޝިމާން. ޑޮކްޓަރުން ކައިރި ބުނޭ އަހަރެން ބޭސް ނުކާނަމޭ. އިޓްސް މޭކިންގް މީ ލައިކް ދިސް" އިޝްވާ ބުންޏެވެ.
"ލައިކް ވަޓް؟ އިޝީ… އަަހަރެން ދޮގު ހަދާކަށް ނެތިން.. އިޝީއަށް އެއްވެސް ބަދަލެއް އައިސްފައެއްނެތޭ އަހަރެން ނުބުނާނަން. ބަޓް އިޓްސް އަ ގުޑް ޗޭންޖް އިޝީ. ޔޫ ހޭވް ނޯ އައިޑިޔާ ހައު މެނީ ޕީޕަލް ވުޑް ކިލް ފޯރ ދިސް. ތިއީ އަހަރެންނާ ދިމާވި އެންމެ ރީތި ކުއްޖާ. ތިއީ އަދިވެސް އަހަރެން ދަންނަ އެންމެ ރީތި ކުއްޖާ" ޝިމާން އިޝްވާއާ ގާތްވެލަމުން އިޝްވާގެ ހަށިގަނޑުގައި މަޑުމަޑުން އަތްބީއްސައިލިއެވެ. އެ ބީހުމުން އިޝްވާގެ އަމިއްލަ ނަފްސާމެދު ގެއްލިފައިވި ލޯބި ހޯދައިދޭން އުޅުނު ކަހަލައެވެ.
"އިޝީ ބޭނުމިއްޔާ އަހަރެންނަށް ޕްރޮފެޝަނަލީ އެނގޭވަރަކުން އިޝީ ބޭނުންވާގޮތަށް އިޝީގެ ބޮޑީ ޗޭންޖް ކުރަން އެހީވެދީފާނަން. ބަޓް ދިސް އިޒް ނޯ ރީޒަން ޓު ސްޓަރވް ޔޯރސެލްފް. ތިހެން ނަހަދާ. ޕްލީޒް" ޝިމާން އާދޭހުގެ ރާގެއްގައި ބުންޏެވެ.
"އިޓްސް ނޮޓް ގޮނަ ވޯކް ޝިމާން. އަހަރެން ބޭނުމީ ބޭސްތައް ހުއްޓާލަން" އިޝްވާ ބުންޏެވެ.
"ދެޓްސް ނޮޓް އަ ޗޮއިސް ފޯރ ނައު އިޝީ. ފަހަރެއްގާ އިޝީ ހިތްވަރުކޮށްފިނަމަ.. މުސްތަގްބަލްގަ ތިކަން ކުރެވިދާނެ. އެކަމަކު މިވަގުތަށް ކަންތައްތައް ހިނގައި މިދިޔަގޮތް އިޝީއަށްވެސް އެނގެއެއްނު…. އިޝީގެ ވަށައިގެން މިތިބީ ހުސް އިޝީދެކެ ލޯބިވާ މީހުން. އެކަކަށްވެސް އެފަދަ މަންޒަރެއް ބަލާކަށް ފަސޭހައެއްނުވާނެ. ހަމަ ގައިމުވެސް އަހަރެންނަކަށް ނުވާނެ. ދެވަނަ ފަހަރަށް އެފަދަ މަންޒަރެއް ފެނިއްޖެނަމަ އަހަރެން.. އަހަރެން މޮޔަވެސް ވެދާނެ" އިޝްވާގެ މޫނުގައި ފިރުމައިލަމުން ޝިމާންއަށް ހިންދިރުވައިލެވުނެވެ.
"ސޯ ޕްލީޒް. އިޝީ.. ލޯބިވާ މީހެއް ގެއްލިގެން ދިޔައިމަ އެ ކުރެވޭ އިހުސާސް އަހަރެންނަށްވުރެން ރަނގަޅަށް އެނގޭނެ މީހަކު ނުހުންނާނެ. އައި އޯލްރެޑީ ލޮސްޓް މައި ޕޭރެންޓްސް. ޕްލީޒް.. އެޓްލީސްޓް ޔޫ ޑޯންޓް ޓްރައި ޓު.." އިޝްވާގެ ނިއްކުރީގައި ނިއްކުރި ޖައްސައިލި ޝިމާންގެ ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.
"އިޝީ ކީއްވެ؟ ކޮބާ ސަބަބަކީ؟ އިޝީ ލޯބިވާ އެންމެން އިޝީގެ ގާތުގަ އެބަތިއްބެއްނު؟ މަންމަ. ބައްޕަ. ދޮންބެ. ދޮންތަ. މުޅި އާއިލާ. ދެން ކީއްވެ؟ ފަ* އަނަމް! ޔޫ ކޭން ޑޫ ސޯ މަޗް ބެޓަރ! ދެން ކީއްވެ؟" އިޝްވާއަށް ވިސްނައިދެމުންދިޔަ ޝިމާންގެ ރާގު ބަދަލުވެ ޝަކުވާ ކުރެވެންފެށިއެވެ.
"މާނުއެއް ނެތެއްނު؟" އިޝްވާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ. އޭނާގެ ދެލޮލުން ކަރުނަ ނީރައިލިއެވެ.
"ކީކޭ؟" ޝިމާންއަށް އިވުނު އެެއްޗެއް ގަބޫލެއް ނުކުރެވުނެވެ.
"ލޯބިވާ އެންމެން ތިއްބޭ ތިބުނީ. މާނުއެއް ނެތެއްނު؟ ލޯބިވާ މީހެއް ގެއްލިގެން ދިޔައިމަ ކުރެވޭ އިހުސާސް އެނގޭއިރު ކީއްވެ އަހަރެން ދޫކޮށްލީ؟ އަހަރެންދެކެ ލޯބި ނުވެވުނީތަ؟" އިޝްވާގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.
"އިޝީ.. މިވަގުތު އަހަރެންނާ ތި ސުވާލު ނުކުރޭ" ޝިމާން އަހައިލިއެވެ.
"ކީއްވެ؟ ގަރލްފްރެންޑެއް ހުރީމަތަ؟" އިޝްވާ އަހައިލިއެވެ. ޝިމާން މަޑުމަޑުން އާނއެކޭބުނެ ބޯ ޖަހައިލިއެވެ.
"އެހެންވިއްޔާ މިވަގުތު ޝިމާން އަހަރެންގެ ގައިން ދޫކޮށްލާ" އިޝްވާގެ އުނަގަނޑުގައި އަޅުވައިލެވިފައިވާ ޝިމާންގެ ދެއަތް ވަކިކޮށްލަމުން އިޝްވާ ބުންޏެވެ. އެއާއެކު ޝިމާންވެސް ފާޑަކަށް ރަކިވެފައިހުރެ ފަހަތައް ފިޔަވަޅެއް އަޅައިލިއެވެ. ހުދު އޭނާއަަށްވެސް ގޯހެއް ހެދިއްޖެކަން ގަބޫލުކުރެވުނެވެ. އެދެމެދަށް ވެރިވެގެންދިޔަ މަރުފަދަ ހިމޭންކަމަށް ނިމުމެއް ގެނައީ އިޝްވާގެ ކުރެހިފައިވާ އަޑުންނެވެ.
"ޝިމާން ކައި ނިންމާފަ އަހަރެންނަށް ގޮވާލާ" އިޝްވާ ސިގްނަލް އެދިނީ ޝިމާން އެތަނުން ނުކުތުމަށްކަން އޭނާއަށް އެނގުނެވެ. އެއާއެކު ޝިމާން މަޑުމަޑުން އިޝްވާގެ ކޮޓަރިން ނުކުމެ ނުކުތީ ހިތުގައި އަތްއަޅާލައިގެން ހުރެޔޭ ބުނުމަކުން ދޮގަކަށްނުވާނެއެވެ.
******************
ދުވަހުގެ ބާކީބައި ޝައިނާ ހޭދަކުރީ ހަމަ ރަނގަޅަށްވެސް ރާހިލްއަށް "ފިލުމުގަ"އެވެ. ރާހިލްއާ ވަކިން ބައްދަލުނުކޮށް ވޭތޯ އޭނާ މަސައްކަތް ކުރަމުންދިޔައެވެ. މެންދުރު ޔާނާއާއި ރާއީ ސްކޫލަށް ދިޔުމުން އޭނާ އިނީ ކޮޓަރިއަށްވަދެ ތަޅުލައިގެނެވެ. ޒީވާގާތުވެސް އެގެއަށް އައިސްދިނުމަށް އެދެވުނެވެ. އެއަށްފަހު ދެން ގޭގެ ހުރިހާ ތާކަށް ދިޔައީ ޔާނާ ނޫނީ ރާއީ ފުލު ލައިގެނެވެ. އެގޮތުގެ މަތީގައި ދުވަހުގެ ބާކީބައި ފާއިތުވެދިޔައިރު ރާހިލް ފަހުން އެވާހަކަ ދައްކަން ނޫޅުނީތީ ޝައިނާގެ ހިތަށް ފުދޭވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އެއީ ޝިމާން އެގެއިން ފޮނުވައިލުމަށްޓަކައި ރާހިލްދެއްކި ވާހަކައެއް ކަމުގައި އޭނާއަށް ހީކުރެވުނެވެ. އާނއެކެވެ. ޝިމާން އެގޭގައި ހުރުމުން އިޝްވާއަށް ކޮށްފާނެ އަސަރަކާމެދު ރާހިލްއަށް މާބޮޑަށް ވިސްނެނީއެވެ.
މިފަދަ އުއްމީދު ތަކެއްގެ މައްޗަށް ބުރަވެ ހުއްޓައި ޝައިނާއަށް އެއީ ގޯސް ހީވުމެއްކަން ޔަގީންވީ ޖެހިގެން އައިދުވަހު ހަވީރު އެގެއަށް މެހެމާނާއެއްގެ ސަބަބުންނެވެ. އެހެން ދުވަސްތަކެކޭ އެއްފަދައިން އޮފީހުން އައިސް ޔާނާއާއި ރާއީ ފެންވަރުވައި ދެކުދިންނަށް ކާންދީ ނިންމައިލި ވަގުތު އެޕަރޓްމެންޓްގެ ދޮރު ހުޅުވައިލި ރާހިލް ފެނި ޝައިނާ ހިނިތުންވެލިއެވެ. އެހެނަސް ފަޅި ސުކުންތުކޮޅެއްގެ ތެރޭގައި އެ ހިނިތުންވުން ފިލައިދިޔައީ ރާހިލްގެ ފަހަތުން އެޕަރޓްމެންޓްގެ ތެރެއަށް ފިޔަވަޅު އަޅައިލި އިސްކޮޅުން ދިގު ލޫޅާފަތި ހަށިގަނޑެއްގެ ވެރި އަންހެން ކުއްޖާ ފެނުމުންނެވެ. އެއީ އޭނާ ދަންނަ މޫނެކެވެ. އެއީ ކާކުކަން އެނގުމާއެކު އެކުއްޖާ އޭނާއަށް ދިން ހިނިތުންވުން ރައްދުކޮށްލަންވެސް ޝައިނާއަކަށް ނޭނގުނެވެ. އިސާހިތަކު ޝައިނާގެ މޫނުމަތި ބަނަވެ ސުވާލުގެ ނަޒަރަކުން ރާހިލްއަށް ބަލައިލިއެވެ.
"ޕްރިންސަސް" ޝައިނާއަށް މާބޮޑު ސަމާލުކަމެއް ނުދީ ރާހިލް ސޯފާގައި އިން ޔާނާގެ ގާތުގައި އިށީނދެލަމުން ޔާނާގެ ކޮލަށް ދޮނެއްދިނެވެ.
"ދަރިފުޅު ކޯއްޗެއް ތި ކުޅެނީ؟" ރާއީގެ އަތުގައި އޮތް ޓެބްލެޓުން އަޅުވާލާފައި އޮތް ގޭމަށް ބަލައިލަމުން ރާއީ ބުންޏެވެ.
"ބައްޕިގެ ސްކޯރ ބީޓް ކޮށްލައިފިން ރާއީ" ރާއީ އުފާވެލާފައި ބުންޏެވެ.
"އާޗާ. ހާދަ މޮޅޭ ދޯ" ރާއީގެ އިސްތަށިގަނޑު ކުޑަކޮށް ހާވައިލަމުން ރާހިލް ބުންޏެވެ.
"މިއީތަ ރާހިލްގެ ދެކުދިން. މާޝާﷲ ވަރަށް ލޯބި. މިއީ ދޯ ބައްޕިގެ ޕްރިންސަސްއަކީ" ލައިޝާ ކަކޫ މައްޗަށް ތިރިވެލަމުން ލޯތްބާއެކު ޔާނާގެ ދަތްދޮޅީގައި ހިފައިލިއެވެ. ޝައިނާއަށް އެ މަންޒަރު ކަމު ނުދިޔައީ ކަހަލައެވެ. އޭނާ ފާޑަކަށް ކަރުކެހިލުމާއެކު ލައިޝާ އިސްއުފުލައިލިއެވެ. އަދި ހަމަ އިސްކޮޅަށް ތެދުވެލަމުން ޝައިނާއަށް ހިނިތުންވެލިއެވެ.
"ހާއި. ލައިޝާ މިއީ." ސަލާމަށް އަތް އުފުލައިލަމުން ލައިޝާ އެހިއެވެ.
"ހްމްމް ކުރިން ދިމާވިއެއްނު. ޝައިނާ" ލައިޝާގެ ސަލާމް ރައްދުކޮށްލި ނަމަވެސް ޝައިނާގެ އަޑުގައި ޝައުގުވެރިކަމެއްނެތެވެ.
"އޯހް. ހަނދާން އެބަހުރިދޯ. ލައި ހީކުރީ ހަނދާނެއް ނުހުންނާނެކަމަށް. ސޮރީ އެދުވަހު އަސްލު ނޭނގުނީ ތިއީ ރާހިލްގެ ވައިފްކަން" ލައިޝާގެ ވާހަކަތަކުގައި ވަނީ ހިތްހެޔޮކަމެވެ.
"ލައި؟ ލެޓްސް ގޯ އަޕްސްޓެއަރޒް.." ލައިޝާއާއި ޝައިނާގެ ވާހަކައިގެ ތެރެއަށް ވަދެގަންނަމުން ރާހިލް ބުންޏެވެ.
"ރާހިލް.. ތިރީގަ ތިބެ ޑިސްކަސް ނުކުރެވޭނެތަ؟" ލައިޝާ މަޑުމަޑުން އަހައިލިއެވެ. އެމީހުން އެގެއަށް އައީ އޮފީހުގެ ކަމެއްގައި ނަމަވެސް ޝައިނާއަށް އެކަމުން ނުބައި މާނައެއް ނެގިދާނެތީ ލައިޝާ ކަންބޮޑުވިއެވެ. ލައިޝާއަށް ނޭނގުނީ ރާހިލް އެ ހުރިހާކަމެއް ކުރަމުންދިޔައީ ހަގީގަތުގައިވެސް ޝައިނާއަށް އެކަން ގޯސްކޮށް ދޭހަކުރާނެ ފުރުސަތު ދޭންކަމުގައެވެ.
"ލެޕްޓޮޕް ވީ މަތީގައޭ. އޭގަ އެ ފޯލްޑަރ އިންނާނީ. ހިނގާ" ރާހިލްވެސް މަޑުމަޑުން ބުންޏެވެ. އޭރު ރާހިލްއާއި ލައިޝާ ދައްކަމުންދިޔަ ސިއްރު ވާހަކަތަކާމެދު ޝައިނާއަށް ވިސްނެމުންދިޔައެވެ.
"ޔާނާ ގޮވައިގެން ދާންވީނު" ލައިޝާ އެދުނެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލިއެވެ. ލައިޝާ އޭނާއާއެކު އެކަހެރިވާން ބޭނުން ނުވާނަމަ އޭނާ އެކަމަކަށް ބާރެއް ނާޅާނެއެވެ.
"ޕްރިންސަސް. ހިނގާބަ ބައްޕިއާއެކު މައްޗަށް ދޯ" ޔާނާ އުރައިލަމުން ރާހިލް ވާހަކަދެއްކިއެވެ. ލައިޝާ ރާހިލްއާއެކު ހިނގައިގަތީ ދެނެވެ.
"ބަލާލަބަ މިހިރަ ޕްރިޓީ ދައްތިއެއް" ސިޑިން އެރި ވަގުތު ރާހިލް ޔާނާގާތު ތަންކޮޅެއް ބާރަށް އެހެން ބުނެލީ ޝައިނާގެ ކަންފަތަށް އެ އަޑު އިއްވައިލުމަށެވެ. ޝައިނާއަށް އެކަމުން ހަމަ ރަނގަޅަށްވެސް އަސަރު ކުރިއެވެ. ރާހިލްގެ އުޅުން ހުރިގޮތް ގަބޫލުކުރަން އޭނާއަށް ދަތިވިއެވެ.
"ހައް. ހުރި ލަދު ކުޑަކަން. ޔާނާވެސް ގެންގޮސްފިއޭ" ޝައިނާ ދެއަތުން އިސްތަށިގަނޑުގައި އަތްފުނާ އަޅައިލުމަށްފަހު ރާއީގާތު ސޯފާގައި އިށީނެވެ. ރާއީ ކުޅެމުންދިޔަ ގޭމަށް ބަލަހައްޓައިގެން އިންކަމުގައި ވީނަމަވެސް އޭނާގެ ދެލޯ މިނެޓަކު ދެތިންފަހަރު ސިޑިއާ އަމާޒުވެލައެވެ. ހަލުވިކަމާއެކު ފައި ތަޅުވާލައި ތަޅުވާލައި އިންގޮތުން ކޮންމެވެސް ކަމަކާ ހާސްވެފައި އިންކަން ބަލާލި ކޮންމެ މީހަކަށްވެސް ކަށަވަރުވާނެއެވެ. ކޮޓަރީގައި އޮވެއޮވެ ފޫހިވެގެން ސިޓިންގްރޫމަށް ނުކުތް ޝިމާންއަށްވެސް އެކަން ފާހަގަވީ ކަންނޭނގެއެވެ. އޭނާ ދެފަހަރަކު ޝައިނާއަށް ގޮވައިލަމުން ޝައިނާގެ ސަމާލުކަން ހޯދިއެވެ.
"ސިސް.. ސިސް.. އޯކޭތަ؟" ޝިމާން ގޮވައިލުމާއެކު ޝައިނާ ދިޔައީ ފާޑަކަށް ސިއްސައިގެނެވެ.
"އާނ މިއީ ރާހިލް.. މިބުނީ ރާއީ.. ގޭމްކުޅޭތަން ބަލަން އިނީއެއްނު. ޝިމާން ބޭރަށްވެސް ނުދާ ދުވަހެއްތަ؟" ޝައިނާގެ މޫނުމަތީގައިވި ހާސްކަން ފޮރުވޭތޯ މަސައްކަތްކުރަމުން އަހައިލިއެވެ.
"އާނ ދެން.. ދާހިތެއްނެތް" ޝިމާން ކަންނެތްކަމާއެކު ސޯފާއަށް ޖެހިގަންނަމުން ބުންޏެވެ. ޝިމާންއަކީ ނިދަން ނޫނިއްޔާ ގެއަށް ވަންނަ މީހެއްނޫނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނަމަވެސް މިދުވަސްކޮޅު އޭނާއަށް ގެއިން ބޭރަށްދާން އުނދަގުލީއެވެ. ޖިމަށްގޮސް އިޝްވާއާ ދުރުގައި ހޭދަކުރެވޭ ރޭގަނޑުގެ މަދު ވަގުތުކޮޅުގައިވެސް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނާގެ ކުރިމަތީގައި އިޝްވާ އެވަރަށް ބަލިކަށިވެގެންދިޔަތަން ފެނުމުން ޝިމާންއަށްވަނީ ހަގީގަތުގައިވެސް ވަރަށް އަސަރުކޮށްފައެވެ.
"ޔާނާ ކޮބާ؟" ޝިމާން ވާހަކައިގެ މައުލޫ ބަދަލުކޮށްލިއެވެ.
"ޔާނާ.. އާނ ޔެސް ޔާނާ މަތީގަ. އެބަ އަންނަން ގޮވައިގެން އެނގޭ"
ޝައިނާގެ ހަރަކާތްތަށް އަވަހެވެ. އެހެން ބުނިއިރު ހުރީ ސިޑިކައިރީގައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ރާހިލްއާއި ލައިޝާ ކުރަނީ ކީއްތޯ ބެލުމަށް އޭނާ ވަނީ ބޭނުންވެފައެވެ. ޔާނާ ހޯދުމުގެ ބަހަނާގައިގޮސް ރާހިލްގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލިއެވެ. އެއްވެސް ރައްދެއް ނުލިބުނެވެ. ތަޅުގައި ހިފައިލުމުން ފަސޭހަކަމާއެކު ދޮރު ހުޅުވިއްްޖެއެވެ. އެކޮޓަރިން މީހެއްގެ ހިލަމެއްވާން ނެތުމުން ޝައިނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ދެން ހިނގައިގަތީ އެތަނުގައިހުރި ރާހިލްގެ ސްޓަޑީއާ ދިމާލަށެވެ. އެ ސްޓަޑީގެ ދޮރުގައި ޓަކި ޖަހައިލުމަށްފަހު ތަޅުގައި ހިފައިލުމުގެ ފުރުސަތުވެސް ނުލިބެންދެން ޔާނާ އުރައިލައިގެންހުރެ ރާހިލް ދޮރު ހުޅުވާލައިފިއެވެ. ޝައިނާ ކުޑަކޮށް ކޮރައިލުމަށްފަހު ރާހިލްގެ ދޮރުމަތިން ސްޓަޑީގެ އެތެރެ ހޯދައިލިއެވެ.
"ލައި ކުޑަކޮށް ބިޒީ. ކިހިނެއްވީ؟" ރާހިލް އާދައިގެ ރާގެއްގައި އަހައިލިއެވެ. އެއާއެކު ޝައިނާ ބުމަ ގޮށްޖަހައިލަމުން ރާހިލްއަށް ބަލައިލިއެވެ.
"ތި ލައި އެއް ހޯދާކަށް ނޫނޭ މިއައީ. އަހަރެން ކީއްކުރަންތަ ލައި ހޯދަނީ؟" ރާހިލްގެ އަތުން ޔާނާ ޖަހައިގަންނަމުން ކަހަލަ ގޮތަކަށް ޝައިނާ ބުންޏެވެ.
"އޯހް. ޔާނާ ބަލާ ދޯ" ރާހިލް އަހައިލިއެވެ.
"ތި ދެމީހުން ގަންނަހާ ގަނޑެއް ޔާނާއަށް ދައްކަނީ ކީއްކުރަން" ޝައިނާގެ އަޑަށް ރުންކުރުކަން ވެރިވިއެވެ.
"އޯހް. ޔާނާ ތިރިއަށް ގެންދާށޭ އުޅުނީ" ރާހިލް އެއްމިޔަކަނިން ހިނިތުންވެލިއެވެ.
"އޮފްކޯސް" ޝައިނާ އިތުރު ވާހަކައަކާނުލައި އެތަނުން ހިނގައިގަތެވެ. ސިޑިއާ ހަމައަށްގޮސް ހުއްޓިލި ތަނާހެން ރާހިލް ލައިޝާގެ ނަމުން ގޮވައިލި އަޑު އިވުނެވެ.
"ލެޓްސް ގޯ ލައި" ރާހިލްގެ އެ ޖުމްލައާއެކު ޝައިނާއަށް ހީކުރެވުނީ ރާހިލް ލައިޝާ ގޮވައިގެން އެގެއިން ދާން އުޅުނީ ކަމުގައެވެ. ހިނދުކޮޅަކަށް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެ ހަމަޖެހުން ނުތަނަވަސްކަމަށް ބަދަލުވެގެން ދިޔައީ ރާހިލް ލައިޝާއާއެކު ސްޓަޑީއިން ނުކުމެގެންގޮސް ރާހިލްގެ ކޮޓަރިއަށް ވަނުމުންނެވެ.
ޝައިނާގެ ހިތުގައި އުފެދިގަތީ އޭނާއަށް އާ ރިހުމެއް ނޫނެވެ. އެއީ މީގެ އަހަރުތަކެއްކުރިން ރާހިލްއާއި އެލީޝާ އެކުގައި ފެނުނު ކޮންމެ ފަހަރަކު އޭނާގެ ހިތުގައި އުފެދުނު ރިހުމާ ދާދި އެއްގޮތް ރިހުމެކެވެ. ރާހިލްއާއި އެލީޝާ ކައިވެނިކުރި ދުވަހު އެހިތުގައި އުފެދުނުފަދަ ރިހުމެކެވެ. އެލީޝާ ގޮވައިގެން ރާހިލް ސިންގަޕޫރަށް ފުރި ދުވަހު އެ ހިތުގައި އުފެދުނުފަދަ ރިހުމެކެވެ. ރާހިލްގެ އުފަންދުވަހު ހޮޓެލްގައި އެލީޝާއާއެކު ނަގާފައިހުރި ފޮޓޯ ފެނުމުންނާއި އެލީޝާގެ ބަނޑުގައިވި ދަރިފުޅާ ރާހިލް ހަވާލުވި ދުވަހުވެސް ހިތުގައި އުފެދުނީ ހަމަ އެފަދަ ރިހުމެކެވެ. ހަސަދައާއި ރުޅި އަދި ހިތާމަ އެކުލެވިފައިވާ އެ ރިހުން އެތަށް ފަހަރަކު ބަރުދާސްތު ކުރުމަށްފަހުގައިވެސް ޝައިނާއަށް މިއަދު އެ ރިހުމުން ލިބުނު ވޭން އެންމެ ތަންކޮޅެއްވެސް ލުޔެއްނުވިއެވެ. ރާހިލްގެ ފަރާތުން އެފަދަ ކަމެއް ތަކުރާރުވިޔަސް އެކަމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާނެޔޭ އޭނާއަށް މި ހުރިހާދުވަހު ހީވި ހީވުމަކީ ގޯސް ހީއެއްކަން އޭނާއަށް ޔަގީންވިއެވެ. އެހެނީ، އެ ވޭނަށް އޭނާ އަދިވެސް އާދަވެފައި ނުވާތީއެވެ. އެވަގުތު ޔާނާ ބަލައި އެތަނަށް އާދެވުނުކަމުގެ މޮޔަވެސް އޭނާއަށް ހީވާން ފެށިއެވެ. ޔާނާ އެތަނުގައި ބެހެއްޓިނަމަ ހަމަ ގައިމުވެސް އެދެމީހުންނަށް އެކަހެރިވާނެ ފުރުސަތެއް ނުލިބުނީހެވެ. މިހާރު އެދެމެދުގައި ކޮންމެ ކަމެއްވެސް ހިނގުމުގެ ޖާގަ އެބައޮތެވެ. އެހެން ހިތަށް އެރުމާއެކު ޝައިނާގެ ހިތުގެ ތެޅުންވެސް މަޑުޖެހިލިހެން އޭނާއަށް ހީވިއެވެ. ގައިން ވަރުދޫވާން ފެށުމުން ޔާނާވެސް ބިންމަތީގައި ބަހައްޓައިލެވުނެވެ. ޔާނާގެ އަތުގައި ހިފައިގެންހުރެ ލަސާލަހުން ސިޑިން ފޭބުމަށްފަހު އޭނާ ހިނގައިގަތީ ބަދިގެއަށެވެ. އެތަނުގައި ހުރި އެއްޗެހި ދޮވެ،ފޮޅައި ސާފުކުރަން ފެށިގޮތުން ހީވީ ދެންމެ ފެނުނު މަންޒަރު ހަނދާން ނައްތާލައި ވިސްނުން އެހެން ދިމާލަކަށް އަނބުރައިލަން މަސައްކަތް ކުރަމުންދާހެނެވެ.
"އަދި ބުނެފިއެއްނު ޔާނާ ތިރިއަށް ގެންދާށޭ އުޅުނީ. އޭރުންތާ ބޭނުންގޮތަކަށް އުޅޭނެ މިނިވަންކަން ލިބޭނީ" ޝައިނާ ނޭފަތް އެތެރެއަށް ދަމައިލަމުން ބުންޏެވެ. އޭނާ ދިޔައީ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުންނެވެ. "މާސިންގާ އޮފީހެއް ހުންނައިރުވެސް މި ގެތަ ފެންނަނީ އެއްޗެހި ޑިސްކަސްކުރަން–"
"ސިސް" ކުއްލިއަކަށް ޝައިނާގެ ހަރަކާތްތަށް ހުއްޓުނީ ފަހަތުން އިޝްވާގެ އަޑު އިވުމުންނެވެ. އޭނާ އަވަސްއަވަހަށް އެސްފިޔަ ޖަހައިލަމުން ދެލޮލުގައިވާ ކަރުނަތައް ހިންދައިލުމަށްފަހު އިޝްވާއާ ކުރިމަތިލިއެވެ.
"ޔެސް..އިޝްކޯ؟" ޝައިނާ ހިނިތުންވެލިއެވެ.
"ސިސް ރޮނީތަ؟" ޝައިނާގެ މޫނުމަތީގައިވި އަސަރުތައް ދެނެގަންނަން މަސައްކަތްކުރަމުން އިޝްވާ އަހައިލިއެވެ.
"ނޫން. ކިހިނެއްވީ؟" ޝައިނާއަށް އަހައިލެވުނެވެ.
"މިއީ.. ދޮންތިގެ ފޯނެއް.. ސިސް ފޯނު ނުނަގައި–"
"ހަލޯ" އިޝްވާގެ ވާހަކަ ނުނިމެންދެން ޝައިނާ އެ ފޯނު އަތުލަމުން ފޯނަށް ޖަވާބުދިނެވެ.
"ހަލޯ ޝައި؟ ރޮނީތަ؟" ޒީވާއަށް އިޝްވާގެ ސުވާލު އަޑު އިވުނީ ކަންނޭނގެއެވެ.
"ނޫން. ކިހިނެއްތަވީ؟" ޝައިނާ އަހައިލިއެވެ.
"މާލެދާން މި ދަނީ މަންމަމެން ގެއަށް. މަންމަމެން ފުރައެއްނު މާދަން. ޝައި ނުދާނަންތަ؟ ދޮންބެ ނޫޅޭތަ؟ ހިނގާބަ ގޮސްލަން. މަޖާވާނެއެއްނު. ލައިކް އޯލްޑް ޓައިމްސް" ޒީވާ އެދުނެވެ.
"މާދަން ފުރަންޏާ ގޮސްލަން ވާނެ ދޯ. ރާހިލްގާތު ބުނެލާފަ އެބަ ގުޅަން" ޝައިނާ ބުންޏެވެ.
"އަވަސް ކުރައްޗޭ. މިހާރު އަހަރުމެން ރެޑީވެ ނިމެނީ" ޒީވާ ފޯނު ކަނޑަައިލަމުން ބުންޏެވެ. އޭނާ ލޯގަނޑުގެ ކުރިމަތީގައިހުރެ މަޑު ފެހިކުލައިގެ އަބާޔާއާ ގުޅޭ ޝޯލު އާދައިގެ ގޮތަކަށް އަޅައި ނިންމައިލި ވަގުތު ރިއާން ކޮޓަރީގެ ދޮރު ހުޅުވައިލިއެވެ.
"ރީތި ތަ؟" ޒީވާ ކުޑަކޮށް އެނބުރިލަމުން ރިއާންއަށް ފަރިދައްކައިލިއެވެ. ރިއާން ވަކި އެއްޗެކޭ ނުބުންޏެވެ. އަނގަ ހުޅުވައިލި ގޮތަށް ލައްޕައިލަން ނޭނގިފައިހުރެ ދޮރުފަތުގެ ދާރައިގައި ލެގިލިއެވެ.
"ސްޕީޗްލެސް" ހިނދުކޮޅެއްގެ ހިމޭންކަމަކަށްފަހު ރިއާން ބުންޏެވެ.
"ރިއާން. ދެން އެހާ ޑްރާމާ ނުވެބަލަ" ޒީވާގެ މޫނު ލަދުން ރަތްވިއެވެ. އަދި ރިއާންގެ މޭގައި އަތް އަޅައި ދުރަށް ކޮށްޕައިލިއެވެ. އެއާއެކު ރިއާންގެ އަތުގައި އޮތް ލެވެންޑާ މަލުގެ ގުލްދަސްތާ ޒީވާއަށް ދިއްކޮށްލިއެވެ. މިއަދާ ހަމައަށްވެސް ރިއާންގެ އެ ލޯބިވެތި އާދައަށް ބަދަލެއް އައިސްފައި ނުވާތީ ޒީވާއަށް ހިނިތުންވެެލެވުނެވެ. ކޮންމެ ހަފްތާއަކުން ނުވަތަ ދެހަފްތާއަކުން ރިއާން އޭނާއަށް ގެނެސްދޭ އެ ގުލްދަސްތާ ފެންނަ ކޮންމެ ފަހަރަކު ޒީވާގެ ހިތް އުފަލުން ފުރިގެންދެއެވެ.
"ބޭބް މިހާރު ވެއްޖެ ފޭވްރިޓް ފްލާވަރ ބަދަލުކުރަން އެނގޭ. މުޅި މާލެއިންވެސް އެންމެ ހޯދަން އުނދަގޫ އެއް މާ ތިއީ. މޭބީ ފޭންސީ ސަމްތިންގް ކޮމަން ލައިކް ރޯސަޒް. އޮރ ލިލީޒް"
ރިއާންގެ ވާހަކަ ނިމުނުއިރު ޒީވާ ހުރީ ދެލޯ ހަނިކޮށްލައިގެން ރިއާންއާ ދިމާލަށް ބަލަހައްޓައިގެނެވެ. ރިއާން ފާޑަކަށް ޖެހިލުންވެފައިހުރެ ހިނިތުންވެލިއެވެ.
"އަހަހަ. އެއީ އެހެންބުނި އެއްޗެއް ނޫން އެނގޭ" ރިއާން އަވަސް އަވަހަށް ބުންޏެވެ.
"ހްމްމް. އަހަރެންގެ ފިރިމީހާއަކީވެސް އާދައިގެ މީހެއް ނޫނެއްނު. އަހަރެން ކީއްވެ ދެން އާދައިގެ އެއްޗެއްސަށް ލޯބިކުރަންވީ. ރިއާން ދޯ އަހަރެން ސްޕޮއިލް ކުރަނީވެސް. ދެން މިހާރު ކޮން ޝަކުވާއެއް" ޒީވާ އެ ގުލްދަސްތާގައިހުރި މާތަށް ކޮފީމޭޒު މަތީގައިހުރި ޓުކުރިއަކަށް ޖަހައިލަމުން ބުންޏެވެ.
"ޓްރޫ" ރިއާން ޒީވާގެ ވާހަކައަށް އެއްބަސްވަމުން ހިނިތުންވެލިއެވެ. "އަހަރެން އަމިއްލައަށް ކުރާ ކަންކަމުގެ ނަތީޖާދޯ މިއީ" ރިއާން އަމިއްލަ ކަންފަތަށްވެސް ނީވޭހާ މަޑުމަޑުން ބުންޏެވެ.
"އެއްޗެކޭ ބުނިންތަ؟" ޒީވާ ހިނިތުންވުމަކާއެކު އަހައިލިއެވެ. ރިއާން އަވަސްއަވަހަށް ނޫނެކޭ ބުނެ ބޯ ހޫރައިލިއިރު ރިއާންގެ ތުންފަތުގައިވެސް ވަނީ ހިނިތުންވުމެކެވެ. ޒީވާގެ އެ ހިނިތުންވުމާއި އުފާވެރިކަން ފެނުމާއެކު އޭނާގެ ހިތުގައިވި ހުރިހާ ޝަކުވާއެއް ފޮހެވިގެންދިޔައެވެ. އެ ހިނިތުންވުން ދެކިލުމަށްޓަކައި އޭނާ ކޮންމެ ކަމެއްވެސް ކުރާނެއެވެ. ދުނިޔޭގެ ކޮންމެފަދަ ހިސާބެއްގައިހުރި ލެވެންޑާ މަލުގެ ދަނޑަކަށް ދަތުރުކުރަން ޖެހިއްޖެނަމަ އެކަންވެސްމެއެވެ.
****************
"އަހަރެންނަކަށް ހިއެއްނުވޭ މިއީ ރަނގަޅު އައިޑިއާއެއް ހެނެއް" ރާހިލްގެ ކޮޓަރީގައިހުރި ސޯފާގައި އިށީނދެލައިގެން އިން ލައިޝާ ވާހަކަދެއްކީ އެތަނުގައި އިން ރާހިލްއާއެވެ. ރާހިލް ވަކި އެއްޗެކޭ ނުބުނެ ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިނީއެވެ.
"ރާހިލް!" ލައިޝާ ރާހިލްގެ ލެޕްޓޮޕް ލައްޕައިލަމުން ރާހިލްގެ ސަމާލުކަށް އަތުލިއެވެ.
"އަހަރެންނަށް އެނގެޔޭ ރާހިލް އަހަރެން މިތަނަށް ގެނައީ އޮފީހުގެ ކަމަކު ނޫންކަން. މީގެކުރިންވެސް އޮފީހުގެ އެއްވެސް ކަމެއް ޑިސްކަސް ކުރާކަށް މިގެއަކަށް ނާންނަމެއްނު. އެނގޭ ޝައިނާގެ ރިއެކްޝަނެއް ހޯދަންކަން ރާހިލް ތި އުޅެނީ. އެކަމަކު މިއީ އެންމެ ރަނގަޅުގޮތެއް ނޫން" ލައިޝާ ބުންޏެވެ.
"ލައި ބުނީމެއްނު ހެލްޕެއް ބޭނުމިއްޔާ ތިމަންނަ އަބަދުވެސް ހުންނާނަމޭ. ސޯ އައި ނީޑް ދިސް ހެލްޕް" ރާހިލް އަނެއްކާވެސް ލެޕްޓޮޕް ހުޅުވައިލިއެވެ.
"މިގޮތަކަށް ނޫނޭ އަހަރެން ބުނީ. ރާހިލްއަށް ނުފެނޭތަ ޝައިނާގެ މޫނެއް. ޝީ އިޒް ހަރޓް ރާހިލް" ލައިޝާ ބުންޏެވެ.
"ސޯ އޭމް އައި" ރާހިލް ވަކި ދުލެއްނުދިނެވެ. "އަހަރުމެންނަކީ މިހާރު ޓީނޭޖަރޒްއެއް ނޫނެއްނު. މިކަހަލަ ތާކުން ތާކުންނުޖެހޭ ދިރިއުޅުމެއްގަ އުޅޭނީ ކިހިނެއް؟ އަހަރެން އުޅުނީ ޝައިނާ ވަރިކުރަން. އެކަމަކު ޝައިނާ އެކަންތައްވެސް ހެދީ ބޮޑު ޖޯކަކަށް. ދުވެ ފިލީ. އަހަރެން ބޭނުން ޝައިނާއަށް އަންގަން އަހަރެން އެކަމުގަ ވަރަށް ސީރިއަސްކަން" ރާހިލް ބުންޏެވެ.
"ހަހަހަ. ކީކޭ؟ ދުވެ ފިލީއޭ؟" ލައިޝާއަކަށް އޭނާގެ ހިނިގަނޑެއް ނުހިފެހެއްޓުނެވެ. ރާހިލްގެ ގާތަށްވެސް އެ މަންޒަރު ހަނދާންވުމާއެކު ހިނިއައިސްފިއެވެ.
"ހްމްމް. ހަހަހަ. އަދި އެވެސް އަތަށް ފިޔަލެއް ދީފަ" ރާހިލް ހިނިގަނޑެއް ޖަހައިލަމުން ބުންޏެވެ. އޭރު ލައިޝާ ހީވަނީ ހެމުން ހެމުންގޮސް ގޮނޑިންވެސް ވެއްޓިދާނެހެނެވެ. އެވަގުތުވީ ޒީވާ ފޯނުންދެއްކި ވާހަކަ ރާހިލްގާތު ބުނަންއައި ޝައިނާ ކޮޓަރީގެ ބޭރުގައި މަޑުކޮށްލި ވަގުތަށެވެ. ލައިޝާގެ ހުނުމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝައިނާއަށް ނެގުނީ މުޅިން ގޯސް މާނައެކެވެ. ހިތްނޭދޭ ހިޔާލުތަކުން ސިކުނޑި ފުރެންފެށިއެވެ. ނަމަވެސް އޭނާ ނިންމީ ހިތްވަރުކޮށްފައި އެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމަށެވެ.
"ދެން އަހަރެންގެ ވާހަކަ ބާއްވާފަ ލައިގެ ވާހަކަ ދައްކަމާ. ހުޒާމް ރަނގަޅުތަ؟" ރާހިލް އަހައިލިއެވެ.
"ހްމްމް. ވަރަށް އަވަހަށް މެރީކުރަން މިއުޅެނީ" ލައިޝާ ހިނިތުންވެލިއެވެ.
"މިހާ އަވަހަށް؟" ރާހިލް ހައިރާންވިއެވެ. ހުޒާމާއި ލައިޝާ ލޯބީގެ ގޮތުން ގުޅުންތާ އަދި ވާނީ ހަފްތާއެއްހާ ދުވަހެވެ.
"ހްމްމް. ދެން އަދި ކިރިޔާ ރިލޭޝަންޝިޕަކަށް ދެވުނަސް ދެމީހުންނަށްވެސް އެކަކު އަނެކަކު އެނގޭތާ ވަރަށް ދުވަސްވެއްޖެއެއްނު. ދެން މެރީނުކޮށް ހުއްޓާ މުސްކުޅިވެދާނެ އަނެއްކާ" ލައިޝާ ސަމާސާ ރާގެއްގައި ބުންޏެވެ.
"ހުޒާމަކީ ގޯސް މީހެއްހެން ހިއެއްނުވޭ. ލައި ރަނގަޅަށް ވިސްނާފަ ކުރާކަމެއް ކުރީމަ ހަމަ އޯކޭ ވާނެ" ލައިޝާގެ ވާހަކައަށް ބޯ ޖަހައިލަމުން ރާހިލް ބުންޏެވެ. ހަމައެއާއެކު ކޮޓަރީގެ ދޮރުފަތުގައި މީހަކު ޓަކިދިން އަޑު އިވުނެވެ.
"މިފަހަރު އަހަރެން ހުޅުވާނަން" ރާހިލްއަށްވުރެން ކުރިން ލައިޝާ ދުވެފައިގޮސް ދޮރުހުޅުވިއެވެ.
"ރާހިލް ކޮބާ؟" ޝައިނާ ހުރީ އިސްޖަހައިލައިގެނެވެ. އެވަގުތު ރާހިލް އައިސް ދޮރުކައިރިއަށް ހުއްޓިލަމުން ރުންކުރު ރާގަކަށް ކިހިނެއްވީހޭ އަހައިލިއެވެ.
"މިއީ.. ޒީ ގުޅި. މަންމަމެން މާދަން ފުރާތީ އެގެއަށް ދާށޯ މި އަންނަނީ.. ބުނީ ދޮންބެގާތު އަހާބަލާށޯ ދާނަންތޯ؟" ޝައިނާ އިސްއުފުލައިލާކަށް ނޫޅުނެވެ.
"ރެޑީވެގެން ތިބޭ. އިރުކޮޅަކުން މިދަނީ" ޝައިނާގެ މޫނުމައްޗަށް ދޮރުފަތް ލައްޕައިލަމުން ރާހިލް ބުންޏެވެ. ރާހިލް ކަންތައްކުރި ގޮތުން ހިތުގައިޖެހިފަހުރި ޝައިނާއަށް ހުރިތަނުން ގުޑިލަންވެސް އެނގުނީ މިނެޓެއްހާއިރު ފާއިތުވެދިޔަ ފަހުންނެވެ. އޭނާ އަވަސްވެގަތީ ރާހިލް ނުކުތުމުގެ ކުރިން ތިރިއަށްގޮސް ޔާނާއާއީ ރާއީ ތައްޔާރުކުރުމަށެވެ.
"ކީކޯ ދޮންބެ ބުނީ؟" ޕްލޭސްޓޭޝަނުން ޝިމާންއާއި ރާއީ ކުޅެމުންދިޔަ ގޭމުގައި ރާއީއަށް އެހީތެރިވާން އިން އިޝްވާއަށް ޝައިނާ ފެނުމުން އަހައިލިއެވެ.
"މި އަންނަނީއޯ. ރެޑީވާށޯ ބުނީ" ޝައިނާ ބުންޏެވެ.
"އިޝީ ދާހިތެއް ނެތް. ސިސްމެން ދާންވީނު؟" އިޝްވާ އަދިވެސް އިންނަނީ ކަމަކާމެދު މާޔޫސްވެފައި އިންނަ ފާޑަކަށެވެ.
"ނޫން. މަންމަމެން މާދަން ފުރަނީނު. މިއަދު އިޝްކޮ ދާންވާނެ. އެހެންނޫނަސް ތިހެން އަބަދު ގޭގަ ތާށިވެގެން އިންނާކަށްވެސް ނުވާނެ. ދޭބަލަ ރެޑީވެލަން. އިޝްކޮ އެހާ ގިނައިރު ހުންނަން ބޭނުން ނެތިއްޔާ ވަގުތުން ގެއަށް އަންނާނީ. އޯކޭ އެއްނު؟" ޝައިނާ ބުންޏެވެ.
"ކޮބާ ރެޑީތަ؟" އެމީހުންގެ ފަހަތުން އިވުނީ ރާހިލްގެ އަޑެވެ.
"އޯ އެމް ޖީ ލައި!!" ރާހިލްއާއެކު ހުރި ލައިޝާ ފެނުމުން އިޝްވާ ދުވެފައިގޮސް ލައިޝާގެ ގައިގައި ބައްދައިލިއެވެ.
"ކޮންގްރެޓްސް އިޝީ. އޮން ގްރެޖުއޭޝަން" ލައިޝާ އުފާވެލައިފައި ބުންޏެވެ.
"ލައިގެ ހެލްޕާ ނުލާ އެއްކަމެއްވެސް ނުވީސް. ކީއްވެތަ މިހާރު މިގެއަށް ނާންނަނީ" އިޝްވާގެ ވާހަކަތަކުން ޝައިނާއަށް އެއީ ލައިޝާ އެގެއަށް އައި ފުރަތަމަ ދުވަސް ނޫންކަން އެނގުނެވެ. ލައިޝާ މިހާރު އެގެއަށް ނާންނަނީ ޝައިނާ އެގޭގައި އުޅޭތީ ކަމަށްވެދާނެއެވެ. ނަމަވެސް ހަގީގަތަކީ ލައިޝާއަކީ ކުރިންވެސް މާ ގިނައިން އެގެއަށް އައިސްއުޅޭ މީހެއް ނޫންކަމެވެ. އިޝްވާއަށް ފިލާވަޅެއް ކިޔައިދޭން އަންނަ ދުވަހެއްގައިވެސް އަންނަނީ އާންމުކޮށް ރާހިލް ގޭގައި ނޫޅޭ ވަގުތެއްގައިކަމެވެ.
"ދެން އިރާދަކުރެއްވިއްޔާ އާދެވޭނެ. މިހާރު ޝައިނާއާވެސް މި އެކުވެރި ވެވުނީއޭ ދޯ" ލައިޝާ ދޯ ދިނުމާއެކު ޝައިނާ ހަމައެކަނި ހިނިތުންވުމަކުން ފުއްދައިލިއެވެ.
"އެބަ އަންނަން ލައި ގެއަށް ގެންގޮސްފަ އެނގޭ. އަންނަންވާއިރަށް ރެޑީވައްޗޭ" ރާހިލް އެމީހުންގެ ވާހަކައިގެ ތެރެއަށް ވަދެގަތެވެ.
"ބާއީ ގައިޒް. ބާއީ ޕްރިންސަސް" ލައިޝާ ޔާނާއަށް ގޮވައިލީ އާންމުކޮށް ރާހިލް ޔާނާއަށް ގޮވައިއުޅޭ ނަމުންނެވެ. ޝައިނާހުރީ އެކަމާވެސް ހިތްހަމަނުޖެހިފައެވެ.
"އިޝީ ގޮވައިގެން ދޯ ދާނީ" އިޝްވާ ތައްޔާރުވާން ދިޔުމުން ޝިމާން އަހައިލިއެވެ.
"ހްމްމް" ޝައިނާ ފޫހި ރާގެއްގައި ބުންޏެވެ.
"އެހެންވިއްޔާ އަހަރެންވެސް މިރޭ ބޭރަށް ގޮސްލާނީ. އެބައޮތް ކުޑަކަމެއް" ޝިމާން ފޯނުން ކޮންމެވެސް މީހަކަށް މެސެޖުކޮށްލަމުން ބުންޏެވެ.
"އޯކޭ" ޝައިނާ މިފަހަރުވެސް ކުރު ޖަވާބަކުން ފުއްދައިލިއެވެ. އޭނާ މިވަގުތު އެއްވެސް މީހަކާ ވާހަކަދައްކާ ހިތެއްނެތެވެ. އެހެންކަމުން އަވަހަށް ޔާނާއާއީ ރާއީ ގޮވައިގެންގޮސް ކޮޓަރިއަށްވަނެވެ. އެދެކުދިން ތައްޔާރުކޮށްލުމަށްފަހު އިޝްވާގެ ހަބަރެއް ކޮބައިތޯ ބަލައިލަން ދިޔައިރު އިޝްވާ އިނީ ތައްޔާރުވެ ނިމި އެނދުގައި އިށީނދެލައިގެނެވެ.
"އިޝްކޯ؟ ރެޑީ ދޯ؟ ހިނގަދާން. ރާހިލްވެސް އައިސްފި" ޝައިނާ ބުންޏެވެ.
"ސިސް.. އާދެބަލަ" އިޝްވާގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ޝައިނާ ކަންބޮޑުވެފައިހުރެ އިޝްވާގެ ގާތުގައި އިށީނދެލަމުން ކިހިނެއްވީހޭ އަހައިލާފަދައިން ބޯ ހޫރައިލިއެވެ.
"ސިސް.. އައިމް ރިއަލީ ސޮރީ" އިޝްވާގެ ދެލޮލުން ކަރުނަ ނީރައިލިއެވެ.
"އިޝީ ބޭނުންވެގެނެއް ނޫން ސިސްއާ ދިމާލަށް ހުރިހާ އެއްޗެއް ކިއީ. ވާނުވާ ނޭނގިހުރެ.. މާބޮޑަށް. ރުޅިއާދެވުނީ.. ސިސް ދެއްކީ ހުސް ތެދުވާހަކަ. ވަރަށްބޮޑަށް ސޮރީ.. ސިސްއަށް ހަރޓްކުރެވުނީމަ.. އިޝީއަކަށް ސިސް ގޯހެއްނޫން. ވަރަށް ވަރަށް ލޯބިވޭ ސިސްދެކެ.. ޔޫ އަރ ރިއަލީ ދަ ބެސްޓް. ސޮރީ ސިސް. ޕްލީޒް. ސިސް ނުދައްޗޭ" ޝައިނާގެ ގައިގައި ބައްދައިލަމުން އިޝްވާ ރޮއެފައި މަޢާފަށް އެދުނެވެ.
"އިޝީ.. އިޝީ އިޓްސް އޯކޭ" އިޝްވާއާ ދުރަށް ޖެހިލަމުން ޝައިނާ އިޝްވާގެ މޫނުގައި ފިރުމައިލިއެވެ.
"އަހަރެންވެސް އިޝްކޮދެކެ ހަމަ އަމިއްލަ ކޮއްކޮއެއްހެން ލޯބިވޭ. އެރޭގެ ހުރިހާކަމެއް މިހާރު ހަނދާން ނައްތާލައިފިން. ރާހިލް އަހަރެން ވަރިކުރިޔަސް.. އިޝީއާ އޮންނަ ގުޅުން ދުވަހަކުވެސް ކަނޑައެއް ނުލެވޭނެ" ޝައިނާގެ ދެލޯވެސް ފެންކަޅިވިއެވެ.
"ކީކޭ؟؟ ދޮންބެ؟ ދޮންބެތަ ސިސް ވަރިކުރަނީ؟" އިޝްވާއަކަށް ގަބޫލެއް ނުކުރެވުނެވެ. ޝައިނާ ފުންނޭވާއެެއް ދޫކޮށްލަމުން އަވަސްއަވަހަށް ބޯ ޖަހައިލިއެވެ.
"ހްމްމް. އިޓްސް އޯކޭ އިޝްކޯ. ލައިވެސް އިޝްކޮއަކަށް ގޯހެއްނޫނެއްނު" ޝައިނާ ގަދަކަމުން ކަހަލަގޮތަކަށް ހިނިތުންވެލިއެވެ.
"ވަޓް؟ ދޮންބެ އެންޑް ލައި؟ ނެވަރ! ސިސް.. ލައި އަކީ ހަމައެކަނި އިޝީގެ ޓިއުޝަން ޓީޗަރ އޭ. އެހެންވެ އިޝީއަށް މިއަދު އެގޮތަށް ރިއެކްޓް ކުރެވުނީ. އިޝީއަކަށް ހިއެއްނުވޭ ދޮންބެ ލައިއާ ގުޅޭނެހެން" އިޝްވާ ޔަގީންކަން ދިނެވެ.
"ނޫން އިޝީ. މިއަދު އަހަރެންނަށް ފެނުނީ ތި މަންޒަރެއްނޫން. މިހާރު ހުރިހާކަމެއް ބަދަލުވެއްޖެ" ޝައިނާގެ އަޑުގައިވަނީ މާޔޫސްކަމެވެ.
"ކޮން މަންޒަރެއް؟ ދޮންބެ އަސްލުވެސް ލައިއާ ގުޅުނީތަ؟ އަޅެ ކީއްވެ؟ އިޝީއާ ހެދިތަ؟ ދެން ނޫން" އިޝްވާ ދެރަވިއެވެ. ޝައިނާ ދައްކަމުންދިޔަ ވާހަކަ ކޮންމެވެސް ވަރަކަށް ގަބޫލުކުރެވެންފެށީ އޭނާއަށް ލައިޝާގެ ހިތުގައި ރާހިލްއާމެދު ވާ އިހުސާސްތައް އެނގޭތީއެވެ. ފަހަރެއްގައި އޭނާ އެރޭ ޝައިނާއާ ދިމާލަށް ކީ އެއްޗެއްސަށްފަހު ރާހިލްގެ ލޯ ހުޅުވި ލައިޝާއަށް ފުރުސަތެއް ދިނުން އެކަށީގެންވެއެވެ. ނަމަވެސް މިހާރު އިޝްވާ އެގޮތެއް ބޭނުމެއްނުވެއެވެ. ބޭނުންވަނީ ޝައިނާއާއި ރާހިލް އެކަކު އަނެކަކަށް މަޢާފުކޮށްފައި ލޯބިން އުޅޭށެވެ.
"ނޫން. އިޝީއާ ހެދިއެއްނޫން. ދިސް އިޒް އޯލް މައި ފޯލްޓް. އިޝީ ރުޅި އައިސްގެންވިޔަސް އެރޭ ދެއްކީ ތެދުވާހަކަ. އަހަރެންނާހެދި ރާހިލްއަށް ވީ ގެއްލުމެއް ނޫނީ ނެތް. ރާހިލްގެ އުފާވެރިކަން ގެއްލި މުޅި މީހާ ބަދަލުވެއްޖެ.. ރާހިލްގެ މެންޓަލް ހެލްތް.. އަދި އޮފީސް މަސައްކަތްތައްވެސް ގޯހުން ގޯހަށް ދާންފެށީ ހަމަ އަހަރެން އައިފަހުން" ޝައިނާއަށް ރޮވެން ފެށުނެވެ. ރާހިލްއާއި ލައިޝާ އެކީގައި ފެނުނީއްސުރެން އޭނާ ހިފަހައްޓައިގެންހުރި ކަރުނަތައް އިޝްވާގެ ކުރިމަތީގައި ދޫކޮށްލިއެވެ.
"ފަހަރެއްގާ ރާހިލްއަށް އެ ހުރިހާކަމެއް ވިސްނުނީ ކަންނޭނގެ. ހަމަ އަސްލުގަވެސް އަހަރެން މިގެއިން ދިޔުން ކަންނޭނގެ އެންމެ ރަނގަޅުވާނީ. އެކަމަކު އަހަރެންނަށް މިއަދު އެނގިއްޖެ އިޝީ. އިޓް ސްޓިލް ހަރޓްސް ސޯ މަޗް. އަހަރެން ރެޑީއެއްނޫން ރާހިލް ދޫކޮށްލާކަށް. އަހަރެން ވަރަށް އެބަ ބިރުގަނޭ ދެވަނަ ފަހަރަށް އަހަރެންނަށް ރާހިލް ގެއްލި–"
"އިޝްކޯ؟" ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލި ރާހިލްގެ އަޑު އިވުމުން ޝައިނާ އަވަސްއަވަހަށް ވާހަކަދެއްކުން ހުއްޓައިލިއެވެ. ރާހިލް ކޮޓަރީގެ ދޮރު ހުޅުވައިލުމާއެކު ދޮރަށް ފުރަގަސްދީގެން އިން ޝައިނާ ދެފަރާތަށް ބޯ ހޫރައިލީ އޭނާ ދެއްކި ވާހަކަތައް ރާހިލްގާތު ނުބުނާށޭ ބުނާ ފަދައިންނެވެ.
"މި.. މިދަނީ" އިޝްވާ އެނދުން ތެދުވަމުން ބުންޏެވެ. ރާހިލް އެ ދޮރު ލައްޕައިލުމާއެކު ޝައިނާ އަވަސްއަވަހަށް މޫނުފޮހެލިއެވެ. އިޝްވާގެ ކޮޓަރީގައިހުރި ލޯގަނޑު ބަލައިގެން މޫނު ރީތިކޮށްލުމަށްފަހު އިޝްވާއާއެކު ކޮޓަރިން ބޭރަށް ނުކުތެވެ. އޭރު ރާހިލް ސޯފާގެ ކައިރީގައި ކުޑަކަކޫ ޖަހައިލައިގެން އިނދެ ރާއީގެ ބޫޓަށް އަރުވައިދެނީއެވެ. ރާއީގާތު އިށީނދެއިން ޔާނާގެ ބޫޓުހުރީ ތިރީގައި ބަހައްޓައިލާފައެވެ. ޝައިނާ ލަސްނުކޮށް ރާހިލްގާތު އިށީނދެލަމުން ޔާނާގެ ބޫޓު ނެގިއެވެ.
"ރާހިލް.." ޔާނާގެ ބޫޓު ލައްވައިދޭން ފަށަމުން ޝައިނާ ގޮވައިލިއެވެ.
"ހްމްމް" ރާހިލްގެ އަޑުގައިވަނީ ފަރުވާކުޑަކަމެވެ.
"އާރ ވީ އޯކޭ؟" ޝައިނާ އަހައިލިއެވެ.
"މެއިބީ.. ހިނގަދާން. ރިއާންމެން މިހާރު އެގެއާ ވަރަށް ކައިރީގަ ތިބީ" ޝައިނާގެ ސުވާލަށް ޖަވާބުދިނުމަކީ ރާހިލްއަށް މުހިއްމު ކަމަކަށް ނުވިއެވެ. އޭނާ ރާއީ އުރާލައިގެން އެޕަރޓްމެންޓުން ނުކުންނަން ހިނގައިގަތެވެ.
= ނުނިމޭ =
ކިޔުންތެރިންގެ ޚިޔާލުތައް:
Mi part vx v Reethi masha allah
Curiously waiting for next part
Finally eshko forgive Saina
Keep it up
Saina and raahil gulhuvachey
They both are made for each
Eshko and simaan dhuru nukurachey
Mi part kiyaafa rovijje
V interesting story eh
V kiyaala hithun kiyani
You’re my fav author
I appreciate your hard work
Kithamme lahun kiyaalan libunas Shakuvaa eh neih I understand
Alhugandu ge support Abadhuves libeyne insha Allah
Thihaa busy koh ulhemun ves vaahaka kiyaalan libeythee v ufaavey
Love you ❤️😍
Thankyou cutie girl
ހޫމްމްމް ދެން….. އަޅެ.
ކިޔާހިތުން ކިޔާލެވުނު ބައެއް މިވެސް.
އަނެއްބައި އަޕްކުރާނެވަގުތަކަށް ބަލަބަލައި.
ޝުކުރިއްޔާ އައިރިޝް
މި ވާހަކަ އަޕްވަނީ ކޮންދުވަސް ތަކުގަތަ!! ޥާހަކަ ވ.ވ ރީތި
ޝުކުރިއްޔާ ކަމަނަ. ވާހަކައިގެ ދެން އޮތްބައި ބުދަ ދުވަހު ކިޔުންތެރިންނާ ހަމައަށް ގެނެސްލަދޭނަން
❤️
ކޮންމެ ދުވަހަކު އެބަ ބެލޭ ވާހަކަ އަޕްވިތޯ
އިންތިޒާރުގައި!!!
ޝަލާމް . ކޮބައިތޯ އަނެއްބައި ؟
Intizaaru ga mihiri miadhu Wednesday veema
ކޮން އިރަކުންތޯ އަޕްލޯޑްވާނީ ވާހަކަ.
މި ވާހަކައިގެ އަނެއް އެޕިސޯޑު ދެން ލިބޭނީ ކޮން އިރަކުންތޯ؟ ވަރަށް ކިޔާ ހިތުން ކިޔާ ވާހަކަ އެއް ️️
މިއަދު މި ބުދަ! އަޅެކޮންއިރަކުތަ ވާހަކަ ކިޔާލަން ލިބޭނީ'
ޢިންތިޒާރޭ ކުރީ ހިތް އެދޭތީ…..އަންޔާ ވާހަކަ ދެން ލަސްނުކޮށް ގެނެސްދީ….. މިހާރު ވ ވ ވ ކިޔާހިތުން މިހުރީ
ޢިންތިޒާރޭ ކުރީ ހިތް އެދޭތީ…..އަންޔާ ވާހަކަ ދެން ލަސްނުކޮށް ގެނެސްދީ….. މިހާރު ވ ވ ވ ކިޔާހިތުން މިހުރީ
އަޅެ ކޮބާތަ ވާހަކައިގެ ދެން އޮތްބައި.. ހާދަ ދިގު އިންތިޒާރެކޭ ތި ކުރުވަނީ
މިއަދު މި ބުދަ! އަޅެކޮންއިރަކުތަ ވާހަކަ ކިޔާލަން ލިބޭނީ'
އަޅެ ދެން ކޮންއިރަކުންތަ 89 ކިޔާލަން ލިބޭނީ !
މިއަދު މީ އަނެއްކާ ބުދަދުވަހެއް ނުންތަ……އަންޔާ ދެން ހާދަ އިންތިޒާރެކޭ މި ކުރަނީ….
ވާހަކަ އަޕޮކޮށްލުން ލަސްވަނީ އަންޔާ ބަލިވެގެންތަ؟ ހާދަވަރަކަށް އެބަ ބެލެއޭ އަޕްވިތޯ.
ވާހަކަ އަޕްވިތޯ ބަލަ ބަލަ އިންދަ ބުދަ ދުވަސްވެސް މި ނިމުނީ. ދެން ކޮންއިރަކުންތަ 89 ކިޔާލަން ލިބޭނީ؟