26 އޮކްޓޫބަރު 2025

ހާސްކަމުން އަރައިގަނެވޭނީ ކިހިނެތް؟

އެންޒައިޓީއަކީ އިންސާނުންނަށް ކުރިމަތިވާ ހާސްކަމުގެ ވައްތަރެކެވެ. މިކަމަކީ ކުރިން ކުރިމަތިވެފައިވާ ހިތާމަވެރި ހާދިސާއެއްގެ ހަނދާން އިޔާދަވުމުން، ނުވަތަ މުސްތަޤްބަލުގައި ކުރިމަތިވެދާނެ ކަމަކާމެދު ފިކުރުކުރަންޖެހޭ ޙާލަތްތަކުގައި ކުރިމަތިވާ ހާސްކަމެކެވެ. އެންޒައިޓީއަކީ އާންމު ކަމެކެވެ. އަންހެނުންނާއި ފިރިހެނުންނަށްވެސް ކުރިމަތިވާ ކަމެކެވެ.

އެންޒައިޓީއަކީ ނަފްސް މަރާލާފަދަ ކަމެކެވެ. އެއީ ވިސްނުން ބަލިކަށިކޮށްލާ ހަތުރެކެވެ. ގިނަ ފަހަރަށް މިކަން ކުރިމަތިވަނީ އެހެން ފަރާތެއްގެ ސަބަބަކުން ނޫނެވެ. އަމިއްލައަށް އުފުލާންޖެހޭ ތަކުލީފެއްގެ މައްޗަށް މާބޮޑަށް ފިކުރު ކުރެވެނީއެވެ. އެހެންކަމުން، ތިމާގެ ސިކުނޑިއަށް ގެއްލުންދޭ މި ހަތުރަކީ ތިމާގެ ވިސްނުމުގެ ތެރޭގައި އެނބުރޭ ނުރަނގަޅު އޮއިވަރެކެވެ.

ތިމާގެ އިޚްތިޔާރާ ނުލައި ނުވަތަ އެހެން ބައެއްގެ ފުށުން ކުރިމަތިވާ ކަންކަމާ ހެދިވެސް ބައެއް ފަހަރު ހާސްކަމާ ކުރިމަތިލާންޖެހެއެވެ. އެ މައްސަލަތަކަކީ ގިނަ ފަހަރަށް އަމިއްލައަށް ހައްލުކުރުމަށް ތިބާއަށް ކުޅަދާނަ ވެގެން ނުވާ ކަންކަމެވެ. 

އެހެންނަމަވެސް، މި ދެ ޙާލަތުގައިވެސް ހާސްކަމުގެ ތެރެއަށް ގެނބިގެންދަނީ ތިމާ އަމިއްލައަށެވެ. މިކަމުން އަރައިގަތުމުގެ ބާރު އޮތީ އެމީހެއްގެ އަމިއްލަ އަތްމަތީގައެވެ. ދެން ކަންބޮވާންވީ ކީއްވެ ހެއްޔެވެ؟ އަމިއްލައަށް މިކަމާ ސަމާލުވެއްޖެނަމަ ހުރިހާ ހާސްކަމަކުންވެސް އަރައިގަނެވޭނެއެވެ.

އެންޒައިޓީއަކީ ޖިސްމާނީ މައްސަލައެއް ނޫނެވެ. އެއީ ވިސްނާ ވިސްނުމެއްގެ މައްޗަށް ބިނާވެގެންވާ ކަމެކެވެ. ތިބާއަކީ ވިސްނުމުގެ މައްޗަށް ލަގަން ހިފެހެއްޓޭ މީހެއް ކަމަށްވާނަމަ، ވިސްނުމަށް އަންނަ ބަދަލުތަކާ މެދު ސަމާލު ވެވޭނެއެވެ. އަދި އެންޒައިޓީގެ ވިހަ އަސަރުން ސަލާމަތް ވެވޭނެއެވެ.

ކުރިން ބީމެވެގެން ދިޔަ ކަމަކާމެދު ދެރަވެ ހިތާމަކުރިނަމަވެސް، އެކަމަކީ ތިބާއަށް އަނބުރާ ނުލިބޭނެ ކަމެއްކަން ޚުދު ތިބާއަށްވެސް ޤަބޫލުކުރެވޭ ހިނދު، އެކަމާމެދު ވިސްނައި ހާސްކަމުގެ ތެރޭގައި އުޅުމުން ތިބާއަށް ފައިދާއެއް ކުރޭ ހެއްޔެވެ؟ އެހެންކަމުން، ތިބާގެ ސިކުނޑި ހަމައަކަށް އެޅުވުމަށް އެންމެ ފަސޭހަ ގޮތަކީ ގެއްލިފައިވާ އެއްޗަކީ އަނބުރާ ނުލިބޭނެ އެއްޗެއްކަން ޤަބޫލުކުރުމެވެ. 

"ބީވި އެއްޗެއް ބީވީ އެވެ. ދެން އޮތީ މުސްޤްބަލެވެ."

މުސްތަޤްބަލުގައިވާން އޮތް ކަމަކާމެދު ތިބާ ފިކުރުބޮޑުވާނަމަ، ތިބާގެ ސިކުނޑީގައި ހިނގާ ހާސްކަމުގެ އޮއިވަރުތައް މަތަކުރެވޭނީ މިސުވާލު ތިމާގެ ހިތުގައި އުފައްދައިގެންނެވެ. "ނުވާ ކަމަކާމެދު އަހަރެން ކަންބޮޑުވާންވީ ކީއްވެ؟ ފަހަރެއްގައި އެކަމަކީ ނުވުންވެސް ގާތް ކަމެއް!" 

އެންޒައިޓީއަކީ މައްސަލައިގެ އަސްލެއް ނޫނެވެ. އެއީ ވިސްނާ ވިސްނުމުގެ ނަތީޖާއެވެ. ތިމާ ވިސްނާ ވިސްނުން ބަދަލުކޮށް، ފައްސި ވިސްނުމަކަށް މިސްރާބު ބަދަލުކުރާށެވެ. ވިސްނުމުގެ ސުލޫކު ހިފަހައްޓާށެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ، އެންޒައިޓީއިން އަރައިގަނެވޭނެއެވެ.

މައްސަލަތައް ބިނާވެގެން ވަނީ ތިން ކަމެއްގެ މައްޗަށެވެ. މައްސަލަ ކުރިމަތިވަނީ މިހާރު ކުރާ ކަމަކަށް ނަމަ، އެކަން ހައްލުކުރެވޭނީ ރަނގަޅަށް ކަންކަން ރާވާއިގެންނެވެ. ކަންބޮޑުވަނީ ކުރީގެ ކަމަކާމެދު ކަމަށްވާނަމަ، އެކަން ހަނދާން ނައްތާލާށެވެ. މަޑުމަޑުން އެކަން ފޮހެވޭނެއެވެ. ކަންބޮޑުވަނީ މުސްތަޤްބަލުގައި ވާން އޮތްކަމަކާމެދު ކަމަށްވާނަމަ، ތިބާއަށް ތިޔަ ވިސްނެނީ ނުވެސް ހިނގާ ކަމަކާ މެދުގައެވެ. ވެފައި ނެތްކަމަކާމެދު ވިސްނާ ހާސްކަމުގެ ކަނޑަކަށް ޣަރަޤުވުމުގެ ބޭނުމެއް އެބަ އޮތް ހެއްޔެވެ؟

ހާސްކަން ވެރިވާ ސަބަބަށް ބަލާށެވެ. އޭރުން އެކަމުން އަރައިގަންނަން ފަސޭހަވާނެއެވެ. އެންޒައިޓީއަކީ ޖިސްމާނީ މައްސަލައެއް ނޫނެވެ. އެއީ ސިކުނޑީގައި ހިނގާން ފަށާ ނުތަނަވަސްކަމެކެވެ. އެ ނުތަނަވަސްކަން ވަޅުލެވޭނީވެސް ހަމަ ތިބާގެ ސިކުނޑިންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު