26 އޮކްޓޫބަރު 2025
އައްޑޫ ސޓީގެ ބައެއް ރަށްތައް

އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފަށަނީ

އައްޑޫ ސިޓީ ހުޅުމީދޫ-ހިތަދޫ ބުރިޖުގެ މަޝްރޫއު އަންނަ އަހަރު ފެށުމަށް ސަރުކާރުން ރާވާފައިވާ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. މި ވާހަކަ ވަޒީރު ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.

ހިތަދޫ އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ބްރިޖުގެ ސަރވޭ އާއި ޕްރިލިމިނަރީ ޑިޒައިން މަސައްކަތް މިދިޔަ ފެބްރުއަރީ މަހު ހަވާލުކޮށްފައިވަނީ މިސްރުގެ ކުންފުންޏެއް ކަމަށްވާ "ދަ އަރަބް ކޮންޓްރެކްޓާސް" އާއެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. މީގެ ތެރެއިން ޕަބްލިކް ސެކްޓަރ އިންފްރާސްޓްރަކްޗާ ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް 12.4 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ތާރީޚީ އަދަދެއް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

ލަފާކުރުމުގެ ދަތިކަން ހައްލުކުރުމަށް ބަޖެޓްގައި 4.1 ބިލިޔަން ރުފިޔާ ހިމަނާފައިވާއިރު، މީގެ ތެރޭގައި ބްރިޖު އެޅުމަށް 1.4 ބިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ހެދުމަށް 356 މިލިޔަން ރުފިޔާ އާއި ވައިގެ ބަނދަރުގެ މަސައްކަތްތަކަށް 2.3 ބިލިޔަން ރުފިޔާ އަދި ދަތުރުފަތުރަށް 1.5 މިލިޔަން ރުފިޔާ ހިމަނާފައިވެއެވެ.

އައްޑޫ ސިޓީގައި އަޅާ ބްރިޖަކީ އެންމެ މަދުވެގެން 14 ކިލޯމީޓަރުގެ ބްރިޖެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ބްރިޖު ވެގެންދާނީ އައްޑޫ ސިޓީއަށް ކުރިއެރުމާއި ތަރައްގީ ގެންނާނެ ބްރިޖަކަށް ކަމަށާއި އެހެން އަތޮޅުތަކުން ވެސް ހުޅުމީދޫއަށް މީހުން ހިޖުރަކޮށް ރަށް އިތުރަށް ތަރައްގީ ވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު