24 އޮކްޓޫބަރު 2025
ފީފާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވުން،ފޮޓޯ: އެފްއޭއެމް

ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ހޫނު މަރުޙަބާއެއް

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރަސްމީ ދަތުރެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ. ގަތަރު އެއާވޭޒްގެ ޕްރައިވަޓް ޖެޓެއްގައި ސްވިޒަލެންޑުގެ ޒިއުރިކުން ސީދާ ރާއްޖެ ވަޑައިގެންނެވި އިންފަންޓީނޯ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހޫނު މަރުހަބާއެއް ދެންނެވިއެވެ. މަރުހަބާ ދެންނެވުމަށް އެއާޕޯޓުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ޠާރިގް އިބްރާހީމާއި، އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް (ޓޮމް) އާއި ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލު ހިމެނެއެވެ. ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ގައުމުން ބޭރުގައި ހުންނެވުމުގެ ސަބަބުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިނުގެންނެވުނެވެ.

އިންފަންޓީނޯއަށް މަރުހަބާ ކިޔުމުގެ ހަރަކާތްތައް އޮތީ އެއާޕޯޓުގެ ވީއައިޕީ ލޯންޖުގެ ކުރިމަތީގައެވެ. އެފްއޭއެމްގެ އެކްސްކޯ މެމްބަރުންނާއި، ކްލަބްތަކުގެ އިސްވެރިންނާއި، ގައުމީ ޓީމުގެ ކުޅުންތެރިންނާ އެކު އިންފަންޓީނޯ އެތަނަށް ނުކުތުމުން ރާއްޖޭގެ އެކަޑަމީތަކުގެ ކުޅުންތެރިން ވަނީ ދިދަތައް ވިހުރާލައި ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. އެވަގުތު އިންފަންޓީނޯ ވަނީ ގިނަ ކުދިންނަށް އޮޓޯގްރާފް ވެސް ދެއްވާފައެވެ. އަދި އިންފަންޓީނޯގެ ޝަރަފުގައި އެތަނުގައި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކުގެ އައިޓަމްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެއް ދުވަހުގެ މި ދަތުރުގައި އެންމެ މުހިއްމު ކަމަކަށް ހިމެނެނީ، މިއަދު ރައީސް އޮފީހުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އެކު އިންފަންޓީނޯ ބާއްވަވާ ބައްދަލުކުރެއްވުމެވެ. މި މަޝްވަރާގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވޭނެ ގޮތްތަކާމެދު ދެ ބޭފުޅުން ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ ކުރިން ފީފާގެ ރައީސެއް ރާއްޖެއަށް ދަތުރުފުޅު ކުރައްވާފައިވަނީ 2006 ވަނަ އަހަރު ސެޕް ބްލެޓާ ސުނާމީގެ ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އެފަހަރު ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ދެ މިލިއަން ޑޮލަރު ފީފާގެ ފަރާތުން ހަދިޔާކުރެއްވިއެވެ.

ރައީސް ޑރ، މުޢިއްޒުއާ އިންފަންޓީނޯގެ ބައްދަލުކުރެއްވުމަށް ފަހު، މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބާއްވާ ފުޓްބޯޅަ އެގްޒިބިޝަންގައި ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި އެގްޒިބިޝަނުގައި ރައީސްގެ ޓީމަކާއި، އިންފަންޓީނޯގެ ޓީމަކާ ދެމެދު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އިންފަންޓީނޯގެ ޓީމުގައި އޭނާގެ އިތުރުން އިޓަލީގެ ވޯލްޑް ކަޕް ތަރި މާކޯ މަޓެރާޒީ އާއި އެފްއޭއެމްގެ ރައީސް ޓޮމް އަދި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ބައެއް ކުޅުންތެރިން ހިމެނެއެވެ. ރައީސްގެ ޓީމަށް ރައީސް ކުޅުއްވާނެއެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގައި، ކުރިއެރުވުމަށް އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތްތަކަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. މީގެ ކުރިން އެފްއޭއެމް ތެރޭގައި ކޮރަޕްޝަނުގެ މައްސަލަތައް ގިނަވެ، ފުޓްބޯޅަ ހުއްޓިފައި އޮތް ހާލަތަކަށް ފަހު، މިހާރުގެ ރައީސް ޓޮމް އެ މަގާމަށް ވަޑައިގެންނެވީ ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބަކުންނެވެ. މިފަދަ ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅަ އާއިލާއަށް ލިބުނު ބޮޑު ހިތްވަރެއް ރަމްޒުކޮށްދޭ ކަމެކެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް އެފްއޭއެމުން ވަނީ ފުޓްބޯޅައަށް ލޯބިކުރާ ހުރިހާ ފަރާތަކަށް ދައުވަތު ދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު