15 ޑިސެންބަރު 2025
އިސްލާމީ ވަޤުފް ފަންޑު ތަރައްޤީކުރުމާ ގުޅޭ މުހިންމު ނިންމުންތަކުގައި ސޮއި ކުރުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒަކާތު ފަންޑަށް ދާއިމީކޮށް ފައިސާ އިތުރުކުރެވޭނެ ގޮތްތައް 2 އަހަރުތެރޭ ހޯދައިދޭނަން: ޑރ. ޝަހީމް

ޒަކާތު ފަންޑުން އިންވެސްޓްކޮށް، އެ ފަންޑަށް ދާއިމީކޮށް ފައިސާ އިތުރުކުރެވޭނެ ގޮތްތަކެއް، ކުރިއަށް އޮތް 2 އަހަރުގެތެރޭގައި ހޯއްދަވައިދެއްވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަސްދީޤުކުރައްވާފައިވާ ޒަކާތާ ބެހޭ ޤާނޫނުގައި، ބޭނުންވެއްޖެނަމަ، ފަންޑަށް ފައިސާ އިތުރުކުރުމަށް އިންވެސްޓް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއެވެ. ވަޒީރު ޝަހީމް ވިދާޅުވީ، ޒަކާތު ފަންޑުން އިންވެސްޓްކުރަން ޤާނޫނުން ލާޒިމުނުކުރި ނަމަވެސް، ރާއްޖެއަށް ބަލާއިރު ޒަކާތުގެ ބެހެނިވެރިންގެ ޙާޖަތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށެވެ. ޤާނޫނު ބުނާގޮތުން، ފަންޑަން ޖަމާކުރެވޭ ފައިސާ، އިސްލާމީ ޝަރީޢަތާއި ޤާނޫނު ހުއްދަ ކުރާ ގޮތެއްގެމަތިން އިންވެސްޓްކުރެވޭނެއެވެ.

ވަޒީރު ޝަހީމް އިތުރަށް ވިދާޅުވީ، ޒަކާތު ފައިސާއިން އިންވެސްޓް ކުރެވިދާނެކަމަށް ޤާނޫނުގައި ހިމަނާފައިވަނީ، މިކަމާ ގުޅޭގޮތުން ބޮޑެތި ދިރާސާތައްކޮށްފައިވާ ފިޤްޙް އެކަޑަމީތަކާއި ފަތުވާ ކައުންސިލްތަކުގެ ތަޢުޔަށް ރިއާޔަތްކޮށްކަމަށެވެ. އެހެންކަމުން ރާއްޖެއިންވެސް ބުރަވެފައިވަނީ ވަކި ޝަރުތުތަކަކާއެކު އެކަން ކުރެވިދާނެކަމަށް ކަމަށާއި، ނަމަވެސް ޤާނޫނުން އެކަން ލާޒިމު ނުކުރާކަމަށެވެ. ވަޒީރު ވިދާޅުވީ، އިންވެސްޓް ކުރިއަށް ބަލާނީ ބެހެނިވެރިންގެ ޙާޖަތްތަކަށް އެއްވެސް އުނިކަމެއް ނާންނަގޮތަށް އެކަން ކުރުމަށް ކަމަށެވެ.

"ޤަބޫލުކުރަނީ އިންވެސްޓްމަންޓް ޤާއިމުކޮށް، ދާއިމީކޮށް ފައިސާ ވަންނާނެ ގޮތެއް އޮންނަންޖެހޭކަމަށް. ޒަކާތު ފަންޑުން އިންވެސްޓްކޮށް، ކުރިއަށް އޮތް 2 އަހަރުތެރޭ، މި ފަންޑަށް އިތުރު ފައިސާ ވަންނާނެ މަގު ހަމަޖައްސާނަން." ޑރ. ޝަހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޒަކާތު ފަންޑުން އިންވެސްޓްކޮށް، ފަންޑަށް ވަންނަ ފައިސާ އިތުރުކުރުމުގެ ވިސްނުން ސަރުކާރުގެ އެބަހުރިކަމަށާއި އެކަމަށް ކުރިއަށް އޮތް ދެ އަހަރު މަސައްކަތްތައްވެސް ކުރާނެކަމަށެވެ. މިއީ ޒަކާތުގެ މަންފާ ވީހާވެސް ގިނަ ބަޔަކަށް ކުރާނެ ގޮތްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި ވޭތުވެދިޔަ 2 އަހަރަކީ، ރާއްޖެއަށް ޒަކާތުގެ ގޮތުގައި އެންމެ ގިނަ ޢަދަދަކަށް ފައިސާ ޖަމާކޮށްފައިވާ ދެ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ފަންޑަށް ޖަމާކުރިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ޒަކާތު ހައުސްއަކީ ދިވެހިން ފަޚުރުވެރިވާފަދަ މުވައްސަސާއަކަށް ވާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ޒަކާތުގެ ޤާނޫނެއް ވުޖޫދުކޮށްފައިވަނީ، ރާއްޖޭގައި ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، މި ނިޒާމަކީ ދެފުއް ފެންނަ ރައްޔިތުންގެ އިތުބާރު ލިބިފައިވާ ނިޒާމަކަށް ހެދުމަށެވެ. މި ޤާނޫނަށް ޖެނުއަރީ 1އިން ފެށިގެން ޢަމަލުކުރަންޖެހޭނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު