15 ޑިސެންބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ/ ފޮޓޯ: އެމްޑީޕީ

ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް މަންފާވާނެ ގޮތަށް މަސައްކަތެއް ނުކުރާނަން: ޣަފޫރު

ޕާޓީގެ ތެރޭގައި ވަކި ބަޔަކަށް ބުރަވެ، އެ ބަޔަކަށް މަންފާވާނެ ގޮތަށް މަސައްކަތް ނުކުރައްވާނެ ކަމަށާއި، ޕާޓީގެ ކޮންމެ މެންބަރަކަށް ވެސް ލިބެންޖެހޭ ހައްގު ފުރިހަމައަށް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަންކަމާ ހަވާލުވެވަޑައިގެންނެވި އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެއެވެ. ޕާޓީގެ ތެރޭގައި މިހާރު ދިމާވަމުންދާ ބައެއް މައްސަލަތަކުގެ އަސްލަކީ، އެކަކު އަނެކަކީ ރިޔާސީ ކެނޑިޑޭޓެއްކަމަށް ހީކުރެވޭ ހިސާބުން ހިޔާލު ތަފާތުވުން އުފެދުން ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ޣަފޫރު މިފަދައިން ވިދާޅުވީ، ޕާޓީގެ ޗެއާޕާސަންކަމުގެ މަގާމުން ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމަށް ފަހު، ރޭ އޮތް ގައުމީ މަޖިލިސް ބައްދަލުވުމުގައި ޣަފޫރު ވަގުތީ ޗެއާރޕާސަންގެ މަގާމަށް ހަމަޖެއްސުމާ ގުޅިގެން، ޕާޓީގެ އިސް ބައެއް ބޭފުޅުންނާއި އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެމްޑީޕީގެ ތެރޭގައި މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވައި ޣަފޫރު ވިދާޅުވީ، އެމްޑީޕީއަކީ ބައިބައިވާނެ ޕާޓީއެއް ނޫން ކަމަށާއި، ހިޔާލު ތަފާތުވުމާއި ބަހުސް ކުރުމަކީ އެ ޕާޓީގެ ތެރޭގައި އަބަދުވެސް އޮންނަ ކަމެއް ކަމަށެވެ. އެހެންނަމަވެސް، ހުރިހާ ހިޔާލު ތަފާތުވުމެއް އެއްކޮށް، އެންމެން ގުޅިގެން ޕާޓީގެ މަސައްކަތް ކުރެވޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ. އަދި އެ ނޫން ގޮތަކަށް މަސައްކަތް ކުރުމަށް ބޭނުންވާނަމަ، އެއީ ޕާޓީގެ ތެރޭގައި ހުންނަން ބޭނުންވާ ބޭފުޅެއް ނޫންކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ޣަފޫރު ވިދާޅުވީ، އެންމެ މުހިންމީ ޕާޓީގެ މުސްތަގުބަލު އިސްކޮށް، ހުރިހާ މެމްބަރުން ވެސް އެކުވެރިކަމާއި އެކު މަސައްކަތް ކުރުން ކަމަށެވެ. އަދި ރިޔާސީ އިންތިހާބަށް ވާދަކުރައްވާ ބޭފުޅުން ވެސް އެއްބައިވަންތަކަމަށް ވިސްނުމަށް ގޮވާލެއްވިއެވެ.

"އަޅުގަނޑުމެންނަށް ހުރިހާ ހިޔާލުތަފާތުވުމެއް އެކައްޗަކަށް ވެ، އަޅުގަނޑުމެންނަށް އެކަން ހުރިހާ ބޭފުޅުންނަށް މަސައްކަތެއް ކުރެވޭނެ. ނޫން ގޮތަކަށް މަސައްކަތް ކުރަން ބޭނުންވާ ބޭފުޅަކު ވެއްޖިއްޔާ އެއީ ޕާޓީގެ ތެރޭގައި ހުންނަން ބޭނުންވާނެ ބޭފުޅެއް ނޫން އެއީ." ޣަފޫރު ވިދާޅުވިއެވެ.

އެމްޑީޕީގެ މުސްތަގުބަލަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރުމަށް، ލީޑާޝިޕާއި އިސް ބޭފުޅުން ތިބީ ތައްޔާރަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ. އެއްވެސް މެންބަރަކު އެއީ، ވާހަކަ ދައްކައި މަޝްވަރާ ނުކުރެވޭނެ މިންވަރަށް ދުރުގައި ހުރި ބޭފުޅެއް ނޫންކަމަށާއި، ޕާޓީގެ އެތެރޭގެ އުސޫލުތަކުގެ ތެރެއިން ރިޔާސީ އިންތިޚާބަށް ވާދަކުރައްވާ ބޭފުޅުންނާއި އެހެން ބޭފުޅުން ވެސް މަސައްކަތް ކުރަން ޖެހޭނެ ކަމަށް ޣަފޫރު އިތުރަށް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު