އިންޑޮނޭޝިއާގެ ޖަކާޓާގައި ހުންނަ ހަތްބުރީގެ އިމާރާތެއްގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި މަދުވެގެން 22 މީހުން މަރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ހާދިސާ ހިނގާފައިވަނީ މެންދުރުގެ ވަގުތެއްގައި ކަމަށް ވެއެވެ.
މި އަލިފާންގަނޑު ފެތުރިފައިވަނީ އިމާރާތުގެ ފުރަތަމަ ބުރިން ކަމަށާއި، އެއަށްފަހު ވަރަށް އަވަހަށް މައްޗަށް ފެތުރިފައިވާ ކަމަށް އެ ސަރަހައްދުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ. އަލިފާން ރޯވި އިމާރާތަކީ ޑްރޯން ކުންފުންޏެއްގެ އޮފީސް ހިންގާ އިމާރާތެކެވެ.
މި ހާދިސާ ހިނގި އިމާރާތުގައި ގިނަ އަދަދެއްގެ މުވައްޒަފުން މެންދުރު ކުރިން ތިބި ކަމަށާއި، ނަމަވެސް މި ޙާދިސާ ހިނގީ ގިނަ އަދަދެއްގެ މުވައްޒަފުން މެންދުރުގެ ކެއުމަށް އެ އިމާރާތުން ނުކުމެފައިވާ ވަގުތެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ މަރުވި މީހުންގެ އަދަދު މަދުވުމަށް އެހީވި ކަމެއް ކަމަށް ބެލެވެއެވެ.
މިހާރު އަލިފާންގަނޑު ވަނީ މުޅިން ނިއްވާލާފައެވެ. ނަމަވެސް، އިތުރު މީހުންނަށް ގެއްލުންވެފައިވޭތޯ ބެލުމަށްޓަކައި ސަލާމަތީ ފަރާތްތަކުން ދަނީ އިމާރާތުގެ ތެރެ ބެލުމުގެ މަސައްކަތް ކުރަމުންނެވެ. އަލިފާން ރޯވި ސަބަބު އަދި ހާމަކޮށްފައެއް ނުވެއެވެ.



