26 އޮކްޓޫބަރު 2025

ކުރު ވާހަކަ: ކަޅު ހިޔަންޏެއް؛ ދެން ގަދަ އަލިކަމެއް

އެއީ 1991 ވަނަ އަހަރެވެ. ލީޒާ ދުވަސްކޮޅަކަށް ދިރިއުޅެމުން ދިޔައީ ރަށުގެ އެކަހެރި ހިސާބެއްގައި ހަދާފައިވާ ވަރަށް އާދައިގެ ގެއެއްގައެވެ. އޭނާގެ ފިރިމީހާ ގިނަ ވަގުތު އުޅެނީ ގެއިން ބޭރުގައެވެ. ވަޒީފާގެ ގޮތުން މާ ގިނަ ވަގުތަކު އޭނާއަށް ގެއަކު ނުހުރެވެއެވެ. ގިނަ ރޭރޭ ނިދަންވެސް ނާންނާނެއެވެ. އެހެންވެ، ލީޒާގެ 8 މަހުގެ ކުޑަދަރިފުޅާއި 3 އަހަރުގެ ދަރިފުޅާއެކު ގިނަ ވަގުތު އުޅެމުންދަނީ އެކަންޏެވެ. އެގޭގައި ދިރިއުޅެމުންދިޔައީ މާ ގިނަ ދުވަހަކަށް ނޫނެވެ. ކުއްޔަށް ހިފީ ދެތިން މަހަށެވެ. އެގޭގެ ޙާލަތު އެހާ ރަނގަޅެއް ނޫނެވެ. އެ ތަން ހުރީ ވަރަށް ބޮޑަށް ބާވެ ވީރާނާވެފައެވެ. ބައެއް މަރާމާތުތައް ކޮށްލައިގެން އެ ގޭގައި އުޅެމުން ދިޔައީއެވެ. އެގޭގައި ތިން ކޮޓަރި ހުރި އިރު އެއް ކޮޓަރީގައި މުސްކުޅި އަންހެނަކު އުޅެމުން ދިޔައެވެ. އަނެއް ކޮޓަރީގަައި މުސްކުޅި ދެމަފިރިޔަކު ދިރިއުޅެމުން ދިޔައެވެ.

ލީޒާ އުޅެމުންދިޔަ ކޮޓަރީގައި ބަހައްޓާފައި ހުރީ އެންމެ އެނދެކެވެ. ކޮޓަރީގެ ޖާގަ ކުޑައެވެ. ތަނަވަސްކަމެއް ނެތެވެ. ކޮޓަރިއާ ޖެހިގެން ކުޑަ ވަރެއްގެ ކައްކާ ތަންކޮޅެއް ހުރެއެވެ.

ލީޒާއަށް ފުރަތަމަ އިވެން ފެށީ ތަށިތައް ތަޅުވާ އަޑެވެ. ނަމަވެސް މީހެއް އުޅޭ ކަމުގެ ލިސާނެއްވެސް ނެތެވެ. އެއީ ޙަޤީޤަތުގައިވެސް އެތަނުން އިވޭ އަޑެއް ކަމަށް ޤަބޫލު ކުރާކަށް ލީޒާ ބޭނުމެއް ނުވިއެވެ. އެތަނުގައި އުޅެން ގަންނަ ބިރެއްގެ ސަބަބުން، އަޑެއް އިވޭ ކަމުގެ އިޙްސާސެއް ކުރެވެނީ ކަމަށް އޭނާ ދެކުނެވެ.

ހަފުތާ ބަންދެއްގައި ހިތްހަމަޖައްސާލުމަށްޓަކައި ރައްޓެހިންނާއެކު ލީޒާ ދުރު ސަހަރަކަށް ދިޔައެވެ. އަދި އެ މަޖާ ދަތުރަށް ފަހު އޭނާގެ ދެ ކުދިންނާއެކު ގެއަށް އެނބުރި އައީ އާދިއްތަ ދުވަހުއެވެ. އޭނާގެ ދެ ދަރިން ތިބީ ވަރަށް ވަރުބަލިވެ، ނިދިއައިސްފައެވެ. އެހެންވެ، އެ ދެކުދިން ނިންދެވުމަށްޓަކައި ލީޒާ އަވަސްވެ ގަތެވެ. ހޫނު ގަދަ ދުވަސްވަރެއް ކަމަށް ވުމުން ދެކުދިން ނިންދަވަން އެހާ ފަސޭހައެއް ނުވިއެވެ. ގައި ކަހަނީއެވެ. ގައި ހިރުވާތީ އުޅެނީއެވެ. ނުނިދިގެން ރޮނީއެވެ. ދެކުދިން މައްސަލާކޮށް ނިންދެވޭތޯ އުޅުމުގެ ތެރޭގައި ކޮޓަރިތެރެއަށް ވަރުގަދަ އައްޔެއް އެޅިއްޖެއެވެ. ކުއްލިއަކަށް ނުބައި ވަހެއް ދުވަން ވެސް ފެށިއެވެ. ދުވަނީ ފުޅަ ކުނި ވަހެވެ. ނޭވައި ހާސްވާން ފެށިއެވެ.

ލީޒާގެ ފިރިމީހާވެސް ވަރަށް އަވަހަށް އެރޭ ގެއަށް އަތުވެއްޖެއެވެ. ކުއްލިއަކަށް ގޭ ތެރެއިން ފެނުނީ ކަޅު ހިޔަންޏެކެވެ. ބަދިގެ ކުޑަދޮރަށް އެޅިފައި ހުރީ ކަޅު ބޮޑު މީހެއްގެ ހިޔަންޏެވެ. އެކަމަކު މަގުމަތީން ފެންނަންހުރީ ދުވަހަކުވެސް ނުފެންނަ ވަރުގެ ގަދަ އައްޔެކެވެ. 

ލީޒާ ބިރުން ތެޅި ފޮޅެނީއެވެ، ދުވަހަކުވެސް ނުފެންނަވަރުގެ ކަޅު ބޮޑު މީހެއްގެ ހިޔަންޏެއް ފެނުމުން، އޭނާގެ ހިތުގެ ހިނގުން އަވަސް ވިއެވެ. އޭނާގެ ފިރިމީހާވެސް ހުރީ ފިނިވެފައެވެ. ހާސްވެ ކަންބޮޑުވެ ބަސް ހުއްޓިފައެވެ.

ކުއްލިއަކަށް ލީޒާގެ ފިރިމީހާ ހަޅޭއްލަވައިގަތެވެ. އޭނާގެ ފިރިމީހާގެ ހަޅޭކު އަޑަށް އެ ކަޅު ހިޔަނި ގެއްލިއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި ދުވަމުން ދިޔަ ނުބައި ވަސްގަނޑު ކެނޑިއްޖެއެވެ. އަދި ކޮޓަރިތެރޭގައި ހުރި ހޫނު ކަންވެސް ކުއްލިއަކަށް ކެނޑިއްޖެއެވެ. ލީޒާއާ ދެމީހުން އެކަކު އަނެކެއްގެ ލޮލަށް ބަލައިލިއެވެ. ދިމާވި އާދަޔާ ޚިލާފު ބިރުވެރި ކަންތަކުގެ ތަސްވީރު އެދެމީހުންގެ ލޮލުން އަންގައިދެއެވެ.

އެއީ އަނދިރި ކަމުގެ ތެރޭގައި ހޭދަކުރި ބިރުވެރި ރެއެކެވެ. ޖެހިގެން އައި ދުވަހު، ޖެހިގެން ހުރި ކޮޓަރީގައި އުޅެމުންދިޔަ މުސްކުޅި ދެމަފިރިންނާ ލީޒާ ބައްދަލުކުރިއެވެ. އެރޭ އާދަޔާ ޚިލާފު އެއްވެސް ކަމެއް ކުރިމަތިވިތޯ ލީޒާ ސުވާލުކުރިއެވެ. އެ ދެމަފިރިންނަށް އެއްވެސް ކަމެއް ތަޖުރިބާ ކުރެވުނު ކަމަކަށް ނުވިއެވެ. އަދި އެރޭ އެ ވަރުގަދަ އަލި ވަތް ކުޑަދޮރު ހުރީ އެ ދެމަފިރިން އުޅޭ ކޮޓަރިއާ ދިމާއަށް ކަމަށްވާތީ އެ ކުޑަދޮރު ޖަހާފައި ބެހެއްޓުމަށް ލީޒާ އެދުނެވެ. އަދި އެކަން ކުރާނެ ކަމަށް އެދެމަފިރިން އެއްބަސްވިއެވެ. އެތަނުގައި އުޅޭ އަނެއް އަންހެން މީހާ ލީޒާއާ މާބޮޑު ގުޅުމެއް ނުބާއްވާތީ މިވާހަކަ ޙިއްސާކުރަން ލީޒާ ޖެހިލުންވިއެވެ.

އަނެއްކާ އަނެއް ރޭވެސް ކޮޓަރި ތެރޭގެ ހޫނުކަން އިންތިހާއަށް ގަދަވިއެވެ. ކާގޭގައި ހުރި ތަށިސަމުސާ ތަޅުވާ އަޑު ކިޔަން ފަށައިފިއެވެ. މީހަކު އުޅޭތޯ ބަލައިލިއެވެ. މީހެއްގެ ލިސާނެއްވެސް ނެތެވެ. އެރޭ ފިރިމީހާވެސް ގެއަކު ނޫޅެއެވެ. ލީޒާއަށް އެރޭ ވެސް އެންމެ ނިދިފިޔައެއްވެސް ނުޖެހުނެވެ. މޭގަނޑު އަނގަޔަށް އަންނަ ވަރު ވިއެވެ. އެއީ އޭނާގެ ޙަޔާތުގައި ކުރިމަތިވި އެންމެ ބިރުވެރި ނާމަން ރެއެވެ.

އިރު އެރުމާއެކު އެތަނުން ނިކުންނާނެ ކަމަށް ގޭގެ ވެރި ފަރާތަށް ލީޒާ އެންގިއެވެ. އެންމެ ހިނދުކޮޅަކަށްވެސް އެތަނުގައި އުޅެން ލީޒާ ބޭނުމެއް ނުވިއެވެ. އެ ބިރުވެރިކަމުގައި އުޅެވޭނެ ހިތްވަރެއް ލީޒާގެ ކިބަޔަކު ނެތެވެ. އޭނާގެ ދެ ދަރިންނާއެކު ނުތަނަވަސްކަމެއްގައި އުޅޭނީ ކިހިނަކުން ހެއްޔެވެ؟

އެއީ އާދަޔާ ޚިލާފު ބިރުވެރި ކަމެކެވެ. އެއީ އޭނާގެ ޙަޔާތުގައި ދުވަހަކުވެސް ކުރިމަތި ވެފައި ނުވާފަދަ ނާމާން ބިރުވެރި ޙާދިސާއެކެވެ.

އެއީ އިންސާނެއްގެ ހިޔަންޏެއް ނޫނެވެ. އެ އަލިކަމަކީ އިންސާނަކަށް ގެނެވޭނެ އަލިކަމެއް ނޫނެވެ. އެ ހޫނަކީ ހިނދުކޮޅެއްގެ ތެރޭގައި މީހަކު ހަލާކުވެދާފަދަ ގަދަ ހޫނެކެވެ. އެ ހިންޏަކީ އިންސާނަކަށް ވުރެެ މާ ބޮޑު ހިޔަންޏެކެވެ. މިކަންކަމަށް ބަލާއިރު، ލީޒާއަށް ޤަބޫލުކުރެވުނީ އެއީ އިންސާނެއްގެ ފުށުން ކުރިމަތިވި ކަމެއް ނޫން ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު