26 އޮކްޓޫބަރު 2025

"އިބުނު ބަޠޫޠާ އެނބުރި ކިނޮޅަހަށް"

މިއަހަރުގެ ޢަޟްޙާ ފާހަގަކުރުމަށް ކިނޮޅަހުގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައިވެއެވެ. މި އިންތިޒާމުތަކުގެ ތެރޭގައި، މަޝްހޫރު ދަތުރުވެރިޔާ އިބްނު ބަޠޫޠާގެ ވާހަކައަށް ބިނާކޮށް އެކުލަވާލެވިފައިވާ ޚިޔާލީ ވާހަކައެއް މައިގަނޑު ތީމެއްގެ ގޮތުގައި ބޭނުންކޮށްގެން "އިބްނު ބަޠޫޠާ އެނބުރި ކިނޮޅަހަށް" މި ނަމުގައި ޢީދު ކުޅިވަރުތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިނޮޅަހުގެ ޢީދު ކުޅިވަރުތައް އިންތިޒާމުކުރާ ފަރާތަކުން ދެއްވި މަޢުލޫމާތުގައިވާ ގޮތުން، މިއަހަރުގެ ޢަޟްހާއީދުގެ އެންމެހައި ކުޅިވަރުތަކާއި ޙަރަކާތްތައް ގުޅުވާލެވިފައިވަނީ އިބްނު ބަޠޫޠާ ކިނޮޅަހަށް ކުރި ދަތުރުގެ ވާހަކައާއެވެ. މި ގޮތުން، މިފަހަރުގެ ޢީދުގައިވެސް ގިނަގުނަ ކުޅިވަރުތަކަކާއި ޙަރަކާތްތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

އިބުނު ބަތޫތާ އާ ގުޅުވައިގެން ކިނޮޅަހުގައި ޢީދު ފާހަގަ ކުރަން ނިންމީ އިބުނު ބަތޫތާ ރާއްޖެއަށް ޒިޔާރަތް ކުރި ދެ ފަހަރުވެސް އެންމެ ފުރަތަމަ އައިސްފައިވަނީ ކިނޮޅަހަށް ކަމަށް ތާރީޚު ދިރާސާ ކުރާ މީހުން ބުނާކަމަށް ކިނޮޅަހުގައި ޢީދު ފާހަގަ ކުރުމުގައި އިސްކޮށް އުޅޭ ފަރާތަކުން މަޢުލޫމާތު ދިނެވެ.

ކިނޮޅަހުގައި ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތާވަލު މިހާރު ވަނީ ޢާންމުކޮށްފައެވެ. މި ތާވަލުގައިވާ ގޮތުން، އެންމެ ފުރަތަމަ ޙަރަކާތަކީ ޢީދު ވިލޭރޭ އޮންނަ ޢީދު ކުޅިވަރުތައް އިޢުލާންކުރުމާއެކު ހަތްބަޑި ޖެހުމެވެ. މީގެ އިތުރުން، ޢީދު ވިލޭރޭ އިބްނު ބަޠޫޠާ ކިނޮޅަހަށް ޒިޔާރަތްކުރުމާއި، އޭނާއަށް ކިނޮޅަހު ރައްޔިތުން މަރުޙަބާ ކިޔުމެވެ.

ކިނޮޅަހު ޢީދު ތާވަލުގައި، ފުރަތަމަ ދުވަހު ބޮޑު ޖަމާޢަތުގައި ކުޑަބޮޑު އެންމެން ޢީދު ނަމާދު އަދާކުރުމާއި، ނަމާދަށްފަހު ޢީދު ސައި ބުއިން ހިމެނިފައިވެއެވެ. އަދި ހަމަ އެދުވަހު މެންދުރު ބޮޑު ޖާފަތެއް ބޭއްވުމަށްވެސް ހަމަޖެހިފައިވެއެވެ. މި ޖާފަތަކީ ކިނޮޅަހުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކަށް ބައިވެރިވެވޭނެ ޖާފަތެއްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ރޭގަނޑުގެ ޙަރަކާތްތަކުގެ ތެރޭގައި، ސްކޫލު ދަރިވަރުން ހުށަހަޅާ ޑްރާމާއާއި އަދި ބޮޑެތި މީހުންގެ ސްޓޭޖު ޙަރަކާތްތައް ހިމެނެއެވެ. އަދި ޢީދުގެ އެންމެ ފަހު ދުވަހު، ވަރަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގައި ފިރިހެނުންގެ ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކިނޮޅަހުގެ ޢީދު ފާހަގަކުރުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ޙަރަކާތަކީ ޢީދު ފަހު ދުވަހު ބޭއްވޭ ފިރިހެނުންގެ ކެއްކުމެވެ. މީގެ އިތުރުން، އެރޭ ރައްޔިތުންނަށް ޚާއްޞަ ފަރިއްކޮޅެއްވެސް އިންތިޒާމު ކުރެވިފައިވެއެވެ.

އަންހެނުންނަށް ވެސް ޚާއްޞަކޮށްގެން ޢީދު ކުޅިވަރުތައް ރޭވިފައިވާކަން ފާހަގަކޮށްލެވެއެވެ. މި ކުޅިވަރުތައް ޢީދުގެ ހަތަރު ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭނެއެވެ.
ކިނޮޅަހުގައި ޢީދަށް ތައްޔާރުވުމުގެ ގޮތުން އެންމެ ދުރާލާ ކުރެވޭ ކަމަކީ ޢީދު ހަދިޔާ ތައްޔާރުކުރުމެވެ. މިއީ ރަށުގެ ޘަޤާފީ އާދަކާދައިގެ މުހިންމު ބައެކެވެ.

2011 ވަނަ އަހަރުން ފެށިގެން، ކިނޮޅަހުގައި ޢީދު ކުޅިވަރުތައް ކުރިޔަށް ގެންދަނީ އަންހެނުންނާއި ފިރިހެނުން ވަކިންނެވެ. އަދި މިއުޒިކާއި ބޮޑުބެރު ބޭނުން ނުކޮށް، އިސްލާމްދީނުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢީދު ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގައި ދީނީ އިމުގެ ތެރެއިން ޢީދު ފާހަގަކުރުމުގައި ފާހަގަކޮށްލެވޭ ރަށްތަކުގެ ތެރޭގައި ކިނޮޅަސް ހިމެނޭކަން ޚާއްޞަ ގޮތެއްގައި ފާހަގަކުރެވެއެވެ.

ކިނޮޅަހު ޢީދު ކުޅިވަރުތައް އިންތިޒާމްކުރަނީ އެރަށު ކައުންސިލުން އިސްނަގައިގެން ރަށުގެ މުއައްސަސާތަކާ ޖަމިއްޔާތަކާ ގުޅިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު