ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް މާދަމާ އިން ފެށިގެން އައު ޓަރމިނަލްއަށް ބަދަލުކުރުމަށް ނިންމައިފިއެވެ. މި އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 9 ވަނަ ދުވަހުގައެވެ.
އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އެއަރޕޯޓު ރަސްމީކޮށް ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން، މިހާރު ބޭނުންކުރަމުން އަންނަ ބައު ޓަރމިނަލްގެ އޮޕަރޭޝަންތައް ބުދަ ދުވަހުން ފެށިގެން އައު ޓަރމިނަލްގެ ތިރީ ފަންގިފިލާއަށް ބަދަލުކުރެވޭނެއެވެ. މި ބަދަލަކީ ސިވިލް އެވިއޭޝަން އޮތޯރިޓީގެ މިންގަނޑުތަކާ އެއްގޮތަށް، ކޯޑް ސީގެ މަތިންދާބޯޓުތައް ޖެއްސުމަށްޓަކައި ގެންނަންޖެހޭ ބަދަލެކެވެ.
އުތުރުގެ ފަތުރުވެރިކަމާއި ތަރައްޤީއާ ގުޅިފައިވާ މި އެއަރޕޯޓު ހިންގުން ވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ. އައު ޓަރމިނަލްގެ ޚިދުމަތް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކުރުމާއި ބައިނަލްއަޤުވާމީ އަދި ސިވިލް އެވިއޭޝަންގެ މިންގަނޑުތަކަށް އެއަރޕޯޓުގެ އޮޕަރޭޝަންސްތައް ފެއްތުމުގެ މަސައްކަތް މިހާރުދަނީ ކުރިއަށެވެ.
ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ 2465 މީޓަރުގެ ދިގު، ކޯޑް ސީގެ އެންމެ ބޮޑެތި މަތިންދާބޯޓުތައް ކަމުގައިވާ ބޮއިން 737 އާއި އެއަރބަސް A320 ޖެއްސޭ ފެންވަރުގެ ރަންވޭއެއް ތަރައްޤީކޮށްފައެވެ. މި އެއަރޕޯޓަކީ އަހަރަކު 1.3 މިލިއަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭ ފެންވަރުގެ އެއަރޕޯޓެކެވެ.
އިންޑިއާގެ ޖޭއެމްސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ އަގަކީ 136.6 މިލިއަން ޑޮލަރެވެ. މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.