14 އޮކްޓޫބަރު 2025
ރައީސް މުޢިއްޒު ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

ބިން ހިއްކުމުގެ މަޝްރޫޢުތައް އަވަސްކުރުމަށް ބިޔަ ޑްރެޖަރުތަކެއް ރާއްޖެ ގެންނަނީ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަވަސްކުރުމަށްޓަކައި ބިޔަ ޑްރެޖަރުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިގޮތުން ގެންނަ ފުރަތަމަ ޑްރެޖަރު މި މަހުގެ ފަހުކޮޅު ރާއްޖެ އަންނާނެ ކަމަށް ށ. ކޮމަންޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.

އެމްއޭސީއެލްގެ ދަށުން ޖުމްލަ 3 ޑްރެޖަރު ގެނައުމަށް ބޭރުގެ 2 ކުންފުންޏަކާއެކު އެއްބަސްވުން ވެފައިވާއިރު، ފުރަތަމަ ގެންނަ 11،000 ޓަނުގެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ތ. ވިލުފުށީގެ ބިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އަންނަ މަހުގެ މެދުތެރޭގައި 45،000 ޓަނުގެ ހޮޕަރ ޑްރެޖަރެއް ގެނެސް، އެ ޑްރެޖަރުން އެންމެ ފުރަތަމަ ހިއްކާނީ ރަސްމާލޭގެ ބިން ކަމަށާއި، ތިންވަނަ ޑްރެޖަރު މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ގެނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"މި ޑްރެޖަރުން ފުރަތަމަ ހިއްކާނީ ހއ. ދިއްދޫ އެއަރޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް. ދެ ހަފްތާ ނުވަތަ ގިނަވެގެން 3 ހަފްތާ ތެރޭގައި އެ މަސައްކަތް ނިމޭނެ. ނިމޭގޮތަށް ށ. އަތޮޅަށް އަންނާނީ. ފަހަރަކު ރަށެއްގައި މިހާރު ހިއްކަން ހުރި ބިން ހިއްކުމުގެ މަސައްކަތްކުރާނެ. ދެން ދާނީ މާލެ އަތޮޅުގައި ހަވާލުކޮށްފައި ހުރި މަސައްކަތްކުރަން،" ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން

މީގެއިތުރުން، ހުޅުމާލޭ ފޭސް 3 އާއި ގިރާވަރުފަޅާއި އުތުރުތިލަފަޅު ހިއްކުމަށް އިތުރު ޑްރެޖަރުތަކެއް ގެނައުމަށް އެހެން ކުންފުންޏަކާއެކުވެސް އެއްބަސްވުމެއް އެކުލަވާލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށްރަށުގައި ތަރައްޤީގެ މަސައްކަތް ކުރަމުންދަނީ ވަރަށް ބޮޑަށް ރޭވިގެން، ގިނަ އިދާރީ މަސައްކަތްތަކެއް ކުރެވިގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި އެއަރޕޯޓު ތަރައްޤީކުރުމަށާއި، ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ސިނާޢީ މަސައްކަތް ކުރުމަށް ބޭނުންވާ ބިން ނެތުމަކީ ރަށްރަށުގެ ކައުންސިލްތަކާއި ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އުއްމީދީ މަޝްރޫޢު "ރަސްމާލެ" ހިއްކުމުގެ މަސައްކަތްވެސް ސަރުކާރުންވަނީ މިހާރު ފައްޓަވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު