އުރީދޫ ފިންޓެކްއާއި ޕޭޕަލް ގުޅިގެން ރާއްޖެއަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ޚިދުމަތް ތަޢާރަފުކުރުމުގެ މަސައްކަތް ފެށުމާއެކު ސަރުކާރުން ވަނީ މަރުޙަބާ ކިޔާފައެވެ.
ދިވެހި ރައްޔިތުންނަށް ޒަމާނީ އޮންލައިން ޕޭމަންޓް ސިސްޓަމްތަކާއި އިލެކްޓްރޯނިކް ވޮލެޓްތައް (އީ-ވޮލެޓް) މެދުވެރިކޮށް މާލީ މުޢާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެ މަގު ތަނަވަސްކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެކެވެ. އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭނުގެ ދުވަސްވަރު ރާއްޖެއަށް ޕޭޕަލް ތަޢާރަފުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
އުރީދޫ މޯލްޑިވްސްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި މި ޚިދުމަތް އަންނަ އަހަރުގެ ތެރޭގައި އުރީދޫ އެމްފައިސާ މެދުވެރިކޮށް ލިބިގެންދާނެއެވެ. މި ޚިދުމަތާއެކު ރާއްޖެއިން ބޭރުގައި ގަނެވިއްކުމުގެ ފުރުޞަތު ދިވެހީންނަށް ލިބި، ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދު ކުރިއެރުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމަށް އެ ކުންފުނިން ފާހަގަކުރައްވައެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވަނީ މިއީ ސަރުކާރުގެ ޑިޖިޓަލް އިޤްތިޞާދުގެ މުހިންމު އަމާޒަކަށް ވާޞިލުވުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. "މީގެ ސަބަބުން ދިވެހި ވިޔަފާރިތަކަށާއި ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ތައްޔާރުކުރާ ފަރާތްތަކަށް ދުނިޔޭގެ ޑިޖިޓަލް އިޤްތިޞާދުގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ފަހިވެގެންދާނެ" ކަމަށް އެ ވުޒާރާއިން ވިދާޅުވެފައިވެއެވެ.
Ooredoo Fintech and PayPal have announced their intent to collaborate in Maldives and are actively working on finalizing details of the partnership.
The intended partnership is expected to benefit both consumers and businesses in the Maldives. Expected to go live in 2026,… pic.twitter.com/cI3lFTEJv9
— Ooredoo Maldives (@OoredooMaldives) October 14, 2025
އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ޕޭޕަލް ފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފްކުރުމުގައި ގިނަ ހުރަސްތަކެއް ރާއްޖޭގެ ނިޒާމުގެ ތެރޭގައި ހުރިއިރު، އެކަންކަމަށް ހައްލުގެނެއުމަށް ވަރަށް ގިނަ މަސައްކަތްކުރެވިފައިވާކަމަށެވެ. އެހެންކަމުން ޕޭޕަލްގެ ޚިދުމަތް ރާއްޖޭގައި ފެށިގެން ދިޔުމާއެކު ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާކުރުމަށާއި، އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދޭނެ ފަދަ މާލީ މާޙައުލެއް ޤާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް މިއީ ލިބިގެންދިޔަ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރައްވައެވެ.