19 އޮކްޓޫބަރު 2025
ލެކްޝަންސް ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު

އައްޑޫ ކައުންސިލް ވޯޓުގެ އެންމެހާ އިދާރީ ތައްޔާރީތައް ނިމިފައިވާކަމަށް އީސީގެ ރައީސް ވިދާޅުވެއްޖެ

އައްޑޫ މީދުއާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ މެދު ފެންނަ ނުފެންނަ ގޮތް ބަލާ ނަގާ ވޯޓަށް ވާން ޖެހޭ އިދާރީ ތައްޔާރީތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ރޭ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވި ގޮތުގައި، އަންނަ ހޮނިހިރު ދުވަހު ބާއްވާ ހިޔާލުހޯދުމުގެ ވޯޓަށް އެކުލަވައިލި ވޯޓާސް ލިސްޓްގެ ޑްރާފްޓް އާއްމުކޮށް، ޝަކުވާއަށް ހުޅުވާލާފައިވެއެވެ. އަދި އޮބްޒާވަރުންނާއި މޮނިޓަރުން ރަޖިސްޓްރީކުރުމުގެ މަސައްކަތް ވެސް ވަނީ ނިމިފައެވެ.

"ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ގާތްގަނޑަކަށް މިހާރު އެހެރީ ނިމިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލައި، އިދާރީ ގޮތުން އެހެން ހުރި ހުރިހާ ކަމެއް ނިމި، އަނެއް ހެން ބުނަންޏާ އިދާރީ ގޮތުން އަޅުގަނޑުމެން ކުރަން ހުރި ހުރިހާ ތައްޔާރީތައް ވެ ނިމިފައި މިތިބީ،" ޒާހިދު ވިދާޅުވިއެވެ.

މި ރިފަރެންޑަމްގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ ފޭދޫން 4،355 މީހުންނަށާއި، ހުޅުދޫން 2،874 މީހުންނަށާއި، މީދޫން 2،347 މީހުންނަށެވެ. އަދި ރީރަޖިސްޓްރީ ކުރުމުގެ މުއްދަތު ހަމަވިއިރު 255 މީހުން ރީރަޖިސްޓްރީ ވުމަށް ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން 248 މީހުންގެ ރީރަޖިސްޓްރޭޝަން ވަނީ ނިމިފައެވެ.

ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ ހުޅުދޫގައި ތިން ވޯޓު ފޮށްޓާއި، މީދޫގައި ތިން ފޮށި އަދި ފޭދޫގައި ފަސް ވޯޓު ފޮށި ބެހެއްޓުމަށެވެ. އަދި މި ރަށްރަށުގެ މީހުން ވޯޓުލުމަށް މާލޭގައި ވެސް ހަތް ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު