19 އޮކްޓޫބަރު 2025
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ، ފޮޓޯ: ޕީއެސްއެމް

ދަނޑުވެރިންނަށް މަޢުލޫމާތު ފޯރުކޮށްދޭ "ދަނޑުވެރިޔާ" އެޕް މިއަހަރު ތަޢާރަފުކުރަނީ

ދަނޑުވެރިކަމާ ގުޅޭ މުހިންމު މަޢުލޫމާތު ފޯރުކޮށްދިނުމަށް "ދަނޑުވެރިޔާ" އެޕް މިއަހަރު ބޭނުންކުރަން ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ. މިކަން ވަޒީރު ހާމަކުރެއްވީ ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ފެހި ދިރުން އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.

ވަޒީރު ޑރ. މާރިޔާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި 7000 އަށްވުރެ ގިނަ ދަނޑުވެރިން މަސައްކަތްކުރަމުން އަންނައިރު، މި ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން 50 އިންސައްތައަށްވުރެ ގިނައީ އަންހެނުންނެވެ. މިއީ އަންހެނުންގެ އިޤްތިޞާދީ ބާރުވެރިކަން އިތުރުކުރުމަށް މަގުފަހިވެގެންދާ ކަމެއްކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"ދަނޑުވެރިޔާ މޯބައިލް އެޕްލިކޭޝަންގެ ބީޓާ ވަރޝަންގެ ޓެސްޓިން މަރުހަލާ މިހާރު ދަނީ ކުރަމުން. މި މަރުހަލާ ނިމުމާއެކު، މި އަހަރުގެ ތެރޭގައި ދަނޑުވެރިޔާ އެޕްލިކޭޝަން ރާއްޖޭގެ އެންމެހައި ދަނޑުވެރިންނަށް ބޭނުންކުރެވޭގޮތަށް ޢާންމުކޮށް ހުޅުވާލެވިގެން ދާނެ،" ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސް ސެޓިފިކޭޝަން ނިޒާމަކީ ދަނޑުވެރިކަމުގެ އުފެއްދުންތަކުގެ ރައްކާތެރިކަމާއި، ފެންވަރު އަދި ދެމެހެއްޓެނިވި ގޮތެއްގައި އުފެއްދުން ކަށަވަރުކޮށްދޭ ޤައުމީ މިންގަނޑެކެވެ. މި ނިޒާމުގެ ސަބަބުން ދިވެހި ދަނޑުވެރިކަމުގެ ސިނާޢަތަށް އިތުބާރު އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ކޮންމެ ރަށަކުންވެސް ދަނޑުވެރިކަމަށް ޚާއްޞަ ބިންތައް ކަނޑައަޅައި، އަމިއްލައަށް ފުދޭވަރަށް ކާބޯތަކެތި އުފެއްދުމަށް މަސައްކަތްކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު