އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕެރިޓޯނިއަލް ޑަޔަލިސިސް ހެދުމަށް ބޭނުންކުރާ ކެތީޓަރު ނުވަތަ ހޮޅި ލެއްވައިގެން ހަދާ ޑަޔަލިސިސްގެ ޚިދުމަތް ފަށައިފިއެވެ. މިއީ ރާއްޖޭގެ ސިއްޙީ ދާއިރާއަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެއްކަމަށް އެ ހޮސްޕިޓަލުން ފާހަގަކޮށްފައިވެއެވެ.
އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި އޮކްޓޫބަރު މަހުގެ ކުރީކޮޅު، ފުރަތަމަ ޓެންކޮފް ޕެރިޓޯނިއަލް ޑަޔަލިސިސް ކެތީޓަރު ލެއްވުމުގެ ކާމިޔާބު އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ސަރޖަރީ، ޔޫރޮލޮޖީ، އެނެސްތީސިއާ އަދި ނެފްރޮލޮޖީގެ ދާއިރާތަކުން ތަމްރީނު ލިބިފައިވާ ޚާއްޞަ ދިވެހި ޑޮކްޓަރުންގެ ޓީމަކުންނެވެ.
ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. މި ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރައްވަމުންނެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ.
ޕެރިޓޯނިޔަލް ޑަޔަލިސިސްއަކީ ޑިވައިސެއްގެ އެހީގައި އަމިއްލައަށް ހެދޭ ޑަޔަލިސިސްއެކެވެ. މި ފަރުވާއަކީ ބަލި މީހުން ޑަޔަލިސިސް ހެދުމަށް ހޮސްޕިޓަލުގައި އެތައް ވަގުތެއް ހޭދަކުރުމުގެ ބަދަލުގައި ގޭގައި ކުޑައިރުކޮޅެއްގެ ތެރޭގައި ކުރެވޭ ފަރުވާއެކެވެ.
"މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެކެވެ،" އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.
އައި.ޖީ.އެމް.އެޗްގައި ޕެރިޓޯނިއަލް ޑަޔަލިސިސްގެ ޚިދުމަތް ފޯރުކޮށްދޭތާ 18 މަސްދުވަސް ފުރިހަމަވެއްޖެ. މި ޚިދުމަތަކީ ބަލިމީހާއަށް އަމިއްލަ ރަށުގައި،އަމިއްލަ ގޭގައި، އެއްވެސް ވޭނަކާ ނުލައި، އަދި މެޝިނެއް ބޭނުންނުކޮށް ރައްކާތެރިކަމާއެކު ކުރެވޭ ފަރުވާއެއް. މީގެ އިތުރުން، ފުރަތަމަ… pic.twitter.com/XxYkbVxO6X
— Haleem (@22halex) October 18, 2025
އައިޖީއެމްއެޗްއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މިހާރު މި ޚިދުމަތާ ގުޅުންހުރި އިތުރު ތަމްރީނު ޕްރޮގްރާމްތައް އެ ހޮސްޕިޓަލުގައި ކުރިއަށްދެއެވެ. އަދި މިއީ ސިއްޙީ ދާއިރާއިން ރާއްޖެއަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި އައިޖީއެމްއެޗްއިން ފާހަގަކުރައްވައެވެ.