ފަލަސްތީނުގެ ހުޅަނގު އައްސޭރި ހިފުމަށް މަސައްކަތްކޮށްފިނަމަ އިޒްރޭލަށް ދޭ އެހީ ހުއްޓާލާނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިޒްރޭލަށް އިންޒާރުދީފިއެވެ.
އިޒްރޭލުގެ ޕާލިމެންޓުން ފަލަސްތީނުގެ ހުޅަނގު އައްސޭރި (ވެސްޓް ބޭންކް)ގެ މައްޗަށް ސީދާ ބާރު (ސޮވެރިންޓީ) ކަނޑައެޅުމުގެ ބިލެއް ފާސްކޮށްފިނަމަ، އެމެރިކާއިން އިޒްރޭލަށް ދެމުންދާ ހުރިހާ އެހީއެއް ހުއްޓާލާނެ ކަމަށް އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ ރައީސް ޓްރަމްޕް ބުންޏެވެ. މި ބިލުގައި ހުޅަނގު އައްސޭރިއަށް އިޝާރާތްކޮށްފައިވަނީ "ޖޫޑިއާ އެންޑް ސަމާރިއާ" ގެ ނަމުންނެވެ. މި ބިލު ވަނީ ފުރަތަމަ ވޯޓުން ކުޑަ ތަފާތަކުން ފާސްވެފައެވެ، ނަމަވެސް ޓްރަމްޕް ދަނީ އެ ބިލު ގާނޫނަކަށް ނުވާނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
ރައީސް ޓްރަމްޕް ބުނީ، އެފަދަ ބިލެއް ފާސްނުވާނެ ކަމަށް ޢަރަބި ޤައުމުތަކުގެ ވެރިންގެ ކުރިމަތީގައި އޭނާ ވައުދުވެފައިވާނެ ކަމަށެވެ.
"އެކަން ވެއްޖެނަމަ އިޒްރޭލަށް އެމެރިކާގެ ހުރިހާ އެހީއެއް ގެއްލޭނެ." ޓްރަމްޕް ހަރުއަޑުން ބުންޏެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރިއަކީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ މުސްތަގުބަލުގެ މިނިވަން ދައުލަތް ގާއިމު ކުރުމަށް މުހިންމު ސަރަޙައްދެކެވެ. އިޒްރޭލުން އެ ސަރަހައްދުތަކުގައި ގަވާއިދާ ޚިލާފަށް ހަންފެތުރުމަކީ ބައިނަލްއަގުވާމީ ގޮތުން ފާޑުކިޔުން އަމާޒުވާ ކަމެކެވެ.
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ މައްޗަށް ބާރު ކަނޑައެޅުމުގެ ބިލަށް ދެމުންދާ އިންޒާރުގެ އިތުރުން، އިޒްރޭލުގެ ޕާލިމެންޓުން ވަނީ ޤުދުސް (ޖެރޫސަލަމް) ކައިރީގައިވާ މާލޭ އަދޫމީމް ސެޓްލްމަންޓްގެ މައްޗަށް އިޒްރޭލުގެ ގާނޫނުތައް ހިންގުމަށް ވެސް ވޯޓުދީފައެވެ. މިކަމަށް އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފައެވެ.
ވެންސް މި ނިންމުން ސިފަކުރީ، "މޮޔަ" ނިންމުމެއްގެ ގޮތުގައެވެ. މާލޭ އަދޫމީމް ސެޓްލްމަންޓްގެ މައްސަލައަކީ، އިޒްރޭލާއި ފަލަސްތީނާ ދެމެދު އެއްބަސްވުމަކަށް އައުމަށް ހުރި ބޮޑު ހުރަހެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ދެކޭ ކަމެކެވެ. ޓްރަމްޕްގެ ސަރުކާރުން އިޒްރޭލުގެ ސެޓްލްމެންޓްސްތަކާ މެދު އާންމުކޮށް މަޑުމައިތިރި ސިޔާސަތެއް ގެންގުޅުނު ނަމަވެސް، ނައިބު ރައީސް ވެންސްގެ މި ވަރުގަދަ ބަސްތަކުން ދޭހަވަނީ އިޒްރޭލުގެ މިފަދަ ނުބައި ފިޔަވަޅުތަކާ މެދު އެމެރިކާގެ ސަރުކާރުގެ ތެރޭގައިވެސް ދެބަސްވުތައް ބޮޑުވެފައިވާ މިންވަރެވެ.



