25 އޮކްޓޫބަރު 2025
ފޭދޫ ސްކޫލްގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މިއަދު ހަރަކާތްރިވަނީ.---ފޮޓޯ: މިހާރު

އައްޑޫ 3 ރަށުގެ ޚިޔާލު ހޯދުމަށް ވޯޓުލުން ކުރިއަށް؛ 10 ޖެހުމާ ހަމައަށް 695 މީހަކު ވޯޓު ލާފައިވޭ

އައްޑޫސިޓީގެ ތިން ރަށެއް ކަމަށްވާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ވޯޓުލުން ފަށައިފިއެވެ. އިލެކްޝަންސް ކޮމިޝަނުން ދެއްވާ މައުލޫމާތުތަކަށް ބަލާއިރު، މި ތިން ރަށުގެ ހުރިހާ ވޯޓު ފޮއްޓެއްގައި ވޯޓުލުމުގެ މަސައްކަތް ވަނީ އެއްވެސް މައްސަލައަކާ ނުލައި ފެށިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ހުށަހަޅުއްވާފައިވާ ސުވާލަކާ ގުޅިގެން ނެގޭ މި ވޯޓަކީ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އޮތުމާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހާމަކުރުމަށް ހުޅުވާލާފައިވާ ވޯޓެކެވެ. މި ވޯޓުލުން މިއަދު ހެނދުނު 8 އިން ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލުމުގެ ހުރިހާ ތައްޔާރީތަކެއް ފުރިހަމަކޮށްފައެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ވޯޓުލުމަށްޓަކައި ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމްލަ 18 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ފޭދޫގައި 5 ފޮށި، ހުޅުދޫގައި 3 ފޮށި، އަދި މީދޫގައި 3 ފޮށި ހިމެނެއެވެ. މީގެ އިތުރުން މާލޭގައި 7 ފޮށި ބަހައްޓާފައިވާއިރު، މާލޭގައި ވޯޓުލުމަށް 3881 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ވޯޓުގައި 10 ޖެހުމާ ހަމައަށް 695 މީހަކު ވޯޓު ލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވާ 9256 މީހުން އެތިން ރަށުގައި ތިބިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ހަވީރު 4:00 އަށްފަހު ވޯޓުލުމަށް ކިޔު ބަންދު ކުރެވޭނެ ކަމަށެވެ. އަދި ވޯޓު ފޮށިތައް ބަންދުކުރާތާ 30 މިނެޓް ފަހުން ވޯޓު ގުނައި، ވަގުތީ ނަތީޖާ މިއަދު އިއުލާނު ކުރާނެއެވެ. ނަމަވެސް، މި ވޯޓުގެ ދާއިމީ ނަތީޖާ އިއުލާނު ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އައްޑޫގައި ކުރިއަށްދާ މި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓަކީ، ރާއްޖޭގައި 'ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ޤާނޫނު' ގެ ދަށުން ނަގާ ފުރަތަމަ ވޯޓުކަން ފާހަގަކޮށްލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު