މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފައިވަނީ، ރަށުގައި ހުރެގެންވެސް އެ ކުންފުނީގެ ކަށަވަރު ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. މިގޮތުން، އެމްޓީސީސީގެ ހޮޓްލައިންތަކަށް ގުޅައިގެން، ޚާއްސަކޮށް ވައިބަރ ހޮޓްލައިން މެދުވެރިކޮށް މި ޕްރޮމޯގެ ފައިދާ ނެގޭނެ ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
ސަންގުޓީވީގެ ”ފުރަމެންދުރު“ ޕްރޮގްރާމްގައި އެމްޓީސީސީން ބުނެފައިވާ ގޮތުގައި، ރަށެއްގައި ހުންނަވާ ބޭފުޅަކު މި ޕްރޮމޯޝަންގެ ބައިވެރިވުމަށްޓަކައި މާލޭގައި ހުންނަ ޝޯވްރޫމަށް އަންނަން މަޖުބޫރެއް ނުވާނެއެވެ. އެ ބްރޭންޑްތަކަށް ހާއްސަކުރެވިފައިވާ ވައިބަރ ހޮޓްލައިންތަކަށް ގުޅައިގެން، ޑިސްކައުންޓްތައް ލިބި، ކޫޕަންތައްވެސް ފުރިހަމަ ކުރެވޭނެއެވެ. ކޮންމެ ބްރޭންޑަކަށްވެސް ހާއްސަ ހޮޓްލައިނެއް އިންނާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި ޕްރޮމޯޝަން، ޑިސެމްބަރު 1 ގައި ފަށާފައިވާއިރު، މި މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދާނެއެވެ. އެމްޓީސީސީން ބުނެފައިވާ ގޮތުގައި، މި ޕްރޮމޯޝަންގެ މަގްސަދަކީ ކަސްޓަމަރުންނަށް ޑިސްކައުންޓުތަކާއި އެކު، ކުންފުނީގެ ޕްރޮޑަކްޓުތައް ވިއްކުމެވެ. މި ޕްރޮމޯޝަން އަމާޒުކޮށްފައި ވަނީ އޮޑިވެރިންނާއި، މަސްވެރިންނާއި، އިންޖިނިއަރުންނާއި، ފަތުރުވެރިކަމާއި، އަދި ޓްރާންސްޕޯޓް ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ކަމަށާއި، މިއީ އެ ފަރާތްތަކުން ވަރަށް ބޮޑަށް އުންމީދު ކުރާ އެއްޗެއް ކަމަށް އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
މި ޕްރޮމޯޝަން ދަށުން ސުޒުކީ އަދި ޔަންމާ އިންޖީނާއި، ޕީޕީޖީ، ކާސްޓްރޯލް، އިންޑަސްޓްރިއަލް ގޭސް، ސްޕެއާ ޕާޓްސް، މެރޯލް ސްޓީއަރިން ސިސްޓަމް އަދި ނަކަޝީމާ ޕްރޮފެލާއިންވެސް ޑިސްކައުންޓުތައް ލިބިގެންދާނެއެވެ. އަދި އެހެން އަހަރުތަކާ ހިލާފަށް މިއަހަރު، ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަރާތަކަށް ސުޒުކީ ޑީއެފް 9.9 ގެ އިންޖީނެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މި އިންޖީނާއެކު ހަދިޔާ ޕެކޭޖެއްވެސް ލިބޭނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.



