ދެ މީހެއްގެ މެދުގައި ޖެހުނު މައްސަލައެއްގައި، މާރާމާރީ ހިންގައި ވަޅިއަކުން ހަމަލާ ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގާފައި ވަނީ މާލޭގެ ގެއެއްގެ ތެރޭގައި ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިންނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއްގެ ރިޕޯޓު މިއަދުގެ ހެނދުނު ލިބިފައިވާކަމަށެވެ. މި މާރާމާރީގައި އަނިޔާވެފައި ވަނީ، 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެވެ.
ފުލުހުން ދިން މައުލޫމާތުގައިވާ ގޮތުން، 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވެއެވެ. މާރާމާރީގައި އަނިޔާވެ ދެ މީހުންނަށް ވެސް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ބެލިބެލުމުން މި މާރާމާރީ ހިނގާފައި ވަނީ ލޯބީގޮތުން ގުޅިގެން އުޅޭ ދެމީހުންގެ މެދުގައި މައްސަލައެއް ޖެހި، ހިނގި ޒުވާބެއްގެ ތެރެއިން ހަމަނުޖެހުން ހިންގައި ހަމަލާދިނީކަމަށް ވަނީ އެނގިފަ އެވެ. އެ މުވައްސަސާއިން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



