ރާއްޖޭގެ އިޤްތިޞާދު ތަރައްޤީކުރުމަށް ހިންގާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ދަށުން، ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދީފިއެވެ. މި ހުއްދަ ދީފައިވަނީ ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށެވެ. މި ބިޔަ މަޝްރޫޢަކީ 790 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓެއް ހިމެނޭ މަޝްރޫޢެކެވެ. އެސްއީޒެޑް ޤާނޫނެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި އެކުލަވާލާ ޢަމަލުކުރަން ފެށީ 2014 ވަނަ އަހަރުއެވެ.
އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެސްއީޒެޑް ޤާނޫނަށް ގެނައި ބަދަލުތަކާއެކު މިފަދަ މަޝްރޫޢުތަކަށް ހުއްދަ ދެވޭނެ މަގު ފަހިވެފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ، މިކަމުން ދެމެހެއްޓެނިވި ތަރައްޤީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ޚާއްސަ ސިޔާސަތު ރަމްޒުކޮށްދޭކަމަށެވެ. އެސްއީޒެޑްގެ ދަށުން މަޝްރޫއުތައް ހިންގުމުގެ ހުއްދަ ދޫކުރަނީ ބޯޑް އޮފް އިންވެސްޓްމަންޓުންނެވެ.
އިޤްތިޞާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ކްރިސްޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ހުއްދަ ދީފައިވަނީ، ރާއްޖޭގައި ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށްގެންދިއުމަށްކަމަށެވެ. މި މަޝްރޫޢުތަކުގެ ދަށުން، ދުނިޔޭގެ ފެންވަރުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނާއި، ތަޢުލީމީ ޚިދުމަތްފޯރުކޮށްދޭ މަރުކަޒުތައް ތަރައްޤީކުރާނެއެވެ. މީގެ އިތުރުން، މި މަޝްރޫޢުގެ ދަށުން ތަރައްގީކުރެވޭ ތަންތަނުގައި މަދުވެގެން %60 އިއާދަކުރަނިވި ހަކަތަ (ރިނިއުވަބަލް އެނަރޖީ) ބޭނުންކުރާނެ ކަމަށްވެސް ވުޒާރާއިން ވަނީ ހާމަކުރައްވާފައެވެ.
Press Release: Government Issues the Permit for Sustainable Township Development under the Special Economic Zones Act#MoEDTmv pic.twitter.com/00xCrbCYYZ
— Ministry of Economic Development and Trade (@MoEDmv) December 9, 2025
ބޯޑް އޮފް އިންވެސްޓްމަންޓް (ބީއޯއައި) އިން ކްރިސްޓަލް ހޯލްޑިންގްސްއާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 2028 ވަނަ އަހަރުގެ ކުރިން އޮޕަރޭޝަނަށް ގެނައުމަށެވެ. މި މަޝްރޫޢަށް 790 މިލިޔަން ޑޮލަރުގެ މަތީ އިންވެސްޓްމަންޓެއް ކުރާނެއެވެ. އެސްއީޒެޑްގެ ދަށުން ސަސްޓެއިނަބަލް ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގުމުގެ ހުއްދަ ދޭނީ، މަދުވެގެން 500 މިލިޔަން ޑޮލަރުގެ އިންވެސްޓްމަންޓްތަކަށެވެ.
އިޤްތިސާދީ ތަރައްޤީއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި، އެސްއީޒެޑްގެ ދަށުން ރާއްޖޭގައި ސަސްޓެއިނަބަލް ޓައުންޝިޕް މަޝްރޫޢަށް ލައިންސަސް ދޫކުރަން ފެށުމާއެކު، ފަތުރުވެރިކަމަށް ރާއްޖޭގެ އިޤްތިޞާދު ބާރޯސާވެފައިވާ މިންވަރު ކުޑަކުރެވޭނެއެވެ. މިފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިޤްތިޞާދީ ދާއިރާތައް ފުޅާވެ، ރާއްޖޭގެ ތަރައްޤީއަށް ދެމެހެއްޓެނިވި އަސާސެއް ޤާއިމުކުރެވޭނެކަމަށް އުންމީދުކުރެވެއެވެ.



