15 ޑިސެންބަރު 2025

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި

ހައި ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް މުޙައްމަދު ނިޔާޒް، ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުގެ މަގާމުން މިއަދު ވަކިވެވަޑައިގެންފިއެވެ.

މިކަން ހައި ކޯޓުން ކަށަވަރުކޮށްދެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ. އެ ކޯޓުން ވަނީ ފަނޑިޔާރު ނިޔާޒް ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނަކީ ހައިކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރެވެ. ޤާނޫނީ ދާއިރާގައި 23 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ފަނޑިޔާރު ނިޔާޒު ހައި ކޯޓާ ގުޅިވަޑައިގެންނެވީ 18 ޖެނުއަރީ 2018 ގައެވެ. އޭނާގެ ދިގު ޚިދުމަތުގެ ތެރޭގައި، ޢަދުލު އިންސާފު ޤާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.

ހައި ކޯޓަށް ވަޑައިގަތުމުގެ ކުރިން ފަނޑިޔާރު ނިޔާޒު ވަނީ 2002 ވަނަ އަހަރުން ފެށިގެން ވައިކަރަދޫ އާއި ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގައި ޚިދުމަތް ކުރައްވާފައެވެ. މީގެ އިތުރުން ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ. މި މަގާމުތަކުގައި ހުންނަވައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާނޫނީ ޚިދުމަތް ދެއްވާފައިވެއެވެ.

ފަނޑިޔާރު ނިޔާޒު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރުކަމާއި ނައިބު ރައީސްކަންވެސް ކުރައްވާފައެވެ. އޭނާ ޤާނޫނީ ދާއިރާއިން ތަޢުލީމު ހާސިލްކުރެއްވީ މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީންނެވެ. އަދި އިނގިރޭސިވިލާތާއި އެމެރިކާއިންވެސް ޤާނޫނީ ދާއިރާގެ ތަޖުރިބާ ހޯއްދަވާފައިވެއެވެ.

ފަނޑިޔާރު ނިޔާޒު ރިޓަޔަމެންޓަށް ހުށަހެޅުއްވުމުގެ ގޮތުން، ޖޭއެސްސީގެ ނައިބު ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ ތެރޭގައެވެ. ޖޭއެސްސީން ވަނީ އެ ހުށަހެޅުން ބަލައިގަތުމަށް ނިންމާފައެވެ. ދިވެހިރާއްޖޭގެ ޢަދުލުގެ ނިޒާމަށް އޭނާ ކޮށްދެއްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، ގިނަ ބަޔަކު އަންނަނީ އޭނާއަށް ޝުކުރު އަދާކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު