ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަން ރައްޔިތުންގެ އިންގިލާބަކުން ނިމުމަކަށް ގެނައިފަހުން ބާއްވާ ފުރަތަމަ އާންމު އިންތިޚާބަށް އެ ގައުމުން ތައްޔާރުވެއްޖެއެވެ. މިއީ އެ ގައުމުގައި ބާއްވާ 13 ވަނަ އާންމު އިންތިޚާބެވެ.
ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި 157,000 އަށްވުރެ ގިނަ ފުލުހުންނާއި، 100,000 ސިފައިންގެ އިތުރުން ސަލާމަތީ ބާރުތަކުގެ އެތައް ހާސް މުވައްޒަފުންނެއް މުޅި ގައުމުގައި ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ގާތްގަނޑަކަށް 127 މިލިއަން މީހުންނަށް ލިބިގެންވެއެވެ.
މި އިންތިޚާބުގައި އެންމެ ކުރީގައި އުޅޭނެ ކަމަށް ބެލެވެނީ ކުރީގެ ބޮޑުވަޒީރު ޚާލިދާ ޒިޔާގެ ދަރިކަލުން ތާރިގް ރަހުމާން އިސްކޮށް ހުންނަވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އެވެ. ބީއެންޕީއާ އެންމެ ގާތުން ވާދަކުރާނީ ޖަމާއަތު އިސްލާމީ އިސްވެ އޮންނަ 11 ޕާޓީގެ ކޯލިޝަނަކުންނެވެ.
ޝައިޚް ހަސީނާގެ ވެރިކަމުގައި މަނާކޮށްފައި އޮތް ޖަމާއަތު އިސްލާމީން މިހާރު ވަނީ ސިޔާސީ މަސްރަހުގައި ބޮޑު ނުފޫޒެއް ހޯދާފައެވެ. މި ކޯލިޝަންގައި 2024 ވަނަ އަހަރުގެ އިންގިލާބުގެ އިސްވެރިން އުފައްދާފައިވާ އާ ޕާޓީއެއް ކަމަށްވާ ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) ވެސް ހިމެނެއެވެ.
މި އިންތިޚާބަކީ ހަސީނާގެ ވެރިކަން ނިމުމަކަށް އައި ފަހުން ބަންގްލަދޭޝްގެ ޑިމޮކްރަސީ އާ މިސްރާބަކަށް ދަތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން އަންނަނީ ހާއްސަ ސަމާލުކަމެއް ދެމުންނެވެ.



