ގޭތެރޭގެ ވައި ނުސާފުވުމަކީ ނިދުމުގެ ފެންވަރު ދަށްވެ، ލޭގެ ޕްރެޝަރު މަތިވުމާ ގުޅުންހުރި ކަމެއް ކަމަށާއި، ރޭގަނޑު އެއާ ޕިއުރިފަޔަރެއް ބޭނުންކުރުމުން މި ނުރައްކާތައް ކުޑަކުރެވިދާނެ ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. މެޑިކަލް ރިވިއުތަކުން ހާމަވާގޮތުގައި، ނިދާ ކޮޓަރީގެ ވައިގެ ފެންވަރު ރަނގަޅު ކުރުމަކީ ސިއްހީ ގިނަ ފައިދާތަކެއް ލިބޭ ކަމެކެވެ.
ނިދުމުގެ ފެންވަރު ރަނގަޅުވުން
2023 ވަނަ އަހަރު ހަދާފައިވާ ދިރާސާއަކާ ހަވާލާދީ މާހިރުން ވިދާޅުވާ ގޮތުގައި، HEPA އެއާ ޕިއުރިފަޔަރެއްބޭނުންކޮށްގެން ނިދުމަކީ ނިދާ ވަގުތު އިތުރުވެ، ނިދީގެ ފެންވަރު ރަނގަޅުވާ ކަމެކެވެ. މީގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ އަރާމު ފުރިހަމައަށް ލިބުމަށް މަގުފަހިވެގެންދެއެވެ.
ވައިގެ ތަޣައްޔަރުކަމާއި ސިއްހީ މައްސަލަތައް
ނިދާ ކޮޓަރީގެ ވައި ސާފުވުމުން ކާބަން ޑައިއޮކްސައިޑާއި ގެއްލުންހުރި ކުދި ޕާޓިކަލްތައް މަދުވެގެންދެއެވެ. މިފަދަ ތަޣައްޔަރު މާއްދާތަކަކީ ހަށިގަނޑުގައި އިންފްލެމޭޝަން އުފެދުމާއި، އޮކްސިޑޭޓިވް ސްޓްރެސް އަދި ނިދި ހަރާބުވުމާ ގުޅުންހުރި މާއްދާތަކެއް ކަމަށް ޑޮކްޓަރުން ފާހަގަކުރައްވައެވެ.
ލޭގެ ޕްރެޝަރަށް ކުރާ އަސަރު
2021 ވަނަ އަހަރުގެ މެޓަ-އެނަލިސިސްއަކުން ދައްކާގޮތުގައި، އެއާ ޕިއުރިފަޔަރު ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ހާއްސަކޮށް ދުމާއި، ދުއްވާ އެއްޗެހީގެ ދުމުގެ ސަބަބުން ވައި ނުސާފު ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް މީގެ ފައިދާ ބޮޑަށް ކުރާކަން ވަނީ ފާހަގަކުރެވިފައެވެ.



